އިޖުތިހާދު

ނޯޓު: އަޅުގަނޑަކީ ދީނުގެ އަލިފުބާއެއްވެސް ނުދަންނަ ތަނެއް ދޮރެއް އުޑެއް ބުޑެއް ވަކިކުރަން ނޭނގޭ މީހެއްކަމުގައި ވިދާޅުވި އަޚަށް މިލިޔުން ހަނދިޔާކުރަމެވެ. އަޅުގަނޑު އެއްޗެއް ދަންނަވަނީ ކަންކަމުގެ ޙަޤީޤަތް ބަލައި ދިރާސާކުރުމަށްފަހު ޢިލްމުވެރިންކުރެ، މުޢުތަބަރު ބޭފުޅުންގެ ރައުޔަތަކުގެ މައްޗަށް ބިނާކޮށެވެ. ތިބާ ޤަބޫލުކުރައްވާ ގޮތުންނަމަ، ތިބާ ޤަބޫލުނުކުރައްވާ ކޮންމެ ބޭފުޅަކީ ނުވަތަ ތިބާ ޤަބޫލުކުރައްވާ ޢިލްމުވެރިންގެ މަޤުބޫލުކަން ލިބިވަޑައިނުގަތް ކޮންމެ ބޭފުޅަކު ދީނުން ބޭރުވަނީތޯއެވެ؟
މިމަބުޙަސުގައި ބަލައިލާނެ ކަންކަން: ބަހުގައި އިޖުތިހާދުގެ މާނައާއި އުޞޫލުލް ފިޤުހުގެ ޢިލްމުގައި އިޖުތިހާދުގެ މާނައާއި އިޖުތިހާދުގެ އަގު.
1-ބަހުގައި އިޖުތިހާދުގެ މާނަ:
ބަހުގައި އިޖުތިހާދަކީ ކަމެއް ޙާޞިލުކުރުމަށްޓަކައި މަސައްކަތްކުރުމެވެ. ނުވަތަ ކަމެއް ޙަޤީޤަތަކަށް ހެދުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. އަދި މިބަސް ދަތި އުދަގޫ ކަންކަން ކުރުމުގައި މެނުވީ ބޭނުމެއް ނުކުރެވޭނެއެވެ.[1] އިޖުތިހާދަކީ ޖުހުދުގެ އިފްތިޢާލް ވަޒަނަށް ގެނެވިފައިވާ ބަހެވެ. ކަމެއްކުރުމުގައި އެންމެ މަތީ ދަރަޖައަށް އެކަންކުރުމަކީ އިޖުތިހާދެވެ.
2-އުޞޫލުލް ފިޤުހުގައި އިޖުތިހާދުގެ މާނަ:
އިމާމް މުޙައްމަދު އަބޫޒަހުރާ ވިދާޅުވެފައިވެއެވެ. އުޞޫލުލް ފިޤުހުގައި އިޖުތިހާދުގެ މާނައަކީ ފިޤުހު ޢިލްމުވެރިޔާ ފިޤުހުގެ ތަފްޞީލު ދަލީލުތަކުން ނުވަތަ މަޞްދަރުތަކުން ޝަރުޢީ ޙުކުމް ނެރުއްވުމެވެ. އަދި ބައެއްޢިލްމުވެރިން އެއީ ފިޤުހީ ޙުކުމް ނެރުމުގައި ނުވަތަ ތަންފީޛުކުރުމުގައި ގަދައަޅައި މަސައްކަތްކުރުންކަމުގައި މާނަކުރައްވައެވެ.[2]
އަލްއާމިދިއްޔު ވިދާޅުވެފައިވެއެވެ. އިޖުތިހާދަކީ ޝަރުޢީ ޙުކުމްތަކުގައި ހީވާ ގޮތަކާ ހަމައަށް ވާޞިލުވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. އެއީ އިތުރަށް މަސައްކަތް ނުކުރެވޭނެކަމަށް އިޙުސާސްވަންދެނެވެ. މިތަނުގައި ހީވާ ގޮތަކަށް ވާޞިލުވާ ވާހަކަ ބަޔާންވެފައިވަނީ ޤަޠުޢީ[3] ޙުކުމްތައް މިތަޢުރީފުން ނެރުމަށެވެ.[4]
އިމާމުލް ޙަރަމައިން ޖުވައިނީ ވިދާޅުވެފައިވެއެވެ. ޢިލްމުވެރިން ބަޙުސް ކުރައްވާފައިވާ މައްސަލަތައް މައިގަނޑު ގޮތުގައި ބެހިގެންވަނީ ދެބައަށެވެ. އެއީ އިޖުތިހާދުކުރުން ހުއްދަ މައްސަލަތަކާއި އިޖުތިހާދުނުކުރެވޭނެ ޤަޠުޢީ މައްސަލަތަކެވެ. އައްޒަރުކަޝިއްޔު ވިދާޅުވެފައިވެއެވެ. އުޞޫލުލް ފިޤުހުގައި އިޖުތިހާދަކީ ޢަލުކުރަންޖެހޭ ޝަރުޢީ ޙުކުމެއް ޝަރުޢީ ދަލީލުތަކުގެ އަލީގައި ނެރުމެވެ.[5]
ޝިރުޙު މުސްލިމުއް ޘަބޫތުގައި އައިސްފައިވެއެވެ. ޝަރުޢީ ޡަންނީ ޙުކުމެއް ހޯދުމަށް ކުރާމަސައްކަތަކީ އިޖްތިހާދެވެ.[6]
އިމާމް ޣަޒާލީ ވިދާޅުވެފައިވެއެވެ. އިޖުތިހާދަކީ ޝަރުޢީ ނައްޞުތަކުން ފިޤުހުގެ ޙުކުމަކާމެދު ޢިލްމު ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. ފުރިހަމަ އިޖުތިހާދަކީ ޙުކުމް ދެނެގަތުމުގައި، އިތުރަށް މަސައްކަތް ނުކުރެވޭނެކަން އިޙުސާސް ވެއްޖައުމަށް ދާންދެން ކުރެވޭ އިޖުތިހާދެވެ.[7]
ޤާޟީ ބައިޟާވީ ވިދާޅުވެފައިވެއެވެ. ޝަރުޢީ ޙުކުމެއް ދެނެގަތުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުމަކީ އިޖުތިހާދެކެވެ. ޚުލާޞާކޮށް ދަންނަވާނަމަ އިޖުތިހާދަކީ ޝަރީޢަތުގެ ތަފްޞީލީ ދަލީލުތަކުން ޝަރުޢީ ޙުކުމްތައް އިސްތިންބާޠުކުރުމެވެ. ނުވަތަ ނެރުމެވެ.[8]
މިޒަމާނުގެ ދަންނަބޭކަލުންގެތެރެއިން ޝައިޚު މުޙައްމަދުބިން ޞާލިޙުބިން މުޙައްމަދުލް ޢުޘައިމީނު އިޖުތިހާދުގެ ތަޢުރީފެއްދެއްވަމުން ވިދާޅުވެފައިވެއެވެ. بذل الجهد لإدراك حكم شرعي[9] މާނައީ: ޝަރުޢީ ޙުކުމެއް ދެނެގަތުމުގައި ގަދައަޅައި މަސައްކަތްކުރުމެވެ.
އަޅުގަނޑުގެ އަރިހުގައި އެންމެ މަޤުބޫލު ރައުޔައަކީ މުސްތަޞްފާގައި އިމާމުޣަޒާލީ ގެނެސްދެއްވާފައިވާ ރައުޔައެވެ. އެހެނީ އެރައުޔައަކީ ފުރިހަމަ ޖާމިޢު މާނިޢު ތަޢުރީފެއް ހުށަހަޅައިދޭ ރައުޔައެކެވެ.
އިޖުތިހާދުގެ އަގު:
ޑަކްޓަރ ޢަލީ ޖުމުޢާ ވިދާޅުވެފައިވެއެވެ. ފަތުވާދެއްވާ މުޖުތަހިދުގެ މިސާލަކީ މާތްﷲގެ ތަރުޖަމާނުގެ މިސާލެވެ. އަދި ޙުކުމްކަނޑައަޅާ މުޖުތަހިދުގެ މިސާލަކީ މާތްﷲގެ ނާއިބެއްގެ މިސާލެވެ. އެހެނީ ޙާކިމާ އިޖުތިހާދުކުރުމަށްފަހު ނިންމާ ނިންމުމަކީ މިބިންމަތީގައި ތަންފީޛުކުރެވޭ މާތްﷲގެ އަމުރުފުޅެވެ. ޙުކުމްފުޅެވެ. އަދި ފަތުވާދެއްވާ މުޖުތަހިދަކީ ގަދައަޅައި މަސައްކަތްކޮށް މައްސަލައެއްގައި މާތްﷲގެ ޙުކުމް ދެނެގަނެ، އެޙުކުމް މީހުންނަށް އޮޅުން ފިލުވައިދެއްވާ މީހެކެވެ.[10]


އިޖުތިހާދު ބެހިގެންވާ ބައިތައް:
މިމަބުޙަސުގައި ބަލައިލާނެކަންކަން: މައިގަޑު ގޮތެއްގައި އިޖުތިހާދު ބެހިގެންވާ ބައިތަކާއި މުޖުތަހިދު ޢިލްމުވެރިން ބެހިގެންވާ މަރުތަބާތައް.
