އިޚުތިލާފުވެއްޖެނަމަ....

މައުޟޫޢަކީ ޚުޠޫރަތްތެރި ނުރައްކައުތެރި، މައުޟޫޢެކެވެ. އޭގެ ޒާތުގައި ކުޑަ ބިރުވެރިކަމެއް އެކުލެވިގެންވާ މައުޟޫޢެކެވެ. އެހެންއެކަން އޮތުމާއެކުވެސް މިމައުޟޫޢުގައި ދެތިން ބަހެއް ކިޔުންތެރިންނާ ހިއްސާކޮށްލުމީ އަޅުގަނޑުގެ އެދުމަކަށްވެއްޖެ ހިނދު އެނިޔަތުގެ މަތިން މިދެތިން ބަސް ލިޔަމެވެ.

އިސްލާމީ ފިކުރީ ފަޒާއަކީ އިޚުތިލާފުގެ ޖައްވެކެވެ. އެއީ ފިކުރުތަކުގެ ޖައްވެއްކަމުގައިވާތީ އެޖައްވުގައި އިޚުތިލާފުތައް ހުރުމީ ޠަބީޢަތެވެ. އެއްކަމެއްގައި ދެމީހެއްގެ ޚިޔާލާއި ވިސްނުން އެގޮތްވަނީ ނުހަނު ނާދިރު ޙާލަތެއްގައި ނޫންތޯއެވެ؟ އެހެންނަމަވެސް އިސްލާމީ ފިޤުހުގައި އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވާ ޚިޔާލު ތަފާތުވުންތަކާމެދު އުފެދޭ ސުވާލުތަކެއް އެބަހުއްޓެވެ.

އެސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ކޮންމެ ސުވާލަކަށްމެ، ޚުލާޞާ ކުރު ޖަވާބެއް ދިނުމަށް އަޅުގަނޑު މަސައްކަތްކުރާނަމެވެ.

ސުވާލު 1: އިސްލާމީ ފިޤުހުގެ މައިގަނޑު ދެމަޞްދަރަކީ ކީރިތި ޤުރުއާނާއި ސަލާމާއި ޞަލަވާތްލެއްވުނު ރަސޫލުﷲގެފާނުގެ މޫރިތި ސުންނަތް ކަމުގައިވާއިރު، އެދެ މަޞްދަރުން ދެޢިލްމުވެރިޔަކު އެއްމަސަލައެއްގައި ދެގޮތަށް ޙުކުމް ނަންގަވަނީ ކީއްވެގެންތޯއެވެ؟

