ދީނީ ދަޢުވަތު ދޭ މީހާއަށް ލިބޭ ބޮޑު ދެ ނިޢުމަތެއް
-
މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރުﷲ ތަޢާލާ ކީރިތި ޤުރްއާނުގައި
ވަޙީކުރައްވާފައިވެއެވެ.يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ
وَقُولُوا قَوْلًا ...
މިލިޔުމުގެ ފުރަތަމަ ބައިގައި އަޅުގަނޑުވާނީ ޙައްޖުވާޖިބުވުމުގައި އަންހެނާއަށް ޚާއްޞަ ޝަރުޠުތަކުގެ ތެރެއިން ފުރަތަމަ ޝަރުޠުކަމަށްވާ މަޙުރަމެއް ނުވަތަ ފިރިމީހާ އޭނާއާއެކު ޙައްޖުގެ ދަތުރަށް ނުކުތުމުގެ ޝަރުޠާމެދު ދަންނަބޭކަލުންގެ މެދުގައި ހުރި ޚިޔާލުތަފާތުވުންތައް ގެނެސްދީފައެވެ. އަދި ފުރަތަމަ ރައުޔައިގެ ދަލީލުތަކުގެތެރެއިން ޙަދީސްގެ ބަޙުސްވާނީ ފުރިހަމަކޮށްފައެވެ. ދެން އޮތީ އެބޭފުޅުންގެ ދަލީލުގެ ދެވަނަބައެވެ.
ފުރަތަމަ ދަލީލުގެ ދެވަނަބައި:
ފުރަތަމަ ދަލީލުގެ ދެވަނަ ބަޔަކީ އަންހެނާ ކުފުރުގެ ގޯތިން ގިނިކަންޏާ އިސްލާމްކަމުގެ ގޯއްޗަށް ދަތުރުކުރުން ހުއްދަވެގެންވުމުގެ މައްޗަށް ޤިޔާސްކުރައްވައި، ޙައްޖުގައި އެކަނި ޙައްޖުވުން ހުއްދަވާނެކަމަށް ދަލީލުނަންގަވާ ނެންގެވުމެވެ.
މިދަލީލަށް ރައްދު ދިނުމުގެ ގޮތުން ބުނަން އޮތީ މިއީ ރަނގަޅު ޤިޔާސެއް ނޫންކަމުގައެވެ. ސަބަބަކީ ޤިޔާސްކުރެވުނު ދެކަމުގެ ދެމެދުގައި ޙަޤީޤީ ގުޅުމެއްނެތުމެވެ. ނުވަތަ އެދެޙުކުމަކީ އޭގެ ޒާތުގައި ތަފާތު ދެސަބަބަކަށްޓަކައި އައި ދެޙުކުމެއްކަމުގައިވުމެވެ. އެހެނީ އަސީރެއްގެ ގޮތުގައި ކުފުރުގެ ގޯތީގައި ހައްޔަރުވެފައިވާ އަންހެނާ މިނިވަންވުމާއެކު، އިސްލާމްކަމުގެ ގޯއްޗަށް، އެކަނި ނުވަތަ ގިނިކަންޏާ އައުން ހުއްދަވެގެންވަނީ އޭނާއަށް ކުފުރުގެ ގޯތީގައި ދެމިހުރެއްޖެނަމަ ލިބިދާނެ ގެއްލުމަކުން މިންޖުވުމުގެ ގޮތުންނެވެ. އެގޮތުން ކުފުރުގެ ގޯތީގައި ދެމިހުރުމުން ލިބިދާނެ ގެއްލުމުގެ ބަދަލުގައި، އޭނާއަށް އިޚުތިޔާރުކުރުން ލާޒިމުވެގެންވަނީ ދަތުރުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ގެއްލުމެވެ. މިއީ އިމާމް ނަވަވީއާއި إمام إبن قدامة المقدسيމިދަލީލަށް ދެއްވި ރައްދެވެ. އަދި މިއީ ޑރ.ޢަބަދުލްކަރީމް ޒައިދާނު އިޚުތިޔާރުކުރައްވާ ރައްދުވެސްމެއެވެ.(1)
އަދި ޙައްޖަކީ ލަސްކުރެވިދާނެކަމަށްތޯ ނުވަތަ އެއީ ވާޖިބުވުމާއެކު، އަދާކުރުން ލާޒިމުކަމެއްކަން ކަނޑައެޅުމުގައި ފިޤުހުވެރިންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ. އެހެންކަމުން ކޮންމެ ގޮތެއްގައިނަމަވެސް ޙައްޖުވުމަށް މަޙުރަމެއް ނުވަތަ ފިރިމީހާ ރުހިއްޖައުމަށްދާނދެން ޙައްޖު ފަސްކުރުން އަންހެނާގެ މައްޗަށް އިތުރުކަން ބޮޑުވެގެންވެއެވެ. މިއީ ޑރ.ޢަބްދުލްކަރީމް ޒައިދާންގެ ރައުޔައެވެ.(2)
އިތުބާރުކުރެވޭ އިތުރު އަންހެނަކު ހުރުމުން ޙައްޖު ވާޖިބުވާނެކަމަށް ވިދާޅުވާ ބޭފުޅުންގެ ދަލީލަކީ ކުރީގައި އިސްވެދިޔަ ޢަދިއްޔުގެފާނުގެ ޙަދީސާއި ބަޔާންކުރި ޤިޔާސްކަމުގައިވާނަމަ، އެދަލީލުތަކަށް ރައްދުދީ ނިމިއްޖެއެވެ. މީގެ އިތުރަށް ޙައްޖުގައި، މަޙުރަމަކު ނުވަތަ ފިރިމީހާ ދަތުރުގައި ބައިވެރިވުން ޝަރުޠުކުރެވިފައިވަނީ އަމާންކަން އަންހެންމީހާއަށް ލިބުމަށްޓަކައިކަމުގައިވާތީ، އެންމެ އަންހެނެއް އިތުރަށް ހުރުމުން އަމާންކަން ލިބޭނެކަމަށް ބުނަނީނަމަ، އެއީ މަޤުބޫލުވާހަކައެއްނޫނެވެ. އެހެނީ ބުއްދީގެ ހަމައިން ބަލާއިރު، އަދި ޢުރުފަށް ވިސްނާއިރު، ދެއަންހެނުންނަށް އެކަނި ދަތުރުކުރާނަމަ، ނަފްސުގެ މައްޗަށް ލިބެންޖެހޭ އަމާންކަން ލިބުމަށްވުރެ، ގާތްވެގެންވާ ގޮތަކީ އެއަމާންކަން ނުލިބުމެވެ.
ދެވަނަ ދަލީލު: މިއީވެސް ޡާހިރީ މަޛްހަބުގެ ޢިލްމުވެރިންގެ ދަލީލެކެވެ. އެބޭކަލުންގެ އަރިހުގައި އަންހެނާގެ މައްޗަށް ޙައްޖުވާޖިބުވުމަކަށް މަޙުރަމެއް ހުރުން ނުވަތަ ދަތުރުގައި ފިރިމީހާ ބައިވެރިވުން ޝަރުޠެއްކަމުގައި ނުވެއެވެ. އެބޭފުޅުންގެ ދެވަނަ ދަލީލަކީ މާތްﷲގެ އަންނަނިވި ވަޙީ ބަސްފުޅެވެ. އެކަލާނގެ ޙައްޖު ވާޖިބުވެގެންވުން ބަޔާންކުރައްވައި ވަޙީކުރައްވައެވެ. وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلا(97) އާލުޢިމްރާން. މާނައީ: މީސްތަކުންކުރެ އެކަމުގެ މައްޗަށް ކުޅަދާނަކަން ލިބިގެންވާ މީހާއަށް، މާތްﷲއަށްޓަކައި އެކަލާނގެ ގެކޮޅަށް ޙައްޖުވުން ވާޖިބުވެގެންވެއެވެ.
ޙައްޖު ވާޖިބުވެފައިވަނީ މިއާޔަތުގެ ނައްޞުންނެވެ. މިއާޔަތުގައި ބަޔާންވެގެންވާ ގޮތުން ޙައްޖު ވާޖިބުވާނީ ކުޅަދާނަކަން ލިބުމުންނެވެ. އެހެންކަމުން ކުޅަދާނަކަމުގެ ޝަރުޠުފުރިހަމަވުމުން އަންހެނާގެ މައްޗަށްވެސް ޙައްޖު ވާޖިބުވާނެއެވެ. އަދި މަޙުރަމެއްނެތި ނުވަތަ ފިރިމީހާއާ ނުލައި ދަތުރުކުރުން އަންހެނާއަށް ހުއްދަވެގެންނުވާނެކަމަށް ދޭހަވާ ގޮތަށް ވާރިދުވެފައިވާ ހުރިހާ ޙަދީސްތަކަކީ ޢާންމު ޙުކުމެއް ބަޔާންކުރާ ޙަދީސްތަކެކެވެ. އެޢާންމު ޙުކުމަކީ ގިނިކަންޏާ ދަތުރުކުރުން އަންހެނާއަށް ހުއްދަވެގެންނުވުމެވެ. މިއާޔަތުގައި އައިސްފައިވަނީ އިސްތިސްނާއީ ޙުކުމެކެވެ. އެއީ ގިނިކަންޏާ ޙައްޖުވުމަށް ދަތުރުކުރުން ހުއްދަވުމުގެ ޙުކުމެވެ. މިއީ އިމާމް އިބްނު ޙަޒުމު ރަޙިމަހުﷲ އެކަލޭގެފާނުގެ ފޮތުގައި ގެންނަވާ ދަލީލެކެވެ. (3)
މިދަލީލަށް ދޭ ރައްދު:
މަޙުރަމެއްނެތި ނުވަތަ ފިރިމީހާއާ ނުލައި ޙައްޖު ނުވެވޭނެކަމަށް ހުރި ޙަދީސްތަކާ މިއާޔަތާ ދެމެދުގައި އެއްވެސް ފުށުއެރުމެއްނެތެވެ. އެހެނީ އަންހެނާގެ ނިސްބަތުގައި ކުޅަދާނަކަން ލިބުމަކީ މަޙުރަމެއް ނުވަތަ ފިރިމީހާ ހުރުމެވެ. އެހެނީ ކީރިތި ރަސޫލާ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ.) ގެ ކިބައިން އައިސްފައިވާ ޙަދީސްތަކުން ދަތުރުކުރާނެ ސަވާރީއެއް ލިބިފައިވުމުގެ އިތުރު ޙައްޖު ވާޖިބުވުމުގައި އަންހެނާގެ މައްޗަށް ދަތުރުގައި ބައިވެރިވާނެ މަޙުރަމެއް ނުވަތަ ފިރިމީހާ ހުރުން ލާޒިމުވެގެންވެއެވެ. މާތްﷲ އެބޭކަލަކަށް ރުއްސުންލެއްވި އަބޫއުމާމާގެ އަރިހުން الإمام دارقطني ރިވާކުރައްވާފައިވާ މަރުފޫޢު(4) ޙަދީސެއްގައި އައިސްފައިވެއެވެ. "لاتسافر المرأة سفر ثلاثة أيام أو تحج إلا و معها زوجها" މާނައީ: ފިރިމީހާއާ ނުލާ، އަންހެނަކު ތިންދުވަހުގެ ދަތުރެއްކޮށްގެން ނުވަތަ ޙައްޖުވެގެންނުވާނެއެވެ. މިޙަދީސުގެ ޞަރީޙަ ނައްޞުން ދޭހަވާގޮތުގައި މަޙުރަމެއްނެތި ޙައްޖުވުންވެސް އަންހެނާގެ މައްޗަށްވަނީ ނަހީވެގެނެވެ.
މިއާޔަތުން އިމާމް އިބުނު ޙަޒުމު ނަންގަވާ ދަލީލަށް އިތުރަށް ބާރު ދެއްވުމުގެ ގޮތުން، އިސްވެ ދިޔަ ލިޔުމުގައި އަޅުގަނޑު ބަޔާންކުރި އިބްނު ޢައްބާސްގެ ޙަދީސް ބޭނުންކުރައްވައެވެ. އެޙަދީސަކީ: ކީރިތި ރަސޫލާ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށި) ޙަދީސްކުރެއްވިކަމަށް އިބްނު ޢައްބާސް ރިވާކުރައްވާފައިވެއެވެ. "لا يخلون رجل بإمرأة إلا و معها ذو محرم و لا تسافر المرأة إلا و مع ذى محرم" فقام رجل فقال: إن إمرأتي خرجت حاجة و إنى اكتتبت فى غزوة كذا و كذا قال: فانطلق فحج مع إمرأتك" (5) މާނައީ: ފިރިހެނަކު އަންހެނަކާއެކު އެކަނބުލޭގެގެ މަޙަރަމެއް ނެތި އެކަހެރިނުވާހުށިކަމެވެ. އަދ އަންހެނަކު މަޙުރަމަކާނުލާ ދަތުރު ނުކުރާ ހުށިކަމެވެ. އެހިނދު މީހަކު ތެދުވި އެކަލޭގެފާނަށް ދަންނަވައިފިއެވެ. އަޅުގަނޑުގެ އަންހެނުންވަނީ، އަޅުގަނޑު އެވެނި މިވެނި ހަނގުރާމައެއްގައި ވަނިކޮށް، ޙައްޖުވުމަށް ނުކުމެއެވެ. އެހިނދު ރަސޫލާ ޙަދީސްކުރެއްވިއެވެ. ކަލޭ ނުކުންނާށެއެވެ. އަދި ކަލޭގެ އަނބިމީހާއާއެކު، ޙައްޖުވާށެވެ.