މައިގަނޑު ގޮތެއްގައި ބެހިގެންވާ ބައިތައް:
އިޖުތިހާދު މައިގަޑު ގޮތެއްގައި ބެހިގެންވަނީ ދެބައަކަށެވެ. 1- އިންނެތް އިޖުތިހާދު 2- އިންއޮންނަ އިޖުތިހާދު[11]
1-އިންނެތް އިޖުތިހާދު:
އިމެއްނެތް އިޖުތިހާދަކީ ކޮންމެ ޙާދިސާއެއްގައި އެކަމަކާ ގުޅުން ހުރި ޝަރުޢީ ދަލީލުތަކުން ޙުކުމް އިސްތިންބާޠުކުރުމެވެ. އަދި ޝަރީޢަތުގެ އެންމެހާ ކަންކަމުގައި ފަތުވާ ދިނުމެވެ.[12]
އިމެއްނެތް އިޖުތިހާދު ދެބައަކަށް ބެހިގެންވާކަމަށް ޑަކްޓަރ މުޞްޠަފައް ޒުޙައިލީ ވިދާޅުވެފައިވެއެވެ. އެދެބައަކީ: މުސްތަޤިއްލުކޮށް އިމެއްނެތި އިޖުތިހާދުކުރުމާއި މުސްތަޤިއްލުކަމެއްނެތި އިމެއްނެތް އިޖުތިހާކުރުމެވެ.
1- މުސްތަޤިއްލުކޮށް އިމެއްނެތި އިޖުތިހާދުކުރުން:
މުސްތަޤިއްލުކޮށް އިޖުތިހާދުކުރުމަކީ އަމިއްލަ އުޞޫލުތަކަކާއި ޤަވާޢިދުތަކެއް ބޭނުންކޮށްގެން އިޖުތިހާދުކުރުމެވެ. އޭނާ ބޭނުންވާ ކަންކަން ދެނެގަތުމަށް މަސައްކަތްކުރުމެވެ. އަދި ކުރެވޭ ސުވާލުތަކުގެ ޖަވާބުތައް ހޯދާނެއެވެ. މިފަދަ ޢިލްމުވެރިންގެ ތެރޭގައި އިމާމް ޒައިދާއި މުޙައްމަދުލް ބާޤިރާއި އަބޫޙަނީފާއާއި ޖަޢުފަރުއްޞާދިޤާއި މާލިކުބިން އަނަސްއާއި ޝާފިޢީއާއި އައުޒާޢީއާއި ލައިޘާއި ޘައުރީ ފަދަ ޢިލްމުވެރިން ހިމެނެއެވެ. އަދި އެނޫންވެސް އެތައް ބޭފުޅުންނެއް ހިމެނެއެވެ.
2- މުސްތަޤިއްލުކަމެއްނެތި އިމެއްނެތި އިޖުތިހާދުކުރުން:
އިހުގައި ދެންނެވި ޝަރުޠުތައް ހަމަވުމާއެކުވެސް އެބޭފުޅެއްގެ އިޖުތިހާދުތަކަށް އަމިއްލަ ޤަވާޢިދެއް އެކަށައެޅުއްވުމެއްނެތި، މަޛްހަބެއްގެ އިމާމެއްގެ ޤަވާޢިދު އިޖުތިހާދުކުރުމުގައި ބޭނުންކުރައްވައެވެ. އެފަދަ ބޭފުޅަކީ މުޠަލަޤު އެކަމަކު މަޛްހަބަކަށް ނިސްބަތްވާ ޢިލްމުވެރިއެކެވެ. މިފަދަ ބޭފުޅުންގެ ތެރޭގައި ޝާފިޢީ މަޛުހަބުގެ المزنى އާއި ޙަނަފީ މަޛުހަބުގެ أبو يوسف ފަދަ ބޮޑެތި މަޝްހޫރު ދަންނަބޭކަލުން ހިމެނެއެވެ. މިބޭކަލުންނަކީ އެބޭކަލަކު ނިސްބަތްވެވަޑައިގަންނަވާ މަޛުހަބެއް މުސްތަޤިއްލުވެ، ފުޅާވުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރެއްވި ޢިލްމުވެރިންނެވެ.[13]
2-އިން އޮންނަ އިޖުތިހާދު:
އެއީ ބައެއް މައްސަލަތަކުގައި އިޖުތިހާދުކުރުމުގެ ޤާބިލުކަން ލިބިފައިވުމެވެ. އެއީ އެހެނިހެން ބައެއް މައްސަލަތައް ފިޔަވައެވެ. އިމާމް ޒަރުކަޝީ ވިދާޅުވެފައިވެއެވެ. " އިން އޮންނަ ގޮތަށް އިޖުތިހާދުކުރާ ފަރާތެއް ވަކި ޚާއްޞަ އިމާމެއްގެ މަޛްހަބަކަށް ނުވަދެ އިޖުތިހާދުކުރުމަކީ އެކަށީގެންވާ ކަމެކެވެ."[14]
އިންއޮންނަ އިޖުތިހާދުގެ ޝަރުޠުތައް: އެމައްސަލައަކާ ގުޅުންހުރި ޝަރުޢީ ޙުކުމަތައް އެގުމެވެ. އެހެން މައްސަލަތަކާ ގުޅުންހުރި ޝަރުޢީ ޙުކުމްތައް އެގުމަކީ ލާޒިމުކަމެއްނޫނެވެ.
މުޖުތަހިދުން ބެހިގެންވާ މަރުތަބާތައް:
މައިގަޑު ގޮތެއްގައި އިޖުތިހާދު ބެހިގެންވާ ބައިތަކުގެ އިތުރަށް، އިމާމް މުޙައްމަދު އަބޫޒަހުރާ އިޖުތިހާދުކުރާ ފަރާތްތައް މަރުތަބާތަކަކަށް ބައްސަވާފައިވެއެވެ. އެއީ ހަތަރު މަރުތަބާއެކެވެ.
1- ޝަރުޢުގައި އިޖުތިހާދުކުރައްވާ ފަރާތްތައް:
މިމަރުތަބާގައި ހިމެނެނީ މުސްތަޤިއްލުކަމާއެކު އިމެއްނެތް ގޮތުގައި އިޖުތިހާދުކުރައްވާ ބޭފުޅުންނެވެ. މިބޭފުޅުންނަކީ ފިޤުހުގެ އެންމެ މަތީ ގިންތީގައި ހިމެނިވަޑައިގަންނަވާ ބޭކަލުންނެވެ. އެބޭކަލުން ޙުކުމް ނެރުއްވުމުގައި އެއްވެސް އެހެން ބޭފުޅަކަށް ތަބާވެވަޑައިނުގެން ސުންނަތާއި ޤުރުއާނުން ސީދާ ޙުކުމްނެރުއްވައެވެ.
2- ނިސްބަތްވެވަޑައިގެންވާ ޙާލުގައި އިޖުތިހާދުކުރައްވާ ފަރާތްތައް:
މިބޭފުޅުންނަކީ މުޖުތަހިދު ޢިލްމުވެރިންގެ ދެވަނަ މަރުތަބާއެވެ. މިބޭފުޅުންގެ އިމާމްގެ ރައުޔަ އަޞްލުތަކުގައި ނަންގަވައެވެ. އެބޭކަލުންނަކީ އިމާމުންގެ ދަރިވަރުންނެވެ. އަދި އެކުވެރިންނެވެ. އެހެންނަމަވެސް ފަރުޢީ މައްސަލަތަކުގައި އެބޭކަލުންގެ އިމާމުންނާ ޚިލާފުވެވަޑައިގަންނަވެއެވެ.
