• ތަރަހައަކީ
ތަރަހަ
  • ތަރަހަ
  • މައްސަލަ އާއި ޙައްލު
    • ކާމިޔާބާއި ކުރިއެރުން
    • ޘަޤާފަތާއި ފިކުރު
    • ބާއްޖަވެރި ޢާއިލާ
    • ނަފްސުގެ ޠަހާރަތު
    • އިސްލާމީ ޙަރަކާތް
  • ސިޔާސީ
  • ދިރާސާ
    • ޢަޤީދާ
    • އަޅުކަން
    • މުޢާމަލާތް
    • އަޚްލާޤް
    • ދީނުގެ އަސްލުތައް
    • ޤާނޫނީ
    • ޝަރީޢަތާއި އިންސާނިއްޔަތު
  • ހާސަރު
    • އަބޫ ޖޯޝް
    • ނަބީލް
    • ޝަމީން
  • ވާހަކަ
  • ޅެން
  • ފޮތްތައް
    • މުފައްކިރަކު އުފެއްދުން
    • މުސްލިމަކަށް ނޭންގުން ނޭކަށޭ ކަންކަން
    • ފިޤުހުގެ ތާރީޚު
    • އިސްލާމީ ހޭލުންތެރިކަން މިއަދު
    • ދަތި ނުކުރާށެވެ. ފަސޭހަ ކުރާށެވެ.
    • ތިން އަސްލު: ޝަރަޙަ
    • އިސްލާމީ ހަރަކާތްތެރިންނާއެކު މުސްތަޤްބަލަށް
Showing posts with label ވާހަކަ. Show all posts
ތަރުޖަމާ: އިބްރާހީމް ޢަބްދުﷲ

ފަލްސަފާ މުދައްރިސުގެ އާދަކާދައާއި ޚިލާފަށް މިއަދު ކުލާހަށް ވެންނެވީ ކޮފީތައްޓާއި ފޮތްތަކުގެ އިތުރުން ވަރަށް ބައިވަރު އެހެނިހެން ސާމާނުތަކެއް ހިއްޕައިގެންނެވެ. ގޮލްފު ބޯޅަތަކެއްގެ އިތުރުން އެއްޗެހިތަކެއް އަޅާފައިވާ ދެކޮތަޅާއި، ބިއްލޫރި ގުޅިއެއް ޒާތުގެ ކަންވާރެއްވެސް ހިއްޕަވައިގެންނެވެ.

ދެތިންފަހަރަކު ކޮފީތަށިން އެތިފޮދެއް ބެއްލެވުމަށްފަހު، ބިއްލޫރި ކަންވާރު ނަންގަވައި މޭޒުމަތީ ބަހައްޓަވައިފިއެވެ. އެއަށް ފަހު އޭގެތެރެއަށް ގޮލްފު ބޯޅަތައް އޮއްސާލެއްވިއެވެ. ބޯޅަތައްހުރީ ކަންވާރުގެ ތުނބާއިހަމަށް އަރާފައެވެ. " ކޮބާ މި ގުޅި ފުރިއްޖެހެން ހީވޭތަ؟" ފުރަތަމަ ފަހަރަށް މިއަދު ވިދާޅުވި ބަހުގެ ގޮތުގައި އެސުވާލު ކުރެއްވުމުން ހުރިހާ ދަރިވަރުން ކަހަލަ ގޮތަކަށް އެކަމާއި އެއްބަސް ވިއެވެ. ދެން އެއްކަލަތަނުން ކޮތަޅެއް ނަންގަވައިފިއެވެ. އޭގައި ހުރީ ކުދި ހިލަކޮޅުތަކެކެވެ. ކޮތަޅު ހުސްވަންދެން ކަންވާރު ތެރެއަށް އޮއްސާލައްވައިފިއެވެ. ގޮލްފު ބޯޅަތަކުގެ ތެރެއިން ދެމިގަނެގެން ގޮސް އޭގެ އެންމެ ފުނާހަމައަށްވެސް ގިނަ އަދަދެއްގެ ހިލަކޮޅުތަކެއް ފޯރިއެވެ. " ކޮބާ މިހާރު ކިހިނެއް ހީވަނީ؟" ހުރިހާ ކުދިންވެސް ހިނިތުންވެތިބެ ގުޅި ފުރިއްޖެކަމަށް ބުންޏެވެ.

މުދައްރިސް ގެންނެވި އަނެއް ކޮތަޅުވެސް ނަންގަވައިފިއެވެ. އޭގައި ހުރީ ހިމޫން ވެއްޔެވެ. އެ ވެސް އެއްކަލަ ކަންވާރުގެ ތެރެއަށް އަޅުއްވައިފިއެވެ. ބޯޅަތަކާއި ހިލަތަކުގެ ތެރެއިން ގޮސް ވެލިތައްވެސް އޭގެ ޖާގަ ހޯދައި ކަންވާރު ފުރާލައިފިއެވެ. " މިހާރު ކީކޭ ބުނާނީ؟" ހުރިހާކުދިންވެސް ހިނިގަނޑަކާއި އެކު ގުޅި ފުރިއްޖެ ކަމަށް ބުނެފިއެވެ.

އާވި އަރައަރައި ހުރި ކޮފީތަށިން އަނެއްކާވެސް އެތިފޮދެއް ބެއްލެވުމަށްފަހު ބާކީ ހުރިބައި ކުއްލިއަކަށް ގުޅީ ތެރެއަށް އޮސާލައްވައިފިއެވެ. ހުރިހައިކުދިންގެ ހިނިގަނޑު ފަޅައިގެން ދިއައެވެ.

ހުނުމުގެ އަޑު މަޑުވުމުން މުދައްރިސް ވާހަކަ ދައްކަން ފެއްޓެވިއެވެ. ކަނުލައި އަޑުއަހާށެވެ. މިއީ މިއަދުގެ ފިލާވަޅެވެ. މި ބިއްލޫރި ގުޅި ރަމްޒު ކޮށްދެނީ އަހަރެން ކޮންމެ މީހެއްގެވެސް ދިރިއުޅުން ކަމުގައި ބަލާށެވެ! ގޮލްފު ބޯޅަތައް ރަމްޒުކޮށްދެނީ ދިރިއުޅުމުގެ އެންމެ މުހިއްމު އަސާސީ ކަންތައްތަކެވެ. ދީނާއި، ޢާއިލާއާއި، މުޖުތަމަޢާއި،އަޚްލާޤާއި، ޞިއްޙަތުފަދަ ކަންކަމެވެ. މިކަންކަން ފިޔަވައި ދެންހުރި ހުރިހައި ކަމެއް ފިލައި ދިޔަކަމުގައި ވިއަސް ދިރިއުޅުން ބާއްޖަވެރި ކުރެވިދާނެއެވެ.

ދެން ހުރީ ހިލަކޮޅުތަކެވެ. އެތަކެތި ރަމްޒުކޮށްދެނީ ދިރިއުޅުމުގައި ދެންހުރި އެންމެ މުހިއްމުކަންތައްތަކެވެ. ވަޒީފާއާއި، ދިރިއުޅޭ ތަނާއި، ސަވާރީއާއި، މިނޫންވެސް މިފަދަ މުހިއްމު ކަންކަމެވެ. ދެންހުރީ ވެލި ކޮތަޅެވެ. އެވެލިތައް ރަމްޒުކޮށްދެނީ ދިރިއުޅުމުގައި ހުންނަ ކުދިކުދި ކަންތައްތަކެވެ. އެއީ ޢަދަދު ކުރަން ތަދިވާހާ ގިނަ ކަންތައްތަކެކެވެ. ވެލިފުށްތައް ފަދައިންނެވެ.

ތިޔަ ކުދިންވިސްނާށެވެ! ގުޅީގެ ތެރެއަށް ވެލިއަޅައި ފުރައިފިނަމަ އޭގެ މާނައަކީ ދިރިއުޅުމުގެ އެންމެ އަސާސީ ކަންކަމާއި މުހިއްމު އެހެނިހެން ކަންތައްތައް ބަހައްޓާފައި ކުދި ކަންތައްތަކުން ދިރިއުޅުން ފުރާލެވުނީއެވެ. އެހެން ހަދައިފިނަމަ މުހިންމު ކަންކަމަށް ފުރުސަތެއް ނުލިބޭއެވެ. ހިލަކޮޅުތައްވެސް ހަމަ އެފަދައެވެ. ބޯޅަތަކަށްވުރެ ކުރިން ހިލަކޮޅުތައް އެޅިނަމަ ހުރިހައި ބޯޅަތަކެއް އަޅާނެ ޖާގައެއް ނުލިބުނީހެވެ. މާނައަކީ ދިރިއުޅުމުގެ އެންމެ އަސާސީ ބައެއްކަންތައް ހުންނާނީ ނުކުރެވިއެވެ. އޭރުން އެއީ ދިރިއުޅުމަކަށް ނުވާނެއެވެ.

މުހިންމުކަންކަން ބެހެއްޓުމަށްފަހު ކުދިކަންކަމައިގެން އުޅޭނަމަ އެންމެ މުހިންމުކަންތައްތަކަށް ދޭނެ ހަކަތައާއި ވަގުތެއް ނުވާނެއެވެ. އޭރުން އަހަރެމެންގެ ދީނާއި، ޞިއްޙަތާއި، ޢާއިލާއާއި، މުޖުތަމަޢުގެ އެތައްކަމަކުން މަޙްރޫމް ވެދާނެއެވެ.

މިއަދުގެ ފިލާވަޅަކީ މިއީއެވެ. އުޅުމާއި ގުޅުން ތަރުތީބު ކުރުމެވެ. ދިރިއުޅުމުގައި އިސްކަން ދޭންވީ ކަންކަން ދަތުމެވެ. އެންމެ ފުރަތަމަ އަސާސީ ކަންކަމެވެ. އެއަށްފަހު ދެންހުރި މުހިންމު ކަންކަމެވެ. ބާކީ ހުންނަ ކުދި ކަންކަން ކުރާނީ އެއަށްފަހުގައެވެ. އޭރުން ހުރިހައި ކަމެއްވެސް ކުރެވޭނެއެވެ.

ކްލާސްނިމި މުދައްރިސް ބޭރަށް ނުކުންނަވަން ތައްޔާރުވާކަން އެނގުމުން ދަރިވަރަކު ސުވާލުކުރިއެވެ. ގުޅީ ތެރޭގައި އަދި އެހެން އެއްޗެއްވެސް ވެއްޖެ ނޫންތޯއެވެ؟ ކޮފީ ތައްޓާމެދު ވިދާޅުވަނީ ކީކޭތޯއެވެ. މުދައްރިސް ހިނިތުންވެފައި ވިދާޅުވިއެވެ. މިހުރީ ތިސުވާލުގެ އިންތިޒާރުގައެވެ.