މިޙަދީސުން އިމާމް އިބުނު ޙަޒުމު ދަލީލު ނަންގަވާ ގޮތް:
ރަސޫލާ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމްހުރި) މިޙަދީސްގައި ނަހީކުރެއްވިކަންތައް ކަމުގައިވާ މަޙުރަމަކާ ނުލައި ދަތުރުކުރުމުގެ ކުށްވަނީ ހިނގާފައެވެ. އެއީ އަންހެނަކު ދަތުރަށް ފިރިމީހާއާ ނުލައި ނުކުތުމެވެ. އަދި މީހަކުވަނީ އެކަލޭގެފާނުގެ އެރިހުން އެކަމާމެދު ސުވާލުކުރައްވާފައެވެ. އެއީ ފިރިމީހާ ނުވަތަ މަޙުރަމެއް ނުލާ ހައްޖަށް ނުކުތް އަންހެނެއްގެ ވާހަކައެވެ. ރަސޫލާ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމްހުރި) އަމުރުކުރެއްވީ ފިރިމީހާ އަންހެންމީހާއާ އެކީ ޙައްޖަށް ނުކުތުމަށެވެ. އެއްވެސް ޙާލެއްގައި އަނބިމީހާ އަނބުރާ އައުމަށް ނުވަތަ ގެނައުމަކަށް އަމުރެއް ނުކުރައްވައެވެ. އަދި ޙައްޖުވުމަށް ނުކުތުމަށް ރަސޫލާ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމްހުރި) ކުރެއްވި އަމުރުފުޅުން އިމާމް އިބްނުޙަޒުމު ނަންގަވާ ޙުކުމަކީ ޙައްޖުވުމަށް އަނބިމީހާއާއެކު، ނުކުތުން ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވާކަމުގެ ޙުކުމެވެ. (6)
މިޙަދީސުން އިމާމް އިބުނު ޙަޒުމު ޙުއްޖަތް ދައްކަވާ ދެއްކެވުމަށް ރައްދުދެއްވަމުން އިމާމް ޝައުކާނީ ވިދާޅުފައިވާ ވާހަކައިގެ ޚުލާޞާއަކީ އަންނަނިވި ވާހަކަ ކޮޅެވެ. މަޙުރަމަކު ނުވަތަ ފިރިމީހާ ޙައްޖުވާން ނުކުންނަ އަންހެނާއާއެކު، ދަތުރުގައި ބައިވެރިވުމަކީ ޝަރުޠެއްކަމުގައިނުވާނަމަ، ކީރިތި ރަސޫލާ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމް ލައްވާށި) ހަނގުރާމައެއްގައި ޖިހާދުގެ މައިދާނަށް ނުކުންނަން ތައްޔާރުވަމުން ދިޔަ މީހަކު، އެތަނުން ފޮނުވާލައްވާ، އަނބިމީހާއާއެކީ ޙައްޖުވުމަށް އަމުރު ނުކުރައްވާނެއެވެ. (7)
މިރައްދަށް ރައްދުދެވިދާނެ ގޮތެއް:
ޙައްޖުވުމަށް ފިރިމީހާއަށް އަމުރުކުރެއްވި ކުރެއްވުމުން ދޭހަވަނީ އަނބިމީހާ ބޭނުންވެއްޖެ ޙާލަތެއްގައި ފަރުޟު ޙައްޖުގައި އޭނާއާއެކު، ނުކުތުމަކީ ފިރިމީހާގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަމުގައެވެ. އެއްވެސް ޙާލެއްގައި ފިރިމީހާ ނުވަތަ މަޙުރަމު ނެތުމުން ޙައްޖު ވާޖިބުނުވާނެކަމުގެ ދަލީލެއް އެއަމުރު ފުޅުން ނުލިބެއެވެ.
މިރައްދުގެ ރައްދު:
މަޙުރަމު ނުވަތަ ފިރިމީހާ ޙައްޖަށް ނުކުންނަ އަންހެނާއާއެކު، ހުރުމަކީ ފަރުޟެއްކަމުގައިނުވާނަމަ، ޖިހާދުގެ މައިދާން ދޫކޮށް އަންހެން މީހާއާއެކު، ޙައްޖުވުމަށް ކީރިތި ރަސޫލާ ( އެކަލޭގެފާނުގެ މައްޗަށް ސަލާމާއި ޞަލަވާތް ލައްވާށި) އަމުރުނުކުރައްވާނެއެވެ. އެހެންކަމުން އެއަމުރުފުޅުގެ ފިޤުހީ ދޭހައަކީ އަންހެނާއަށް ޙައްޖުގެ ދަތުރަށް ފިރިމީހާއާ ނުލައި ނުކުތުން ހުއްދަވެގެންނުވުމެވެ. އަދި އަންހެނާ ފަރުޟު ޙައްޖަކަށް ނުކުންނަނީނަމަ، އޭނާއާއެކު، ނުކުތުން ފިރިމީހާއަށް ކުޅަދާނަވެގެންވާނަމަ، އޭނާގެ މައްޗަށް ލާޒިމުވުމެވެ.
ނޯޓު: މިހައި ހިސާބުން އިމާމް އިބުނުޙަޒުމު (އެކަލޭގެފާނަށް މާތްﷲ ރަޙުމަތްލައްވާށި)ގެ ރައުޔައާއި އެރައުޔައިގެ ދަލީލުތައް ދިރާސާކޮށް ބަޙުސްކޮށް ނިމުނީއެވެ. ދެން އޮތީ ޙަންބަލީ މަޛުހަބާއި ޙަނަފީ މަޛުހަބުގެ ރައުޔައެވެ. މާތްﷲ އިރާދަކުރެއްވިއްޔާ އަވަސް މުސްތަޤުބަލެއްގައި އެރައުޔަތަކާއި އެރައުޔަތަކުގެ ދަލީލާއި އެދަލީލުގެ ބަޙުސް ތިޔަ
ބޭފުޅުންނަށް ހުށަހަޅައިދޭނަމެވެ.) و بالله التوفيق و هو المستعان
______________________________
(1) المغنى ج3 ص332- المجموع ج7 ص66- المفصل فى أحكام المرأة و البيت ج2 ص169
(2) المفصل فى أحكام المرأة و البيت ج2 ص169
(3) المحلى لإبن حزم ج7 ص 57
(4) މަރުފޫޢު ޙާދީސްގެ މުރާދަކީ ޞަޙާބީއެއްގެ ކިބައިން ކީރިތި ރަސޫލާއަށް ސީދާ ނިސްބަތްކުރެވޭ ޙަދީސެވެ.
(5) حديث متفق عليه (މުއްތަފަޤު ޢަލައިހި ޙަދީސަކީ އިމާމް ބުޚާރީއާއި އިމާމް މުސްލިމް ރިވާކުރެއްވި ޙަދީސްތަކެވެ.)
(6) المحلى ج7 ص 60-62
(7)نيل الأوطار ج4 ص 291
މުސްލިމުންގެ މައްޗަށް މާތްﷲ ވާޖިބުކުރައްވާފައިވާ އަޅުކަމުގެ ބާވަތްތަކުގެ ތެރެއިން ޙައްޖަކީ މާތްކަން ބޮޑުވެގެންވާ އަޅުކަމެކެވެ. ޙައްޖަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެއްމެއެވެ. އަދި އެއީ ޢުމުރުން އެއްފަހަރުގައި ވުމުން ފުދޭކަމެއްވެސް މެއެވެ. ކޮންމެއަކަސް މިފަދަ މަތިވެރި އަޅުކަމެއް އަދާކުރުމުގެ ޝައުޤުވެރިކަން މުސްލިމެއްގެ ހިތުގައި ނެތުމަކީ ނުވާނެކަމެކެވެ. އަދި އެއީ އަންހެނެއްކަމުގައި ނުވަތަ ފިރިހެނެއްކަމުގައި ވިޔަސްމެއެވެ.
މިމަޒުމޫނުގައި ޙައްޖުވާ އަންހެނެއްގެ ކިބައިގައި ހުންނަންޖެހޭނެ ޝަރުޠުތަކަށް ޚާއްޞަގޮތެއްގައި އަލިއަޅުވައިލަން ޖެހުނީ ސަބަބުތަކެއް ހުރެގެނެވެ. މިޝަރުޠުތަކަކީ ޚިޔާލުތަފާތުވުންތަކެއްހުރި ދަންނަބޭކަލުން އިހުއްސުރެ ބަޙުސްކުރައްވާފައިވާ މައްސަލަތަކެއްކަމުގައިވާތީއެވެ. އަދި މިކަމުގައި ދިވެހިންގެ މެދުގައިވެސް ޚިޔާލުތަފާތުވުންތަކެއް ހުރިތަންވެސް ފެންނާތީއެވެ.
އަޅުގަނޑު މިމަޒުމޫނުގައި މިމައުޟޫޢު ނިއުޅާލައިނީ އިސްލާމީ ޝަރީޢަތުގެ މައި ދެމަޞްދަރުކަމުގައިވާ ކީރިތި ޤުރުއާނާއި ސަލާމާއި ޞަލަވާތްލެއްވުނު ރަސޫލާގެ ސުންނަތުގެ އަލީގައެވެ. މިދެމަޞްދަރުން ޙުކުމަކާ ހަމައަށް ވާޞިލުވުމުގައި ދަންނަބޭކަލުންގެ ވާހަކަތަކަށާއި އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކަށް ރިޢާޔަތްކުރާނަމުއެވެ.
މިދިރާސާ އެކުލަވާލުމުގައި އަޞްލަކަށް ބަލާފައިވާނީ ކޮންމެ މަޛުހަބެއްގެވެސް ތުރާސީ ފޮތްތަކެވެ. އަދި ތަރުޖީޙު ދިނުމުގައި المفصل من أحكام المرأة و البيت މިފޮތް ބަލާފައިވާނެއެވެ. މިއީ މަލިކްފައިޞަލް އެވޯޑުވެސް ލިބިފައިވާ ޢިލްމީ ފޮތެކެވެ. ފޮތުގެ މުޞައްނިފަކީ ޑރ.ޢަބުދުލްކަރީމް ޒައިދާންއެވެ. މިއީ ޢިރާޤުގެ ބޭކަލެކެވެ. ކިޔަވާވިދާޅުވީ އަލް-އަޒުހަރު ޔުނިވަރސިޓީއިންނެވެ. ދެން ތަރުޖީޙު ދިނުމުގައި ބަލައިފާވާނީ نيل الأوطار للإمام الشوكاني އެވެ.
އަޅުގަނޑުގެ ދުޢާއަކީ މާތްﷲ އަޅުގަނޑުގެ މިމަސައްކަތުގައި ތައުފީޤުދެއްވައި، އެކަލާނގެ ރުހިވޮޑިގަންނަވާ މަގަށް މަގުދެއްކެވުމެވެ. އަދި މިމަސައްކަތުން ދިވެހިންނަށް ނަފާއެއް ދެއްވުމެވެ.
އަޅުގަނޑު މިބަޙުސްގައި ބަލައިލާނީ މައިގަނޑު ދެބައަކަށެވެ.
ފުރަތަމަ ބައި: އަންހެންމީހާއާއެކު ޙައްޖަށް ނުކުތުމަށް މަޙުރަމަކު ހުރުން
ދެވަނަ ބައި: ވަރިއެއްގެ ސަބަބުން ނުވަތަ ފިރި މަރުވުމުގެ ސަބަބުން ޢިއްދާގައި އިން އަންހެނެއްކަމުގައި ނުވުން.(1)
ފުރަތަމަ ބައި
ޙައްޖަށް ނުކުންނަން އެދޭ އަންހެންމީހާއާ އެކުގައި މަޙުރަމެއް ނުވަތަ ފިރިމީހާ ދަތުރުގައި ބައިވެރިވުން.
މިކަމުގައި ފިޤުހު ޢިލްމުވެރިންގެ ރައުޔަތައް:
މިޝަރުޠާ މެދުގައި ދަންނަބޭކަލުންގެ ޚިޔާލުފުޅުތައް ހުރީ އަންނަނިވި ބީދައިންނެވެ.
