• ތަރަހައަކީ
ތަރަހަ
  • ތަރަހަ
  • މައްސަލަ އާއި ޙައްލު
    • ކާމިޔާބާއި ކުރިއެރުން
    • ޘަޤާފަތާއި ފިކުރު
    • ބާއްޖަވެރި ޢާއިލާ
    • ނަފްސުގެ ޠަހާރަތު
    • އިސްލާމީ ޙަރަކާތް
  • ސިޔާސީ
  • ދިރާސާ
    • ޢަޤީދާ
    • އަޅުކަން
    • މުޢާމަލާތް
    • އަޚްލާޤް
    • ދީނުގެ އަސްލުތައް
    • ޤާނޫނީ
    • ޝަރީޢަތާއި އިންސާނިއްޔަތު
  • ހާސަރު
    • އަބޫ ޖޯޝް
    • ނަބީލް
    • ޝަމީން
  • ވާހަކަ
  • ޅެން
  • ފޮތްތައް
    • މުފައްކިރަކު އުފެއްދުން
    • މުސްލިމަކަށް ނޭންގުން ނޭކަށޭ ކަންކަން
    • ފިޤުހުގެ ތާރީޚު
    • އިސްލާމީ ހޭލުންތެރިކަން މިއަދު
    • ދަތި ނުކުރާށެވެ. ފަސޭހަ ކުރާށެވެ.
    • ތިން އަސްލު: ޝަރަޙަ
    • އިސްލާމީ ހަރަކާތްތެރިންނާއެކު މުސްތަޤްބަލަށް
Showing posts with label ދިރާސާ. Show all posts

ކީރިތި ޤުރުއާނުގައި ބިން:
 މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَفِي الْأَرْضِ آيَاتٌ لِّلْمُوقِنِينَ ﴿الذاريات: ٢٠﴾ މާނައީ: "يقين ކުރާ ބަޔަކަށް ބިމުގައި (ކުޅަދުންވަންތަކަމުގެ) ހެކިތަކެއްވެއެވެ." މިއާޔަތަކީ ޛުއްރިއްޔާތު ސޫރަތުގެ ފަހު އާޔަތްތަކުގެ ތެރެއިން އާޔަތެކެވެ. މިސޫރަތަކީ މައްކިއްޔަ ސޫރަތެކެވެ. މިސޫރަތުގެ ފަހު އާޔަތްތަކުގައި މާތްﷲ އެކަލާނގެ ވަޙީ ބަސްފުޅުގެ ތަދުކަންމައްޗަށް ހުރި، ބައެއް ކައުނިއްޔަ ހެކިތައް ބަޔާންކުރެއްވިއެވެ. އެގޮތުން މިއާޔަތުގައި މާތްﷲ އަންގަވަނީ ބިމަކީ މާތްﷲގެ ކުޅަދުންވަންތަކަމުގެ ހެއްކެއްކަމުގައެވެ. އަދި އެބިމުގައި އެކަލާނގެ ބަސްފުޅުގެ ތެދުކަމުގެ މައްޗަށް ދަލީލުކުރާނޭ ޢަލާމާތްތައް ނުވަތަ އާޔަތްތައްވާނެ ކަމުގައި އަންގަވައެވެ.
ޢަމްރޫ ބިން ޢާޞް........މިޞްރުގެ ފާތިޙު 


ޢަމްރޫ ބިން ޢާޞަކީ ކައުއިތުރު ރަސޫލާގެ މާތް ޞަޙާބީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނުގެ ނަސަބުފުޅަކީ عمرو بن العاص بن وائل، القرشي السهميއެވެ. އެކަލޭގެފާނުގެ ކުނިޔާއަކީ އަބޫމުޙައްމަދު ނުވަތަ އަބޫޢަބުދުﷲއެވެ. ޖާހިލިއްޔަ ޒަމާނުގައި އެކަލޭގެފާނަކީ މަސްކޮށްޓަވާ ވިއްކަވާ ބޭފޫޅެކެވެ. އަދި އެކަލޭގެފާނަކީ ވިޔަފާރީގައި ހުނަރުވެރި ތަޖުރިބާކާރު ބޭކަލެކެވެ. އެގޮތުން ޖާހިލިއްޔަ ޒަމާނުގައި ޙަބަޝްކަރައަށާއި މިޞްރަށާއި ޝާމާއި ޔަމަނަށް ވިޔަފާރި ދަތުރުތަކުގައި ވަޑައިގަންނަވާ ކަމުގައިވެއެވެ. އަދި އެކަލޭގެފާނަކީ ޤުރައިޝުވަންހައިގެ ކުޅަދާނަ އަސްވާރުންނާއި ބަޠަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އަދި އެކަލޭގެފާނަކީ ޅެންވެރިކަމުގައި އަރާހުންނެވި ޢަރަބި ބަހަށް ކުޅަދާން ދޫފުޅު ހަލުވި ޅެންވެރިއެކެވެ. އެކަލޭގެފާނުގެ ކިބައިން އެތަށް ބަޔަކުވަނީ ޅެން ދަސްކޮށް ރިވާކޮށްފައެވެ. އެކަލޭގެފާނު ފާހަގަކުރެވިފައިވަނީ ޢަރަބިންގެ ތެރެއިން ވިސްނުންފުޅު ތޫނު، ހިތްވަރުގަދަ، ރައުޔައިގެވެރި ބޭކަލެއްގެ ގޮތުގައެވެ. މިސަބަބަށްޓަކައި މުސްލިމުންގެ ފުރަތަމަ ހިޖުރާގައި އަދި ދެވަނަ ހިޖުރާގައި މައްކާއިން ނުކުމެވަޑައިގަން ޙަބަޝާއަށް ދަތުރުކުރައްވާ އެޤައުމުގެ ރަސްގެފާނު ނަޖާޝިގެ ޙިމާޔަތުގައި ތިއްބެވި ޞަޙާބީން އަނބުރާ ގެންނެވުމަށްޓަކައި މައްކާގެ މުޝްރިކުން ޙަބަޝާއަށް ފޮނުއްވީ އެކަލޭގެފާނެވެ.

މިޞްރު ފަތަޙަކުރެއްވުން

އިސްލާމީ ފަތުޙުގެ ކުރިން މިޞްރު

މިޞްރު މުސްލިމުންގެ އަތްމައްޗަށް ފަތަޙަވުމުގެ ވާހަކައިގެ ކުރިން، އިސްލާމީ ފަތަޙައިގެ ކުރިން މިޞްރު އޮތް ޙާލަތު ދެނެގަތުމަކީ މުހިއްމު
 ކަމެއްކަމުގައި ދެކެމެވެ. އިޤުތިޞާދީ އަދި އިޖުތިމާޢީ ގޮތުން މިޞްރު ކަޑައްތުކުރަމުން ދިޔަ މަރުޙަލާތައް އެގިގަތުމަށެވެ. އަދި މުސްލިމުން ނޫން އެހެން ފާތިޙުންނާ މުސްލިމުންގެ ފަރަޤު ދެނެގަތުމަށެވެ.

 މިޞްރަށް ކުރިމަތިވި ބައެއް ޙަމަލާތައް:

قمبيز بن قورش ގެ ޙަމަލާ: 

 މިޞްރު އެބަޔެއްގެ އަނިޔާވެރިކަމަށާއި ނުބައި ހަނގުރާމައަށް ހުށަހެޅުނު ޙާލަތްތަކުގެ ތެރެއިން އެއް ޙާލަތަކީ ފާރިސްގެ ރަސްކަލެއްކަމުގައިވާ ޤަމްބީޒުގެ ޙަމަލާއަށް ހުށަހެޅުނު ފަހަރެވެ. މިޞްރު ދުށް އެންމެ އަނިޔާވެރި ހަނގުރާމަތަކުގެ ތެރޭގައި ޤަމްބީޒުގެ ހަނގުރާމަތައް ހިމެނޭނެއެވެ. ޤަމްބީޒުގެ ޙަމަލާ މިޞްރަށް ކުރިމަތިވީ މީލާދުގެ 585 އަހަރު ކުރިންނެވެ. ޤަމްބީޒު އޭނާގެ ޙަމަލާއަށް ވަރަށް ބޮޑަށް ތައްޔާރުވިއެވެ. އެގޮތުން އޫރުޝަލީމްގައި ޔަހޫދީންނަށް ފައްޅިއެއް އަޅައިދޭނެކަމަށް ވަޢުދުވެގެން ޔަހޫދީންގެ އެއްބާރުލުމާއި އެހީތެރިކަން ޤަމްބީޒު ހޯދިއެވެ. އަދި އޭނާ މިޞްރަށް ދޭ ޙަމަލައިގެ މައި މަރުކަޒަކީ ފަލަސްޠީނުކަމުގައި ކަޑައެޅިއެވެ. އެހެންކަމުން އޭނާއަށް މިޞްރު ލަޝްކަރުގައި ހިމެނުނު ޔަހޫދީންގެ އެއްބާރުލުމާއި ތާއީދު ލިބުނެވެ. އަދި ފޭނީސް ނަމަކަށް ކިޔުނު ގުރީކު ކޮމާންޑަރެއް ޤަމްބީޒުގެ ލަޝްކަރާ ގުޅުނެވެ. އޭނާއަކީ މިޞްރުގެ ލަޝްކަރުން ނުކުމެގަތް ބައިގަޑެއްގެ ލީޑަރެކެވެ. އޭނާ ޤަމްބީޒަށް މިޞްރުގެ ލަޝްކަރާ ގުޅުންހުރި މުހިއްމު މަޢުލޫމާތުތައް ފޯރުކޮށްދިނެވެ.

 މި ހަނގުރާމައިގެ ކުރީ ކޮޅުގައި މިޞްރުގެ ފިރުޢައުނު "އަމާޒީސް" ނިޔައުވެ، އޭނާގެ ޒުވާން ދަރިފުޅު، އަބުސަމާތީކު ތިނެއް މިޞްރުގެ ތަޚުތުގައި ވެޑުވުނެވެ. ކޮންމެއަކަސް ޣައްޒާ ހުރަސްކޮށް މިޞްރުގެ ތެރެއަށް ވަދެ ޤަމްބީޒު އެންމެ ފުރަތަމަ ޙަމަލާ ދިނީ "އަލްފަރުމާ" އޭ ކިޔުނު ރަށަށެވެ. އެއަށް ފަހު ޢައިނުއް ޝަމްސަށެވެ. ދެން މަންފޭ ކިޔުނު ކިއްލާއަށެވެ. މިހުރިހާ ތަނެއްގައި އަބުސަމާތީކު ބަލިކުރުމަށްފަހު ޤަމްބީޒު މިޞްރުގެ މައްޗަށް ވެރިވެގަތެވެ. ޤަމްބީޒަކީ ވަރަށް ނާތަހުޒީބު ވެރިއެކެވެ. މިޞްރު މީހުން ދުވަހަކުވެސް ނިކަމެތި ނުވާ މިންވަރަކަށް އޭނާ އެމީހުން ނިކަމެތިކޮށްލިއެވެ. އެގޮތުން މިޞްރުގެ ފިރުޢައުނު އަބުސަމާތީކާއި އޭނާގެ ވާގިވެރިންގެ އަނބިންނާއި އަންހެން ދަރިން ނެރެ، އެކަނބަލުންގެ އަޢުރަ ނިވާނުވާ މިންވަރުގެ ހެދުންތައްލައްވާ އެކަނބަލުން ލައްވާ އޭނާގެ ލަޝްކަރީންނަށް ޚިދުމަތްކުރުވިއެވެ. މިމަންޒަރު ފެންނަ ފަށުގައި އަބުސަމާތީކު ބެހެއްޓިއެވެ. އަދި އޭނާގެ ދެލޮލުން ކަރުނަ ހިލުމާއެކު، އޭނާ މަރާލުމަށް އަމުރުކުރިއެވެ. ޤަމްބީޒު މަރުވީ މީލާދުގެ 522 އަހަރު ކުރިންނެވެ. އަދި މީލާދުގެ 341 އަހަރުކުރިން އަނެއްކާވެސް އައު ޙަމަލާއެއް ފާރިސީން މިޞްރަށް ފޮނުވިއެވެ. މިފަހަރުވެސް އެބައިމީހުންނަށް މިޞްރުގެ މައްޗަށް ވެރިވެވުނެވެ.
 އެވެރިކަން އިސްކަންދަރުލް އަކުބަރުގެ ޙަމަލާއާ ހަމައަށް ދެމިގެންދިއައެވެ. އެއީ ޖުމްލަ 9 އަހަރުދުވަހެވެ.

 އިސްކަންދަރުލް އަކުބަރުގެ ޙަމަލާ:

 އިސްކަންދަރުލް އަކުބަރު ގުރީސްއިން ނުކުމެވަޑައިގެން އިރުމައްޗަށް ދަތުރުކުރައްވާ ދަރުދަނީލުގެ އައްސޭރިއަށް ފައިބާވަޑައިގެން އެތަނުގައި، މަރުމަރާ ކަނޑަށް ނިމޭ ކޯރެއްކަމުގައިވާ ޖަރާނީޤު ކޯރުގެ އައްސޭރީގައި ފާރިސްގެ ލަޝްކަރުތަކާ ހަނގުރާމަކުރައްވައި ބަލިކުރެއްވިއެވެ. އެއީ މީލާދުގެ 334 އަހަރު ކުރިންނެވެ. އަދި އީސޯންގެ މައިދާނުގައި ފާރިސީން ނުހަނު ނިކަމެތި ގޮތެއްގައި ބަލިކުރެއްވިއެވެ. އަދި އެމީހުންގެ ރަސްގެފާނު ދާރާ 3 ފިއްލަވައިގެން ބާބިލަށް ވަޑައިގަތެވެ. ކޮންމެއަކަސް ޝާމުގެ މަގުން ވަޑައިގެން މިޞްރަށް 40000 މީހުންގެ މައްޗަށް އެކުލެވޭ ލަޝްކަރަކާއިގެން އަރާވަޑައިގަތެވެ. ފުރަތަމަ މަންފަށެވެ. އެއަށްފަހު ޤަމްބީޒު އެރި މަގުންނެވެ. އަދި އިސްކަންދަރު ރަސްގެފާނަށް ފަހުގައި ޢަމްރޫބިން ޢާޞް ލަޝްކަރާއިގެން އަރައިވަޑައިގަތީވެސް ހަމަ މިމަގުންނެވެ.

 އިސްކަންދަރު ރަސްގެފާނު އިސްކަންދަރިއްޔާ މެޑިޓޭރިއަން ކަޑުގެ އައްސޭރީގައި ބިނާކުރެއްވިއެވެ. އަދި އެއަށްފަހު މަންފަށް އަބުރާ
ވަޑައިގެން އެރަށުގައި މަޑުކުރެއްވުމަށްފަހު މީލާދުގެ 331 އަހަރުކުރިން މިޞްރުން ނުކުމެވަޑައިގަތެވެ. އެއީ ފުތޫޙާތު ކުރިއަށް ގެންދެވުމަށެވެ. ނަމަވެސް މީލާދުގެ 332 އަހަރު ކުރިން މެލޭރިޔާ ބަލީގެ ސަބަބުން އެރަސްގެފާނު ދުނިޔެ ދޫކުރެއްވިއެވެ.

 ގުރީކު މީހުންގެ ވެރިކަމަށް ފަހު ދެން މިޞްރުގެ މައްޗަށް ވެރިވީ ރޯމަނުންނެވެ. އެއީ މީލާދުގެ 31 އަހަރުކުރިން އޮގަސްޓަސް ރަސްގެފާނުގެ އަތްޕުޅުމަތީގައި އެންޓޯނިއޯސް ބަލިވި ހިސާބުންނެވެ. ގާތްގަޑަކަށް ހަތް ޤަރުނު ދުވަސް ރޯމަނުން މިޞްރުގެ މައްޗަށް ވެރިކަން ކުރިއެވެ.

 އިޤުތިޞާދީ ޙާލަތު: 

ރޯމަނުންގެ ވެރިކަމުގައި މިޞްރަކީ އެމީހުން ކިރު ފެލަން ގެންގުޅޭ ބަކަރިއެކެވެ. މިޞްރުގެ ރައްޔިތުންނަކީ އެމީހުންނަށް ބޮޑެތި ޓެކުސްތަކެއް ދައްކަން ޖެހިފައިވާ ބައެކެވެ. އަދި މިޞްރުގައި ދިރިއުޅެމުން ދިޔަ ޔަހޫދީންނާއި ގުރީކުންނަށް މިޞްރުގެ ރައްޔިތުންނަށް ލިއްބައި ނުދޭ އިމްތިޔާޒުތަކެއް ރޯމަނުން ފޯރުކޮށްދިނެވެ. އަދި މިޞްރު މީހުންނަށް ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުން މަނާކުރިއެވެ. އަދި އެފަދަ ކަމެއްކޮށްފި މީހާގެ އަދަބަކީ މަރު ކަމުގައި ކަޑައެޅިއެވެ. އަދި ރޯމަނުން މިޞްރު އިޤުތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ސުންނާފަތިކޮށް ހަލާކުކުރިއެވެ.

 ޔަހޫދީ މުއައްރިޚު ފިލޯން ލިޔެފައިވެއެވެ. " ޓެކުސް ނެގުމާ ޙަވާލުވެގެންތިބޭ އަނިޔާވެރިން، ޓެކުސް ދެއްކުމަށް ނުކުޅެދުންތެރިވާ މީހާގެ މަރުވެފައިވާ ހަށިގަނޑު އޭނާގެ އަހުލުވެރިންނާ ޙަވާލުކުރުމާ ދެކޮޅުހަދައެވެ. އަދި އެފައިސާ އަނބުރާ ދައްކަންދެން އޭނާގެ ހަށިގަނޑު އެމީހުން ހިފަހައްޓައެވެ. އެހެންކަމުން ލާރި ނުދެއްކުނު މައްޔިތާގެ ޢާއިލާއިން އޭނާގެ ހަށިގަނޑު ރައްކާކުރުމަށްޓަކައި އެފައިސާ އަދާކުރަން ޖެހެއެވެ. އަދި ފައިސާ ދިނުމަށް ނުކުޅެދުންތެރިވެގެން ފިލާ މީހާގެ މުޅި ޢާއިލާ، އޭނާގެ އަނބިންނާއި ދަރިން ހިމެނޭ ގޮތުގައި ޖަލުތަކަށް ގެންގޮސް، ޒާތް ޒާތުގެ އަދަބުތައް ދެއެވެ. އެއީ އެމީހާ ފެންނަންދެނެވެ.

 މީލާދުގެ 30 އަހަރުކުރިން ކިލިޔަޕޮޓުރާ އަމިއްލައަށް ދަންޖެހި މަރުވި ދުވަހުން ފެށިގެން ގޮސް ޢަމްރޫބިން ޢާޞްގެ ޤިޔާދަތުގައި މިޞްރު މީލާދީ ސަނަތުން 640-642 ވަނަ އަހަރުގައި ފަތަޙަވެއްޖައުމަށް ދާންދެން މިޞްރުގެ އިޤުތިޞާދީ ޙާލަތު އޮތީ މިހެންނެވެ.

 ދީނީ ޙާލަތު 

މަސީޙިއްޔަތު އެދީނުގެ ޅަފަތުގައި މިޞްރުގައި މަޑުމަޑުން ފެތުރެން ފަށައިފިއެވެ. އެއީ މީލާދީ ސަނަތުން ދެވަނަ ޤަރުނުން ފަށައިގެނެވެ. މީސްތަކުން އެދީނުން ރޫޙާނީ ކޮއްތެއް ލިބިގަތެވެ. އަދި ރޯމަނުންގެ އަނިޔާވެރިކަމާއި ޖައްބާރުކަމުގެ ކުރިމަތީގައި ތެދުވެ ތިބުމަށް ބާރެއްކަމުގައި މިޞްރުމީހުންނަށް މަސީޙިއްޔަތު ފެނުނެވެ.

 ކޮންމެއަކަސް ރޯމަނުންނަށް މަސީޙީ ދީނާ ކުރިމަތިލާން މަޖުބޫރުކުރުވީ މިޞްރުގެ މުހިއްމުކަން ދައުލަތުގައި އިތުރުވުމުންނެވެ. އަދި އެދީނަކީ ރޯމަން ދައުލަތުގެ ރަސްމީ ދީނާ ޚިލާފު ދީނެއްކަމުގައި ހިމެނުމަކީވެސް އެދީނާ ދެކޮޅަށް އަނިޔާވެރިކަމާއި ފިއްތުންތައް ބޭނުންކުރަން ރޯމަނުން ނިންމުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. އެހެންކަމުން މިޞްރުގެ މައްޗަށް ވެރިކަން އެއިރު ކުރަމުން އައި ރޯމަން ކޯމަންޑަރުންނަށް މަޖުބޫރުވަމުން ދިޔައީ ދުވަހަކަށްވުރެ ދުވަހެއް އަނިޔާވެރިކަން އިސްކުރުމަށެވެ. އެގޮތުން އެންމެ ބޮޑު އަނިޔާވެރިކަމެއް މިޞްރުގެ މަސީޙީންނަށް ކުރިމަތިވެގެން އައީ މީލާދީ ސަނަތުން 2 ވަނަ ޤަރުނުގައެވެ. ކަޑައެޅިގެން ދަންނަވަނީނަމަ، އެ ޤަރުނުގެ މެދުތެރޭގައެވެ. އެއީ ޑޭކިޔޯސް މުޅި ރޯމަން ދައުލަތުގައި މަސީޙިއްޔަތު އެއީ މަނާ ދީނެއްކަމުގައި ކަޑައަޅައި އެދީނަށް އުޅޭކަމަށް ތުހުމަތުކުރެވޭ މީހުން މަރަން ފެށި ހިސާބެވެ. އެހައިރުން ފެށިގެން މިޞްރު މީހުން މައިގަނޑު ގޮތެއްގައި ދެބަޔަކަށް ބެހިގެން ދިޔައެވެ. މިއަނިޔާވެރިކަމާއި ދަތިކުރުންތައް ތަޙައްމަލުކުރާ މަސީޙިއްޔަތުގެ މަތީގައި ސާބިތުވެ ތިބެން ނިންމި ބަޔަކާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ހަތިޔާރު ބަހައްޓާ ވަޡަނިއްޔަތު ފާޅުކުރި ބައެކެވެ.