އެހުރިހައި އެއްޗެއް އެޅުމަށްފަހުވެސް ގުޅީތެރެއަށް ކޮފީތަށި އަޅާނެ ޖާގަވެސް ލިބުނީ ނޫންހެއްޔެވެ؟ އޭގެ މާނައަކީ އަހަރެމެންގެ ދިރިއުޅުގެ ކަންތައްތައް ކިތަންމެ ގިނަ ކަމުގައި ވިއަސް އަނބިމީހާ، ފިރިމީހާ ނުވަތަ ރައްޓެހިންނާއި އެކު ކޮފީއަކަށް ދިއުންފަދަ ކަންކަމަށްވެސް ވަގުތު ހޯދޭނެއެވެ.

ނޯޓު: އިބްރާހީމް ޢަބްދުﷲއަކީ ތަރަހައާ އަލަށް ގުޅިވަޑައިގަތް އަޚެކެވެ. އެހެންކަމުން އަލްއަޚު އިބުރާހީމް ޢަބްދުﷲއަށް ތަރަހައިގެ އެންމެހާ ލިޔުންތެރިންނާއި ކިޔުންތެރިންގެ ނަމުގައި މަރުޙަބާ ދަންނަވަމެވެ. 


ޒުވާންކަމުގެ އެންމެ ފޮނި ދުވަސްތައް ގުނަމުންދާ ޒުވާނެކެވެ. ކުރަނީ ކިޔަވައި ދިނުމުގެ މަސައްކަތެވެ. ވަރަށް ޅަޢުމުރުގައި އޭނާގެ ހުވަފެންތަކުގެ ބައިވެރިޔާއާ ކާވެނިކޮށްފިއެވެ. އެކުއްޖަކީވެސް އޭނާފަދަ މުދައްރިސެކެވެ.

ކާވެންޏަށް މާގިނަ ދުވަސްތަކެއް ނުވަނީސް އެދެމަފިރިންނަށް ކުއްޖަކު ލިބިއްޖެއެވެ. އެދެމަފިރިން އެކަމާ ވަރަށް އުފާކުރިއެވެ. އެހެންނަމަވެސް ދުވަސްކޮޅެއް ފާއިތުވުމުން އެދެމަފިރިންނަށް އިޙްސާސްކުރެވުނީ އަނބިމީހާ ވަޒީފައިގައި އުޅެމުން ދަރިފުޅު ބެލެމަކީ ދަތިކަމެއްކަމެވެ. އުނދަގޫކަމެއްކަމެވެ. ދަރިފުޅު ބަލިވެއްޖަނަމަ މަންމަ ނުވަތަ ބައްޕަ މަސައްކަތް ދޫކޮށްލައި ގޭގައި ހުންނަން ޖެހެ އެވެ. ނުވަތަ ދަރިފުޅުގެ ޢާއިލާ މީހުން ކައިރީގައި ނުވަތަ ރަޙުމަތްތެރިން ކައިރީގައި ބަހައްޓަން ޖެހެއެވެ. އެހެންކަމުން ބައްޕަ ވިސްނީ މަންމަ ވަޒީފާއަށް ނުފޮނުވުމަށެވެ. އެހެންނަމަވެސް ދެމަފިރީންގެ މާލީ ޙާލަތު އެކަމަކަށް ވެސް ތަނެއް ނުދިނެވެ.

ދުވަސްކޮޅެއް ފަހުން އެނގުނީ ދެވަނަ ކުއްޖަކު ލިބެން އުޅޭކަމެވެ. އެހިނދު އެދެމީހުންނަށް އެކަންވީ ވަރަށް ބޮޑު ކަމަކަށެވެ. އެހެނީ އެންމެ ކުއްޖަކާ އެކީ އެމީހުންގެ ފަގީރު ހާލު އެހާ ބޮޑެވެ. އެހެންކަމުން އިތުރު ކުއްޖެއް ލިބިއްޖެނަމަ ކަންތައްވާނީ ކިހިނަކުންހެއްޔެވެ؟ އެހެންކަމުން އަވަސްއަވަހަށް ޑަކްޓަރަކާ ހަމަޔަށް ހިނގައްޖެއެވެ. ބަޑުގައިވާ ދަރިފުޅުގެ ކިބައިން ”ސަލާމަތްވުމަށެވެ”. ނަމަވެސް ދަރިފުޅު ވައްޓާލުމަށް ޑަކުޓަރު އިންކާރު ކުރިއެވެ. އެދެމީހުން އާދޭސް ކުރަންފެށިއެވެ. ޑަކްޓަރު ކުރުޖަވާބެއް ދިނެވެ. ބުރަ އުފުލުމެއްގެ ތެރޭން ބަނޑު ހުސްކޮށްލަންވީ ނޫންހެއްޔެވެ؟ އެހެންކަމުން ގެޔަށް ދިޔަ މަގުމަތީގައިވެސް، އަނބިމީހާ އުސްޢިމާރާތްތަކުގެ ސިޑިން ދުވެއަރައި ފައިބައި ހެދިއެވެ. ދުރުގައި ތަނަވަސް ހުސް ބިމަކަށް ގޮސް ހަށިގަނޑު ލޮޑުވަންދެން ދުވެހެދިއެވެ. މިހުރިހާކަމަކަށްފަހު އެދެމީހުން ގެއަށް ދާން މިސްރާބުޖަހައިފިއެވެ.
ދެމީހުންގެއަށް އައިސް އޮޅި ގިރާކޮށްލަން ގޭތެރެއަށް ބޯދިންތަނާ ލިބުނީ ކުއްލި ސިހުމެކެވެ. ހައިރާންކަމެކެވެ. ކުރިމަތިން ފެނުނު މަންޒަރުގެ ސަބަބުންނެވެ. ގޭގެ ސިޑިން ވެއްޓީ އެދެމަފިރިންގެ އަލަތު ދަރިފުޅު އެ އޮތީ މަރުވެފައެވެ. އެދަރިފުޅުގެ މަޢުޞޫމު މޫނުމަތިން ފުރާނަ ނެތްކަން ހަމަ ރަނގަޅަށް އެބައެގެއެވެ. އެދަމަފިރިންގެ ލޮލުން ކަރުނަ ހިލިގެންދިޔައެވެ. ކުރި އަސަރެއްގެ ބޮޑުކަމުން ދުނިޔޭން މޮޔަނުވީ ކިރިޔާ އެވެ.

އެންމެފަހުން ޑަކްޓަރުކައިރިއަށް ގޮސް އަންހެނުންގެ ބަޑުގައިވާ ދަރިފުޅު ސަލާމަތްކުރުމަށް އަލުން އެދެމަފިރިން ނިންމި އެވެ. އެކަމަށް ޑަކްޓަރުގެ ކިބައިން އެދުނެވެ. އެމީހުންގެ ޢަމަލުތައް އޮޅުން ފިލުވުމަށް ފަހު ޑަކްޓަރަށް ބުނަން މަޖުބޫރުވީ ތިޔަ ކަން މާތްﷲއާ ވަކީލު ކުރާށެވެ. ތިމަންނަގެ އިތުރު ބަހެއް ނެތެވެ.

އެދެމަފިރިން މާތްﷲއަށް އިޚްލާޞްތެރިކަމާއެކު ދުޢާދަންނަވަން ފެށިއެވެ. ﷲސުބުޙާނަހޫ ވަތަޢާލާއަކީ އަޑުއައްސަވާވޮޑިގެންވާ ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެއަކީ އޯގާވަންތަ ރަޙުމާންވަންތަ ،އެންމެ ގިނަގިނައިން ފާފަ ފުއްސަވާ ރަސްކަލާނގެއެވެ.

އާޚިރުގައި ކީރިތި ﷲ އެދެމަފިރިންގެ ދުޢާ އިޖާބަކުރައްވައި އެދަރިފުޅު ސަލާމަތްކުރެއްވިއެވެ. އެދަރިފުޅަކީ މިހާރު އެދެމަފިރިންގެ އެންމެ ބޮޑު އުފަލެވެ. ހިނދުކޮޅެއްގެ ކުރިން އެދަރިފުޅަކީ އެދެމަފިރިން ކުރިމަތީގައި އެންމެ ބޮޑު މުޞީބާތެވެ.

ތެދެކެވެ. ހެޔޮ މިންވާއި ނުބައި މިންވަރަށް އީމާންވުމަކީ މުއުމިނުންގެ މައްޗަށްވާ ވާޖިބެއްކަމެވެ. އަދި އެކަލާނގެ ހަޒުރަތުން އަންނަ ކޮންމެ ކަމެއްވެސް ހެޔޮހިތުން އީމާންތެރިކަމާއެކު ބަލައިގަންނަން ޖެހޭނެކަމެވެ. އަދި ތިބާއަށްޓަކައި އެކަލާނގެ ލިޔުއްވައި ކަނޑައަޅުއްވާކަމަކީ ތިބާގެ ހިތްއެދޭކަމެއްކަމުގައި ނުވިނަމަވެސް އެކަމަކީ ތިބާއަށް ހެޔޮކަމެއްކަމުގައިވާނެއެވެ. އެހެނި ﷲއަށް އެނގި ވޮޑިގަތުން މާ ތަނަވަހެވެ. ޢިލްމުފުޅު މާ މަތިވެރި އެވެ. ތިބާޔަށް އެނގޭ އެއްޗެއް ވަރަށް މަދެވެ. އެގޭމިންވަރު ވަރަށް ކުޑައެވެ. ހުރިހައިކަމެއް ހިންމެވުމާއި ނިންމެވުންވަނީ މާތްﷲއަށެވެ. އަހަރުމެންގެ ކަންކަމުގައި ވަކީލުންކުރަންޖެހޭނީ ﷲ އަށެވެ. އެކަލާނގެ ނިންމެވުމާއި އަހަރުމެން ރުހެން ޖެހެއެވެ. އެނިންމެވުމަށް ކިޔަމަންވާން ޖެހޭނެއެވެ. ބަލަހައްޓަވާ ފަރާތެއްކަމުގައި އަދި ނަޞްރުދެއްވާ ފަރާތެއްކަމުގައި އެކަލާނގެ ފުދެއެވެ.