ޝާފިޢީ ޢިލްމުވެރިންގެ ރައުޔަ:
ޝާފިޢީ މަޛުހަބުގެ ޢިލްމުވެރިންގެ އަރިހުގައި ތިންކަމެއްގެ ތެރެއިން ކަމެއް ފުރިހަމަވެއްޖެނަމަ، ޙައްޖު އަންހެނާގެ މައްޗަށް ވާޖިބުވާނެއެވެ. އެތިންކަމަކީ މަޙުރަމެއް ނުވަތަ ފިރިމީހާ ނުވަތަ އިތުބާރުކުރެވޭ އަންހެނުންގެ ޖަމާޢަތެކެވެ. މިއިން ކޮންމެ ބައެއް ނުވަތަ ކޮންމެ ފަރާތެއް ހުރި ކަމުގައިވިޔަސް އެބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި އަންހެނާގެ މައްޗަށް ޙައްޖު ވާޖިބުވާނެއެވެ. އެހެނީ އެބޭކަލުންގެ އަރިހުގައި އަންހެނެއްގެ ޙައްޖު ވާޖިބުވުމުގައި އެކަނބުލޭގެއަށް ޚާއްޞަވެގެންވާ ޝަރުޠަކީ އެކަނބުލޭގެ ނަފުސުގެ މައްޗަށް އަމާންކަން ލިބުމެވެ. މިއަމާންކަން ފިރިމީހާ ހުރުމުން ނުވަތަ މަޙުރަމަކު ހުރުމުން ނުވަތަ ޢަދުލުވެރިކަމުގެ ޞިފަތައް ލިބިފައިވާ އަންހެނުންގެ ޖަމާޢަތެއް އޮތުމުން ލިބޭނެއެވެ. އެހެންކަމުން އިތުބާރު ހިފޭ ޢަދުލުވެރި އެންމެ އަންހެނަކު ހުރުމަކުން އެބޭކަލުންގެ އަރިހުގައި ޙައްޖު ވާޖިބެއްނުވާނެއެވެ. އެހެންނަމަވެސް ޝާފިޢީ މަޛުހަބުގެ ޢިލްމުވެރިންގެ އަރިހުގައި އަންހެނާ ފަރުޟު ޙައްޖަށް އެކަނި ނުކުތުން ނުވަތަ އިތުބާރުކުރެވޭ އެންމެ އަންހެނަކާއެކީ ނުކުތުން ހުއްދަވެގެންވެއެވެ. އެހެންނަމަވެސް ސުންނަތް ޙައްޖުގައި ނުކުތުން އަންހެނަކަށް ހުއްދަވާނީ ފިރިމީހާ ނުވަތަ މަޙުރަމަކާ އެކީގައެވެ.(2)
މާލިކީ ޢިލްމުވެރިންގެ ރައުޔަ:
މާލިކީ މަޛުހަބުގެ ޢިލްމުވެރިންގެ އަރިހުގައި އަންހެނެއްގެ މައްޗަށް ޙައްޖު ވާޖިބުވާނީ އެކަނބުލޭގެއާއެކު ދަތުރުކުރާނެ މަޙުރަމަކު ނުވަތަ ފިރިމީހާ ހުރިނަމައެވެ. އަދި ފަރުޟު ޙައްޖުގައި މަޙުރަމުގެ ބަދަލުގައި އަމާންކަން ލިބިގެންވާކަން ޔަޤީން ޖަމާޢަތެއްގެ ބަޔަކާއެކު ދަތުރުކުރެވިދާނެއެވެ. އަދި އެފަދަ ޖަމާޢަތެއް ހަމައެކަނި އަންހެނުންގެ މައްޗަށް ނުވަތަ ހަމައެކަނި ފިރިހެނުންގެ މައްޗަށް ނުވަތަ އަންހެނުންނާއި ފިރިހެނުންގެ މައްޗަށް އެކުލެވިގެންވުމީ މައްސަލައެއްނޫނެވެ.(3)
ޡާހިރީ މަޛުހަބުގެ ޢިލްމުވެރިންގެ ރައުޔަ:
މިއީ އިމާމް އިބުނު ޙަޒުމުގެ ރައުޔައެވެ. މަޙުރަމެއް ނުވަތަ ފިރިއެއްނެތް އަންހެންމީހާ އެފަދަ ޙާލަތުގައި ޙައްޖުވާނީއެވެ. އޭނާގެ މައްޗަށް ބުރަކަމެއް ނުވަތަ ފާފައެއް އެކަމުގައި ނެތެވެ. އަދި އޭނާއަށް ފިރިއެއް ނުވަތަ މަޙުރަމެއް ލިބިފައިވާނަމަ، އެމީހެއްގެ މައްޗަށް އެކަނބުލޭގެއާއެކު ޙައްޖުވުން ވާޖިބުވާނެއެވެ. އަދި އެކަން ނުކުރިނަމަ، އެމީހަކީ މާތްﷲއަށް އުރެދިފައިވާ މީހެކެވެ. އަދި އެމަޙުރަމު ނުވަތަ ފިރިމީހާއާ ނުލައި ޙައްޖުވުން އަންހެންމީހާއަށް ހުއްދަވާނެއެވެ. އެހެނީ ފިރިމީހާއަށް ފަރުޟު ޙައްޖު އަދާކުރުން މަނާ ނުކުރެވޭނެއެވެ. އޭނާއަށް މަނާކުރެވޭނީ ސުންނަތް ޙައްޖު އަދާކުރުމެވެ.(4)
ޙަންބަލީ މަޛުހަބުގެ ޢިލްމުވެރިންގެ ރައުޔަ:
ފިރިމީހާ ނުވަތަ މަޙުރަމެއް ލިބިފައިނެތް އަންހެނެއްގެ މައްޗަށް ޙައްޖު ވާޖިބެއްނުވާނެއެވެ. އެކަމުގައި އިމާމް އަޙުމަދުގެ އަރިހުން ނައްޞެއް ވާރިދުވެފައިވެއެވެ. އަބޫދާވޫދު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު އިމާމް އަޙުމަދަށް ދެންނެވީމެވެ. ޙައްޖުވުމުގެ ކުޅަދާނަކަން ލިބިގެންވާ އަންހެނަކަށް މަޙުރަމެއްނެތްނަމަ ޙައްޖު ވާޖިބުވާނެތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ނޫނެކެވެ. އަދި އިމާމް އަޙުމަދު ކިބައިން މަޙުރަމެއް ލިބިފައިވުމަކީ ޙައްޖު އަދާކުރުމުގެ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއްކަމަށާއި، އެއީ ޙައްޖު ވާޖިބުވުމުގެ ޝަރުޠެއްނޫން ކަމުގައި ވާރިދުވެފައިވެއެވެ. މިއީ މަޛުހަބުގެ ދެވަނަ ރައުޔައެވެ. މިރައުޔައިގެ މާނައަކީ މަޙުރަމެއްނެތް ޙާލުގައި ޙައްޖަށް ދިއުމުގެ ކުޅަދާނަކަން ލިބިފައިވާ އަންހެނާގެ މައްޗަށް އޮތީ ޙައްޖަށް ޚަރަދުވާ މިންވަރު ޞަދަޤާތްކުރުމެވެ. އެހެންނަމަވެސް ޙަންބަލީންގެ ގާތުގައި ޞައްހަވެގެންވާ ރައުޔައަކީ ފުރަތަމަ ރައުޔައެވެ. އެބޭކަލުންގެ ރައުޔަ ސާބިތުކުރެއްވުމަށް ވަރަށް ގިނަ ޙަދީސްތަކުން ދަލީލު ދައްކަވައެވެ.(5)
ޙަނަފީންގެ ރައުޔަ:
ހަނަފީ މަޛުހަބުގެ ޢިލްމުވެރިންގެ އަރިހުގައި އަންހެނާގެ މައްޗަށް ޙައްޖުވާޖިބުވާނީ މަޙުރަމެއްނުވަތަ ފިރިމީހާ ހުރެގެނެވެ. އެބޭކަލުންވެސް ޙަދީސްތައް ދަލީލުގެ ގޮތުގައި ދައްކަވައެވެ. އަދި އަންހެންމީހާ ފިރިމީހާ ނުވަތަ މަޙުރަމެއްނެތި ޙައްޖަށް ނުކުތުމުން، އެކަނބުލޭގެއަށް ގެއްލުން ކުރިމަތިވާކަމަށް ވިދާޅުވެއެވެ. އަދި ޝަރުޢީ ގޮތުން ގެއްލުން ދުރުކުރުން ލާޒިމްވެގެންވުމަކީ ދަލީލެއްކަމުގައި ނުވަތަ ޙުއްޖަތެއްކަމުގައި ދައްކަވައެވެ.(6)
މިވާހަކަތަކުގެ ނަތީޖާ:
މިމައްސަލައަކީ ދަންނަބޭކަލުންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް ހުރި މައްސަލައެކެވެ. އެހެންކަމުން ފަތުވާ ދެއްވުމުގައި ނުވަތަ ދީނުގެ ޙުކުމްތައް ބަޔާންކުރެއްވުމުގައި އަމާނާތްތެރިކަން ނިޔާކުރާ ހެޔޮ ރަނގަޅު ގޮތަކީ މިކަންކަން މިހިރި ގޮތަށް ބަޔާންކުރުމެވެ. އަދި އެންމެހާ ބޭކަލުންގެ ރައުޔަތައްވެސް ވިދާޅުވެދެއްވުމެވެ. މިއީ ޢިލްމުވެރިން ކަންކުރައްވާ ގޮތެވެ.
ދަލީލުތަކާއި އެދަލީލުތަކާމެދުކުރެވޭ ބަޙުސް
މިބައި ޖުމްލަގޮތެއްގައި މިނަކަލުކުރަނީ ދެފޮތަކުންނެވެ. އެއީ އިމާމް ޝައުކާނީގެ ނައިލުލް އައުޠާރާއި ޑރ.ޢަބަދުލްކަރީމް ޒައިދާންގެ المفصل فى أحكام المرأة و البيت އެވެ. މިދެފޮތަކީވެސް ޢިލްމީ ދެފޮތްކަމުގައި ޤަބޫލުކުރަމެވެ. އެހެންނަމަވެސް އެހެނިހެން ބައެއް ފޮތްތަކުން ބައެއް ނުކުތާތައް ނަގައިފައި ހުންނާނެއެވެ.
ފުރަތަމަ ދަލީލު: މިއީ އަންހެންމީހާއަށް އެކަނި ޙައްޖުވެވިދާނެކަމަށް ދެކެވަޑައިގަންނަވާ ބޭފުޅުންގެ ދަލީލެވެ. މިއީ އެހެންކަމުން ޡާހިރީ މަޛުހަބުގެ ޢިލްމުވެރިންގެ ޙުއްޖަތެވެ. އިމާމް ބުޚާރީ، عدي بن حاتمގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީސެއްގައި ކީރިތި ރަސޫލާ ޙަދީސްކުރެއްވިކަމަށް ވާރިދުވެފައިވެއެވެ. الظعينة سترتحل من الحيرة حتى تطوف بالكعبة މާނައީ: އަންހެނާ ޙީރާއިން ނުކުމެގެން ކަޢުބާގައި ޠަވާފުކުރަންދެން ދަތުރުކުރާނެއެވެ.
ހަމައެފަދައިން އެބޭކަލުން އަންހެނުންގެ ތެރެއިން ކުފުރުގެ ގޯތީ(ދާރުލް ކުފުރު)ގައި އަސީރުވެފައި ހުންނަ އަންހެނާއަށް، އެތަނަކުން ސަލާމްތްވުމަށްފަހު އިސްލާމް ކަމުގެ ގޯއްޗަށް ގިނިކަންޏާ ދަތުރުކުރުން ހުއްދަވެގެންވާވުމުގެ މައްޗަށް، ޙައްޖަށް އަންހެނާ ނުކުތުމުގެ ޙުކުމް ޤިޔާސްކުރައްވައެވެ.(7)
މިދަލީލުތަކުގެ ބަޙުސް:
ޢަދިއްޔުގެފާނުގެ ޙަދިސަކީ ޞަޙީޙުލް ބުޚާރީގައި އިމާމް ބުޚާރީ ނެރުއްވާފައިވާ ޙަދީސެކެވެ. މިޙަދީސް ހިމަނުއްވާފައިވަނީ ނަބީކަމުގެ ޢަލާމާތްތަކުގެ ބާބުގެ ދަށުގައެވެ. މިޙަދީސްގައި އައިސްފައިވެއެވެ. عدي بن حاتم ވިދާޅުވިއެވެ. ((بينا أنا عند رسول الله رسول الله إذ أتاه رجل فشكا إليه الفاقة. ثم أتاه اخر فشكا إليه قطع السبيل, فقال النبي صلى الله عليه و سلم: هل رأيت الحيرة؟ قال عدي: لم أرها و قد أنبئت عنها قال صلى الله عليه و سلم: فإن طالت بك حياة لترين الظعينة ترتحل من الحير حتى تطوف بالكعبة لا تخاف أحدا إلا الله قال عدي: فرأيت الظعينة ترتحل من الحيرة حتى تطوف بالكعبة لا تخاف إلا الله)) رواه البخاري މާނައީ: ތިމަންކަލޭގެފާނު ނަބިއްޔާގެ އަރިހުގައިވަނިކޮށް މީހަކު އެކަލޭގެފާނުގެ އަރިހަށް އައިސް ފަޤީރުކަމާމެދުގައި ޝަކުވާކޮށްފިއެވެ. އެހިނދު އެހެން މީހަކު އައިސް މަގު ފޭރުމުގެ ކަންތަކާމެދު ޝަކުވާ ދަންނަވައިފިއެވެ. އެހިނދު އެކަލޭގެފާނުގެ ޙަދީސްކުރެއްވިއެވެ. އޭ ޢަދިއްޔުއެވެ. ތިބާ ޙީރާ ދެކުނިންހެއްޔެވެ. އެހިނދު ޢަދިއްޔު ދެންނެވިއެވެ. ނޫނެކެވެ. އަޅުގަނޑެއް ނުދެކެމުއެވެ. އެހެންނަމަވެސް އެރަށުގެ ވާހަކަ އަޑުއަހަމުއެވެ. އެހިނދު ޙަދީސްކުރެއްވިއެވެ. މާތްﷲ ތިބާގެ ޢުމުރު ދިގުކުރައްވައި ދަމަހައްޓަވައިފިނަމަ، ޙީރާގެ ބިމުން ގިނިކަންޏާ، ނުކުމެގެން މާތްﷲ ފިޔަވައި އެހެން ފަރާތެއް ދެކެ ބިރުގަތުމެއްނެތި، އަންހެނާ ކަޢުބަތުﷲ ގެފުޅަށް އައިސް ޠަވާފުކުރާ ތަން ތިބާދެކެވަޑައިގަންނަވާނެއެވެ. ޢަދިއްޔުގެފާނުން ވިދާޅުވިއެވެ. އަދި އަންހެންމީހާ އެކަނި މައިއެކަނި ޙީރާއިން ނުކުމެގެން އައިސް ކަޢުބަތުﷲ ގެފުޅުގައި ޙައްޖުވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަންނެވީމުއެވެ.
އިސްވެދިޔަ ޙަދީސަކީ ޞައްޙަ ޙަދީސެކެވެ. އެހެންނަމަވެސް މައްސަލައަކީ މިކަމުގައި ވާރިދުވެފައިވާ ޞައްޙަ އެހެނިހެން ޙަދީސްތަކެއް މިޙަދީސްގެ ޢާންމު މަފުހޫމާ، ފުށު އަރާ ގޮތަކަށް ހުރީތީއެވެ. (މިފުށު އެރުމަކީ ޙަދީސްތަކުގެ ބޭރުފުށުން ފެންނަ ފުށުއެރުމެކެވެ. މިފަދަ ފުށުއެރުންތައް ދިރާސާކޮށް ޙައްލުކުރާނެ ގޮތްތަކުގެ ޢިލްމަކީ مختلف الأحاديث ގެ ޢިލްމެވެ.)
