• ތަރަހައަކީ
ތަރަހަ
  • ތަރަހަ
  • މައްސަލަ އާއި ޙައްލު
    • ކާމިޔާބާއި ކުރިއެރުން
    • ޘަޤާފަތާއި ފިކުރު
    • ބާއްޖަވެރި ޢާއިލާ
    • ނަފްސުގެ ޠަހާރަތު
    • އިސްލާމީ ޙަރަކާތް
  • ސިޔާސީ
  • ދިރާސާ
    • ޢަޤީދާ
    • އަޅުކަން
    • މުޢާމަލާތް
    • އަޚްލާޤް
    • ދީނުގެ އަސްލުތައް
    • ޤާނޫނީ
    • ޝަރީޢަތާއި އިންސާނިއްޔަތު
  • ހާސަރު
    • އަބޫ ޖޯޝް
    • ނަބީލް
    • ޝަމީން
  • ވާހަކަ
  • ޅެން
  • ފޮތްތައް
    • މުފައްކިރަކު އުފެއްދުން
    • މުސްލިމަކަށް ނޭންގުން ނޭކަށޭ ކަންކަން
    • ފިޤުހުގެ ތާރީޚު
    • އިސްލާމީ ހޭލުންތެރިކަން މިއަދު
    • ދަތި ނުކުރާށެވެ. ފަސޭހަ ކުރާށެވެ.
    • ތިން އަސްލު: ޝަރަޙަ
    • އިސްލާމީ ހަރަކާތްތެރިންނާއެކު މުސްތަޤްބަލަށް
Showing posts with label ސިޔާސީ. Show all posts

 ރައްޔިތުންގެ މަޖިލިހަކީ ރައްޔިތުންގެ އެތައް އުންމީދެއް އެތަނަކާ ގުޅިފައިވާ މުއައްސަސާއެކެވެ. ނުހަނު ބޮޑު ޒިންމާއަކާއި ވާޖިބެއް އަދާކުރާ މުއައްސަސާއެކެވެ. ދައުލަތުގެ އެންމަ ހައިބަވެރި ޤަދަރުވެރި އެއް މުއައްސަސާއެވެ. ތިން ބާރުގެ ތެރެއިން ބާރެކެވެ. ކުރިއަށް އޮތީ މިދެންނެވި މުއައްސަސާ އެކުލަވައިލުމަށް ބޭއްވޭ ޢާންމު އިންތިޚާބެވެ. އެހެންކަމުން މިމުއައްސަސާއާއި އެމުއައްސަސާއަށް މެންބަރުން އިންތިޚާބުކުރުމާމެދު ދެތިން ބަހެއް ލިޔެލަން ގަސްތުކުރީމެވެ.
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގައި ކަންކަން ހިގަމުން އަންނަ ގޮތަށް ނަޒަރެއް ހިންގުމުން ފާހަގަވަނީ ކޮންކަމެއްހެއްޔެވެ؟ އަޅުގަނޑުމެންގެ ލޮބުވެތި މިވަޠަނުގެ ކަންކަން ތަރުތީބުވަމުން އަންނަ ގޮތުގެ މައްޗަށް ބަލައި ވިސްނުމުން ދަސްކުރެވޭ ސިޔާސީ ޙަޤީޤަތަކީ ކޮބައިތޯއެވެ؟ ދިވެހިންގެ މެދުގައި ސިޔާސަތު މާނަކުރެވޭ ގޮތަކީ ކޮބައިތޯއެވެ؟ އަދި މިމާނައިން ދޭހަވާ ކަންކަމަކީ ކޮބައިތޯއެވެ؟ މިސުވާލުތަކަކީ ސިޔާސީ މަސްރަހު ހަލަބޮލިވެ، ރުޅިއާއި ނަފްރަތު އިތުރުވެގެން އަންނަ ދަނޑިވަޅެއްގައި ކޮށްލަން ރަނގަޅު ސުވާލެކެވެ.

ދިވެހި ރާއްޖޭގެ ސިޔާސީ މައިދާނަކީ ދޮގު ހެނދުމާއި ދޮގު ވަޢުދުވުމާއި، ޚިޔާނާތްތެރިވުމުގެ މައިދާނެކެވެ. އެއީ އެކަކު އަނެކަކު ޒާތީ ގޮތުން ބަރަހަނާކޮށްލުމުގެ މަސްރަޙެކެވެ. އެއީ ފިކުރުތަކަށް ފާޑުކޮށް ނަޤުދުކުރުމުގެ ބަދަލުގައި، ޝަޚުޞިއްޔަތުތަކަށް އާޑަފުރައްސާރަކިޔައި، އަނބުރު ގެއްލުވާލުމުގެ ދާއިރާއެކެވެ. ހަމައެފަދައިން އެދާއިރާގައި އުޅޭ މީހުންވެސް ވަނީ އެކިމިންވަރަށް ސުލޫކީ އިންތައް ފަހަނައަޅައި އެއިންތަކުން ބޭރުވެފައެވެ. ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތަކުގެ ވާހަކައެވެ. ކުޑަކުދިންނާ ބަދު އަޚުލާޤީ ޢަމަލު ހިންގާވާހަކައިގެ ތުހުމަތެވެ. މިނޫނަސް މިފަދަ އެތައް ކަމެއް ދިވެހި ސިޔާސީ މަސްރަޙުން ދަނީ ފެންނަމުންނެވެ.

މިއީ މިޤައުމުގެ ސިޔާސީކަންކަން ތަރުތީބުވަމުންދާ ގޮތެވެ. ރައްޔިތުން އިންތިޚާބުކުރާ މަޤާމްތަކުގައާއި، ސަރުކާރުން ޢައްޔަންކުރާ ސިޔާސީ މަޤާމުތަކުގައި ތިބީ ކޮން ބައެއްތޯއެވެ؟ ބައެއް ފަރާތްތަކަކީ ޖިނާއީ ކުށްތަކުގެ ތުހުމަތުގައި ޝަރީޢަތްކުރެވުނު މީހުންނެވެ. އަނެއްބައިމީހުންނަކީ ސީދާ ގޮތުގައި ނުސީދާ ގޮތުގައި ދީނަށް ފުރައްސާރަކޮށް ދީނުގެ ޙުކުމްތަކަށް އިންކާރުކުރާ ފަރާތްތަކެވެ. މިއެންމެން ސިޔާސީ މަސްރަޙުގެ އެކި ހިސާބުތަކުގައި ތިބުމުން ދޭހަވަނީ ކޮންކަމެއްތޯއެވެ؟

މިހުރިހާ ކަމަކުން ދިވެހިންގެ މެދުގައި ސިޔާސަތު މާނަކުރެވޭ ގޮތް ވަރަށް ރަނގަޅަށް އެގެއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކަށް ސިޔާސަތަކީ ދޮގު ހެދުމާއި މަކަރު ހެދުމެވެ. ކުރިން ދައްކާ ވާހަކައާއި ފަހުން ދައްކާ ވާހަކަ ދިމާނުވުމެވެ. އެއް ފިކުރެއްގެ މަތީގައި ދެމި ނުހުރެވުމެވެ. މިހެންމިކަން އޮތުމުގެ ސަބަބުން ތަޢުލީމީ، އަޚުލާޤު ރަނގަޅު ޒުވާނުން މިމައިދާނަށް ނުނުކުމެއެވެ. މިއީ އަޅުގަނޑުމެން ހިތާމަކުރަން ޖެހޭ ކަމެއްވެސްމެއެވެ. ސިޔާސީވުމަކީ ދީނީ އެންމެހާ އަގުކުރުންތައް ދޫކޮށްލާ އަޚުލާޤީ ހުރިހާ އިންތަކަކުން ބޭރުވުންކަމުގައި މާނަކުރެވޭނަމަ، އެކަމުގެ ސަބަބުން ސިޔާސަތުތައް އެކަށެއެޅޭނެ ގޮތް ވިސްނުންފުޅަށް ގެންނެވުން ތިޔައިން ބޭފުޅަކަށް ދަތިފުޅުވާނެކަމަށް ނުފެނެއެވެ.

