ފިޤުހުގެ ތާރީޚު (1) ފެށުން

މިއީ " تاريخ التشريع الإسلامي : أدوار تطوره. مصادره. مذاهبه الفقهية " މިނަމުގައި ޖާމިޢަތުލް އަޒްހަރުގެ ފިޤުހުލްމުޤާރަނާ އުސްތާޒެއްކަމުގައިވާ ޑރ. ރަޝާދް ޙަސަން ޚަލީލް ލިޔުއްވާފައިވާ ފޮތުގެ ތަރުޖަމާއެކެވެ. މި ފޮތް ކިޔުންތެރިންނަށް މި ހުށަހަޅާލަނީ ފިޤުހީ ތާރީޚުގެ ދާއިރާގައި ދިވެހިބަހުން ލިޔެވިފައިހުރި ފޮތްތަށް މަދުކަމަށް ފެންނާތީއެވެ. އަދި ޝަރީޢަތުގެ ދާއިރާއިން ކިޔަވާ ދިވެހި ދަރިވަރުންނަށްވެސް ދެވޭ ހަދިޔާއެއްގެ ގޮތުންނެވެ.


ފިޤުހުގެ ތާރީޚު
ފެށުން

ދުނިޔެ ދުށް އެއްވެސް އިންސާނީ މުޖްތަމަޢުއެއް ތަޝްރީޢީ ހަމަތަކަކާއެކުމެނުވީ އުފެދިފައެއް ނުވެއެވެ. އެހެނީ އިންސާނީ ޙަޔާތް ދެމިއޮތުމަށްޓަކައި ހަމަތަކަށް އެއިންސާނާ ވަނީ ކިތައްމެހާ ބޮޑަކަށްވެސް ބޭނުން ޖެހިފައެވެ. އިންސާނީ ދިރިއުޅުމުގެ ހުރިހާ ދިމަދިމާއެއްމެ އަދި އިންސާނީ އެންމެހާ ގުޅުންތަކާ ކުރިއެރުމެއްމެ ބިނާކުރެވިގެން ދަނީ މިދެންނެވި ތަރަހައިގެ މަތީގައެވެ. ކަންމިހެން އޮތުމުން އެބައިމީހުންނަށް ޙުކުމުކުރާނެ ޤާނޫނެއް ނުވަތަ އެބައިމީހުންގެ ކަންކަން އިންތިޒާމުކުރާނެ ތަޝްރީޢެއްނެތި ދޫކޮށްލެވިއްޖެ އެއްވެސް ހިނދެއްގައި އެއިންސާނުންގެ މެދުގައި އަނިޔާގެ ސައިލުތަށް ދެމިގެންދެއެވެ. ލޯބިވެތިކަމާއި އަޚުވަންތަކަން ކެނޑިގެންދެއެވެ. ނަތީޖާއަކަށް ވެގެންދަނީ އިންސާނީ ޙަޔާތާއި އޭގެ ކުރިއެރުން، މެދުކެނޑުމެއް ނެތް އަރާރުމާއި ދެބަސްވުމާއި ނިމުމެއްނެތް ހަނގުރާމަތަކެއްގެ ފިތުނަވެރި ކަމުގެތެރެއަށް ޣަރަޤުވެގެން ދިއުމެވެ.