ޖަވާބު: ތެދެކެވެ. މައިގަނޑު ދެމަޞްދަރަކީ ޤުރުއާނާއި ސުންނަތެވެ. އެހެންނަމަވެސް އެދެމަޞްދަރު ފޯރުކޮށްދޭ މަޞްދަރުތައް ފަހުމްކުރުމުގައި ޢިލްމުވެރިން ބޭނުންކުރައްވާ އާލަތްތައް ވަރަށްތަފާތެވެ. އެހެނީ ބައެއް ޢިލްމުވެރިންނަކީ އެނައްޞުގެ ސަބަބު ހޯދައި އެސަބަބުގެ މައްޗަށް ޙުކުމް ބިނާކުރައްވާ ބޭކަލުންނެވެ. ނުވަތަ ޙުކުމްތަކުގެ މަޤުޞަދުގެ މައްޗަށް ޙުކުމް ބިނާކުރައްވާ ބޭފުޅުންނެވެ. މިއީ މަދުރަސަތު އަހުލުއްރައުޔު ނުވަތަ ބުއްދީގެ އަހުލުވެރިންގެ މަދުރަސާގެ ޢިލްމުވެރިންނެވެ. ފަހުން މިއީ މަދުރަސަތުލް މަޤާޞިދު ނުވަތަ ޙުކުމްތަކުގެ މަޤުޞަދުތައް ދިރާސާކުރައްވާ މަދުރަސާގެ ޢިލްމުވެރިންގެ ގޮތުގައި މަޝްހޫރުވެވަޑައިގަތެވެ. ޞަޙާބީންކުރެ މިމަދުރަސާގެ މިއުޞޫލަކީ ދެވަނަ ޚަލީފާ ޢުމަރުގެފާނާއި ހަތަރުވަނަ ޚަލީފާ ޢަލީގެފާނާއި، އިބްނު މަސްޢޫދުފަދަ ބައެއް ޞަޙާބީންގެ އުޞޫލެވެ. މިމަދުރަސާގެ އެންމެ މަޝްހޫރު ބޭފުޅުންނަކީ ޙަނަފީ މަޛުހަބުގެ ޢިލްމުވެރިންނާއި ޝާފިޢީ މަޛުހަބުގެ ބައެއް ދަންނަ ބޭކަލުންނެވެ. މިޒަމާނުގައި މިފިކުރުގެ އެންމެ އަލިގަދަ ތަރިންނަކީ އަޒުހަރުގެ ދަރިންނެވެ. މިހާރު މިމަދުރަސާގެ އެންމެ ކުޅަދާނަ ޢިލްމުވެރިޔަކީ ޢައްލާމާ ޑރ.ޔޫސުފުލް ޤަރަޟާވީއާއި، ފިކުރުގެ ޚަޒާނާ ކަމުގައިވެވަޑައިގަތް އަޅުގަނޑުމެންގެ ލޮބުވެތި ޝައިޚު މުޙައްމަދު ޣަޒާލީއާއި، ޑރ. ވަހުބަތުއް ޒުޙައިލީއާއި އައްޝައިޚު މުޞްޠަފައްޒަރުޤާއާއި، ޑރ.ޢަބްދުލްކަރީމް ޒައިދާންއާއި މިނޫންވެސް ކުޅަދާނަ ބައެއް ޢިލްމުވެރިންނެވެ. މިވިސްނުން ބޮޑަށް ފެތުރިފައިވަނީ މިޞްރާއި ޝާމްއާއި ޢިރާޤުގައެވެ.

ފުރަތަމަ މަދުރަސާއާއި ޚިލާފަށް ދެވަނަ މަދުރަސާއަކީ ޙުކުމްތައް އެޙުކުމުގެ ނައްޞުގެ މައްޗަށް އެކަނި ބިނާކުރައްވާ ބޭކަލުންނެވެ. މާނައަކީ ނައްޞުގެ ބޭރުފުށަށް ބޮޑަށް ބަރޯސާވެވަޑައިގަންނަވާ ބޭފުޅުންނެވެ. މިއީ ޞަޙާބީންކުރެ އުންމުލް މުއުމިނީން ޢައިޝަތުގެފާނާއި، ޢަބްދުﷲބިން ޢުމަރާއި، އަދިވެސް މާތް އެތައް ޞަޙާބީންނެއްގެ އުޞޫލެވެ. މި މަޛުހަބަކީ ޝާފިޢީ މަޛުހަބުގެ ބައެއް ބޭކަލުންނާއި މާލިކީ މަޛުހަބުގެ ބޭފުޅުންނާއި ޙަންބަލީ މަޛުހަބުގެ އުޞޫލެވެ. މިއީ އަހުލުލް ޙަދީސްގެ މަޛުހަބު ކަމުގައި މަޝްހޫރުވި މަޛުހަބެވެ. މިމަޛުހަބު މިޒަމާނުގައި އެންމެ ވަރުގަދައަށް ފެތުރިފައިވަނީ ސުޢޫދީ ޢަރަބިއްޔާގައެވެ. ޝައިޚުނާ ޢައްލާމާ މުޖައްދިދު ބިންބާޒު ރަޙިމަހުﷲއާއި މުޙައްދިސުއް ޒަމާން އިމާމް އަލްބާނީއާއި، އެދެބޭކަލުންގެ ދަރިވަރުންނަކީ މިމަދުރަސާ ތަމްސީލުކުރައްވާ ބޭފުޅުންނެވެ. އަދި މިމަދުރަސާގެ ދިދަ އުފުއްލަވަމުން ގެންދަވަނީ ސުޢޫދީގެ ޝައިޚުންނެވެ. ޑރ.ސަލްމާން ފަހުދުލް ޢައުދާ، ޑރ.ޢާއިޟުލް ޤަރަނީ، ޝައިޚު ޞާލިޙުލް މުނައްޖިދު، ޝައިޚު ރުބައިޢުލް މަދުޚަލީ، ޝައިޚު މުޤުބިލް ބިން ހާދިލް ވައްދާޢުފަދަ ބޭފުޅުންނަކީ މިމަދުރަސާގެ އެކި ޖަމާޢަތްތަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ.