މިމާނައިން ދޭހަވަނީ ކޮން މާނައެއްތޯއެވެ؟ ރާއްޖޭގައި ޢަލްމާނީ ވެރިކަމެއް ނުވަތަ ޢަލްމާނީ ނިޒާމެއް ހިނގާކަމެވެ. ކޮންމެވެސް މާނައެއްގައި ނުވަތަ ކޮންމެވެސް އުސްލޫބެއްގައެވެ. ދީނީ އިންތަކުގެ ތެރޭގައި ސިޔާސީ މީހުން ހިފެހެއްޓިއްޖެނަމަ، އެމީހުންގެ އުޅުމާއި އަޚުލާޤު ހުންނާނި މިދެންނެވި ގޮތްތަކާ އިދިކޮޅަށެވެ. އެހެންކަމުން މިދެންނެވި އިންތަކުގެ ތެރޭގައި ދިވެހި ސިޔާސީ މަސްރަޙު ނުހިފެހެއްޓެނަމަ، އެއީ މުސްތަޤުބަލުގައި އަޅުގަނޑުމެން އެންމެނަށް ލިބޭނެ ބޮޑު ގެއްލުމެއްކަން ދަންނަންޖެހެއެވެ. އެހެނީ އިސްލާމްދީނާ ދުރަށް މުޖުތަމަޢެއް ގެންދެވޭނީ ހަމައެކަނި އެމުޖުތަމަޢުގެ ޢާންމު ފަރުދުން އިޞްލާޙު ވެގެންނެއްނޫނެވެ. އެޢާންމު ފަރުދުންގެ މައްޗަށް ހިނގާ ނިޒާމުވެސް އިޞްލާޙުކުރެވިގެންނެވެ.

އެހެންކަމުން ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަޙު އިޞްލާޙުކުރުމަށް ބޭނުންވަނީ އެކި ދާއިރާތަކުން ތަޢުލީމު ލިބިފައިވާ، ދީނަށް ލޯބިކުރާ ހަރުދަނާ ބަޔަކު ގުޅިގެން މަސައްކަތް ކުރުމެވެ. އެނޫންގޮތަކުން ޤައުމު އިޞްލާޙު ކުރެވޭނެކަމަށް ނުފެނެއެވެ. ޤާނޫންތަކުގެ ތެރެއިން އިސްލާމީ ޝަރީޢަތް ޤާއިމުކުރެވޭނީވެސް މިދެންނެވި ގޮތަށް ކަންކޮށްގެނެވެ. ޤައުމުގެ ޙާލަތަށް ރިޢާޔަތްކުރުމަށްފަހުގައި، ދައުލަތް ހިންގުމުގެ ކަންކަމުގައި އިޖުތިހާދުކޮށް ދީނީ ޙުކުމްތަކެއް ދަންނަ ބޭކަލުން ބަޔާންކުރެއްވުމުން އެބަޔާންކުރެއްވި ކަންކަމުގެ އަލީގައި، ދައުލަތުގެ އުޞޫލުތައް ބައްޓަންވާނީ، އެކަންކުރަން ތިބި މީހުންނަކީ ދަންނަބޭކަލުންގެ އަޑުއަހާ ބަޔަކަށް ވެގެނެވެ. އެކަމަށްޓަކައި ބޭނުންވަނީ ޙަޤީޤީ ސިޔާސަތަކީ ކޮބައިކަން އެގުމެވެ.

ޙަޤީޤީ ސިޔާސަތަކީ ދީނުގެ އަގުކުރުންތަކުގެ އިމުގެ ތެރޭގައި ސުލޫކީ ރިވެރި މިންގަނޑުތަކުގެ ތެރޭގައި ހިގާ ކަމެކެވެ. ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން އެއްބަޔަކު އަނެއްބަޔެއްގެ އަނބުރައް އަރައިގަނެގެން ނުވާނެއެވެ. ސިޔާސީ މީހުންނަކީ އެންމެ އަޚުލާޤު ރަނގަޅު އެންމެ ހެޔޮ ނަމޫނާ ދައްކާ މީހުންކަމުގައިވާންޖެހޭނެއެވެ. ދުނިޔެ ދުށް އެންމެ ކުޅަދާނަ ސިޔާސީ ލީޑަރަކީ ކީރިތި ރަސޫލާއެވެ. އެކަލޭގެފާނު ދެއްކެވި ގޮތުގެ މަތީގައި ސިޔާސީ މީހުންކަމުގައި ވާން ދަސްކުރަންވީއެވެ.

އިސްލާމީ ދިވެހި މުޖުތަމަޢެއް ބިނާކުރަން އެދެނީނަމަ، ދަންނަ ބޭކަލުންގެ ދަޢުވަތު، މިސްކިތްތަކާއި ގެތަކުގެ ހަފޮޅުން ބޭރުވެ، ބަރުލަމާނާއި ރައީސް އޮފީހާ ހަމައަށް ފޯރަން އެބަޖެހެއެވެ. މަޖިލީހަށް ހުށަހެޅޭ ބިލުތަކުގައި ދަންނަ ބޭކަލުންގެ ރައުޔަ އޮޅުން ފިލުވަން ޖެހެއެވެ. ރައީސްގެ ނިންމެވުންތައް ނިންމެވުމުގައި ޢިލްމުވެރިންގެ ޚިޔާލުފުޅުތައް ބަލައިގަންނަންޖެހެއެވެ.

ޒުވާނުންނޭވެ. އެކަން އެގޮތަށް ކުރެވޭނީ ދީންވެރި، އަޚުލާޤު ރަނގަޅު މީހުން އެކި ފަންނުތަކުން ތަޢުލީމު އުގެނި، ސިޔާސީ މައިދާނަށް ނުކުމެ ބަރުލަމާނާއި ވެރިކަމުގެ ބާރުތަކާ ހަމައަށް އާދެވިގެންނެވެ. އެހެންކަމުން ގެތަކަށް ވަދެ ފިލައި ނުތިބޭށެވެ. ޢާންމުން ތެރެއަށް ނުކުމެ، އެމީހުން ސިޔާސަތު މާނަކުރާގޮތް ބަދަލުކުރާށެވެ. ހެޔޮ މިސާލު ދައްކާށެވެ. މާތްﷲއަށް އިޚުލާޞްތެރި ހިތަކައިގެން މަސައްކަތްކުރިނަމަ، ނަޞްރާއި ކާމިޔާބު ލިބޭނެއެވެ.