“وَعَسَى أَن تَكْرَهُواْ شَيْئًا وَهُوَ خَيْرٌ لَّكُمْ وَعَسَى أَن تُحِبُّواْ شَيْئًا وَهُوَ شَرٌّ لَّكُمْ وَاللّهُ يَعْلَمُ وَأَنتُمْ لاَ تَعْلَمُونَ” البقرة: 216

މާނައީ: އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަ ބައިމީހުން ރުހޭކަމެއް އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި ﷲ ހުރިހައިކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހު
ންނަކަށް ނޭނެގެއެވެ.

ލިޔުއްވީ: ޝައިޚު ޢަލިއްޔުއް ޠަންޠާވީ (رحمه الله)
ތަރުޖަމާކުރީ: ޝިފްޒާން އަޙްމަދު
މަޞްދަރު: ފޮތް: رجال من التاريخ / މުޖައްލަދު: 1 / ޞަފްޙާ 135- 138

މިލިޔުމަކީ 2010ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 21ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމުގެ ނުނިމި އޮތްބައެވެ.

ދެންވެރިކަމަށް ވަޑައިގަތީ މުޢުތަޞިމެވެ. އޭނާއަކީ ހަށިގަނޑުން ވަރުގަދަ މީހެކެވެ. ސިންގާއަކާ ބަނޑު މުސާރައަށް ހިއްޕަވައިން ކުރިހޯއްދެވުމީ އުދަގޫކަމެއް ނޫނެވެ. އެކަމަކު ޢިލްމުގައި ބަލިކަށި މީހެކެވެ. އެއްވެސް މީހަކާ ޖަދަލުކޮށް ކުރި ހޯދުމީ އޭނާއަށް ކުރެއްވޭނެކަމެއް ނޫނެވެ. އެކަމަކު އޭނާގެ އަޚު މައުމޫނަށް ނުލާހިކު ލޯބިކުރެއްވިއެވެ. އަދި މައުމޫނަކީ އެންމެ މަތީ މިސާލުކަމުގައި ދެކުނެވެ. މައުމޫނު ހިންގެވި މަގުގައި ހިންގަވަން ފެއްޓެވިއެވެ. އެހެނަސް އެކަމުގައި ހަރުކަށިވިއެވެ. އަދި އިންތައް ފަހަނައަޅައި ހިނގައްޖެއެވެ
________________________________________