3- މަޛުހަބުގައި މުޖުތަހިދުން:
މިއީ ތިންވަނަ ފަންތީގައި ހިމެނިވަޑައިގަންނަވާ ޢިލްމުވެރިންނެވެ. މިބޭފުޅުންނަކީ ފަރުޢީ އަދި އުޞޫލީ މައްސަލަތަކުގައި މަޛުހަބުގެ އިމާމަށް ތަބާވެވަޑައިގަންނަވާ ބޭފުޅުންނެވެ. މިބޭފުޅުން ޙުކުމް ނެރެއްވުމަށް މަސައްކަތްކުރައްވާނީ އިމާމުގެ ކިބައިން ރައުޔައެއް ރިވާވެފައިނުވާ ކަންކަމުގައެވެ.
4- ތަރުޖީޙުކުރައްވާ މުޖުތަހިދެއް:
އިހުގެ އިމާމުން އިޖުތިހާދުނުކުރައްވާ މައްސަލައެއްގައި ނުވަތަ ޙުކުމެއް އިމާމުގެ ކިބައިން ވާރިދުވެފައިނުވާ މައްސަލައެއްގައި ނުވަތަ އިމާމުން އިޖުތިހާދުކުރައްވައި ޙުކުމް ކަނޑައަޅުއްވާފައިވާ މައްސަލައެއްގައިވެސް މިބޭފުޅުން އިޖުތިހާދުކުރައްވައި އަލުން، ނުވަތަ އަލަށް ޙުކުމެއް ނުނެރުއްވާނެއެވެ.[15]'

އިޖުތިހާދު ޝަރުޢުކުރެއްވުމުގެ ދަލީލުތައް:
މިމަބުޙަސުގައި ބަލައިލާނެ ކަންކަން: ޤުރުއާނާއި ސުންނަތުގެ އަލީގައި އިޖުތިހާދު ޝަރުޢުވެގެންވުމުގެ މައްޗަށް ހުރި ދަލީލުތައް.
އިޖުތިހާދުކުރުން ހުއްދަވެގެންވާ ކަމުގެ މައްޗަށް ޝަރުޢީ ގިނަގުނަ ނައްޞުތަކުން ދަލީލުލިބެއެވެ. ޞަރީޙަ ގޮތުގައެވެ. ނުވަތަ އިޝާރާތެއްގެ މަގުންނެވެ.
1-ޤުރުއާނުން:
މާތްﷲ ވަޙީކުރެއްވިއެވެ. إِنَّا أَنْزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَاكَ اللَّهُ وَلا تَكُنْ لِلْخَائِنِينَ خَصِيمًا (١٠٥)ސޫރަތުއް ނިސާ މާނައީ:ހަމަކަށަވަރުން ޙައްޤު ގޮތުގައި، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތް ބާވައިލެއްވީ، ކަލޭގެފާނަށް ﷲ އަންގަވާފައިވާ ގޮތުގެ މަތީން މީސްތަކުންގެ މެދުގައި ޙުކުމްކުރެއްވުމަށެވެ. ޚިޔާނާތްތެރިންގެ ދިފާޢުގައި މަސައްކަތްކުރައްވާ ބޭކަލަކުކަމުގައި ވެވަޑައިނުގަންނަވާށެވެ. ޑަކްޓަރ ވަހުބަތުއް ޒުޙައިލީ ވިދާޅުވެފައިވެއެވެ. "މިއާޔަތުގައި ޤިޔާސުގެ މަގުން އިޖުތިހާދު ކުރުން ހުއްދަވެގެންވާކަމަށް ދަލީލު އެކުލެވިގެންވެއެވެ."[16]
އަދިވެސް މާތްﷲ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الأمْرِ مِنْكُمْ فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الآخِرِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلا (٥٩)ސޫރަތުއް ނިސާ މާނައީ: އޭއީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲއަށާއި ރަސޫލާއަށާއި ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށް ކިޔަމަންވާށެވެ. އަދި ކަމެއްގައި ތިޔަބައިމީހުން ދެބަސްވެއްޖެނަމަ ﷲއަށާއި ރަސޫލާއަށް އެކަން ރައްދުކުރާށެވެ. އެއީ ތިޔަބައިމީހުން މާތްﷲއަށާއި އާޚިރަތްދުވަހަށް އީމާންވާނަމެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި ނިމުމެއްގެ ގޮތުންވެސް ރީތިކަންވެސް ބޮޑުމެއެވެ.
މުޞްތަފައްޒުޙައިލީ މިއާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. ﷲގެ އަމުރުފުޅަށާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅަށް ކިޔަމަންވުމަކީ ޤުރުއާނާއި ސުންނަތުގެ ނައްޞަށް ތަބާވުމެވެ. ދެބަސްވާ ހިނދުގައި މާތްﷲއަށާއި އެކަލާނގެ ރަސޫލާއަށް އެކަމެއް ރައްދުކުރުމަކީ، އެކަމުގައި ސުންނަތާއި ޤުރުއާނުގައި ވާރިދުވެފައިވާ ދަލީލުތައް ހޯދުމެވެ. އަދި އެދަލީލުތަކުގެ އަލީގައި އައު ޙުކުމެއް ނެރުމެވެ.[17]
إِنَّ فى ذَلِكَ لآيَاتٍ لِقَوْمٍ يَتَفَكَّرُونَ (٣)ސޫރަތުއް ރަޢުދު މާނައީ: "ހަމަކަށަވަރުން އެކަމުގައި ވިސްނާ ބައަކަށް ދަލީލުތަކެއް ހުރެއެވެ." މިއާޔަތުން ދޭހަވާ ގޮތުގައި ކަންކަމާވެދު ވިސްނަންޖެހެއެވެ.
މާތްﷲ ވަޙީކުރައްވަނީއެވެ. وَدَاوُدَ وَسُلَيْمَانَ إِذْ يَحْكُمَانِ فِي الْحَرْثِ إِذْ نَفَشَتْ فِيهِ غَنَمُ الْقَوْمِ وَكُنَّا لِحُكْمِهِمْ شَاهِدِينَ (٧٨)فَفَهَّمْنَاهَا سُلَيْمَانَ وَكُلا آتَيْنَا حُكْمًا وَعِلْمًا (٧٩) ސޫރަތުލް އަންބިޔާ މާނައީ: އަދި ދާވޫދުގެފާނާއި ސުލައިމާނުގެފާނު ހަނދާންކުރައްވާށެވެ. ޤައުމުގެ މީހުންގެ ބަކަރިތަކެއް ދަޑަކަށް ވަދެ ރޭގަނޑުގައި ހުއި ހެފި މައްސަލާގައި އެދެބޭކަލުން (ދެގޮތަށް) ޙުކުމްކުރެއްވި ހިނދެވެ. އެދެބޭކަލުން ކުރެއްވި ޙުކުމުގެ މައްޗަށް ތިމަންރަސްކަލާނގެ ހެކިވެވޮޑިގެންވަމެވެ. ފަހެ ތިމަންރަސްކަލާނގެ ސުލައިމާނުގެފާނަށް އެޙުކުމް ވިސްނަވައިދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކަށްމެ ޙިކުމަތާއި ޢިލްމުދެއްވީމެވެ. السمرقندي ވިދާޅުވެފައިވެއެވެ. މިއާޔަތުން އެގެނީ މާތްﷲގެ ވަޙީބަސްފުޅެއް ކަމެއްގައި ނެތް ހިނދެއްގައި އެކަމެއްގައި އިޖުތިހާދުކުރެއްވުމަކީ ނަބީބޭކަލުންގެ އުޞޫލެއްކަމެވެ. [18]
2-ސުންނަތުން:
އިޖުތިހާދުކުރުން ހުއްދަވެގެންވާ ކަމުގެ މައްޗަށް ވަރަށްގިނަ ދަލީލުތައް ސުންނަތުން ވާރިދުވެފައިވެއެވެ. ފިޢުލީ ނުވަތަ ޤައުލީ ދަލީލުތަކެއް ޞަރީޙަކޮށް ނުވަތަ އިޝާރަތުގެ ގޮތުން ވާރިދުވެފައިވެއެވެ.