ފަލަޞްޠީނުގެ މުޤާވަމާ ނުވަތަ އިސްރާއިލާ ދެކޮޅު ޙަރަކާތުން 3ވަނަ އިންތިފާޟާއަކަށް ނުކުތުމަށް ގޮވައިލާ، އިޖުތިމާޢި ވިއުގަ، ފޭސްބުކުގައި އުފެއްދި ޞޮފްޙާ، އެސައިޓުންވަނީ އުނިކޮށްފައެވެ. އަދި އުވާލާފައެވެ. މިޞަފްޙާގެ ނަމަކީ "ފަލަޞްތީނުގެ ތިންވަނަ އިންތިފާޟާ"އެވެ. މިޙަރަކާތުގައި ގޮވާލައިފައިވަނީ އަނިޔާވެރިކަމާއި ކަރަޕްޝަނާއި އިސްތިޢުމާރާ ދެކޮޅަށް ތެދުވުމަށެވެ. މިޞަފްޙާ އުނިކޮށްފައިވަނީ މިޞަފްޙާގެ މެންބަރުންގެ ޢަދަދު 340000 (ތިންލައްކަ ސާޅީސް ހާސް)އަށްވުރެ މައްޗަށް އަރައިފައިވަނިކޮށެވެ.
އިންތިފާޟާގެ މާނައަކީ ގުޑުވާލައި ލުހެލުމެވެ. މިޙަރަކާތުގެ މަޤްޞަދަކަށްވެފައިވަނީ ޞިހުޔޫނީ ވަކިތަކުން ފަލަޞްތީން މިނިވަންކޮށް އިސްތިޢުމާރު އޭގެ މުލުން ލުހެލައި ބޭރުކޮށްލުމެވެ. މިޞަފްޙާގައި ގޮވާފައިވަނީ 15މޭގައި އިންތިފާޟާއަކަށް ނުކުތުމަށެވެ. އަދި އެދުވަހު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަލަޞްތީނުގެ ރެފިއުޖީން އެމީހުން ތިބި ޤައުމެއްގައި ހުންނަ އިސްރާއިލީ އެމްބަސީއެއްގެ ދޮށަށް އެއްވެ، އިސްތިޢުމާރާ ދެކޮޅަށް އަޑުއުފުލުމަށް މިޞަފްޙާގައިވަނީ ނިންމާފައެވެ. އަދި މޭ 15އަކީ 1948ގެ ބޮޑު ހިތާމައިގެ ހަނދާންތައް ފަލަޞްތީނުގެ ރައްޔިތުން އާކުރާދުވަހެކެވެ. އިސްރާއީލުގެ ދައުލަތް އުފެއްދުމުގެ ނިޔަތުގައި އެތައް ހާސް ފަލަޞްޠީނު ރައްޔިތުންތަކެއް އެމީހުންގެ ގެދޮރުން ބޭރުކޮށްލި ދުވަހުގެ ހަނދާނެވެ.
ފޭސްބުކުގެ ފަރާތުން މިޞަފްޙާ އުނިކޮށްފައިވަނީ، މިޞަފްޙާގައި ރުޅިއާއި ނަފްރަތާއި ހަމަނުޖެހުމަށް ހިތްވަރު ލިބެނެވި ޢިބާރާތްތަކެއް ބޭނުންކޮށްފައިވާކަމަށް ތުހުމަތުކޮށެވެ. ފޭސްބުކުގެ ފަރާތުން ވާހަކަދައްކަވާ ބޭފުޅެއްކަމުގައިވާ އެންޑުރިވު ނޯއިސް ވިދާޅުވެފައިވަނީ ފޭސްބުކުއަކުން އެއްވެސް ޚިޔާލެއް އަދި ވިސްނުމެއްވެސް ނުހުއްޓުވާނެކަމަށެވެ. ދީންތަކާއި ދައުލަތްތަކާ ދެކޮޅަށް ދައްކާވާހަކަތައް އުނިކޮށް ނަހައްދަވާކަމަށެވެ. އެހެންނަމަވެސް ސީދާ ނަފްރަތާއި ހަމަނުޖެހުމަށް ގޮވާލުމުން އިންތިފާޟާގެ ޞަފްޙާ އުނިކުރެއްވީކަމަށެވެ.
އިސްރާއިލްގެ ޚަބަރުފަތުރާ ވަސީލަތްތަކުން ޚަބަރު ލިބޭ ގޮތުގައި، ޞިހުޔޫނީ ދައުލަތުގެ ޚާރިޖީ ވަޒީރު، ޔޫލީ އެޑައިލްސްޓައިންވަނީ ނުރަސްމީ ސިޓީއެއް ފޭސްބުކުގެ މުއައްސިސު މާރކު ޒެކަރބާގުއަށް ފޮނުވާފައެވެ. މިސިޓީގައި ޚިޔާލު ފާޅުކުރުމުގެ ޙައްޤާއި ރުޅިވެރިކަން ފެތުރުމާ ދެމެދުގައި ފަރަޤެއްވާނެކަމަށް ބުނެފައިވެއެވެ. އަދި ހަމައެފަދައިން މިޞަފްޙާ އުނިކުރުމަށް އެދިފައިވާކަމުގައިވެސް އިސްރާއިލްގެ މީޑިޔާތަކުން ޚަބަރު ފަތުރައެވެ.
އިންތިފާޟާގެ ނަމަކީ ޞިހުޔޫނީން ނިކަން ބިރުގަންނަ ނަމެކެވެ. ފާއިތުވި ތަނުގެ ފަލަޞްޠީނުގެ ޢާންމުންވަނީ ތިން ފަހަރެއްގެ މަތިން އިންތިފާޟާއެއް ބާއްވާފައެވެ. އެއީ 1987ގައި އެންމެ ފުރަތަމަ ފަހަރަށް ކުރިއަށް ގެންދެވުނު އިންތިފާޟާއެވެ. އެފަހަރުވެސް ޞިހުޔޫނީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ދެވަނަ ފަހަރަށް 2000ވަނަ އަހަރު ފެށިގެން އައި އިންތިފާޟާއަކީ ފަލަޞްޠީން ޞިހުޔޫނީންގެ މައްސަލާގައި ހިގައިދިޔަ އެންމެ ބޮޑު ހަމަނުޖެހުންތަކެވެ. އެފަހަރުވެސް އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
ބުރާސްފަތި ދުވަހުގައި އިންތިފާޟާއަށް ގޮވާލާ ޞަފްޙާގެ އެޑުމިނެސްޓުރޭޓަރު ލިޔުއްވާފައިވާ ޢިބާރާތްކޮޅުގައިވަނީ އަންނަނިވި ފަދައިންނެވެ.
If this page specifically, which is the largest Palestinian page on the social network, was closed, then all nations would see the hidden and real face of the Facebook administration
މާނައީ: ފަލަޞްޠީނަށް ނިސްބަތްވާ އެންމެ ބޮޑު ޞަފްޙާ ކަމުގައި ހިމެނޭ، މިޞަފްޙާ ވަކިން ބަންދުކޮށްފިނަމަ، ހުރިހާ ޤައުމުތަކަށް ފޭސްބުކު އިދާރާގެ ފޮރުވިފައިވާ ޙަޤީޤީ މޫނު ކަޝްފުވެ ފެންނާނެއެވެ.
އާދޭހެވެ. މީޑިޔާ ޞިހުޔޫނީންގެ އަތްދަށުގައި އޮތް މިންވަރާއި އެމީހުންގެ ބާރުވެރިކަން ފެނިއްޖެއެވެ. އަރައިގެން އަންނަ އިރު އޮއްބައިލައި ފޮރުވޭނެ ހެއްޔެވެ؟ ރޯވަމުން އަންނަ އަލިފާންގަނޑު ނިއްވާލާނެ ހިތްވަރެއް ޞިހުޔޫނީ ދައުލަތުގައާއި އެމީހުންގެ ވާގިވެރިންގެ ކިބައިގައި އެބަހުރިހެއްޔެވެ؟ އަދި ތޫނިސްގެ އަހުލުވެރިންނާއި މިޞްރުގެ އަހުލުވެރިން ކިބައިން ހިތްވަރު ލިބިގެން ފަލަޞްޠީނުގައި ފެށޭ އިންތިފާޟާ ހަންމަތަކުރާނެ ގޮތެއް އިސްރާއީލަށް އެގޭ ހެއްޔެވެ؟

