މުސްލިމުން ބައިބައިކުރުން.

ލިޔުއްވީ: د. ناصر العمر

ތަރުޖަމާ: ޝިފްޒާން އަޙްމަދު

މުސްލިމުންނަށް ކުރިމަތިވެފައިވާ ބައިބައިވުންތަކުގެ މައްސަލައަކީ އެބައިމީހުން ނިކަމެތިވެ ބަލިކަށިވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. މުސްލިމް މުޖްތަމަޢު މިވަނީ ފިރުޤަތްތަކަށާއި ޕާޓީތަކަށާއި އެކި އެކި ޖަމާޢަތްތަކަށް ބެހިފައެވެ. އެއިން ކޮންމެ ބައަކުވެސް ޤަބޫލުކުރާ ގޮތުގައި ދެމިތިބުމަށް އަނެކުންނަށް ޢަދާވާތްތެރިވުމާއި، އަނެކުންގެ އަގުކުޑަކުރުން ލާޒމުވެއެވެ. މާތްﷲ ރަޙުމަތްލެއްވި އަޅަކު ނުވަތަ ބަޔަކު މެނުވީއެވެ. ކީރިތި ޤުރުއާނާއި ސުންނަތުގެ އެތައް ތަނެއްގައި ބައިބައިވުން ނަހީކުރައްވާފައިވެއެވެ. މާތްﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. [إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَسْتَ مِنْهُمْ فِي شَيْءٍ إِنَّمَا أَمْرُهُمْ إلى اللَّهِ ثُمَّ يُنَبِّئُهُمْ بِمَا كَانُوا يَفْعَلُونَ} [الأنعام: 159} މާނައީ:ހަމަކަށަވަރުން، އެއުރެންގެ ދީން ބައިބައިކޮށް، ބައިތަކެއް ކަމުގައިވީ މީހުންގެ ތެރެއިން، އެއްވެސް ކަމެއްގައި، ކަލޭގެފާނު ނުވަމުއެވެ. އެއުރެންގެ ކަންތައް އޮންނާނެކަން ކަށަވަރީ، اللَّه ގެ حضرة އަށެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ ވާހަކައިން، އެކަލާނގެ، އެއުރެންނަށް خبر އަންގަވާނެތެވެ.

މުސްލިމުން ޙައްޤުގެ މަތީގައި ތިބުމާއެކު ބައިބައިވެފައިވާ މިންވަރާއި، ކާފަރުން ބާޠިލުގެ މަތީގައި އެކަތިގަނޑަކަށްވެފައިވާ މިންވަރު ފެނުމުން، ކަންކަމާމެދު ވިސްނާމީހަކު ޢަޖައިބުވާހާވެއެވެ. އަދި އިސްލާމީ ސާޙަތުގައި ޙަރަކާތްތެރިވާ ޖަމާޢަތްތައް ބައިބައިކުރުވާ ސަބަބުތަކަށްވުރެ އެއްބައިވަންތަކުރުވަނިވި، ސަބަބުތައް މާ ގިނައެވެ. ހެޔޮ ސަލަފުންގެ ބޭކަލުންގެ މެދުގައިވެސް ފަރުޢީ ކަންކަމުގައި ޚިޔާލުތަފާތުވުންތައް ހުއްޓެވެ. ހެޔޮކަންކަމާއި ތަޤުވާވެރިވުމުގައި އެއްބޭފުޅަކު އަނެއްބޭފުޅަކަށް މަދަދުވެރިވެވަޑައިގަތުމާއި، ނުބައިކަންކަން މަނާކުރައްވައި، ލޯތްބާއި އެކުވެރިކަމުގެ މާޙައުލެއްގައި އެއްބޭފުޅަކު އަނެއްބޭފުޅަކަށް ނަޞޭހަތްދެއްވުމުގެ މައްޗަށް ހުރި ހުރަހެއްކަމުގައި އެޚިޔާލުތަފާތުވުންތައް ނުވިއެވެ.