މިދަންނަވާ ޙަދީސްތަކަކީ ކޮބައިތޯއެވެ؟
ސަލާމާއި ޞަލަވާތްލެއްވުނު ކީރިތި ރަސޫލާ ޙަދީސްކުރެއްވިކަމަށް އެކަލޭގެފާނުގެ ކިބައިން އިބްނު ޢައްބާސް ރިވާކުރައްވާފައިވެއެވެ. "لا يخلون رجل بإمرأة إلا و معها ذو محرم و لا تسافر المرأة إلا و مع ذى محرم" فقام رجل فقال: إن إمرأتي خرجت حاجة و إنى اكتتبت فى غزوة كذا و كذا قال: فانطلق فحج مع إمرأتك" (8) މާނައީ: ފިރިހެނަކު އަންހެނަކާއެކު އެކަނބުލޭގެގެ މަޙަރަމެއް ނެތި އެކަހެރިނުވާހުށިކަމެވެ. އަދ އަންހެނަކު މަޙުރަމަކާނުލާ ދަތުރު ނުކުރާ ހުށިކަމެވެ. އެހިނދު މީހަކު ތެދުވި އެކަލޭގެފާނަށް ދަންނަވައިފިއެވެ. އަޅުގަނޑުގެ އަންހެނުންވަނީ، އަޅުގަނޑު އެވެނި މިވެނި ހަނގުރާމައެއްގައި ވަނިކޮށް، ޙައްޖުވުމަށް ނުކުމެއެވެ. އެހިނދު ރަސޫލާ ޙަދީސްކުރެއްވިއެވެ. ކަލޭ ނުކުންނާށެއެވެ. އަދި ކަލޭގެ އަނބިމީހާއާއެކު، ޙައްޖުވާށެވެ.
މިޙަދީސަކީވެސް ޞައްޙަ ޙަދީސެކެވެ. މިޙަދީސުގައި އެވަނީ އެއްވެސް ދަތުރެއްގައި މަޙުރަމެއްނެތި ދަތުރުކުރުން މަނާކަމުގައި ބަޔާންކުރައްވާފައެވެ.
މިދެޙަދީސްގެ މެދުގައި ޖަމްޢުކުރާނީ ކިހިނަކުންތޯއެވެ؟
ފުރަތަމަ ގޮތް: މިދެޙަދީސްގެ ތެރެއިން ފުރަތަމަ ޙަދީސްގައި އެއޮތީ ހަމައެކަނި މުސްތަޤުބަލުގައި ހިނގާނެ ކަމެއްގެ ވާހަކަ ބަޔާންކުރައްވާފައެވެ. އެއީ ހުއްދަވުމުގެ ޙުކުމް ބަޔާންކުރެއްވުމެއް ނޫނެވެ. މާނައަކީ ފުރަތަމަ ޙަދީސްގެ ދޭހައިގެ ތެރޭގައި ހުއްދަވުން ހިމެނިފައިނުވާކަމަށް ޤަބޫލުކުރުމެވެ. މިއީ އިމާމް ޝައުކާނީ މިކަމުގައި ދެކެވަޑައިގަންނަވާ ގޮތެވެ.(9)
މިޖަމްޢުކުރުމަށް ދެވިދާނެ ރައްދު:
ފުރަތަމަ ޙަދީސްގައި ޙުކުމެއް ބަޔާން ނުކުރެއްވިއެއްކަމަކު ހިނގާނެ ކަމުގައި ބަޔާންކުރެއްވި ކަންތައް ބަޔާންކުރައްވާފައިވަނީ ސަނާ ވިދާޅުވުމުގެ ޞީޣާއިންނެވެ. ނުވަތަ ހިނގާނެ ރަނގަޅުކަމެއް ބަޔާންކުރެއްވުމުގެ އުސްލޫބުންނެވެ. އެހެންކަމުން މިއުސްލޫބުން ހުއްދަނޫންކަމެއްގެ ވާހަކަ ބަޔާންކުރެއްވުން ކީރިތި ރަސޫލާގެ މައްޗަށް މުސްތަޙީލުވެގެންވެއެވެ.
ރައްދަށްދޭނެ ރައްދު:
އިސްވެބަޔާންވި ރައްދު ހުށަހެޅުއްވުމަށްފަހުގައި އިމާމް ޝައުކާނީ ވިދާޅުވެފައިވެއެވެ. ކޮންމެއަކަސް އެންމެ ރަނގަޅުވެގެންވަނީ ޖަމްޢުކުރުމަށް ހުށަހެޅިފައިވާ ފުރަތަމަ ގޮތަށް ޖަމްޢުކުރުމެވެ. އެއީ އެކި މަގުތަކުން އިސްފައިވާ ޙަދީސްތަކަކާ ޖަމްޢުކުރުމުގެ ގޮތުންނެވެ.
ދެވަނަ ގޮތް: ފުރަތަމަ ޙަދީސްގައި ރަސޫލާގެ އަރިހަށް މީހަކު އައިސް މަގު ނާމާންވުމާމެދު ޝަކުވާކުރެއެވެ. އެއީ މަގުފޭރުމާމެދު ކުރާ ޝަކުވާއެވެ. އެއިން އެގެނީ އެކަމަކީ އެކަލޭގެފާނުގެ ޒަމާނުގައި ގިނަވެފައިވާ ކަމެއްކަމެވެ. އަދި ހިނގާ ކަމެއްކަމެވެ. ދެން އެކަލޭގެފާނު ޚަބަރުކުރައްވަނީ އެކަންކަން މަދުވުމުގެ ސަބަބުން އަމާންކަން ލިބުމުން އަންހެނާ ޙީރާގެ ބިމުން ނުކުމެ ގިނިކަންޏާ ޙައްޖުވާނެ ވާހަކައެވެ. އެހެންކަމުން ދެވަނައަށް އައި ޙަދީސްގައި އަންހެނާ މަޙުރަމެއްނެތި ދަތުރުކުރުން މަނާކުރައްވަނީ އެކަލޭގެފާނުގެ ޒަމާނުގައި މަގުމަތީގެ އަމާންކަން ނެތުމުގެ ސަބަބުންނެވެ. އެއަމާންކަން ލިބުމުން އެކަނި ދަތުރުކުރުން ހުއްދަވާނެކަން ފުރަތަމަ ޙަދީސުން ދޭހަވެއެވެ. (މިއީ މިޒަމާނުގެ ބައެއް ޢިލްމުވެރިންގެ ވާހަކަފުޅުތަކުގެ ދޭހައެއް) (10)
މިގޮތަށް ދޭ ރައްދު: އަމާންކަން ލިބިގެންވާ ޙާލަތުގައި ޙައްޖަށް ނުކުމެވޭކަމުގައިވާނަމަ، އެކަނި ދަތުރަށް ނުކުތުން އަންހެނާގެ މައްޗަށް ނަހީކުރެވިފައިވާ ޙަދީސްތަކުގެ ތެރެއިން ޙަދީސެއްގައި އެކަން އިސްތިސްނާއެއްގެ ގޮތުގައި ވާރިދުވާންޖެހޭނެއެވެ. ޙަދީސެއްގެ ޢިއްލާ ނުވަތަ ސަބަބު ދެނެގަނެވޭނީ ޙަދީސްގެ ނައްޞުންނެވެ. އެހެންކަމުން އަމާންކަން ލިބިގެންވާ ޙާލަތެއްގައި އެކަނި ނުކުތުން ހުއްދަވާނެކަމަށް ބެލެވޭނެ އިޝާރާތެއް މި ޙަދީސްތަކުގެ ނައްޞުގައި ނެތެވެ. އަދި އެހެންނޫނަސް އެކަނި ދާ އަންހެނަކަށް އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އޮންނާނީ ކޮން އަމާންކަމެއްތޯއެވެ؟ ލިބޭ ގޯނާއަކުން ޙިމާޔަތްކުރާނީ ކާކުތޯއެވެ؟ ދަތުރުގެ ބުރަތަކުގައި އެހީވާނީ ކާކުތޯއެވެ؟ އެހެންކަމުން އެކަނި ޙައްޖަށް ނުކުތުން މިޙަދީސްގެ އަލީގައި މަޤުޞަދަށް ބަލައިގެން ހުއްދަވާނެކަމަކަށް ނުފެނެއެވެ.
ނަތީޖާ: ދަލީލުތަކުގެ އަލީގައި އަޅުގަނޑަށް ޤަބޫލުކުރެވެނީ ގިނިކަންޏާ އަންހެނަކަށް ޙައްޖުވުން ހުއްދަވާނެ އެއްވެސް ދަލީލެއް އިމާމް އިބުނުޙަޒުމު މިނެންގެވި ދަލީލުގައި ނެތްކަމަށެވެ. އަދި މިއީ އިމާމް ޝައުކާނީއާއި ޑރ.ޢަބުދުލްކަރީމް ޒައިދާނުގެ ރައުޔަވެސްމެއެވެ.
މިލިޔުމުގެ ދެވަނަބައި މާތްﷲގެ އިރާދަކުރެއްވިއްޔާ އަވަސް މުއްދަތެއްގައި ގެނެސްދޭނަމެވެ.
1 المفصل من أحكام المرأة و البيت ج|2 ص162
2 المجموع ج|7 ص 64 -66 الأم للشافعي ج|2 ص|117 مغنى المحتاج ج|1 ص| 462
3 حاشية الصاوي ج|1 ص| 263 حاشية الدسوقي ج|2 ص|9
4 المحلى ج7| ص47
5 المغنى لإبن قدامة ج|3 ص| 236-237
6 البدائع ج|2 ص|123
7 المحلى ج|7 ص|49-50
8 البخاري و المسلم (حديث متفق عليه)
9 نيل الأوطار ج|6 ص|33
10 މިވާހަކަ އެއްވެސް ޢިލްމުވެރިއަކަށް ރައްދުކޮށްފައިނުވަނި މިއީ އެއްވެސް ޢިލްމުވެރިއަކު މިހާ ޞަރީޙަކޮށް ދައްކަވާފައިވާ ވާހަކައަކަށް ނުވާތީއެވެ. މިއީ ބައެއް ބޭފުޅުންގެ ވާހަކައިން އަޅުގަނޑަށް ދޭހަވި މާނައެކެވެ. މަތީގައި އެވާ ރައްދަކީވެސް އަޅުގަނޑު އަމިއްލަ ދޭހައިގެ މައްޗަށް ދޭ ރައްދެކެވެ. މާތްﷲ ގެ ޙަޟްރަތުން މިކަމުގައި ވާއްގާއި މަދަދަށް އެދެމެވެ.

އިމާމްކަމުގެ މާނަ:
ޑަކްޓަރ ވަހުބަތުއް ޒުޙައިލީ އިމާމްކަމުގެ ޢާންމު މާނަ ބަޔާންކުރައްވަނީ އަންނަނިވި ގޮތަށެވެ. ކަމެއްކުރުމުގައި މީހަކާ ބައަކު ތަބާވުމަކީ އިމާމެއްކަމުގައި އޭނާވުމެވެ. އެކަމަކީ ނުބައި ކަމެއްކަމުގައި ނުވަތަ ރަނގަޅު ހެޔޮކަމެއް ކަމުގައި ވިޔަސްފަރުވާލެއްނެތެވެ.[1]
ފިޤުހު ޢިލްމުވެރިންގެ އަރިހުގައި އިމާމްކަން ދެމާނައެއްގައި ބޭނުންކުރެވެއެވެ.[2] އެގޮތްތަކަކީ: ބޮޑުވެގެންވާ އިމާމްކަމާއި ކުޑަވެގެންވާ އިމާމްކަމެވެ. الموسوعة الفقهية ގައި މިދެބާވަތުގެ އިމާމްކަން މާނަކުރައްވާފައިވަނީ އަންނަނިވި ގޮތަށެވެ.
ބޮޑުވެގެންވާ އިމާމްކަން: ބޮޑުވެގެންވާ އިމާމްކަމަކީ މީސްތަކުންގެ މައްޗަށް ޢާންމު ބާރުވެރިކަމެއް ޙައްޤުވުމެވެ. ނަބިއްޔާ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށި)ގެ ޚަލީފާއެއްގެ ގޮތުން ދީނާއި ދުނިޔޭގެ ކަންކަން ހަމަޖެއްސުމުގައި ޢާންމު ވެރިކަމެއް ލިބުމެވެ. އަދި މުސްލިމުންގެ މަޞްލަޙަތުތައް ޙިމާޔަތްކުރުމުގެ ބާރުވެރިކަން ލިބުމެވެ.
ކުޑަ އިމާމްކަން: ކުޑަ އިމާމްކަމުގެ މާނައަކީ ޝަރީޢަތުގައި ޝަރުޢުކުރައްވާ ފަރާތުން ބަޔާންކުރައްވާފައިވާ ޝަރުޠުތަކެއް ފުރިހަމަވާނެ ގޮތުގައި، ނަމާދުކުރާ މީހަކު އޭނާގެ ނަމާދު އެހެން މީހެއްގެ ނަމާދާއި ގުޅުވުމެވެ. ނަމާދުކުރުމުގައި އިމާމާއަށް ތަބާވާ މީހާ އޭނާގެ ނަމާދު އިމާމާގެ ނަމާދާއި ނުގުޅުވާ ނަމަ، އެމީހަކު އިމާމެއްކަމުގައި ނުވާނެއެވެ.[3]
ކޮންމެއަކަސް މިލިޔުމުގައި އަޅުގަނޑު ބަލައިލާނީ ކުޑަ އިމާމްކަމުގެ މައްޗަށެވެ. ނަމާދުގައި މީސްތަކުންގެ ނަމާދު އެމީހެއްގެ ނަމާދާ ގުޅުވައިގެން ކުރާ ކުރުމުގެ މައްޗަށެވެ.
