ހިތާމަނުކުރާށެވެ 1

ލިޔުއްވީ؛ ޑރ. ޢާއިޟުލް ޤަރްނީ.

ތަރުޖަމާކުރީ: ޝިފްޒާން އަޙްމަދު (ޒާން)

ހިތާމަނުކުރާށެވެ. ދިރިއުޅުމަކީ ތިބާ ހީކުރާވަރަށްވުރެ ކުޑަވަގުތުކޮޅެކެވެ.

ޑޭލް ކާރނޭޖީ އޭނާގެ ފޮތެއްގައި ގޮހޮރުގައި ފާރު ހެދިގެން ދަކުޓަރަށް ދެއްކި މީހެއްގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. އެފާރުގަނޑުގެ ނުރައްކާތެރިކަމުގެ ސަބަބުން ޑަކުޓަރުން އޭނާ ދުނިޔެ ދޫކުރާނެ ވަގުތުވެސް ކަނޑައަޅައި ބަޔާންކުރިއެވެ. އަދި ކަފުން ތައްޔާރުކުރުމަށް ނަޞޭޙަތްތެރިވިއެވެ. ޑޭލް އިތުރަށް މިވާހަކު ކުރިއަށް ގެންދަމުން ބުންޏެވެ. އެބަލިމީހާގެ ނަމަކީ ހާނީއެވެ. ހާނީ ކުއްލިއަކަށް ހައިރާންކުރުވަނިވި ނިންމުމެއް ނިންމައިފިއެވެ. އޭނާގެ އަމިއްލަ ނަފްސާ މެދުގައި ވިސްނުމަށްފަހުގައި ނިންމިއެވެ. "އަހަރެންނަށް މިދިރިއުޅުމުގައި ކުޑަކުޑަ މުއްދަތެއް މެނުވީ ލިބިފައިނުވެއެވެ. ކޮންމެ ގަތަކުންވެސް މިވަގުތުކޮޅުގެ ފައިދާ ލިބިގަނެ އަރާމު ލިބިނުގަންނަންވީ ކީއްވެ ހެއްޔެވެ؟ އަހަރެން ކުރިއްސުރެ އުންމީދުކުރީ މަރުވުމުގެ ކުރިން ދުނިޔެ ދެކިލުމަށެވެ. ދުނިޔެ ވަށައި ބުރެއް ޖަހައިލުމަށެވެ. އެހެންވިއްޔާ އަހަރެންގެ އުންމީދު ފުރިހަމަކުރަންވީ ވަގުތަކީ މިއީއެވެ." އެންމެފަހުން އޭނާ މިދަތުރުކުރުމަށް ޓިކެޓުވެސް ނަގައިފިއެވެ. އޭނާގެ ޑަކްޓަރުންނަށް ލިބުނީ ބޮޑު ސިހުމެކެވެ. އޭނާގާތުގައި އެމީހުން ބުންޏެވެ. "އަހަރުމެން ކަލެއަށް އިންޒާރުކުރަމެވެ. ތިކަންނުކުރާށެވެ. ތިޔަދަތުރައިގެން ކަލޭ ކުރިއަށް ގޮސްފިނަމަ، ކަލޭ ވަޅުލެވޭނީ ކަނޑުގެ އަޑީގައެވެ. އެހެންނަމަވެސް އޭނާ ޖަވާބުގައި ބުންޏެވެ. އެހެނެއްނުވާނެއެވެ. ތިޔަކަހަލަ ކަމެއް ނުހިގާނެއެވެ. އަހަރެންގެ ގާތްތިމާގެ މީހުންގާތުގައި އަހަރެން ވަޢުދުވެފައިވާނީ ޢާއިލާގެ ޤަބުރުސްތާނު ނޫން އެހެންތަނެއްގައި އަހަރެންގެ ހަށިގަނޑު ވަޅުނުލެވޭނެ ކަމަށެވެ.

