އިސްލާމީ މަފްހޫމުގައި އުފެއްދުންތެރިކަން

އުފެއްދުންތެރިކަން ނުވަތަ ފަންނުވެރިކަމާމެދު އިސްލާމް ދީން ދެކޭ ގޮތަކީ ސާފުވާން ޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
 އިސްލާމްދީނާމެދު ހެޔޮކޮށް ވިސްނާމީހުންނާއި އެދީނާމެދު ނުބައި ކޮށް ހީކުރާ މީހުންވެސް ފަންނުވެރިކަމާމެދު އިސްލާމްދީން ދެކޭ ގޮތްކަމަށް ބަލާ ގޮތަކީ އެންމެ ރަނގަޅު ރައުޔައެއް ނޫނެވެ. އަޖައިބު ކުރުވަނިވި ކަމަކީ އިސްލާމްދީންދެކެ ލޯބިވާ ބައެއް މީހުނާއި ދީނަށް ނަފްރަތުކުރާ މީހުންވެސް އިސްލާމްދީނުގައި ފަންނުވެރިކަން އޮންނަ ގޮތާމެދު އިއްތިފާޤުވަނީ އަންނަނިވި މޫރިތި ޙަދީސް ތަފްސީރުކުރެވޭ ގޮތެއްގެ މައްޗަށް ބިނާކޮށެވެ. ކީރިތި ރަސޫލާ ޙަދީސްކުރައްވާފައިވެއެވެ. إن أصدق الحديث كتاب الله و إن أفضل الهدي هدي محمد و شر الحديث محدثاتها و كل محدثة بدعة و كل بدعة ضالة و كل ضلالة فى النار- رواه مسلم މާނައީ: ހަމަކަށަވަރުން އެންމެ ތެދުބަހަކީ މާތްﷲގެ ފޮތެވެ. އަދި އެންމެ ހެޔޮކަން ބޮޑު ހިދާޔަތަކީ މުޙައްމަދުގެފާނުގެ ހިދާޔަތެވެ. އަދި ކަންކަމުގެ ތެރެއިން އެންމެ ނުބައިކަންބޮޑީ އަލަށް ގެނެވޭ ކަންތައްތަކެވެ. އަދި އަލަށް ގެނެވޭ ކޮންމެ ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ. އަދި ކޮންމެ މަގުފުރެދުމެއްވަނީ ނަރަކައިގައެވެ.


ބައެއް މީހުން މިޙަދީސްގެ މައްޗަށް ބިނާކޮށް ހީކުރަނީ އިސްލާމްދީނުގައި ކޮންމެ އުފެއްދުންތެރިކަމަކީ ޙަރާމްވެގެންވާ ކަމެއްކަމުގައެވެ. އަދި އާކޮންމެކަމަކީ ނުވަތަ އަލަށް ގެނެވޭ ކޮންމެ ކަމަކީ ގޯހެއްކަމުގައި ބަލައެވެ. މާތްﷲގެ ފޮތާއި ނަބިއްޔާގެ ސުންނަތާ ފުށުއަރާ އާކަންކަން ނުވަތަ ދީނުގެ ސާބިތު އަޞްލުތަކާއި އެކަންކަމުގައި ތަބަޢުވުން ވާޖިބު އަދި އެހެން ގޮތަކަށް ޢަމަލުކުރުން ހުއްދަނޫން ކަންކަމާ، އިންސާނީ ފިކުރާއި ޞިނާޢަތާއި ތަމައްދުނާ ގުޅުންހުރި ކަންކަމުގެ މެދުގައި ތަފާތު ކުރުމަކާ ނުލައެވެ. އަދި ކިއެއްހެއްޔެވެ. ދީނުގައިވެސް އެންމެ ތެދު ބަސް (މާތްﷲގެ ފޮތް) އަދި އެންމެ ހެޔޮ ހިދާޔަތު (ސުންނަތް)ގައި އައިސްފައިނުވާ ކަންކަމުގައި އާވިސްނުންތަކާއި ރައުޔައަށް ޖާގައެއް އޮންނާނެކަމުގައި އެބައިމީހުން ޤަބޫލެއް ނުކުރެއެވެ. އަދި ޤުރުއާނާއި ސުންނަތުގައި ހިމެނޭ ކަންކަމަކީ އެންމެ ހެޔޮ ކަންކަންކަމުގައި ނުވަތަ ގޮތްތައް ކަމުގައި ހިމެނުމަކީ އެދެމަޞްދަރުގައި ނުހިމެނޭ އެންމެހައި ކަމަކުން ހެޔޮކަމުގެ ޞިފަ ފިލައިދާ ސަބަބެއްނޫންކަން އެމީހުން ނުދަނެއެވެ.