ޖަލުގައި އިމާމް އަޙުމަދު އެތައް ދުވަސްތަކެއް ހޭދަކުރެއްވިއެވެ. ނިކަމެތިކަމުގެ ހުރިހާ ކަމެއް އައިސް ކުރިމަތިވެއްޖެއެވެ. އެއާއެކު އެކަލޭގެފާނު ވެވަޑައިގަތީ އަޅުކަމުގައި ދެމިހުންނަވާ، މާތްﷲގެ ޒިކުރު ހިތްމަތްޗަށް ޙާޟިރުކުރައްވާ ބޭކަލެއްކަމުގައެވެ. ޖަލުގެ އަހުލުވެރިންނާއިގެން އިމާމްވެ ނަމާދުކުރައްވައެވެ. ދަގަނޑުގެ ކަސްތޮޅުތަކަކުން ބަންދުވެވަޑައިގެން ހުންނަވާ ޙާލުކޮޅުގައެވެ. މުޢުތަޞިމު އޭނާގެ އަޢުވާނުންގެ ތެރެއިން ޤާއިދުންނާއި ޢިލްމުވެރިން އެކަލޭގެފާނާ ޖަދަލުކުރުމަށް ފޮނުވައެވެ. ﷲގެ ފޮތުން ނުވަތަ އެކަލާނގެ ރަސޫލާގެ ސުންނަތުން ދަލީލެއް ލިބިވަޑައިނުގަންނަވާ ހިނދަކު ބަޙުސްކުރައްވުމަށް ނުވަތަ އެއްބަސްވެވަޑައިގަތުމާ ދެކޮޅު ހައްދަވައެވެ. އެއަށްފަހު އެކަލޭގެފާނު މުޢުތަޞިމްގެ ދަރުބާރަށް ގެންދެވުނެވެ. އޭނާގެ ކުރިމަތީގައި ބަޙުސްކުރިއަށް ގެންދެވުނެވެ. އެކަލޭގެފާނު ދެމިހުންނެވީ އިސްވެ ދެންނެވުނު ޖަވާބު ދެއްވުންމަތީގައެވެ. (ޤުރުއާނާއި ސުންނަތުން ދަލީލެއް ނެތްހައި ހިނދަކު ބަޙުސެއްވެސް ނުކުރައްވާނެކަމަށާއި، އަދި އެއްބަސްވެވަޑައި ނުގަންނަވާނެކަމަށް ވިދާޅުވުންމަތީގައެވެ.) މަޤާމްތަކާއި ހަނދިޔާ ދިނުމުގެ ވާހަކަތައް ދައްކައިގެން ދަހިކުރަން ނުވަތަ ޒާތްޒާތުގެ އަދަބުތަކާއި ވޭނީ ޢަޒާބުގެ ވާހަކަތަކުން ބިރުދައްކަން އެބައިމީހުން މަސައްކަތްކުރެއެވެ. އެއިން އެއްކަމަކުންވެސް އެކަލޭގެފާނަށް އަސަރެއް ނުކުރެއެވެ.
ނުބައިކަމުގެ ދަންނަބޭކަލުން އެކަލޭގެފާނުގެ އަރިހަށް އަތުވެއްޖައޫއެވެ. އެބައިމީހުން އައީ ތުޤުޔާގެ ބާބުގެ ތެރެއިންނެވެ. (ތުޤުޔާއަކީ ޤަބޫލުކުރާ ގޮތާ ޚިލާފުގޮތް ފައުޅުކުރުމެވެ.) އެބައިމީހުން ބުނެއެވެ. އަހަރުމެންގެ ކުރިން އައިމީހުންވެސް ކީހުން ކީހައިލެވިއްޖެއެވެ. ބައެއްފަހަރު އެކަލޭގެފާނު ހުރަގެއަށް ބިރުވެތިވަޑައިނުގަންނަވާކަން ފައުޅުކުރައްވައެވެ. އެކަލޭގެފާނުގެ ގޭގެ ޙާލު ހުރަގޭގެ ޙާލަށްވުރެ ވަކި ރަނގަޅެއްނޫނެވެ. މަރަށްވެސް ބިރުވެތިވެވަޑައެއް ނުގަންނަވައެވެ. ޝަހީދުވުމަކީ އެކަލޭގެފާނުގެ އެދުންފުޅެވެ. އުންމީދެވެ. އެހެންނަމަވެސް ތަޅާފާނެތީ އެކަލޭގެފާނު ބިރުވެތިވެވަޑައިގަންނަވައެވެ. އެއީ ތެޅުމުގެ ސަބަބުން ހިތްވަރުފުޅުއެލި، ލިބިވަޑައިގަންނަވާ ވޭނެއްގެ ސަބަބުން އެބައިމީހުންގެ (މުޢުތަޒިލާއިންގެ) ރައުޔައާ އެއްބަސްވެވަޑައިގެންނެވިދާނެތީއެވެ. ބިރުވެތިވެވަޑައިގަތީ އެކަލޭގެފާނުގެ ނަފްސުފުޅުގެ މައްޗަަކަށް ނޫނެވެ. އެހެންނަމަވެސް ޤަބޫލުކުރައްވާ ފިކުރާގެ މައްޗަށެވެ. ހިފަހައްޓަވާ ހަމައިގެ މައްޗަށެވެ. ޖަލުގައި އެކަލޭގެފާނާ އެކުގައި ހުރި ވަގަކު އެކަލޭގެފާނުގެ ގާތުގައި ބުންޏެވެ. ތިމަންގައިގައި ވިހި ފަހަރެއްގެ މަތިން ތަޅައިފިއެވެ. ހުރިހާ ފަހަރެއްގައި ޖެހި އެތިފަހަރުތަކުގެ ޢަދަދު ހާހަކަށް އަރާނެއެވެ. ދުނިޔެއަށްޓަކައި އަހުރެން އެތަޙައްމަލުކުރީމެވެ. ﷲގެ މަގުގައި އެތިފަހަރުތަކެއް ތަޙައްމަލުކުރުމަށް ތިބާ ޖެހިލުންވަނީތޯއެވެ؟ އެއީ ދެތިން އެތިފަހަރެކެވެ. ފަހަކުން އިޙުސާސެއް ނުކުރެއްވޭނެއެވެ. މިބަސްތަކުގެ ސަބަބުން އެކަލޭގެފާނަށް ތެޅުމުގެ ކަންތައް ލުއި، ފަސޭހަކަމެއްކަމުގައި ވެގެން ހިގައްޖެއެވެ.
އެކަލޭގެފާނު އެއްބަސްކުރުމުގައި މުޢުތަޞިމް ނުކުޅެދުންތެރިވެ، ނާކިޔާބުވީ ހިނދު، ޢަޒާބު ދިނުމުގެ އާލަތް އުފުލައިފިއެވެ. އެކަލޭގެފާނުގެ ހަށިކޮޅާ ދިމާލަށް އެއްލައި، އެއިން އެކަލޭގެފާނުގެ ގައިގައި ތަޅައިގެންފިއެވެ. ފުރަތަމަ އެތިފަހަރާއެކު އެކަލޭގެފާނުގެ ކޮނޑުކޮޅުހުޅުން ނެއްޓުނެވެ. އެކަލޭގެފާނު ބުރިކަށިފުޅުން ލޭފޮދު އޮހެރެން ފެށިއެވެ. އެކަލޭގެފާނުގެ އަރިހަށް ދަމުން މުޢުތަޞިމް ބުނެފިއެވެ. އޭ އަޙުމަދެވެ. ތިމަންމެންގެ މިބަހާ އެއްބަސްވެ މިހެން ބުނާށެވެ. އެއިރުން ކަލޭގެފާނުގެ މިނިވަންކުރާނީ ތިމަންނަގެ ދެއަތުންނެެވެ. އަދި އެވެނި މިވެނި އެއްޗެއް ދެއްވާނަމެވެ. ދެއްވާނަމެވެ. އެކަލޭގެފާނު ވިދާޅުވަމުންގެންދެވީ އެދިވަޑައިގަންނަވަމުން ދިޔައީ އާޔަތެއް ނުވަތަ ޙަދީސެއް ގެނައުމަށެވެ.
އެހިނދު ޖައްލާދަށް މުޢުތަޞިމު އަމުރުކުރިއެވެ. ގަދައަށް ތަޅާށެވެ. އެހެން ނަހަނދައިފިނަމަ، ﷲ ކަލޭގެ އަތް ވަކިކުރައްވާނެއެވެ. އިތުރު އެތިފަހަރެއް ޖައްލާދު ޖަހައިފިއެވެ. އިމާމް އަޙުމަދުގެ ހަށިކޮޅުން މަސްތައް ކުދިކުދިވެ، ހަށިކޮޅާ ވަކިވެގެން ފައިބައެވެ.
މުޢުތަޞިމު އެކަލޭގެފާނަށް ބުންޏެވެ. ތިބާގެ ނަފްސު މަރައިލަނީ ކީއްވެހެއްޔެވެ؟ ތިބާގެ އެކުވެރިންކުރެ ތިޔަގޮތަށް ކަންކުރެއްވީ ކޮން ބޭކަލެއްހެއްޔެވެ؟
ޚަލީފާގެ ޖަމާޢަތުގެ ތެރެއިން، އަލްމަރުވަޛީ ނަމަކަށް ކިޔުނު ޢިލްމުވެރިޔަކު އެކަލޭގެފާނަށް ދަންނަވައިފިއެވެ. މާތްﷲ އަންނަނިވި ފަަދައިން ވަޙީކުރައްވާފައިނުވޭ ހެއްޔެވެ؟ (ولا تقتلوا أنفسكم) މާނައީ: ތިޔަބައިމީހުންގެ ނަފްސުތަށް ކަތިނުލާށެވެ. އިމާމް އަޙުމަދު ވިދާޅުވިއެވެ. އޭ މަރުވަޛީއެވެ. ދޮރުން ބޭރަށްނުކުމެ ފެންނަ އެއްޗެއް ނިކަން ބަލައިލަ ބަލާށެވެ. މަރުވަޛީ ގަނޑުވަރުގެ ގޯތި ތެރެއަށް ނުކުމެވަޑައިގެން ބައްލަވައިފިއެވެ. މާތްﷲ ފިޔަވައި އެހެންފަރާތަކަށް ޢަދަދު އެގިގެންނުވާ ޖަމާޢަތެއްގެ ބައަކު އެދޮރުގެ ކުރިމަތީގައި ތިއްބެވެ. އެބައިމީހުންކުރެ، މަރުވަޛީ އައްސަވައިފިއެވެ. ތިޔަބައިމީހުން މިތަނުގައި ތިކުރަނީ ކޮންކަމެއް ހެއްޔެވެ؟ އެބައިމީހުން ދަންނަވައިފިއެވެ. އަޙުމަދު ދެއްވާ ޖަވާބެއް ދުށުމަށްފަހު ލިޔުމަށް އިންތިޒާރުކުރަނީއެވެ.
އަނބުރާ މަރުވަޛީ ވަޑައިގަތުމުން އަޙުމަދު ވިދާޅުވިއެވެ. އަހުރެން މިއެންމެން މަގުފުރައްދަންވީ ހެއްޔެވެ؟ ނޫނެކެވެ. މަރައިލިޔަސް އެމީހުން މަގުފުރައްދާ މީހެއްކަމުގައި ވެވަޑައިނުގަންނަވާނަމެވެ.
ބައެއް މުނާފިޤުން މުޢުތަޞިމު އަރިހުގައި ދަންނަވައެވެ. ޚަލީފާއެވެ. އަވީގައި ރޯދައަށް ހުންނަވާ ޙާލު ނުހުންނަވާށެވެ. އެމީހުން ބިރުގަންނަނީ ރޯދައަށް އަވީގައި ރަސްގެފާނު ހުންނެވެމުންނެވެ. އެއީ މުޢުތަޞިމުގެ ގަދަބަދަވިކަމާއެކުގަވެސްމެއެވެ. ނިކަމެތި މުސްކުޅި ޝައިޚުގެ މަސްތައް ވަކިވެ، ވެރެމުންދާއިރު އެކަލޭގެފާނުގެ މައްޗަށް ބިރުވެތިވުމެއްނެތެވެ.
ތުރުކީގެ ޤާއިދު عجيف ކަނޑިއެއް ހިފައިނުހުރެ ބުނެއެވެ. ކަލޭގެފާނު މިއެންމެންގެ މައްޗަށް ގަދަވާނީ ކިހިނަކުން ހެއްޔެވެ؟
އެކަލޭގެފާނުގެ ކިބައިން އެއްބަސްވެވަޑައިގަތުމުގެ ލަފްޒެއް ހޯދުމަށް ނުކުޅެދުންތެރިވުމުން، އަނެއްކާވެސް އެކަލޭގެފާނުގެ ގައިގައި ތެޅުމަށް ޖައްލާދުންނަށް އަމުރުކޮށްފިއެވެ.
އެއިން އެކަކު އައިސް އެކަލޭގެފާނުގެ ގައިގައި ދެއެތިފަހަރު ޗާބޫކުން ޖެހުމަށްފަހު ފަހަތަށް ޖެހިލައެވެ. އަނެކަކަށް ޖާގަ ދެމުންނެވެ. އެކަލޭގެފާނުގެ ދެކޮނޑުކޮޅު ހުޅުން ވަކިވެއްޖައުމަށް ދާނދެނެވެ. އެކަލޭގެފާނުގެ ބުރަކަށިފުޅު އެކީ ތެތްވެ، ލެއިން ތަތްތެޅި، ރަތްކުލައިން ފޮރުވިއްޖައުމަށް ދާންދެނެވެ.
އެކަލޭގެފާނުގެ ހެދުންކޮޅުގެ ކަމަރު ނެއްޓި، ޢައުރަ ކަޝްފުވެދާނެކަމަށް ހީވެއްޖައުމަށްދާނދެނެވެ. އެހިނދު އެކަލޭގެފާނުގެ ދެތުުންފަތްޕުޅު ޙަރަކާތްކޮށްލިއެވެ. އެކަލޭގެފާނުގެ ހެދުން ހުރިތަނަށް ހުއްޓުނީ ދެނެވެ. އެކަމާމެދު ސުވާލުދެންނެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު މާތްﷲގެ ޙަޟްރަތުގައި ދެންނެވީމެވެ. ތިމަންކަލޭގެފާނަށް މިހުރެވެނީ ޙައްޤުގެ ގޮތުގައި ކަމުގައި ވަނީނަމަ، ތިމަންކަލޭގެފާނުގެ ޢައުރަ ކަޝްފުވިޔަ ނުދެއްވާނދޭވެ![1]
އެކަލޭގެފާނުގެ މަރުގެ ކުރިމައްޗަށް ހުށަހެޅެއްޖެއުމަށްދާނދެން ކެތްތެރިވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު އަވަހާރަވެއްޖެނަމަ، ޢާންމުން އިންޤިލާބުކުރަން ފަށާފާނެތީ މުޢުތަޞިމު ބިރުވެތިވެވަޑައިގަތެވެ. ތެޅުން ހުއްޓާލުމަށް އަމުރުކުރުމަށްފަހު، އިމާމް އަޙުމަދު އެކަލޭގެފާނުގެ އަހުލުވެރިންނަށް ރައްދުކުރައްވައިފިއެވެ. އަށާރަ މަސްދުވަސް ޖަލުގަޔާއި އަދަބުތަކުގެ ތެރޭގައި ހޭދަކުރެއްވުމަށްފަހުގައެވެ. އެދުވަހު އެކަލޭގެފާނަށް ފަރިއްކޮޅެއް ނުވަތަ ފެންފޮދެއް ދިނުމަށް އެކަލޭގެފާނުގެ އަހުލުވެރިން އެދިވަޑައިގަތެވެ. އެކަމަކު އިމާމް އަޙުމަދު އެކަމާ ދެކޮޅު ހެއްދެވިއެވެ. ރޯދައަށް ހުންނެވުމަށް ގަދައެޅުއްވިއެވެ. އެކަލޭގެފާނު ނުކުމެވަޑައިގަތުމާއެކު، މުޢުތަޞިމަށް މަޢާފުކުރެއްވިކަން އިޢުލާންކުރެއްވިއެވެ. އަދި އެކަލޭގެފާނުގައި ތެޅިތަނަށް ޙާޟިރުވި އެންމެނަށް ޢަފޫކުރެއްވިއެވެ.[2] ތެޅި ތެޅުމުގެ ނިޝާންތައް އެކަލޭގެފާނުގެ ކިބައިގައި ދެމިހުއްޓެވެ. އަދި މިދުނިޔެއާ އަލްވަދާޢުކިޔުއްވުމާ ހަމައަށް، އެކަލޭގެފާނުގެ ކޮނޑުކޮޅު ވަކިވެފައިވާ ޙާލުގައި ދެމިހުއްޓެވެ.
މުތަވައްކިލުގެ ޒަމާނުގައި މެނުވީ، މިޙުނާގެ ކަންކަން ފުރިހަމައަށް ނުހުއްޓެއެވެ. ޙަޤީޤަތުގައިވެސް އެއީ މިޙުނާއެކެވެ. އިމްތިޙާނެކެވެ. މީހުންގެ އަޚުލާޤާއި އީމާންކަމާއި ފިރިހެންވަންތަކަމުގެ އިމްތިޙާނެކެވެ. މިއިމްތިޙާނުން ކާމިޔާބުވެވަޑައިގަތީ އަދި މިތާރީޚީ ޢާލަމީ އިމްތިޙާނުން އެއްވަނަ ކާމިޔާބުކުރެއްވީ އިމާމް އަޙުމަދުބިން ޙަންބަލްއެވެ. ބުއްދިން ޙުކުމް ނުކުރެވޭނެކަންކަމުގައި ބުއްދި އިސްކުރުމާ ދުރުވިނަމަ، މުޢުތަޒިލާއަށް ކާމިޔާބުވި މީހުންގެ ތެރޭގައި އެއުރެން ހިމެނުނީހެވެ. އަލުން މިފިކުރަށް އިސްލާމީ ފިކުރީ ސާޙަތަށް އިޢާދަނުވެވޭނެއެވެ. އެއީ އޭގެ މޭވާގެ ހިތިކަން އަޅުގަނޑުމެންގެ އަރުތެރެއިން ފިލައިގެން ނުދާތީއެވެ.
އަދި އާޚިރަތުގައި މާތްﷲ އިރާދަކުރެއްވިއްޔާ އިމާމް އަޙުމަދުގެ މަންޒިލް މަތިވެރިވެފައި ޤަދަރު ބޮޑުވެގެންވާނެއެވެ. މާތްﷲ އެކަލޭގެފާނަށް ރަޙުމަތް ލައްވާށިއެވެ. އާމީން
(ނިމުނީ)