މިދެޖަމާޢަތުގެ ބޭފުޅުންގެ ދެމެދުގައި ޒަމާނުއްސުރު ފިޤުހީ ޚިޔާލުތަފާތުވުންތަކެއް ހުއްޓެވެ. ފުރަތަމަ ޖަމާޢަތުގެ ބޭފުޅުންނަކީ ފިޤުހުލް ވާޤިޢު ނުވަތަ ޙާލަތުގެ ފިޤުހަށް އެންމެ ކުޅަދާނަ ބޭފުޅުންގެ ގޮތުގައި ފާހަގަވެއެވެ. އަދި ދެވަނަ ޖަމާޢަތުގެ ބޭފުޅުން ފިޤުހުއް ތަރުޖީޙު ނުވަތަ ރާޖިޙު ރައުޔަ ނެރެދެއްވުމުގައި އެންމެ ޤާބިލް ބޭފުޅުންގެ ގޮތުގައި ފާހަގަވެއެވެ. އެބޭފުޅުންގެ މެދުގައި ޚިލާފުތަކެއް މިހުރީ ޤުރުއާނާއި ސުންނަށް ފޯރުކޮށްދިން ނައްޞުން ހުކުމެއް ނެންގެވުމުގައި ވިސްނަވާ ގޮތް ނުވަތަ ބޭނުންކުރައްވާ ވަސީލަތްތައް ތަފާތުވުމުގެ ސަބަބުންނެވެ.

އަދި މިނޫނަސް ފިޤުހުގައި އިޚުތިލާފު އުފެދޭ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. ކުރު ޚުލާޞާ ލިސްޓެއް ހުށަހަޅައިލަމުއެވެ.

ހ. ނައްޞުގައި އެއްމާނައަށްވުރެ ގިނަމާނަ ދޭހަވާ ލަފްޒެއް އޮތުން ށ. ޙަދީސް ޞައްޙަވުމާއި ނުވުން (އެއް ޢިލްމުވެރިއެއްގެ އަރިހުގައި ޞައްޙަ ޙަދީސް އެހެން ޢިލްމުވެރިއެއްގެ އަރިހުގައި ޟަޢީފުވުން) ނ. ޞަރީޙަ ނައްޞެއް މައްސަލައެއްގައި ނެތުން. (ނުވަތަ ޞަރީޙަކަމަށް އެއްބައި ޢިލްމުވެރިން ޤަބޫލުކުރައްވާ ނައްޞެއް ޞަރީޙަ ކަމުގައި އެހެން ޢިލްމުވެރިން ދެކެވަޑައިނުގަތުން) ރ.އެއްމައްސަލައެއްގައި ބޭރުފުށުން ފުށުއަރާ ދެޙަދީސް އައުމުން ތައުފީޤުކުރުމުގައި ބޭނުންކުރެއްވި އުސްލޫބުތަފާތުވުން. ބ. ނައްޞުގައި ވާރިދުވެފައިވާ އަމުރު ނުވަތަ ނަހުޔު ޢާންމުވުމާއި ޚާއްޞަވުމާ މެދު ޚިޔާލުތަފާތުވެވަޑައިގަތުން.