އިމާމްކަމުގެ މުހިއްމުކަން:
ޖަމާޢަތުގެ ނަމާދުގައި އިމާމްވެ ނަމާދުކުރުމަކީ ކީރިތި ރަސޫލާ (ޞަލަވާތްލައްވާށި) ސީދާ އަދާކުރައްވަމުން އައި ޒިންމާއެކެވެ. އިމާމްކަމުގެ މާތްކަމާމެދު ޙަދީސްތައް ވާރިދުވެފައި އެބަހުއްޓެވެ.[4] ޙަދީސެއްގައި ވާރިދުވެފައިވެއެވެ. "إن له من الأجر مثل أجر من صلى خلفه" މާނައީ: ހަމަކަށަވަރުން އޭނާއަށް އޭނާގެ ފަހަތުގައި ނަމާދުކުރި މީހުންނަށް ލިބުނު މިންވަރުގެ ދަރުމަ ލިބޭ ހުއްޓެވެ.
އަދި މިސަބަބަށްޓަކައި ޞަޙާބިއްޔަ ބޭކަލުން، އެބޭކަލުންގެ ޤައުމުތަކުގައި އިމާމުންކަމުގައި ލެއްވުން އެދިވަޑައިގެން ނަބިއްޔާގެ އަރިހުގައި ދަންނަވައިއުޅެތެވެ.[5]
ފިޤުހު ޢިލްމުވެރިންގެ ރައުޔަތަކަށް ބަލާއިރު، މާލިކީ މަޛުހަބުގެ ބައެއް ޢިލްމުވެރިންނާއި ޙަނަފީން ދެކެވަޑައިގަންނަވާ ގޮތުގައި ގަމަތް ދިނުމާއި ބަންގި ގޮވުމަށްވުރެ އިސްވެފައިވާ މާތްވެގެންވަނީ އިމާމްވެ ނަމާދުކުރުމެވެ. އެހެނީ ކީރިތި ރަސޫލާ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްހުރި)އާއި ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާވެރި ބޭކަލުން، އިމާމަކަމަށް ވަރަށްބޮޑަށް އަހަންމިއްޔަތުކަން ދެއްވާފައިވެއެވެ. އަދި މިރައުޔައަކީ އިމާމް އަޙްމަދުގެކިބައިންވެސް ވާރިދުވެފައިވާ ރައުޔައެކެވެ.[6]
ކޮންމެ ޞިފައަކުން ނަމަވެސް އިމާމްވެ ނަމާދުކުރުމަކީ ޝަރީޢަތުގެ އަޞްލުތަކުން ޝަރުޢުކުރެވިފައިވާކަން ސާބިތުވެފައިވާ ކަމެކެވެ. އަދި އެސަބަބައްޓަކައި ގިނަ ފިޤުހު ފޮތްތަކުގައި ޖަމާޢަތުގެ ނަމާދުގެ ބާބުތަކުގެ ތެރޭގައި އިމާމްވެ ނަމާދުކުރާނެ ގޮތުގެ ވާހަކަތަކާއި، އިމާމްކަން އެންމެ ބޮޑަށް ޙައްޤުވެގެންވާ ފަރާތްތަކުގެ ޞިފަތަކާއި ޝަރުޠުތައް ވާރިދުވެފައިވެއެވެ.[7]
ޖަމާޢަތުގެ ނަމާދެއް އިމާމްކަމާ ނުލާ ތަޞައްވަރެއް ނުކުރެވެއެވެ. އަދި ޖަމާޢަތުގެ ނަމާދަކީ އިސްލާމް ދީނުގެ ޝަޢާއިރުތަކުގެ ތެރެއިން ހިމެނިގެންވާ ޝަޢީރާއެކެވެ. އަދި ޖަމާޢަތުގެ ނަމާދަކީ ގިނަ ދަންނަ ބޭކަލުންގެ އަރިހުގައި ވާޖިބުގެ ދަރަޖައިން ކުޑަކޮށް ނެއްޓި ގަދަވެގެންވާ ސުންނަތުގެ ދަރަޖައިގައި ވާކަމެކެވެ. އަނެއްބައި ޢިލްމުވެރިންގެ އަރިހުގައި އެއީ ވާޖިބުކަމެއްމެއެވެ. އެހެންކަމުން ޖަމާޢަތުގެ ނަމާދު ޤާއިމުކުރުމަށް އިމާމްކަމީ ކޮންމެހެންވެސް ލާޒިމުކަމެކެވެ.[8]
އިމާމްކަމުގެ ޝަރުޠުތައް:
އިމާމްކަމުގައި މައިގަނޑު ޝަރުޠުތަކުގެ ގޮތުގައި އަންނަނިވި ޝަރުޠުތައް ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ.
1-އިސްލާމްކަން:
އެންމެހާ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާ ގޮތުގައި އިމާމުމީހާ މުސްލިމެއްކަމުގައިވުމަކީ ވާޖިބެކެވެ. ކޮންމެހެންވެސް ބޭނުން ކަމެކެވެ. އަދި އެބޭކަލުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ކާފަރުކަން ފާޅުކުރާ ކާފަރެއްގެ ފަހަތުގައި ނަމާދުކުރުން ޞައްޙަވެގެންނުވެއެވެ.[9]
ނަމާދުކުރުމުގެ ކުރިން އެމީހެއްގެ ކާފަރުކަން ފައުޅުވެފައިނުވާ މީހެއްގެ ކާފަރުކަން ފަހުން އެގުމުން ނަމާދު އަލުން ކުރަން ޖެހޭނެ ހެއްޔެވެ؟ ނުވަތަ ކުރާން ނުޖެހޭނެ ހެއްޔެވެ؟ މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި ޚިލާފުތަކެއް އެބަހުއްޓެވެ.
ޙަނަފީ މަޛުހަބުގެ ޢިލްމުވެރިންގެ އަރިހުގައި މައުމޫމަށް ޒަމާންތަކެއް ކުރިން އިމާމަކީ މުސްލިމެއްކަމުގައި ހީވެފައިވަނިކޮށް ފަހުން އެއީ ކާފަރެއްކަން އެގިއްޖެނަމަ، އޭނާގެ ނަމާދު އަބުރާ އިޢާދަކުރުން ވާޖިބެއް ނޫނެވެ. އެހނީ އެނަމާދު ޞައްޙަވާނެއެވެ. އަދި އެނަމާދު ބާޠިލުވާނެކަމަށް ކަޑަނޭޅޭނެއެވެ.[10]
އިސްވެދިޔަ ރައުޔައަށް ޢިލްމުވެރިންކުރެ ޙަންބަލީ މަޛުހަބުގެ ދަންނަބޭކަލުން ތާއީދުކުރައްވައެވެ. އެބޭފުޅުންވެސް ދެކެވަޑައިގަންނަވާ ގޮތުގައި އިމާމުމީހާގެ ކާފަރުކަން ނޭނގި އޭނާގެ ފަހަތުގައި ކުރެވޭ ނަމާދު ޞައްޙަވާނެއެވެ. އަދި އެނަމާދު ދެވަނަ ފަހަރަށް އިޢާދަކުރުން ލާޒިމެއްނޫނެވެ.[11]
ޝާފިޢީ މަޛުހަބުގެ ޢިލްމުވެރިންގެ މެދުގައި މިމައްސަލާގައި ޚިލާފުތަކެއް އެބަހުއްޓެވެ. އެރައުޔަތައް އިމާމް މާވަރުދިއްޔު ބަޔާންކުރައްވާފައިވެއެވެ. ކުފުރު ސިއްރުކޮށްގެން ހުރި ޒިންދީޤެއް ފަދަ މީހެއްނަމަ، އޭނާގެ ފަހަތުގައި ކުރާ ނަމާދު ޞައްޙަ ނުވާނެކަމަށް ޝާފިޢީގެފާނާއި އެމަޛުހަބުގެ ގިނަ ދަންނަބޭކަލުން ދެކެވަޑައިގަންނަވައެވެ. އަދި މަޛުހަބުގެ ބައެއް ޢިލްމުވެރިންގެ އަރިހުގައި އެފަދަ ނަމާދު އަލުން އިޢާދަކުރަން ނުޖެހޭނެއެވެ. އެހެންނަމަވެސް މިރައުޔަކީ މިމަޛުހަބުގައި މުޢުތަބަރު ރައުޔައެއް ނޫންކަމުގައި ޝާފިޢީ މަޛުހަބުގެ ގިނަ ދަންނަ ބޭކަލުން ދެކެވަޑައިގަންނަވައެވެ.[12]
އެމީހެއްގެ ކާފަރުކަން ގަސްތުގައި ފާޅުކުރާ މީހެއްގެ ފަހަތުގައި ނަމާދު ޞައްޙަ ނުވާނެކަން އެންމެހާ ދަންނަބޭކަލުންގެ އިއްތިފާޤުން ސާބިތުވެފައިވެއެވެ.[13]
މުސްލިމެއްކަމުގައިވުމުގެ ޝަރުޠުގެ ތެރޭގައި އިމާމްމީހާ ފާސިޤެއް[14]ކަމުގައިވާނަމަ ކަންތައް ކުރާނެ ގޮތަކާ މެދު ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ.
ޝާފިޢީ މަޛުހަބުގެ ޢިލްމުވެރިން ފާސިޤުން މައިގަނޑު ދެބައަކަށް ބައްސަވައެވެ. އެއީ މިއްލަތުން ބޭރުކުރުވަނިވި ފިސްޤާއި މިއްލަތުން ބޭރުނުކުރުވާނެ ބާވަތުގެ ފިސްޤެވެ. މިދެބައިގެ ތެރެއިން ފުރަތަމަ ބައަކީ މާތްﷲ ޙަރާމްކުރެއްވިކަމެއް ޙަލާލުކަމުގައި ދެކި އެކަމެއް ކުރުންފަދަ ކަންކަމެވެ. ދެވަނަ ބައަކީ މިއްލަތުން ބޭރުނުކުރާނޭ ފިސްޤެވެ. މިފަދަ ފިސްޤުގެ އަހުލުވެރިންގެ ފަހަތުގައި ކުރާ ނަމާދު ޞައްޙަވާނެއެވެ. އަދި އެނަމާދު އިޢާދަކުރުން ލާޒިމެއްވެސް ނޫނެވެ. އެހެނީ ޝާފިޢީގެފާނުގެ އަރިހުން މުޒުނިއްޔު ރިވާކުރައްވާފައިވެއެވެ. ޝާފިޢީގެފާނު ވިދާޅުވިއެވެ." އަދި އަޅުގަނޑު ފާސިޤާއާއި ބިދުޢަ ފާޅުކުރާމީހާގެ އިމާމުކަން މަކުރޫހަކުރަމެވެ. އެކަމަކު އެދެމީހުންގެ ފަހަތުގައި ނަމާދުކުރާ މީހަކު ނަމާދު އަލުން ކުރުމެއްނެތެވެ."[15]
އިމާމް އަޙުމަދުގެ އަރިހުން، ފާސިޤުކަން ނުވަތަ ބިދުޢަވެރިކަމެއް ފައުޅުކުރާ މީހެއްގެ ފަހަތުގައި ނަމާދު ޞައްޙަ ނުވާނެ ވާހަކަ ޞަރީޙަ މަގުންވަނީ ވާރިދުވެފައެވެ. އަދި މިރައުޔައަކީ ޙަންބަލީ މަޛުހަބުގެ ގިނަ ޢިލްމުވެރިން ޤަބޫލުކުރައްވާ އަދި ތާއީދުކުރައްވާ ރައުޔަވެސްމެއެވެ. އަދި ހަމައެފަދައިން ޙަންބަލީ މަޛުހަބުގެ ގިނަ ދަންނަބޭކަލުންގެ އަރިހުގައި ފާސިޤުކަމެއް ފޮރުވައިގެން ހުންނަ މީހެއްގެ ފަހަތުގައި ކުރާ ނަމާދުވެސް، އެމީހެއްގެ ފާސިޤުކަން ފައުޅުވެ އެގިއްޖެނަމަ އަލުން ކުރަން ޖެހޭނެއެވެ. [16] އެހެންނަމަވެސް އިމާމް އިބުނު ތައިމިޔާ ދެކެވަޑައިގަންނަވާ ގޮތުގައި އެމީހެއްގެ ފިސްޤު ފޮރުވާފައިވާ މީހެއްގެ ފަހަތުގައި ނަމާދު ޞައްޙަވާނެއެވެ.[17]
ހަމަ މިސައްލާގައި ޙަނަފީ މަޛުހަބުގެ އިމާމް، އަބޫޔޫސުފުގެ އަރިއަހުން ޢިލްމުލްކަލާމުގެ އަހުލުވެރިއެއްގެ ފަހަތުގައި ކުރާ ނަމާދު ޞައްޙަ ނުވާނެ ކަމަށް ވާރިދުވެފައިވެއެވެ. އަދި ޙަނަފީ މަޛުހަބުގެ ބައެއް ޢިލްމުވެރިން ކީރިތި ރަސޫލާ(އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްހުރި)ގެ ކިބައިން ރިވާވެފައިވާ އަންނަނިވި ޙަދީސް ބަސްފުޅުން، ނަމާދު ފާޖިރުންނާއި ފާސިޤުންގެ ފަހަތުގައި ޞައްޙަވާނެކަމަށް އިސްތިދުލާލުކުރައްވައެވެ.[18] އެބަސްފުޅަކީ "صلو خلف كل بر و فاجر"[19] މާނައީ: ކޮންމެ ރަނގަޅު މީހެއްގެ ނުވަތަ ފާޖިރެއްގެ ފަހަތުގައި ނަމާދުކުރާށެވެ.