ރަސޫލުﷲ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްހުރި) ޙަދީސްކުރެއްވިއެވެ. "إذا حكم الحاكم فاجتهد ثم أصاب فله أجران وإذا حكم فاجتهد ثم أخطأ فله أجر"[19] މާނައީ: ޙާކިމާ ޙުކުމެއް ކުރުމަށް އިޖުތިހާދުކޮށް، އެކަމުގައި ރަނގަޅުގޮތަށް ވާޞިލުވެއްޖެނަމަ އޭނާއަށް ދެއަޖުރު ހުއްޓެވެ. އަދި ޙުކުމްކުރުމަށް އިޖުތިހާދުކޮށް އެކަމުގައި ކުށްކުރެވުނު ނަމަ، އޭނާއަށް އެއްދަރުމަ ހުއްޓެވެ. އަދި މިޙަދީސަކީ އިޖުތިހާދު ހުއްދަވެގެންވާކަމަށް އިމާމް ޝާފިޢީގެފާނު ދަލީލު ޤާއިމުކުރައްވާ ޙަދީސެކެވެ. ޞަޙީޙު މުސްލިމުގެ ޝަރަޙައިގައި އިމާމް ނަވަވީ ވިދާޅުވެފައިވެއެވެ. ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. މިޙަދީސްގައި މިވަނީ ޙުކުމްއެކަށައަޅާ ޢިލްމުވެރިޔާގެ ވާހަކަ ކަމަށް މުސްލިމުން އިޖުމާޢުވެފައިވެއެވެ.[20]
ރަސޫލުﷲ މުޢާޛުގެފާނު ޔަމަނަށް ފޮނުއްވަމުން އެކަލޭގެފާނަށް ޙަދީސްކުރެއްވިއެވެ. كيف تصنع إن عرض لك القضاء؟ މާނައީ: ތިބާއަށް މައްސަލައެއް ނިންމަން ހުށަހެޅިއްޖެނަމަ ކަންތައް ކުރާނީ ކިހިނެއްހެއްޔެވެ؟ އެހިނދު މުޢާޛުގެފާނު ވިދާޅުވިއެވެ. أقضى بكتاب الله މާނައީ: ތިމަންކަލޭގެފާނު އެކަމެއްނިންމަވާނީ ﷲގެ ފޮތުންނެވެ. ދެން ރަސުލުﷲ ޙަދީސްކުރެއްވިއެވެ. فإن لم يكن فى كتاب الله؟ މާނައީ؛ ﷲގެ ފޮތުގައި އެޙުކުމް ނެތްނަމަ ހަނދާނީ ކިހިނެއްހެއްޔެވެ؟ މުޢާޛުގެފާނު ވިދާޅުވިއެވެ. فبسنة رسول الله މާނައީ: އެހެންކަމަށްވާނަމަ ﷲގެ ރަސޫލާގެ ސުންނަތުންނެވެ. ރަސޫލުﷲ ޙަދީސްކުރެއްވިއެވެ. "فإن لم يكن فى سنة رسول الله؟" މާނައީ: ﷲގެ ރަސޫލާގެ ސުންނަތުގައި ނެތްނަމަ ކަންކުރައްވާނި ކިހިނަކުންހެއްޔެވެ؟ މުޢާޛުގެފާނު ވިދާޅުވިއެވެ.أجتهد فى رأيي ولاالو މާނައީ: އަޅުގަނޑުގެ ރައުޔައަށް އިޖުތިހާދުކުރާނީއެވެ. އަދި އަޅުގަނޑު ފަރުވާކުޑަ ނުކުރާނަމެވެ. މުޢާޛުގެފާނުގެ މޭމަތީގައި ޖައްސަވާފައި ރަސޫލުﷲ ޙަދީސްކުރެއްވީއެވެ. "الحمد لله الذى وفق رسول رسول الله لما يرضى الله و رسوله" މާނައީ: ރަސޫލުﷲގެ ރަސޫލާއަށް މާތްﷲއާއި އެކަލާނގެ ރަސޫލާ ރުހިވޮޑިގަންނަވާނެ ގޮތަށް ތައުފީޤު ދެއްވިކަންމައްޗަށް ﷲއަށް ޙަމްދުހުއްޓެވެ.[21]
ރަސޫލާކުރެވި އިޖތިހާދު:
ރަސޫލުﷲ އެކަލޭގެފާނުގެ ޒަމާނުގައި ވަޙީ ބަސްފުޅު ވާރިދުވެފައިނުވާ ކަންކަމުގައި އިޖުތިހާދުކުރެއްވިތޯ ނުވަތަ ނުކުރައްވާތޯ ކުރެވޭ ސުވާލަށް ޖަވާބު ދެއްވުމުގައި ދަންނަބޭކަލުންގެ މެދުގައި ޚިޔާލުތަފާތުވުންއެބަހުއްޓެވެ. އިމާމް އަޙުމަދާއި އިމާމް އަބޫޔޫސުފު ދެކެވަޑައިގަންނަވާ ގޮތުގައި ކީރިތި ރަސޫލާ އެފަދައިން އިޖުތިހާދުކުރެއްވިއެވެ. ޞަރީޙަނޫން ގޮތެއްގައި އިމާމްޝާފިޢީވެސް އެކަންހުއްދަކަމުގައި ރިސާލާގައި ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އަބޫޢަލިއްޔުލް ޖިއްބާއީ އެކަމާ ދެކޮޅު ހައްދަވައެވެ. އަދި އިމާމް އާމިދިއްޔު ބޮޑަށް ތާއީދުކުރައްވަނީ ޝަރުޢީ ޙުކުމްތަކާ މެދު އެކަލޭގެފާނު އިޖުތިހާދު ނުކުރައްވާކަމަށެވެ.[22]
އިޖުތިހާދުކުރެއްވި ކަމުގެ ދަލީލުތައް:
މާތްﷲ ވަޙީކުރެއްވިއެވެ. مَا كَانَ لِنَبِيٍّ أَنْ يَكُونَ لَهُ أَسْرَى حَتَّى يُثْخِنَ فِي الأرْضِ (٦٧) ސޫރަތުލް އަންފާލު މާނައީ: ނަބިއްޔާއަށް އަސީރުންތަކެއް ވުން ހުއްދަވެގެންނުވެއެވެ. މިއާޔަތް ބާވައިލެއްވުމުން ކީރިތި ރަސޫލާ ޙަދީސްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. "އުޑުން ބިމަށް ކޯފާއެއް ފޮނުއްވިނަމަ ޢުމަރުގެފާނު ފިޔަވައި އެކަކުވެސް ސަލާމަތް ނުވީހެވެ." މިކަމުން އެގިގެންދަނީ އެކަލޭގެފާނު ބަދުރުގެ އަސީރުންނާ މެދު ނިންމެވި ނިންމެވުމަކީ މާތްﷲގެ ވަޙީގެ ދަށުން ނިންމެވި ނިންމެވުމެއް ނޫންކަމެވެ.
އަދި ޝަޢުބިއްޔު ރިވާކުރައްވާފައިވެއެވެ. ބައެއްކަންކަމުގައި ރަސޫލާ ގޮތްތަކެއް ނިންމެވުމަށްފަހުގައި އެކަލޭގެފާނު އެގޮތްތަކުން ރުޖޫޢަވެވަޑައިގަންނަވައެވެ. އެއީ އެކަމުގައި ވަޙީ އެހެންގޮތަކަށް އައުމުންނެވެ. އިމާމް އާމަދިއްޔު މިޙަދީސާ މެދުގައި އިޙުކާމުގައި ވިދާޅުވެފައިވެއެވެ. މިޙަދީސަކީ މުރުސަލު ޙަދީސެކެވެ. އަދި މުރުސަލު ރިވާޔަތަކުން ޙުއްޖަތް ޤާއިމު ނުކުރެވޭނެއެވެ.
ރަސޫލުﷲ ޝަރުޢީ ޙުކުމްތައް ނެރުއްވުމުގައި އިޖުތިހާދުނުކުރައްވާކަން ސާބިތުކުރައްވަމުން އިމާމްއާމިދިއްޔު ވިދާޅުވެފައިވެއެވެ. ކީރިތި ރަސޫލާ އެތަށް ކަމެއްގައި މާތްﷲގެ ވަޙީ ބަސްފުޅުގެ އިންތިޒާރުގައި މަޑުކުރެއްވިއެވެ.[23]މިރައުޔައަށް ރައްދުދެއްވަމުން އިމާމުލް ޙަރަމައިން ޖުވައިނީ ވިދާޅުވެފައިވެއެވެ. ކީރިތި ރަސޫލާ އެފަދައިން މަޑުކުރެއްވީ އިޖުތިހާދުކުރެއްވުން ހުއްދަވެގެންނުވާ ކަންކަމުގައެވެ. އެއީ އެކަލޭގެފާނަށް ކޮންމެހެންވެސް ޙުކުމެއް އެންގެވުމަށް ވަޙީބޭނުންވާ ފަދަ ކަންކަމުގައެވެ.[24]

3-ބުއްދިން:
ﷲ ސުބުޙާނަހޫ ވަތަޢާލާ ކޮންމެ ކައުނުގައިވާ ކޮންމެ ކަމެއްގައިވެސް ޝަރުޢީ ޙުކުމެއް ކަނޑައެޅުއްވިއެވެ. އެއާއެކު ޤުރުއާނާއި ސުންނަތަކީ އިންވެފައިވާ ނައްޞުތަކެކެވެ. އަދި ކައުނުގައި ހިނގާކަންކަމަކީ އޭގެ އިން ކަނޑައެޅިފައިވާ، ވަކިޢަދަދަކަށް ހުރިކަންކަމެއްނޫނެވެ. އެހެންކަމުން އިންކަނޑައެޅިފައިވާ އެއްޗެހި އިންކަނޑަނޭޅި ހުރި ތަކެތި ވަށައިގެން ހުންނާނެވެ. އެހެންކަމުން އައުކަންކަމުގައި އިޖުތިހާދުކޮށް ޙުކުމްތައް ނެރުމަކީ ބިއްދީގެ ގޮތުން ބަލާއިރު ކޮންމެހެން މުހިއްމުކަމެކެވެ.[25]






އިޖުތިހާދުކުރާ މީހާގެ ޝަރުޠުތައް:
މިމަބުޙަސުގައި ބަލައިލާނެ ކަންކަން: މައިގަޑު ޝަރުޠުތަކާއި ބައެއް ޢިލްމުވެރިންގެ އަރިހުން ވާރިދުވެފައިވާ ޚާއްޞަ ޝަރުޠުތަކަށެވެ.