މިހެން ގޮސް އެތައްކަމެއް މިތަނުގައި ދެންނެވިދާނެއެވެ. އެހެންނަމެވެސް އެންމެ ބޮޑު ބޭނުމަކީ އިޚުތިލާފުތައް މިހުންނަނީ ސަބަބުތަކެއް މެދުވެރިވެގެންކަން ބުނެދިނުމެވެ. އެއްވެސް ދަންނަބޭކަލަކު އެބޭކަލެއްގެ ހަވާ ނަފްސަށް ތަބާވެވަޑައިގެން އެހެންބޭކަލުންގެ ރައުޔަތަކާ ތަފާތު ރައުޔައެއް ނުނެރުއްވާކަން ބުނެދިނުމެވެ.

ސުވާލު 2: ޚިޔާލުތަފާތުވުމަކީ އިސްލާމީ ނަޒަރަކުން މައްސަލައެއްތޯއެވެ؟ ނުވަތަ އެންމެން ތިބެންވާނީ އެއް ވިސްނުމެއްގެ މަތީގައިތޯއެވެ؟

ޖަވާބު: އިސްލާމްދީނުގެ އެންމެ ފަހުގެ ބަސްބުނުމަކީ އަޅުގަނޑަށް ކުރެވޭނެ ކަމެއްނޫނެވެ. އެހެންނަމަވެސް ފެންނަންހުރި ދަލީލުތަކުގެ މައްޗަށް ބިނާކޮށް ޖަވާބެއް އެރުވިދާނެއެވެ. އެހެންނޫންތޯއެވެ؟

ޚިޔާލުތައް ތަފާތުވެ، ވިސްނުންތައް ތަފާތުވުމަކީ އިންސާނީ ޠަބީޢަތެކެވެ. އެއީމާތްﷲ އިންސާނާގެ ކިބައިގައި ލައްވާފައިވާ ފިޠުރީ ޞިފައެކެވެ. އެހެންކަމުން އެޞިފަ އިންސާނާގެ ކިބައިން ފިލައިގެނެއް ނުދާނެއެވެ. އެހެންކަމުން އިސްލާމްދީން ފިޠުރަތާ ޚިލާފުގޮތަކަށް އިންސާނީ ފިޠުރަތަށް ޖާގަ ނުދޭ ގޮތަކަށް އައުން އެކަށީގެންނުވެއެވެ. މިއީ ބުއްދީގެ ދަލީލެކެވެ.

ނަޤުލީ ދަލީލަށް ބަލާއިރު ކީރިތި ރަސޫލާގެ ޞަޙާބީންގެ މެދުގައި ޒަމާނުއްސުރެ ޚިލާފުތައް ހުރެ އެކަމަށް އެކަލޭގެފާނު ފުރުޞަތުދެއްވިކަން އެގެއެވެ. މިކަމުގައި ބަނޫޤުރައިޡާގެ ކޯއްޓޭއަށް ވަޑައިގެންނެވި ދުވަހުގެ ވާހަކައަކީ މަޝްހޫރުވާހަކައެކެވެ. ނަމާދުކުރައްވަންވާނީ ކޯއްޓޭގައިކަމަށް އެކަލޭގެފާނު ޙަދީސްކުރެއްވުމުން އެއްބައިބޭކަލުންނަށް ދޭހަވެވަޑައިގަތީ އެތަނަށް ވަޑައިގަތުން އަވަސްކުރެއްވުމަށް ރަސޫލާ އެދިވަޑައިގަންނަވާކަމެވެ. އަނެއްބައިބޭކަލުން ނެންގެވީ ޙަދީސް ބަސްފުޅުގެ ބޭރުފުށުގެ މާނައެވެ. އެއްވެސް ގޮތަކާމެދު އެކަލޭގެފާނު އިންކާރުކުރެއްވިކަމެއް އެގިފައިނެތެވެ. (މިއީ އަހުލުއްރައުޔައާއި އަހުލުލް ޙަދީސް ނޫންތޯއެވެ؟ އަދި އެކަލޭގެފާނު ހުންނަވަނިކޮށް އިޖުތިހާދުކުރެއްވުމުގެ ހުއްދަ ޞަޙާބީންނަށް ދެއްވިއެވެ. މިސާލަކަށް ވެރިކަމުގެ ކަންކަން ޙަވާލުކުރެއްވުމަށްފަހު އެހުއްދަ މުޢާޛުގެފާނަށްވެސް ދެއްވިއެވެ.