ނޯޓު: ޝައިޚު ޢަލިއްޔުއް ޠަންޠާވީ އާއި ޑރ.މުޙައްމަދު ސައްޔިދު ޠަންޠާވީ (ކުރީގެ ޝައިޚުލް އަޒުހަރު) މިއީ ދެބޭފުޅުންނެވެ. ޝައިޚު ޢަލިއްޔުއް ޠަންޠާވީ ދިރިއުޅުއްވީ ސުޢޫދީގައެވެ. އަޞްލު ވަޠަނަކީ ޝާމެވެ. އެކަލޭގެފާނު މަޝްހޫރުވެފައިވަނީ ފަޤީހުންގެ އަދީބު އަދި އަދީބުންގެ ފަޤީހުގެ ގޮތުގައެވެ. އިސްލާމީ އުންމަތުގެ އެންމެހާ ޢިލްމުވެރިންނަށް ފާފަ ފުއްސަވައި އެބޭކަލުންގެ ޢަމަލުތަކުގައި ބަރަކާތް ލައްވާށިއެވެ. އަދި އަޅުގަނޑުމެން ދުލާއި ޤަލަމުގެ އާފަތުން މިންޖުކުރައްވައި، ނުބައި ބަސް ޢިލްމުވެރިންނާމެދު ނޭނގިތިބެ ބުނާ ބަޔަކުކަމުގައި ނުލައްވާށިއެވެ. އާމީން!
ލިޔުއްވީ: ޝައިޚު ޢަލިއްޔުއް ޠަންޠާވީ (رحمه الله)

ތަރުޖަމާކުރީ: ޝިފްޒާން އަޙްމަދު

މަޞްދަރު: ފޮތް: رجال من التاريخ / މުޖައްލަދު: 1 / ޞަފްޙާ 133-135

މިވާހަކައަކީ ވަރަށް އަސަރުކުރުވަނިވި ވާހަކައެކެވެ. ވާހަކައަކީ ޢިބުރަތްތެރި ވާހަކައެކެވެ. އިސްލާމީ އުންމަތުގެ އެންމެ ފުރަތަމަ ޝަހީދުންގެ ވާހަކަތަކަށް ފަހުގައި މިހައި އަސަރުހުރި ޢިބުރަތްތެރި ވާހަކައެއް އަޅުގަނޑު ނުދަންނަމެވެ.

އަވަސް ގޮތަކަށް މުޤައްދިމާއެއް އަޅާލުމެއްނެތި، މިވާހަކައާއިގެން ކުރިއަށް ދިއުމީ އަޅުގަނޑަށް އެކަށީގެންވާކަމެއް ނޫނެވެ.

ޢިއްޒަތްތެރިންނޭވެ. އަޅުގަނޑުމެންގެ ލިޔެވިފައިވާ ތާރީޚަކީ ރަސްކަމުގެ ތާރީޚެވެ. ރައްޔިތުންގެ ކެއުމާއި ބުއިމާއި އާދަތަކާއި ޤަބޫލުކުރުންތަކާއި އުފާކުޅަކަންކަމާއި ހިތާމަކުރި ކަންކަން ލިޔެވިފައިނެތެވެ. ފިކުރުގެ ތާރީޚުތޯއެވެ؟ އަދި އަމުދުން ލިޔެވިފައިނެތެވެ. އަޅުގަނޑު ލިޔަން މިއުޅޭ ދުވަސްވަރުގައި ފިކުރުގެ ޙާލަތު ލިޔެވުނު ނަމަ، ފިކުރަށް ޖުމްލަ ދެފަރާތެއް ފެނިވަޑައިގަތީހެވެ.

ދުވަސްވަރަކީ ޢައްބާސީ ޚިލާފަތުގެ ރަން ދުވަސްތަކެވެ. ފިކުރުގެ ދެފަރާތަކީ ނައްޞުގައި ހިފަހައްޓައި އޭގެ ބޭރުފުށަށް އީމާންވެ، ސިކުނޑިން ޤިޔާސްކުރުން، ކޮންމެހެން ކުރަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ދޫކޮށްލައިފައިވާ ފިކުރީ ވިސްނުމަކާއި، ވިސްނުމާއި ހޯދުމާއި ޤިޔާސްކުރުމުގައި ބުއްދި އެކީ ދޫކޮށް ބާރުވެރިކުރުވާފައިވާ ފިކުރީ ވިސްނުމެކެވެ. ފުރަތަމަ ފިކުރުގެ ރާއިދުންނަކީ، ޙަދީސުގެ އަހުލުވެރިންނެވެ. އެބޭފުޅުންގެ ފަހަތުގައި ޢާންމުންގެ ގިނަ މީސްތަކުން ތިބޫއެވެ. ދެވަނަ ވިސްނުމުގެ އަހުލުވެރިންނަކީ މުޢުތަޒިލާއިންނާއި އެހެނިހެން ފަންނުތަކުގެ ޢިލްމުވެރިންނެވެ. ދެލަޝްކަރުގެ ދެމެދުގައި ކުރެވޭ ހަނގުރާމައަކީ ފިކުރީ ހަނގުރާމައެކެވެ. އެހަނގުރާމައިގެ މައިދާނަކީ މިސްކިތްތަކާއި ދަރުސްދޭ މަޖިލިސްތަކެވެ. ހަތިޔާރަކީ ޙުއްޖަތްތަކާއި ބުރުހާނެވެ. ޚަލީފާ މައުމޫނު، ވެރިކަމުގެ ޝާނާއި ޝައުކަތާ ޙަވާލުވެވަޑައިގަންނަވަންދެނެވެ. ދެން ފެނުނީ ދެވަނަ ފިކުރާގެ ޒަޢީމު ޚަލީފާގެ އަރިސް ބޭފުޅެއްކަމުގައި ހިމެނުނުތަނެވެ. އަދި ދައުލަތުން ރައްޔިތުންގެ މައްޗަށް ދެވަނަ ފިކުރާ މަޖުބޫރުކުރުވި މަންޒަރެވެ. އެހެސާބުން އަޅުގަނޑުމެންގެ ތާރީޚުގައި މިޙުނާގެ ގޮތުގައި މަޝްހޫރުވި ދަތިކަން އުންމަތަށް ޖެހުނެވެ. މިޙްނާގެ މާނައަކީ އިމްތިޙާނެވެ.

މިޙުނާގެ ވާހަކަތައް ކިޔައިލާ ކޮންމެ ފަހަރަކު އަޅުގަނޑަށް ތިންކަމެއް ފެނި، އެންމެ މަތީ ދަރަޖައިގެ ޢަޖައިބުވުމަކުން ހައިރާންވެ އަޖައިބުވާން ޖެހިދެއެވެ.

މިތިންކަމުގެ ތެރެއިން ފުރަތަމަކަމަކީ މުޢުތަޒިލާގެ ވިސްނުންތޫނުކަމާއި ބަހަށް ކުޅަދާނަވުމާއި، އުނގެނި ދަސްކުރުމުގެ ތަނަވަސްކަމާއެކު، އަދި އެއުރެންގެ ޒަޢީމު އިބްނު އަބީދުއާބުގެ ވިސްނުންފުޅުގެ ތޫނުކަމާއި ފިކުރުގެ ތަނަވަސްކަމާއެކު، މީސްތަކުންގެ މެދުގައި އެއުރެންގެ ރައުޔަ ގަދަކަމުން ފެތުރުމަށް ރުހެވުނީ ކިހިނަކުން ހެއްޔެވެ؟ އެއުރެންގެ ހަރުދަނާ ބުއްދިތައް އެކަމަށް ޖާގަ ދިނީ ކިހިނަކުންތޯއެވެ؟

ދެވަނަކަމަކަށް ޢައްބާސީ ރަސްރަސްކަލުންކުރެ އެންމެ ވިސްނުންފުޅު ތޫނު، ޒަމާނުގެ ޢިލްމުތަކުގެ ތެރެއިން ނަކަލުވެގެން އައި ޢިލްމުތަކަށާއި، ތަރުޖަމާ ކުރެވުނު ޢިލްމުތަކަށް އެންމެ ކުޅަދާނަ ބޭފުޅާކަމުގައި ވެހުންނަވައި، ޚަލީފާ މައުމޫނު، މީސްތަކުންގެ މައްޗަށް ގަދަކަމުން ފިކުރެއް މަތިކުރެވިދާނެކަމަށް ހީފުޅުކުރެވުނީ ކިހިނަކުން ހެއްޔެވެ؟ އަދި ފިކުރީ މިނިވަންކަމުގެ މައްޗަށް ޢުދުވާނެއް ހިންގެވުމަށް ރުހިވަޑައިގަތީ ކިހިނަކުންހެއްޔެވެ؟ ރަސްކަލަކަށް މީސްތަކުން އެބައިމީހުންގެ ގެތަކުން ނުކުތުމަށް މަޖުބޫރުކުރެވިދާނެއެވެ. ނުވަތަ އެބައިމީހުންގެ ހެދުންތައް ބަދަލުކުރުމަށް މަޖުބޫރުކުރެވިދާނެއެވެ. އެކަމަކު ހިތުގެ އަޑިން ޤަބޫލުކޮށްފައިވާ ހަމަތަކަކުން ނުކުމެ، ފިކުރު ބަދަލުކުރުމަށް މަޖުބޫރެއްނުކުރެވޭނެއެވެ.

ތިންވަނަކަމަށް ފާހަގަވީ މިހައިބޮޑު ކޯޅުމެއް އުފެދުނު މައްސަލައަކީ މިވަރުގެ ސަމާލުކަމެއް ބޭނުންވާ މައްސަލައެއް ނޫންކަމުގައިވުމެވެ. އެއީ ދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެއްވެސްނޫނެވެ. އަދި އެކަމެއ ހޯދައި ބެލުމަށް މާތްﷲ އަމުރުކުރެއްވި ކަންކަމުގެ ތެރެއިން ކަމެއްވެސް ނޫނެވެ. އެމައްސަލައަކީ ޤުރުއާނަކީ މާތްﷲގެ މަޚުލޫޤެއްތޯ ނުވަތަ ނޫންތޯ ކުރެވުނު ސުވާލެވެ.