މަޞްދަރުތައް:
http://www.maannews.net/
http://www.foxnews.com


ލިޔުނީ: ޝިފްޒާން އަޙްމަދު
މިއަދު އަޅުގަނޑު ކޮލެޖަށް ދިއުމަށްފަހު ގެއަށް އައިސްވަނުމުން އެންމެ ފުރަތަމަ އަޑުއިވުނީ ޝައިޚު ޝަހީމް، އިސްލާމިކް އެފެއަރޒްގެ ދައުލަތުގެ ވަޒީރުގެ މަޤާނުން އިސްތިއުފާދެއްވި ވާހަކައެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރައްވާ އެސިޔާސަތުތައް އެކަށައަޅުއްވާ ހިސާބުގައި ހުންނެވި ޤާބިލް ވިސްނުންފުޅު ތޫނު ކުޅަދާނަ ބޭފުޅަކު އިސްތިއުފާދެއްވި ވާހަކައެވެ. އެހެންނަމަވެސް އަޅުގަނޑު އެކަމަކާ ހައިރާން ނުވިއެވެ. އަދި ސުވާލެއްވެސް ނުއުފެދުނެވެ.
ޝައިޚު ޝަހީމުގެ އެނިންމެވުމަކީ ޒިންމާދާރު ނިންމެވުމެކެވެ. އެހެނީ ސަރުކާރުގެ އެތެރެ ކޮއެލުގައި ހުންނަވައިގެން ސަރުކާރަށް ފާޑުވިދާޅުވުމަކީ ސިޔާސީ ހަމަތަކުން ޒިންމާދާރު ގޮތެއްކަމުގައި ނުވާނެއެވެ. ސަރުކާރު އިނދިކީލަވަމުން ދަނީނަމަ، ސަރުކާރަށް ފާޑުކިޔަން ޖެހިދެއެވެ. އެހެނަސް އެންމެ ރަނގަޅު ގޮތަކީ ސަރުކާރުގެ އެތެރެއިން ރަސްމީ މަގުތައް ބޭނުންކޮށްގެން އިޞްލާޙުގެ މަގު ސަރުކާރަށް ދައްކައިދިނުމަށް މަސައްކަތްކުރުމެވެ. ޝެއިޚު ޝަހީމުގެ ބައެއް ވާހަކަފުޅުތަކުން އެކިމިންވަރަށް އެމަސައްކަތްކުރެއްވިކަން އަޅުގަނޑުމެންނަށް އެގެއެވެ. އެހެންނަމަވެސް އެމަސައްކަތުން ނަތީޖާއެއް ނުނުކުތުމުން ސީދާ ޙަރަކާތަށް ވަޑައިގަންނަވަން މަޖުބޫރުވީއެވެ. މިފަދަ ޙާލަތުގައި އެންމެ ރަނގަޅު ގޮތަކީ ސަރުކާރުން ވަކިވެވަޑައިގަތުމެވެ.
ކުރުކޮށް މިދެންނެވުނީ ޝައިޚުގެ ނިންމެވުމަށް އަޅުގަނޑު ތާއީދުކުރާ ވާހަކެވެ. ދިވެހި ސިޔާސީ މަސްރަޙުގައި ސިޔާސީ ކަންކަން ނިމެމުން ދާގޮތަށް ބަލާއިރު، މިސަރުކާރަކީ އެތެރެ ކޮއެލުގައި ތިބެގެން އިޞްލާޙުކުރެވޭނެ ސަރުކާރެއްނޫނެވެ. ކަމެއް ހެޔޮމަގަށް އަޅުވަން ބޭނުންވެއްޖެނަމަ، ނުވަތަ ކަމެއް ޙާޞިލުކުރަން އެދޭނަމަ، ނުވަތަ ސަރުކާރުގެ ވެރިންނަށް ކަމެއް އަންގަން ބޭނުންނަމަ، ޖެހޭނީ މުޒާހަރާކުރާށެވެ. އަޑުގަދަކުރާށެވެ. އެއުޞޫލަށް ކަންކޮށްގެން ނުހުއްޓުނުނަމަ، ނުހުއްޓުނީއެވެ. ރަލުގެ ކަންތަކުގައާއި، މަދަނީ ޚާދިމުންގެ މުސާރައިގެ މައްސަލާގައާއި، ކަރަންޓު އަގުބޮޑުވުންފަދަ މަދަނީ މައްސަލަތަކުގައިވެސް ފެނިގެންދިޔައީ މިދެންނެވި މަންޒަރު ނޫންތޯއެވެ؟
ދެން އޮތީ ޝައިޚުގެ ނިންމެވުމުން އެނގޭ ކަންކަމެވެ. ސަރުކާރުގެ ދީނީ ސިޔާސަތުގައި މައްސަލަތަކެއް އުޅޭކަމެވެ. ނުވަތަ ޖުމްލަކޮށް މުޅި ސަރުކާރުގެ ސިޔާސަތުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމެވެ. މިދެންނެވުނީ ޚާރިޖީ ސިޔާސަތުތަކާއި ދާޚިލީ ސިޔާސަތުތަކާއި އަދިވެސް ސަރުކާރުން އެކަށައަޅާ ތަންފީޛުކުރާ ސިޔާސަތުތަކުގައި ދީނުގެ ބަހެއް ހޯދުމެއް ނޯންނަ ވާހަކައެވެ. އިސްލާމީ ޢަރަބި ތަޢުލީމު ގިއްގަޅުވައިލައި އިނދަޖައްސަމުންދާ ވާހަކައެވެ. އިސްލާމީ ޙަރަކާތްތެރިން ޣާފިލުކަންމަތީ ތިއްބައި ޤައުމުން ކުދިކުދިކޮށްލަމުންދާ ވާހަކައެވެ.
ރައީސް ނަޝީދު ކުރިންވެސް ވިދާޅުވެފައިވަނީ ޚާރިޖީ ސިޔާސަތަކީ ދީނާ ބޭހޭކަމެއް ނޫންކަމުގައެވެ. އެއީ އެމަނިކުފާނަށް ރަނގަޅަށް ދީނުގެ ޙަޤީޤީ ތަނަވަސްކަން އެގިވަޑައިނުގަންނަވާތީކަމަށް ލަފާކުރެވެއެވެ. އެހެނަސް އެޖާހިލުކަމުގެ މަތީގައި ސިޔާސީ ބިނާއެއް ބިނާކުރެވިއްޖެނަމަ، އެއީ މައްސަލައެއްނޫންތޯއެވެ؟
ނުލާހިކު ތަނަވަސް ޢިމާރާތެއްގައި، ނުލާހިކު ހަރުދަނާ ހިންގުންތެރިކަމެއްގެ ދަށުގައި ކިޔަވަމުންދިޔަ، ކުއްލިއްޔާގެ ދަރިވަރުން ޢަރަބިއްޔާގެ "ބާ" ޢިމާރާތުގެ ތެރެއަށް ބަދަލުކުރީ، ދުރަށް ރޭވިފައިވާ މަޝްރޫޢެއްގެ ދަށުންނެވެ. އެހެންނަމަވެސް އެއިރު ބައެއް "ދީނީ" ބޭފުޅުންނަށް އެވަރުގެ ބަދަލެއް ނެތިގެން އުޅުއްވިއެވެ. މިއަދު މިފެންނަމުންދަނީ އެނިންމުމުގެ ޙަޤީޤީ ނަތީޖާއެވެ.
ކުއްލިއްޔާގެ ޢިމާރާތުގައި ތަނަވަސް ކުތުބުޚާނާއަކާއި އެކަށީގެންވާ ފެންވަރުގެ ޢަމަލުޚާނާތަކެއް ހުއްޓެވެ. އެތަންތަނުގައި ފުދޭ މިންވަރަށް ވަސީލަތްތައް ތަނަވަސްވެފައިހުރިކަން އެއީ އަޅުގަނޑުމެން ދުށް ޙަޤީޤަތެކެވެ. އެތަނަވަސް މާޙައުލުން ނިކަމެތިކަމުގެ ތެރެއަށް ކުދިންތައް ގެންދިއައީ ކޮންކަމަކު ކޮންބައެއްތޯއެވެ؟ ޢަރަބިއްޔާ އުވައިލުމަށް ހިންގޭ ކޮންމެ ކަމެއްގައި މިދެންނެވި މީހުންގެ ޒިންމާއެއް ހިއްސާއެއް ނޯންނާނެތޯއެވެ؟
އިސްވެ މިދެންނެވުނު މައްސަލަތައް، އެތެރެއިން ޙައްލުކުރެއްވުމަށް ނުކުޅެދުންތެރިވެ ވަޑައިގަތުމުން ޝައިޚު ޝަހީމް އެއިސްތިއުފާދެއްވީއެވެ. މިއީ އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތެވެ. ދެން ސުވާލަކީ މިކަމުން ރައްޔިތުންނަށް ލިބިގަނެވޭނެ ފިލާވަޅަކީ ކޮބައިތޯއެވެ؟ ސަރުކާރަށް ލިބޭ މެސެޖަކީ ކޮބައިތޯއެވެ؟
ރައްޔިތުންނަށް އެގެންވީ ކަމަކީ މިއީއެވެ. މިސަރުކާރުގެ ފޮރުވިފައިވާ އެޖެންޑާއެއް އެބައޮތްކަމެވެ. ޔަހޫދީ ދައުލަތާ ގުޅުން ބަދަހިކުރުމާއި، އެމީހުންގެ އެހީތެރިކަން ހޯދުމާއި، ތަޢުލީމީ އޮނިގަނޑުގެ ތެރެއަށް ހުޅަނގުގެ ފިކުރު ވެއްދުމަށް ފާޅުގައި މަސައްކަތްކުރަނީ މިދެންނެވި އެޖެންޑާ ކާމިޔާބުކުރުމަށެވެ. ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަށް ވެރިކަން ހިންގާ ފަރާތުން ދޭ ޙަމަލާތައް މިކަމުގެ ހެކިކަމުގައި ފުދެއެވެ. ޝަރުޢީ ނިޒާމު އިޞްލާޙުކުރަން އެހީތެރިކަން ހޯއްދަވަނީ ޖަރުމަނުންނެވެ. ބޭނުމަކީ ޝަރީޢަތް ފައްސައި މިހާރަށްވުރެ ނިކަމެތި ގޮތަކަށް ޤައުމުގެ ހަފޮޅުން ބޭރުކޮށްލުމެވެ. އެހެންކަމުން ސަރުކާރުގެ ފޮރުވިފައިވާ އެޖެންޑާއާ މެދު ސަމާލުވުމަށް މި ދަނޑިވަޅުގައި މުޅި ދިވެހި ދީބު ގޮވައިލައެވެ.
ސަރުކާރަށް ލިބޭ މެސެޖަކީ ބޯމަތިވަމުން އަންނަ އެކި އިންތިޚާބުތަކުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހިދާނެ ކަމުގެ މެސެޖެވެ. މިހިގަމުން އަންނަ ކަންކަމުން ރައްޔިތުންގެ ކުރިމަތީގައި ސަރުކާރުގެ ތަޞައްވަރު ބަދަލުވަމުން ދާނެއެވެ. އެބަދަލުގެ ސަބަބުން ވޯޓުގަނޑުގައި ޖަހާ ފާހަގައަށްވެސް ބަދަލު އަންނާނެއެވެ. މިދަނޑިވަޅުގައި ސަރުކާރާ ދެކޮޅަށް ޢަދާލަތު ނުކުތުމަކީ ރައްޔިތުންގެ ކުރިމަތީގައި ސަރުކާރުގެ ކުރެޑިބިލިޓީ ނުވަތަ އިތުބާރު، ނުވަތަ ސިޔާސީ އަގު ކުޑަވެގެންދާނެކަމެވެ. އެހެންވީމައި ޝަހީމު ނުކުންނެވި މަގުން ޑރ.މަޖީދާއި ޝައިޚު ޙުސައިން ނުކުންނަވައިފިނަމަ، ސަރުކާރު އިދަޖެހިދާނެއެވެ. އެހެންކަމުން ސިޔާސަތުތައް ހެޔޮމަގަށް އަޅުވައި އިޞްލާޙީ ބަދަލެއް ރައްޔިތުންނަށް ފެންނާނެ ހިސާބަށް ގެނެސްދެއްވާށެވެ. އެހެންނޫނީ 2013ވަނަ އަހަރުގެ އިންތިޚާބުގައި ފަނުފުލުން ވަޑައިގަންނަވަން ޖެހިދާނެއެވެ.
ސަރުކާރު އެކުލަވައިލި ކޯލިޝަނުގެ ބާރުހުރި ނުފޫޒުހުރި ޕާޓީތަކުގެ ތެރެއިން ކޯލިޝަނުން ބޭރުނުވެ އޮތީ ޢަދާލަތެވެ. އެކަމަކު ޢަދާލަތާ މައްސަލަޖެހި ޢަދާލަތު ކޯލިޝަނުން ނުކުމެއްޖެނަމަ އެމްޑީޕީ އެކަނިވެރި، އެކެހެރިވެގެންވާ ޕާޓީއަކަށްވާނެއެވެ. ވެރިކަމުގައި ތިބުމަށް ދަތިވާނެއެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ފިއްތުންތައް އިންތިހާއަށް މަތިވެގެންދާނެއެވެ. އެމްޑީޕީއަށް ލިބިފައިވާ ހިތްހަމެޖުހުމަކީ ޑީއާރުޕީ ބައިބައިވެފައިވުމެވެ. އެކަމަކު އެދުވަހުން އެދެބައިމީހުންވެސް އެއްގަލަކަށް އަރައި ތިޔަ ސަރުކާރު އެފުށް މުފަށަށް ޖަހަން ދިމާކޮށްފާނޫއެވެ. ރައީސް ނަޝީދެވެ. ސަމާލުވެވަޑައިގަތުން ހުއްޓެވެ. އަންނިއެވެ. ސަމާލުވުން ހުއްޓެވެ.
ދީން ދިރިއުޅުމުގެ ހަފޮޅުން ފައްސައިލުމަށް ހުޅަނގުގެ މޭސްތެރިކަމުގެ ދަށުން ހިންގޭ ޙަރަކާތުގެ މައި އެއް އަސާސަކީ، އިސްލާމީ ދައުލަތެއް ބިނާވިޔަ ނުދިނުމެވެ. އިސްލާމީ ދައުލަތެކޭ މިދެންނެވީ އިސްލާމީ ޝަރީޢަތް ޤާއިމުކުރާ ދައުލަތެކެވެ. އެދައުލަތުގެ މައި އަސާސްތައް އިސްލާމީ ޝަރީޢަތާ އެއްގޮތަށް ހިންގާ ދައުލަތެކެވެ. ސިޔާސަތުތައް ދީނުގެ ތަރަހައިގެ މަތީގައި ބިނާވަމުންދާ ދައުލަތެކެވެ.

