އިޚްތިލާފް ވުމުގެ ސަބަބުތައް (1) ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުމުގެ ސަބަބުތަކާއި އެކަމުގައި އަހަރެމެން ދެކޭގޮތް

އަސްލު ލިޔުއްވީ: ފަޟީލަތުއްޝައިޚް މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން (ރަޙިމަހު ﷲ)
ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު


بِسْمِ اللَّهِ الرَّحْمَـنِ الرَّحِيمِ

ޙަމްދުހުރީ ﷲ އަށެވެ. އަޅަމެން ޙަމްދުކުރަނީ އެކަލާނގެއަށެވެ. އަދި ވާތްގަށް އެދި ފުއްސެވުމަށް ދަންނަވަނީ، އަދިތައުބާވެ ރުޖޫޢަވަނީ ވެސް އެކަލާނގެ ޙަޟްރަތަށެވެ.

އަޅަމެންގެ ނަފުސުތަކާއި ޢަމަލުތަކުގެ ނުބައިކަމުން ގަދަކީރިތި ވަންތަ ﷲ ތަޢާލާ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ. ތެދުމަގު އިޚްތިޔާރުކުރުމުގެ ސަބަބުން އެކަލާނގެ މަގުދައްކަވައިފި އަޅަކު ވާވެއްދޭނޭ ފަރާތެއް ނުވެއެވެ. އަދި ކާފަރުކަން އިޚްތިޔާރުކޮށްގަތުމުގެ ސަބަބުން އެކަލާނގެ މަގުފުރައްދަވައިފި އަޅަކަށް ތެދުމަގުދެއްކޭނޭ ފަރާތެއް ނުވެއެވެ.

ބައިވެރިޔަކު ނުވާ އެއްކައުވަންތަ މާތް ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދުގެފާނީ އެކަލާނގެ އަޅާކަމަށާއި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އާލު އަޞްޙާބުންނާއި ތާބިޢީންނަށް ޞަލަވާތް ލެއްވުމަށް ދުޢާކުރަމެވެ. اللهم صلّ على محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين وسلِّم تسليما كثيرا.

އޭ އީމާންވީ މީހުންނޭވެ! ތިޔަބައިމީހުން ބިރުވެތިވުން ހައްޤުވެގެންވާ ގޮތުގައި މާތް ﷲ އަށް ބިރުވެތިވާށެވެ! އަދި މަރުވެއްޖައުމަށް ދާންދެން މުސްލިމުންގެ ގޮތުގައި ދެމިތިބޭށެވެ!
އޭ އީމާންވީ މީހުންނޭވެ! ތިޔަބައިމީހުން ބިރުވެތިވުން ހައްޤުވެގެންވާ ގޮތުގައި މާތް ﷲ އަށް ބިރުވެތިވާށެވެ! އަދި ތިޔަބައިމީހުން ސީދާ ބަހުން ބަސްބުނާށެވެ! އޭރުން އެކަލާނގެ ތިޔަބައިމީހުންގެ ޢަމަލުތައް އިސްލާޙުކޮށްދެއްވާނެއެވެ. ފާފަތައް ފުއްސަވައިދެއްވާނެއެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވެއްޖެ މީހާ ބޮޑުވެގެންވާ ކާމިޔާބަކުން ކާމިޔާބު ހޯދައިފިކަން ކަށަވަރެވެ.