 ޑެކުލަޑިޔާނޯސްގެ މީލާދީ ސަނަތުން 284ގައި ފެށި 305ގައި ނިމުނު ވެރިކަމުގައި އަނިޔާވެރިކަމާއި ފިއްތުންތައް އޭގެ އެންމެ މަތީ ފެންވަރަށް އެރިއެވެ. އެއީ މަސީޙީން އޭނާގެ އަމުރުތަކަށް ކިޔަމަންތެރިވެ އޭނާގެ ކަލާނގެ ތަކަށް ޤުރުބާން ހުށަހެޅުމަށް ދެކޮޅުހެދުމަށް ފަހުގައެވެ. އެއަށް ފަހު ދައުލަތުގައި ހިމެނޭ އެހެން މީހުންނަށް މިސާލަކަށް ވުމަށްޓަކައި އޭނާ މަސީޙީންނާ މެދުގައި ނުބައިވެގެން ޖަރީމާތައް ހިންގިއެވެ. އެއަނިޔާވެރިކަމުގެ ސަބަބުން އޭނާގެ ވެރިކަމުގެ ދުވަސްވަރަށް މަސީޙީން ޝަހީދުންގެ ޒަމާނުގެ ނަން ދިނެވެ. މިޞްރުގެ އަޤުބާޠުންގެ ތެރެއިން އެތައްހާސް ބަޔަކު މިދުވަސްވަރު އަނިޔާވެރިގޮތުގައި ޤަތުލުކޮށްލެވިފައިވެއެވެ. މިހާރުވެސް މިޞްރުގެ ޤިބުޠީ ކަނީސާއިން އެކަނީސާގެ ޤިބުޠީ އަހަރު ޖެހުން ނުވަތަ ކަލަންޑަރު ފަށަނީ މީލާދީ ސަނަތުން 284ވަނަ އަހަރުންނެވެ. އެއަހަރަކީ ޑެކުލަޑިޔާނޯސްގެ ވެރިކަން ފެށުނު އަހަރެވެ.

 އަލްމަޤުރީޒީ ވިދާޅުވާގޮތުގައި މި ޑެކުލަޑިޔާނޯސްއަކީ ވެރިކަމުގެ ޢާއިލާއަށް ނިސްބަތްނުވާ މީހެކެވެ. އެހެންކަމުން ވެރިކަން ލިބުމާއެކު ޖައްބާރުވެގަނެ އަނިޔާވެރިކަން އިސްކުރިއެވެ. ކިސްރާގެ ރަށްތަކާއި ބާބިލް އޭނާގެ ވެރިކަމުގެ ރަށްތަކުގެ ތެރޭގައި ހިމެނިގެންދިޔައެވެ. އަދި އޭނާގެ ވެރިކަމުގެ ތަޚުތު އަންޠާކިޔާގައި ބެހެއްޓިއެވެ. އޭނާއަކީ މިޞްރުގެ މައްޗަށް ވެރިކަންކުރި ރޯމަން ރަސްކަލުންގެ ތެރެއިން ބުދަށް އަޅުކަން ކުރި އެންމެ ފަހު ރަސްގެފާނެވެ. ކޮންމެއަކަސް އޭގެ އަހަރުތަކެއްފަހުން އިރުމަތީގެ ރޯމަން އެމަޕަޔަރގެ ވެރިރަށަކީ ބައިޒަންޠާކަމުގައި އެމްޕަރާ ކޮންސްޓެންޓައިން ކަޑައެޅުއްވިއެވެ. އަދި މީލާދީ ސަނަތުން 324ވަނަ އަހަރު އޭނާ ކުރިސްޓިއަން ދީން އިޚުތިޔާރުކުރެއްވިކަން އިޢުލާންކުރެއްވިއެވެ. އެޗްއެޑުރެސް ބެލް ބުނެފައިވެއެވެ. " އެމްޕަރާ މަސީޙީދީން އިޚުތިޔާރު ކުރުމަކީ ހުރިހާ ގޮތަކުން ރަނގަޅު ކަމެއްކަމުގައި ބެލޭކަށް ނެތެވެ. އެހެނީ އެޒަމާނުގައި އިންތިހާޒީން އެންމެ ބޮޑަށް ބޭނުންކުރާ ހަތިޔާރަކީ އައު ދީނަށް ވަނުންކަމުގައިވެގެން ދިޔައެވެ." އެހެންނަމަވެސް މަސީޙީންނަށް ކުރިމަތިވަމުން އައި އަނިޔާވެރިކަން ނިމުމަކަށް އައުމާ ގުޅިގެން 330މ އަހަރު އައި އިރު މިޞްރަކީ ފުރިހަމަ މާނައިގައި މަސީޙީ ދައުލަތެއްކަމުގައިވިއެވެ.

 މިޞްރު ފަތަޙަކުރެއްވުމުގެ ބައެއް ސަބަބުތައް 

މިޞްރު ފަތަޙަކުރުމަކީ ކުއްލިއަކަށް އެއްވެސް ރޭވުންތެރިކަމެއް ނެތި ހިގައި ދިޔަ ކަމެއްނޫނެވެ. މިޞްރުގެ ފަތަޙައަކީ އެކަމަށް މެދުވެރިވާން ޖެހޭ ސަބަބުތައް މެދުވެރިވެގެން ހިގައިދިޔަ ކަމެކެވެ. އަދި ހަމައެފަދައިން ކުރިއްސުރެ ރާވައި ދިރާސާތަކެއް ކުރެވިގެން ހިނގައިދިޔަކަމެކެވެ. މިގޮތައް މިކަން ހިނގުމުގައި ދީނީ އަދި ޢަސްކަރީ ސަބަބުތަކެއް މެދުވެރިވެފައި އެބަހުއްޓެވެ.

 ދީނީ ސަބަބު:

 ދީނީ ސަބަބުގެ ގޮތުގައި ފާހަގަކުރެވެނީ އިސްލާމީ އުންމަތުގެ ބޮލުގައި އެޅިފައިވާ ދަޢުވަތުގެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރުމެވެ. އަދި އުންމަތުގެ ކޮނޑުގައި އެޅިފައިވާ ބޮޑު ޒިންމާ ކަމުގައިވާ އިންސާނިއްޔަތު މަޚުލޫޤުންގެ އަޅުވެތިކަމުން ޚާލިޤުވަންތަ އިލާހުގެ އަޅުވެތިކަމަށް ނެރެ ޙަޤީޤީ މިނިވަންކަން ހޯދައިދިނުމުގެ ޒިންމާ އަދާކުރުމެވެ. މުސްލިމުންވަނީ މިޞްރުގެ ފަތަޙައިގެ މާކުރިން ސަލާމާއި ޞަލަވާތްލެއްވުނު ކައުއިތުރު ރަސޫލާގެ ޒަމާނުގައި މިޞްރަށް އިސްލާމީ ރިސާލަތު އިއްވާފައެވެ. އެއީ ކައުއިތުރު އެކަލޭގެފާނު އެއިރު މިޞްރުގެ މައްޗަށް ވެރިކަންކުރަމުން ދިޔަ މުޤައުޤިސް ރަސްގެފާނަށް ފޮނުއްވި ސިޓީފުޅުންނެވެ. އެފަހަރު މާތް ރަސޫލާގެ ފަތްކޮޅާއިގެން މިޞްރަށް ވަޑައިގެންނެވި ޙާޠިބު ބިން އަބީބަލްތަޢާ އަބޫބަކުރުގެފާނުގެ ޒަމާނުގައިވެސް އެފަދަ ފަތްކޮޅަކާއިގެން މިޞްރަށް ވަޑައިގަތެވެ. كعب بن عدي بن حنظلة التنوخي ނަމަކަށް ކިޔުނު ބޭކަލަކު ޢުމަރުގެފާނުގެ ޢަހުދުގައި އެކަލޭގެފާނުވެސް މިޞްރަށް ދަޢުވަތާއިގެން ފޮނުއްވިއެވެ. މި ތިންފަހަރުވެސް މަޤޫޤިސް ރަސްގެފާނުގެ ޖަވާބަކަށް ވެފައިވަނީ ހެޔޮ ރަނގަޅު ރައްދެކެވެ.

 ބައިޒެންޓޭނިއަން އެމްޕަޔަރ ނުވަތަ ރަސްކަމުގެ ބައެއްގެ ގޮތުގައި މިޞްރު އޮތް އޮތުމެއް ނިމުމެއް ގެންނަން އިސްލާމީ ޚިލާފަތުގެވެރިންނަށް މަޖުބޫރުވެވަޑައިގަންނެވިއެވެ. އެއީ ބައިޒެންޓޭނިއަނުން މިޞްރު މީހުންނާ އިސްލާމްދީނާ ދެމެދަށް ހުރަސްއަޅަމުން ދާތީއެވެ.

މުސްލިމުން މިޞްރު ފަތަޙަކުރަން ގަސްތުކުރިއިރު އިހުގެ ނަބީބޭކަލުންގެ ވާހަކަތައް ޤުރުއާނުގައި ބަޔާންވެފައިހުރި އެތައްތަނެއްގައި މިޞްރުގެ ވާހަކަތައްވެސް ބަޔާންވެފައި އެބަހުއްޓެވެ. އަދި އެފަދައިން މިޞްރު ފަތަޙަވާނެކަމާއި މިޞްރުގެ ޢަސްކަރީންގެ ހެޔޮކަމުގެ ވާހަކައިން ނަބިއްޔާ އެކަލޭގެފާނުގެ ޞަޙާބީންނަށް ހެޔޮ ޚަބަރު ދެއްވާފައިވެއެވެ. އަދި ހަމައެފަދައިން އެބިމުގެ އަހުލުވެރިންނާ މެދު ހެޔޮކޮށް ކަންތައް ކުރުމަށް މާތް ނަބިއްޔާ ވަނީ އެކަލޭގެފާނުގެ ޞަޙާބީންނަށް ވަރަށް ބޮޑަށް އިރުޝާދު ދެއްވާފައެވެ.

 ޢަސްކަރީ ސަބަބު:

 ޢަސްކަރީ އަދި ރޭވުންތެރިކަމުގެ ނަޒަރަކުން ބަލާއިރު މިޞްރުގެ ފަތަޙަ ނުހަނު ޠަބީޢީ ލާޒިމް ވަގުތެއްގައި ލާޒިމް ފަތަޙައެކެވެ. އެހެނީ މިޞްރަކީ ފަލަސްޠީނުގެ ބިމުގެ ދެކުނުން އޮންނަ އެންމެ ގާތް އަވައްޓެރިއާއެވެ. އަދި ހަމައެފަދައިން ފަލަސްޠީނަށް ނިސްބަތްވާ ދެކުނުގެ އެތަށް ރަށެއް މުސްލިމުން ފަތަޙަކުރުމަށްފަހު އަލުން އެރަށްތަކުގެ މައްޗަށް ބައިޒަންޓޭނިއަނުން ވަނީ ވެރިވެގެންފައެވެ. އެހެންކަމުން ފަލަސްޠީނުގެ ދެކުނުގައި އަތްގަދަކުރަމުން އަންނަ ބައިޒަންޓޭނިއަނުން ބޮޑު ބައްޔަކުން ބަލިކުރުމަކީ އެވަގުތު އިސްލާމީ ލަޝްކަރުގެ މައްޗަށް ލާޒިމުވެފައިވާ ކަމެކެވެ. އެއީ އެބަމީހުންގެ ބާރު ދެކުނުން ފުހެލުމަށެވެ.

 އަދި އެހެން ނަޒަރަކުން ބަލާއިރު ބައިތުލް މަޤުދިސްގެ ކޮމާންޑަރަކަށްހުރި އަރުޠަބޯން ވަނީ ރޭވުންތެރިކަމާއެކީ މިޞްރަށް ބަދަލުވެފައެވެ. އެއީ މިޞްރު އޭނާގެ މައި މަރުކަޒެއްގެ ގޮތުގައި ބޭނުންކޮށްގެން މުޤާވަމާ ނުވަތަ އިދިކޮޅު ޙަރަކާތް ކުރިއަށް ގެންދިއުމަށެވެ. ދެވަނަ ފަހަރަށް މުސްލިމުން ޝާމްކަރައިން ފައްސާލުމަށްޓަކައެވެ. އެހެންކަމުން މިބައިގަނޑު އަތުލައިގަނެ އެބައިމީހުންގެ ނުރައްކާތެރިކަން އުންމަތަށް ޖެހުމުގެ ކުރިން އެމީހުން ކިބައިން އުންމަތް ސަލާމަތްކުރުން އެއިރުވަނީ ލާޒިމުވެފައެވެ. އަދި ހަމައެފަދައިން މިޞްރުގައި ހުރި ކަނޑު އުޅަދުފަހަރުގެ މައްޗަށް ވެރިވެވުމަކީ ޝާމުކަރައިގެ ރަށްތަކުގެ ތެރެއިން އުތުރުގައި ހުރި މެޑިޓެރޭނިއަން ކަނޑުގެ އައްސޭރީގެ ރަށްތަކުގެ މައްޗަށް ވެރިވުމަށް ލިބޭ ފަސޭހައެއްކަމުގައިވާނެއެވެ. އެރަށްތަކުގެ މީހުންނަކީ އިސްލާމީ ފަތުޙަށް ފަހުގައިވެސް ޝާމުކަރާގައި މުސްލިމުންނާ ދެކޮޅަށް ނުހަނު ބޮޑަށް ހަނގުރާމަކުރަމުން އައި ބައެކެވެ. މިޞްރު ފަތަޙަކުރުމަކީ ޝާމްކަރައިގެ ފަތަޙަ ފުރިހަމަކުރުމަށްޓަކައި ކޮންމެހެންވެސް ރޭވުންތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅެކެވެ. އެހެނީ މަޣުރިބުގެ ރަށްތަކާއި ޝާމާއި މިޞްރުގެ މައްޗަށް އެއިރު ވެރިކަން ކުރަމުންއައީ ބައިޒަންޓޭނިއަން އެމްޕަރާއިންނެވެ. އެހެންކަމުން ބައިޒަންޓޭނިއަނުންގެ ނުފޫޒު މިސަރަޙައްދުގައި ކުޑަކުރުމަކީ އިސްލާމީ ފަތަޙަ ކާމިޔާބުކުރުމަށް އެޅުން އެންމެ ލާޒިމު ފިޔަވަޅެވެ. އަދި އިސްލާމީ ޚިލާފަތުގެ ގޯއްޗަށް ބައިޒަންޓޭނިއަނުންނަށް ޙަމަލާއެއް ދެވެން އޮތް ހަމައެކަނި މަގަކީ މިޞްރުގެ މަގެވެ. އެއީ ބަޙުރުލް އަޙުމަރު ހުރަސްކޮށް ޝިބުހު ޖަޒީރަލް ޢަރަބިއްޔާއަށް ޙަމަލާއެއް ދީގެންނެވެ. އެހެންކަމުން ޙިޖާޒުކަރަ ޙިމާޔަތްކުރުމަށްޓަކައި މިޞްރު ފަތަޙަކުރުން ލާޒިމުވެއެވެ.

 އަދި ހަމައެފަދައިން މިޞްރު ފަތަޙަކުރުން ލާޒިމުވާ ސަބަބުތެރެއިން އަނެއް ސަބަބަކީ ބައިޒަންޓޭނިއަނުން ޝާމުކަރަ އެބައިމީހުންގެ ބާރުގެ ދަށަށް ގެނައުމަށް މަސައްކަތްކުރުމެވެ. ކޮންމެއަކަސް އެބައިމީހުން ޝާމުގައި އޮތް މުސްލިމުންގެ ލަޝްކަރުތަކަށް ޝާމުގެ ދެކުނުންނާއި އުތުރުން ޙަމަލާ ދެމުންދިޔައެވެ. އެހެންކަމުން މުސްލިމުން ތިބީ އާސިޔައް ޞުޣުރާގައި ތިބި ބައިޒެންޓޭނިއަނުންގެ ލަޝްކަރުތަކާ މިޞްރުގައި ޤާއިމުވެ އޮތް ލަޝްކަރުތަކާ ދެމެދުގައި ފިތިފައިކަމަށް މުސްލިމުންނަށް އިޙުސާސުކުރެވުނެވެ. މިދެންނެވި ދެމަރުކަޒުކަމުގައިވާ އާސިޔައް ޞުޣުރާއާއި މިޞްރުގެ ޢަސްކަރީ ތަފާތު ނުހަނު ބޮޑެވެ. މިޞްރު ފަތަޙަކުރުމަކީ އެހާ އުދަގޫ ދަތިކަމެއްނޫނެވެ. އެހެނީ މިޞްރުގައި ޢަސްކަރީ ކިއްލާތަކާއި ބޮޑެތި ފޯޓުރެސްތައް ވަރަށް މަދެވެ. ހަމައެފަދައިން މިޞްރުގެ ލަޝްކަރުގެ ޢަދަދުވެސް އެހާ ބޮޑެއްނޫނެވެ. އެހެންކަމުން ބައިޒަންޓޭނިއަނުންނަށް ރޭވުންތެރިކަމުގެ ގޮތުން ބޮޑު ގެއްލުމެއްދެވި އިސްލާމީ ޚިލާފަތުގެ ކިއްލާއަށް ރައްކައުތެރިކަމުގެ ޔަޤީންކަމެއް މިޞްރު ފަތަޙަކުރުމުން ލިބިގެން އަންނާނެއެވެ.
(ނުނިމޭ)
ފަޟީލަތުއްޝައިޚް ޑރ. ޔޫސުފު އަލްޤަރަޟާވީ
ތަރުޖަމާ: އިބްރާހީމް ޢަބްދުﷲ

بسم الله، والحمد لله، والصلاة والسلام على رسول الله ، وبعد: ކީރިތި ޤުރްއާނަކީ މުސްލިމުންގެ ދުސްތޫރެވެ. މުސްލިމުންގެ މަގަށް އަލިކަންދޭ ނޫރެވެ. މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ އެ ޤުރްއާނުގައި ﷲ ތަޢާލާ ބާރުއަޅުއްވާފައިވާ ކަންކަމަށް އިސްކަން ދިނުމެވެ. އީމާން ކަމުގެ އަޞްލުތަކާއި، މަތިވެރި ޚުލްޤުތަކާއި، ރިވެތި މުޢާމަލާތާއި، އެނޫންވެސް އަޅުކަމުގެ އަޞްލުތަކާއި މުޢާމަލާތުތަކުގައި ވެސް އެންމެ ފުރަތަމަ ބަލަން ޖެހޭނީ ޤުރްއާނުގައި އިސްކަންދީފައިވަނީ ކޮންކަމަށް ތޯއެވެ.

فضيلة الشيخ الدكتور يوسف القرضاوي – حفظه الله تعالى - ވިދާޅުވެފައިވެއެވެ. އެހެން ހުރިހައި ކަމަކަށްވުރެ އިސްކަންދީ އެންމެބޮޑަށް ރިޢާޔަތް ކުރަން ޖެހޭކަންކަން ކަނޑައެޅުމުގައި އަހަރެމެން ރުޖޫޢަވާން ޖެހޭ މިންގަނޑަކީ ޤުރްއާނެވެ. އަހަރެމެން ކަމަކަށް އިސްކަންދީ ސަމާލުވާން ޖެހޭނީ ޤުރްއާނުގައި އެކަމަކަށް އިސްކަންދީފައިވާ މިންވަރަށެވެ. ޤުރްއާނުގެ މޫރިތި އާޔަތްތަކުގައި ތަކުރާވެ، އެ ޤުރްއާނުގައިވާ އިލާހީ އަމުރުފުޅުތަކާއި ނަހީތަކުގައި ބާރުއަޅުއްވާފައިވާ، އެކަމެއްގައި ވަޢުދުތަކެއް ނުވަތަ ވަޢީދު އައިސްފައިވާ ކަންކަމަކީ އެހެން ހުރިހައި ކަމަކަށްވުރެ އިސްކުރަން ޖެހޭނެ ކަންކަމެވެ. އަހަރެމެންގެ ފިކުރާއި، ސުލޫކާއި، ކަންކަން މިންކުރުމުގައި އެހެން ހުރިހައި ކަމަކަށްވުރެ ބޮޑަށް އެފަދަކަންކަމަށް އިސްކަން ދޭންވާނެއެވެ.

މިގޮތުން ( ކީރިތި ޤުރްއާނަށް ނަޒަރު ކުރާއިރު) އަހަރެމެން އެންމެ ބޮޑަށް އިސްކަން ދޭންޖެހޭ ކަންތައްތައްކަމުގައިވަނީ ﷲ تعالى އާއި، އެ އިލާހުގެ ނަބިއްޔުއްނާއި ރަސޫލުންނަށާއި، އާޚިރަތްދުވަހަށާއި، ސުވަރުގެ އާއި ނަރަކައިގެ ޘަވާބާއި ޢަޛާބަށް އީމާންވުމެވެ. އަޅުކަމާއި ދީނީ ޝިޢާރުތަކަށް ބަލާނަމަ، ނަމާދު ކުރުމާއި، ޒަކާތް ދިނުމާއި، ރޯދައާއި ޙައްޖާއި، ﷲ ހަނދުމަކުރުމުގެ ގޮތުން ތަސްބީޙު ކިޔުމާއި، އެކަލާނގެއަށް ޙަމްދުކުރުމާއި، ތައުބާވެ ފާފަތައް ފުއްސެވުމަށް އެދުމާއި، ﷲ އަށް ވަކީލު ކުރުމާއި، އެ އިލާހުގެ ރަޙްމަތަށް އުއްމީދު ކުރުމާއި، ޢަޛާބަށް ބިރުވެތިވުމާއި، ނިޢުމަތްތަކަށް ޝުކުރުވެރިވުމާއި މުޞީބާތްތަކާއި ބަލާތަކަށް ކެތްތެރިވުމަކީ އެންމެ އިސްކަމެއް ދޭންޖެހޭ ކަންކަމެވެ. މަތިވެރި އަޚްލާޤާއި ރީތި ސިފަތަކުގެ ތެރެއިން ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ޢިއްފަތްތެރިކަމާއި، ލަދުވެތިކަމާއި، ހިތްތިރިކަމާއި، ދީލަތިކަމާއި، މުއުމިނުންގެ މައްޗަށް ހަރުކަށި ނުވުމާއި ކާފިރުންގެ ކުރިމަތީ ނިކަމެތި ނުވުމާއި، ނިކަމެތީންނަށް އޯގާތެރިވުމާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި، އަވަށްޓެރިންނަށް ކަމޭހިތުމާއި، ފަޤީރު މިސްކީނުންނާއި ޔަތީމުންނާއި ދަތުރުވެރިންނަށް އެހީތެރިވުމަކީ އެންމެ ހެޔޮ ސިފަތަކެވެ. އިސްވެބުނެވުނު ހުރިހައި ކަމަކީ ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި އެކަންކަމުގެ މައްޗަށް އިލާހީ އިރުޝާދުތައް އައިސްފައިވާ ކަންކަމެވެ.