މިމައްސަލައަކީ މިޒަމާނުގެ މުސްލިމް ސިކުނޑިއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އަދި އެންމެ ދަތި އެއްމައްސަލަކަމުގައިވާތީ މިމައްސަލައިގައި ޖަދަލުތަކާއި ބަޙުސްތައް ވަނީ ދިގަށާއި ހުރަހަށް ފެތުރިފައެވެ. މިމައްސަލައަކީ ސާފުވެ އޮޅުންފިލަން ޖެހިފައިވާ މައްސަލައެކެވެ. މައްސަލަ ސާފުކޮށްދިނުމަށް ރުޖޫޢަވާންޖެހެނީ އެންމެ މައި މޫތަކަށާއި އަޞްލުތަކަށެވެ. ކީރިތި ޤުރުއާނުގެ މުޞްޠަލަޙާތުގެ ޢިލްމުވެރިން ވިދާޅުވާ ފަދައިން އުފެއްދުންތެރިކަން ނުވަތަ އިބްދާޢަކީ ނަކަލުކުރުމެއްނެތި އާކަމެއް ވުޖޫދަށް ގެނައުމެވެ. މިތަޢުރީފަކީ ޢަރަބި ބަސްފޮތްތަކުންވެސް އަޅުގަނޑުމެންނަށް ފެންނަ ތަޢުރީފެވެ. ބަސްފޮތްތަކުގައި އައިސްފައިވާ ގޮތުން އިބްދާޢަކީ މިސާލެއްނެތި ނުވަތަ ނަމޫނާއެއްނެތި އެއްޗެއް ނުވަތަ ކަމެއް ފެށުން ނުވަތަ ބިނާކުރުމެވެ. އެހެންކަމުން އިބްދާޢު ނުވަތަ އުފެއްދުންތެރިކަމަކީ ކުރިން އުފެއްދިފައިނުވާ ކަމެއްނުވަތަ އެއްޗެއް އުފެއްދުމެވެ. އެފަދަ ދެވަނައެއް ކުރިން ނެތް ކަމެއް ނުވަތަ އެއްޗެއް ވުޖޫދަށް ގެނައުމެވެ. އެއުފެއްދުމަކީ ފަހަރުގައި ފިކުރީ އުފެއްދުމަކަށް ނުވަތަ މާއްދީ އުފެއްދުމަކަށްވެސްވެދާނެއެވެ.

އެހެންނަމަވެސް އަޅުގަނޑުމެންގެ ޙަޟާރަތުގެ ޢިލްމުވެރިން އުފެއްދުންތެރިކަން މާނަކުރުމުގައި ދީނުގައި ގެންނަ ބިދުޢައާއި އިންސާނީ ފިކުރުގައި އަލަށް ގެންނަ ކަންކަމާމެދުގައި ތަފާތުކުރައްވައެވެ. ދީނަކީ ކީރިތި ޤުރުއާނުގެ އެންގެވުމާއި ނަބަވީ ސީރަތުން އެއެންގެވުމަށް ދެއްވި ތަފްސީރުގައި އެމުނިއެކުލެވި، ފުރިހަމަވެފައިވާ ކަމެކެވެ. އިންސާނީ ފިކުރަކީ އަބަދުވެސް ބަދަލުވޭވޭ ހުންނަ ޙަޔާތުގެ ކުލަތަކާ ގުޅިފައިވާ ކަމެކެވެ. އަދި ފިކުރަކީ އިންސާނީ އުފެއްދުމެކެވެ. އެއީ އިންސާނާ ވިސްނާ ވިސްނުމެއްގެ މޭވާ ނުވަތަ ނަތީޖާއެވެ. އެއާޚިލާފަށް ދީނަކީ މާތްﷲގެ ވަޙީ ބަސްފުޅެވެ. އެއީ ވިސްނުމާއި ފިކުރުކުރުމުގެ ނަތީޖާއެއްނޫނެވެ. އެހެންކަމުން ޙަޤީޤީ މާނާގައި ދީނަކީ ފިކުރެކޭ ނުބުނެވޭނެއެވެ. އެއީ އިލާހީ ޢިލްމެކެވެ. އިންސާނީ ފިކުރެއްނޫނެވެ. އިލާހީ ޢިލްމާއި އިންސާނީ ފިކުރުގެ ތަފާތު ވަރަށް ބޮޑެވެ. އިލާހީ ޢިލްމަކީ ކައުނުގައިވާ ހުރިހާ ތަކެއްޗެއް އުފެދުނު ސަބަބެވެ. ނުވަތަ އެތަކެތި އުފެދުމުގެ އަޞްލެވެ. އިންސާނީ ފިކުރަކީ ކައުނުގައިވާ ތަކެއްޗާއި ކަންކަމުގެ ސަބަބުން އުފެދޭ ޢިލްމެއް ނުވަތަ ފިކުރެކެވެ. އަދި އިސްވެބުނެވުނު ކައުނުގައިވާ ތަކެއްޗަށް އަންނަ ބަދަލާއި ކުރިއެރުމުގެ ސަބަބުން އިންސާނީ ފިކުރު ބަދަލުވެ ތަރައްޤީވެއެވެ.

(ނުނިމޭ)
ފާހަގަ: , ,

0 ޚިޔާލު!

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!