އިމާމް ޝާޠިބީ ވިދާޅުވެފައިވެއެވެ. އިޖުތިހާދުގެ ދަރަޖަ ލިބިގަނެވޭނީ ދެޞިފައެއް ލިބިގަނެވިގެނެވެ. 1- ފުރިހަމައަށް ޝަރީޢަތުގެ މަޤުޞަދުތައް ދެނެގަނެވިގެނެވެ. 2-އަދި ޙުކުމްތައް އޭނާއަށް ފަހުމުވާ ގޮތެއްގެ މައްޗަށް ބިނާކޮށް އިސްތިންބާޠުކުރުމުގެ ބާރުލިބިފައިވެގެނެވެ.[26]
ޤާޟީ ބައިޟާވީ ވިދާޅުވިއެވެ. މުޖުތަހިދުގެ ކިބައިގައި ދެޝަރުޠެއް ހަމަވާން ޖެހޭނެކަމަށް ވިދާޅުވެއެވެ. އެއީ: 1- މާތްﷲއަށާއު އެކަލާނގެ ރަސޫލައަށް އީމާންވެގެންވާ މުކައްލަފެއްކަމުގައިވުމެވެ. 2- ޝަރުޢީ ޙުކުމްތަކުގެ އިންތައް ދަންނަ އެގޭ މީހެއްކަމުގައިވުމެވެ.[27]
ޝައިޚު އިބްނުލް ޢުޘައިމީން 5 ޝަރުޠެއް ބަޔާންކުރެއްވިއެވެ. 1- އިޖުތިހާދުކުރުމަށް ބޭނުންވާ މިންވަރަށް ޝަރުޢީ މަޞްދަރުތަކުގެ ދަލީލުތައް އެގުމެވެ. 2- ޙަދީސްތަކުގެ ޞައްޙަކަމާއި ޟަޢީފުކަން އެގެންޖެހުމެވެ. އިސްނާދާއި ޙަދީސްގެ ރިޖާލުން[28] ރަނގަޅަށް އެގުމެވެ. 3- ނާސިޚާއި މަންސޫޚާއި އިޖުމާޢުގެ ޙާލަތްތައް ރަނގަޅަށް އެގުމެވެ. 4- ދަލީލުތަކުގައި ހުންނަ ޤައިދުތަކާއި އެ ޤައިދުތަކުގެ ނަތީޖާ އެގުންވަރަށް މުހިންމެވެ. 5- ލަފުޒުތަކުގެ މުރާދުތަކާއި ގުޅުން ހުރި މިންވަރަށް ޢަރަބި ބަހާއި އުޞޫލުލް ފިޤުހުގެ ޢިލްމު އެގުމެވެ.[29]
އިސްވެދިޔަ ޝަރުޠުތައް ފުރިހަމަވުމަށްޓަކައި އަންނަނިވި ޢިލްމުތައް އެގުން ޝަރުޠުވެގެންވެއެވެ. މުޞްޠަފައް ޒުޙައިލީ ވިދާޅުވެފައިވެއެވެ. އަންނަނިވި ކަންކަން ހަމަނުވަނީސް އޭނާއަށް އިޖުތިހާދުކުރުން ހުއްދަވެގެންނުވެއެވެ. އޭނާގެ މަސައްކަތެއް ސަވާބު ލިބޭނީ އޭނާގެ ޢަމަލަށެވެ. އަދި އޭނާގެ ބަހަށް ތަބާވުން ހުއްދަވާނެއެވެ. ނުވަތަ އޭނާއަށް ތަޤުލީދުކުރުން ހުއްދަވާނެއެވެ.[30]
މައިގަނޑު ޝަރުޠުތައް:
1-ޢަރަބި ބަސްއެގުން:
އިމާމް މުޙައްމަދު އަބޫޒަހުރާ ވިދާޅުވެފައިވެއެވެ. "އުޞޫލުލް ފިޤުހުގެ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާ ގޮތުގައި ޢަރަބި ބަހުގެ ޢިލްމު ރަނގަޅަށް އެގުން މުހިއްމެވެ. އެހެނީ އިސްލާމްދީނުގެ އަސާސީ އަޞްލުކަމުގައިވާ ކީރިތި ޤުރުއާނާއި އެޤުރުއާނު ތަފްޞީލު ސުންނަތްވަނީ އެބަހުންނެވެ."[31] އިމާމް ޣަޒާލީ ވިދާޅުވެފައިވެއެވެ. ޢަރަބީންގެ ވާހަކަތައް ދެނެގަނެވޭ މިންވަރަށް ޢަރަބި ބަސް އެގެން ޖެހެއެވެ. ބޭނުންކުރުމުގައި ޢަރަބީންގެ އާދަތައް ދެނެގަތުން މުހިންމެވެ. އެބަހުގެ ޙަޤީޤަތްތަކައި މަޖާޒުތަކާއި މުޙުކަމު ބަސްތަކައި މުތަޝާބަހު ލަފްޒުތައް އެގެން ޖެހޭނެއެވެ. މިފެންވަރަށް އާދެވޭނެ ބަހުގެ ގޮތުން މުޖުތަހިދު ޢިލްމުވެރިންނެވެ.[32] އަލްއާމިދިއްޔު ވިދާޅުވެފައިވެއެވެ. ބަހުގައި އަޞްޢަމިއްޔު ފަދައިން ނުވަތަ ނަޙޫގެ ޢިލްމުގައި ސީބަވައިހިއާއި ޚަލީލުފަދައިން ވުމަކީ ކޮންމެހެން މުހިއްމު މަޖުބޫރުކަމެއް ނޫނެވެ. އެހެންނަމަވެސް ޢަރަބިން ބަސްތައް ބޭނުންކުރާ ގޮތާއި އެބަހުން ލިބޭ މުރާދު ފަހުމްވާ މިންވަރަށް ޢަރަބި ބަސްއެގުމަކީ ކޮންމެހެން ބޭނުންކަމެކެވެ. އެހެނީ ޢަރަބި ބަހުގެ އެހިސާބު ނޭނެގޭނަމަ، އެކަންވާނީ ޙުކުމްތައް ދެނެގަތުމަށް ދަތިކުރުވާ ކަމެއްކަމުގައެވެ.[33] ޑަކްޓަރ ވަހަބަތުއް ޒުޙައިލީ ވިދާޅުވެފައިވެއެވެ. ޢަރަބި ބަހުގެ ޚާއްޞިއްޔަތުތަކާއި އެކުލެވުންތަކާއި ލަފްޒުތައް ދަލީލުކުރާ ކަންކަން ރަނގަޅަށް އެގުމަކީ ކޮންމެ މުޖުތަހިދަކަށް ބޭނުންވެގެންވާ ކަމެކެވެ. އަދި ބައެއް ޢިލްމުވެރިން ބަސް އެގުމަކީ މުޖުތަހިދެއްގެ އެންމެ މުހިއްމު ޝަރުޠުކަމަށް ދެކެވަޑައިގެން އެންމެ ފުރަތަމަ ޝަރުޠުގެ ގޮތުގައި ލިޔުއްވާފައިވެއެވެ.[34]
2-ޤުރުއާނުގެ ޢިލްމު ރަނގަޅަށް އެގުން:
އިމާމް މުޙައްމަދު އަބޫޒަހުރާ ވިދާޅުވެފައިވެއެވެ. މިޝަރުޠަކީ އިމާމް ޝާފިޢީ އެކަލޭގެފާނުގެ ރިސާލާ ނަމަކަށް ކިޔުނު ފޮތުގައި ބަޔާންކުރައްވާފައިވާ ޝަރުޠެކެވެ. އެހެނީ ކީރިތި ޤުރުއާނަކީ އިސްލާމީ ޝަރީޢަތުގެ އެންމެ މުހިއްމު ތަނބެވެ. އެހެންނަމަވެސް ޤުރުއާނުގެ ޢިލްމަކީ ތަނަވަސްވެގެންވާ ޢިލްމެކެވެ. އެޢިލްމު ފުރިހަމައަށް ލިބިއްޖެ މީހެއްގެ ކިބައިގައި މުޅި ދީން ޖަމާވެފައިވާ ފަދައެވެ. އެޢިލްމަކީ އާޔަތްތަކުގެ ތެރެއިން ޚާއްޞައާޔަތްތަކާއި ޢާންމު އާޔްތަތައް ދެނެގަތުމުގެ ޢިލްމެވެ. އަދި މުޅި ޤުރުއާނު ހިތުދަސްވުން ޝަރުތުކުރައްވާކަމަށް ރިވާވެގެންވެއެވެ.[35] އިމާމް ޣަޒާލީ ޤުރުއާންއެގެން ޖެހޭ ޖެހުމުގެ މިންވަރު ބަޔާންކުރައްވަމުން ވިދާޅުވެފައިވެއެވެ. ޤުރުއާނުގައި ހުރި ޙުކުމްތަކާ ގުޅުންހުރި އާޔަތްތައް އެގެންޖެހޭނެއެވެ. އަދި އެއާޔަތްތަކުގެ ޢަދަދަކީ 500 އާޔަތްތަކެވެ. މުޖުތަހިދެއްގެ ކިބައިން މުޅި ޤުރުއާނު ހިތުދަސްވުން މުހިއްމެއްނޫނެވެ. އެހެންނަމަވެސް އެގެންޖެހޭނީ ބޭނުންޖެހިފައިވާ އާޔަތް އޮންނަ ތަން އެގުމެވެ. އަދި މުޅި ޤުރުއާނު އެކީ ހިތުދަސްކުރުން މަޖުބޫރެއްނޫނެވެ. އެހެންނަމަވެސް ޤުރުއާނުގެ އާޔަތްތައް ފަހުމްވުން މަޖުބޫރެވެ.[36]