މިޙުނާ ފެށިގެންއައީ ޚުރާސާންގެ ބިމުން މައުމޫނުގެ ސިޓީއެއް ބަޣުދާދުގައި ހުރި މައުމޫން އިސްކުޅަ އަމީރަށް އައުމުންނެވެ. އެސިޓީގައިވަނީ ޤާޟީންނާއި ޢިލްމުވެރިން ޖަމާކުރުމަށެވެ. އަދި އެއުރެން ކުރެން ޤުރުއާނާމެދު އެއީ މަޚުލޫޤެއްކަމުގައި ބުނުމަށް އެދުމަށެވެ. އެފަދައިން ނުބުނެއްޖެ މީހަކު މަޤާމުން ވަކިކުރުމަށެވެ. އެއިން އެއްވެސް ބޭފުޅަކީ އެރައުޔައަށް ތަބާވެވަޑައިގަންނަވާ ބޭފުޅުން ތަކެއް ނޫނެވެ. އެހެނަސް އިންސާނީ ބަލިކަށިކަމާއި މަޤާމަށް ލޯބިކުރައްވާ މިންވަރުގެ ސަބަބުން އެގޮތާ އެއްބަސްވެވަޑައިގަތީއެވެ.

އެއަށްފަހު މީސްތަކުންގެ ތެރޭގައި އެންމެ ބޮޑެތި މުޙައްދިސުންގެ ގޮތުގައި މަޝްހޫރުވެވަޑައިގަތް ބޭފުޅުންނަށް އެރައުޔަ ހުށަހަޅުއްވައިފިއެވެ. އެބޭކަލުން ދެކޮޅު ހައްދަވައިފިއެވެ. އެހިސާބުން މައުމޫން ބާރުގެ ބޭނުންކުރެއްވީކީ ނޫނެވެ. އެހެންނަމަވެސް އެއުރެންގެ ބަލިފައިކަމުގައިވާ ނުކުތާގައި ހިއްޕެވީއެވެ. އެއީ މިޒަމާނުގެ ގިނަ ޢިލްމުވެރިންގެވެސް ބަލިފައެވެ. އެބޭކަލުންގެ ބަސްފުޅުތަކާއި ޢމަލުތަކާ ފުށުއަރާ އެރުމެވެ. ނުޙައްޤުން ހޯއްދެވި ފައިސާއެވެ. ޒާތީ ސިޔަރަތުގައި ޖެހިފައިހުރި ދަމިލައެވެ. މިފަޟީޙަތްތައް ފާޅުކުރައްވާނެކަމަށް އިންޒާރުދެއްވުމުން ބިރުން ގިނަ ބޭކަލުން އެއްބަސްވެވަޑައިގެންފޫއެވެ.

ބާކީ ތިއްބެވީ އެންމެ ހަތަރު ބޭކަލުންނެވެ. އެއިން ބޭކަލެއްގެ ފަސްމަންޒަރު ކިލަނބުވެފައިނެތީތީ އެގޮތުން އިންޒާރު ދެއްވައިގެން ކަމެއް ނުވިއެވެ. ދެން އަދަބު ދެއްވަން ފެއްޓެވީއެވެ. ހަރުކަށި އަދަބުތަކެވެ. އަނިޔާއެވެ. ޖަލުތަކުގައި ދަގަނޑުގެ ހިލަހިލާތަކުން އެބޭފުޅުން ކަސްތޮޅު އެޅުވުނެވެ. އެކި ޒާތްޒާތުގެ ވޭން ދެނެވި ޢަޒާބުތައް ދެވުނެވެ. އެންމެ ފަހުން އެއިގެ ތެރެއިން ދެބޭފުޅުން އެރައުޔައާ އެއްބަސްވެވަޑައިގެންފިއެވެ. ބާކީ ތިއްބެވީ އަޙްމަދު ބިން ޙަންބަލްއާއި މުޙައްމަދުބިން ނޫޙެވެ. އެހިސާބުން މައުމޫން އަމުރުކުރެއްވީ އެދެބޭކަލުން އޭނާގެ އަރިހަށް ޙާޟިރުކުރުމަށެވެ. ޚުރާސާންގެ ބިމަށެވެ. (ޚުރާސާނަކީ އަފްޣާނުގެ ރަށެކެވެ.)

އެބޭކަލުން ޚުރާސާނަށް ފޯރާވަޑައިގަތުމުގެ ކުރިން މައުމޫނު ނިޔައުވެއްޖެއެވެ. އަދި ދަތުރުގެ މަގުމަތީގައި އުސްތާޛު އިބްނު ނޫޙު މާތްﷲގެ ޙަޟްރަތަށް ދަތުރުކުރައްވައިފިއެވެ. ބާކީ ހުންނެވީ އިމާމް އަޙްމަދު ގިނިކަންޏާއެވެ.

އިހުގައި ޢިލްމުވެރިންކުރެ ގިނަ ބޭކަލުންނާއި ޢާންމުންގެ ބޮޑު ބައިގަނޑު ހިމެނުނީ މުޙައްދިސުންނާއެކުގައެވެ. އެހެނަސް މައުމޫނު (ވެރިކަން) އަނެއް ލަޝްކަރާ (މުޢުތަޒިލާއިންގެ ލަޝްކަރާ)، ބާރާއި މުދަލާއެކު، ގުޅިވަޑައިގަތުމުން، އޭނާގެ ފަހަތުން އެދުންވެރިކަމުގައި ނުވަތަ ބިރުން ޢިލްމުވެރިންކުރެ ގިނަ ބަޔަކު ދެވަނަ ލަޝްކަރާ ގުޅުނީއެވެ. ސާބިތުކަންމަތީ ބާކީވެވަޑައިގެން ގިނިކަންޏާ ހުންނެވީ އިމާމް އަޙްމަދެވެ. ބޮޑުވެގެންވީ ލަޝްކަރެއްގެ މޫނުމައްޗަކީ އެކަލޭގެފާނު ކަމުގައިވެއްޖެއެވެ. ހަމައެކަނި އެކަލޭގެފާނެވެ. މަސްރަޙުގައި ތެދުވެވަޑައިގެން ހުންނެވިއެވެ. ހުރިހާ އަލިކަމެއް އެކަލޭގެފާނުގެ މައްޗަށް އެޅިގެން ދިޔައެވެ. ހުރިހާ ނަޒަރެއް އެކަލޭގެފާނާ ދިމާލަށް ހުއްޓުނެވެ. އެކަލޭގެފާނާ ދެކޮޅަށް ތެދުވެވަޑައިގަތީ ޚަލީފާއެވެ. އެޚަލީފާގެ އަރިހުގައިވީ ވެރިންނާއި ޚަޒާނާތަކާއި ބާރުވެރިކަމާއެކުގައެވެ. މުޙައްދިސުންގެ ލަޝްކަރަށް ނަޞްރު ލިބުން އެކަލޭގެފާނުގެ ސާބިތުކަމުގެ މައްޗަށް ހުއްޓިއްޖެއެވެ. އެކަލޭގެފާނު ބަލިކޮށްލެވިއްޖެނަމަ، މުޙައްދިސުންގެ ލަޝްކަރު އެކީ ހަލާކުވެ، މުޢުތަޒިލީންނަށް ބާރުވެރިކަން ލިބިދާނެއެވެ.

ޢާންމު ރައްޔިތުން ދަންނައެވެ. އެއުރެން ތިބީ، ކޮންމެ ޒަމާނެއްގައިވެސް ޢާންމުން ތިބޭ ގޮތުގެ މަތީގައެވެ. ހިތްތައްވަނީ ޙައްޤުގެ ޢިލްމުވެރިންނާ އެކީގައެވެ. އެކަމަކު ކަނޑިތައްވަނީ ބާޠިލުގެ އަމީރުންނާއެކުގައެވެ.

ދެންވެރިކަމަށް ވަޑައިގަތީ މުޢުތަޞިމެވެ. އޭނާއަކީ ހަށިގަނޑުން ވަރުގަދަ މީހެކެވެ. ސިންގާއަކާ ބަނޑު މުސާރައަށް ހިއްޕަވައިން ކުރިހޯއްދެވުމީ އުދަގޫކަމެއް ނޫނެވެ. އެކަމަކު ޢިލްމުގައި ބަލިކަށި މީހެކެވެ. އެއްވެސް މީހަކާ ޖަދަލުކޮށް ކުރި ހޯދުމީ އޭނާއަށް ކުރެއްވޭނެކަމެއް ނޫނެވެ. އެކަމަކު އޭނާގެ އަޚު މައުމޫނަށް ނުލާހިކު ލޯބިކުރެއްވިއެވެ. އަދި މައުމޫނަކީ އެންމެ މަތީ މިސާލުކަމުގައި ދެކުނެވެ. މައުމޫނު ހިންގެވި މަގުގައި ހިންގަވަން ފެއްޓެވިއެވެ. އެހެނަސް އެކަމުގައި ހަރުކަށިވިއެވެ. އަދި އިންތައް ފަހަނައަޅައި ހިނގައްޖެއެވެ.

(ނުނިމޭ)
އަޙްމަދު ބިން ޠޫލޫން ބޮޑުފުޅުވެވަޑައިގަތީ ރައްކާތެރިކަމާއި ޢިއްފަތްތެރިކަމާއި އެކަލޭގެފާނުގެ ރިވެތި އަޑުފުޅުން ކީރިތި ޤުރުއާން ކިޔަވާވިދާޅުވުމުގައެވެ. މިޞްރުގެ ބައެއް ޝައިޚުންގެ އަރިހުން އިބުނު ޢަސާކިރު ރިވާކުރައްވައެވެ. ޠޫލޫނަކީ އަޙްމަދުގެ ޙަޤީޤީ ބައްޕާފުޅެއްނޫނެވެ. އެހެންނަމަވެސް ޠޫލޫން އެމަނިކުފާނުގެ ކިޔަވާވިދާޅުވުމުގެ ރީތިކަމުންނާއި އަޑުފުޅުގެ ރީތިކަމުގެ އިތުރުން ތުއްޕުޅު އިރުއްސުރެ ދީންވެރިކަމާއި ވަރަޢުވެރިކަން އެކަލޭގެފާނުގެ ކިބައިންފާޅުވަމުންދާތީ ދަރިކަލެއްކަމުގައި ހެއްދެވީއެވެ. (އެޑޮޕްޓު ކުރެއްވީއެވެ.