ފަހަރެއްގައި މި މައުޟޫޢާއި މެދު ވަރަށް ގިނަ މީހުންގެ ހިތުގައި ސުވާލު އުފެދުން އެކަށީގެންވެއެވެ. އަދި މިއަށް ވުރެ މުހިންމު މައުޟޫތައް ހުއްޓާ މި މައުޟޫ އިޚްތިޔާރުކުރި ސަބަބާއި މެދު ބައެއް މީހުން ސުވާލުކުރުމަކީ ވެސް ދުރުކަމެއް ނޫނެވެ. ނަމަވެސް ޙަޤީޤަތުގައި މިއީ ވަކީން ޚާއްސަކޮށް މިޒަމާނުގައި ވަރަށް ގިނަ މީހުންގެ ފިކުރުތައް ހުއްޓިފައިވާ ދިމާއެކެވެ. ހަމައެކަނި ޢާއްމުންނެއް ނޫނެވެ. ދީން ކިޔަވަމުންދާ ބައެއް ދަރިވަރުންވެސް މެއެވެ. ސަބަބަކީ މަޢުލޫމާތު ފެތުރުމުގެ ތަފާތު ވަސީލަތްތަކުގެ ޒަރީޢާއިން ދީނީ ޙުކުމްތައް ފުޅާ ދާއިރާއެއްގައި ފެތުރެމުންދާ ދިއުމެވެ. އަދި އެކެއްގެ ބުނުމާއި އަނެކާގެ ބުނުމާއި ދެމެދުގައި ބައެއް ފަހަރަށް ތަފާތުވާ ތަފާތުވުމަކީ އޮޅުންބޮޅުންތަކަށް މަގުފަހިވާ ސަބަބެއްކަމުގައި ވެފައިވުމެވެ. ވަކީން ޚާއްސަކޮށް ފިޤުހީ ޚިލާފުވުންތަކުގެ ސަބަބުތަކާއި ގޮތްތައް ނޭނގޭ ޢާންމުން ގެ ތެރޭގައެވެ. މި ސަބަބަށްޓަކައި އަހަރެންގެ ނަޒަރުގައި މުސްލިމުން ކުރެއެތައް ބައެއްގެ ޚިޔާލު ހުއްޓިފައިވާ މި މައުޟޫއަށް އިންސާފުކޮށްލުމީ ވަރަށް މުހިންމު ކަމެކެވެ.

ﷲ ތަބާރަކަ ވަތާޢާލާ މި އުންމަތަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރޭގައި ހިމެނޭ އެއް ނިޢުމަތަކީ މި ދީނުގެ އަސްލުތަކާއި މަޞްދަރުތަކާމެދު މުސްލިމުންގެ މެދުގައި އެއްވެސް ޚިލާފެއް ޚިޔާލު ތަފާތުވުމެއް ނެތް ކަމެވެ. އަސްލުގައި ޚިލާފުތައް ހުރީ މުސްލިމުންގެ ޙަޤީޤީ އެއްބައިވަންތަކަމަށް ބުރުލެއް ނާރާނެ ފަދަ ކަންކަމުގައެވެ. އެއީ ހަމަ ކޮންމެހެން އެކަން ވާންޖެހޭނޭ ގޮތްވެސް މެއެވެ.

ﷲ ތަޢާލާ ކީރިތި ރަސޫލާ ފޮނުއްވީ ހިދާޔަތާއި ޙައްޤު ދީނާއިގެން ކަމީ މާތް ﷲ ގެ ފޮތާއި އެކަލާނގެ ރަސޫލު ޞައްލަ ﷲ ޢަލައިހިވަސައްލަމްގެ ސުންނަތުގެ އަލީގައި އެންމެހާ މުސްލިމުން ޔަޤީންކުރާކަމެކެވެ. މިފަދައިން ޤަބޫލުކުރުމުން އެ އިޤުރާރުވެވެނީ އިތުރު ބަޔާނަކަށް ބޭނުންނުވާނޭހާ ސާފުކޮށް އެކަލޭގެފާނު މި ދީން ބަޔާންކޮށްދެއްވާފައިވާކަމެވެ. އެހެނީ ހިދާޔަތު، އައުމުން ފުރެދުންތައް ފިލައިދެއެވެ. އަދި ޙައްޤު ދީން އައުމުން ހުރިހާ ބާޠިލު ދީންތަކެއް ފިލައިދެއެވެ. އެކަލޭގެފާނު ފޮނުއްވުނީ ހިދާޔަތާއި ހައްޤު ދީނާއިގެންނެވެ.