އިސްވެ މިދެންނެވި ޙަޤީޤަތްތަކަށްޓަކައި، އިންސާނީ ތާރީޚުގެ ފަތްފުއްތަކަށް ނަޒަރު ހިންގަވައިފިނަމަ ފެނިވަޑައިގަންނަވާނީ ތަފާތު ޙަޟާރަތްތަކާއި ޤައުމުތަކުން އެތަކެއް ތަޝްރީޢީ ހަމަތަކެއް ގެންގުޅެފައިވާތަނެވެ. މީގެތެރޭގައި ޒަމާންވުމުގެ ސަބަބުން އުވިގޮސް ނެތިފައިވާ ތަޝްރީޢީ ހަމަތަކާއި ލިޔެވި ރައްކާކުރެވި މަޝަހޫރުވެފައިވާ ތަޝްރީޢީ ހަމަތަކާއި އަދި ﷲގެ ޙަޟްރަތުން ވަޙީގެ ގޮތުގައި އައިސްފައިވާ ސަމާވީ ތަޝްރީއީ ހަމަތަކާއި އިންސާނުން އެބައިމީހުންގެ ވިސްނުމަށް ފެންނަ މޮޅު ބުއްދީގެ މައްޗަށް އެކަށައަޅާފައިވާ ވަޟަޢީ ތަޝްރީޢީ ހަމަތައްވެސް ހިމެނެއެވެ.

އިންސާނާގެ މަސްލަހަތުތަކަށް ޝާމިލްގޮތެއްގައި ވާސިލުވުމުގައި، ވަޟަޢީ ތަޝްރީޢީ ހަމަތައް ނުކުޅުދިފައިވާކަން ފާޅުވަމުން ދާ ޙަޤީޤަތްތަކުން ދަނީ ކިތަންމެ ރަނގަޅަކަށްވެސް ތަޖުރިބާކުރެވި ސާބިތުވަމުންނެވެ. އެހެނީ އެއީ އިންސާނުންގެ އުފެއްދުމެކެވެ. އެބައިމީހުންގެ ކުޅެދުންތެރިކަންވަނީ މިންވަރުކުރެވި އިންކަނޑައެޅެވިގެންނެވެ. ދެނެގަތުމުގެ ބާރުވަނީ ވަކިހިސާބެއްގައި ހިފެހެއްޓިފައެވެ. އަދިހަމަ އެހެންމެ އާދަކާދައާއި ޒަމާނާއި ތަނުގެސަބަބުން އެބައިމީހުންގެ ނިންމުންތަކަށް ހުންނަނަނީ އަސަރުކޮށްކޮށް ބަދަލުއައިސްއައިހެވެ.

ކަންމިހެން އޮތަތީވެ އެންމެ އަދުލުވެރި އެންމެ ޙިކުމަތްވަންތަ އިލާހުގެ މިންވަރުފުޅުގައިވަނީ އިންސާނީ ޖަމާޢަތްތަކަށް އެއިންސާނުންގެ އެއިރެއްގެ ދިރިއުޅުމާ އުޅުމާ ގުޅުމުގެ ކުރިއެރުންތަކާ ގުޅޭގޮތުން އެއިންސާނުންގެ ގާތަށް ރަސޫލުބޭކަލަކު ފޮނުއްވާ ބާއްވާލެއްވޭ ވަޙީއެއްގެ ޒަރީއާއިން އެމީހުންގެ ހާލަތާ އެމީހުންގެ އެއިރެއްގެ ދޭހަކުރުމުގެ ޤާބިލްކަމާ ގުޅޭގޮތަކުން އެމީހުންގެ ކަންކަން އިންތިޒާމުކުރައްވާ، އެބަމީހުންގެ މައްޗަށް ނިޢުމަތުގެ ވާރޭވެއްސެވުމަށެވެ. ކަންމިހެން އޮތުމުން އެއްޒަމާނެއްގެ ނުވަތަ އެއްޤައުމެއްގެ ބައެއްގެ މައްޗަށް ބާވާލެއްވުނު ވަޙީގެ އަމުރުފުޅުތައް އަނެއްޒަމާނެއް ނުވަތަ ޤައުމެއްގެ ބައެއްގެ މައްޗަށް އެކަށޭނަ އެއްޗެއްކަމުގައި ނުވެދާނެއެވެ. ﷲ ތަޢަލާގެ ވަޙީބަސްފުޅުގައި ވާ ފަދައިންނެވެ. "لِكُلٍّ جَعَلْنَا مِنْكُمْ شِرْعَةً وَمِنْهَاجًا" މާނައީ: "ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށްމެ، شريعة އަކާއި، ފާޅުވެގެންވާ މަގެއް، ތިމަންރަސްކަލާނގެ ލެއްވީމެވެ." (އަލްމާއިދާ: 48)