)އެއްދުވަހަކު ޠޫލޫން ދާރުލް އިމާރާ(ޠޫލޫންގެ އަނބިއަނބިކަބަލުންގެ ގަޑުވަރުކޮޅު)އަށް އެމަނިކުފާނު ބޭނުންވެވަޑައިގަންނަވާ އެއްޗަށް ގެންނަަވަން އަޙްމަދު ފޮނުއްވައިފިއެވެ. އެކަލޭގެފާނަށް(އަޙްމަދު) އެގަޑުވަރަށް ވަޑައިގެންނެވުނުއިރު ޠޫލޫންގެ އަނބިކަބަލުންކުރެ ބޭކަނބަލަކު އެގަޑުވެރިގެ ޚާދިމަކާއެކީ ފާޙިޝް ގުޅުން ހިންގަމުންގެންދިޔައެވެ. އަދި އަޙްމަދު ޠޫލޫން ވިދާޅުވިއެއްޗެއް ހިއްޕަވައިގެން ކުރައްވަން އަމުރުކުރެއްވިކަމެއް ކުރެއްވުމަށްފަހު އަވަސްއަވަހަށް ޠޫލޫންގެ އަރިހަށް އެބުރިވަޑައިގެންފިއެވެ. އަދި ޠޫލޫންގެ އަރިހުގައި އެކަލޭގެފާނަށް އެމަނިކުފާނުގެ އަނބިކަމަނާއާ ޚާދިމް މީހާއާ ދެމެދު ހިގަނިކޮށް ފެނިވަޑައިގެންނެވި ކަންތަކުގެ ވާހަކައެއް ނުދަންނަވައެވެ. އެހެންނަމަވެސް އެއްކަލަ ކަނބުލޭގެއަށް ހީކުރެވުނީ އެކަލޭގެފާނަށް ފެނިވަޑައިގަތް ކަންތަކުގެވާހަކަ ޠޫލޫން އަރިހުގައި ދަންނަވާނެކަމަށެވެ. އަދި ޠޫލޫން އަރިހަށްގޮސް ދަންނަވައިފިއެވެ. "އަޙްމަދު އަޅުގަނޑު ކައިރިއަށް އައިސް ފާޙިޝްކަންތައްތަކަށް ގޮވާލައިފިއެވެ." އަދި އެކަމަނާގެ ގަޑުވަރަށް ވަޑައިގެންފިއެވެ.

އެހިދު ޠޫލޫންގެ ހިތްޕުޅުގައި އެކަބުލޭގެ ބުނި ބަހަކީތެދު ބަހެއްކަމަށް ހީފުޅު ކުރެއްވުނެވެ. އަޙްމަދު ޙާޒިރުކުރުމަށް އަމުރުކުރެއްވުމަށްފަހު އެމަނިކުފާނުގެ އަމީރުންކުރެ އަމީރަކަށް ސިޓީއެއް ލިޔުއްވިއެވެ. އަދި އެކަބުލޭގެ ބުނި އެއްވެސް ވާހަކައަކާމެދު އަޙްމަދު އަރިހުން ސުވާލެއްވެސް ނުކުރައްވަތެވެ. އަދި އަޙްމަދަށް އެސިޓީދެއްވުމަށްފަހު އެއަމީރުގެ އަރިހަށް ފޮނުއްވައިފިއެވެ. އެސިޓީގައިވަނީ: "މިސިޓީ ހިފައިގެން އަންނަ މީހާ ބޯކަޑައިލެއްވުމަށްފަހު އެބޯ ތިމަން ރަސްގެފާނުގެ ދަރުބާރަށް އަވަހަށް ފޮނުއްވާށެވެ.

އަޙްމަދު މިސިޓީއާއިގެން ޠޫލޫންގެ އަރިހުން ދަތުރުކުރައްވައިފިއެވެ. އެއިރުވެސް އެކަލޭގެފާނަށް މިސިޓީގައިވަނީ ކޮންވާހަކައެއްކަމެއް އެގިވަޑައެއްނުގަންނަވައެވެ. އަދި އެކަލޭގެފާނާ މަގުމަތިން އެއްކަލަ ކަބުލޭގެޔާ ބައްދަލުވެވަޑައިގެންފިއެވެ. އަދި އެކަބުލޭގެ އެކަލޭގެފާނަށް އެކަބުލޭގެ އަރިހަށް އައުމަށް ގޮވައިފިއެވެ.

އެހިދު އެކަލޭގެފާނު ވިދާޅުވިއެވެ." މިވަގުތު ތިމަންކަލޭގެފާނު މިއުޅެނީ ރަސްގެފާނުގެ މިސިޓީގެ މަސައްކަތުގައެވެ."

އެކަބުލޭގެ ބުންޏެވެ. "ތިމަންވަނީ ކަލޭގެފާނުގެ އެހީއަކަށް ބޭނުންވެފައެވެ. ވަޑައިގަންނަވާށެވެ."

އެކަބުލޭގެ ބޭނުންވީ ރަސްގެފާނުގެ އަރިހުގައި ދެންނެވި ވާހަކަތައް ޙަޤީޤަތަކަށް ހެއްދެވުމަށެވެ. އެހެންކަމުން އަޙްމަދު ހިފަހައްޓަވައިގެން އެމަނިކުފާނުލައްވައި އެކަބުލޭގެއަށް ސިޓީއެއް ލިޔުއްވިއެވެ. އަދި އަމީރުގެ އަރިހަށް ގެންދިއުމަށް ޠޫލޫން އަމުރުކުރެއްވި ސިޓީ އަޙްމދު އަތްޕުޅުން ނަގައި އެއްކަލަ ފާޙިޝް ޢަމަލުހިންގި ޚާދިމްކަލޭގެ އަތަށް ދީފިއެވެ. އެކަބުލޭގެ ހީކުރީ އެސިޓީފުޅުގައިވަނީ ހަދިޔާއެއްކަމުގައެވެ. އަދި ބޭނުންވީ އެހަދިޔާ އެޚާދިމަށް ލިބޭނެގޮތް ހެދުމަށެވެ. އެއްކަލަ ޚާދިމް އެސިޓިއާއިގެން އަމީރުގެ އަރިހަށް ގޮސްފިއެވެ.

އެހިދު އެއަމީރު އެސިޓީ ވިދާޅުވުމަށްފަހު އެޚާދިމްގެ ބޯ ކަނދުރައިން ވަކިކޮށްލައިފިއެވެ. އަދި އޭނާގެ ބޯ މަލިކު ޠޫލޫންގެ އަރިހަށް އަވަސްއަވަހަސް ފޮނުއްވައިފިއެވެ. ރަސްގެފާނު އެކަމާމެދު ޙައިރާންވެވަޑައިގެން ވިދާޅުވިއެވެ. "އަޙުމަދު ކޮބާހެއްޔެވެ؟"

އަދި އަޙްމަދު ގެނައުމަށް އެދިވަޑައިގަތުމުން އެކަލޭގެފާނު ޙާޒިރުކުރެވިއްޖެއެވެ. އެހދި ރަސްގެފާނު ވާހަކަދައްވަން ފެއްޓެވިއެވެ.

ރަސްގެފާނު: ތިބާއަށް ގެއްލުން ހުރި. މިތަނުން ނިކުތް ފަހުން ތިބާ ކަންކުރީ ކިހިނެއްތަ؟ އެހިދު އަޙްމަދު ކަންވީގޮތް އެމަނިކުފާނަށް ދެންނވެިއެވެ.

އަދި އެއްކަލަ ކަބުލޭގެއަށް ޚާދިމް މީހާގެ ބޯ ރަސްގެފާނު އަރިހަށް ގެނެވުނުކަން އިގުނު ހިދު، ކަންވީގޮތް ރަސްގެފާނަށް އެގިވަޑައިގެންފިކަމަށް ހީކޮށް ރަސްގެފާނު އަރިހަށް ހިގައްޖެއެވެ. އަދި އެކަބުލާގެއާއި ޚާދިމް ކަލޭގެއާދެމެދު ކަންތައް ވީގޮތް ބަޔާންކޮށް އަޙްމަދުގެ ކުށެއްނެތްކަމަށް އިޢުތިރާފުވެވަޑައިގަތެވެ. އެހިދު ރަސްގެފާނުގެ ހިތްޕުޅުގައި އަޙުމަދުގެ މައްޗަށް އިހުނަށްވުރެ ބޮޑަށް ލޯބި އުފެދިއްޖެއެވެ. އަދި އެރަސްގެފާނު އަޙްމަދަށް ރަސްކަންދެއްވުމަސް އަމުރުކުރެއްވިއެވެ.

*އަޙްމަދު އިބްނު ޠޫލޫނަކީ މިޞްރުގެ ރަސްކަލެކެވެ. މިޞްރުގެ އެންމެ މަޝްހޫރު އެއްމިސްކިތަކީ އެކަލޭގެފާނު ބިނާކުރެއްވި މިސްކިތެކެވެ.