މާލިކީ މަޛުހަބުގައި، އެމީހެއްގެ ފާސިޤުކަމަކީ ތައުވީލެއްގެ މައްޗަށް ބިނާކުރެވިފައިވާ ފިސްޤެއްތޯ ނުވަތަ ތައުވީލުކުރުމެއް ނެތް ފިސްޤެއްތޯ ބަލަންޖެހެއެވެ. އެއީ ތައުވީލުކުރުމެއް އޮންނަ ފިސްޤެއް ނެތްނަމަ، އެފަދަ ޙާލަތުގައި އޭނާގެ ފަހަތުގައި ކުރެވޭ ނަމާދު ޞައްޙަވާނެއެވެ. އެހެންނަމަވެސް އެފިސްޤަކީ އެއްވެސް ގޮތަކަށް ތައުވީލުކުރުމެއް ނެތް ފިސްޤެއްނަމަ އެބޭކަލުންގެ އަރިހުގައި އެމީހުންގެ ފަހަތުގައި ނަމާދު ޞައްޙަނުވާނެއެވެ.[20]
ފާސިޤެއްގެ ފަހަތުގައި ކުރާ ނަމާދު ޞައްޙަނުވާނެކަމަށް ވިދާޅުވާ ބޭފުޅުންގެ ދަލީލުތައް:
عن جابر عن النبي صلى الله عليه وسلم أنه قال: "لا تؤمن إمرأة رجلا ولا أعرابي مهاجرا ولا يؤمن فاجر مؤمنا"[21] މާނައީ: ޖާބިރުގެފާނު ކީރިތިރަސޫލާ ޙަދީސްކުރެއްވިކަމަށް ރިވާކުރެއްވިއެވެ. "ފިރިހެނެއްގެ އިމާމެއްކަމުގައި އަންހެނާކު ނުވާހުށިކަމެވެ. އަދި އަޢުރާބީއަކު މުހާޖިރެއްގެ އިމާމެއްކަމުގައި ނުވާހުށިކަމެވެ. އަދި ފާޖިރަކު މުއުމިނެއްގެ އިމާމެއްކަމުގައި ނުވާހުށިކަމެވެ."
އިމާމްޝައުކާނީ ވިދާޅުވިއެވެ. މިޙަދީސުގެ ސަނަދުގައިވާ ޢަބްދުﷲ ބިން މުޙައްމަދުއް ތަމީމީއަކީ ޟަޢީފު މީހެކެވެ. އަދި އޭނާގެ ރިވާޔާތުތަކުން ޙުއްޖަތް ޤާއިމުކުރުން ހުއްދަވެގެންނުވެއެވެ.
عن أبن عباس قال: قال رسول الله صلى الله عليه وسلم:"إجعلو أئمتهم خياركم, فإنهم وفدكم فيما بينكم و بين ربكم" [22]މާނައީ: އިބުނުޢައްބާސް، ރަސޫލުﷲ ޙަދީސްކުރެއްވިކަމަށް ވިދާޅުވިއެވެ. "ތިޔަބައިމީހުންގެ އިމާމުންނަކީ ތިޔަބައިމީހުންގެ ތެރެއިން އިމާމުންކަމުގައި ހަދާށެވެ. ހަމަކަށަވަރުން އެބައިމީހުންނަކީ ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ވެރިއިލާހާ މެދުގައިވާ ކަންކަމުގައި ތިޔަބައިމީހުންގެ ވަފުދެވެ."
އިމާމްޝައުކާނީ ވިދާޅުވެފައިވެއެވެ. މިޙަދީސުގެ ސަނަދުގައި سلام بن سليمان المدائني ހިމެނެވެ. އޭނާއަކީ ޟަޢީފުމީހެކެވެ.
އަދިވެސް ޝައުކާނީ ވިދާޅުވެފައިވެއެވެ. "އެންމެ ފުރަތަމަ ދެޖީލުގެ ބޭކަލުންގެ ޢަމަލީ އިޖުމާޢުން ސާބިތުވާ ގޮތުގައި ފާޖިރުންނާއި ފާސިޤުންގެ ފަހަތުގައި ނަމާދުކުރުން ޞައްޙަވާނެއެވެ. އެހެނީ އެދުވަސްވަރު މީސްތަކުންނާއިގެން އިމާމްވެ ނަމާދުކުރައްވަނީ ރަށްރަށުގެ އަމީރުންނެވެ. އެބޭކަލުންގެ ޒަމާނުގައި އަމީރުންގެ ގޮތުގައި ބަނޫއުމައްޔަތު ވަންހައިގެ އިމާމުންނެވެ. އިބަނުޢުމަރުގެ ކިބައިން އެކަލޭގެފާނު ޙައްޖާޖު ބިންޔޫސުފު[23]ގެ ފަހަތުގައި ނަމާދުކުރައްވާކަމަށް އިމާމްބުޚާރީ ރިވާކުރެއްވިއެވެ. މަރުވާނު ނަމާދު ޚުޠުބާގެ މައްޗަށް އިސްކުރި ޢީދު ނަމާދުގައި އޭނާގެ ފަހަތުގައި އަބޫސަޢީދުލް ޚުދުރިއްޔު ނަމާދުކުރެއްވިކަމަށް އިމާމްމުސްލިމާއި ސުނަނުގެ މުއައްލިފުން ރިވާކުރެއްވިއެވެ.[24]
ދަލީލުތަކުގެ ބާރުގަދަކަމަށާއި ޞަޙާބިއްޔަ ބޭކަލުންގެ ޢަމަލުތަކަށް ބަލާއިރު އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ޖަމާޢަތުގައި އިމާމްވެ ނަމާދުކުރާ މީހާއަކީ ފާސިޤެއްކަމުގައިވިޔަސް އޭނާގެ ފަހަތުގައި ނަމާދުކުރުން ޞައްޙަވެގެންވެއެވެ.
2- ބުއްދި:
މޮޔައެއްގެ ފަހަތުގައި ކުރާ ނަމާދު ޞައްޙަނުވާނެއެވެ. އެހެނީ އޭނާގެ ނަމާދު، އޭނާއަށްޓަކައިވެސް ޞައްޙަވެގެންނުވެއެވެ. އޭނާގެ މޮޔަކަމަކީ މެދުކެޑޭ ކަމެއްކަމުގައިވާނަމަ، މޮޔަކަން މެދުކެޑިފައިވާ ޙާލަތުގައި އޭނާގެ ފަހަތުގައި ކުރާ ނަމާދު ޞައްޙަވާނެއެވެ.[25]
މިޝަރުޠަކީ ދަންނަބޭކަލުން އެއްބަސްވެވަޑައިގަންނަވާ ޝަރުޠެކެވެ. މަސްތުވެފައިވާ މީހަކަށް އިމާމްކަމެއް ލިބިގެންނުވެއެވެ. އަބަދީ މޮޔަކަމެއް ޖެހިފައިވާ މީހާއަށްވެސް އިމާމްކަމެއް ނެތެވެ. އެހެނީ މިއިން މީހަކު ކުރާ ނަމާދު އޭގެ ޒާތުގައި އެމީހަކަށްވެސް ޞައްޙަވެގެންނުވެއެވެ. އެހެންކަމުން އެފަދަ މީހެއްގެ ނަމާދުގެ މައްޗަށް އެހެންމީހެއްގެ ނަމާދުގެ ޞައްޙަވުން ބިނާކުރުން އެކަށީގެންވޭތޯއެވެ؟[26]
3- ބާލިޣުވުން:
މިއީ ދަންނަބޭކަލުންގެ މެދުގައި ޚިޔާލުތަފާތުވެވަޑައިގެންފައިވާ ޝަރުޠެކެވެ. ކޮންމެއަކަސް ތަމްޔީޒުވެފައިވާ ކުޑަކުއްޖަކު ބާލިޣުވެފައިވާ ބައެއްގެ އިމާމެއްގެ ގޮތުގައި ފަރުޟު ނަމާދުގައި އިމާމްވުން ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި ޞައްޙަވެގެންނުވެއެވެ. އެއީ ޙަނަފީންގެ އަރިހުގައި ސުންނަތް އަދި ފަރުޟު ނަމާދުތަކުގައިވެސްއެވެ. އެކަމަކު މާލިކީންނާއި ޙަންބަލީންގެ އަރިހުގައި ކުޑަކުއްޖާގެ އިމާމްކަން ޞައްޙަނުވަނީ ހަމައެކަނި ފަރުޟު ނަމާދުތަކުގައެވެ. [27]އިސްވެދިޔަ ރައުޔައަކީ އިބްނު މަސްޢޫދާއި އިބްނުޢައްބާސްގެ ރައުޔައެވެ. އަދި ހަމަމިފަދައިން އިމާމް މުޖާހިދާއި ޢަޠާއާއި މާލިކުގެފާނާއި ޘައުރީއާއި އައުޒާޢީއާއި އަބޫޙަނީފާވެސް ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް އިމާމް އަޙްމަދުގެ އަރިހުން ރިވާވެފައިވާ އެއްރިވާޔަތަކީ ކުޑަކުއްޖެއްގެ އިމާމްކަން ޞައްޙަވެގެންވުމެވެ. އެއީ ވަރަށްގިނަ ދަންނަބޭކަލުންގެ ރައުޔައެވެ. އެބޭކަލުންގެ ދަލީލަކީ ޢަމްރޫބިން ސަލަމާގެ އަރިހުން ރިވާވެފައިވާ ރިވާޔަތެކެވެ.[28] އެކަލޭގެފާނު ވިދާޅުވިއެވެ. أممت على عهد رسول الله صلى الله عليه وسلم و أنا غلام سبع سنين[29] މާނައީ: އަހުރެން ކީރިތި ރަސޫލާގެ ޒަމާނުގައި އިމާމްވެ ނަމާދުކުރީމެވެ. އެއިރު އަހުރެންގެ ޢުމުރަކީ ހަތްއަރެވެ.
އިމާމް މާލިކުގެފާނުގެ އަރިހުގައި ފަރުޟު ނަމާދުތަކުގައި ކުޑަކުއްޖަކު އިމާމުވުން ޞައްޙަވެގެންނުވެއެވެ. އެހެންނަމަވެސް އެކުއްޖާގެ ފަހަތުގައި ސުންނަތް ނަމާދުކޮށްފިނަމަ، އެނަމާދު ޞައްޙަވާނެއެވެ. މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދެން މެދުވެރިވި ސަބަބަކީ އެމީހެއްގެ މައްޗަށް ވާޖިބުވެގެންނުވާ ނަމާދެއް ކުރާއިރު އޭނާއާ އިޤުތިދާވެގެންވާ މީހާ ވާޖިބު ނަމާދެއްކުރުން ހުއްދަތޯއެވެ؟ އެއީ އިމާމާއި މައުމޫމްގެ ނިޔަތް ތަފާތުވުމުގެ ސަބަބުންނެވެ.[30]
ޝާފިޢީ މަޛުހަބުގެ ޢިލްމުވެރިންގެ އަރިހުގައި ސުންނަތް ނަމާދުތަކުގައްޔާއި ފަރުޟު ނަމާދުތަކުގައިވެސް ކުޑަކުއްޖާ އިމާމެއްގެ ގޮތުގައި ނަމާދުކުރުން ޞައްޙަވެގެންވެއެވެ. އަދި އޭނާގެ އިމާމްކަން ޤަބޫލުކުރެވޭނެއެވެ. އެހެންނަމަވެސް އެބޭކަލުން ވިދާޅުވެފައިވެއެވެ. އެންމެ އައުލާވެގެންވާ ގޮތަކީ ބާލިޣުވެފައިވާ ފަރަތް އިމާމްވެ ނަމާދުކުރުމެވެ. އެހެނީ އޭނާގެ އިމާމްކަން ޞައްޙަވާނެކަންމައްޗަށް ދަންނަބޭކަލުން އިޖުމާޢުވެވަޑައިގެންފައިވެއެވެ.[31]
ރައުޔަތަކުގެ ދަލީލާއި ޞައްޙަ ރައުޔަ:
ޢަމްރޫބިން ސަލަމާގެ އަރިހުން ރިވާވެފައިވާ ރިވާޔަތެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. أممت على عهد رسول الله صلى الله عليه وسلم و أنا غلام سبع سنين[32] މާނައީ: ރަސޫލުﷲގެ ޒަމާނުގައި ތިމަން ކަލޭގެފާނު އިމާވެ ނަމާދުކުރެއްވީމެވެ. އެއިރު ތިމަންކަލޭގެފާނުގެ ޢުމުރުފުޅުން ހަތްއަރެވެ.
އިބްނުމަސްޢޫދުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. لايؤم الغلام ختى تجب عليه الحدود [33]މާނައީ: އެކުއްޖެއްގެ މައްޗަށް ޙައްދުތައް ވާޖިބުނުވަނީސް (އެބަހީ: ބާލިޣުނުވަނީސް) އޭނާ އިމާމްވެ ނަމާދު ނުކުރާހުއްޓެވެ.
އިބްނުޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. لايؤم الغلام حتى يحتلم މާނައީ: ބާލިޣުވުމުގެ ކުރިން ކުއްޖަކު އިމާމްވެ ނަމާދުކުރުން ޞައްޙަވެގެންނުވެއެވެ.
މިޙަދީސްތަކާ މެދު އިމާމް ޝައުކާނީ ވިދާޅުވެފައިވެއެވެ.
ޢަމަރޫބިން ސަލަމާއަކީ ޞަޙާބީއެއްކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފުވެފައިވެއެވެ. އިމާމްއިބްނު ޙަޖަރު ދެކެވަޑައިގަންނަވާ ގޮތުގައި އެކަލޭގެފާނު ރަސޫލުﷲގެ އަރިހުން އަޑެއް ނާއްސަވައެވެ. އެހެންނަމަވެސް ދާރުޤަޠަނިއްޔު އެކަލޭގެފާނު ރަސޫލާގެ އަރިހަށް ބައްޕާފުޅާއެކު ވަޑައިގެންނެވި ކަމަށް ރިވާވެގެންވެއެވެ. ކޮންމެއަކަސް އެކަލޭގެފާނުގެ ކިބައިން ރިވާކުރެވުނު ޙަދީސަކީ ޞައްޙަ ޙަދީސެކެވެ. އިމާމްބުޚާރީ ރިވާކުރެއްވި ޙަދީސެއްމެއެވެ.
ފަހުން ގެނެވުނު ދެބަސްފުޅުގައިވެސް އެދެބަސްފުޅު ބަލިކަށިކުރާނެ ސަބަބުތައް އެބަހުއްޓެވެ. އަދި ޙަދީސް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އިބްނުޢައްބާސާއި އިބްނުމަސްޢޫދުގެ ދެބަސްފުޅަކީ ޟަޢީފު ބަސްފުޅެވެ. އެހެނީ އެދެބަސްފުޅުގެ ސަނަދުގައިވެސް ރިވާކުރެއްވި ޟަޢީފު ރާވީން ހިމެނެއެވެ.