ޞަޙާބީންގެ މެދުގައި ފިޤުހީ ކަންކަމުގައި ހުރި ޚިޔާލުތަފާތުވުންތަކުގެ ސަބަބުން އެބޭކަލުންގެ މެދުގައި ބައިބައިވުން އުފެދުމަށް ފުރުޞަތެއް ދެއްވައިފައިނެތެވެ. މިހެންކަމުން އެގެނީ އެއީ އިސްލާމީ ނަޒަރަކުން މައްސަލައެއްނޫންކަމެވެ.

ދެން ސުވާލަކީ އެއްވިސްނުމެއްގެ ސުވާލެވެ. އެސުވާލުގެ ޖަވާބުގައި ދަންނަވަން ޖެހެނީ އިސްލާމީ ފިޤްހަކީ ވަރަށް ތަނަވަސް ފިޤުހެއްކަމުގައެވެ. އިސްލާމްދީނުގެ ރައުޔައަކީ އެންމެ އިމާމެއް ނުވަތަ އެންމެ ޝައިޚެއްގެ ރައުޔައެއްނޫނެވެ. އެހުރިހާ ރައުޔަތަކެއްވެސް ހިމެނެނީ އިސްލާމީ ޝަރީޢަތުގެ އިމުގެ ތެރޭގައެވެ. އެރައުޔަތަކުގެ ތެރޭގައި ބަލިކަށި ރައުޔަތަކާއި ވަރުގަދަ ރައުޔަތައް ހުއްޓަސްމެއެވެ. މިކަން މިހެން އޮތުމުގެ ފައިދާތަކެއް އެބަހުއްޓެވެ. މަޞްލަޙަތާއި ޝަރީޢަތުގެ މަޤުޞަދުގެ މައްޗަށް ބިނާކޮށް އެކި ޙާލަތުގައި އެކި ރައުޔަށް ޢަމަލުކުރުމުގެ ފުރުޞަތު އޮންނާނެއެވެ. އެހެންކަމުން އިސްލާމީ ފިޤުހުގައި ޚިލާފުތައް ހުރުމީ އެފިޤުހުގެ އެންމެ ރިވެތިވެގެންވާ ޞިފައެވެ. އެއީ އެފިޤުހުގެ ތަނަވަސްކަމެވެ.

ޚިލާފުގެ ވާހަކަދައްކާއިރު ފާހަގަކޮށްލަން ޖެހޭ ނުކުތާއަކީ އިސްލާމީ ފިޤުހުގެ އެންމެހާ ޙުކުމްތަކަކީ އަދި ޝަރުޢީ އެންމެހައި ނިންމުންތަކަކީ އެއްދަރަޖައެއްގެ ނިންމުންތަކެއް ނޫންކަމެވެ. ސާބިތު ޙުކުމްތައް ހުންނަ ފަދައިން ތަނުގެ ޙާލަތަށާއި ޒަމާނުގެ ޟަރޫރަތްތަކަށް ރިޢާޔަތްކުރުމަށްފަހު ބަދަލުގެނެވޭނެ ޙުކުމްތައް ހުންނާނެއެވެ.