الخيامގެ އަންނަނިވި ބަސް އޭނާގެ ކިބައިން ފާޅުވަމުން ދިޔައެވެ.

تعال نروي قصة للبشر و نقطع العمر بحلو السمر

فهذا أطال النوم عمرا وما قصر فى الأعمار طول السهر

މާނައީ: އަންނާށެވެ. މީހެއްގެ ވާހަކަ ކިޔައިލާން އަންނާށެވެ. އަދި ފަރުބައިދައިގެ އަރާމުގައި ޢުމުރު ހޭދަކޮށްލަމާ ބަހީއެވެ.

އަދި މިނިދި އަހަރެމެންގެ ޢުމުރު ދިގުކޮށްފިއެވެ. ރޭގަނޑުގެ ގިނަވަގުތު ހޭލާ ހުރުމުން ޢުމުރުކުރުވެގެން ނުދެއެވެ.

މިބައިތުތަކީ ބުދަށް އަޅުކަން ކުރާ ވަޘަނީއަކު ކިޔާފައިވާ ބައިތުތަކެކެވެ.

އޭނާ އުފާވެރިކަމާއި މަޖަލުގައި އެދަތުރު ފެށިއެވެ. އަދި އޭނާގެ އަނބިމީހާއަށް ސިޓީއެއް ފޮނުވިއެވެ. އެސިޓީގައި ލިޔެފައިވަނީ މިފަދައިންނެވެ. ބޯޓު މަތީގައި އަހަރެން މީރު ރަނގަޅު ކާނާ ކެއީމުއެވެ. އަދި ޅެންތައް ކިޔައި ހެދީމެވެ. ހުރިހާ ބާވަތެއްގެ ކާނާއެއް ކެއީމުއެވެ. މަނާކޮށްފައިވާ ކާނާވެސް ކެވުނެވެ. މިދުވަސްތަކުގައި އަހަރެންގެ ޙަޔާތުގެ ފާއިތުވީ ތަނުގައި ނުލިބޭ އަރާމާއި އުފާ ލިބުނެވެ. ދެން ކަންތައް ހިގައިދިޔައީ ކޮންގޮތަކަށް ހެއްޔެވެ؟

ޑޭލް ކާރނޭޖީ ބުނާގޮތުން އޭނާގެ ބަލި ފަސޭހަވީއެވެ. އަދި އޭނާގެ މިއުސްލޫބަކީ ބަލިތަކަށް ފަރުވާކުރުމާއި ވޭނަށް ލުއިކަމެއް ހޯދުމުގައި މުޖައްރަބު އުސްލޫބެއްކަމުގައި ޑޭލް ބަޔާންކުރެއެވެ!

އަލްޚައްޔާމްގެ ބައިތުތަކުގައިވާ ވާހަކަތަކާ އަޅުގަނޑު އެއްބަހެއް ނޫނެވެ. އެހެނީ އެބައިތުތަކުގައި ރައްބާނިއްޔަ މަންހަޖާ ދުރުވުމަށް ބާރުލިބޭ ވާހަކަތައް އެބަހުއްޓެވެ. މިވާހަކައިން އަޅުގަނޑު ގަސްތުކުޅަކަމަކީ އުފާވެރިކަމާއި ހިތްހަމަޖެހުމާއި ރުހިގެންހުރުމަކީ ޑަކްޓަރީ ބޭހަށްވުރެ މާރަނގަޅު ފަރުވާއެއްކަން ބަޔާންކުރުމެވެ.

ދެރަނުވާށެވެ. ދިރިހުރުމަށް ބޭނުންވާ މިންވަރު ޙާޞިލުވަނީނަމަ ހިތާމަނުކުރާށެވެ.

އިބްނުއް ރޫމީ ބުނެފައިވެއެވެ.