އެންމެހައި އިސްލާމީ ޖަމާޢަތްތަކުގެ އަމާޒަކީ އިސްލާމީ އުންމަތައިގެން ކުރިއަރައިގޮސް މާތްﷲގެ ފޮތާއި، ސަލާމާއި ޞަލަވާތްލެއްވުނު ކީރިތި ރަސޫލުﷲގެފާނުގެ ސުންނަތާ އެއްގޮތަށް ކަންކުރުމެވެ. ހިތުނިޔަތްތަކާއި ޢަމަލުތަކުގެ ސަބަބުތަކާމެދު ކުށް ހީކުރުމަކީ މުސްލިމެއްގެ ކިބައިގައި ހުރުން އެކަށީގެންވާ ޞިފައެއްނޫނެވެ. އެހެންނަމަވެސް ބައެއްފަހަރު ޙިޒުބީ ނުވަތަ ޖަމާޢަތަށް ވެވޭ ތަޢައްޞުބުގެ ސަބަބުން ޙަޤީޤީ ލަނޑުދަނޑި ހަނދާންނެތެއެވެ. އަދި ލަނޑުދަނޑިއަށް ވާޞިލްވުމަށް ބޭނުންކުރާ ވަސީލަތްތައް އެފަދަ ޖަމާޢަތްތަކުގެ ކުރިމަތީގައި ލަނޑުދަނޑިތަކަކަށް ވެއެވެ. މިއީ ވަރަށް ބޮޑު ކުށެކެވެ.

މުސްލިމުން އެކަތިގަނޑެއްކަމުގައި ވުމުގެ މާނައަކީ ބާޠިލުގެ އަހުލުވެރިންނާއި ޙައްޤުގެ އަހުލުވެރިން އެއްމައިދާނަކަށް ޖަމާކުރުވުމެއް ނޫނެވެ. މިސާލަކަށް ޝިޢީންނާއި ސުންނީންނާއި ބުދަށް އަޅުކަންކުރާ މީހުން އެއްޖަމާޢަތެއްކަމުގައި ވަޠަނިއްޔަތުގެ ނަމުގައިވެސް ނުވާނެއެވެ. މާތްﷲ އެބައެއްގެ މެދުގައި ތަފާތުލެއްވި މީހުންގެ މެދުގައި ހަމަހަމަކުރުން ހުއްދަވެގެންނުވެއެވެ. އެއީ ޙައްޤާއި ބާޠިލު ހަމަހަމަ ނުވާނެ ފަދައިންނެވެ. މާތްﷲ ވަޙީކުރައްވައެވެ.[وَلَوْ شَاءَ رَبُّكَ لَجَعَلَ النَّاسَ أُمَّةً وَاحِدَةً وَلا يَزَالُونَ مُخْتَلِفِينَ * إِلاَّ مَنْ رَحِمَ رَبُّكَ وَلِذَلِكَ خَلَقَهُمْ} [هود: 118، 119} މާނައީ: ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވިނަމަ، މީސްތަކުން އެއް أمّة އެއް ކަމުގައި ލައްވައިފީސްކަން ކަށަވަރެވެ. ނަމަވެސް خلاف ވުމުގައި އެއުރެން ފިލައިނުދެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ލެއްވި ބަޔަކު މެނުވީއެވެ. އެކަލާނގެ އެއުރެން ހެއްދެވީ އެކަމަށްޓަކައެވެ.

މުސްލިމުންގެ މެދުގައި އޮންނަ އެއްބައިވަންތަކަމަކީ ހަމައެކަނި ހަށިގަނޑުގެ އެއްބައިވަންތަކަމެއް ކަމުގައިވުމީ ޤަބޫލުކުރެވޭނެ ގޮތެއް ނޫނެވެ. އެއެއްބައިވަންތަކަން ވާން ޖެހޭނީ ފިކުރީގޮތުންނާއި ޢަޤީދާގެ ގޮތުންވެސް އެއްބައިވެވޭ ވުމަކަށެވެ. އަޅުގަނޑުމެން މުސްލިމުންނަށް މިގޮވާލަނީ މާތްﷲއާއި އެކަލާނގެ ރަސޫލާއާއި އެކަލޭގެފާނުގެ ޞަޙާބީންނަށް ތަބާވުމުގެ މަތީގައި އެކަތިގަނޑެއްކަމުގައިވުމަށެވެ. ﷲ ޙަމްދުހުއްޓެވެ. އިސްލާމީ މުޖުތަމަޢުގެ ބޮޑު ބައަކީ މިއީއެވެ. އެބައިމީހުންގެ މެދުގައި ބައިބައިކުރުވަނިވި ހަމައެކަނި ސަބަބަކީ އިންޞާފުވެރިވުން ދޫކޮށްލުމާއި، އަނިޔާވެރިވުމެވެ.