ސުވާލު 3: ޢިލްމުވެރިންގެ މެދުގައި ޚިލާފުވެވުމުން، ޢާންމުން ކަންކުރާނީ ކިހިނަކުންތޯއެވެ؟ އަދި އެކަހަލަ ކަންކަމުގައި ދީން އުގެނިވަޑައިގަންނަވާ ބޭފުޅުންގެ ޢަމަލުތައް ހުންނަންވާނި ކިހިންކުންހެއްޔެވެ؟

ޖަވާބު: ޢާންމުންގެ މައްޗަށްވަނީ އެމީހަކަށް ފެންނަ އެންމެ ރަނގަޅު ރައުޔައަކަށް ތަބާވުމެވެ. މިކަމުގައި ތަނަވަސްކަން ލިބިގެންވީ މިންވަރަކުން ކަންކަން ހޯދައިބެލުންހުއްޓެވެ. ހޯދައިބެލުމަށްފަހު އެންމެ ރަނގަޅުކަމަށް ލަފާކުރެވޭ ރައުޔައަކަށް ތަބާވުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ގިނަ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވައެވެ.

ދީން އުގެނިވަޑައިގަންނަވާ ބޭފުޅުންގެ މައްޗަށް އޮތީ ކޮންކަމެއްކަން އެބޭކަލުންނަށް އެގިވަޑައިގަންނަވާނެއެވެ. އެހެނީ ދީން އުގެނި ވަޑައިގަންނަވާއިރު އެންމެ އިސްކަމަކަށް ރިވެތި އަޚުލާޤު އުގެނިވަޑައިގަތުން މުހިއްމެވެ. އެހެންކަމުން އެންމެ ފުރަތަމަކަމަކީ ތިބާގެ އަޚާއާމެދު ހެޔޮކޮށް ވިސްނުމެވެ. އެފަރާތުގެ އަނބުރާއި ޢިއްޒަތް ޙިމާޔަތްކުރެއްވުމެވެ. އައިބު ފޮރުވައިދެއްވުމެވެ. އަދި ޙުކުމެއް އަނެކާއާމެދު ނެރުއްވުމުގެ ކުރިން އަނެކާގެ ރައުޔަ ބިނާކުރެއްވި އަސާސްތައް ދިރާސާކުރެއްވުމެވެ.

ކޮންމެ އިޚުތިލާފަކީ މުޢުތަބަރު ޚިލާފެއްނޫނެވެ. އެކަން ބަޔާންކުރަމުން ޅެންވެރިޔާވެސް ވިދާޅުވެފައިވެއެވެ.

و ليس كل خلاف جاء معتبرا إلا الخلاف له حظ من النظر!

މިޅެންބަހުގެ މާނައަކީ: ކޮންމެ ޚިލާފަކީ މުޢުތަބަރުގޮތެއްގައި އައިސްފައިވާ ޚިލާފެއްނޫނެވެ. އެއީ ބަލައިދިރާސާކުރުމުގެ ތެރެއިން ނަޞީބެއްލިބިފައިވާ ޚިލާފުތައް މެނުވީއެވެ.

އެހެންކަމުން ޚިލާފީ މައްސަލަތަކުގެ ތެރެއިން މުޢުތަބަރު މައްސަލަތަކުގައި އަނެކުންގެ މައްޗަށް އިންކާރުކޮށް އޭނާ ދީނުން ބޭރުކުރާ ހިސާބަށް ދިއުމެއް ނެތެވެ. އަދި ހަމައެފަދައިން ތިމާގެ ޝައިޚުގެ ރައުޔައަށް ތަޢައްޞަބުވެ ހުސްވެގަތުމެއްވެސް ނެތެވެ. ބައެއް އަޚުން އަދި އުޚުތުން ހަމައެކަނި ވަކި ޝައިޚުންތަކެއްގެ ފޮތްތައް ކިޔުމަށް ނުވަތަ ވަކި ޝައިޚުންތަކެއްގެ ރައުޔައަށް މެނުވީ ތަބާނުވުމަށް ގޮވައިލާ ފަތުވާދީ ހަދައިފައިވެއެވެ. މިކަމުގެ ސަބަބުން އަޅުގަނޑުގެ ޚިޔާލުގައި އުފެދުނީ ތަޤުލީދުކުރުމަށް ގޮވާލައި، ތިމާގެ މަޛުހަބު ނޫން އެހެން މަޛުހަބެއް ކުރިއަރުވާން އިހުގައި ކުރެވިފައި ހުރި މަސައްކަތްތަކެވެ. އެކަންކަމުގެ ސަބަބުން އިޚުތިލާފުތައް ބޮޑެތި ހައިޖާނަށް ބަދަލުވެއެވެ. އެހެންކަމުން މަޛުހަބީ ތަޢައްޞުބުން ދުރުވުން ހުއްޓެވެ.