ﷲގެ ޢިލްމުފުޅުގައި ކަނޑައެޅިގެންވާ ވަގުތު އައިސްޖެހުމާއެކު އަދި އިންސާނިއްޔަތުގެ ކުރިއެރުމުގެ ކަނޑައެޅިގެންވާ ހަމަޔަށް ފޯރުމާއެކު، މި ބިންމަތީގައި ހިނގައިބިނގައިވެ އުޅޭ އެންމެހާ މިސްތަކުންނަށް ހިދާޔަތް ދެއްކެވުމަށްޓަކައި އަދި ސަމާވީ ތަޝްރީޢަތްތަކުގެ އެންމެ ފަހުގެ، އަބަދީ، ދާއިމީ ތަޝްރީޢުކަމުގައި ވުމަށްޓަކައި އިސްލާމީ ޝަރީޢަތުގެ އިރު، ފެނުން ތޮޅިލިއެވެ. މިހިނދުން ފެށިގެން މާތްކަން ލިބިގެންވާ ތެދު މަގެއްގައި ޙަޔާތެއްވޭތުކުރުމުގެ މިސްރާބުގައި އަމާންކަމާއެކު އިންސާނިއްޔަތު ހަލުވި ފިޔަވަޅުތަކެއް އަޅަންފެށިއެވެ. ވަކިޒަމާނަކަށް ނުވަތަ ވަކިތަނަކަށް އޭގެ ހިދާޔަތު ހުއްޓިފައިނެތް، ތަފްސީލީ ނިޒާމް ތަކާއެކު ޢަދުލުވެރި ޙުކުމްތަކުގެ ތަނަވަސްކަމާއެކުގައެވެ.

އެހެނީ، މި އިސްލާމީ ޝަރީޢަތް މުޚާޠަބު ކުރަނީ މުޅި އިންސާނިއްޔަތާއިއެވެ. ވާހަކަދައްކާ ބަހާއި ހަމުގެ ކުލައާއި ދިރިއުޅޭ ޤައުމާއި ނަސްލާއި ޖިންސުގެ ތަފާތުތައް އެތަފާތުކަންމަތީ ހުރުމާއެކުވެސްމެއެވެ. އެހެނީ ﷲ ތަޢާލާ ވަނީ މި ތަޝްރީޢުގެ މަސްދަރުތަކަކީ ޢާންމު އަދި ޝާމިލް އެއްޗެއްކަމުގައި ލައްވަވާފައެވެ. ދިރިދިރި އޮންނަ ވިލުންތެރިކަން ލިބިފައިވާ އެއްޗެއްކަމުގައި ލައްވަވާފައެވެ. އަދި އަލަށް އުފެދިގެން އަންނަ ހާދިސާތަކާ މުނާސަބު ވެގެންދާނެ ޙުކުމްތަކަކުން އެކަންކަން ޝަރީޢަތުގެ ބިނާގެ ތެރެއަށް ލުމުގެ ޤާބިލްކަން އިޖްތިހާދީ ޢިލްމުވެރިންނަށް މަގުފަހިވެގެންދާ، ތަޝްރީޢީ ފަންނީ ވަސީލަތްތަކާއި ޢާންމު ޤާޢިދާތަކަކުން އެމުނި އެކުލެވިގެންވާ ތަޝްރީޢެއްކަމުގައި ލައްވަވާފައެވެ. ކަންމިހެން އޮތުމުން އިސްލާމީ ޝަރީޢަތް އޭގެޒާތުގައިވެގެންދަނީ އަލަށް އުފެދިގެން އަންނަ ހާދިސާތަކާ މުނާސަބު ޙުކުމްތައް އެކަށައެޅުމުގެ ޤާބިލްކަން ލިބިފައިވާ އެއްޗެއްކަމުގައެވެ. އަދި މި ސިފަ ހިމެނިފައިވަނީ އިސްލާމީ އުސޫލީ ސިފައެއްކަމުގައެވެ.