މިދެންނެވި ބަހުގެ އެންމެ އަލިގަދަ ހެއްކަކީ މިޞްރެވެ. މިޞްރުގައި ހިގަމުން އަންނަ ވެރިކަމަކީ އެވެރިކަމުގެ އަސާސްތަކުގައި ޢަލްމާނީ ވެރިކަމެކެވެ. އެހެންނަމަވެސް މިޞްރުގެ ޤާނޫނީ ނިޒާމުގައި އިސްލާމް ދީނަށާއި މިޞްރުގެ އަޒުހަރު ޔުނިވަރސިޓީއަށް ލިބިފައިވާ ޢުރުފީ ބާރުވެރިކަމުގެ ސަބަބުން، ޤާނޫނީ އޮނިގަނޑުގެ ތެރެއިން އިސްލާމީ ޝަރީޢަތް ބޭރުކުރެވިފައިނުވަނީއެވެ. އެގޮތުން ޙައްދުތަކާއި ޤިޞާޞް ފަދަ ޙުކުމްތައް މިޞްރުގައި ތަންފީޒުވަމުންދެއެވެ. އެހެނަސް އިދާރީ ނިޒާމުގައި އިސްލާމީ އުޞޫލުތަކަށް ޖާގައެއް ލިބިފައިނެތެވެ.

މިޞްރުގެ ވާހަކައަކީ ކޮބައިތޯއެވެ؟ މިޞްރުގައި އިންޞާފުވެރި ޢަދުލުވެރި އިންތިޚާބެއް ބޭއްވުމަށް ބައިނަލްއަޤުވާމީ ދުނިޔެއިން މަސައްކަތް ނުކުރާކަމީ އެންމެނަށް ފެންނަ ޙަޤީޤަތެކެވެ. މިމަހުގެ ތެރޭގައި މިޞްރުގައި ބޭއްވުނު ބަރުލަމާނީ އިންތިޚާބު ވިލެރެސްކުރުމަށް ބޭރުގެ ފަރާތްތަކަށް ދޮރު ހުޅުވައިނުލުމުން، އެކަން އެގޮތަށް ކުރަން ޖެހުނު ސަބަބުތައް އެގޭ ކަމުގައި ބުނެ ޔޫރަޕުން ފުއްދައިލީއެވެ. އެމެރިކާއިން ނެރުނު ބަޔާނެއްވެސް ނެތެވެ.

ސަބަބަކީ ކޮބައިތޯއެވެ؟ އިންޞާފުވެރި އިންތިޚާބެއް މިޞްރުގެ ބިމުގައި ބާއްވައިފިނަމަ، ނަތީޖާ ނުކުންނާނީ ފަލަސްޠީނުގައި ނަތީޖާ ނުކުތް ގޮތަށެވެ. ފަލަސްޠީނުގައި ދެފުށްފެންނަ އިންޞާފުވެރި އިންތިޚާބެއް ބޭއްވުމުން އެއިންތިޚާބު ކާމިޔާބުކޮށްފައިވަނީ އިސްލާމީ މުޤާވަމާކަމުގައިވާ، ޙަމާސްއިންނެވެ. މިޞްރުގެ ރައްޔިތުންގެ ޙަޤީޤީ ވިންދު ގުޅިފައިވަނީ އިޚުވާނުލް މުސްލިމީންގެ ސިޔާސަތުތަކާއެވެ. އެމީހުންނަށް ވެރިކަން ލިބިއްޖެނަމަ، އިސްލާމީ ފުރިހަމަ ދައުލަތެއް މިޞްރުގައި މާތްﷲގެ ވާގިފުޅާއެކު ޤާއިމްވާނެއެވެ.

އާއެކެވެ. މިސިޔާސަތުގެ ދަށުން ދިވެހި ރައްޔިތުންގެ ލޯތްބާއި ތާއީދު ޢަދާލަތު ޕާޓީއަށް ލިބުމަށް ހުޅަނގުން ނޭދޭނެއެވެ. އެހެނަސް ދިވެހިންގެ ދީނީ ޖޯޝުގެ ސަބަބުން ޢަދާލަތުގެ ވިސްނުމަށް ދީލާލުމީ އެކަށީގެންވާކަމެއްކަން އެއުރެން ދަނެއެވެ. އެހެންކަމުން ޢަދާލަތުގެ ނުފޫޒު ނައްތާލުމަށް ފިޔަވަޅު އަޅާނީ ކޮންގޮތަކުންކަމެއް އަޅުގަނޑުމެންނަކަށް ނޭނގެއެވެ.