ކީރިތި ރަސޫލު ޞައްލަ ﷲ ޢަލައިހިވަސައްލަމްގެ ޒަމާނުގައި މީސްތަކުން ކަމަކާއި މެދު ޚިލާފެއް އުފެދިއްޖެ ނަމަ، ޙުކުމްކުރުމަށްޓަކައި ކީރިތި މާތް ނަބިއްޔާގެ އަރިހަށް ދިއުމުން އެކަލޭގެފާނު އެކަމުގެ ޙުކުމް އިއްވަވައެވެ. އެމީހުންގެ މެދުގައި ޚިލާފު އުފެދުނީ ކީރިތި ޤުރުއާނުން އާޔަތަކާއި މެދުގައި ނަމަވިޔަސް ނުވަތަ ޙުކުމް ބާވާނުލައްވާ އޮތް މައްސަލައަކާއި މެދުގައި ކަމަށް ވިޔަސްވެހެވެ. އެހެން ނަމަ އެހިނދުން ﷲ ތަޢާލާ އެކަންކަމުގެ ޙުކުމްތައް ބާވާލައްވައެވެ. އެހެންވެގެން ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި [އެމީހުން ކަލޭގެފާނާއި އެވެނި ކަމަކާއި މެދު ސުވާލުކުރެއޭ] މިފަދައިން އައިސްފައިވެއެވެ. ދެން ﷲ ތަޢާލާ އެ ސުވާލުތަކުގެ ފުރިހަމަ ޖަވާބު ކީރިތި މާތް ނަބިއްޔާއަށް އަންގަވާ، އެ ޙުކުމްތައް މީސްތަކުންނަށް ބަޔާންކުރެއްވުމަށް އަމުރުކުރައްވައެވެ. މީގެ މިސާލަކީ ސޫރަތުލްމާއިދާގެ ހަތަރުވަނަ އާޔަތާއި ސޫރަތުލްބަޤަރާގެ ސަތޭކައައްޑިހަ ނުވައެއް، އަދި ދުއިސައްތަ ސަތާރަ އަދި ދުއިސައްތަ ނަވާރަ ވަނަ އާޔަތާއި ސޫރަތުލްއަންފާލްގެ އެއްވަނަ އާޔަތާއި މިނޫންވެސް މި ފަދަ އާޔަތްތަކެވެ.

ނަމަވެސް ރަސޫލު ޞައްލަ ﷲ ޢަލައިހިވަސައްލަމް ސުވަރުގެވަޑައިގަތުމަށްފަހު އެ ދޮރު މުސްލިމުންނަށް ބަންދުވެގެން ދިއުމާއި އެކު ބައެއް މައްސަލަތަކުގައި މުސްލިމުންގެ މެދުގައި ޚިލާފުތައް އުފެދިފައިވެއެވެ. އެހެނަސް އެއީ ޝަރީޢަތުގެ އަސްލުތަކާއި ތަރަހަތައް މުގުރިގެންދާ ފަދަ ކަންކަމުގައެއް ނޫނެވެ. މި ލިޔުމުގައި އަހަރެން ބަލާނީ އެކަމަށް ދިމާވި ބައެއް ސަބަބުތައް ނަމަވެސް ބަޔާންކޮށްލެވޭތޯއެވެ.

އެއްވެސް ޝައްކެތް ނެތި އަހަރެމެން އެންމެން ވެސް ޤަބޫލުކުރާ ގޮތުގައި އެބޭފުޅެއްގެ ޢިލްމާއި އަމާނާތްތެރިކަމާއި ދީންވެރިކަމާ މެދު އިތުބާރުލިބިފައިވާ އެއްވެސް ޢިލްމުވެރިއަކު ކީރިތި ޤުރްއާނާއި ސުންނަތުން ފުރިހަމައަށް ސާފުވާން އޮތް ކަމަކާއި ޤަސްދުގައި ޚިލާފުވެވަޑައެއް ނުގަންނަވާނެއެވެ. އެހެނީ ޢިލްމުވެރިކަމާއި ދީންވެރިކަމުން ސިފަލިބިއްޖެ މީހެއްގެ ޢަމަލުތަކުގެ ހުންގާނަކީ ޙައްޤެވެ. އެމީހެއްގެ ޢަމަލުތަކުގެ ހުންގާނުކަމުގައި ޙައްޤު ގޮތް ހަދައިފި މީހަކަށް މާތް ﷲ ޙައްޤު ގޮތް ތަނަވަސްކޮށްދެއްވާނެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. {وَلَقَدْ يَسَّرْنَا الْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ } (1)
މާނަ: އަދި ހަމަކަށަވަރުން ހަނދާންކުރުމަށްޓަކައި(ޤުރުއާން ދަސްކޮށް އާޔަތްތަކާއި މެދު ފިކުރު ހިންގުމަށްޓަކައި) ތިމަންރަސްކަލާނގެ ޤުރުއާން ފަސޭހަކޮށްދެއްވީމެވެ. ފަހެ ހަނދާންކުރާނޭ (އެ ޤުރުއާނުގެ އާޔަތްތައް ކިޔަވާ ފިކުރުކޮށް މަންފާ ލިބިގަންނާނޭ) މީހަކު އެބަހުރިހެއްޔެވެ؟
އެބަހީ: ޤުރުއާން ދަސްކޮށް އާޔަތްކާއި މެދު ފިކުރު ހިންގާ މަންފާ ލިބިގަންނަ މީހަކަށް އެ ޤުރުއާން ތިމަންރަސްކަލާނގެ ފަސޭހަކޮށްދެއްވީމެވެ.