ކީރިތި ޤުރުއާނުގައި އެކަމަކަށް އަހައްމިއްޔަތުކަން ދީފައިވާ މިންވަރަށްވުރެ ބޮޑަށް އެއްވެސް ކަމަކަށް އަހަރެމެންގެ އަމިއްލަ ނަފުސުތަކުން އެކަން ބޮޑުކޮށްގެން ނުވާނެއެވެ. މިސާލެއްގެ ގޮތުން އިސްރާ ގެ ހާދިސާ އަށް ވިސްނަމާތޯއެވެ. ކީރިތި ޤުރްއާނުގައި އެކަމުގެ ވާހަކަ އައިސްފައިވަނީ އެންމެ އާޔަތެކެވެ.( ކީރިތި ޤުރްއާނުގެ އެންމެ އާޔަތެއްގައިވެސް ވަކިކަމެއްގެ މައްޗަށް އިޝާރާތްކުރެވިފައިވާނަމަ އެކަމުން ދޭހަވަނީ އެކަމެއްގެ މުހިއްމުކަމެވެ) މިއާއި ޚިލާފަށް މުސްލިމުން ދީނުގެ ދިފާޢުގައި ކުރި ހަނގުރާމަތަކުގެ ވާހަކަ އެތައް ސޫރަތެއްގެ އެތައް އާޔަތެއްގައި ވާރިދުވެފައި ވެއެވެ. (މިކަމުން އަހަރެމެންނަށް އެނގެންޖެހޭ އެއްޗަކީ ދީނުގެ މަގުގައި ޖިހާދު ކުރުމާއި ހަނގުރާމައިގެ ޙުކުމްތައް ދެނެގަތުމަކީ އިސްރާ ގެ ޙާދިސާއަށްވުރެ މުސްލިމުން ދެނެގަތުން މުހިއްމު ކަންތައްތަކެއް ކަމެވެ) މިދެކަމާއި ޚިލާފަށް ކީރިތި ނަބިއްޔުގެ ޢީދު މީލާދަކީ ޤުރްއާނުގައި އެކަމާއި ގުޅޭގޮތުން އެއްވެސް އާޔަތެއް ވާރިދުވެފައިވާ ހާދިސާއެއް ނޫނެވެ. އެކަމަކީ ސަލާމް ލެއްވި ޢީސާގެ ފާނު އުފަންވުންފަދަ މުޢުޖިޒާތެއް ނޫނެވެ. އެކަމުން ދޭހަވާ އެއްޗަކީ އެ ހާދިސާއަކީ އެކަމާއި ގުޅުވައިގެން މުސްލިމުންގެ ދިރިއުޅުމުގައި ކަންތައްތަކެއް ކުރަންޖެހޭ ހާދިސާއެއް ނޫންކަމެވެ. އެކަމާއި ގުޅުވައިގެން މުސްލިމުންގެ މައްޗަށް ވާޖިބު ނުވަތަ ސުއްނަތް ވެފައިވާ އަޅުކަމެއް ނެތެވެ.
އިސްވެ ބުނެވުނު މިންގަނޑަކީ އަހަރެމެން އޮޅުވާލައިގެން ވާނެ މިންގަނޑެއް ނޫނެވެ. އެހެނީ ކީރިތި ޤުރްއާނަކީ މި މިއްލަތު ނަގަހައްޓާ ތަނބެވެ. ދީނުގެ އަސްލެވެ. އިސްލާމްދީނުގެ ޙުކުމްތަކުގެ މަޞްދަރެވެ. މި މަޞްދަރާއި ވިދިގެން އަންނަނީ މާތް ނަބިއްޔު ގެ ސުއްނަތެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (إنَّ هذا القُرْآنَ يَهْدِي للتِي هِيَ أَقْوَمُ) (الإسراء: 9) " ހަމަކަށަވަރުން މި ޤުރްއާން އެންމެ ސީދާ މަގަށް މަގު ދައްކައެވެ" އެހެން އާޔަތެއްގައި ވެއެވެ. (قَدْ جاءَكم مِنَ اللهِ نورٌ وكتابٌ مبينٌ. يَهدِي به اللهُ مَنِ اتَّبَعَ رِضْوَانَه سُبُلَ السلامِ ويُخْرِجُهُم مِّنَ الظلماتِ إلى النورِ بإذنِه ويَهدِيهم إلى صِرَاطٍ مستقيمٍ) (المائدة: 15ـ16) " ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުން ނޫރަކާއި، ބަޔާން ވެގެންވާ ފޮތެއް ތިޔަބައިމީހުންގެ ގާތަށް އަތުވެއްގެއެވެ. ﷲ، އެކަލާނގެ ރުއްސަވާ މަގަށް ތަބާވީމީހަކަށް ސަލާމަތުގެ މަގުތައް އެފޮތުން ދައްކުވައެވެ. އަދި އެކަލާނގެ އިޛްނަފުޅާއި އެކު އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް އެބައިމީހުން ނެރުއްވައި، އަދި ސީދާވެގެންވާ ތެދުމަގަށް އެބައިމީހުނަށް މަގުދައްތަކެވެ" އަދި النحل ސޫރަތުގެ 89 ވަނަ އާޔަތުގައި ވަނީ (ونزَّلْنا عليكَ الكتابَ تِبْيَانًا لِكُلِّ شَيْءٍ وَهُدًى وَرَحْمَةً وَبُشْرَى للمُسْلِمِينَ) "އަދި ކޮންމެކަމެއް ބަޔާންކޮށްދެއްވާގޮތުގައި، އަދި ހިދާޔަތެއް ކަމުގައި، އަދި ރަޙްމަތެއްކަމުގައި، އަދި މުއުމިނުންނަށް އުފާވެރި ޚަބަރެއްކަމުގައި ތިމަން ﷲ ކަލޭގެ ފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ"

މިއާޔަތްތަކުން އެނގޭ ގޮތުގައި ކީރިތި ޤުރްއާނުގައިވަނީ ހުރިހައިކަމެއްގެ އަސްލުތައް ބަޔާން ކުރައްވާފައެވެ. އެއީ ހަރުދަނާ ވަރުގަދަ އަސާސެއްގެ މަތީ މިދީން ޤާއިމު ވުމަށެވެ. މުސްލިމުންގެ ޙަޔާތުގެ ހުރިހައިކަމެއްގެ މައިގަނޑު އުސޫލުތައް ކީރިތި ޤުރްއާނުން އެނގެން އޮންނާނެއެވެ. ސީދާ ގޮތުންނާއި، ވިސްނައިގެން ހޯދޭނެ ގޮތުގައެވެ. މުސްލިމުންގެ ފުރަތަމަ ޚަލީފާގެ ބަސްފުޅެއްގައި ވާފަދައިންނެވެ. " ޖަމަލު ބަންނަ ވާގަނޑު ތިމަންނަގެ އަތުން ގެއްލުނު ކަމުގައި ވިއަސް (އެކަމުގައި ޢަމަލުކުރަންވީގޮތް) ކީރިތި ޤުރްއާނުން ފެންނާނެއެވެ." و الله أعلم
އަސްލު ލިޔުއްވީ: ފަޟީލަތުއްޝައިޚް މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން (ރަޙިމަހު ﷲ)
ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު
ދެވަނަ ސަބަބު: ކަމެއްގެ ޙުކުމާއި މެދު އައިސްފައިވާ ދަލީލު ލިބިވަޑައިގަތަސް ދަލީލު ގެނެސްދިން ފަރާތަށް އިތުބާރުނުކުރެވުމާއި އަދި އެ ދަލީލު އެއަށްވުރެ ވަރުގަދަ ދަލީލަކާއި ފުށުއަރާކަމުގައި ދެކެވަޑައިގަތުން:

މި ސަބަބު ގެ މިސާލަކަށް ވެސް އަހަރެމެން ގެންނާނީ ޞަޙާބީންގެ ތެރޭގައި ހިނގާފައިވާ ހާދިސާއެކެވެ. ފާޠިމާ ބިންތު ޤައިސް ރަޟިޔަ ﷲ ޢަންހާ ގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާގެ ފިރިކަލުން ތިންވަނަ ފަހަރަށް އެކަމަނާ ވަރިކުރެއްވުމުން ޢިއްދާގައި އިންނަވަނިކޮށް ފިރިކަލުން އޭނާގެ ވަކީލުގެ އަތަށް ދެއްވައިފައި އެކަމަނާގެ ނަފަގާތް (1) ފޮނުއްވެވިއެވެ. ނަމަވެސް އެކަމަނާ އެޔާއި ހިތްޕުޅާ ހަމަ ނުކުރައްވާ އަދި އެ ހިއްޕެވުމާއި ވެސް ދެކޮޅު ހެއްދެވިއެވެ. ދެން މި މައްސަލަ މާތް ނަބިއްޔާގެ އަރިއަހަށް އުފުލިއްޖެއެވެ. އެހިނދު އެކަލޭގެފާނު ބަޔާންކޮށްދެއްވީ (މިހާލަތުގައި) ފިރިމީހާގެ ފަރާތުން އެކަމަނާއަށް ނަފަގާތެއް ވެސް އަދި އިންނާނެ ތަނެއް ވެސް ދިނުން ލާޒިމުވެގެން ނުވާ ކަމުގައެވެ. (2) އެހެނީ އެކަމަނާ އިންނެވީ ތިން ފަށްވެފައެވެ. ތިންފަށްވެފައިވާ އަންހެނާގެ ޢިއްދާގެ ދުވަސްވަރުގައި އެކަމަނާ ރުޖޫޢަކުރުމުގެ ޙައްޤެއް ފިރިމީހާއަކަށް ނޯންނާނެއެވެ. ވަރިކުރެވިފައިވާ އަނބިމީހާއަށް ޢިއްދާގެ ދުވަސްވަރުގައި ނަފަގާތްދިނުން ފިރިމީހާއަށް ވާޖިބުވަނީ ރުޖޫޢަކުރެވޭ ފަދަ ވަރިއަކުން ވަރިކުރެވިފައިވާ ހާލަތުގައެވެ. މާބަނޑުވެފައިވާ ހާލަތް ފިޔަވައެވެ. އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ މި ބަސްފުޅަށްޓަކައެވެ. 
{وَإِن كُنَّ أُوْلَـتِ حَمْلٍ فَأَنفِقُواْ عَلَيْهِنَّ حَتَّى يَضَعْنَ حَمْلَهُنَّ} (3)

މާނަ: އަދި (ވަރިކުރެވުނު އަނބީން) މާބަނޑުކަމުގައި ވާ ނަމަ ފަހެ އެކަނބަލުންގެ ބަނޑުގައިވާ ދަރީން ވިހައިފުމަށް ދާންދެން އެކަނބަލުންނަށް ނަފަގާތްދޭށެވެ.
އިސްވެ ބަޔާންކުރެވުނު ފާޠިމާ ބިންތު ޤައިސް ރިވާކުރެއްވި ޙަދީޘް ޢުމަރުގެފާނަށް ދެންނެވުނު ހިނދު އެކަލޭގެފާނު އެޙަދީޘް ރައްދުކުރެއްވިއެވެ. އެހާދިސާ ހިނގައި ދިޔަ ގޮތް އެކަމަނާއަށް ހަނދުމަފުޅުނެތުމުގެ އިޙްތިމާލު (4) އޮތްކަމުގައި ބައްލަވާފައެވެ. އަދި ތިންފަށްވެފައިވާ އަންހެން ކަނބަލުންނަށް ވެސް އެކަނބަލުންގެ ޢިއްދާގެ ދުވަސްވަރުގައި ވެސް ނަފަގާތްދިނުން ފިރީންގެ މައްޗަށް ލާޒިމުކަމުގައި ދެކެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވީ އެކަންތައް ހިނގައިދިޔަ ގޮތް އެކަމަނާ ރަނގަޅަށް ހަނދާންހުރި ކަމެއް ނުވަތަ ނެތްކަމެއް އަހަރެމެންނަށް ޔަޤީން ނުވާއިރު އެކަމަނާގެ ބަހަށްޓަކައި އަހަރެމެންގެ ވެރިރަސްކަލާނގެ ބަސްފުޅު ދޫކޮށްލާނީ ކިހިނަކުންހެއްޔެވެ؟ އެބަހީ އެކަމަނާގެ ބަހަށް ރިޢާޔަތްކޮށް ﷲ ތަޢާލާގެ ވަޙީބަސްފުޅު ތަފްސީރު ކުރެވެން ނެތް ވާހަކައެވެ. (5)

މާނައަކީ ޢުމަރު ރަޟިޔަ ﷲ ޢަންހު އެ ދަލީލު ރިވާވި ގޮތާ މެދު ހިތްޕުޅާ ވެނުލެއްވީއެވެ. އެކަލޭގެފާނު ފިޔަވައި އެހެން ޞަޙާބީންނަށާއި އަދި ތާބިޢީންނަށް ވެސް، ބައެއް ދަލީލުތައް ރިވާވެފައިވާ ގޮތާ ހިތްޕުޅާ ހަމަ ނުވެވުމުގެ މައްސަލަ ދިމާވި ފަދައިން އޭގެ ފަހުން އައި މީހުންނަށް ވެސް އެ މައްސަލަ ދިމާވިއެވެ. ހަމަ މިފަދައިން އަހަރެމެންގެ މިޒަމާނާ ހަމައަށް ވެސް މިކަން މިހެން ހިނގާފައިވެއެވެ. ކިއެއްހެއްޔެވެ؟ ޤިޔާމަތާ ޖެހެންދެން ވެސް މިކަން ހިނގާނީ މި އުސޫލުންނެވެ. ބައެއް ޢިލްމުވެރިން އެބޭކަލުންނަށް ސައްހަކަމުގައި ދެކެވަޑައިގެން ޙުކުމް ނަންގަވާ ޙަދީޘްފުޅުތައް އަނެއްބައި ޢިލްމުވެރިންނަން ބަލިކަށިކަމުގައި ދެކެވަޑައިގެންނެވޭތީ ދޫކޮށްލައްވާތަން ޢިލްމުވެރިންގެ ބަސްފުޅުތަކުން އަހަރެމެންނަށް ފެންނަނީ ކިހާ ވަރަކަށްހެއްޔެވެ؟ ރިވާވެގެން އައި ގޮތާއި މެދު އިތުބާރުނުކުރެއްވިގެންނެވެ.



މި ފޮތުގެ ކުރީގެ ބައިތައް:

އިޚްތިލާފް ވުމުގެ ސަބަބުތައް (1) ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުމުގެ ސަބަބުތަކާއި އެކަމުގައި އަހަރެމެން ދެކޭގޮތް

_______________________________________

(1) ނަފަގާތް: ލާޒިމްވެގެން ދޭންޖެހޭ ޚަރަދު، އިސްލާމީ ޝަރީޢަތުގައި އަނބި ދަރީންނަށް ޚަރަދުކުރުމަކީ ފިރިމީހާގެ މައްޗަށް ލާޒިމުކަމެކެވެ.
(2) مسلم
(3) سورة الطلاق الآية (6)
(4) އިޙްތިމާލު: ކަމެއް ވެދާނޭ ކަމުގެ ފުރުސަތު
(5) މާތްރަސްކަލާނގެ ވަޙީބަސްފުޅުގައި ވަނީ ޢިއްދާގައި އިންނަ އަންހެނާއަށް ނަފަގާތްދިނުމަށެވެ. އާޔަތުގެ ބޭރުފުށަށް ބަލާއިރު ވަކި ވައްތަރެއްގެ ވަރިއަކުން ވަރިވެފައިވާ އަންހެނެއް ކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް އެކަމަނާ އެ ރިވާކުރެއްވި ޙަދީޘަށް ރިޢާޔަތްކޮށް އެ އާޔަތް ތަފްސީރުކުރާއިރުގައި ނަފަގާތް ދޭންޖެހޭނީ ރުޖޫޢަކުރެވޭ ފަދަ ވަރިއަކުން ވަރިކުރެވިފައިވާ އަންހެނާ ޢިއްދާގައި އިންނައިރުގައި އެކަނިކަން ދޭހަވެއެވެ.

قال شيخ الإسلام مجدد عصره ابن تيمية رحمه الله: (الناس لم يتنازعوا في أن عاقبة الظلم وخيمة، وعاقبة العدل كريمة، ولهذا يُروى: الله ينصر الدولة العادلة وان كانت كافرة، ولا ينصر الدولة الظالمة وان كانت مؤمنة) مجموع الفتاوى 28/61-62.



އެކަލޭގެފާނުގެ ޒަމާނުގެ މުޖައްދިދު، ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ (މާތްﷲ އެކަލޭގެފާނަށް ރަޙުމަތްލައްވާށި) ވިދާޅުވެފައިވެއެވެ. "އަނިޔާވެރިކަމުގެ ނިމުމަކީ ނިކަމެތިކަންކަމާމެދު އަދި ޢަދުލުވެރިކަމުގެ ފަހު ނަތީޖާ މާތްވާނެކަމާމެދު މީސްތަކުން ދެބަހެއް ނުވެއެވެ. މިސަބަބަށްޓަކައި މީހުން ތެރޭގައި ބުނެވެއެވެ. ކާފިރެއްކަމަކު މާތްﷲ ޢަދުލުވެރި ދައުލަތަށް ނަޞްރުދެއްވައެވެ. އަދި މުއުމިން ދައުލަތެއްކަމުގައިވިޔަސް އަނިޔާވެރިނަމަ، ނަޞްރު ނުދެއްވަތެވެ.)

ލިޔުއްވީ: د.طه جابر علواني

ތަރުޖަމާ: ޝިފްޒާން އަޙްމަދު


ޢަދުލުވެރިކަން ނުވަތަ ޢަދާލަތަކީ މާތްވި ޤުރުއާނު ގެނެސްދެން މަތިވެރި އިސްލާމީ މަފްހޫމުތަކުގެ ތެރެއިން މަތިވެރި މަފުހޫމެކެވެ. އިސްލާމްދީނުގެ މަތިވެރި އަގުތަކުގެ ތެރެއިން އެންމެ މަތިވެރި އަގުކުރުންކަމުގައިވަނީ ޢަދުލުވެރިކަމެވެ. އަދި ޝަރީޢަތުގެ މަޤުޞަދުތަކުގެ ތެރެއިން އެންމެ ފާޅުކަން ބޮޑު މަޤުޞަދަކީވެސް އެއީއެވެ. ޤުރުއާނުގެ އެންމެ މަތިވެރި އަސާސީ ތިން އަގުކުރުމަކީ ތައުޙީދާއި ތަޒްކިޔާ (ނަފްސުގެ ޠާހިރުކަން) އާއި ދުނިޔެ ބިނާކުރުން ކަމުގައިވަނީނަމަ، މިތިން އަގުކުރުމުން ނެގޭ ނުވަތަ އުފަންވާ އެންމެ ފާޅުކަން ބޮޑު ޝަރުޢީ މަޤުޞަދަކީ ޢަދުލުވެރިކަމެވެ. އެއްކައުވަންތަކުރާ މީހާގެ އެއްކައުވަންތަކުރުން ފުރިހަމަވާނީ ޢަދުލުވެރިކަމުގެ ޞިފަ އޭނާގެ ކިބާގައި ހުރެގެނެވެ. އަދި ނަފްސުގެ ޠަހާރަތު ޢަދުލުވެރިކަމުގެ ޞިފަނެތި ފުރިހަމަ ނުވާނެއެވެ. އަދި ޢަދުލުވެރިކަމާ ނުލައި މިބިން ތަރައްޤީކޮށް ބިނާކުރުމަކީ ނޭކަށޭނެކަމެކެވެ. މިސަބަބަށްޓަކައި އުންމަތުގެ ޢިލްމުވެރިންނާއި މުފައްކިރުން ޢަދުލުވެރިކަމަކީ ވެރިކަމުގެ އަސާސްކަމުގައި ކަނޑައެޅުއްވިއެވެ. އަދި އެންމެ މަތީ ދަރަޖައިގެ ޝަރުޢީ މަޤުޞަދެއްކަމުގައި ކަނޑައެޅުއްވިއެވެ. އެހެނީ ދަރަޖައިގެ ގޮތުން މިނިވަންކިޔަވައި އެއްވެސް މަޤުޞަދެއް ޢަދުލުވެރިކަމާ ވާދަނުކުރެއެވެ. އަދި އަޅުގަނޑުގެ ނަޒަރުގައި ޢަދުލުވެރިކަމާއި މިނިވަންކަންވަނީ ގުޅި ލާމެހިފައެވެ. އެއިން އެއްކަންތައް އަނެއްކަންތަކާ ވަކިނުކުރެވޭނެއެވެ. މިނިވަންކަމާ ނުލައި ޢަދުލުވެރިކަމެއް ޤާއިމްނުވާނެއެވެ. އަދި ޢަދުލުވެރިކަމުގެ ރައްކާތެރިކަން ނެތްނަމަ، މިނިވަންކަމަކީ ޙަޤީޤީ މިނިވަންކަމެއްކަމުގައި ނުވާނެއެވެ.