ކޮންމެއަކަސް ޢަމްރޫބުން ސަލަމާ ނަމާދަށް އިސްކުރެއްވީ ޞަޙާބީންނެވެ. ކީރިތި ރަސޫލާގެ ޒަމާނުގައެވެ. މިކަމުން ކުޑަކުއްޖަކު އިމާމްވެ ނަމާދުކުރުން ޞައްޙަވާނެކަން އެގެއެވެ.
އަދިވެސް މިޙަދީސްގައި ކީރިތިރަސޫލާ އަންނަނިވި ފަދައިން ޙަދީސްކުރެއްވިކަމަށް ބުޚާރީ ރިވާކުރެއްވިއެވެ. "ليؤمكم أكثركم قرانا" މާނައީ: "ތިޔަބައިމީހުންކުރެ އެންމެބޮޑަށް ޤުރުއާން ދަސްވެފައިވާ މީހަކު އިމާމްކަމުގައި ހަދާށެވެ." މިޙަދީސްބަސްފުޅުގައި އަމުރުފުޅު ޢާންމުކޮށް އައިސްފައިވުމުން އެބައެއްގެ ތެރޭގައި ޤުރުއާން އެހެން މީހުނަށްވުރެ ރަނގަޅަށް ކިޔަވާ ކުޑަކުއްޖަކު ހުރިނަމަ، އެކުއްޖާ އިމާމެއްކަމުގައި ހެދުން ހުއްދަކަމަށް ދަލީލު ލިބެއެވެ. މިރައުޔައަށް އިމާމްއަޙްމަދު ރައްދުދެއްވަމުން ވިދާޅުވެފައިވެއެވެ. އެކަންތައް ހިނގިކަން ކީރިތި ރަސޫލާއަށް އެގިވަޑައިނުގަންނަވަނީއެވެ. އިމާމް އަޙްމަދުގެ މިބަސްފުޅުގެ ޖަވާބުގައި ދަންނަވަންއޮތީ އެއިރު ވަޙީ ބާވައިލެއްވެމުން ގެންދެވިކަމަށެވެ. އެހެންކަމުން ޞަޙާބީންނަށް އެކަށީގެންނުވާ ކަމެއްކުރެއްވެވިއްޖެނަމަ ރަސޫލުﷲއަށް މާތްﷲ އެކަން އަންގަވާނެތެވެ.
އަދިއަނެއްބައި ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ޢަމްރޫގެފާނު އިމާމްވެކުރެއްވީ ސުންނަތް ނަމާދެކެވެ. އެހެންނަމަވެސް މިވާހަކައަކީ ޤަބޫލުކުރެވޭނެ ވާހަކައެއް ނޫންކަމުގައިވަނީ، މިޙަދީސުގައި އިމާމް ބުޚާރީގެ ރިވާޔަތުގައި ކީރިތި ރަސޫލުﷲ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްހުރި) އެބޭކަލުން ނަމާދު ވަޤުތުތައް އުގަންނަވައިދެއްވި ވާހަކައައުމުންނެވެ.[34]
ހަމަ މިމައްސަލާގައި އިމާމް ޞަންޢާނިއްޔު ވިދާޅުވެފައިވެއެވެ. ޢަމްރޫ ބިންސަލަމާއަށް ގިނައިން ޤުރުއާން އެގިވަޑައިގަތް ސަބަބުވެސް ވާރިދުވެފައިވެއެވެ. އެކަލޭގެފާނުގެ ޤައުމު ފަހަނައަޅައިދާ ޤާފިލާތަކުގެ އަހުލުވެރިންގެ ކިބައިން ޤުރުއާނުގެ ޢިލްމު އުގެނިވަޑައިގަންނަވައެވެ.
ޢަމްރޫގެ މިޙަދީސުން ޙުއްޖަތް ނުލިބޭނެކަމަށް ވިދާޅުވެ، ބައެއްބޭފުޅުންވަނީ ކުޑަކުއްޖާގެ ނަމާދު، މޮޔައިންގެ ނަމާދާ ޤިޔާސްކުރައްވާފައެވެ. އެހެންނަމަވެސް އެބޭފުޅުންގެ ޤިޔާސް ކަނޑައެޅިގެން ޞައްޙަ ޙަދީސަކާ ޚިލާފުވާތީ، އެޤިޔާސް ބަލައިނުގަނެވޭނެއެވެ.[35]
އެހެންކަމުން އެންމެ ރަނގަޅު މަޤުބޫލު ރައުޔައަކީ ކުޑަކުއްޖާގެ އިމާމްކަން ޞައްޙަވެގެންވުމެވެ. އަދި އަޅުގަނޑަށް އެންމެ ބޮޑަށް ޤަބޫލުކުރެވެނީ ޝާފިޢީ މަޛުހަބުގެ ރައުޔައެވެ. އެހެނީ އެކުއްޖާގެ ނިޔަތުގައި ސުންނަތް ނަމާދެއްކުރުންކަމުގައިވިއަސް އެކުއްޖާގެ ފަހަތުގައި ފަރުޟު ނަމާދެއް ކުރިއަސް ޢިލްމުވެރިންގެ އެންމެ ޞައްޙަ ރައުޔައަށް ބަލާއިރު މައުމޫމާކުޅަ ފަރުޟު ނަމާދު ޞައްޙަވާނެއެވެ.
4- حقيقي ފިރިހެނެއްކަމުގައިވުން (ޚުންޘާއިންގެ ނުވަތަ ފިރިހެނުންގެ އިމާމެއްކަމުގައިވާނަމަ)
ފިރިހެނުންގެ އިމާމެއްކަމުގައި އަންހެނަކު ނުވަތަ ޚުންޘާއަކު ހުރުން ޞައްޙަވެގެންނުވެއެވެ. ސުންނަތް ނުވަތަ ފަރުޟު ނަމާދުތަކުގައިވެސްމެއެވެ. އެހެންނަމަވެސް ހަމައެކަނި އަންހެނުންގެ ޖަމާޢަތެއްނަމަ އެޖަމާޢަތުގެ އިމާމެއްކަމުގައި ފިރިހެނަކު ހުރުން ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި ޝަރުޠުވެގެންނުވެއެވެ.[36]
އަދި މިމައްސަލައަކީ ފަޤީހުންގެ މެދުގައި އިއްތިފާޤުވެވިފައިވާ މައްސަލައެއްކަމުގައި الموسوعة الفقهية ގައި އައިސްފައިވެއެވެ. އަދިވެސް އެފޮތުގައި ބަޔާންވެފައިވެއެވެ. އެންމެ ބޭކަލުންގެ ދަލީލުތަކުގެ ތެރޭގައިވެއެވެ. ކީރިތި ރަސޫލުﷲ ޙަދީސްކުރެއްވިއެވެ. أخروهن من حيث أخرهن الله[37] މާނައީ: އެކަނބަލުން މާތްﷲ ފަސްކުރެއްވި ބީދައިން ތިޔަބައިމީހުން އެކަނބަލުން ފަސްކުރާހުށިކަމެވެ. މިތަނުގައިއެވާ އެކަނބަލުން ފަސްކުރުމުގެ މާނައަކީ ނަމާދުގައި އެކަނބަލުންނަށް ފިރިހެނުންގެ ޖަމާޢަތެއްގައި އިމާމްވެ ނަމާދު ނުކުރެވޭނެ ވާހަކައެވެ.
އިމާމްއިބްނުމާޖާ ޖާބިރުގެފާނުގެ ކިބައިން ރިވާކުރެއްވިއެވެ. ރަސޫލުﷲ (ޞަލަވާތް ލައްވާށި) ޙަދީސްކުރެއްވިއެވެ. "ولا تؤمن إمرأة رجلا" މާނައީ: "އަންހެނަކު ފިރިހެނެއްގެ އިމާމެއްކަމުގައި ނުވާހުށިކަމެވެ." މިޙަދީސްގެ ޝަރަޙައިގައި އިމާމް صنعاني ވިދާޅުވެފައިވެއެވެ. މިޙަދީސުން ދަލީލު ލިބޭ ގޮތުގައި އަންހެނަކު ފިރިހެނުންގެ ޖަމާޢަތެއްގައި އިމާމްވުން ޞައްޙަވެގެންނުވެއެވެ. އެއީ هادوية ގެ ޢިލްމުވެރިންނާއި ޝާފިޢީ މަޛުހަބުގެ ޢިލްމުވެރިންނާއި އަދި ޙަނަފީންނާއި އެނޫންވެސް މަޛުހަބުތަކުގެ ޢިލްމުވެރިންގެ ރައުޔައެވެ. އިމާމް مزني އާއި އިމާމްއަބޫޘައުރުގެ އަރިހުގައި އަންހެނާގެ އިމާމްކަން ޞައްޙަވާނެއެވެ. އަދި إمام الطبري ޤުރުއާން ހިތުންދަސްވެފައިވާ މީހަކު ޙާޟިރުވެ ނެތްނަމަ، ޤުރުއާން ހިތުންދަސް އަންހެނަކު ތަރާވީޙު ނަމާދު އިމާމްވެ ކުރުން ހުއްދަކުރެއްވިއެވެ.[38]
އިމާމް މާވަރަދިއްޔު ވިދާޅުވެފައިވެއެވެ. އަންހެނާ އިމާމްވެ އަންހެނުންގެ ޖަމާޢަތެއްގައި ނަމާދުކުރުމާމެދު ޢިލްމުވެރިން ތިން މަޛުހަބަކަށް ބެހިގެން ދެއެވެ. ޝާފިޢީގެފާނުގެ މަޛުހަބަކީ އަންހެނުން فرض ނަމާދުތަކާއި ސުންނަތް ނަމާދުތަކުގައި އަންހެނުންގެ ޖަމާޢަތުގެ އިމާމެއްކަމުގައި އަންހެނަކު ހުރުން ސުންނަތްވެގެންވެއެވެ. އަދި އަބޫޙަނީފާއާއި އިމާމް މާލިކުގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި އަންހެނާ އަންހެނުންގެ ޖަމާޢަތެއްގައި ސުންނަތް ނަމާދުތަކާއި ފަރުޟު ނަމާދުތަކުގައި އަންހެނާގެ އިމާމްކަން މަކުރޫހަވެގެންވެއެވެ. އެކެމަކު އިމާމް شعبيއާއި އިމާމް نخعيގެ އަރިހުގައި އަންހެނާގެ އިމާމްކަން މަކުރޫހަވެގެންވަނީ ހަމައެކަނި ފަރުޟު ނަމާދުތަކުގައެވެ.[39]
ޙަނަފީ މަޛުހަބުގެ ޢިލްމުވެރިންގެ އަރިހުގައި މަކުރޫހަވެގެންވަނީ ހަމައެކަނި އަންހެނުންގެ އިމާމްކަމެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އަންހެނުން ވަކިން ޖަމާޢަތެއްގައި ނަމަދުކުރުންވެސް އެބޭކަލުންގެ އަރިހުގައިވަނީ މަކުރޫހަކަމެއްކަމުގައެވެ. އެބޭކަލުންގެ ދަލީލުތަކީ އަންނަނިވި ކަންކަމެވެ. އަންހެނުންގެ ޖަމާޢަތެއްނަމަ، އެޖަމާޢަތުގައި އިމާމަކީ އަންހެނެކެވެ. އޭނާވާހުށީ ދެޙާލަތަކުންކުރެ އެއްޙާލަތެއްގައެވެ. އެއީ ކުރިއަށްއަރައި ނަމާދުކުރުމާއި ފުރަތަމަ ޞަފުގައި މެދުގައި ހުރެ ނަމާދުކުރުމެވެ. ފުރަތަމަ ގޮތުގައިވަނީ ފައުޅުވުން އިތުރުވުމެވެ. އެއީ މަކުރޫހަކަމެކެވެ. ދެވަނަކަމަކީ އިމާމާ އޭނާގެ މަޤާމް ދޫކުރުމެވެ. އެހެންކަމުން މިދެޙާލަތުގައިވެސް އޭނާގެ އިމާމްކަންވަނީ މަކުރޫހަވެގެންނެވެ. އަދިވެސް އެބޭކަލުން ވިދާޅުވެއެވެ. ޖަމާޢަތަކީ ސުންނަތެކެވެ. ސުންނަތެއް ކުރުމަށްވުރެ މަކުރޫހަކަމެއް ދޫކުރުން މާއައުލާކަން ބޮޑުވެގެންވެއެވެ.[40]
އިމާމްމާލިކުގެފާނު އަންހެނުންގެ ޖަމާޢަތުގައި ނަމާދުކުރުން ހުއްދަނުކުރައްވައެވެ. އެރައުޔައަކީ އެމަޛުހަބުގެ ގިނަ ދަންނަބޭކަލުން ޤަބޫލުކުރައްވާ ރައުޔަވެސްމެއެވެ.[41]
ރައުޔަތަކުގެ ދަލީލާއި އެންމެ ރަނގަޅު ރައުޔަ:
އަބޫދާވޫދު أم ورقة އަށް ރަސޫލުﷲ އެކަމަނާގެ ގޭގެ އަހުލުވެރިންނާއިގެން އިމާމްވެ ނަމާދުކުރެއްވުމުގެ ހުއްދަދެއްވިކަމަށް ރިވާކުރެއްވިއެވެ. އަދި އެކަމަނާއަށްޓަކައި ބަންގި ގޮވާނޭ މީހަކުވެސް ޚާއްޞަކުރެއްވިކަމަށް ރިވާކުރައްވައެވެ.[42] އިމާމްصنعاني މިޙަދީސަކީ އަންހެނާ، އަންހެނުންގެ ޖަމާޢަތެއްގައި އިމާމްވެކުރާ ނަމާދު ޞައްޙަވާނެކަމަށް ވިދާޅުވާ ބޭފުޅުން އިސްތިދުލާލުކުރައްވާ ޙަދީސެވެ. އަދި މިޙަދީސުން އަންހެނާގެ އިމާމްކަން ފިރިހެނުންގެ ޖަމާޢަތެއްގައި ޞައްޙަވާނެކަމަށް އިމާމް އަބޫޡައުރުފަދަ ބައެއްޢިލްމުވެރިން އިސްތިދުލާލުކުރައްވައެވެ.[43]
އިމާމް شوكاني މިޙަދީސްގެ ޝަރަޙަކުރައްވަމުން ވިދާޅުވެފައިވެއެވެ. އަންހެނާގެ އިމާމްކަން ފިރިހެނުންގެ ޖަމާޢަތެއްގައި ޞައްޙަވާނެކަމަށް އިސްތިދުލާލުކުރައްވާ ބޭފުޅުން ވިދާޅުވަނީ އެކަމަނާއަށް އެކަމަނާގެ ގޭގެ އަހުލުވެރިންގެ އިމާމެއްގެ ގޮތުގައި ނަމާދުކުރެއްވުމަށް ހުއްދަދެއްވުމަށްފަހު ބަންގި ގޮވާނެ މީހަކު އެކަމަނާގެ ގެކޮޅުގައި ލެއްވުމުން އެގެނީ އެމީހަކުވެސް ނަމާދުކުރީ އެކަމަނާގެ ފަހަތުގައި ކަމެވެ. މިރައުޔައަށް ރައްދުދެއްވަމުން دارقطني ވިދާޅުވެފައިވެއެވެ. އެކަމަނާއަށް ހުއްދަ ދެވިފައިވަނީ އެކަމަނާގެ ގޭގެ އަހުލުވެރިންގެ ތެރެއިން އަންހެނުންގެ އިމާމެއްކަމުގައި ހުންނަވައި ނަމާދުކުރެއްވުމަށެވެ.[44]
އަދި އިމާމް އިބްނު މާޖާ ރިވާކުރެއްވި ޙަދީސްގައިވެއެވެ. "ولا تؤمن إمرأة رجلا" މާނައީ: "އަންހެނަކު ފިރިހެނެއްގެ އިމާމެއްކަމުގައި ނުވާހުށިކަމެވ." މިޙަދީސުން އެގޭ ގޮތުގައި އަންހެނާގެ އިމާމްކަން ޞައްޙަނުވަނީ ފިރިހެނުންގެ ޖަމާޢަތެއްގައެވެ. އެހެނީ އެކީ مطلق ކޮށް ޙަދީސްގެންނެވުމުގެ ބަދަލުގައި ވަކިން ފިރިހެނެއްގެ އިމާމެއްގެ ގޮތުގައި އަންހެނަކު ހުރުން ނަހީކުރެއްވުމުން، އިސްވެދިޔަ ރައުޔައަށް މިޙަދީސުން ބާރުދެއެވެ.[45]
އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ދަލީލުތައް ހުރިގޮތުން އެންމެ ރަނގަޅު ރައުޔައަކީ ޝާފިޢީ މަޛްހަބުގެ ރައުޔައެވެ. އެއީ އަންހެނާ ފިރިހެނުންގެ ޖަމާޢަތެއްގައި އިމާމްވެ ނަމާދުކުރުން ޞައްޙަނުވުމާއެކު އޭނާއާ އެއްފަދަ އަންހެނުންގެ ޖަމާޢަތެއްގައި އިމާމްވެ ނަމާދުކުރުން އޭނާއަށް ހުއްދަވެ، ޞައްޙަވެގެންވުމެވެ.