މަޛުހަބީ ތަޢައްޞަބަކީ މަޛުހަބެއްގެ ނަން ބުނެފައި މަޛުހަބަކަށް ނިސްބަތްވުމެއްނޫނެވެ. އެއީ ވަކި މަޛުހަބެއްގެ ރައުޔަނޫނީ ރަނގަޅުނުވުމެއްވެސް ނޫނެވެ. އެއީ އެހެން މަޛުހަބުތަކުގެ ރައުޔަތަކަށް އިންކާރުކޮށް އެރައުޔަތައް ބިދުޢަވެރިކޮށް އެރައުޔަތަކުގެ އަހުލުވެރިން ދީނުން ބޭރުކުރުމެވެ. މިޒަމާނުގައި މަޛުހަބެއްގެ ނަމެއް ނެތި ހަމަ މިކަންތައް މިގޮތަށް ހިގާތަން ފެނެއެވެ. މިވެނި އެވެނި ޝައިޚެއްގެ ފޮތް ނޫން ފޮތެއް، އެނޫން ފަތުވާއެއް ޤަބޫލުކުރުމީ މުރުތައްދުވާވަރުގެ ކަމެއްކަމުގައި ހަދައިގެންއުޅޭ ބަޔަކުވެސް އެބައުޅެއެވެ. ނުވަތަ އެބޭފުޅުން ވިދާޅުވީތީ ރައުޔަތައް ޞައްޙަކަމުގައި ހަދައިގެންވެސް އެބައުޅެތެވެ. މިއީ ހައްތަހާވެސް މައްސަލައެވެ. މިކަންކަމާމެދު ސަމާލުވުން ހުއްޓެވެ.

މިފަދަކަންކަމުގައި އިސްލާމީ ރަޙުމަތާއި ރައުފަތާއި ލޯތްބާއި ކުލުން އިސްނުކުރެވެނީ ކީއްވެތޯއެވެ؟ ބޮޑެތި އިމާމުންގެ އަޚުލާޤުން މިސާލު ލިބިނުގަނެވެނީ ކީއްވެތޯއެވެ؟ އެބޭފުޅުންގެ މަތިވެރި ސުލޫކު ބަލައިނުގަނެ، ކުދި ކުދި ކަންކަމުގައި އެކަކު އަނެކަކު ކާފަރުކުރާ ހިސާބަށް ކަންކަން މިގެންދެވެނީ އަޅެފަހެ، ޖާހިލުކަމުން ނޫންބާވައެވެ؟ އަސާސްތައް ހަނދާން ނެތިކޮށް، ރުކުންތަކާމެދު ޣާފިލުވެ، ފަރުޢުތަކުގައި ކޮލުދަތުން ހިފެނީ ތަނެއްދޮރެއް ނޭނގޭތީ ނޫންބާވައެވެ؟ އަމިއްލަ ނަފްސާ ކޮށްލަން ރަނގަޅު ސުވާލުތަކެއްނޫންތޯއެވެ؟

ނޯޓު: ޢިލްމީ ގޮތެއްގައި މަރުޖިޢުތަކާއެކު މިލިޔުން ނުލިޔުނީ ކުރުކުރުމުގެ ގަސްތުގައެވެ. އެހެންނަމަވެސް ބޭނުންވި މިންވިރަށް ކުރުނުކުރެވުނެވެ. އެކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެމެވެ. އެހެންނަމަވެސް މިލިޔުމުން ފައިދާއެއް ލިބިވަޑައިގަތްކަމަށް އުންމީދުކުރަމެވެ.
ފާހަގަ: ,

0 ޚިޔާލު!

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!