ރައްޔިތުން މަޖިލީހުގައި އެންމެ ފަހުން ނެގުނު ވަޒީރުންނާ ގުޅުން ހުރި ވޯޓުގައި ޑރ.ޢަބުދުލް މަޖީދު ޢަބްދުލްބާރީއަށް ލިބިވަޑައިގަތް ކާމިޔާބީއަކީ ޢަދާލަތުގެ ބާރުވެރިކަން ރަމްޒުކޮށްދޭކަމެކެވެ. އެހެނަސް އެބާރުވެރިކަން ޢަދާލަތަށް ބޭނުންކުރެވެން އަންނަނީ އިންތިޚާބުތަކުގައި ނަތީޖާތަކެއް ނެރެވިގެނެވެ. ޢަލްމާނީ ވިސްނުމުގެ މީހުންގެ އަމާޒަކަށްވާނީ އެނަތީޖާ ނެރިޔަނުދިނުމެވެ.

އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރާވައިގެން، ޙަރަކާތްތެރި ގޮތެއްގައި އިސްލާމީ ސިޔާސީ ހަރަކާތަށް ކާމިޔާބުވާނެ ގޮތެއްގެ މަތީން، އިންތިޚާބަށް ނުކުމެވަޑައިގަތުމަށް އަޅުގަނޑު ޢަދާލަތުގެ އެންމެހާ މަސްއޫލުވެރިންނަށް ނަޞޭޙަތްތެރިވަމެވެ. އެއީ ސިޔާސީ މަސްރަހުގައި ޢަދާލަތަށް ބާރުވެރިކަމެއް ލިބުމަށެވެ. މުސްތަޤިއްލު ޕާޓީއެއްކަން ސާބިތުކޮށްދިނުމަށެވެ.

ވިސްނަވަންވީ ޢަދާލަތަށް އިންތިޚާބު ކާމިޔާވުވިޔަ ނުދިނުމަށް ހުޅަނގުން ކެޑިނޭޅި މަސައްކަތްކުރާނެކަމެވެ. އެކަންކަމުގެ ކުރިމަތީގައި އެކި ފިޤުހީ ވިސްނުމުގެ މުސްލިމުންނަށް އެތަނެއްގެ ވަށައިގެން ޖަމާވެވޭނެ، ދީނުގެ އިމުގެ ތެރޭގައި ހުރި އެކި ފިކުރުތަކަށް ޖާގަ ދޭ، އެފިކުރުތަކަށް ޖަމާވެވޭ ބަދަރެއްކަމުގައި ޢަދާލަތުވާން އެބަޖެހެއެވެ.

މިސިލްސިލާގެ އަންނަ މަޒުމޫނުގައި ބަލައިލާނީ މިމައުޟޫޢަށެވެ. އިސްލާމްދީނުގައި ޚިޔާލު ފައުޅުކުރުމާއި ވިސްނުމުގެ މިނިވަންކަން ލިއްބައިދީފައިވާވުމުގެ މައްޗަށެވެ. އަދި އެޙައްޤުތައް ލިއްބައިދީފައިވާ އިމުގެ ތެރޭގައި ބޭނުންކުރާނަމަ، އެކަމާމެދު ޖަދަލުކޮށް، އިންކާރުކޮށް ހެނދުމުން ނުކުމެދާނެ ނަތީޖާތަކާ މެދުގައެވެ.

(ނުނިމޭ)
ސިޔާސަތާއި ދީން ވަކިކުރުން (1)

ސިޔާސަތަކީ ދީނާ ވަކިކުރެވިގެންވާނެ ކަމެއްކަމުގައި ދެކި، ސިޔާސަތާ ދީން ވަކިކުރުމުގެ އޮއިވަރެއް ދިވެހި ފަސްގަނޑުގައި ހިގަމުން އަންނަކަމީ އަޅުގަނޑުމެން އެކަކަށްވެސް އޮޅިފައިނެތް ޙަޤީޤަތެކެވެ. ސިޔާސަތަކީ ކޮބައިކަން އޮޅުވައިލައި، ސިޔާސީ މީހުންގެ ޞިފަތައްވެސް މިވަނީ އޮޅުވައިލާފައެވެ. މިހުރިހާ އޮޅުވައިލުމެއްގެ ބޭނުމަކީ ކޮންމެވެސް ދުވަހަކުން، ކޮންމެވެސް ދަނޑިވަޅަކުން އިސްލާމްދީނާއި ދިވެހި ޖުމްހޫރިއްޔާގެ ސިޔާސީ މަސްރަޙާ ވަކިކުރުމެވެ. ދިވެހިންގެ ދިރިއުޅުމުގެ ހަފޮޅުން ބޭރަށް ދީން ފައްސައި ބޭރުކޮށްލުމެވެ.

މިމަސައްކަތަކީ ހަމައެކަނި ދިވެހި ފަސްގަނޑުގައި ހިގަމުން އަންނަ ކަމެއް ނޫނެވެ. ދުނިޔޭގެ އިސްލާމީ ކުދި ބޮޑު ހުރިހާ މުޖުތަމަޢުތަކެއްގައި މިމަސައްކަތް މެކުހައްޖަހައިފައިވެއެވެ. ޢަލްމާނީން ނުވަތަ ސެކިއުލަރ ވިސްނުމާއި ފިކުރު ހުރި ބަޔަކު ނުކުމެ އިސްލާމް ދީނާ ދެކޮޅަށް ނުސީދާ ގޮތުންނާއި ސީދާ ގޮތުން ޙަމަލާ ދެމުން އެބަދެއެވެ. އިސްލާމީ ޝަރީޢަތަކީ ލާއިންސާނީ ޝަރީޢަތެއްކަމެއް ބުނެ، އެޝަރީޢަތުގެ އަގުވައްޓައިލައި، އެއީ 21ވަނަ ޤަރުނުގައި ތަންފީޒުކުރަން ކަމުނުދާ މިޒަމާނުގެ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން ނެތް ޝަރީޢަތެއްކަމުގައި ދައްކައިދިނުމަށް މަސައްކަތްކުރެއެވެ.

މިތަނުގައި މިކަންކަމަށް ރައްދު ދިނުމަކީ އަޅުގަނޑުގެ މަޤުޞަދެއްނޫނެވެ. އެހެންނަމަވެސް މުހިއްމު ވާހަކައެއް ދިވެހި މުސްލިމް އަޚުންނާއި އުޚުތުންގެ ވިސްނުންފުޅަށް ގެނައުމީ އަޅުގަނޑުގެ މަޤްޞަދެވެ. ދިވެހި ޤައުމުގައި މިއަދު ފެތުރެމުންދާ އެއްވިސްނުމަކީ ދީން ދެކެލޯބިވާ މީހުން ސިޔާސަތާ ދުރަށް ޖެހެން ޖެހޭކަމުގެ ވިސްނުމެވެ. ސިޔާސީ ޙަރަކާތްތަކުގައި ދީނީ ފިކުރުމުގެ މީހުން ބައިވެރިނުވުމުގެ ވިސްނުމެވެ. ަ

ހިތާމަކުރަން ޖެހޭކަމަކީ މިވިސްނުމުގެ އަހުލުވެރިންގެ ތެރޭގައި ދީނީ ޢިލްމު އުގެނިވަޑައިގެން ތިއްބެވި ބައެއް ބޭފުޅުން ތިއްބެވިކަމެވެ. އަޅުގަނޑަށް މިދިޔަ މަހުގެ ތެރޭގައި އެއިން ބޭފުޅަކާ އިންޓަރނެޓު މެދުވެރިކޮށް ވާހަކަ ދެއްކުމުގެ ފުރުޞަތު ތަނަވަސްވިއެވެ. ނަޞީބު ކަންދިމާކުރި ގޮތުން އަޅުގަނޑަކީ ދީނީ ވިސްނުމުގައި ސިޔާސަތަށް ފާޑުކިޔާ ހިތްވާ މީހަކީމެވެ. އެކަމުގެ އާލިއްޔާތު ހަމަނުވާތީ މަޑުމަޑުން ހުންނަނީއެވެ. ކޮންމެއަކަސް މިބޭފުޅާގެ ވާހަކައިން އަޅުގަނޑަށް އެގި ބަޔާންވީ ދީނުގައި ސިޔާސަތަށް އަހަންމިއްޔަތުކަމެއް ދެވިފައިނުވާކަމަށް އެބޭފުޅާ ޤަބޫލުކުރައްވާކަމެވެ. ނުވަތަ ސިޔާސަތަށް ވަނުމީ ބޮޑު ފާފައެއްކަމެވެ.