5-ޙަދަސްވެރިކަމުން އަރައިގަނެފައިވުން
ޙަދަސްވެރިވެފައިވާ މީހާގެ އިމާމްކަން ޞައްޙަނުވާނެއެވެ. އެއީ އޭނާގެ ނަމާދަކީ ބާޠިލު ނަމާދެއްކަމުގައި ވާތީއެވެ. ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި އޭނާއަށް ޙަދަސްވެރިވެފައިވާކަން އެގުމާއި ނޭނގުމުގެ ދެމެފުގައި ފަރަޤެއްނުކުރައްވައެވެ. އެހެންނަމަވެސް މާލިކީ މަޛުހަބުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ޝަރުޠަކީ ގަސްތުގައި ޙަދަސްވެރިވެހުރެ، އެކަން އެގިހުރެ، ނަމާދުކުރުމެވެ.[46]
އަދި ޝާފިޢީ މަޛުހަބުގައިވެސް ކުރިން އެގިފައިނުވާނަމަ، ޙަދަސްވެރި އިމާމެއްގެ ފަހަތުގައި މައުމޫމާކުރާ ނަމާދު އަބުރާ އިޢާދަކުރާކަށް ނުޖެހޭނެއެވެ. އެހެނީ މައުމޫމާގެ ނަމާދަށް އިމާމާގެ ކިބައިގައިވާ އުނިކަމުގެ ސަބަބުން އަސަރެއް ނުކުރާތީއެވެ.[47]
ޙަންބަލީ މަޛުހަބުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، އިމާމާގެ ޙަދަސްވެރިކަން މައުމޫމަށް ނޭނގި، އިމާމާއަށް އެގޭނަމަ، އިމާމާވެސް އަދި މައުމޫމުވެސް، އެނަމާދު އަބުރާ އިޢާދަކުރުން ވާޖިބުވާނެއެވެ. އެހެންނަމަވެސް އިމާމާއަށާއި މައުމޫމަށްވެސް، އިމާމާގެ ޙަދަސްވެރިކަން ނޭނގޭ ނަމަ އިމާމާގެ ނަމާދު ފިޔަވައި އިމާމާގެ ނަމާދު ޞައްޙަވާނެއެވެ.[48]
ޙަނަފީ މަޛުހަބުގެ ޢިލްމުވެރިންގެ އަރިހުގައި އިމާމާގެ ޙަދަސްވެރިކަން ނޭނގި ހުރެ، އޭނާއާ އިޤުތިދާވެފައި މައުމާމާވެސް އޭނާގެ ނަމާދު އަބުރާ އިޢާދަކުރަންޖެހޭނެއެވެ.[49]
ރައުޔަތަކުގެ ދަލީލާއި އެންމެ ރަނގަޅު ރައުޔަ:
ޙަނަފީ މަޛުހަބުގެ ޢިލްމުވެރިންގެ ރައުޔައިގެ ދަލީލަކި ކީރިތި ރަސޫލާ (ސަލާމާއި ޞަލަވާތް ލައްވާށި)ގެ އަންނަނިވި ޙަދީސް ބަސްފުޅެވެ. "من أم قوما ثم ظهر أنه كان محدثا أو جنبا أعاد صلاته "[50] މާނައީ: "ޤައުމެއްގެ އިމާމެއްކަމުގައިވެފައި، އެއަށްފަހު އޭނާއަށް އޭނާ ހުރީ ޙަދަސްވެރި ޙާލުގައިކަން ނުވަތަ ޖުނުބުވެރި ޙާލުގައިކަން ފައުޅުވެއްޖެނަމަ، އޭނާގެ ނަމާދު އިޢާދަކުރަން ޖެހޭނެއެވެ."
ހަމައެފަދައިން ޙަންބަލީ މަޛުހަބުގެ ޢިލްމުވެރިންގެ ރައުޔައިގެވެސް ދަލީލަކީ ހަމަ މިޙަދީސެވެ. "من أم قوما ثم ظهر أنه كان محدثا أو جنبا أعاد صلاته وتمت الصلاة للقوم " މާނައީ: "ޤައުމެއްގެ އިމާމްކަން މީހަކު ކުރުމަށްފަހު، އެމީހަކު ޙަދަސްވެރިވެފައިވާކަން ނުވަތަ ނޫންކަން އެގިއްޖެނަމަ އޭނާގެ ނަމާދު އޭނާ އަބުރާ އިޢާދަކުރާ ހުއްޓެވެ. އަދި މައުމޫމުންގެ ނަމާދު ފުރިހަމައެވެ."
މިޙަދީސުން އެންމެ ރަނގަޅަށް އިސްތިދުލާލުކުރައްވާފައިވަނީ ޙަންބަލީ މަޛުހަބުގެ ޢިލްމުވެރިންނެވެ. އެހެންކަމުން އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި މިމައްސަލާގައި އެންމެ ޞައްޙަވެގެންވާ ރައުޔައަކީ ޙަންބަލީ މަޛުހަބުގެ ޢިލްމުވެރިންގެ ރައުޔައެވެ.
7- އިމާމްވެ ނަމާދުކުރާ މީހާއަށް ޤުރުއާން ކިޔަވަން އެގުން:
މިޝަރުޠަކީ ކިޔަވަން ދަންނަ ބައެއްގެ އިމާމެއްކަމުގައި އޭނާ ހުންނަނަމަ ކޮންމެހެންވެސް ފުރިހަމަވާންޖެހޭ ޝަރުޠެއްކަމުގައި ޢިލްމުވެރިން ބަޔާންކުރައްވައެވެ. އެހެނީ އުންމިއްޔަ މީހާ ޤާރީއެއްގެ އިމާމެއްކަމުގައި ހުރުން ޞައްޙަވެގެންނުވެއެވެ.
އެހެނަސް ކިޔަވަން ނުދަންނަ ބައެއް ނުވަތަ މަންމަން ބައެއްގެ އިމާމެއްކަމުގައި އެފަދަ އަނެކުން ހުރުން ޞައްޙަވެގެންވާކަމަށް ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ.[51]
ނިންމުން:
މިލިޔުމުގައި އަޅުގަނޑު ބަލައިލީ ޖަމާޢަތުގެ ނަމާދުގައި އިމާމްވެނަމާދުކުރުމުގެ ޝަރުޠުތަކަށެވެ. އެހެންކަމުން އިސްވެދިޔަ ޝަރުޠުތަކަކީ ޢިލްމުވެރިން އެބޭފުޅުންގެ ފޮތްތަކުގައި ބަޔާންކުރައްވާފައިވާ ޝަރުޠުތަކެވެ. އަޅުގަނޑުވާނީ އަޅުގަނޑުގެ ކުޅަދާނަކަން ތަންދިން މިންވަރުން، މިމައުޟޫޢުގެ މައްޗަށް އަލިއަޅުވައިލެވޭތޯ ބެލީމެވެ.
މިދިރާސާގައި އެންމެ ރަނގަޅު ރައުޔަ ކަނޑައެޅުމުގައި އަޅުގަނޑު ބަލާފައިވާނީ العلامة الصنعاني އާއި العلامة الشوكاني ގެ ތަރުޖީޙުތަކަށެވެ. ސަބަބަކީ އެދެބޭފުޅުންނަކީވެސް ޙަދީސުގެ ބޭރުފުށުން ޙުކުމް ނެންގެވުމުގެ ބަދަލުގައި ޙަދީސްތައް ތައުފީޤުކުރައްވާ ޙަދީސްތަކުގެ ސަބަބުތަކަށް ބައްލަވާ ދެބޭފުޅުންނެވެ. އެއާއެކު އެބޭފުޅުންނަކީ ޙަދީސްގެ ތެރެއިން ޞައްޙަ ޟަޢީފު ވަރަށްރަނގަޅަށް ދެނެވަޑައިގަންނަވާ ދެބޭކަލުންނެވެ. އެހެންކަމުން އެދެބޭކަލުންގެ ރައުޔަތަށް ބިނާކުރައްވާފައިވަނީ ޙަދީސްތަކުގެ ތެރެއިން ޞައްޙަ ޙަދީސްތައް، ބަހުގެ ހަމަތަކާއި، އުޞޫލުލް ފިޤުހުގެ މިންގަޑުތަކުން އެބޭފުޅުންނަށް ޤަބޫލުކުރެއްވޭ ރަނގަޅު ރައުޔަތަކެއްގެ މައްޗަށެވެ.
المراجع:
1- الموسوعة الفقهية އެކުލަވައިލީ: وزارة الأوقاف و الشئون إسلامية| ކުވައިތު
2- نيل الأوطار ލިޔުއްވީ: އިމާމްޝައުކާނީ ޗާޕްކުރީ: دار إبن قيم ފުރަތަމަ ޗާޕް (2005)
3- فقه الإسلام و أدلته ލިޔުއްވީ:وهبة الزحيلي ޗާޕްކުރީ:دار الفكر 3ވަނަ ޗާޕް (1989)
4- سبل السلام ލިޔުއްވީ: إمام صنعاني ޗާޕްކުރީ:دار المعرفة ފުރަތަމަ ޗާޕް (1997)
5- شرح فتح القدير ލިޔުއްވީ:برهان الدين علي بن أبى بكر ޗާޕްކުރީ: دار الكتب العلمية ފުރަތަމަ ޗާޕް (2003)
6- الحاوى الكبير ލިޔުއްވީ:އިމާމްماوردي ޗާޕްކުރީ: دار الكتب العلمية ފުރަތަމަ ޗާޕް (1994)
7- بداية المجتهد نهاية المقتصد ލިޔުއްވީ: އިބްނުރުޝްދުލް ޤުރުޠުބީ ޗާޕްކުރީ: دار إبن حزم ފުރަތަމަ ޗާޕް (1995)
8- الملخص الفقهي ލިޔުއްވީ: ޑަކްޓަރ ޞާލިޙުބިން ފައުޒާން ޗާޕްކުރީ:دار العاصمة ފުރަތަމަ ޗާޕް (2001)
ނޯޓު: މިއީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ގުރޭޑް 12ގައި ކިޔެވި އަހަރު (2008)ވަނަ އަހަރު އަޅުގަނޑު ހަދާފައިވާ ދިރާސާއެކެވެ. އުންމީދަކީ މާތްﷲގެ ރަޙުމަތްފުޅުން މިދިރާސާ ތިޔަ ބޭފުޅުންނަށް ކަމުދިޔުމެވެ. އަދި ފައިދާތަކެއް އެންމެ ބޭފުޅުންނަށް ކުރުމެވެ.