ޑަކްޓަރ ވަހުބަތުއް ޒުޙައިލީ ދެކެވަޑައިގަންނަވާ ގޮތުގައި، ދެގޮތަކަށް ޤުރުއާނުގެ ދަލީލުތައް އެގެން ޖެހެއެވެ. 1- ބަހުގެ ގޮތުން އާޔަތްތަކުގެ މާނަ 2- އެއާޔަތްތަކުގެ ޝަރުޢީ މާނައެގުން.
1- ބަހުގެ ގޮތުން އާޔަތްތަކުގެ މާނައެގުން: މާނަ ދޭހަވުމުގައި ޚާއްޞަ ލަފްޒުތަކާއި ޢާންމު ލަފްޒުތައް އެގިގަތުމެވެ. މިޢިލްމު ލިބެނީ ޢަރަބިންގެ މެދުގައި ބޮޑުވުމުގެ ސަބަބުން އެބަސްތައް އެގުމުންނެވެ. ނުވަތަ ޢަރަބި ބަހުގެ އެކި ޢިލްމުތައް ދަސްކޮށްގެން މިހިސާބަށް ވާޞިލުވެވިދާނެއެވެ.
2- އެއާޔަތްތަކުގެ ޝަރުޢީ މާނައެގުން: މިއާޔަތްތަކުގެ ތެރެއިން ޙުކުމްތަކަށް އަސަރުކުރުވާނެ ސަބަބުތަކާއި މާނަތައް ދެނެގަތުމާއި އަދި ނިންމިމުގެ ގޮތުން ނުވަތަ ޢިބާރާތުގެ ގޮތުން ޙުކުމަކަށް ދަލީލުކުރާކަން ދެނެގަތުމެވެ. އަދި ލަފްޒުތައް ބެހިގެންވާ ބައިތައް އެގުމެވެ.[37]
3-ސުންނަތުން މައްސަލައިގެ ޙުކުމްދެނެގަތުމަށް ބޭނުންވާ މިންވަރު އެގުން:
އިމާމް ޣަޒާލީ ވިދާޅުވެފައިވެއެވެ. ޙުކުމްތަކާ ގުޅުންހުރި ޙަދީސްތަށް ކޮންމެހެންވެސް އެގެންޖެހޭނެއެވެ. ހާހަކަށްވުރެ ގިނަ ޙަދީސް ހުއްޓަސް އެޙަދީސްތައް ހުންނަނީ އިމެއްގެ ތެރޭގައެވެ. އެހެންނަމަވެސް އެހެނިހެން ޙުކުމްތަކާ އަދަބުތަކާ ގުޅުންހުރި ޙަދީސްތައް އެގޭކަށް ނުޖެހޭނެއެވެ. އަދި އެހުރިހާ ޙަދީސްތަކެއް ހިތުން ދަސްރުން މަޖުބޫރެއްނޫނެވެ. އެހެންނަމަވެސް ބޭނުންޖެހިއްޖެނަމަ އެޙަދީސްތަކަށް ރުޖޫޢަވެދާނެއެވެ.[38] ބައެއް މައްސަލަތަކުގައި ވަކިން އިޖުތިހާދުކުރާނަމަ، އެފަދަ މައްސަލަތަކާ ގުޅުންހުރި ހުރިހާ ޙަދީސެއް އެގެން ޖެހޭނެކަމަށް އަލްއިމާމުލް އާމިދިއްޔު ވިދާޅުވެއެވެ. އަދި ޙަދީސްތަކުގެ ނާސިޚާއި މަންސޫޚު އެގެންޖެހޭނެއެވެ.[39] އިމާމް އިބުނުޢަރަބީ އެފަދަ ޙަދީސްތަކުގެ ޢަދަދަކީ ތިންހާސް ޙަދީސްކަމުގައި ވިދާޅުވިއެވެ. އަދި އަޙްމަދު ބިން ޙަންބަލުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާގެ ކިބައިން އައިސްފައިވާ ޙުކުމްތަކާބެހޭ ޙަދީސްތައް ޖުމްލަ 1ލައްކަ އެއްހާސް ޙަދީސްކަމުގައިވެއެވެ. އެހެންނަމަވެސް މިފަދައިން އިންކުރެވިފައިވާ ވުމަކީ އެންމެ އެކަށިގެންވާ ކަމެއްނޫންކމަގައި ޑަކްޓަރ ވަހުބަތުއް ޒުޙައްލީ ވިދާޅުވެފައިވެއެވެ. އަދި އިރުޝާދުލް ފުޙޫލުގައި އިމާމް ޝައުކާނީ ވިދާޅުވެފައިވެއެވެ. ހަފޮތް ފަދަ މަޝްހޫރު ބޮޑެތި ޙަދީސްފޮތްތައް އެގުމަކީ ކޮންމެ މުޖުތަހިދަކާމެދުވެސް ލާޒިމްކަމެކެވެ. އެއީ ޞަޙީޙުތަކާއި ސުނަނާއި މުސްނަދުތަކާއި މުސްތަޚުރަޖާތުތަކާއި މުސްތަދުރަކާތުތައް ފަދަ އަސާސީ ފޮތްތަކެވެ.[40] އަދި އިބުނުއްސުބުކީ ވިދާޅުވެފައިވެއެވެ. ޙަދީސް ހިތު ދަސްކުރަން ޖެހިފައި ނުވުމުގެ އިތުރަށް ޙުކުމްތަކާ ގުޅުން ހުރިހާ ޙަދީސެއް އެގުންވެސް ޝަރުޠުކުރެވިގެންނުވާނެއެވެ.[41]
4-އިޖުމާޢުވެފައިވާ ޙާލަތްތައް އެގުން:
ޑަކްޓަރ މުޞްޠަފައްޒުޙައިލީ ވިދާޅުވެފައިވެއެވެ. އިޖުތިހާދުކުރުން ފެށިފައިވަނީ، އިޖުމާޢު[42]ގެ ކުރިން އެންމެ ފުރަތަމަ ޖީލުގައެވެ. އެހެންކަމުން އެއިރުގެ މުޖުތަހަދު ޢިލްމުވެރިން ކަމަށް އެއްބަސްވެ އިއްތިފާޤުވެވަޑައިގެންފިނަމަ އެކަމެއް އިޖުމާޢެއްކަމުގައި ހިމެނިގެން ހިގައިދާނެއެވެ. އަދި އެފަދައިން އިޖުމާޢުވެވިއްޖެ ކޮންމެ މައްސަލައެއް ޤަޠުޢީ ޙުކުމެއް ލިބިފައިވާ މައްސަލައެއްކަމުގައި ހަމަޖެހިގެންދެއެވެ.[43] މިމައްސަލާގައި ޑަކްޓަރ ވަހުބަތުއް ޒުޙައިލީ ވިދާޅުވެފައިވެއެވެ. މުޖުތަހިދު ޢިލްމުވެރިއަކު ފަތުވާދޭއިރު އޭނާދޭ ފަތުވާއަކީ އެއްވެސް ޙާލެއްގައި ކުރީގައި އިސްވެދިޔަ މުޖުތަހިދު ޢިލްމުވެރިން އިޖުމާޢުވެވަޑައިގެންފައިވާ މައްސަލައެއްކަމުގައި ހިމެނިގެންނުވާނެއެވެ. އެކަން އޭނާއަށް އޮޅުން ފިލައިފައި އޮތުން ވަރަށް މުހިއްމެވެ.[44] އިމާމް ޣަޒާލީ އިޖުމާޢުގެ ޙާލަތްތައް އެގުމުގެ މުހިއްމުކަން ބަޔާންކުރައްވަމުން ވިދާޅުވެފައިވަނީ ކޮންމެ މުޖުތަހިދަކަށްވެސް އެންމެ ކުޑަމިނުން އޭނާ އިޖުތިހާދުކުރިން މައްސަލައިގައި އިސްވެދިޔަ ޢިލްމުވެރިންތަކެއް އިޖުމާޢުވެފައި ނެތްކަން އެގެން ޖެހޭނެއެވެ. ސަބަބަކީ ކުރިން ޢިލްމުވެރިން އިޖުމާޢުވެފައިވާނަމަ، އެމައްސަލައަކީ އިޖުތިހާދީ މައްސަލައެއްނޫނެވެ.