قرب الحرص مركبا لشقي إنما الحرص مركب الأشقياء

مرحبا بالكفاف يأتى هنيئا و على المتبعات ذيل العطاء

މާނައީ: (މުދަލާމެދު) ޙަސަދަވެރިވުމާ ގާތްވުމަކީ ގެއްލެނެވާ މީހާގެ ސަވާރީއެވެ. ހަމަކަށަވަރުންވެސް މުދަލަށް ދަހިވެތިވުމަކީ ގެއްލެނިވާ މީހުންގެ ސަވާރީއެވެ.

މުދަލުގެ ތެރެއިން ފުދޭ މިންވަރަށް މަރުޙަބާއެވެ. އެމިންވަރު އަންނަނީ ބަރަކާތާއިގެނެވެ. އެއަށްވުރެ އިތުރަށް ފަހުން އަންނަބަ އެއްޗެއްގެ މައްޗަށް ވަނީ ދީލަތިކަމުގެ މަގެވެ.

މާތްﷲގެ ވަޙީ ބަސްފުޅުގައިވެއެވެ. وَمَا أَمْوَالُكُمْ وَلا أَوْلادُكُمْ بِالَّتِي تُقَرِّبُكُمْ عِنْدَنَا زُلْفَى إِلا مَنْ آمَنَ وَعَمِلَ صَالِحًا فَأُولَئِكَ لَهُمْ جَزَاءُ الضِّعْفِ بِمَا عَمِلُوا وَهُمْ فِي الْغُرُفَاتِ آمِنُونَ (٣٧)

މާނައީ: ތިޔަބައިމީހުން ތިމަންރަސްކަލާނގެ ޙަޟްރަތަށް ކުއްތަންކުރާ ކަމެއްކަމުގައި ތިޔަބައިމީހުންގެ ދަރިންނާއި މުދާނުވެއެވެ. އެއީ އީމާންވެ ޞާލިޙު ޢަމަލުކުޅަ މީހަކަށް މެނުވީއެވެ. އެބައިމީހުންނީ އެބަޔަކަށް އިތުރުވެގެންވާ ހެޔޮ ދަރުމަ ލިބޭނޭ މީހުންނެވެ. އެއީ އެބައިމީހުން ކުރި ކަންތައްތަކުގެ ސަބަބުންނެވެ. އެބައިމީހުންވަނީ އެބައިމީހުންގެ ގެތަކުގައި އަމާންކަން ލިބިގެންވާ ޙާލުގައެވެ.

ޑޭލް ކާރނޭޖީ ބުންޏެވެ. " ތަފާސް ހިސާބުތަކުން އެގޭ ގޮތުގައި އެމެރިކާގައި މީހުން މަރުވާން މެދުވެރިވާ މައިގަނޑު ސަބަބަކީ ހާސްވުމެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގައި މިލިޔަނެއްގެ ތިންބައިކުޅަ އެއްބައި މީހުން އަހަރުމެންގެ ތެރެއިން މަރުވިއެވެ. މިހަމަ މިދުވަސްތަކުގައި ދެމިލިޔަން މީހުން ހިތުގެ ބަލީގައި ނެތިގެން ދިޔައެވެ. މިދެމިލިޔަން މީހުންގެ ތެރެއިން އެއްމިލިޔަން މީހުންގެ ބަލި އުފެދިގެންއައީ ހާސްކަމާއި ކަންބޮޑުވުމާއި ބިރުގަތުމުގެ ތެރެއިންނެވެ.

އާއެކެވެ. ހިތުގެ ބަލިތަކަކީ ޑަކްޓަރ އެލެކްސިސް ކާރެލްއަށް އަންނަނިވި ލަފްޒުތައް ވިދާޅުވަން ޖެހިވަޑައިގަތް ސަބަބެކެވެ. " މަސައްކަތްކުރާ މީހުންގެ ތެރެއިން ހާސްކަމާއި ކުރިމަތިލާން ނޭނގޭ މީހުން އަވަހަށް މަރުވާނެއެވެ."