އިސްލާމް ދީނުގެ ތަނަވަސް ހިޔަލުގައި ސިޔާތަށް ލިބިދީފައިވާ ރީތި ކުލަތައް އަޅުގަނޑުމެންގެ ދިވެހި ސިޔާސީ މަޞްރަޙުން ފެނުމަކީ އަޅުގަނޑުގެ އެދުމެވެ. އެކަމަކު މިކަން މިގޮތަށް ފުރިހަމަވާނީ ދީނީ ޢިލްމުވެރިން ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވެވަޑައިގަންނަވައިގެނެވެ. އިޚުވާނުލް މުސްލިމީންގެ ފިކުރާއި ވިސްނުމަށް ބަލާއިރު އެބައިމީހުންގެ ވިސްނުމަކީ އެއީއެވެ. ދިވެހި ފަސްގަނޑުގައި ޢަދާލަތު ޕާޓީއިން ކުރައްވަނީ އެމަސައްކަތެވެ. އަޅުގަނޑު ހިތުން މިމަސައްކަތުގައި ދީންދެކެ ލޯބިވެވަޑައިގަންނަވާ އެންމެ ބޭފުޅުން ބައިވެރިވެވަޑައިގެންދެއްވަން ވީއެވެ. އިސްލާމީ ސިޔާސީ ނިޒާމެއް ދިވެހި ފަސްގަނޑުގައ ޤާއިމްކުރުމަށްޓަކައެވެ.

އިސްވެ އަޅުގަނޑު މިދެންނެވި ޒާތުގެ ބޭފުޅުން ވަރަށް ގިނައިން އިޚުވާނުގެ މަންހަޖަށާއި އުޞޫލުތަކަށް ފާޑު ވިދާޅުވާނެއެވެ. އެފަދަ ބޭފުޅުންގެ ވިސްނުންފުޅުގައި އިޚުވާނީ ޙަރަކާތަކީ އިސްލާމީ ޙަރަކާތްތަކުގެތެރެއިން ދީނާ އެންމެ ދުރު ޙަރަކާތެވެ. އެހެނަސް ޙަޤީޤަތުގައި މިޙަރަކާތަކީ އިސްލާމީ އުންމަތުގެ ހަށިގަނޑުގައި ހިގަމުން އަންނަ ބާރުހުރި ނުފޫޒުގަދަ ޙަރަކާތެވެ. އެންމެ މެންބަރުން ގިނަ އެއް ޙަރަކާތްމެއެވެ. އަދި އިސްލާމީ ޚިލާފަތަކަށް މަގުކޮށަމުންދާ ޙަރަކާތެއްވެސްމެއެވެ. އެހެންކަމުން އެއީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމަށްޓަކައި މުހިއްމު ޙަރަކާތެކެވެ.

ދިވެހި ފަސްގަނޑުގައި މިބޭފުޅުންގެ ބައެއް ދަރުސްތަކުގައި ޢަދާލަތު ޕާޓީއަށް ހޫނުގަދަ ބަހުގެ ޙަމަލާތަކެއް ރައްދުކުރަމުންދެއެވެ. އެއްވެސް ބޭފުޅަކަށް އޮޅިވަޑައިގެންފައި ނުވާނެ ފަދައިން މިއަދާހަމައަށް އިޞްލާޙީ ޙަރަކާތުގެ ތެރެއިން އިސްލާމްދީނުގެ އަޑުކެޑިޔަނުދީ ހިފަހައްޓަނީ ޢަދާލަތު ޕާޓީންނެވެ. ކޮންމެ މައްސަލައެއްގައި ދީނުގެ ރައުޔަ ބަޔާންކުރުމުގެ ޤާބިލްކަމާއި ކުޅަދާނަކަން ލިބިފައިވާ ހަމައެކަނި ސިޔާސީ ޕާޓީއަކީއެއީއެވެ. އެހެންކަމުން އެޕާޓީއާ ދެކޮޅަށް ޒާތްޒާތުގެ ވާހަކަ ދެއްކެވުމީ ނުސީދާގޮތުން އިސްލާމީ ޝަޚުޞަށް ދެވޭ ޙަމަލާއެކެވެ. އެހެންކަމުން މިކަމާ ސަމާލުވެވަޑައިގެން ތިއްބެވުން ނުހަނު ރަނގަޅެވެ.

(ނުނިމޭ)


މިވަގުތު ދިވެހިރާއްޖޭގެ ސިޔާސީ މައިދާން ފުޅާވަމުން، ތަރުތީބުވަމުންދާ ގޮތަށް ބަލާއިރު ދީނީ ޢިލްމުވެރިންގެ މައްޗަށް އެކުލެވޭ ހަރުދަނާ ޕާޓީއަކަށް ބޭނުންއެބަވެއެވެ. މިހާރު ސިޔާސީ މައިދާނުގައި އެންމެ ގިނަ ދަންނަބޭކަލުން ތިއްބެވި ޕާޓީއަކީ ޢަދާލަތު ޕާޓީއެވެ. އެހެންނަމަވެސް އެޕާޓީގެ ހަރުދަނާކަމާމެދު ސުވާލު އުފެދެއެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުން ޢަދާލަތަކީ ކޮން ފެންވަރެއްގެ ޕާޓީއެއްތޯ ބަލައިލުން މުހިއްމެވެ. އެޕާޓީއަށް ސިޔާސީ ކާމިޔާބީ ލިބި، ސިޔާސީ މައިދާނުގައި ފައިތިލަ ސާބިތުކުރެވޭނެތޯ ބަލައިލަން ޖެހެއެވެ. އަދި ޢަދާލަތުގެ ސިޔާސީ މުސްތަޤުބަލު ބިނާވާނީ ކޮންކަންތައްތަކެއްގެ މައްޗަށްކަން ދެނެގަތުން މުހިއްމެވެ. މިކަމަށްޓަކައި ބަލައިލާނީ ޢަދާލަތުގެ މަޤްޞަދަށާއި މަސައްކަތަށެވެ.

ޢަދާލަތު ޕާޓީއަކީ މިއަދު ރާއްޖޭގައި ވެރިކަން ހިންގަމުންމިދާ އިއްތިޙާދުގެ ބައިވެރިއެކެވެ. ސަރުކާރުގެ ދީނީ ކަންތައްތައް ބަލަހައްޓާ ވުޒާރާއަކީ ޢަދާލަތުގެ ބޭފުޅުންގެ މިލްކެކެވެ.

ޢަދާލަތު ޕާޓީގެ މަޤުޞަދަކަށްވާނީ އިސްލާމީ ޝަރީޢަތް ޤާއިމުކުރުމެވެ. އެޝަރީޢަތުގެ ޙުކުމްތައް ތަންފީޛުވާނެ މަގުތައް ކޮށައި އަލިކޮށް ދިނުމެވެ. އެހެންނަމަވެސް ސުވާލަކީ އެކަން ކުރުމަށް ޢަދާލަތަށް ކުރެވުނީ ކޮންކަމެއްތޯއެވެ؟ ދީނީކަންކަން ބަލަހައްޓާ ވުޒާރާއެއް އުފެދިއްޖެއެވެ. އެހެންނަމަވެސް އެވުޒާރާގެ "މޭންޑޭޓު" ނުވަތަ މަސައްކަތުގެ މައިދާން ވަރަށް ހަނިއެވެ. އެހިނެހެން ވުޒާރާތަކުގެ މަސައްކަތު ތާވަލުތަކާއި މިމިނިސްޓްރީގެ މަސައްކަތު ތާވަލު އަޅައިކިޔައިލުމުން މިކަން އެގިބަޔާންވާނެއެވެ. މިވަރުގެ ހަނި ދާއިރާއަކުން ޢަދާލަތުގެ މަޤްޞަދު އެއުރެންނަށް ކާމިޔާބުކުރެވިދާނެބާވައެވެ؟

ތަންފީޛީ ބާރުތަކުން ތަންފީޛުކުރާނީ ޤާނޫންތަކެވެ. ޤާނޫން ހެދުމަކީ ރައްޔިތުން މަޖިލީހުގެ ޒިންމާއެކެވެ. އެހެންކަމުން މަޖިލީހުގެ ތެރެއިން ޤާނޫނީ އޮނިގަނޑުގެ ތެރެއަށް އިސްލާމީ ޝަރީޢަތުގެ ހަމަތައް ވައްދަންޖެހެއެވެ. އެނޫން ގޮތަކުން ޝަރީޢަތް ތަންފީޛުކުރެވޭނެކަމަކަށް ނުފެނެއެވެ. އެހެންނަމަވެސް ޢަދާލަތު ޕާޓީވަނީ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ފެއިލްވެފައެވެ. ރައްޔިތުން ދީނަށް ލޯބި ނުކުރާތީތޯއެވެ؟ ނުވަތަ ދަންނަ ބޭކަލުންނަށް އިޙްތިރާމް ނުކުރާތީތޯއެވެ؟

ޙަޤީޤަތަކީ ދަންނަބޭކަލުން އެބޭކަލުންނަށް އޮތް އިން ފަހަނައަޅައި އަޚްލާޤީ ގޮތުން ދަށުދަރަޖައަކަށް ވެއްޓިވަޑައިގަތުމުން އެބޭކަލުންގެ އަގުވެއްޓުނީއެވެ. ހުތުރު ބަސްތަކުން މީހުންނާ މުޚާޠަބުކުރެއްވުމާއި އިތުރުފުޅު ހެއްދެވުން ޢާންމުކުރައްވައި ދަންނަބޭކަލުންގެ އަބުވިކަމުން އެއްކިބާވެވަޑައިގަތުމުން އެބޭކަލުންގެ އަގުވެއްޓުނީއެެވެ. އެކަމުގެ ސަބަބުން އެބޭކަލުންގެ މަޤުބޫލުކަން ނެތިގެން ދިޔައީއެވެ.