ބައެއްޢިލްމުވެރިންކުރައްވާފައިވާ ޝަރުޠުތައް:
ޢަބްދުﷲބިން މުބާރިކުގެ އަރިހުގައި އިޖުތިހާދުގެ ޝަރުޠުތައް:
ޢަލީބިން ޝަޤީޤު ވިދާޅުވިއެވެ. ޢަބުދުﷲ ބިން މުބާރިކަށް ދެންނެވުނެވެ. މީހަކު ފަތުވާދޭނީ ކޮން އިރަކުން ހެއްޔެވެ؟ ޢަބްދުﷲބިން މުބާރިކުވިދާޅުވިއެވެ. إذا كان عالما بالأثر بصيرا بالرأي މާނައީ: އެމީހަކަށް ޙަދީސްތަކާއި އަސަރުތައް އެގޭ، ބުއްދީގެ ދަލީލުތައް އެގޭ މީހަކަށްވުމުންނެވެ.[45]
އިމާމް ޝާފިޢީގެފާނުގެ ޝަރުޠުތައް:
އެއްވެސް މީހަކު އެމީހެއްގެ ކިބާގައި ފޮތުގެ ޢިލްމު ޖަމާވެއްޖައުމަށް ދާންދެން ފަތުވާދިނުން ހުއްދަވެގެންނުވެއެވެ. އެފޮތުގައިވާ ޚާއްޞަކަންކަމާއި މަންސޫޚާއި ޢާންމު ޙުކުމްތަކާއި އަދަބިއްޔާތު ދެނެގަތުން ހުއްޓެވެ. އަދި ރަސޫލާގެ ސުންނަތާއި އެކި ޒަމާނުގެ ޢިލްމުވެރިންގެ ބަސްފުޅުތައް އެގެންޖެހޭނެއެވެ.[46]
އިމާމް އަޙްމަދު ބިން ޙަންބަލުގެ ޝަރުޠުތައް:
އިމާމްއަޙްމަދުގެ އަރިހުން އެކަލޭގެފާނުގެ ދަރިކަލުން ރިވާކުރެއްވިއެވެ. މީހަކު އެމީހެއްގެ ނަފްސުގެ މައްޗަށް ފަތުވަދިނުން ލާޒިމުކޮށްފިނަމަ، ޤުރުއާނުގެ ޢިލްމުތައް ދަންނަ، ޞައްޙަ ސަނަދުތައް އެގޭ، ސުންނަތްތައް ދަންނަ މީހެއްކަމުގައިވުން ލާޒިމުވެގެންވެއެވެ. އަދިވެސް އިމާމް އަޙުމަދުގެ ކިބައިން ރިވާވެގެންވއެވެ. ސުންނަތާއި ޤުރުއާން ނުދަންނަ މީހަކަށް ފަތުވާ ދިނުން ހުއްދަވެގެންނުވެއެވެ.[47]
އިމާމުލް އާމަދިއްޔުގެ އަރިހުގައިވާ ޝަރުޠުތައް:
ﷲސުބުޙާނަހޫއަށް ވާޖިބުވެގެންވާ ޞިފަފުޅުތަކާއި އެކަލާނގެ ޒާތުފުޅަށް މުސްތަޙީލުވެގެންވާ ޞިފަފުޅުތައް އެގެންވާނެއެވެ. އަދި ރަސޫލާ ގެންނެވި އެންމެހާ ކަންކަމެއް އިޖުމާލީކޮށް އަދި ތަފްޞީލީކޮށް ޤަބޫލުކުރަން ޖެހޭނެއެވެ. ހަމައެފަދައިން ޝަރުޢީ ޙުކުމްތައް އެގެން ޖެހޭނެއެވެ. އެޙުކުމްތައް ޘާބިތުކުރާ ގޮތްތަކާއި، ޙުކުމް ނެރޭނެ ގޮތްތަކާއި އަދި އެޙުކުމްތަކުގެ މަރުތަބުތައް ތަފާތުވެފައިވުމާއި އެޙުކުމަތައް ބައިބައަށް ބެހިގެންދާ ގޮތްތައް ކޮންމެހެންވެސް އެގެން ޖެހޭނެއެވެ. [48]
ޔަޙުޔާބިން އަކުޘަމްގެ އަރިހުގައިވާ ޝަރުޠުތައް:
قيل ليحيى بن أكثم: متى يجب على الرجل أن يفتي قال: إذا كان بصيرا بالأثر و بصيرا بالرأي ޔަޙުޔާ ބިން އަކުޘަމަށް ބުނެވުނެވެ. މީހާގެ މައްޗަށް ފަތުވާދިނުން ވާޖިބުވާނީ ކޮންއިރަކުން ހެއްޔެވެ؟ އެހިނދު ޔަޙުޔާ ވިދާޅުވިއެވެ. ދަލީލުތައް ރަނގަޅަށް އެގި، ބުއްދިން ދަލީލުކުރަން ދަންނަނަމައެވެ.[49]
ޚުލާޞާ:
އިޖުތިހާދުކުރުމަކީ އިސްލާމީ ޝަރީޢަތުގެ މައިގަނޑު މަޞްދަރުތަކުން ފަރުޢީ މައްސަލަތަކުގެ ތެރެއިން އިޖުތިހާދުކުރުން ހުއްދަވެގެންވާ މައްސަލައެއްގައި ޙުކުމެއް ނެރުމަށް، އެކަމަށް ކުފޫހަމަވެގެންވާ ޢިލްމުވެރިއަކު ކުރައްވާ މަސައްކަތެވެ. މިފަދަ ޢިލްމުވެރިޔަކު ކުފޫހަމަވެފައިވާ ޢިލްމުވެރިޔަކީ ދީނުގެ ތަފްޞީލީ ޙުކުމްތައް ދީނުގެ މައިދެމަޞްދަރުން ނެރުމަށް ބޭނުންވާ އަސާސީ ޢިލްމުތައް ލިބިފައިވާ މީހެއްކަމުގައި ވާނެޖެހޭނެއެވެ. އަދި މުޖުތަހިދު ފެންވަރުގެ ޢިލްމުވެރިން އެތަށް ބަޔަކަށް ބެހިގެންދެއެވެ. އެގޮތުން އަމިއްލަ އުޞޫލުތަކަށް ތަބާވެވަޑައިގެން އިޖުތިހާދުކުރައްވާ ބޭފުޅުންނަކީ މުޖުތަހިދު ޢިލްމުވެރިންގެ އެންމެ މަތީ ދަރަޖައެވެ.