ނޯޓް: މިލިޔުމަކީ އަލްޙާފިޡް އިބްނު ކަޘީރުގެ البداية والنهاية ފޮތުން ނަގާފައިވާ ލިޔުމެއްގެ ތަރުޖަމާއެވެ.
އެދެމީހުނަކީ އެއްބަޑު އެއްބަފާ ދެބެއިންނެވެ. އެދެބެއިންނަށް އިތުރު އަޚެއް ނުވަތަ އުޚުތެއް ލިބިފައެއްނުވެއެވެ. އެދެމީހުންވެސް މަސައްކަތްކުރަނީ އެދެބެއިންގެ ބައްޕައާއެކު ދަޑުގައެވެ. އެކަކީ ކައިވެނިކޮށް ދަރިން ލިބިފައިވާ މީހެކެވެ. އަނެކަކުވެސް ކައިވެނިކޮއްފިއެވެ. އެކަމަކު ދަރިއެއް މާތްﷲގެ މިންވަރުފުޅުން ލިބިފައިނެތެވެ.
އެމީހުންގެ ބައްޕަގެ ޙާލު އާދައިގެ ގޮތެކެވެ. އެހެންނަމަވެސް ދެވަނަ ދަރިފުޅު ފުރަތަމަ ދަރިފުޅަށް ބައްޕަގެ ވާރުތަ މުދަލުން ލިބޭނެ އެއްޗަކާމެދު ދަހިވެތިވާންފެށިއެވެ. އަދި ޝައިޠާނާ އޭނާއަށް ވަސްވާސް ދިނީ އޭނާގެ އަޚާ ޤަތުލުކުރުމަށެވެ. އޭނާ އެހިދު އޭނާގެ ބޭބެ މަރައިލައިފިއެވެ. އެއީ އޭނާއަކީ ބައްޕަގެ ހުރި ހަމައެކަނި ވާރުތަވެރިޔާކަމުގައި ވުމަށެވެ.
ބައްޕައަށް އޭނާގެ ދޮށީ ދަރިފުޅު ނެތުމުން ދަތިވާންފެށިއެވެ. އަދި އެދަރިފުޅާ މެދު ހަނގު ދަރިފުޅުކުރެން ސުވާލުކުރިއެވެ. އެހިދު އޭނާ ޖަވާބުގައި ބުނީ އޭނާއަށް ބޭބެއަށް ވީގޮތެއް ނޭނގޭކަމަށެވެ. އެހެންކަމުން އޭނާގޮވައިގެން ބައްޕަ ބޭބެ ހޯދުމަށް ނުކުތެވެ. އަދި އެދެމީހުންނަށް އެހީވާން ބަޔަކުވެސް ނުކުތެވެ. އެހެންނަމަވެސް އެމީހުންނަކަށް ގެއްލިގެންއުޅޭ އަޚެއް ނުފެނުނެވެ. ދުވަސްކޮޅެއް ފަހުން އޭނާގެ މަސްގަޑު ފެނުނީ މީހުން ބޭނުންނުކުރާ ވަޅެއްގެ ތެރެއިންނެވެ.
އަދި ފުލުހުން ކަންކުރި މީހަކު ހޯއްދެވުމަށް ވަރަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެހުރިހާ މަސައްކަތެއް ދިޔައީ ފެނަށެވެ.
އަދި ދަރިފުޅު ގެއްލުމުން ބައްޕަ ވަރަށް ބޮޑަށް ހިތާމަކުރެއްވިއެވެ. އަދި މަސްތަކެއް ވޭތުވުމަށްފަހު ބައްޕަ އޭނައާ ކުރިމަތިވެފައިވާ ހިތައިމައިގެ ސަބަބުން މިދުނިޔެއާ ވަކިވެއްޖެއެވެ.
ދެން އެއްކަލަ ދަރިފުޅަށް ވާރުތަ މުދާ އެކީ ލިބިއްޖެއެވެ. އަދި އޭނާގެ ބޭބެގެ ތުއްތު ކުދިންތައް އޭނާއާ އެކީ އުޅެމުން ގެންދިޔައެވެ. އަދި އޭނާ އެތައްފަހަރެއްގެ މަތިން ކާވެނި ކުރިއެވެ. އެހެންނަމަވެސް ދަރިއެއް ލިބުމުގެ ނިޢުމަތެއް ނުލިބުނެވެ. އެހެންކަމުން އޭނާގެ އަޚްގެ ކުދިންގެ މައްޗަށް ވަރަށް ބޮޑަށް ކުލުނުވެރިކަމާއި ލޯބި އުފެދި އެކުދިންނާ އަޅާލައި ލޯބިދީގެން އުޅެން ފަށައިފިއެވެ. އަދި އެކުދިންވެސް އޭނާއާ މެދު ދެކެމުންދިޔައީ ބައްޕަނެތް ދުނިޔޭގައި ބައްޕަކަމުގައެވެ.
ދުވަސްކޮޅެއްފަހުން އެއްކަލަ އަޚް ވަރަށް ބަލިވެއްޖެއެވެ. އަދި އޭނާގެ ނިމުން ކައިރިވެއްޖެކަން އޭނާއަށް ކަށަވަރުވެއްޖެއެވެ. އަދި ﷲތަޢާލާގެ އިންޞާފުވެރިކަމުގެ ކުރިމަތީ ހުންނަން ޖެހޭ ދުވަސް ގާތްވަމުން އަންނަކަން އެގި ޔަގީންވެއްޖެއެވެ. އަދި އޭނާގެ ދިރިއުޅުމަކީ ހަމައެކަނި ހިތާމައާއި ކެކުޅުން ކަމުގައިވެއްޖެއެވެ. އަދި ބިރު ހުރިހާ ދިމާލަކުން އައިސް އޭނާގެ ކުރިމަތީގައި އެތުރިއްޖެއެވެ. އަދި އޭނާ އަބަދު ކަރުނަ އަޅައި ރޯ މީހެއްކަމުގައި ވެއްޖެއެވެ. އަދި އޭނާއަށް ދުވާލު ދިގުވެ ރޭތައް ބިރުވެރި ވެއްޖެއެވެ.
އޭނާ ކައިރިއަށް ޢާއިލާ މީހުންނާއި ބޭބެގެ ދަރިންތައް އައިސް ބުންޏެވެ. ތިބާރޮނީ ކީއްވެހެއްޔެވެ؟؟ މަރުގެ ވޭނަކީ ކުޑަ ވޭނެކެވެ. އެހާމެ އަވަހަށް ނިމިދާ ވޭނެކެވެ. ބިރު ނުގަންނާށެވެ. ހިތްވަރު އެލުވާނުލާށެވެ. ތިބާގެ ޢަމަލުތަކަކީ ޞާލިޙް ހެޔޮ ޢަމަލުތަކެވެ. ތިބާ ނަމާދުކޮށް ރޯދަ ހިފައި ޞަދަޤާތްކޮށް ޙައްޖުވެ އުޅުނީމުއެވެ. މިހިރީ ހައްތަހާވެސް ހެޔޮ ރަނގަޅު ޢަމަލުތައް ނޫންހެއްޔެވެ؟؟
އޭނާ ރޮއިގަންފައި ބުންޏެވެ." ކަލޭމެނަށް އެގެނީ ތިޔަކަންތައްތަކެވެ. ތިމަންނަ ވަރަށް ބޮޑު ނުބައި ފާފައެއް ސިއްރު ކުރިން. އެފާފަ ﷲ ނޫން ފަރާތަކަށް އެގިފައެއްނުވާނެ. މިސަބަބަށްޓަކައި ﷲއާ ބައްދަލުކުރުމަށް އަހަރެން ބިބިރުވެތިވަން. އަދި އެއީ އަހަރެންގެ ރުއިމާއި ނިކަމެތިވެގަތުމުގެ އަޞްލުސަބަބު. ތިޔަބައިމީހުންކައިރީ މިއަދު އެފާފައިގެ ވާހަކަ ބުނާނަން. ﷲ އަހަންނަށް ޢަފޫކުރައްވައި ތިޔަބައި މީހުން މަޢާފު ކުރޭތޯ؟
ދެން އެމީހުން ބުނެފިއެވެ. އެފާފައަކީ ކޮން ފާފައެއް ހެއްޔެވެ؟
އެހިދު އޭނާ ބުންޏެވެ. އަހަރެންގެ ބޭބެ މެރީ އަހަރެން.
މިހެން ބުނުމުން އެންމެން ހަމަހިމޭންވިއެވެ. ލިބުނު ސިހުމެއްގެ ބޮޑު ކަމުންނެވެ. އެވަގުތު އެއްމެން އެއް އަޑަކުން އެހިއެވެ. ތިބާގެ އަޚާގެ ޤތިލަކީ ހަމަ ތިބާހެއްޔެވެ؟
އޭނާ ޖަވާބުގައި ބުންޏެވެ. އާއެކެވެ. ބައްޕަގެ ކިބައިން ބޭބެއަށް ލިބިދާނެ މުދަލެއްގެ ދަހިވެތިކަމުގައި ބޭބެ މަރައިލީ އަހަންނެވެ. އެހެންނަމަވެސް އޭގެ ފަހުން އަހަންނަށް އުފާވެރިކަމެއް އަދި ހަމަޖެހުމެއް ނުލިބެއެވެ. އަދި އަހަންނަށް ބޭބެގެ ޞިފަ ކޮންމެ ވަގުތަކުވެސް ފެނެއެވެ. އަހަރެންގެ މުދާ ބޭބެގެ ދަރިންނަށް ދީފީމެވެ. އަދި ކަލޭމެން އެދޭގޮތަކަށް އަހަންނާމެދު ކަންތައް ކުރާށެވެ. އަދި އުންމީދުކުރަނީ މަޢާފުކުރާނެކަމަށެވެ. އަދި އެދެނީ މާތްﷲގެ ހެޔޮ ރަޙްމަތްފުޅު ލިބި ދިންނެވުމަށެވެ.
އެހިދު އެމީހުން އޭނާ އޭނާގެ ޙާލުގެ މައްޗަށް ދޫކޮއްލީއެވެ. އަދި އޭނާވެސް އެގޮތުގެ މަތީގައި އޮވެ ހިތާމައާއި ބިރުވެރިކަމުގެ ދުނިޔެއަކަށް ވަދެ ނިމިއްޖެއެވެ. އަދި އެފަދަ ނިކަމެތި ޙާލުގައި ވޭނާއި ކެކުޅުމާއި ހިތާމައިގައި މަހެއް ހޭދަކުރުމަށްފަހު މިދުނިޔެއާއި ވަކިވެއްޖެއެވެ.
ނޯޓް: މިލިޔުމަކީ الأنباء އޭކިޔުނު މަޖައްލާގެ 698ވަނަޢަދަދުން ނަގާފައިވާ ލިޔުމެއްގެ ދިވެހިތަރުޖަމާއެވެ.
ލިޔުނީ: ޝިފްޒާން އަޙްމަދު (ޒާން)




ކުރިއަށް ތަރަހަ

ފަހުގެ ލިޔުން

↑

ފަހުގެ ޚިޔާލު

ބްލޮގްތަކުން

  • Mohamed Shafiu
    ދީނީ ދަޢުވަތު ދޭ މީހާއަށް ލިބޭ ބޮޑު ދެ ނިޢުމަތެއް - މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރުﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ.يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا ...
  • އިބްން އަބްދުލްރަހްމާން ޅޮހި
    ހަރޯދައިގެ މާތްކަން އަދި ޤަޟާ ރޯދައިގެ ކުރިން ހަރޯދަ ހިފިދާނެތަ؟ - عبد الرحيم الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد: ޝައްވާލު މަހުގެ ހަރޯދަ ހިފުމަކީ ވަރަށް މަތިވެރިވެގެންވާ އަޅުކަމެކ...
  • ދި - ލިޔުން
    ދިވެހިރާއްޖޭގެ ތަޢުލީމީ ކަލެންޑަރު 2015 - Maldives Academic Calendar 2015 [މި ސައިޓަށް ސަބްސްކްރައިބް ކުރެއްވީތީ ތިޔަބޭފުޅާއަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަމެވެ! ބައެއް ބައިތައް ( މިސާލަކަށް ވީޑ...
  • Maldivian Pearls
    -

ފޭސްބުކުގައި ތަރަހަ

2011 Tha-ra-ha. All rights reserved.