އެހެން އާޔަތެއްގައިވެއެވެ. {فَأَمَّا مَنْ أَعْطَى وَاتَّقَى * وَصَدَّقَ بِالْحُسْنَى * فَسَنُيَسِّرُهُ لِلْيُسْرَى } (2)
މާނަ: އަދި ތަޤްވާވެރިވެ އެމީހެއްގެ މުދަލުން ޒަކާތްދީ އަދި އެކަމުގެ ހެޔޮ ޖަޒާ މާތް ﷲ ދެއްވާނެކަން ޔަޤީންކޮށްފި މީހާއަށް ހެޔޮ ކަމުގެ މަގުތައް ތިމަންރަސްކަލާނގެ ތަނަވަސްކޮށްދެއްވާހުށީމެވެ.
ނަމަވެސް ހަމަ މިފަދަ ޢިލްމުވެރިންގެ ކިބައިން ވެސް ﷲ ތަޢާލާގެ ޙުކުމްފުޅުތައް ބަޔާންކުރެއްވުމަގައި ކުށްކުރެވުމަކީ އެކަށީގެންވާ ކަމަކެވެ. ﷲ އިންސާނާ ސިފަކުރައްވާ ވަޙީކުރައްވާފައިވެއެވެ. {وَخُلِقَ الإِنسَـنُ ضَعِيفاً } (3)
މާނަ: އަދި އިންސާނާ ހެއްދެވިގެންވަނީ ބަލިކަށި އެއްޗެއްގެ ގޮތުގައެވެ.
ވުމާއެކު އިންސާނާއަކީ ޢިލްމާއި އެނގުމުގައި، އަދި އޭގެ ވަށާޖެހުމާއި ޝާމިލުކަމުގައި ބަލިކަށި އެއްޗެކެވެ. އެހެންވީމާ ބައެއް ކަންކަމުގައި ކޮންމެ އިންސާނެއްގެ ކިބައިންވެސް ކުށްކުރެވުމަކީ އެކަން ނުވެ ނުދާނޭ ގޮތެވެ.

ޙުކުމްތައް ބަޔާންކުރެއްވުމުގައި ޢިލްމުގެ އަހުލުވެރިން، އެއްބޭފުޅަކު އަނެއް ބޭފުޅަކާއި ޚިލާފުވެލެއްވުމުގެ ސަބަބުތައް ގިނަކަމުގައި، އައްސޭރިއެއް ނެތްކަނޑެއް ފަދައެވެ. ނަމަވެސް އަހަރެން ބަލާނީ އެ ބޮޑު މައުޟޫ މައިގަނޑު ހަތް ސަބަބެއްގެ މައްޗަށް ތިލަކޮށްލެވޭތޯއެވެ.



ފުރަތަމަ ސަބަބު: ކަމެއްގެ ޙުކުމާއި މެދުގައި އައިސްފައިވާ ދަލީލު ލިބިވަޑައި ނުގަތުން.

މި ސަބަބަކީ ޞަޙާބީންގެ ފަހުން އައި މީހުންނަށް އެކަނި ޚާއްސަވީ ސަބަބެއް ނޫނެވެ. އެއާޚިލާފަށް މިއީ ޞަޙާބީން ގެ ފަހުގެ ޖީލުތަކެކޭ އެއްފަދައިން ޞަޙާބީން ވެސް އޭގައި ޝާމިލުވާ ސަބެބެކެވެ.