ކީރިތި ޤުރުއާންވަނީ ޢަދުލުވެރިކަމަށް ބާރު އަޅުއްވާފައެވެ. އަދި އެތައް އާޔަތެއްގައި ޢަދުލުވެރިވުމަށް އަމުރުކުރައްވާފައިވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. ﴿إِنَّ اللّهَ يَأْمُرُ بِالْعَدْلِ وَالإِحْسَانِ﴾(النحل:90) މާނައީ: ހަމަކަށަވަރުން، عدل ވެރިވުމަށާއި، إحسان ތެރިވުމަށް މާތް اللَّه އަމުރުކުރައްވަތެވެ. މިނިވަންކަން ލިބުމާއި އެމިނިވަންކަމާ މުޢާމަލާތްކުރުން ލާޒިމުވާ ބީދައިން ޢަދުލުވެރިވުން މުޢާމަލާތާއި ޖަޒާ ކަނޑައެޅުމުގައި ހަމަހަމަކުރުން ލާޒިމުކުރެއެވެ. އިޙުސާސްތަކާއި ޝުޢޫރުތަކުން އަސަރު ނުފޯރާ އިމެއްނެތް އަގުކުރުމެއްކަމުގައި ޢަދުލުވެރިކަން ކަނޑައެޅުމަށް އިސްލާމީ ޝަރީޢަތް އަމުރުކުރެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَلاَ يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَى أَلاَّ تَعْدِلُواْ اعْدِلُواْ هُوَ أَقْرَبُ لِلتَّقْوَى﴾(المائدة:8) މާނައީ: އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން عدل ވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން عدل ވެރިވާށެވެ! އެގޮތް تقوى ވެރިކަމާ ގާތްކަން ބޮޑެވެ. ސަލާމާއި ޞަލަވާތްލެއްވުނު ރަސޫލުﷲ އަކީ އެކަލޭގެފާނުގެ ހުރިހައި ޢަމަލެއްގައި މުޠުލަޤު ޢަދުލުވެރިކަން ޤާއިމުކުރެއްވައި ތަންފީޛުކުރެއްވި ބޭކަލެކެވެ. އެއީ އެކަލޭގެފާނުގެ ކިބައިން މަޝްހޫރު، ޝަޚުޞީ ޞިފަފުޅެއްކަމުގައި ހިމެނުން ލާޒިމުވާ މިންވަރަށް އެޞިފައިގައި އެކަލޭގެފާނު ހިފެހެއްޓެވިއެވެ. އަދި އެކަލޭގެފާނުގެ ޞަޙާބީން އެޞިފަ ލިބިވަޑައިގަނެގެން އެކަލޭގެފާނާ އެއްގޮތްވެވަޑައިގަތެވެ. އެކަމުގެ ސަބަބުން ޢަދުލުވެރިކަމުގެ ހުރިހާ ދާއިރާއެއްގައި އެޞިފަ ތަންފީޒުކުރެއްވުމުގައި މިސާލުތަކެއް ކަމުގައި އެބޭކަލުން ހިމެނިވަޑައިގަތެވެ. އަދި ޢަދުލުވެރިކަމުގެ ސަބަބުން މިއުންމަތަށް ހެޔޮކަމާއި މެދުމިންކަމުގެ މަތިވެރި ޞިފަ ޙައްޤުވިއެވެ. އަދި މީސްތަކުންގެ މައްޗަށް ހެކިވެރިވުމުގެ މަޤާމް ލިބުނެވެ. އެހެނީ އެބޭކަލުންގެ ކިބައިގައި ޢަދުލުވެރިކަން ފުރިހަމަވުމުގެ ސަބަބުން އެހުރިހާ ޞިފަތަކަކަށް އެކަށީގެންވާ ބޭކަލުންކަމުގައިވިއެވެ. މާނައަކީ ހެޔޮކަމާއި މެދުމިންކަމަކީ އެބޭކަލުންނަށް ލިބިވަޑައިގަތް ޞިފަފުޅުތަކެއްގެ އިތުރުން އެއީ އެބޭކަލުންގެ ލިބާހެވެ. އަދި ޢަދުލުވެރިކަމުގެ މިސާލު ޖެހުމުގައި އެބޭކަލުންގެ ނަންފުޅުތައް ބޭނުންކުރެވެން ފެށިއެވެ. ޚުލަފާއުއް ރާޝިދުންގެ ޒަމާނުގައި އެބޭކަލުންގެ ސިޔާސަތުތައް ބިނާކުރެއްވީ ޢަދުލުގެ އަސާސްގެ މަތީގައެވެ. އަދި އެބޭކަލުންގެ ޝަރުޢީ ނިޒާމް (ޖުޑީޝަރީ)ވެސް ބިނާވެގެން އައީ ޢަދުލުގެ މަތީގައެވެ. އެބޭކަލުންގެ ޢަދުލުވެރިކަމުގެ ސަބަބުން ޢަދުލުވެރިކަމަކީ ، މުޖުތަމަޢުގެ ކުރިމަގަށް އަޅާ ފިޔަވަޅުތައް ހަރުދަނާކޮށްދީ، އެމުޖުތަމަޢުގެ ކުރިއެރުމަށް އެހީތެރިވެ، އަދި އިޖުތިމާޢީ ވެށި ތާހިރުކޮށްދޭ، މުޖުތަމަޢުގެ ރޫޙު ކަމުގައިވިއެވެ. އެކުވެރިވުމާއި އެކަތިގަނޑެއްކަމުގައި ވުމަށް ބޭނުން އެންމެހައި ވަސީލަތެއް ޢަދުލުވެރިކަން ފޯރުކޮށްދިނެވެ. ހަމަޖެހުމާއި ރައްކާތެރިކަމާއި ބާރުވެރިކަމުގެ މަގުތައް ކޮށައިދިނެވެ.

މާތްﷲ އިންސާނުންގެ މުހިއްމު ޟަރޫރަތްތައް ރައްކާތެރިކޮށްދެއްވީ ޢަދުލުވެރިކަން މެދުވެރިކުރައްވައިގެނެވެ. އިންސާނީ ޟަރޫރަތްތަކުގެ އެންމެ މަތިވެރި ޟަރޫރަތްތަކަކީ ފަސް ޟަރޫރަތުގެ ގޮތުގައި މަޝްހޫރުވެފައިވާ ފަސްކަމެވެ. ފުރާނައާއި މުދަލާއި ނަފްސުގެ ކަރާމާތް ނުވަތަ އަނބުރާއި ބުއްދިއެވެ. (މުތަރުޖިމް: ބައެއް ޢިލްމުވެރިން ނަފްސުގެ ކަރާމާތުގެ ބަދަލުގައި މިފަސްކަމުގެ ތެރޭގައި ހިމަނުއްވަނީ ނަސްލެވެ.) އިންސާނުންގެ ބޭނުންތައް ނުވަތަ އެމީހުންނަށް ދަތިކަމާ ތުރާ އެކަންކަން ޙާޞިލުނުވުމުން ޖެހޭ ކަންކަން ވެސް ފަހިކޮށްދެއްވީ ޢަދުލުވެރިކަން މެދުވެރިކުރައްވައިގެނެވެ. އަދި އެމީހުންގެ ކަންކަން އިތުރަށް ފުރިހަމަކޮށްދޭ ކަންކަން ޢަދުލުވެރިކަމުގެ ސަބަބުން ރައްކާތެރިކޮށްދެއްވިއެވެ. މުސްލިމް އިންސާނާގެ ޝަޚުޞިއްޔަތުގެ ބައެއްކަމުގައި ޢަދުލުވެރިކަން ހިމެނުނެވެ. އެއީ އޭނާގެ ބުއްދީގައި އަބަދުމެ ދައުރުވާ އޭނާގެ ދިރިއުޅުމުގައި ތަންފީޒުކުރެވޭ ކަމެއްކަމުގައި ހިމެނުނެވެ. އޭނާގެ އަދަބުވެރިކަމާއި ފަންނީ ހުނަރުވެރިކަމާއި މުއައްސަސާތައް ބިނާކުރުމުގައި ޢަދުލުވެރިކަން ހިމެނިއެވެ. އަދި ޢަދުލުވެރިކަމަކީ އޭނާގެ އެންމެހައި މުޢާމަލާތްތަކަކާއި ގުޅުންތަކެއް ބައްޓަންކުރާ މިންގަނޑުކަމުގައިވެއެވެ.

މިއަދު މުސްލިމުންނާއި އިސްލާމްދީނުގެ ގުޅުން މިވަނީ ބަލިވެފައެވެ. އަދި އެބައިމީހުންގެ ދިރިއުޅުމުގެ ޙަރަކާތްތަކުގެ މައްޗަށް ބާރު ފޯރުވައި، އެބައިމީހުންގެ މަސައްކަތްތަކުގައި މަގުދައްކަނީ އިސްލާމް ދީންކަމުގައި މިއަދު ނުވެއެވެ. އެހެންކަމުން އަގުކުރުންތައް އެބައިމީހުން ކިބައިން ނެތި ހިގައްޖެއެވެ. އަދި އެއަގުކުރުންތަކުގެ އަސަރުވަނީ ކުޑަވެފައެވެ. އަދި އެއަގުކުރުންތަކުގައި ހިފަހައްޓާ މީހުން މަދުވެއްޖެއެވެ. އެކަމުގެ ސަބަބުން އެބައިމީހުންގެ މައްޗަށް އެހެން އުންމަތްތައް ކުރި ހޯދައިފިއެވެ. އެއީ ތައުޙީދު ޤަބޫލުނުކުރާ ދައުލަތްތަކެއް ކަމުގައިވެސް ވެދާނެއެވެ. އެހެންނަމަވެސް އެމީހުންގެ ބުއްދީގެ އެހީގައި އަދި އެމީހުންކުރެ ރަނގަޅު މީހުން މެދުވެރިގެން ޢަދުލުވެރިކަމުގެ މަގު އެބައިމީހުން ހޯދިއެވެ. އަދި އެމަގުގައި އެބައިމީހުން ގަދައަށް ހިފެހެއްޓިއެވެ. ނަތީޖާއެއްގެ ގޮތުން ޢަދުލުވެރިކަން ޔަޤީންކޮށްދޭނެ ގޮތްތަކަކާއި އެޞިފަ ރައްކާތެރިކުރާނެ ހަމަތަކަކާއި އެއަށް ވާރުއަޅާނެ މަގުތަކެއް އެބައިމީހުން ހޯދިއެވެ. އެހެންކަމުން އެއުންމަތްތައް ކުރިއަރައި، އުފައުވެރިކަން ޙާޞިލުކޮށް، ހަމަޖެހުން އެއުންމަތްތަކުގެ ރައްޔިތުންނަށް ފޯރުކޮށްދިނެވެ. އަދި ކުރިއެރުމާއި މަދަނިއްޔަތު ބިނާކުރުމުގެ ކުޅަދާނަކަން އެބައިމީހުންނަށް ލިބުނެވެ. އަދި އެބައިމީހުން، އިސްލާމް ދީނަށް ނިސްބަތްވާ ދައުލަތްތަކެއްގެ މައްޗަށް ކާމިޔާބު ހޯދައިފިއެވެ. އެއީ އެދައުލަތްތަކުގައި ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނެތަތީއެވެ. އަދި އިސްލާމީ ދައުލަތްތަކުގެ އަހުލުވެރިން އެދައުލަތްތައް ދޫކޮށް ކުރިން މިދެންނެވި އުންމަތްތަކުގެ ތެރެއަށް ހިޖުރަ ކުރަން ފަށައިފޫއެވެ. އެއީ އެދައުލަތްތަކުގެ އަހުލުވެރިންގެ ޢަދުލުވެރިކަމާއި އެދައުލަތްތަކުގެ ނިޒާމްތަކުން ހިތްހަމަޖެހުން ލިބިގަންނާށެވެ. އެހެނީ މާތް އިންސާނެއްގެ ގޮތުގައި ޢަދުލުވެރިކަމާ ނުލައި ނޫޅެވޭނެއެވެ. ޢަދުލުވެރިކަން ނެތްނަމަ، އީމާންކަމާއި އިސްލާމްކަމުގެ ދިރިއުޅުމުގެ ބާރުތައް ނެތިގެން ދާ ފަދައެވެ. އަދި އަޅުގަނޑުމެންގެ އުންމަތަށް ޢަދުލުވެރިކަމާ ނުލައި، އެއުންމަތުގެ ކަރާމާތް އަބުރާ ލިބިގަތުމާއި، އެންމުތަކުގެ އެއްބައިވަންތަކަން ބިނާކުރުމާއި، ތަރައްޤީގެ އުންމަތުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެއުންމަތުގެ ގޯތިތަކުގެ ތެރޭގައި ޢަދުލުވެރިކަން އެޞިފައަށް ޙައްޤު މަތިވެރިމަޤާމަށް އަނބުރާ ނުގެނެވުނުނަމަ، މިއުންމަތަށް ލާއިޤު، އެކަށީގެންވާ މަޤާމަށް ވާޞިލެއް ނުވެވޭނެއެވެ. އެހައިރުން ޢަދުލުވެރިކަން ވާނީ ވެރިންނާއި ރައްޔިތުންގެ ކިބައިގައި ހަރުލާފައިވާ މަތިވެރި އަގުކުރުމެއް ކަމުގައެވެ. އަދި އެޞިފަ ހަރުކޮށް އެއަށް ބާރު ލިބިނެވި ހުރިހާ ގޮތެއް ރާވައި އިންތިޒާމުކުރާނެއެވެ.

ޢަދުލުވެރިކަމަކީ ވެރިކަމުގެ އަސާސެވެ. އަދި ޙަޟާރަތުގެ ބާރެވެ. އަދި ބިނާކުރުމުގެ އެހީތެރިޔާއެވެ. އަދި އިންސާނީ ކަރާމަތުގެ ބިންގަލެވެ. ހުރިހާކަމެއްވެސް މޮޅަށް ދެކެ ދެނެވޮޑިގެންވަނީ މާތްﷲއެވެ!


ޑރ. طه جابر علواني ގެ ކުރު ތަޢާރަފެއް:

އެމަނިކުފާނަކީ އަލްއަޒުހަރު ޔުނިވަރސިޓީގެ ކުއްލިއްޔަތުއް ޝަރީޢާވަލް ޤާނޫން އިން އުޞޫލުލް ފިޤުހުގެ ދާއިރާއިން ޕީއެޗްޑީ އެންމެ މަތީ ދަރަޖައިގެ ފާހަކުން ޙާޞިލުކުރައްވާފައިވާ ޢިރާޤަށް ނިސްބަތްވެވަޑައިގަންނަވާ ޢިލްމުވެރިއެކެވެ. އުފަންވެވަޑައިގަތީ ހިޖުރީ ސައްތައިން 1354ގައި ފައްލޫޖާގައެވެ. އަދި އެމަނިކުފާނަކީ މިހާރު ޤުރުޠުބާ ޔުނިވަރސިޓީގެ ރައީސެވެ. އަދި ކުރިން އިސްލާމީ ފިކުރަށް ޚާއްޞަ ބައިނަލް އަޤުވާމީ މަޢުހަދުގެ ރައީސްގެ މަޤާމްވެސް ފުރުއްވިއެވެ. ދުނިޔޭގެ އިސްލާމީ ފިޤުހު އެކަޑަމީގައިވެސް ހިމެނިވަޑައިގަންނަވައެވެ. އޭގެ އެމަނިކުފާނަކީ އިތުރުން ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ތައުސީސީ މެންބަރެއްވެސްމެއެވެ. ވަރަށް ގިނަ ޢިލްމީ ދިރާސާތަކަކާއި ފޮތްތަކެއް ލިޔުއްވާފައިވެއެވެ. ދީނުގެ ޢިލްމު އުގެނޭ ކުދިން މިފޮތްތައް ކިޔައި ފިޤުހާއި އުޞޫލާއި މަޤާޞިދުއް ޝަރީޢާ ދަސްކުރުމަކީ މުހިއްމުކަމެކެވެ. މާތްﷲ ޑރ. طه جابر علواني ރައްކާތެރިކޮށްދެއްވައި، އުންމަތުގެ ޙައްޤުގައި ޢުމުރު ދަމަހައްޓަވައި، އެމަނިކުފާނުގެ ޢިލްމުން އަޅުގަނޑުމެންނަށް ފައިދާ ލިބޭނެ ގޮތް މެދުވެރިކޮށްދެއްވާށިއެވެ! އާމީން.

މަޞްދަރު: ޑަރ .طه جابر علوانيގެ ރަސްމީ ސައިޓު 
ލިޔުއްވީ: العلامة الفقيه د. يوسف القرضاوي

ތަރުޖަމާ: ޝިފްޒާން އަޙްމަދު

ދީނާއި ސިޔާސަތު ވަކި ކުރުމަކީ މަގުފުރެދުމެކެވެ.

އަޅުގަނޑުމެންގެ ޝައިޚު އަލްޢައްލާމާ محمد الخضر حسين (އެކަލޭގެފާނުގެ ޒަމާނުގައި ޝައިޚުލް އަޒުހަރެވެ.) ސިޔާސަތާ ދީން ވަކިކުރުމަށް ބައެއް ލިޔުންތެރިން ގޮވާލާ ގޮވާލުން ޞިފަކުރައްވާފައިވަނީ މަގު ފުރެދުމެއްކަމުގައެވެ. މިޞިފަކުރެއްވުމަކީ ޝަރުޢީ ގޮތުން ޞައްޙަ ޞިފަކުރެއްވުމެކެވެ. އެހެނީ މިކަމަކީ އުންމަތުގެ ކަންކަމުގައި އިތުރުކުރެވިފައިވާ އައުކަމެކެވެ. ބިދުޢަކެވެ. ކޮންމެ ބިދުޢަކީ މަގުފުރެދުމެކެވެ. ކޮންމެ މަގު ފުރެދުމެއްވެސްވަނީ ނަރަކައިގައެވެ.

ނޫރުލް އިސްލާމް ނަމަކަށް ކިޔުނު މަޖައްލާގައި މިމައުޟޫގައި ދިގު މަޒުމޫނެއް ޝެއިޚު ލިޔުއްވާފައިވެއެވެ. އެއަށްފަހު ޝައިޚުގެ رسائل الإصلاح ނަމަކަށް ކިޔުނު ފޮތުގައި އެމަޒަމޫނު ހިމެނުއްވިއެވެ.

މިފުރިހަމަ ޢިލްމީ މަޒުމޫނުގައި ޝައިޚު ލިޔުއްވާފައިވާ ބައެއް ވާހަކަތައް ހިމަނައިލާނަމެވެ.

( އަޅުގަނޑުމެންނަށް އެގޭ ގޮތުގައި ދީނާއި ސިޔާސަތު ވަކިކުރުމަށް ގޮވާލާ މީހުންނަކީ ދެބާވަތެއްގެ މީހުންނެވެ.

ފުރަތަމަ ބާވަތުގެ މީހުން: މިބާވަތުގެ މީހުންނަކީ ސިޔާސަތާއި، ޤަޟާގެ ޙުކުމްތަކެއް ދީނުގައި އެކުލެވިގެންވާކަން ޤަބޫލުކުރާ ބައެކެވެ. އެހެންނަމަވެސް މިޙުކުމްތަކަކީ މަޞްލަޙަތުތައް ދެމެހެއްޓުމަށް އެންމެ އެކަށީގެންވާ ޙުކުމްތަކެއްކަމަށް އެބައިމީހުން ޤަބޫލު ނުކުރެއެވެ. އަދި އެޙުކުމްތަކުގެ ސަބަބުން ސިޔާސަތު އެންމެ ހެޔޮ މަގަށް ގެންދެވޭނެކަމާ ދެކޮޅު ހަދައެވެ. މިފަދަ މީހުން ދީނުގެ ޙުކުމްތަކަށް ފާޅުގައި ފާޑުކިޔާކަށް ޖެހިލުން ނުވެއެވެ. އަދި މުސްލިމުން މިފަދަ މީހުންނަށް މުލްޙިދުންނޭ ކިޔުމާމެދު، އެމީހުން ރުހިގެންފޫއެވެ. އެހެނީ އެބައިމީހުން ޤުރުއާނަށާއި އަދި އެޤުރުއާން އެފަރާތެއްގެ މައްޗަށް ބާވައިލެއްވުނު ފަރާތަށް އީމާން ނުވާކަމަށް އެއްބަސްވެ، އިޤުރާރުވެއެވެ.

ދެވަނަ ބާވަތުގެ މީހުން: މިބައިމީހުން ޤަބޫލުކުރާ ގޮތުގައި ސިޔާސަތާއި ޤަޟާގެ ޙުކުމްތަކެއް ދީނުގައި ހުރިކަން ޤަބޫލުކުރުމަށްފަހުގައި، އެއާ ދެކޮޅުހަދައި، އެޙުކުމްތަކަށް ފާޑު ކިޔާނަމަ، ދީނާއި ސިޔާސަތު ވަކިކުރަން އުޅޭ އުޅުން ފާޅުވާނެއެވެ. އެހެންކަމުން އެކަން ކުރަން އުޅޭ މީހާގެ ގަސްތު ފަޟީޙަތްވެ، އޭނާގެ ބޭނުންވާކަންތައް ޙާޞިލުނުކުރެވި ނާކާމިޔާބު ވެދާނެއެވެ. މިބައިމީހުން އެހެން މަގެއް ހޯދައެވެ. އެއީ އެބައިމީހުން ހީކުރާ ގޮތުން ކާމިޔާބުވުމާ މާ ގާތް ގޮތެކެވެ. އެއީ އިސްލާމް ދީނަކީ ހަމައެކަނި ތައުޙީދާއި އަޅުކަމުގެ މައްޗަށް އެކުލެވިގެންވާ ދީނެއްކަމަށް ދަޢުވާކުރުމެވެ. އަދި އެދީނުގެ އެތެރޭގައި ޤަޟާއާއި ސިޔާސަތާ ގުޅުންހުރި ޙުކުމްތަކެއް ނުހުންނާނެކަމަށް އެބައިމީހުން ބުނެއެވެ. އަދި މިކަން ސާބިތުކޮށްދިނުމަށްޓަކައި އެބައިމީހުންނަށް ކުޅަދާނަވީ ވަރަކަށް އޮޅުންތައް އެއްކުރެއެވެ. އެއީ މީސްތަކުންގެ ތެރެއިން ތަންދޮރު ނުދަންނަ މީހުންނާއި ހަމަނުޖެހޭ މީހުން ހައްލައިލުމަށެވެ.

މިއީ ދީނާއި ސިޔާސަތު ވަކިކުރުމަށް ގޮވާލާ މީހުންނަށް ހިނގަން އޮތް ދެމަގެވެ. މިދެމަގުވެސް ވެރިންނަށް މަޖުބޫރުކުރުވަނީ އިސްލާމީ އުންމަތަށް އެއުންމަތުގެ ޝަރީޢަތާ ޚިލާފަށް ޤާނޫނުތައް ހެދުމަށެވެ. އަދި އުންމަތް ހެޔޮ މަގުގައި ލެހެއްޓެވުމަށްޓަކައި، މާތްﷲ އެއުންމަތުގެ ޙައްޤުގައި ރުހިވޮޑިގެންނެވި ގޮތާ ނޫން ގޮތެއްގައި ހިފުމަށެވެ. މިދެބާމަގަކީވެސް އެދުންތަކުގެ ސިޔާސަތު ކަމުދިޔުމުންނާއި، އިސްލާމީ ޝަރީޢަތުގެ މަތިވެރި ޙުކުމްތައް ރަނގަޅަށް ބަލައި ދިރާސާ ނުކުރެވުމުން އުފަންވި ދެމަގެވެ.

އިސްލާމްދީންވަނީ ޤަޟާއާއި ވެރިކަމާ ގުޅުންހުރި ޙުކުމްތަކަކާއި އުޞޫލުތަކެއް ގެނެސްދެއްވާފައެވެ. އެއުޞޫލުތައްވަނީ ސިޔާސަތުގެ ތުންމަތީގައި ޙިކުމަތުގެ މަތިޖަހާފައެވެ. އެއަށް އިންކާރުކުރާނީ ޤުރުއާނާއި ސުންނަތް ނޭނގޭ ޚުލަފާއުއް ރާޝިދީންގެ ސިޔަރަތު ބަލައިފައިނުވާ މީހެކެވެ. އެބޭކަލުންވަނީ ކޮންމެ ޙާދިސާއެއްވެސް ޝަރީޢަތުގެ ތިލަފަތުން ކިރާލައްވައިފައެވެ. އަދި ޚިޔާލުތަފާތުވުންތަކުގައި އެބޭކަލުން ރުޖޫޢަވެވަޑައިގަންނަވަނީ ކީރިތި ޤުއާނަށާއި ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާގެ ސުންނަތަށެވެ.