ހަމަކަށަވަރުން އަހުލުއްސުންނާއަކީ އެއް ޞަފެކެވެ. އެއެންމެވެސް އެއްމައިދާނެއްގައި އެކަތިގަނޑެއްކަމުގައިވެއެވެ. އެމީހުން އެއްބަޔަކު އަނެއްބަޔަކަށް ކުރިމަތިކުރުވާ ތުހުމަތުތަކަކީ ގިނަފަހަރަށް ރަނގަޅު ތުހުމަތުތަކެއްކަމުގައި ނުވާނެއެވެ. އަދިކިއެއްހެޔެވެ؟ އެފަދަ ވާހަކަތަކަކީ ބާޠިލު ވާހަކަތަކެއްކަމުގައިވެސް ވުން އެކަށީގެންވެއެވެ. އެހެންނަމަވެސް އެފަދަ ބާޠިލުވާހަކަތަކުގެ މައްޗަށް ބިނާކޮށް އެމީހެއްގެ އަޚުންނަށް ބައިތަކަށް ބަހައި އުޅޭ މީހުންވެސް ތިބާއަށް ފެންނާނެއެވެ. އެއީ އެއްގެއެއްގައި އެކީގައި އުޅޭ އަޚުންތަކެއް ކަމުގައިވެސް ވެދާނޫއެވެ. އެކީގައި ޢިލްމު ހޯދުމަށް އުޅޭ އަޚުންތަކެއްކަމުގައިވެސް ވެދާނެއެވެ. އެހެންނަމަވެސް މިފަދަ ބާޠިލު ހީތައް އެއަޚުންގެ މެދުގައި ފިތުނަވެރިކޮށް ބައިބައިކޮށް އެބައިމީހުންގެ ބާރުވެސް ކަނޑުވައިލައެވެ. އަލްޢައްލާމާ ބަކުރު އަބޫޒައިދު (تصنيف الناس بين الظن واليقين- ހީއާއި ޔަޤީނުގެ މެދުގައި މީސްތަކުން ބައިކުރުން) ނަމަކަށް ކިޔުނު ފޮތުގައި މީހުން ބައިކުރުމުގެ ޙުކުމްތައް ތަފްޞީލުކޮށް ހަމަޔަށް ބަޔާންކޮށްދެއްވިއެވެ. އެފޮތުން ވަރަށް މަންފާ ލިބޭނެއެވެ. މާތްﷲ ޝައިޚުއަށް ރަޙުމަތް ލައްވާށިއެވެ.


ލިޔުންތެރިޔާގެ ކުރު ތަޢާރަފު:

އޭނާއަކީ ސުޢޫދީ ޢަރަބިއްޔާގެ ޢިލްމުވެރިއެކެވެ. މަސައްކަތްކުރައްވަނީ ޖާމިޢަތު އިމާމް މަލިކު ސުޢޫދުގެ ޕްރޮފެސަރެއްގެ ވަޒީފާގައެވެ. ލިޔުއްވި ފޮތްތަކުގެ ތެރެއިން އެންމެ މަޝްހޫރު ފޮތަކީ الوسطية فى القرانއެވެ. މިފޮތަކީ ވަރަށް ޢިލްމީ ރަނގަޅު ފޮތެކެވެ. ޢިލްމު އުގެނޭ ކުދިން ކިޔަން ރަނގަޅު މަރުޖިޢެއްކަމުގައި ބެލެވޭ ވަރުގެ ފޮތެއްމެއެވެ.
ފާހަގަ: , ,

0 ޚިޔާލު!

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!