މިސާލު އެކެއް:

ޞަޙީޙުލްބުޚާރީގައްޔާއި އަދި އެނޫންވެސް ހަދީޘް ފޮތްފޮތުގައި ރިވާވެގެންވެއެވެ. އަމީރުލްމުއުމިނީން ޢުމަރުބުނުލްޚައްޠާބު ރަޟިޔަ ﷲ ޢަންހު ޝާމުކަރައަށް ދަތުރުފުޅެއް ކުރެއްވިއެވެ. މި ދަތުރުފުޅުގެ މަގުމަތީގައި ޠާޢޫނުގެ ވަބާ ޝާމްކަރައިގައި ފެތުރިގެން އުޅޭ ޚަބަރު އެކަލޭގެފާނަށް އެރުވުނެވެ. އެހިނދު އެކަލޭގެފާނު ގާފިލާ މަޑުޖައްސަވާލެއްވުމަށްފަހު ޞަޙާބީންނާއި މަޝްވަރާކުރެއްވިއެވެ. އެބޭކަލުން އެކަމާއި މެދު ދެ ވިސްނުންފުޅެއްގެ މައްޗަށް ޚިޔާލު ތަފާތުވިއެވެ. މި މަޝްވަރާގެ ތެރޭގައި އެބޭކަލުން ތިއްބަވަނިކޮށް ޢަބްދުއްރަޙްމާން ބިން ޢައުފު އެކަލޭގެފާނުގެ އަމިއްލަ ބޭނުންފުޅެއްގައި ގާފިލާއާ ތަންކޮޅެއް ދުރުގައި އުޅުއްވުމަށްފަހު އެތަނަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަކަމާއި މެދު ތިމަން ކަލޭގެފާނަށް އެނގޭ އެއްޗެއް އެބަ އޮތެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރައްވާ އަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ. ޠާޢޫނުގެ ވަބާ ރަށެއްގައި ފެތުރިފައިވާ ޚަބަރު ތިޔަބައިމީހުން އަހައިފި ނަމައީ އެރަށަކަށް ތިޔަބައިމީހުން ނާރާށެވެ. އަދި ތިޔަބައިމީހުން ތިބި ތަނެއްގައި އެވަބާ ފެތުރުނު ނަމައީ އެޔަށް ފިލުމަށްޓަކައި ތިޔަބައިމީހުން އެރަށަކުން ނުފައިބާށެވެ. (4)
ވިސްނާށެވެ. މުހާޖިރީންނާއި އަންޞާރުންގެ ތެރެއިން ބޮޑެތި ބޮޑެތި ޞާޙާބީންނަށް މި ޙަދީޘްގެ ޚަބަރު ޢަބްދުއްރަޙްމާން ބިން ޢައުފް ރަޟިޔަ ﷲ ޢަންހު ދެއްވުމުގެކުރީގައި އެވަނީ ވަންހަނާވެގެންނެވެ.

މިސާލު ދޭއް:

ސޫރަތުއްޠަލާޤް ގެ ހަތަރު ވަނަ އާޔަތުގައި މާބަނޑު އަންހެނާގެ ޢިއްދާއަކީ ބަނޑުގައިވާ ދަރިފުޅު ވިހެއުން ކަމުގައި އަންގަވާފައިވެއެވެ. އަދި ސޫރަތުލްބަޤަރާގެ ދުއިސައްތަ ތިރީސް ހަތަރު ވަނަ އާޔަތުގައި ފިރިމަރުވެފައިވާ އަންހެނާގެ ޢިއްދާއަކީ ހަތަރު މަހާއި ދިހަ ދުވަސް ކަމުގައި އަންގަވާފައިވެއެވެ.