مراجع:
كتاب الأم ލިޔުއްވީ: އިމާމް މުޙައްމަދު އިދުރީސުއް ޝާފިޢީ ޗާޕްކުރީ:دار الوفاء ފުރަތަމަ ޗާޕު (2001)
أصول الفقه ލިޔުއްވީ:އިމާމު މުޙައްމަދު އަބޫޒަހުރާ ޗާޕުކުރީ:ދާރުލް ފިކުރުލް ޢަރަބީ ފުރަތަމަ ޗާޕް (1958)
الإحكام فى أصول الأحكام ލިޔުއްވީ: ސައިފުއްދީނުލް އާމިދިއްޔު ޗާޕުކުރީ:ދާރުލް ފިކުރު ފުރަތަމަ ޗާޕި (1997)
المستصفى ލިޔުއްވީ: އިމާމް ޣަޒާލ ޗާޕްކުރީ: ދާރުލް އަރުޤަމް ފުރަތަމަ ޗާޕު (1997)
كتاب التلخيص ލިޔުއްވީ: އިމާމުލްޙަރަމައިނި ޖުވައިނީ ޗާޕުކުރީ: ދާރުއްނަޝްރިލް އިސްލާމީ ފުރަތަމަ ޗާޕް (1996)
ميزان الأصول فى نتائج العقول ލިޔުއްވީ: ޢަލާއުއްދީނުއް ސަމަރުޤަންދީ ޗާޕުކުރީ: އިޙުޔާއުއް ތުރާޘިލް އިސްލާމީ ފުރަތަމަ ޗާޕް (1984)
أصول الفقه الإسلامي ލިޔުއްވީ: މުޙައްމަދު ނަބީލް ސަޢުދުއް ޝާޛުލީ ޗާޕްކުރީ: ދާރުއްނަހްޟަތިލް ޢަރަބިއްޔާ ފުރަތަމަ ޗާޕް (2002)
أليات الإجتهاد ލިޔުއްވީ: ޑަކްޓަރ ޢަލީޖުމުޢާ ޗާޕްކުރީ: ދާރުއް ރިސާލާ ފުރަތަމަ ޗާޕް (2004)
أصول الفقه الإسلامي ލިޔުއްވީ: ޑަކްޓަރ ވަހުބަތުއް ޒުޙައިލީ ޗަޕްކުރީ:ދާރުލްފިކުރި 14ވަނަ ޗާޕު (2006)
الوجيز فى أصول الفقه ލިޔުއްވީ: ޑަކްޓަރ މުޞްތަފައް ޒުޙައިލީ ޗަޕްކުރީ: ދާރުލް ޚައިރު ދެވަނަ ޗާޕު (2006)
الأصول من علم الأصول ލިޔުއްވީ: محمد بن صالح بن محمد العثيمين (المتوفى : 1421هـ) ޗާޕްކުރީ: ދާރުލް ޖައުޒީ ފުރަތަމަ ޗާޕް (1426ހ)
الموافقات ލިޔުއްވީ: އަބޫއިސްޙާޤުއް ޝާޠިބިއްޔު ޗާޕުކުރީ:ދާރުއިބުނު ޢައްފާން ފުރަތަމަ ޗާޕް (1997)
فواتح الرحموت فى شرح مسلم الثبوت ލިޔުއްވީ:މުޙުއްބުﷲ ބިން ޢަބްދުއްޝަކޫރު ޗާޕްކުރީ: ދާރުލް އަރުޤަމް ފުރަތަމަ ޗާޕު (1997)







[1] أصول الفقه الإسلامي لوهبة الزحيلى 2|326
[2] أصول الفقه للإمام أبو زهرة ص301
[3] ޤަޠުޢީ ޙުކުމަކީ އެފަދަ ޙުކުމަކާ މެދު ޝައްކު އުފެދުން ނެތް ޙުކުމްތަކެވެ. އެއީ ނަމާދާއި ރޯދައާއި ޙައްޖާއި ޒަކާތް ވާޖިބުވުން ފަދަ ކަންކަމެވެ. މިކަންކަމީ އިތުރަށް ހޯދަން ނުޖެހޭ މިންވަރަށް ޔަޤީންވެފައިވާ ޙުކުމްތަކެކެވެ.
[4] الإحكام فى أصول الأحكام للأمدي 3-4|309
[5] كتاب التلخيص لإمام الحرمين 3|331
[6] شرح مسلم الثبوت 598
[7] المستصفى 2|510
[8] أصول الفقه الإسلامي لوهبة الزحيلي|2|327
[9]الأصول من علم الأصول ص85
[10] أليات الإجتهاص 16
[11] އިޖުތިހާދު ބެހިގެންވާ ބައިތަކާ މެދު އެކި ބޭކަލުން ލިޔުއްވާފައިވަނީ އެކި ގޮތަށެވެ. އެހެންކަމުން އޭގެތެރއިން އަޅުގަނޑަށް އެންމެ މަޤުބޫލުގޮތްތައް ހިމެނީމެވެ.
[12] أصول الفقه الإسلامي للشاذلي ص606
[13] الوجيز فى أصول الفقه الإسلامي ص294
[14] أصول الفقه الإسلامي للشاذلي ص606
[15]أصول الفقه للإمام أبو زهرة ص
[16] أصول الفقه الإسلامي لوهبة الزحيلى 2|328
[17] الوجيز فى أصول الفقه الإسلامي ص277
[18] ميزان الأصول ص755
[19] رواه البخاري و المسلم و أبودود و ابن ماجه و الشافعي
[20] الوجيز فى أصول الفقه الإسلامى ص278
[21] الأم 7|273
[22] الإحكام فى أصول الأحكلم للأمدي 4|311
[23] المرجع السابق ص313
[24] التلخيص 3|405
[25] الوجيز فى أصول الفقه الإسلامى ص279
[26] الموافقات 4|105-106
[27] الإحكام فى أصول الأحكام للأمدي ص309
[28] މިނުކުތާއަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުރި މައްސަލައެކެވެ. އެހެންކަމުން ޙަދީސްތަކުގެ ތެރެއިން ޞައްޙަ ޟަޢީފު އެގުމަކީ އެއްވެސް ގޮތަކަށް ކޮންމެ މުޖުތަހިދެއްގެ ކިބައިގައި ހުންނަންޖެހޭ ކަމެއްނޫނެވެ.
[29] الأصول من علم الأصول ص89
[30] الوجيز فى أصول الفقه الإسلامي ص287
[31] أصول الفقه لأبو زهرة ص302
[32] المستصفى 2|515
[33] الإحكام فى أصول الإحكام للأمدي 3-4 |310
[34] أصول الفقه الإسلامي لوهبة الزحيلى 2|336
[35] أصول الفقه لأبو زهرة ص303
[36] المستصفى 2|512
[37] أصول الفقه الإسلامي لوهبة الزحيلي 2|333
[38] المستصفى 2|513
[39] الإحكام فى أصول الأحكام 2|310
[40] أصول الفقه الإسلامي 2|334
[41] أليات الإجتهاد ص25
[42] އުޞޫލުލް ފިޤުހުގައި އިޖުމާޢަކީ އެއްޒަމާނެއްގައި، އެޒަމާނުގެ މުޖުތަހިދު ޢިލްމުވެރިން، ފިޤުހީ މައްސަލައެއްގައި ވަކިގޮތަކަށް އެންމެ ބޭކަލުން އެއްބަސްވެވަޑައިގަތުމެވެ. އެހެންކަމުން ޞަޙާބީންގެ މެދުގައި ވެވިފައިވާ އިޖުމާޢަކީ އިސްލާމީ އުންމަތުގެ ޢިލްމުވެރިންގެ ފުރަތަމަ އިޖުމާޢެވެ. އަދި އިޖުމާޢުގެ ސަބަބުން އެމައްސަލައިގެ ޙުކުމް ޤަޠުޢީ ޙުކުމަކަށްވެއެވެ.
[43] الوجيز فى أصول الفقه ص291
[44] أصول الفقه الإسلامى 2|335
[45] أليات الإجتهاد ص 17
[46] الأم 7|274 (إبطال الإستحسان)
[47] أليات الإجتهاد ص19
[48] الإحكام فى أصول الأحكام للأمدي 4|142
[49] أليات الإجتهاد ص19

ފާހަގަ: ,

1 ޚިޔާލު!

  1. هذا كلام جيد وممتاز
    أقول حتى يعلم الجميع، يعرف من يعرف ويجهل من يجهل
    تعليق فيما سبق
    قال الإمام يوسف القرضاوي:
    الإسلام الذي نرفضه وهو الذي يدعوا إليه:
    الجبرية في العقيدة
    الشكلية في العبادة
    السلبية في السلوك
    السطحية في التفكير
    الظاهرية في الفقه
    المظهرية في الحياة

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!