އަދި ޤުރުއާނަކީ އެޤުރުއާނުގެ ދަޢުވަތަކީ މަދަނީ މުޢާމަލާތްތަކުގެ ތެރެއަށް ވަންނަ ދަޢުވަތެއްކަމާއި، އަދި ސިޔާސީ ބާރަށް މަގު ދައްކާ ދަޢުވަތެއްކަމުގެ މައްޗަށް ޤުރުއާނުން ހެކި ދެއްކެވިއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. (أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ وَمَنْ أَحْسَنُ مِنَ اللَّهِ حُكْماً لِقَوْمٍ يُوقِنُونَ) (المائدة:50) މާނައީ؛ "ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكم ހެއްޔެވެ؟ يقين ކުރާ ބަޔަކަށް اللَّه އަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟" ﷲގެ ޝަރީޢަތާ ޚިލާފު ކޮންމެ ޙުކުމަކީ ޖާހިލިއްޔަ ޙުކުމްތަކުގެ ޢާއިލާއަށް ނިސްބަތްވާނެ ޙުކުމެކެވެ. އަދި މާތްﷲގެ ވަޙީ ބަސްފުޅުގައި ޔަޤީންކުރާ ބަޔަކަށް މާތްﷲގެ ޙުކުމަށްވުރެ މޮޅި ކޮން ޙުކުމެއްތޯ ސުވާލުކުރައްވާފައިވުމުން، އަޅުތަކުންގެ ވެރި އިލާހުގެ ޙުކުމްތަކުގެ ހެޔޮކަމާމެދުގައި ޝައްކުކުރާ ބަޔަކު ބަޙުސްކޮށް ދެބަސްވެދާނެކަން ދޭހަވެއެވެ. އަދި އެޙުކުމްތަކުގެ ބަދަލުގައި ޖާހިލިއްޔަ ޒަމާނުގެ ޙުކުމްތައް ފަދަ ޙުކުމްތަކެއް ގެންނަން އުޅެދާނެއެވެ. އެއީ މޮޅު ރަނގަޅު ބައެއްކަމަށް އެބައިމީހުންނަށް ޤަބޫލުކުރެވިފައިވާ ބަޔަކާ ތަބާވުމުގެ ގޮތުންނެވެ. އެބައިމީހުންނަށް އެމޮޅުކަމަށް ފެނުނު ބައެއްގެ ރަނގަޅު ޞިފަތަކާއި ނުރަނގަޅު ޞިފަތައް ވަކިކުރާކަށް އެއުރެންނަކަށް ނޭނގެއެވެ.

އަދިވެސް މާތްﷲ ވަޙީކުރައްވާފައިވެއެވެ.(وَأَنِ احْكُمْ بَيْنَهُمْ بِمَا أَنْزَلَ اللَّهُ وَلا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْهُمْ أَنْ يَفْتِنُوكَ عَنْ بَعْضِ مَا أَنْزَلَ اللَّهُ إِلَيْكَ( (المائدة:49) މާނައީ؛ "އަދި اللَّه ބާވައިލައްވާފައިވާ حكم ން އެއުރެންގެ މެދުގައި ކަލޭގެފާނު حكم ކުރައްވާށެވެ! އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައި ނުގަންނަވާށެވެ! އަދި اللَّه، ކަލޭގެފާނަށް ބާވައިލެއްވި ބައެއް آية ން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެއުރެންނާމެދު ރައްކާތެރިވެ ވަޑައިގަންނަވާށެވެ!" މިއާޔަތުގައި މީސްތަކުންގެ މެދުގައި ޖެހޭ ކަންކަން މާތްﷲގެ ފޮތުގައިވާ ޙުކުމްތަކާ އެއްގޮތަށް ނިންމުން ފަރުޟު ކުރެއްވިއެވެ. އަދި އެބައިމީހުންގެ ހިތްތަކަށް އީމާންތެރިކަން ނުވަންނަ މީހުން އެބައިމީހުންގެ ހަވާނަފްސުގެ އެދުންތަކާ އެއްގޮތްވާ ގޮތަށް ޙުކުމްތައް އުފެއްދުމަށް ޙާކިމާ ކިބައިން އެދޭނެކަމުގެ ޚަބަރު ދެއްވިއެވެ. އަދި އެއިގެ އިތުރަށް ޝަހުވަތުގެ މަޅީގައި ޖެހިގެން މާތްﷲގެ ބައެއް ޙުކުމްތަކަށް ފުރަގަސް ދިނުމާމެދު ވެރިންނަށް މިއާޔަތުގައި އިންޒާރުކުރައްވާފައިވެއެވެ. އަދި އެފަދަ މީހުންގެ ވާހަކަތައް އަޑު އެހުމުގައި ޙާކިމާއަށް ފިތުނަވެރިކަމެއް ވާކަން ބަޔާންކުރައްވައި އިންޒާރުކުރެއްވިއެވެ. އަދި މާތްﷲގެ ޙުކުމުގެ ބަދަލުގައި އެބައިމީހުން އެދޭ ޙުކުމަކުން ޙުކުމްކުރުމުގެ ނުބައިކަމާމެދު އިންޒާރުދެއްވައެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الظَّالِمُونَ) [المائدة:45] މާނައީ: މާތްﷲ ބާވައިލެއްވި ތަކެތިން (ޙުކުމްތަކުން) ޙުކުމް ނުކުރާ މީހުން ދަންނާށެވެ. ފެހެ، އެބައިމީހުންނަކީ އަނިޔާވެރިންނެވެ. ،އަދި އެހެން އާޔަތެއްގައި ވަޙީކުރައްވާފައިވެއެވެ. (وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْفَاسِقُونَ) [المائدة:47] މާނައީ: މާތްﷲ ބާވާލެއްވި ތަކެތިން (ޙުކުމްތަކުން) ޙުކުމް ނުކުރާ މީހުން ދަންނާށެވެ. ފަހެ އެބައިމީހުންނަކީ ފާސިޤުންނެވެ. ، وفي آية ثالثة: (وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْكَافِرُونَ)(المائدة:44)މާނައީ؛ މާތްﷲ ބާވައިލެއްވި ތަކެތިން ޙުކުމް ނުކުރާ މީހުން ދަންނާށެވެ. ފަހެ، އެބައިމީހުންނަކީ ކާފަރުންނެވެ.

އަދި ކީރިތި ޤުރުއާނުގައި އަޅުކަމާއި ޢަޤީދާގެ ޙުކުމްތަކުގެ ތެރޭގައި ނުހިމެނޭ އެތައް ޙުކުމްތަކެއް ވާރިދުވެފައި އެބަހުއްޓެވެ. އެގޮތުން ވިޔަފާރިއާއި ރިބާއާއި ހެކިބަހާ ގުޅުންހުރި ޙުކުމްތަކެވެ. އަދި ކާވެންޏާއި ވަރިއާއި ލިޢާންކުރުމާއި ޡިހާރުކުރުމުގެ ޙުކުމްތަކެވެ. އަދި ޔަތީމުންނާ ގުޅުންހުރި ޙުކުމްތަކާއި ވަޞިއްޔަތާއި ތަރިކަމުދަލުގެ ޙުކުމްތަކެވެ. ޤިޞާޞްއާއި ދިޔައާއި ވައްކަންކުރާ މީހާގެ އަތް ކެނޑުމާއި ޒިނޭކުރާ މީހާއާއި ޒިނޭއާ ދުރުވެގެންތިބޭ މީހުންނަށް ޤަޛުފުކުރާ މީހާގައި ޙައްދު ޖެހުމާއި ބިމުގައި ފަސާދަކުރާ މީހުންނަށް ދޭނެ އަދަބުތައް ޤުރުއާނުން އެގެން އެބަހުއްޓެވެ.)

އަދި ޝައިޚު މިތަނުގައި ހަނގުރާމައާއި އަމާންކަމުގެ ޙާލަތާ ގުޅުންހުރި ޙުކުމްތައް ބަޔާންކުރާ އާޔަތްތައް މިތަނުގައި ގެނެސްދެއްވިއެވެ. އަދި ބައިނަލް އަޤުވާމީ ގުޅުންތައް ބަޔާންކޮށްދޭ އާޔަތްތައް ހިމެނުއްވިއެވެ.

އަދިވެސް ޝައިޚު ވިދާޅުވިއެވެ. (ޖިނާއީ ކަންކަމާއި މުޢާމަލާތުގެ ކަންކަމުގައާއި އަދިވެސް މިފަދަ އެހެނިހެން ގިނަކަންތައްތަކެއްގައި ކީރިތި ރަސޫލާގެ ސުންނަތުގައި ތަފްޞީލު ޙުކުމްތަކެއް ވާރިދުވެފައިވެއެވެ. މިކަންކަމުން އަޅުގަނޑުމެންނަށް އެގެނީ ދީނާ ސިޔާސަތު ވަކިކުރުމަށް ގޮވާލާ މީހުންނަށް ތަޞައްވަރު ކުރެވިގެން އުޅެނީ އިސްލާމް ދީން ނޫން ދީނެއްކަމެވެ.

އަދި ޝަރީޢަތުގެ މަޤުޞަދުތައް އެންމެ ރަނގަޅަށް އެގިވަޑައިގަންނަވާ ބޭފުޅުންކަމުގައިވާ، ނަބިއްޔާގެ ޞަޙާބީންގެ ސިޔަރަތުގައި ސިޔާސަތުގައި ޝައްކެއް ނެތް މިންވަރުގެ ބާރެއް ދީނަށް ލިބިފައިވާކަން ޔަޤީންކޮށްދޭ ދަލީލުތަކެއް އެބަހުއްޓެވެ. އެހެނީ އެބޭކަލުން ޚަލީފާއަކަށް ބައިޢަތު ހިއްޕެވުމުގައި މާތްﷲގެ ފޮތަށާއި ކީރިތި ރަސޫލާގެ ސުންނަތަށް ޚަލީފާ ތަބާވެވަޑައިގަތުން ޝަރުޠުކުރައްވައެވެ.

މިލިޔުމުގެ ކުރީގެ ބައިތައް:
ދީނާއި ސިޔާސަތުވަކިކުރުން.......ޝަރުޢީ ނަޒަރަކުން 1
ދީނާއި ސިޔާސަތުވަކިކުރުން.......ޝަރުޢީ ނަޒަރަކުން 2

މަޞްދަރު: އޮންއިސްލާމް
އަސްލު ލިޔުއްވީ: ފަޟީލަތުއްޝައިޚް މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން (ރަޙިމަހު ﷲ)
ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު


بِسْمِ اللَّهِ الرَّحْمَـنِ الرَّحِيمِ

ޙަމްދުހުރީ ﷲ އަށެވެ. އަޅަމެން ޙަމްދުކުރަނީ އެކަލާނގެއަށެވެ. އަދި ވާތްގަށް އެދި ފުއްސެވުމަށް ދަންނަވަނީ، އަދިތައުބާވެ ރުޖޫޢަވަނީ ވެސް އެކަލާނގެ ޙަޟްރަތަށެވެ.

އަޅަމެންގެ ނަފުސުތަކާއި ޢަމަލުތަކުގެ ނުބައިކަމުން ގަދަކީރިތި ވަންތަ ﷲ ތަޢާލާ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ. ތެދުމަގު އިޚްތިޔާރުކުރުމުގެ ސަބަބުން އެކަލާނގެ މަގުދައްކަވައިފި އަޅަކު ވާވެއްދޭނޭ ފަރާތެއް ނުވެއެވެ. އަދި ކާފަރުކަން އިޚްތިޔާރުކޮށްގަތުމުގެ ސަބަބުން އެކަލާނގެ މަގުފުރައްދަވައިފި އަޅަކަށް ތެދުމަގުދެއްކޭނޭ ފަރާތެއް ނުވެއެވެ.

ބައިވެރިޔަކު ނުވާ އެއްކައުވަންތަ މާތް ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދުގެފާނީ އެކަލާނގެ އަޅާކަމަށާއި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އާލު އަޞްޙާބުންނާއި ތާބިޢީންނަށް ޞަލަވާތް ލެއްވުމަށް ދުޢާކުރަމެވެ. اللهم صلّ على محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين وسلِّم تسليما كثيرا.

އޭ އީމާންވީ މީހުންނޭވެ! ތިޔަބައިމީހުން ބިރުވެތިވުން ހައްޤުވެގެންވާ ގޮތުގައި މާތް ﷲ އަށް ބިރުވެތިވާށެވެ! އަދި މަރުވެއްޖައުމަށް ދާންދެން މުސްލިމުންގެ ގޮތުގައި ދެމިތިބޭށެވެ!
އޭ އީމާންވީ މީހުންނޭވެ! ތިޔަބައިމީހުން ބިރުވެތިވުން ހައްޤުވެގެންވާ ގޮތުގައި މާތް ﷲ އަށް ބިރުވެތިވާށެވެ! އަދި ތިޔަބައިމީހުން ސީދާ ބަހުން ބަސްބުނާށެވެ! އޭރުން އެކަލާނގެ ތިޔަބައިމީހުންގެ ޢަމަލުތައް އިސްލާޙުކޮށްދެއްވާނެއެވެ. ފާފަތައް ފުއްސަވައިދެއްވާނެއެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވެއްޖެ މީހާ ބޮޑުވެގެންވާ ކާމިޔާބަކުން ކާމިޔާބު ހޯދައިފިކަން ކަށަވަރެވެ.

ފަހަރެއްގައި މި މައުޟޫޢާއި މެދު ވަރަށް ގިނަ މީހުންގެ ހިތުގައި ސުވާލު އުފެދުން އެކަށީގެންވެއެވެ. އަދި މިއަށް ވުރެ މުހިންމު މައުޟޫތައް ހުއްޓާ މި މައުޟޫ އިޚްތިޔާރުކުރި ސަބަބާއި މެދު ބައެއް މީހުން ސުވާލުކުރުމަކީ ވެސް ދުރުކަމެއް ނޫނެވެ. ނަމަވެސް ޙަޤީޤަތުގައި މިއީ ވަކީން ޚާއްސަކޮށް މިޒަމާނުގައި ވަރަށް ގިނަ މީހުންގެ ފިކުރުތައް ހުއްޓިފައިވާ ދިމާއެކެވެ. ހަމައެކަނި ޢާއްމުންނެއް ނޫނެވެ. ދީން ކިޔަވަމުންދާ ބައެއް ދަރިވަރުންވެސް މެއެވެ. ސަބަބަކީ މަޢުލޫމާތު ފެތުރުމުގެ ތަފާތު ވަސީލަތްތަކުގެ ޒަރީޢާއިން ދީނީ ޙުކުމްތައް ފުޅާ ދާއިރާއެއްގައި ފެތުރެމުންދާ ދިއުމެވެ. އަދި އެކެއްގެ ބުނުމާއި އަނެކާގެ ބުނުމާއި ދެމެދުގައި ބައެއް ފަހަރަށް ތަފާތުވާ ތަފާތުވުމަކީ އޮޅުންބޮޅުންތަކަށް މަގުފަހިވާ ސަބަބެއްކަމުގައި ވެފައިވުމެވެ. ވަކީން ޚާއްސަކޮށް ފިޤުހީ ޚިލާފުވުންތަކުގެ ސަބަބުތަކާއި ގޮތްތައް ނޭނގޭ ޢާންމުން ގެ ތެރޭގައެވެ. މި ސަބަބަށްޓަކައި އަހަރެންގެ ނަޒަރުގައި މުސްލިމުން ކުރެއެތައް ބައެއްގެ ޚިޔާލު ހުއްޓިފައިވާ މި މައުޟޫއަށް އިންސާފުކޮށްލުމީ ވަރަށް މުހިންމު ކަމެކެވެ.

ﷲ ތަބާރަކަ ވަތާޢާލާ މި އުންމަތަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރޭގައި ހިމެނޭ އެއް ނިޢުމަތަކީ މި ދީނުގެ އަސްލުތަކާއި މަޞްދަރުތަކާމެދު މުސްލިމުންގެ މެދުގައި އެއްވެސް ޚިލާފެއް ޚިޔާލު ތަފާތުވުމެއް ނެތް ކަމެވެ. އަސްލުގައި ޚިލާފުތައް ހުރީ މުސްލިމުންގެ ޙަޤީޤީ އެއްބައިވަންތަކަމަށް ބުރުލެއް ނާރާނެ ފަދަ ކަންކަމުގައެވެ. އެއީ ހަމަ ކޮންމެހެން އެކަން ވާންޖެހޭނޭ ގޮތްވެސް މެއެވެ.

ﷲ ތަޢާލާ ކީރިތި ރަސޫލާ ފޮނުއްވީ ހިދާޔަތާއި ޙައްޤު ދީނާއިގެން ކަމީ މާތް ﷲ ގެ ފޮތާއި އެކަލާނގެ ރަސޫލު ޞައްލަ ﷲ ޢަލައިހިވަސައްލަމްގެ ސުންނަތުގެ އަލީގައި އެންމެހާ މުސްލިމުން ޔަޤީންކުރާކަމެކެވެ. މިފަދައިން ޤަބޫލުކުރުމުން އެ އިޤުރާރުވެވެނީ އިތުރު ބަޔާނަކަށް ބޭނުންނުވާނޭހާ ސާފުކޮށް އެކަލޭގެފާނު މި ދީން ބަޔާންކޮށްދެއްވާފައިވާކަމެވެ. އެހެނީ ހިދާޔަތު، އައުމުން ފުރެދުންތައް ފިލައިދެއެވެ. އަދި ޙައްޤު ދީން އައުމުން ހުރިހާ ބާޠިލު ދީންތަކެއް ފިލައިދެއެވެ. އެކަލޭގެފާނު ފޮނުއްވުނީ ހިދާޔަތާއި ހައްޤު ދީނާއިގެންނެވެ.

ކީރިތި ރަސޫލު ޞައްލަ ﷲ ޢަލައިހިވަސައްލަމްގެ ޒަމާނުގައި މީސްތަކުން ކަމަކާއި މެދު ޚިލާފެއް އުފެދިއްޖެ ނަމަ، ޙުކުމްކުރުމަށްޓަކައި ކީރިތި މާތް ނަބިއްޔާގެ އަރިހަށް ދިއުމުން އެކަލޭގެފާނު އެކަމުގެ ޙުކުމް އިއްވަވައެވެ. އެމީހުންގެ މެދުގައި ޚިލާފު އުފެދުނީ ކީރިތި ޤުރުއާނުން އާޔަތަކާއި މެދުގައި ނަމަވިޔަސް ނުވަތަ ޙުކުމް ބާވާނުލައްވާ އޮތް މައްސަލައަކާއި މެދުގައި ކަމަށް ވިޔަސްވެހެވެ. އެހެން ނަމަ އެހިނދުން ﷲ ތަޢާލާ އެކަންކަމުގެ ޙުކުމްތައް ބާވާލައްވައެވެ. އެހެންވެގެން ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި [އެމީހުން ކަލޭގެފާނާއި އެވެނި ކަމަކާއި މެދު ސުވާލުކުރެއޭ] މިފަދައިން އައިސްފައިވެއެވެ. ދެން ﷲ ތަޢާލާ އެ ސުވާލުތަކުގެ ފުރިހަމަ ޖަވާބު ކީރިތި މާތް ނަބިއްޔާއަށް އަންގަވާ، އެ ޙުކުމްތައް މީސްތަކުންނަށް ބަޔާންކުރެއްވުމަށް އަމުރުކުރައްވައެވެ. މީގެ މިސާލަކީ ސޫރަތުލްމާއިދާގެ ހަތަރުވަނަ އާޔަތާއި ސޫރަތުލްބަޤަރާގެ ސަތޭކައައްޑިހަ ނުވައެއް، އަދި ދުއިސައްތަ ސަތާރަ އަދި ދުއިސައްތަ ނަވާރަ ވަނަ އާޔަތާއި ސޫރަތުލްއަންފާލްގެ އެއްވަނަ އާޔަތާއި މިނޫންވެސް މި ފަދަ އާޔަތްތަކެވެ.

ނަމަވެސް ރަސޫލު ޞައްލަ ﷲ ޢަލައިހިވަސައްލަމް ސުވަރުގެވަޑައިގަތުމަށްފަހު އެ ދޮރު މުސްލިމުންނަށް ބަންދުވެގެން ދިއުމާއި އެކު ބައެއް މައްސަލަތަކުގައި މުސްލިމުންގެ މެދުގައި ޚިލާފުތައް އުފެދިފައިވެއެވެ. އެހެނަސް އެއީ ޝަރީޢަތުގެ އަސްލުތަކާއި ތަރަހަތައް މުގުރިގެންދާ ފަދަ ކަންކަމުގައެއް ނޫނެވެ. މި ލިޔުމުގައި އަހަރެން ބަލާނީ އެކަމަށް ދިމާވި ބައެއް ސަބަބުތައް ނަމަވެސް ބަޔާންކޮށްލެވޭތޯއެވެ.

އެއްވެސް ޝައްކެތް ނެތި އަހަރެމެން އެންމެން ވެސް ޤަބޫލުކުރާ ގޮތުގައި އެބޭފުޅެއްގެ ޢިލްމާއި އަމާނާތްތެރިކަމާއި ދީންވެރިކަމާ މެދު އިތުބާރުލިބިފައިވާ އެއްވެސް ޢިލްމުވެރިއަކު ކީރިތި ޤުރްއާނާއި ސުންނަތުން ފުރިހަމައަށް ސާފުވާން އޮތް ކަމަކާއި ޤަސްދުގައި ޚިލާފުވެވަޑައެއް ނުގަންނަވާނެއެވެ. އެހެނީ ޢިލްމުވެރިކަމާއި ދީންވެރިކަމުން ސިފަލިބިއްޖެ މީހެއްގެ ޢަމަލުތަކުގެ ހުންގާނަކީ ޙައްޤެވެ. އެމީހެއްގެ ޢަމަލުތަކުގެ ހުންގާނުކަމުގައި ޙައްޤު ގޮތް ހަދައިފި މީހަކަށް މާތް ﷲ ޙައްޤު ގޮތް ތަނަވަސްކޮށްދެއްވާނެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. {وَلَقَدْ يَسَّرْنَا الْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ } (1)
މާނަ: އަދި ހަމަކަށަވަރުން ހަނދާންކުރުމަށްޓަކައި(ޤުރުއާން ދަސްކޮށް އާޔަތްތަކާއި މެދު ފިކުރު ހިންގުމަށްޓަކައި) ތިމަންރަސްކަލާނގެ ޤުރުއާން ފަސޭހަކޮށްދެއްވީމެވެ. ފަހެ ހަނދާންކުރާނޭ (އެ ޤުރުއާނުގެ އާޔަތްތައް ކިޔަވާ ފިކުރުކޮށް މަންފާ ލިބިގަންނާނޭ) މީހަކު އެބަހުރިހެއްޔެވެ؟
އެބަހީ: ޤުރުއާން ދަސްކޮށް އާޔަތްކާއި މެދު ފިކުރު ހިންގާ މަންފާ ލިބިގަންނަ މީހަކަށް އެ ޤުރުއާން ތިމަންރަސްކަލާނގެ ފަސޭހަކޮށްދެއްވީމެވެ.