މި ދެ އާޔަތުގެ ދޭހައިގައި ޢަލީ ރަޟިޔަ ﷲ ޢަންހު އާއި ޢަބްދު ﷲ ބިން ޢައްބާސް ރަޟިޔަ ﷲ ޢަންހުމާ އާ މި ދެ ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ފިރި މަރުވެފައިވާ މާބަނޑު އަންހެނާގެ ޢިއްދާއަކީ ދެ ޢިއްދައިގެ ތެރެއިން އެމީހެއް ނިސްބަތުގައި ދިގު ޢިއްދާއެކެވެ. މާނައަކީ ހަތަރު މަހާއި ދިހަ ދުވަސް ހަމަވާއިރު ބަނޑުގައިވާ ދަރިފުޅު ނުވިހާ ކަމުގައި ވަނީ ނަމަ ވިހަންދެން ޢިއްދާގައި އިންނަންޖެހޭނެއެވެ. އަދި މާބަނޑުގައި އޮތް ދަރި ވިހޭއިރު ޢިއްދާގައި އިންނަތާ ހަތަރު މަހާއި ދިހަ ދުވަސް ނުވާ ނަމަ އަދި ދަރިފުޅު ވިހޭ ކަމުގައި ވިޔަސް ހަތަރު މަހާއި ދިހަ ދުވަސް ހަމަވަންދެން ޢިއްދާގައި އިންނަން ޖެހޭނެއެވެ.

ނަމަވެސް ކީރިތި ރަސޫލު ޞައްލަ ﷲ ޢަލައިހިވަސައްލަމްގެ ސުންނަތުގައި މި ދެ ޙުކުމް އެއްފަހަރާ ދިމާވާ ހާލަތުގައި (މާބަނޑުވެފައިވާ އަންހެނެއްގެ ފިރި މަރުވާ ހާލަތުގައި) ކަން ކުރަންވާ ގޮތް ސާބިތުވެގެންވެއެވެ. ސަބީޢަތުލްއަސްލަމިއްޔާ ރަޟިޔަ ﷲ ޢަންހާ ގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާގެ ފިރިކަލުން އަވަހާރަވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދަރިފުޅު ވިހައިފިއެވެ. އެފަހުގައި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް އެކަމަނާއަށް ކައިވެނިކުރުމުގެ އިޒުނަފުޅު ދެއްވިއެވެ. (5) މި ޙަދީޘުން އެނގޭ ގޮތުގައި ފިރިމަރުވެފައިވާ އަންހެނާގެ ޢިއްދާ ކަމުގައި އަލްބަޤަރާ ސޫރަތުގެ ދުއިސައްތަ ތިރީސް ހަތަރުވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ ހަތަރުމަހާއި ދިހަ ދުވަހުގެ ޢިއްދާއަކީ ފިރިމަރުވިއިރު ރަޙިމު ހުސްކޮށް ހުރި އަންހެނާއަށް ޚާއްސަ ޢިއްދާއެކެވެ. އަދި ހުރިހާ ހާލަތެއްގައިވެސް މާބަނޑު އަންހެނާގެ ޢިއްދާއަކީ ވިހެއުމެވެ. އެއްވެސް ޝައްކެތް ނެތް ގޮތުގައި އޭގެ ދެކަލުންނަށް މި ޙަދީޘް ލިބިވަޑައިގެންފައި ނުވަނީއެވެ. އެހެންނޫންނަމަ އެ ދެއާޔަތް މާނަކުރެއްވުމުގައި މި ޙަދީޘަށް ރިޢާޔަތްކުރައްވާނެ ކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ.

(ނުނިމޭ)


__________________________________________
(1) سورة القمر الآية (17)
(2) سورة الليل الآية (5-7)
(3) سورة النساء الآية (28)
(4) البخاري ومسلم
(5) البخاري ومسلم


ފާހަގަ: , , ,

1 ޚިޔާލު!

  1. މާޝާ ﷲ .. ވަރަށް ރަނގަޅު މަސައްކަތެއްގެ ފެށުން. މިއުއްމަތުގެ މުޢުބަތަރު ޢިލްމުވެރިންގެ ވާހަކަ މިހެންހުރިނަމަވެސް ހިތާމައަކީ އެބޭފުޅުންނަށް ތަބާވާ ބައެއް ފަރާތްތަކުން އިޚްތިލާފީމައްސަލަތަކުގައި އަނެކާގެ ރައުޔު ހަޖަމުކުރަން ދަތިވާކަން.

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!