މިސަރުކާރަކީ ޢިލްމާނީ ވިސްނުމުގެ ސަރުކާރެކެވެ. އެކަމުގެ ހެކިތައް ގިނަގުނައެވެ. އިޒްރާއީލާ ގުޅުންތަކެއް ޤާއިމުކުރި ވާހަކައާ ވިދިގެން ޢަދާލަތުން ނޫސް ބަޔާނެއް ނެރުއްވިއެވެ. އެނޫސް ބަޔާން ނެރުއްވުމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ތިމަންމެން ޢަދާލަތާ އެއްބަސްވީ ދީނީ ކަންކަމުގައި ޢަދާލަތުގެ ލަފާ ހޯދުމަށެވެ. އިޒްރާއީލުގެ ކަންތަކަކީ ސިޔާސީ ކަމެކެވެ. ދީނީ ކަމެއްނޫނެވެ. މިޢިބާރާތުން ސާފުކޮށް ބަޔާންވެ އެގިގެންދަނީ ބައިނަލްއަޤްވާމީ ގުޅުންތަކަކީ ނުވަތަ العلاقة الدؤلية އަކީ އިސްލާމީ ޝަރީޢަތުގައި އޮތް ބައެއްކަމަށް އެމަނިކުފާނު ޤަބޫލުނުކުރައްވާކަމެވެ. މިކަމުން އެމަނިކުފާނުގެ ވިސްނުންފުޅު ސާފުކޮށް ފެނިވަޑައިނުގަންނަވަނީތޯއެވެ؟ އަދިވެސް ޢަދާލަތުން އެދިވަޑައިގަންނަވަނީ މިސަރުކާރުގައި ދެމިތިއްބެވުމަށެވެ. އެގޮތަށް ތިއްބަވާނަމަ އެބޭފުޅުންގެ އަގު ރައްޔިތުންގެ ކުރިމަތީގައި އިތުރަށް ވެއްޓޭނެއެވެ. ސިޔާސީ ގޮތުން ޕާޓީ ހީނަރުވާނެއެެވެ.

ޢަދާލަތަކީ ފެށުނީއްސުރެ ރައީސް މައުމޫނަށް ބަސްބުނެ، އެމަނިކުފާނުގެ ދީނީ ސިޔާސަތު ކުށްވެރިކުރި ޕާޓީއެެކެވެ. އެކަމަކު ސުވަލަކީ މިއަދު ކުރިއަށްވުރެ ރަނގަޅުތޯއެވެ؟ އިސްލާމީ ޢަރަބި ތަޢުލީމުގެ މުންނާރުކަމުގައިވާ މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ މިއަދުވަނީ އިދަޖައްސާލެވިފައެވެ. ލާދީނީ ފިކުރުތަކުގެ ވެރިމީހުން ތޮށަލިގަނޑު ފަޅާލާފައި ނުކުމެއްޖެއެވެ. މިނިވަންނޫހުގެ ނިވަލުގައި ތިބެ، ދީނާދެކޮޅަށް މަސައްކަތްކުރަމުންދަނީ ހަލުއި ދުވެލީގައެވެ. މިނިވަންކަމުގެ ނަމުގައި އަޚުލާޤީ ސުލޫކީ އަގުކުރުންތައް ފުޑުފުޑުކުރުމުގެ މަސައްކަތްތައް ތިލަވެ، ފެންމަތިވެއްޖެއެވެ. ޒަމާނީ ޑިމޮކްރަސީގެ ތެރެއިން ދީންތަކުގެ މިނިވަންކަން ގެނެސްދިނުމަށް ގޮވާލަން ފެއްޓިއްޖެއެވެ. މިއަދު ޢަދާލަތުގެ އަޑު ކޮބައިތޯއެވެ؟ މައުމޫނުގެ ވެރިކަމުގައި ދެއިރު ބޭސްކުޅައެއްކާ އުޞޫލުން ބާއްވަމުން ގެންދިޔަ ދަރުސްތައް ކޮބާތޯއެވެ؟ އެހެންކަމުން މިފަދަ ދުވަސްވަރެއްގައި މިފައްތަރުގައި ޢަދާލަތު ހަނު އޮންނަނީނަމަ އެޕާޓީގެ މަޤުބޫލުކަން އިހުނަށްވުރެ ދަށްވާނެއެވެ. އަޑު އުފުލަން އެބަޖެހެއެވެ. އެހެންނޫންނަމަ ޢަދާލަތަކީ ގޮޑިކޮއްކޮ ޕާޓީއެއްކަމުގައި ބެލެވިދާނެއެވެ.

ޢަދާލަތު ޕާޓީގެ އެތެރެ ހަރުދަނާކުރުންވެސް ވަރަށް މުހިންމެވެ. ދީނީ ޢިލްމުވެރިންގެ އިތުރުން ޤާނޫނީ މީހުންނާއި ސިޔާސީ މުފައްކިރުން ޕާޓީ ތެރެއިން ނުކުތުން މުހިންމެވެ. ޢަދާލަތަކީ ހަމައެކަނި ސަރުކާރުގެ އެތެރޭގައި ނުވަތަ ބޭރުގައި އެބުރޭ ބައިގަނޑަކަށްވުމުގެ ބަދަލުގައި މިޕާޓީއަކީ ހަރުދަނާ ސިޔާސީ ޕާޓީއެއްކަމުގައި ހަނދަންއެބަޖެހެއެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ސިޔާސީ މައިދާނުން ބޭރުވިޔަ ނުދިނުމައްޓަކައެވެ. ސިޔާސީ މައިދާނުން ދީން ބޭރުކޮއްލެވޭ ދުވަހު ގާދޫކޮލުން ރާއްޖޭގެ އިމުން ބޭރަށް ދީން ދާނެކަމީ ޝައްކެއް ވަހުމެއް ނެތް ޙަޤީޤަތެކެވެ.

ކުރިއަށް ތަރަހަ

ފަހުގެ ލިޔުން

↑

ފަހުގެ ޚިޔާލު

ބްލޮގްތަކުން

  • Mohamed Shafiu
    ދީނީ ދަޢުވަތު ދޭ މީހާއަށް ލިބޭ ބޮޑު ދެ ނިޢުމަތެއް - މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރުﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ.يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا ...
  • އިބްން އަބްދުލްރަހްމާން ޅޮހި
    ހަރޯދައިގެ މާތްކަން އަދި ޤަޟާ ރޯދައިގެ ކުރިން ހަރޯދަ ހިފިދާނެތަ؟ - عبد الرحيم الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد: ޝައްވާލު މަހުގެ ހަރޯދަ ހިފުމަކީ ވަރަށް މަތިވެރިވެގެންވާ އަޅުކަމެކ...
  • ދި - ލިޔުން
    ދިވެހިރާއްޖޭގެ ތަޢުލީމީ ކަލެންޑަރު 2015 - Maldives Academic Calendar 2015 [މި ސައިޓަށް ސަބްސްކްރައިބް ކުރެއްވީތީ ތިޔަބޭފުޅާއަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަމެވެ! ބައެއް ބައިތައް ( މިސާލަކަށް ވީޑ...
  • Maldivian Pearls
    -

ފޭސްބުކުގައި ތަރަހަ

2011 Tha-ra-ha. All rights reserved.