އެހެން އާޔަތެއްގައިވެއެވެ. {فَأَمَّا مَنْ أَعْطَى وَاتَّقَى * وَصَدَّقَ بِالْحُسْنَى * فَسَنُيَسِّرُهُ لِلْيُسْرَى } (2)
މާނަ: އަދި ތަޤްވާވެރިވެ އެމީހެއްގެ މުދަލުން ޒަކާތްދީ އަދި އެކަމުގެ ހެޔޮ ޖަޒާ މާތް ﷲ ދެއްވާނެކަން ޔަޤީންކޮށްފި މީހާއަށް ހެޔޮ ކަމުގެ މަގުތައް ތިމަންރަސްކަލާނގެ ތަނަވަސްކޮށްދެއްވާހުށީމެވެ.
ނަމަވެސް ހަމަ މިފަދަ ޢިލްމުވެރިންގެ ކިބައިން ވެސް ﷲ ތަޢާލާގެ ޙުކުމްފުޅުތައް ބަޔާންކުރެއްވުމަގައި ކުށްކުރެވުމަކީ އެކަށީގެންވާ ކަމަކެވެ. ﷲ އިންސާނާ ސިފަކުރައްވާ ވަޙީކުރައްވާފައިވެއެވެ. {وَخُلِقَ الإِنسَـنُ ضَعِيفاً } (3)
މާނަ: އަދި އިންސާނާ ހެއްދެވިގެންވަނީ ބަލިކަށި އެއްޗެއްގެ ގޮތުގައެވެ.
ވުމާއެކު އިންސާނާއަކީ ޢިލްމާއި އެނގުމުގައި، އަދި އޭގެ ވަށާޖެހުމާއި ޝާމިލުކަމުގައި ބަލިކަށި އެއްޗެކެވެ. އެހެންވީމާ ބައެއް ކަންކަމުގައި ކޮންމެ އިންސާނެއްގެ ކިބައިންވެސް ކުށްކުރެވުމަކީ އެކަން ނުވެ ނުދާނޭ ގޮތެވެ.

ޙުކުމްތައް ބަޔާންކުރެއްވުމުގައި ޢިލްމުގެ އަހުލުވެރިން، އެއްބޭފުޅަކު އަނެއް ބޭފުޅަކާއި ޚިލާފުވެލެއްވުމުގެ ސަބަބުތައް ގިނަކަމުގައި، އައްސޭރިއެއް ނެތްކަނޑެއް ފަދައެވެ. ނަމަވެސް އަހަރެން ބަލާނީ އެ ބޮޑު މައުޟޫ މައިގަނޑު ހަތް ސަބަބެއްގެ މައްޗަށް ތިލަކޮށްލެވޭތޯއެވެ.



ފުރަތަމަ ސަބަބު: ކަމެއްގެ ޙުކުމާއި މެދުގައި އައިސްފައިވާ ދަލީލު ލިބިވަޑައި ނުގަތުން.

މި ސަބަބަކީ ޞަޙާބީންގެ ފަހުން އައި މީހުންނަށް އެކަނި ޚާއްސަވީ ސަބަބެއް ނޫނެވެ. އެއާޚިލާފަށް މިއީ ޞަޙާބީން ގެ ފަހުގެ ޖީލުތަކެކޭ އެއްފަދައިން ޞަޙާބީން ވެސް އޭގައި ޝާމިލުވާ ސަބެބެކެވެ.

މިސާލު އެކެއް:

ޞަޙީޙުލްބުޚާރީގައްޔާއި އަދި އެނޫންވެސް ހަދީޘް ފޮތްފޮތުގައި ރިވާވެގެންވެއެވެ. އަމީރުލްމުއުމިނީން ޢުމަރުބުނުލްޚައްޠާބު ރަޟިޔަ ﷲ ޢަންހު ޝާމުކަރައަށް ދަތުރުފުޅެއް ކުރެއްވިއެވެ. މި ދަތުރުފުޅުގެ މަގުމަތީގައި ޠާޢޫނުގެ ވަބާ ޝާމްކަރައިގައި ފެތުރިގެން އުޅޭ ޚަބަރު އެކަލޭގެފާނަށް އެރުވުނެވެ. އެހިނދު އެކަލޭގެފާނު ގާފިލާ މަޑުޖައްސަވާލެއްވުމަށްފަހު ޞަޙާބީންނާއި މަޝްވަރާކުރެއްވިއެވެ. އެބޭކަލުން އެކަމާއި މެދު ދެ ވިސްނުންފުޅެއްގެ މައްޗަށް ޚިޔާލު ތަފާތުވިއެވެ. މި މަޝްވަރާގެ ތެރޭގައި އެބޭކަލުން ތިއްބަވަނިކޮށް ޢަބްދުއްރަޙްމާން ބިން ޢައުފު އެކަލޭގެފާނުގެ އަމިއްލަ ބޭނުންފުޅެއްގައި ގާފިލާއާ ތަންކޮޅެއް ދުރުގައި އުޅުއްވުމަށްފަހު އެތަނަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަކަމާއި މެދު ތިމަން ކަލޭގެފާނަށް އެނގޭ އެއްޗެއް އެބަ އޮތެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރައްވާ އަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ. ޠާޢޫނުގެ ވަބާ ރަށެއްގައި ފެތުރިފައިވާ ޚަބަރު ތިޔަބައިމީހުން އަހައިފި ނަމައީ އެރަށަކަށް ތިޔަބައިމީހުން ނާރާށެވެ. އަދި ތިޔަބައިމީހުން ތިބި ތަނެއްގައި އެވަބާ ފެތުރުނު ނަމައީ އެޔަށް ފިލުމަށްޓަކައި ތިޔަބައިމީހުން އެރަށަކުން ނުފައިބާށެވެ. (4)
ވިސްނާށެވެ. މުހާޖިރީންނާއި އަންޞާރުންގެ ތެރެއިން ބޮޑެތި ބޮޑެތި ޞާޙާބީންނަށް މި ޙަދީޘްގެ ޚަބަރު ޢަބްދުއްރަޙްމާން ބިން ޢައުފް ރަޟިޔަ ﷲ ޢަންހު ދެއްވުމުގެކުރީގައި އެވަނީ ވަންހަނާވެގެންނެވެ.

މިސާލު ދޭއް:

ސޫރަތުއްޠަލާޤް ގެ ހަތަރު ވަނަ އާޔަތުގައި މާބަނޑު އަންހެނާގެ ޢިއްދާއަކީ ބަނޑުގައިވާ ދަރިފުޅު ވިހެއުން ކަމުގައި އަންގަވާފައިވެއެވެ. އަދި ސޫރަތުލްބަޤަރާގެ ދުއިސައްތަ ތިރީސް ހަތަރު ވަނަ އާޔަތުގައި ފިރިމަރުވެފައިވާ އަންހެނާގެ ޢިއްދާއަކީ ހަތަރު މަހާއި ދިހަ ދުވަސް ކަމުގައި އަންގަވާފައިވެއެވެ.

މި ދެ އާޔަތުގެ ދޭހައިގައި ޢަލީ ރަޟިޔަ ﷲ ޢަންހު އާއި ޢަބްދު ﷲ ބިން ޢައްބާސް ރަޟިޔަ ﷲ ޢަންހުމާ އާ މި ދެ ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ފިރި މަރުވެފައިވާ މާބަނޑު އަންހެނާގެ ޢިއްދާއަކީ ދެ ޢިއްދައިގެ ތެރެއިން އެމީހެއް ނިސްބަތުގައި ދިގު ޢިއްދާއެކެވެ. މާނައަކީ ހަތަރު މަހާއި ދިހަ ދުވަސް ހަމަވާއިރު ބަނޑުގައިވާ ދަރިފުޅު ނުވިހާ ކަމުގައި ވަނީ ނަމަ ވިހަންދެން ޢިއްދާގައި އިންނަންޖެހޭނެއެވެ. އަދި މާބަނޑުގައި އޮތް ދަރި ވިހޭއިރު ޢިއްދާގައި އިންނަތާ ހަތަރު މަހާއި ދިހަ ދުވަސް ނުވާ ނަމަ އަދި ދަރިފުޅު ވިހޭ ކަމުގައި ވިޔަސް ހަތަރު މަހާއި ދިހަ ދުވަސް ހަމަވަންދެން ޢިއްދާގައި އިންނަން ޖެހޭނެއެވެ.

ނަމަވެސް ކީރިތި ރަސޫލު ޞައްލަ ﷲ ޢަލައިހިވަސައްލަމްގެ ސުންނަތުގައި މި ދެ ޙުކުމް އެއްފަހަރާ ދިމާވާ ހާލަތުގައި (މާބަނޑުވެފައިވާ އަންހެނެއްގެ ފިރި މަރުވާ ހާލަތުގައި) ކަން ކުރަންވާ ގޮތް ސާބިތުވެގެންވެއެވެ. ސަބީޢަތުލްއަސްލަމިއްޔާ ރަޟިޔަ ﷲ ޢަންހާ ގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާގެ ފިރިކަލުން އަވަހާރަވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދަރިފުޅު ވިހައިފިއެވެ. އެފަހުގައި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް އެކަމަނާއަށް ކައިވެނިކުރުމުގެ އިޒުނަފުޅު ދެއްވިއެވެ. (5) މި ޙަދީޘުން އެނގޭ ގޮތުގައި ފިރިމަރުވެފައިވާ އަންހެނާގެ ޢިއްދާ ކަމުގައި އަލްބަޤަރާ ސޫރަތުގެ ދުއިސައްތަ ތިރީސް ހަތަރުވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ ހަތަރުމަހާއި ދިހަ ދުވަހުގެ ޢިއްދާއަކީ ފިރިމަރުވިއިރު ރަޙިމު ހުސްކޮށް ހުރި އަންހެނާއަށް ޚާއްސަ ޢިއްދާއެކެވެ. އަދި ހުރިހާ ހާލަތެއްގައިވެސް މާބަނޑު އަންހެނާގެ ޢިއްދާއަކީ ވިހެއުމެވެ. އެއްވެސް ޝައްކެތް ނެތް ގޮތުގައި އޭގެ ދެކަލުންނަށް މި ޙަދީޘް ލިބިވަޑައިގެންފައި ނުވަނީއެވެ. އެހެންނޫންނަމަ އެ ދެއާޔަތް މާނަކުރެއްވުމުގައި މި ޙަދީޘަށް ރިޢާޔަތްކުރައްވާނެ ކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ.

(ނުނިމޭ)


__________________________________________
(1) سورة القمر الآية (17)
(2) سورة الليل الآية (5-7)
(3) سورة النساء الآية (28)
(4) البخاري ومسلم
(5) البخاري ومسلم


މުޤައްދިމާ:

އެންމެހާ ޙަމްދާއި ސަނާ ޙައްޤުވެވޮޑިގެންވާ ފަރާތަކީ މާތްﷲއެވެ. އެކަލާނގެ ޙަމްދުކުރަމެވެ. އަދި އެކަލާނގެ ނަބިއްޔާ މުޙައްމަދުގެފާނަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާ ދަންނަވަމެވެ. މިދުޢާގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރެއްވުން އެދި ދުޢާ ދަންނަވަމެވެ. އެއަށްފަހު ދަންނައެ،

މިއީ ނަރަކައިގެ މައްޗަށް އަލިއަޅުވައިލާ އަޅުގަނޑު ލިޔަން ފަށާފައިވާ ދިރާސާއެކެވެ. މިދިރާސާގައި މަޢުލޫމާތު ހޯދުމަށް މައިގަނޑު ގޮތެއްގައި ބަލައިފައިވާނީ ދެފޮތެކެވެ. އެއީ ޑރ.ޢުމަރު ސުލައިމާނުލް އަޝްޤަރު ލިޔުއްވާފައިވާ الجنة و النارމިފޮތާއި، الشيخ الإمام العلامة محمد بن أحمد بن سالم ين سليمان السفاريني الحنبلي ލިޔުއްވާފައިވާ البحور الزاخرة فى علوم الاخرة އާއި عبدالرحمن بن شهاب الدين بن رجب الحنبلي ލިޔުއްވާފައިވާ، التخويف من النار މިތިންފޮތެވެ. މިލިޔުމަކީ ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާނެ ލިޔުމެކެވެ.

ނަރަކައިގެ ތަޢުރީފު: 

ނަރަކައަކީ މާތްﷲއަށް އުރެދި ކާފަރުވި މީހުންނާއި، ފާފަކުޅަ މީހުންނަށް މާތްﷲ ޢަޛާބު ދެއްވުމަށް ހަމަޖެއްސެވި ތަނެވެ. އެއީ އެންމެ ބޮޑު ހަލާކެވެ. އެތަނުގައި މާތްﷲ ލައްވާފައިވަނީ ކެތްކުރުމަށް ނުކުޅެދުންތެރިކުރުވަނިވި ޢަޛާބެވެ. އިންސާނާ އެޢަޛާބުގެ ވާހަކަ އަޑު އަހައިފިނަމަ، ބިރުން މޭ އަގައަށް އަތުވެދާނެ ފަދަ ވޭންދެނެވި ޢަޛާބުތަކުގެ ގޯތިކަމުގައި އެނަރަކަ މާތްﷲ ލެއްވިއެވެ. ކުރުކޮށް ބުނަނީނަމަ، އަޅުގަނޑުމެންގެ މި ޙަޔާތުގައި އެތަނުން މިންޖުވުމަށް ގަދައަޅައި އުޅޭ ތަނަކީ އެއީއެވެ. އަޅުގަނޑުމެންގެ މުޅި ދިރިއުޅުމުގެ މަޤްޞަދަކީ އެތަނަށް ނުވަނުމެވެ. 

ނަރަކައަށް ވެއްދެވުމަކީ މަޚުލޫޤަކަށް ކުރިމަތިވާނެ އެންމެ ބޮޑު ނިކަމެތިކަމެވެ. އަދި އެންމެ ބޮޑު ނާކާމިޔާބީއަކީ އަދި ގެއްލެނިވުމަކީ އެއީއެވެ. މާތްﷲ މުއުމިނުންގެ ދުޢާ ބަޔާންކުރައްވަމުން ވަޙީކުރައްވާފައިވެއެވެ. رَبَّنَا إِنَّكَ مَنْ تُدْخِلِ النَّارَ فَقَدْ أَخْزَيْتَهُ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ (އާލު ޢިމްރާން ١٩٢) މާނައީ: އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ނަރަކަޔަށް ވައްދަވައިފިމީހާ، ފަހެ، އިބަރަސްކަލާނގެ އެމީހަކު ނިކަމެތި ކުރައްވައިފިކަން ކަށަވަރެވެ. އަނިޔާވެރިންނަށް نصر ދޭނެ އެއްވެސް ބަޔަކު ނުވެއެވެ.
އަދިވެސް އެކަލާނގެ އަންގަވައިފައިވެއެވެ. أَلَمْ يَعْلَمُوا أَنَّهُ مَنْ يُحَادِدِ اللَّهَ وَرَسُولَهُ فَأَنَّ لَهُ نَارَ جَهَنَّمَ خَالِدًا فِيهَا ذَلِكَ الْخِزْيُ الْعَظِيمُ (ތައުބާ ٦٣) މާނައީ: ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވާ މީހާ، ފަހެ، އެތާނގައި ދެމިހުންނަ ގޮތުގައި، އެމީހާއަށް ނަރަކައިގެ އަލިފާން ހުރިކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟ ބޮޑުވެގެންވާ ނިކަމެތިކަމަކީ އެއީއެވެ.
 
އަދިވެސް މާތްﷲ ޤިޔާމަތްދުވަހު ކާފަރުންނަށް ލިބޭނޭ ނިކަމެތިކަން ޞިފަކުރައްވަމުން ވަޙީކުރައްވާފައިވެއެވެ. فَاعْبُدُوا مَا شِئْتُمْ مِنْ دُونِهِ قُلْ إِنَّ الْخَاسِرِينَ الَّذِينَ خَسِرُوا أَنْفُسَهُمْ وَأَهْلِيهِمْ يَوْمَ الْقِيَامَةِ أَلا ذَلِكَ هُوَ الْخُسْرَانُ الْمُبِينُ (އައްޒުމަރު ١٥) މާނައީ: ފަހެ، އެކަލާނގެ ފިޔަވައި ތިޔަބައިމީހުން އެދޭ އެއްޗަކަށް ތިޔަބައިމީހުން އަޅުކަން ކޮށްބަލާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ގެއްލުންވެގެންވާ ބަޔަކީ قيامة ދުވަހުން އެއުރެންގެ އަމިއްލަ نفس ތަކާއި، އެއުރެންގެ أهل ވެރިން ގެއްލެނިކުޅަ މީހުންނެވެ. ދަންނާށެވެ! ފާޅުވެ ބަޔާންވެގެންވާ ގެއްލުންވުމަކީ ހަމައެއީއެވެ.
 
އާދޭހެވެ. ނަރަކައަކީ މަޚުލޫޤަކަށް ކުރިމަތިލާންޖެހޭނެ އެންމެ ބޮޑު ނިކަމެތިކަމެވެ. އެހެނީ އެނަރަކައިގައި އިންސާނާއަށް ދެވޭ ޢަޛާބަކީ ގަލަމާއި ދޫ އެޢަޛާބު ޞިފަކުރުމުގައި ނުކުޅެދުންތެރިކުރުވާނެ، އިންސާނީ ބުއްދި އެކަންތަކާ ހަމައަށް ވާޞިލުވުމަށް ދަތިވާފަދަ، ވަރުގަދަ ޢަޛާބެވެ. އެއީ އެޢަޛާބުގެ ވާހަކަދެއްކުމުން ހީބިހި ނަގައިގަންނަ ފަދަ ނުރައްކާތެރި ޢަޛާބެކެވެ. މިސަބަބަށްޓަކައި ނަރަކައިގައި ތިބޭ މީހުން އެތަނުގައި ތިބޭ ތިބުމުގެ ނުބައިކަން ބަޔާންކުރައްވަމުން ވަޙީކުރައްވާފައިވެއެވެ. إِنَّهَا سَاءَتْ مُسْتَقَرًّا وَمُقَامًا ( އަލްފުރުޤާން ٦٦) މާނައީ: ހަމަކަށަވަރުން، ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، قائم ވެތިބޭ ވަޒަނެއްގެ ގޮތުން އެ ނަރަކަ ހާދަހާ ނުބައިވެގެންވެއެވެ.

ނަރަކަ އުފެދިފައިވުން:

ނަރަކައާއި ސުވަރުގެ އަކީ މާތްﷲގެ މަޚުލޫޤުންގެ ތެރެއިން ދެމަޚުލޫޤެވެ. އެދެތަން މާތްﷲވަނީ އުފައްދަވައިފައެވެ. މިހާރުވެސް އެދެގޯތި ވާނެއެވެ. މިއީ އަހުލުއްސުންނާ ވަލް ޖަމާޢާގެ ޢަޤީދާއެވެ. އެހެންކަމުން ނަރަކަވަނީ ކުރިއްސުރެ އުފައްދަވާފައެވެ. މިކަމުގެ ދަލީލުތައް ކީރިތި ޤުރުއާނާއި ސުންނަތުން ލިބެން އެބަހުއްޓެވެ.

ކީރިތި ޤުރުއާނުން:
މާތްﷲ ވަޙީކުރައްވާފައިވެއެވެ. إِنَّ جَهَنَّمَ كَانَتْ مِرْصَادًا (٢١)لِلطَّاغِينَ مَآبًا (٢٢)لابِثِينَ فِيهَا أَحْقَابًا (އައްނަބައު ٢٣) މާނައީ: ހަމަކަށަވަރުން، ނަރަކައީ، އެތަނަކުން ކުށްވެރިންނަށް ބަލަބަލައިތިބޭ ތަނެއްކަމުގައިވެއެވެ. كافر ންނަށް އެއުރެން އެނބުރިގޮސް ތިބޭނެތަނެއްގެ ގޮތުގައެވެ. އެތައްޒަމާނަކަށް އެއުރެން އެތާނގައި، ލަސްވެތިބޭ حال ގައެވެ.
 
ސުންނަތުން: ޞަޙީޙު މުސްލިމުގައި އަނަސްގެފާނުގެ ކިބައިން ރިވާވެގެންވާ ޙަދީސެއްގައިވެއެވެ. وأيم الذي نفسي بيده لو رأيتم ما رأيت لضحكتم قليلا و بكيتم كثيرا قالو: وما رأيت يارسول الله قال: رأيت الجنة و النار މާނައީ: ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ ޔަދުޤުދުރަތްޕުޅުގައިވާ ފަރާތް ގަންދެއްވައި ވިނދާޅުވަމެވެ. ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވާ ކަންތައްތައް ތިޔަބައިމީހުންނަށް ފެންނަނަމަ، ހީއުޅުނީހީ މަދުންނެވެ. ގިނަގިނައިން ރޯނެއެވެ. އެބޭކަލުން (ޞަޙާބިއްޔަ ބޭކަލުން) ދަންނަވައިފޫއެވެ. އޭﷲގެ ރަސޫލާއެވެ. ކަލޭގެފާނު ދެކެވަޑައިގަތީ ކޮންކަމެއްތޯއެވެ؟ އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ތިމަންކަލޭގެފާނު ދެކެވަޑައިގަތީ ނަރަކައާއި ސުވަރުގެއެވެ.

އަދިވެސް ޞަޙީޙުލް ބުޚާރީއާއި މުސްލިމުގައި ރިވާވެގެންވާ ޙަދީސެއްގައިވެއެވެ. إن أحدكم إذا مات عرض عليه مقعده بالغداة والعشي، إن كان من أهل الجنة فمن أهل الجنة، وإن كان من أهل النار فمن أهل النار، فيقال: هذا مقعدك حتى يبعثك الله يوم القيامة މާނައީ: ތިޔަބައިމީހުންކުރެ މީހަކު މަރުވެއްޖެނަމަ، އެމީހަކަށް ހެނދުނާއި ހަވީރުގައި (ޤަބުރުގައި) އެމީހެއްގެ މަޤާމް ހުށަހެޅޭނެއެވެ. ސުވަރުގޭގެ އަހުލުވެރިންގެ ތެރޭގައި ހިމެނޭނަމަ، (އޭނާގެ މަޤާމްވާނީ) ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިންނެވެ. ނަރަކައިގެ އަހުލުވެރިން ތެރޭގައި ހިމެނާނަމަ، (އޭނާގެ މަޤާމްވާނީ) ނަރަކައިގެ އަހުލުވެރިންގެ ތެރޭގައެވެ. އަދި އޭނާއަށް ބުނެވޭނެއެވެ. ޤިޔާމަތްދުވަހުން ދުނިޔެއަށް އަލުން ތިބާ ފޮނުވެންދެން ތިބާގެ މަޤާމަކީ މިއީއެވެ.