އަދި ސަބަބު ރަނގަޅަށް އެގެއެވެ. އަޖަލަކީ ކަނޑައެޅި ނިމިފައިވާ ކަމެކެވެ. وَمَا كَانَ لِنَفْسٍ أَنْ تَمُوتَ إِلا بِإِذْنِ اللَّهِ كِتَابًا مُؤَجَّلا

މާނައީ: އެއްވެސް ނަފްސަކަށް މާތްﷲގެ އިޛުނަފުޅާ ނުލައި މަރުވުން ޖާއިޒުވެގެންނުވެއެވެ. އެއީ ފަސްކުރެވިފައިވާ ނިންމެވުމެކެވެ.

އެމެރިކާގެ ކަޅުމީހުންނާއި ޗައިނާމީހުން ބަލިވަނީ ނިސްބަތުން މަދުންނެވެ. މިބައިމީހުންނަކީ ދިރިއުޅުން ލުއިކޮށް މާނަކުރާ ބައެކެވެ. ހިތް ހުއްޓިގެން މަރުވާ ޑަކުޓަރުންގެ ޢަދަދު ހަމަ އެކަމުގެ ސަބަބުން މަރުވާ ދަޑުވެރިންގެ ޢަދަދަށްވުރެ ވިހި ގުނަ އިތުރުކަން ތިބާއަށް އެގޭނެއެވެ. ޑަކުޓަރުންގެ ދިރިއުޅުމަކީ ހާސްކަމާއި ހަމަނުޖެހުމުން ފުރިގެންވާ ދިރިއުޅުމުކެވެ. އެފަދަ ދިރިއުޅުމެއްގެ އަގު އެބައިމީހުން ދެނީ ވަރަށް ބޮޑުކޮށެވެ. (( طبيب يداوى الناس و هو عليل)) ބަލި ޙާލުގައިހުރެ މީހުންނަށް ފަރުވާކުރާ ދަކުޓަރެކެވެ.

ނޯޓު: މިލިޔުމަކީ ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ދާޢީއެއް ކަމުގައިވާ ޑރ.ޢާއިޟުލް ޤަރަނީ ލިޔުއްވި ވަރަށް މަޝްހޫރު ފޮތެއްކަމުގައިވާ "ލާތަޙްޒަން" މިފޮތުން ހޮވާލައިފައިވާ ބައެއް ލިޔުންތަކުގެ ތަރުޖަމާއެވެ.

ފޮތުގެ ނަމުންވެސް އެގި ބަޔާންވާ ފަދައިން މިފޮތަކީ ހިތްތަކާ މުޚާޠަބުކުރާ ފޮތެކެވެ. ހިތާމައާއި އުދާހާއި މޮޅިވެރިކަން އިޙުސާސްކުރާ ކޮންމެ ހިތަކާ މުޚާޠަބުކުރާ ފޮތެކެވެ.

އަޅުގަނޑު މިތަރުޖަމާކުރަނީ ފޮތުގެ އެކި ހިސާބުން އެކި ލިޔުންތަކެވެ. ފޮތް ފަށައިގެންނެއް ނޫނެވެ. އަދި މިފޮތުގައި ހުރި ބައެއް ޢަރަބި ޅެންތައް ދިވެހި ބަހަށް ތަރުޖަމާކުރުމުގައި އެންމެ ރީތި ޢިބާރާތުން ތަރުޖަމާކުރެވިފައިނެތުމީ އަޅުގަނޑުގެ ނުކުޅެދުންތެރިކަމެވެ. އަދި އިޞްލާޙުކޮށްލައްވަން ފެނިވަޑައިގަންނަވާ ކަމެއް ފާހަގަކުރެއްވިއްޖެނަމަ އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ފާހަގަ: ,

1 ޚިޔާލު!

  1. އޭ މިލިޔުން ވަރަށް ފައްކާ! ކުރިއަށް އޮތް ތަނުގައި މި ތަރުޖަމާ ކުރައްޗޭ. ސަޅިވާނެ

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!