އިސްލާމީ ތަޝްރީޢީ ހަމަތައް މިދެންނެވި މަގުން ފުރިހަމަ ވެފައިވާ ކަމަށްޓަކައި މި ޝަރީޢަތުގެ ތެރެއިން ޢިލްމު ހާސިލުކުރުމަށް މަސައްކަތް ކުރާ ދަރިވަރުންގެ މައްޗަށް އޮތީ މި ޢިމްލު ފެށުމުގައި ކަންހުރިގޮތްތައް ހޯދާ ބެލުމެވެ. އަދި އެތަޝްރީޢު އެދައުރު ތަކެއްގެ ތެރެއިން ލާފައި އައިސްފައިވާ ދައުރުތައް ދެނެގަތުމެވެ. އެ މަސްދަރުތަކާއި އެ އަސާސްތަކެއްގެ މަތީގައި އެ ތަޝްރީޢު ނެގެހެއްޓިފައިވާ މަސްދަރުތަކާއި އަސާސްތައް ދެނެގަތުމެވެ. އަދި މި ތަޝްރީޢު އެމައްޗަށް އެކުލެވިގެންވާ އިޖްތިހާދީ މަޒުހަބުތައް ދެނެގަތުމެވެ.

މިދެންނެވި ކަންކަން ހާސިލުވުމަކީ ދަރިވަރުންގެ ކުރިމަތީ ފަސޭހަ ކަމަކަށް ހެދުމަށްޓަކައި އަޅުގަނޑު މި ދިރާސާ ގެނެސްދެމެވެ. މި ކަންކަން ތަފްސީލީ ގޮތެއްގައި ހުށަޅާލަދިނުމަށްޓަކައި މި ދިރާސާ ބަހާލާފައިވާނީ ތިރީގައި މިވާ ގޮތަށެވެ.
ފުރަތަމަ ބައި: ޝަރީޢަތާއި ފިޤުހުގެ މަފްހޫމު އަދި ގުޅުންހުރި ބައެއް މައުޟޫޢުތައް
ދެވަނަ ބައި: އިސްލާމީ ޝަރީޢަތުގެ ތަޝްރީޢީ ދައުރުތައް
ތިންވަނަ ބައި: އިސްލާމީ ފިޤުހުގެ މަސްދަރުތައް
ހަތަރުވަނަ ބައި: ފިޤުހީ މަޒުހަބުތައް

މި ފޮތުގެ ފެށުން ނިންމާލުމުގެ ގޮތުން އަޅުގަނޑު ﷲތަޢާލާގެ ޙަޟްރަތުން މި އެދެނީ މި ޢަމަލު ޤަބޫލުކޮށްދެއްވުމެވެ. އަދި އަޅުގަނޑަށާއި އެންމެހާ މުސްލިމުންނަށް މިއިން ނަފާ މިންވަރު ކޮށްދެއްވުމެވެ. މީގައި ކުށެއްވާނަމަ މާފުކޮށްދެއްވާ މަޣްފިރަތު ދެއްވުމެވެ. އާމީން ! "رَبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ " މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! ހަމައެކަނި، އިބަރަސްކަލާނގެއަށް އަޅަމެން وكيل ކޮށްފީމުއެވެ. އަދި ހަމައެކަނި، އިބަރަސްކަލާނގެ حضرة އަށް އަޅަމެން رجوع ވެ توبة ވެއްޖައީމުއެވެ. އަދި އެނބުރި ދިޔުންވަނީ، އިބަރަސްކަލާނގެ حضرة އަށެވެ." (އަލްމުމްތަޙިނާ: 06)

-ޑރ. ރަޝާދް ޙަސަން ޚަލީލް-



ފާހަގަ: , ,

0 ޚިޔާލު!

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!