ޞަޙީޙު މުސްލިމާއި މުސްނަދާއި ސުނަނުގައި ވާރިދުވެފައިވާ ޙަދީސެއްގައިވެއެވެ. لما خلق الله الجنة والنار، أرسل جبرائيل إلى الجنة، فقال: اذهب فانظر إليها وإلى ما أعددت لأهلها فيها، فذهب فنظر إليها وإلى ما أعد الله لأهلها فيها، فرجع فقال: وعزتك، لا يسمع بها أحد إلا دخلها، فأمر بالجنة، فحفت بالمكاره، فقال: ارجع فانظر إليها وإلى ما أعددت لأهلها فيها. قال: فنظر إليها، ثم رجع فقال :وعزتك، لقد خشيت أن لا يدخلها أحد . قال: ثم أرسله إلى النار، قال: اذهب فانظر إليها وإلى ما أعددت لأهلها فيها، قال: فنظر إليها، فإذا هي يركب بعضها بعضاً ، ثم رجع فقال: وعزتك، لا يدخلها أحد سمع بها، فأمر بها فحفت بالشهوات، ثم قال: اذهب فانظر إلى ما أعددت لأهلها فيها، فذهب فنظر إليها، فرجع فقال: وعزتك، لقد خشيت أن لا ينجو منها أحد إلا دخلها މާނައީ: މާތްﷲ ސުވަރުގެއާއި ނަރަކަ އުފެއްދެވި ހިނދު، ޖިބުރީލުގެފާނު ސުވަރުގެއަށް ފޮނުއްވައިފިއެވެ. މާތްﷲ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ސުވަރުގެއަށް ވަޑައިގެން އެތަނުގެ އަހުލުވެރިންނަށްޓަކައި ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވި ކަންތައްތައް ދެކެވަޑައިގަންނަވާށެވެ. އެކަލޭގެފާނު ސުވަރުގެއަށް ވަޑައިގެން އެތަނުގެ އަހުލުވެރިންނަށްޓަކައި ތައްޔާރުވެފައި ހުރި ކަންކަން ދެކެވަޑައިގަތުމަށްފަހު މާތްﷲގެ ޙަޟްރަތަށް އަނބުރާ ކުށްތަންވެވަޑައިގެންފިއެވެ. އަދި ދެންނެވިއެވެ. އިނބަރަސްކަލާނގެ ޢިތްޒަތް ގަންދީ ދަންނަވަމެވެ. އެތަނުގެ ވާހަކަ އަޑުއެހި މީހަކު އެތަނަށް ނުވަދެ ނުހުންނާނެއެވެ. އެހިނދު މާތްﷲ ސުވަރުގެއަށް އަމުރުކުރައްވައި އެސުވަރުގެ ވަށައިގެން ދަތިކަމާ ނުރުހޭކަންކަން ލެއްވިއެވެ. އަނެއްކާވެސް މާތްﷲ ޖިބުރީލުގެފާނަށް އެންގެވިއެވެ. ސުވަރުގެއަށް އަނބުރާވަޑައިގެން، އެތަނުގެ އަހުލުވެރިންނަށްޓަކައި އެތަނުގައި ތައްޔާރުވެގެންވާ ކަންކަން ދެކެވަޑައިގަންނަވާށެވެ. އެތަން ބެއްލެވުމަށްފަހު އަނބުރާ ވަޑައިގެން ޖިބުރީލުގެފާނު މާތްﷲއަށް ދަންނަވައިފިއެވެ. އެތަނަށް އެކަކަށްވެސް ނުވަދެވިދާނެތީ އަޅު ބިރުވެތިވަމެވެ. ދެން މާތްﷲ އެކަލޭގެފާނަށް ނަރަކައަށް ވަޑައިގަތުމަށް އަމުރުކުރެއްވިއެވެ. އެހިނދު އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. އެތަނަށް (ނަރަކައަށް) ވަޑައިގެން އެތަނުގެ އަހުލުވެރިންނަށްޓަކައި ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވިކަންތައްތައް ބައްލަވާށެވެ. އެކަލޭގެފާނު ވަޑައިގެން އެތަނަށް ބެއްލެވިއިރު، ނަރަކައިގެ އެއްބައި އަނެއްބައިގެ މައްޗަށް ސަވާރުވާތަން ދެކެވަޑައިގަތެވެ. މާތްﷲގެ ޙަޟްރަތަށް އަނބުރާ ވަޑައިގެން ޖިބުރީލުގެފާނު ދެންނެވިއެވެ. އިބަރަސްކަލާނގެ ޢިއްޒަތް ގަންދީ ދަންނަވަމެވެ. އެތަނުގެ ވާހަކަ އަޑު އަހައިފިމީހަކު އެތަނަކަށް ނުވަންނާނެއެވެ. އެހިނދު މާތްﷲ އެނަރަކައަށް އަމުރުކުރައްވައި އެނަރަކައިގެ ވަށައިގެން ޝަހުވަތުތައް ލެއްވިއެވެ. އެއަށްފަހު (ޖިބުރީލުގެފާނަށް) ވަޙީކުރެއްވިއެވެ. ތިމަންރަސަކަލާނގެ އެތަނުގެ އަހުލުވެރިންނަށްޓަކައި ތައްޔާރުކުރެއްވި ކަންތައް ބައްލަވާށެވެ. އެހިނދު އެކަލޭގެފާނު ވަޑައިގެން އެތަނަށް ބެއްލެވުމަށްފަހު އެނބުރި ވަޑައިގެންފިއެވެ. އަދި ވިދާޅުވެއެވެ. އިނބަރަސްކަލާނގެ ޢިއްޒަތް ގަންދީ ދަންނަވަމެވެ.  އެތަނަށް ނުވަދެ އެކަކުވެސް އެތަނުން ނަޖާ ނުވެދާނެތީ އަޅު ބިރުވެތިވަމެވެ.

މިދަލީލުތަކުން މާތްﷲ ނަރަކަ އުފައްދަވާފައިވާކަމާއި، މިހާރު މިވަޤުތުވެސް ވުޖޫދުގައި ނަރަކަ ވާކަން ޔަޤީންވެއެވެ. 

ނަރަކައާމެދު ބިރުވެތިވުން: 

ނަރަކައާމެދު ބިރުވެތިވެ، އެތަނުން ރައްކާތެރިވުމަށް މާތްﷲ ވަނީ އެކަލާނގެ ފޮތުގައި އަންގަވާ އަމުރުކުރައްވާފައެވެ. އަދި އެކަލާނގެ ނަބިއްޔާ މުޙައްމަދުގެފާނުން ވަނީ ހަމައެފަދައިން އެނަރަކައާމެދު އިންޒާރު ދެއްވައި އެނަރަކައިގެ ނުރައްކާތެރިކަން ބަޔާންކޮށްދެއްވާފައެވެ.

މާތްﷲ ވަޙީކުރައްވާފައިވެއެވެ. فَاتَّقُواْ النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ أُعِدَّتْ لِلْكَافِرِينَ (24ބަޤަރާ) މާނައީ: ފަހެ، ތިޔަބައިމީހުން ނަރަކަޔަށް ބިރުވެތިވެ، ރައްކާތެރިވާށެވެ! އެނަރަކަޔަކީ، މީހުންނާއި ހިލަ، އޭގެ ދަރުކަމުގައިވާ ނަރަކައެވެ. އެ ނަރަކަ ތައްޔާރު ކުރައްވާފައިވަނީ، كافر ންނަށްޓަކައެވެ. އަދިވެސް މާތްﷲ ވަޙީކުރައްވާފައިވެއެވެ. لَهُم مِّن فَوْقِهِمْ ظُلَلٌ مِّنَ النَّارِ وَمِن تَحْتِهِمْ ظُلَلٌ ذَلِكَ يُخَوِّفُ اللَّهُ بِهِ عِبَادَهُ يَا عِبَادِ فَاتَّقُونِ (އައުޒުމަރު 16) މާނައީ: (ނަރަކައިގައި) އެއުރެންނަށް އެއުރެންގެ މަތީގައި އަލިފާނުގެ ފަށަލަތަކެއްވެއެވެ. އަދި އެއުރެންގެ ދަށުގައިވެސް (އަލިފާނުގެ) ފަށަލަތަކެއްވެއެވެ. اللَّه އެތަކެތިން އެކަލާނގެ އަޅުތަކުން ބިރުގަންނަވަތެވެ. އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ފަހެ، ތިޔަބައިމީހުން، ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ!

އަދިވެސް ނަރަކައާމެދު ރައްކާތެރިވެ، ބިރުވެތިވުމަށް އިންޒާރުކުރައްވައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلائِكَةٌ غِلاظٌ شِدَادٌ لا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ (ތަޙުރީމް 6) މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكة ންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمر އަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ.
 
މިހުރިހާ އާޔަތްތަކުގައި އަމުރުކުރައްވައިފައިވަނީ ނަރަކައާމެދު ސަމާލުވުމަށެވެ. އެއީ އެތަނުގެ ނުބައިކަމުގެ ބޮޑު ކަމުންނެވެ. އެތަނުގައި ތައްޔާރުވެގެންވާ ޢަޛާބުގެ ވޭން ގަދަކަމުންނެވެ.

(ނުނިމޭ)
ލިޔުއްވީ: العلامة الفقيه د. يوسف القرضاوي

ތަރުޖަމާ: ޝިފްޒާން އަޙްމަދު

ސިޔާސަތުގެ ތެރެއިން ދީން ނެރެލުމުގެ މާނައަކީ، ސިޔާސަތުގެ ތެރޭގައި ހުރި ހެޔޮކަންކަމަށް ބާރު އަޅާ އެންމެހައި ޞިފަތަކާއި ނުބައިކަންކަމުން ދުރުކޮށްދޭ ޞިފަތައް ސިޔާސަތުން ބޭރުކޮށްލުމެވެ. ސިޔާސަތާ ދީން ވަކިކުރުމަކީ ތަޤުވާއާއި ކިޔަމަންކަމަށް ފޯރުކޮށްދޭ ސަބަބުތަކުން ސިޔާސަތު އެއްކިބާކުރުމާއި، ނުބައިކަންކަމާއި ފާފަތަކަށް މަގު ފަހިކޮށްދޭ ކަންކަމުގެ ތެރެއަށް ސިޔާސަތު ދޫކޮށްލުމެވެ.

ސިޔާސަތު ދީނާ ގުޅުވައިލުމުން، ރައްޔިތުންގެ ކިބައިގައިވާ އީމާންކަމުގެ ބާރު ނުވަތަ ރޫޙާނީ ބާރު މުޖުތަމަޢަށް ޚިދުމަތްކުރުމުގައި ބޭނުންކުރުމުގެ ފުރުޞަތު ލިބެއެވެ. އެއީ އެތެރޭގެ ސިޔާސަތު، ނުބައިމަގުތަކުން ދުރުކޮށް ހެޔޮމަގަށް އަޅުވައި، އިނދިކީލަވުމުގެ ބަދަލުގައި ހަމަމަގުގައި ސާބިތުކުރުވައި، ޙަރާމްކަންކަމުން މިންޖުވެފައިވާ ތާހިރުކަމަކަށް މަގުދައްކައެވެ.

އަދި ހަމައެފަދައިން، ޚާރިޖީ ސިޔާސަތުގައި އެވަޠަނުގެ ދުޝްމަނުންނާއި ވަޠަނާމެދު ނުބައި ރޭވުންތައް ރާވާ މީހުންނާ ދެކޮޅަށް، ވަޠަނުގެ ދިފާޢުގައި، އެރޫޙާނީ ބާރު ރުކުރުވާލެވޭނެއެވެ. އެއީ ދައުލަތުގެ މައްޗަށް ބަޔަކު އަތްގަދަކޮށްފިނަމަ ނުވަތަ ދައުލަތުގެ ކަރާމާތްތެރިކަން ގެއްލިއްޖެނަމަ ނުވަތަ ދައުލަތުގެ ޙައްޤުތައް ނިގުޅައިގަނެވިއްޖެނަމަ ބިން ހޯދުމަށެވެ. މިނިވަންކަން ލިބިގަތުމަށެވެ.
ދީނާއި ދައުލަތް ގުޅުވައިގެން މަސައްކަތްކުރި މުސްލިމުންގެ ރަން ޒަމާންތަކުގައި ފެނިފައިވަނީ އެބައިމީހުން ބިންތައް ފަތަޙަކުރި ތަނެވެ. ބޮޑެތި ބިޔަ ރަސްކަން އެބައިމީހުން ކުރިމަތީ އިދަޖެހުނެވެ. އަދި ޢަދުލުވެރިކަމާއި އިޙުސާންތެރިކަމުގެ ދައުލަތް އެބައިމީހުން ޤާއިމުކުރިއެވެ. އެއަށްފަހު ޤުރުއާނުގެ ހިޔަލުގައި ޢިލްމާއި އީމާންކަމުގެ ޙަޟާރަތު ފެތުރިއެވެ.

މިއަދު އަޅުގަނޑުމެން މިތިބީއެވެ. ޞިހުޔޫނީ ދައުލަތް ނުވަތަ އިސްރާއީލުން އެމީހުންގެ ދައުލަތް ޤާއިމުކުރުމުގައާއި، އެދައުލަތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ޔަހޫދީންގެ މަދަދު ހޯދުމުގައި، އެބައިމީހުންގެ ދީނުގެ ބޭނުން ހިފީ ކިހިނަކުން ހެއްޔެވެ؟ އެމީހުންގެ ޢަލްމާނީންވެސް ޤަބޫލުކުރާ ގޮތުގައި ސިޔާސީކަންކަމުގައި ދީނުގެ ބޭނުންހިފަންޖެހެއެވެ. އެކަމަކު އެމީހުން ދެކޭ ގޮތުގައި ދިރިއުޅުމުގެ ކަންކަމުގައި ދީނަކީ މަރުޖިޢެއްނޫނެވެ.

ކަނާތުފިޔައިގެ ހަރުކަށި މަސީޙީންގެ ތެރެއިން، އެމެރިކާގެ މިހާރުގެ ރައީސް ބުޝް (ދަރިފުޅު)އާއި އޭނާގެ ޖަމާޢަތުގެ މީހުން، އެބައިމީހުންގެ އަނިޔާވެރި ބިމުގައި ބޮޑާވެ ކިނބުރުވެރިވެގަތުމުގެ ސިޔާސަތުތައް ނެގެހެއްޓުމަށް ދީން ބޭނުންކުރަނީ ކޮންފަދައަކުންކަން އެބަފެނެއެވެ. އަޅުގަނޑުމެންނަށް އެންމެ ފަހުން ފެނުނީ ބުޝް އޭނާއަށް ވަޙީ ބާވާލެއްވޭކަމުގައި ދޭހަވާ ފަދަ ޢިބާރާތްތަކަކުން ވާހަކަދެއްކިތަނެވެ. އޭނާ ބުނެފައިވެއެވެ. ޢިރާޤުގައި ހަނގުރާމަކުރުމަށާއި އަފްޣާނިސްތާނުގައި ހަނގުރާމަކުރުމަށް ތިމަންނާގެ ވެރި އިލާހު އެންގެވީއެވެ. އަދިވެސް މިނޫންއެތައް ދޮގު އިލާހީ އަމުރުތަކެއް އޭނާވަނީ އިޢުލާންކޮށްފައެވެ.

ޔޫރަޕުގެ ޢަލްމާނީ ސިޔާސީ ޕާޓީތަކުންވެސް، ދީނުން ނުވަތަ ދީނަށް ނިސްބަތްވެގަނެގެން، ނުވަތަ މަސީޙިއްޔަތުގެ ނަން ބޭނުންކޮށްގެން ބާރު ލިބިގަތުމަށް މަސައްކަތްކުރާ ތަން އަޅުގަނޑުމެންނަށް ފެނިފައިވެއެވެ. އެހެންކަމުން ކުރިސްޓިއަން އެތަށް ޕާޓީތަކެއް ފެނިފައިވެއެވެ. ކުރިސްޓިއަން ޑިމޮކްރެޓިކް ނުވަތަ ކުރިސްޓިއަން ސޯޝަލިސްޓު ޕާޓީ ފަދަ ނަންނަމުގައި ޔޫރަޕުގެ އެތައް ދައުލަތެއްގައި ސިޔާސީ ޕާޓީ އުފައްދާފައިވެއެވެ. ވޯޓުލާ ފަރާތްތަކުގެ ގިނަ ވޯޓުތަކެއް މިފަދަ ޕާޓީތަކުން ކާމިޔާބުކުރެއެވެ. އަދި ބައެއްފަހަރަށް އިންތިޚާބުތަކުގައި ކާމިޔާބު ހޯދައި ވެރިކަންވެސް ކޮށްފައިވެއެވެ.

ދީން ސިޔާސަތާ ވަކިކުރުމަށް ނުވަތަ ސިޔާސަތުގެ ކިބައިން ދީން ދުރުކުރުމަށް މުސްލިމުންގެ ކިބައިން އެކަނި އެދެވެނީ ކީއްވެ ހެއްޔެވެ؟ އެއީ އުންމަތުގެ ބާރުގެ ސިއްރާއި ވަކިވެފައިވާ ޙާލު އަދި ފިޔަކޮށާލެވިފައިވާ ޙާލު ހަތިޔާރެއްނެތް ޙާލުގައި އާރެއް ބާރެއް ނެތް ގޮތުގައި 
  ބޭއްވުމަށްތޯއެވެ؟

تحقيق ما للهند من مقولة ނަމަކަށް ކިޔުނު މަޝްހޫރު ފޮތުގައި ފޮތުގެ މުއައްލިފު العلاَّمة البيروني ވިދާޅުވެފައިވެއެވެ. (إن المُلك إذا استند إلى جانب من جوانب مِلَّة (أي دين) فقد توافى فيه التوأمان، وكمل فيه الأمر باجتماع الملك والدين) މާނައީ: މިއްލަތެއްގެ ފަރާތަށް ވެރިކަމެއް ތަބާވާނަމަ ނުވަތަ ރުޖޫޢަވާނަމަ، ނިބޫ ހަމަވާނެއެވެ. އަދި އެވެރިކަމެއްގެ ކަންތައް ފުރިހަމަވާނެއެވެ. އެއީ ދީނާއި ވެރިކަމުގެ ކަންތައް އެކުމުވުމުންނެވެ.

އިބްނުޚަލްދޫނު އޭނާގެ މަޝްހޫރު މުޤައްދިމާގެ މުޖުތަމަޢުތަކުގެ ތެރެއިން ދެބާވަތުގެ މުޖުތަމަޢުގެ ފަރަޤު ބަޔާންކުރައްވާފައިވެއެވެ. އެދެބާވަތަކީ ހަމައެކަނި ދުނިޔަވީ މުޖުތަމަޢާއި ދުނިޔެއާއި ދީނުގެ ކަންކަން ޖަމާވެފައިވާ މުޖުތަމަޢެވެ. ދެވަނަ ބާވަތުގެ މުޖުތަމަޢު ފުރަތަމަ ބާވަތުގެ މުޖުތަމަޢުތަކަށްވުރެ ޠާހިރުވެފައި، ހެޔޮވެގެންވެއެވެ. އެއީ އިޖުތިމާޢީ ޙަޔާތުގައި ދީނުގެ އަސަރު ޤަބޫލުކުރާ މުޖުތަމަޢެކެވެ. އެހެނީ ދީނުގެ އަސަރަކީ ޢާއިލީ ނުވަތަ ޖިންސުގެ އަސަރަށްވުރެ މުހިއްމުކަން ކުޑަ އަސަރެއްނޫނެވެ. އެހެންކަމުން އިބްނުޚަލްދޫންގެ އަރިހުގައި ދައުލަތުގެ އެންމެ ހަރުދަނާ އުޞޫލަކީ ދައުލަތުގެ ކަންކަމުގައި ދީނުގައި ހިފަހައްޓާ ދައުލަތެވެ. 

ދީނުގައި ސިޔާސަތެއް ނެތްކަމުގައި ބުނާ ބަހާމެދު ކުރެވޭ ބަޙުސް: 

ދީނުގައި ސިޔާސަތު އެކުލެވިގެންނުވާ ކަމުގައި ބުނާ ބަހުގެ މުރާދަކީ ކޮބައިތޯއެވެ. އެބަހުގެ މާނައަކީ ދީން މީސްތަކުންގެ ސިޔާސީ ކަންކަމަށް އެއްވެސް ވަރަކަށް އަހަންމިއްޔަތުކަމެއް ނުދިނުމާއި، އިންސާނުންގެ ދިރިއުޅުމުގެ ކަންކަމާ ބެހުމެއްނުވުމާއި، އެމީހުންގެ ދިރިއުޅުގެ ކަންކަން ރޭވުމާއި އެއްބަޔަކު އަނެއްބަޔަކާމެދު އޮންނަ ގުޅުންތަކާ ދީނާ ގުޅުމެއް ނުވުންކަމުގައިވާނަމަ، މިއީ ކުށް ހީއެކެވެ. ހުރިހާ ދީނެއްގައިވެސް މިބައިގައި ކަންކުރާނެ ގޮތްތަކަކަށް މަގުދައްކާފައިވެއެވެ. ބައެއްދީންތަކުގައި ތަންކޮޅެއް ދިގުކޮށްހުރިއިރު، އަނެއްބައި ދީންތަކުގައި އެވާހަކަތައް ހުރީ ޚުލާޞާ ކުރު ގޮތަކަށެވެ. މިދާއިރާގައި އެންމެ ގިނަ ވާހަކަތަކެއް ހުރީ އިސްލާމް ދިނުގައެވެ. އެކަމުގެ މައްޗަށް އަލިއަޅުވައިލާ، ޤުރުއާނާއި ސުންނަތުގައި ގިނަ ޢަދަދެއްގެ ނައްޞުތަކެއް ވާރިދުވެފައިވެއެވެ.

އައްޝައިޚު ޢަލީ ޢަބުދުއްރައްޒާޤު އޭނާގެ ފޮތްކަމުގައިވާ الإسلام وأصول الحكم ގައި ދުނިޔެއަކީ މާތްﷲ ކީރިތި ޤުރުއާނުގައި އެދުނިޔޭގެ ކަންކަން ތަދުބީރުކުރާނެ ގޮތްތަކުގެ މައްޗަށް އާޔަތްތަކެއް ބާވާލައްވާ ވަރަށްވުރެ ނިކަމެތި ތަނެއް ކަމުގައި ވިދާޅުވެފައިވެއެވެ.
ކީރިތި ޤުރުއާނުގައިވާ އެންމެ ދިގު އާޔަތް ބާވައިލެއްވުނީ ދުނިޔޭގެ ކަންކަން ކުރާނެ ގޮތާމެދުގައި ކަން ޝައިޚު ހަނދުމަފުޅު ނެތިވަޑައިގަތީއެވެ. ނުވަތަ ހަނދުމަފުޅު ނައްތަވައިލެއްވީއެވެ. އެއާޔަތަކީ ބަޤަރާ ސޫރަތުގެ 282ވަނަ އާޔަތެވެ. މިއާޔަތުގައިވަނީ ދަރަނީގެ ލިޔުން ލިޔުމާއި ހެކިވުމާ ބެހޭ ވާހަކަތަކެވެ. މިއާޔަތް މަޝްހޫރުވެފައިވަނީ މުދާޔާނާގެ އާޔަތުގެ ގޮތުގައެވެ. މުދާޔަނާއަކީ ދަރަނީގެ މުޢާމަލާތެވެ. އަދި ޢިލްމުވެރިން ބައްލަވައި ތަފްސީރު ކުރައްވާފައިވާ ޙުކުމްތަކުގެ އާޔަތްތައް ސަތޭކައިން ގުނާލެވޭކަންވެސް ޝައިޚު ހަނދުމަފުޅުނެތީއެވެ.

އެކި ދީންތަކުގެ އަހުލުވެރިންވެސް ސިޔާސަތަށް މަގު ދެއްކުމުގައި ބައިވެރިވެފައިވެއެވެ. ޤައިޞަރަށް ޤައިޞަރުގެ ކަންކަން ދޫކޮށްލައި، ﷲއަށް އެކަލާނގެއަށްވާކަންކަން ދޫކޮށްލުމަށް އިންޖީލުގައިވާކަމަށް ބުނާ މަސީޙީ ފައްޅިވެސްމެއެވެ. އަދި ޤައިޞަރުގެ ސިޔާސަތަށް ނުފޯޒު ފޯރުވައި، މަގުދެއްކުމަށް އެއުރެންވަނީ މަސައްކަތްކޮށްފައެވެ. އަދި ކިއެއްހެޔެވެ؟ ޤައިޞަރު ވެރިކަމުން ބާލައިފައިވެސް އެބަހުއްޓެވެ. 

ދީނާއި ސިޔާސަތު ވަކިކުރުމަކީ މަގު ފުރެދުމެކެވެ.

އަޅުގަނޑުމެންގެ ޝައިޚު އަލްޢައްލާމާ محمد الخضر حسين ސިޔާސަތާ ދީން ވަކިކުރުމަށް ބައެއް ލިޔުންތެރިން ގޮވާލާ ގޮވާލުން ޞިފަކުރައްވާފައިވަނީ މަގު ފުރެދުމެއްކަމުގައެވެ. މިޞިފަކުރެއްވުމަކީ ޝަރުޢީ ގޮތުން ޞައްޙަ ޞިފަކުރެއްވުމެކެވެ. އެހެނީ މިކަމަކީ އުންމަތުގެ ކަންކަމުގައި އިތުރުކުރެވިފައިވާ އައުކަމެކެވެ. ބިދުޢަކެވެ. ކޮންމެ ބިދުޢަކީ މަގުފުރެދުމެކެވެ. ކޮންމެ މަގު ފުރެދުމެއްވެސްވަނީ ނަރަކައިގައެވެ.

މަރުޖިޢު: އިސްލާމް އޮންލައިން 

މިލިޔުމުގެ ފުރަތަމަ ބައި!
(ނުނިމޭ)
ލިޔުއްވީ: أ.د. صلاح الدين سلطان
ތަރުޖަމާ: ޝިފްޒާން އަޙްމަދު

ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާއަށް ތަބާވުމުގައި އަޞްލަކީ އަޅުކަމުގައި ވަސީލަތްތަކާއި މަޤުޞަދުގައިމެ، އެކަލޭގެފާނަށް ތަބާވުމެވެ. އެހެންނަމަވެސް މުޢާމަލާތުގައި އެދެވިގެންވަނީ މަޤުޞަދުތަކުގައި ތަބާވުމެވެ. ވަސީލަތުގައި ތަބާވުން ލާޒިމެއް ނޫނެވެ.

އަޅުކަމުގއި އަޞްލަކީ މަޤުޞަދުތަކާއި ވަސީލަތްތަކުގައިވެސް ސަލާމާއި ޞަލަވާތްލެއްވުނު ކީރިތި ރަސޫލާއަށް ތަބާވުމެވެ. އަހަރުމެން ވުޟޫއުކުރާނީ އެކަލޭގެފާނު ކުރެއްވި ފަދައިންނެވެ. ނަމާދުކުރާނީ އެކަލޭގެފާނު ކުރެއްވި ގޮތަށެވެ. ރޯދަ ބާޠިލުކުރާ ކަންތަކުން ދުރެވެ، ތިބޭނީ އެކަލޭގެފާނު އެންގެވި ފަދައިންނެވެ. ނަބިއްޔާ ޒަކާތް ދެއްވި މިންވަރަށް ނުވަތަ ޒަކާތުގައި ނެރުމަށް އަމުރުކުރެއްވި މިންވަރަށް އަޅުގަނޑުމެންގެ މުދަލުން ޒަކާތް ދޭނަމުއެވެ. ޙައްޖުގައި ކަންކުރާނީ އެކަލޭގެފާނުގެ އަންނަނިވި ބަސްފުޅުގައި އެވާ ފަދައިންނެވެ. "خذوا عني مناسككم " –رواه مسلم- މާނައީ: ޙައްޖުގެ މަނާސިކުތައް ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ކިބައިން ލިބިގަންނާށެވެ. އެހެންކަމުން ބައެއް ޖާހިލުން ދަޢުވާކުރާ ފަދައިން ޙައްޖުގެ ވަގުތު ބަދަލުކުރުން ހުއްދަވެގެންނުވެއެވެ. ކައްފާރާގެ ގޮތުގައި ކަނޑައެޅިފައިވާ ކަންކަން ބަދަލުކުރުމުގެ ހުއްދައެއްވެސް ނޯންނާނެއެވެ. އެފަދަ ކަންކަމުގައި ތަބާވުން ފިޔަވައި އިތުރު ގޮތެއް ނޯންނާނެއެވެ.

އެހެންނަމަވެސް އަޅުކަމުގެ ތެރެއިން އިސްތިސްނާއީ ބައެއް ޙާލަތްތަކުގައި ވަސީލަތް ފިޔަވައި މަޤުޞަދަށް ތަބާވުން ހުއްދަވެގެންވެއެވެ. މިސާލުތަކެއް:

ހ- ދަތް އުގުޅުމުގައި ބުރުސް ބޭނުންކުރުން:

ޝައްކު ނުކުރާށެވެ. ދަތް އުގުޅުމުގައި އެންމެ މޮޅު އިތުރުވެގެންވާ ގޮތަކީ ސިވާކު ދަނޑި ބޭނުންކުރުމެވެ. އެއީ ރަސޫލާއަށް ތަބާވުމުގެ ގޮތުންނެވެ. އެހެންނަމަވެސް ބުރުސް ބޭނުންކޮށްގެން މުސްލިމަކު ދަތް އުގުޅައިފިނަމަ، މިއަޅުކަމުގެ މަޤުޞަދު އޭނާ ޙާޞިލުކޮށްފިއެވެ. އެއީ އަގަ ސާފުތާހިރުކުރުމެވެ. އެކަމުގެ ސަބަބުން އެހެން މީހުންނަށް އުދަގޫ ނުވުމާއި، ތިމާއަށް ގެއްލުން ދޭ ޖަރާސީމްތަކުން ސަލާމަތްވެއެވެ. އެކަމުގައިވެސް މާތްﷲއަށާއި އެކަލާނގެ ރަސޫލާއަށް ތަބާވުމުގެ ހިތު ނިޔަތް އޮންނަންޖެހެއެވެ. އެހެންކަމުން އިމާމް ނަވަވީ ވިދާޅުވެފައިވެއެވެ. "وبأي شيء استاك بما يزيل التغير أجزأه ولو بخرقة خشنة؛ لأنه به يحصل المقصود" މާނައީ: ދަތް އުގުޅުމުގައި ކިލަނބުވުން ފިލުވާލާ ކޮންމެ އެއްޗެއް ބޭނުންކުރިއަސް އެއިން އެއަޅުކަން ޙާޞިލުވާނެއެވެ. ހަރު ފޮތިކޮޅެއް ބޭނުންކުރި ކަމުގައިވީނަމަވެސްއެވެ. އެހެނީ އެއިންވެސް މަޤުޞަދު ޙާޞިލުވެއެވެ. އިމާމް إبن قدامة المقدسي މިކަން އިތުރަށް ޔަޤީން ކޮށްދެއްވަމުން ވިދާޅުވެފައިވެއެވެ. "وإذا استاك بأصبعه أو خرقة فقد قيل لا يصيب السنة؛ لأن الشرع لم يرد به، والصحيح أنه يصيب السنة بقدر ما يحصل من الإنقاء". މާނައަކީ: ޝަރީޢަތުގައި ވާރިދުވެފައި ނުވާތީ، އަތުގެ އިގިލިތަކުން ނުވަތަ ހަރު ފޮތިކޮޅަކުން ދަތް އުގުޅުމުން ސުންނަތް ޙާޞިލުނުވާނެކަމަށް ބަޔަކު ބުނެފާނެއެވެ. ރަނގަޅުގޮތަކީ ލިބިގަނެވޭ ސާފުކަމެއްގެ މައްޗަށް ބަލައި އެގޮތުންވެސް ސުންނަތް ޙާޞިލުވުމެވެ.

މިއީ ޝާފިޢީ މަޛުހަބުގެ އިމާމެއްކަމުގައިވާ އިމާމް ނަވަވީއާއި ޙަންބަލީ މަޛުހަބުގައި އިމާމެއްކަމުގައިވާ އިމާމް އިބްނު ޤުދާމާ މިވިދާޅުވަނީ، ދަތްއުގުޅުމުގެ މަޤުޞަދުކަމުގައިވާ "އަނގަ ސާފު ތާހިރުވުން" ވަސީލަތްކަމުގައިވާ "ސިވާކު"އާ ނުލައި ޙާޞިލުވުމުން، އެއަޅުކަން ނުވަތަ ސުންނަތް ޙާޞިލުވާނެކަމުގައެވެ.

ށ- ފިޠުރު ޒަކާތް:

ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައިވާ ގޮތުގައި ފިޠުރު ޒަކާތަށް މައިގަނޑު ދެ މަޤުޞަދެއްވެއެވެ. އެއީ ރޯދަވެރިންގެ ނަފްސުތައް ތާހިރުކުރުމާއި ނިކަމެތީންނަށް އެހީތެރިވެ، ކާނެ އެތިކޮޅު ފޯރުކޮށްދިނުމެވެ. އެހެންކަމުން އެކަލޭގެފާނު އެންގެވީ ކަނދުރުގެ ތެރެއިން ޞާޢެއްގެ މިންވަރު ޒަކާތުގެ ގޮތުގައި ފަޤީރުންނަށް ފޯރުކޮށްދިނުމެވެ. އެހެންނަމަވެސް އިސްލާމީ ފިޤުހުގައި މިކަމުގައި ރިޢާޔަތްކޮށްފައިވަނީ ފަޤީރުމީހާގެ މުހުތާދުތަކަށެވެ. އެހެންކަމުން ޙަނަފީ މަޛުހަބުގެ ދަންނަބޭކަލުންގެ އަރިހުގައި ނަޤުދު ފައިސާއިން އެޒަކާތް ނެރުމުގައި އެއްވެސް މައްސަލައެއްނެތެވެ. އެއީ ޢީދު ދުވަހުގައި ސަލާން ޖެހުމުގެ ނިކަމެތިކަމުން މިންޖުކުރުމަށާއި އެމީހުންނަށް ލިބޭ ފައިދާ އެގޮތުން މާ ބޮޑުވާނެ ތީއެވެ.

ފަހަރުގައި އެމީހުންނަށް ދިރިއުޅުމުގެ ޚަރަދުތަކުގެ ތެރެއިން ކެއުން ފިޔަވައި ކަމަކަށް ބޭނުންޖެހިފައިވާ މިންވަރު ބޮޑު ވެދާނެއެވެ. ބޭސްފަރުޔާއަށް ނުވަތަ ތަޢުލީމުގެ ޚަރަދަށް ނުވަތަ ދިރިއުޅޭތަނުގެ އަގުދެއްކުމަށް ބޮޑަށް ބޭނުންވެދާނެއެވެ. އަދިވެސް ބައެއް އިސްލާމީ ޤައުމުތަކުގައި ފުށާއި ހަނޑޫ ފަދަ ކާޑުގެ ބާވަތްތައް ގަތުމަށްފަހު ފަޤީރުންނަށް ދެމުންގެންދެއެވެ. ދެން އެފަޤީރުން ނުކުމެ، އެއްކަލަ ހަނޑޫ ވިޔަފާރިވެރިން ދެގުނަ އަގުހެޔޮކޮށް ވިއްކަންޖެހެއެވެ. އެއީ ބޭނުންވާ ތަކެތި ހޯދުމަށެވެ. އެއިރުން ޒަކާތްވެގެންދަނީ ވިޔަފާރިވެރިންކުރެ އަނިޔާވެރި ދަހިވެތި މީހުންނަށް ކާންދެވޭ އެއްޗަކަށެވެ.
އެހެންކަމުން ފިޠުރު ޒަކާތުގެ ގޮތުގައި ނަގުދު ފައިސާ ނެރުމަކީ މިހާރު މައްސަލައެއްނޫނެވެ. މިކަމުން އެގެނީ މަޤުޞަދުތަކުގެ މައްޗަށް ކުރާ އިޖުތިހާދު ޞައްޙަވެގެންވުމެވެ. އެއީ ސަލާމާއި ޞަލަވާތްލެއްވުނު ރަސޫލާ ބޭނުންކުރެއްވި ވަސީލަތް ދޫކޮށްލުމާ އެކުގަވެސްމެއެވެ.

ނ- ތަރާވީޙު ނަމާދުގެ ރަކުޢަތްތައް އިތުރުކުރެއްވުން:
 
ތަރާވީޙު ނަމާދަކީ އެކަނި ކުރާ ނަމާދަކަށްވުމުގެ ބަދަލުގައި އެއީ ޖަމާޢަތުގައި ކުރާ ނަމާދެއްކަމުގައި ކަނޑައެޅުއްވުމުން، ޞަޙާބިއްޔަ ބޭކަލުންގެ އިޖުތިހާދުތަކަށް ނިމުމެއް އައީ އެއްނޫނެވެ. އެހެންނަމަވެސް އަށް ރަކުޢަތުގެ ބަދަލުގައި ޢުމަރުގެފާނުގެ ޒަމާނުގައި 20 ރަކުޢަތް ހަމަޖެއްސެވޫއެވެ. އަދި ޢުޘްމާނުގެފާނުގެ ޒަމާނުގައި 36 ރަކުޢަތްކަމުގައި ހަމަޖެއްސެވީއެވެ. އަދި ޖެހިގެން އައި ޒަމާންތަކުގައި ސާޅީހުން މައްޗަށް ރަކުޢަތުގެ ޢަދަދު އުފުލުނުކަމަށް ބުނެވެއެވެ.

އެގޮތަށް އެކަން ހަމަޖެއްސެވީ ވަރަށް މުހިއްމު މަޤުޞަދެއް ޙާޞިލުކުރެއްވުމުގެ ބޭނުމުގައެވެ. އެއީ ރަމަޟާން މަހުގެ ރޭތައް އިޙުޔާކުރުމުގައި ޤުރުއާން ކިޔަވާ މިންވަރު އިތުރު ކުރެއްވުމެވެ. އަދި މިއީ ޞަޙާބީންގެ ޙާޟިރުގައި ނިމިދިޔަ ކަމެކެވެ. އެއިން ބޭކަލަކު މިއީ ބިދުޢަތްކަމުގައި ވިދާޅުވިކަމެއް އަޅުގަނޑަށް އެގިފައެއްނެތެވެ.

ރ- ހުކުރު ނަމާދުގެ ކުރިން ގޮވާ ދެވަނަ ބަންގިއެއް އިތުރުކުރެއްވުން:
 
ބަންގީގެ މަޤުޞަދަކީ ނަމާދު ވަގުތު އައިސް ޖެހިއްޖެކަން މީސްތަކުންނަށް އަންގައިދިނުމެވެ. އެހެންކަމުން ޢިމާރާތްތައް ގިނަވެ، މީސްތަކުންނާ ހަމައަށް ބަންގި ފޯރުން ދަތިވުމުން، އިތުރު ބަންގިއެއް އިތުރުކުރެއްވުމަކީ މައްސަލައެއްކަމަކަށް ޞަޙާބިއްޔަ ބޭކަލުން ދެކެވަޑައިނުގަންނަވައެވެ. އެބަންގީގެ ބޭނުމަކީ ނަމާދު ވަގުތު ގާތްވެއްޖެކަން އެންގުމެވެ. މިހާރު އަޞްލަކީ އެއް ބަންގީގެ މައްޗަށް ފުއްދައިލުމެވެ. އެއީ އަޑު ގަދަކުރާއާއި ގަނޑިތައް ޢާންމުވެފައިވާތީއެވެ. 

ޡާހިރުގެ އަހުލުވެރިންނާއި މާނައިގެ އަހުލުވެރިން
ބ- ބަނޫ ޤުރައިޡާގެ ކޯއްޓޭގައި ކުރެއްވުމަށް އަމުރުކުރެއްވި ނަމާދު:

ދަލާލަތުގައާއި ޘާބިތުވުމުގައި ޤަޠުޢީ ޝައްކެއް ވަހުމެއް ނެތް އަމުރުފުޅެއް ސަލާމާއި ޞަލަވާތްލެއްވުނު މާތް ރަސޭލާ އެކަލޭގެފާނުގެ ޞަޙާބީންނަށް ކުރެއްވިއެވެ. "لا يصلين أحدكم العصر إلا في بني قريظة" މާނައީ: ތިޔަބައިމީހުންކުރެ އެއްވެސް ބަޔަކު ބަނޫޤުރައިޡާގެ ކޯއްޓޭގައި މެނުވީ ޢަޞްރު ނަމާދުކޮށްގެން ނުވާނެއެވެ. މިޤަޠުޢީ ނައްޞާމެދުގައި އިޖުތިހާދުކުރެއްވުމުން މާތް ޞަޙާބީން މަނާވެވަޑައެއް ނުގަންނަވައެވެ. އޭގެތެރެއިން އެއްބައި ބޭކަލުން ދަތުރުގެ މަތީގައި ނަމާދުކުރައްވާފިއެވެ. އެއީ އެބޭކަލުން ޤަބޫލުކުރެއްވި ގޮތުގައި ޙަދީސްގެ މުރާދަކީ ބޭރުފުށުގެ މާނައެއްނޫނެވެ. އެހެންނަމަވެސް ޙަދީސްގެ މަޤުޞަދަކީ އަވަހަށް ބަނޫޤުރައިޡާގެ ކޯއްޓޭއަށް ވަޑައިގަތުމަށް ބާރު އެޅުއްވުމެވެ. އެބޭކަލުން ނަމާދުކުރެއްވިއިރު، އަނެއްބައި ބޭކަލުން ޙަދީސްގެ ބޭރުފުށުގެ މާނައިގައި ހިއްޕެވީއެވެ. އަދި ނަމާދު ކޯއްޓޭއަށް ވަޑައިގެންނެވެންދެން ފަސްކުރެއްވީއެވެ. ނަމާދުގެ ވަޤުތު ފަހަނައަޅައި ދިއުމާއެކުވެސްމެއެވެ. ޞަޙާބީންގެ މަތިވެރި ފިޤުހާއި އެބޭކަލުންގެ ރިވެތި އަޚުލާޤުގެ ސަބަބުން އެއްޖަމާޢަތެއްގެ ބޭކަލުން އަނެއްޖަމާޢަތެއްގެ ބޭކަލުންނާ ދެކޮޅު ހައްދަވައި ޖަދަލު ނުކުރައްވައެވެ. އެބޭކަލުން ފަރުޢީ މައްސަލައެއްގެ ސަބަބުން މައިގަނޑު ލަނޑުދަނޑިމަތިން ހަނދުމަ ނައްތަވައި ނުލައްވައެވެ. ނަބިއްޔާ މިދެޖަމާޢަތުގެ ބޭކަލުން ކަންކުރެއްވި ގޮތްވެސް ރަނގަޅުކަމުގައި ކަނޑައެޅުއްވިއެވެ. އެއީ މަޤާޞިދުގެ މަދުރަސާއާއި ޡާހިރުގެ މަދުރަސާއެވެ. އިމާމް އިބްނުޤައްޔިމު މިޙާދިސާ ދިރާސާކުރެއްވުމަށްފަހު އެކަލޭގެފާނުގެ إعلام الموقعين عن رب العالمين ނަމަކަށް ކިޔުނު ފޮތުގައި ވިދާޅުވެފައިވެއެވެ. "أما الذين صلوا في الطريق فهم سلف أهل المعاني والقياس، وأما الذين صلوا في بني قريظة فهم سلف أهل الظاهر". މާނައީ: ދަތުރުގެ މަތީގައި ނަމާދުކުރެއްވި ބޭފުޅުންނަކީ މާނައާއި ޤިޔާސްގެ އަހުލުވެރިންގެ ކާބަފައިންނެވެ. ބަނޫޤުރައިޡާގެ ކޯއްޓޭގައި ނަމާދުކުރި މީހުންނަކީ ޡާރިހުގެ އަހުލުވެރިންގެ ކާބަފައިންނެވެ.
އަޅުގަނޑަށް ޔަޤީންވާ ގޮތުގައި ދީނީ އެކި ޖަމާޢަތްތަކާއި ފިކުރުތައް މިއަދުވަނީ މިމަންހަޖަށް ވަރަށް ބޮޑަށް ބޭނުންޖެހިގެނެވެ.

އެހެންކަމުން އަޅުކަމުގައި އަޞްލަކީ މަޤާޞިދުގައާއި ވަސީލަތްތަކުގައިމެ ސަލާމާއި ޞަލަވާތްލެއްވުނު ކީރިތި ރަސޫލުﷲއަށް ތަބާވުމެވެ.

(ނުނިމޭ)
މިލިޔުމަކީ އުސްތާޛުއް ދުކުތޫރު ޞަލާޙުއްދީން ސުލްޠާން ލިޔުއްވާ الضوابط المنهجية لاتباع الرسول صلى الله عليه وسلم   މިލިޔުމުން ނަގާފައިވާ ބައެކެވެ. މިފާލަމަށް ފިއްތަވައިލެއްވުމުން މިލިޔުން ޝައިޚުގެ ރަސްމީ ސައިޓުން ވިދާޅުވެވޭނެއެވެ.
ކުރިއަށް ތަރަހަ

ފަހުގެ ލިޔުން

↑

ފަހުގެ ޚިޔާލު

ބްލޮގްތަކުން

  • Mohamed Shafiu
    ދީނީ ދަޢުވަތު ދޭ މީހާއަށް ލިބޭ ބޮޑު ދެ ނިޢުމަތެއް - މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރުﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ.يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا ...
  • އިބްން އަބްދުލްރަހްމާން ޅޮހި
    ހަރޯދައިގެ މާތްކަން އަދި ޤަޟާ ރޯދައިގެ ކުރިން ހަރޯދަ ހިފިދާނެތަ؟ - عبد الرحيم الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد: ޝައްވާލު މަހުގެ ހަރޯދަ ހިފުމަކީ ވަރަށް މަތިވެރިވެގެންވާ އަޅުކަމެކ...
  • ދި - ލިޔުން
    ދިވެހިރާއްޖޭގެ ތަޢުލީމީ ކަލެންޑަރު 2015 - Maldives Academic Calendar 2015 [މި ސައިޓަށް ސަބްސްކްރައިބް ކުރެއްވީތީ ތިޔަބޭފުޅާއަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަމެވެ! ބައެއް ބައިތައް ( މިސާލަކަށް ވީޑ...
  • Maldivian Pearls
    -

ފޭސްބުކުގައި ތަރަހަ

2011 Tha-ra-ha. All rights reserved.