މިޞްރު ފަތަޙަކުރެއްވުން...2

ޢަމްރޫ ބިން ޢާޞް........މިޞްރުގެ ފާތިޙު 


ޢަމްރޫ ބިން ޢާޞަކީ ކައުއިތުރު ރަސޫލާގެ މާތް ޞަޙާބީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނުގެ ނަސަބުފުޅަކީ عمرو بن العاص بن وائل، القرشي السهميއެވެ. އެކަލޭގެފާނުގެ ކުނިޔާއަކީ އަބޫމުޙައްމަދު ނުވަތަ އަބޫޢަބުދުﷲއެވެ. ޖާހިލިއްޔަ ޒަމާނުގައި އެކަލޭގެފާނަކީ މަސްކޮށްޓަވާ ވިއްކަވާ ބޭފޫޅެކެވެ. އަދި އެކަލޭގެފާނަކީ ވިޔަފާރީގައި ހުނަރުވެރި ތަޖުރިބާކާރު ބޭކަލެކެވެ. އެގޮތުން ޖާހިލިއްޔަ ޒަމާނުގައި ޙަބަޝްކަރައަށާއި މިޞްރަށާއި ޝާމާއި ޔަމަނަށް ވިޔަފާރި ދަތުރުތަކުގައި ވަޑައިގަންނަވާ ކަމުގައިވެއެވެ. އަދި އެކަލޭގެފާނަކީ ޤުރައިޝުވަންހައިގެ ކުޅަދާނަ އަސްވާރުންނާއި ބަޠަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އަދި އެކަލޭގެފާނަކީ ޅެންވެރިކަމުގައި އަރާހުންނެވި ޢަރަބި ބަހަށް ކުޅަދާން ދޫފުޅު ހަލުވި ޅެންވެރިއެކެވެ. އެކަލޭގެފާނުގެ ކިބައިން އެތަށް ބަޔަކުވަނީ ޅެން ދަސްކޮށް ރިވާކޮށްފައެވެ. އެކަލޭގެފާނު ފާހަގަކުރެވިފައިވަނީ ޢަރަބިންގެ ތެރެއިން ވިސްނުންފުޅު ތޫނު، ހިތްވަރުގަދަ، ރައުޔައިގެވެރި ބޭކަލެއްގެ ގޮތުގައެވެ. މިސަބަބަށްޓަކައި މުސްލިމުންގެ ފުރަތަމަ ހިޖުރާގައި އަދި ދެވަނަ ހިޖުރާގައި މައްކާއިން ނުކުމެވަޑައިގަން ޙަބަޝާއަށް ދަތުރުކުރައްވާ އެޤައުމުގެ ރަސްގެފާނު ނަޖާޝިގެ ޙިމާޔަތުގައި ތިއްބެވި ޞަޙާބީން އަނބުރާ ގެންނެވުމަށްޓަކައި މައްކާގެ މުޝްރިކުން ޙަބަޝާއަށް ފޮނުއްވީ އެކަލޭގެފާނެވެ.


 ހިޖުރީ ސަނަތުން 8ވަނަ އަހަރުގައި ޢަމްރޫބިން ޢާޞްއާއި ޚާލިދުބިން ވަލީދާއި ޢުޘްމާނު ބިން ޠަލްޙާއާ 3 ބޭކަލުން މަދީނާއަށް ވަޑައިގެންނެވިއެވެ. އެއީ އިސްލާމްވެވަޑައިގެން ކީރިތި ރަސޫލާއާ ތަބާވެވަޑައިގެންވުމަށްޓަކައެވެ. އެތިން ބޭކަލުން ސަލާމާއި ޞަލަވާތްލެއްވުނު ކައުއިތުރު މާތްނަބިއްޔާގެ މަޖުލިހަށް ވަދެވަޑައިގަތުމުން މާތްނަބިއްޔާ އެތަނުގައި ތިއްބެވި ޞަޙާބީންނާ މުޚާޠަބުކުރައްވައި ޙަދީސްކުރެއްވި ބަސްފުޅުގައިވަނީ މިއަދު މައްކާގެ މޭ ކުދިކުދިވެގެން ތިޔަބައިމީހުން ގާތަށް އަތުވެއްޖެއެވެ. މި ބަސްފުޅުން އެގެނީ އެއިރު އެބޭކަލުންގެ ބާރުވެރިކަމާއި މައްކާގައި އެބޭކަލުންނަށް އޮތް ހައިސިއްޔަތެވެ. އެކަލޭގެފާނު ޙަބަޝާއިން މައްކާއަށް ރުޖޫޢަވެވަޑައިގަތް ދުވަހުން ފެށިގެންވެސް ނަބިއްޔާގެ އަރިހަށް ވަޑައިގަތުމަށް ހީކުރައްވައެވެ. އެހެންނަމަވެސް ހިޖުރީ ސަނަތުން 8ވަނަ އަހަރާ ހަމައަށް އެކަމަށް ރަނގަޅަށް ޢަޒުމުކަޑައަޅުއްވައި އެކަމަށް ނުކުމެވަޑައި ނުގަންނަވައެވެ. 

 އެކަލޭގެފާނުގެ ޝަޚުޞިއްޔަތުގައި ހުރި ފާހަގަކޮށްލެވޭ ކަންކަން:

 ހ. މާތްﷲއާއި ނަބިއްޔާއަށް ބިރުގެ ޙާލަތުގައި ރުޖޫޢަވެވަޑައިގަތުން:

އަލްއިމާމް އިބުނުޙައްބާނު ޢަމްރޫބިން ޢާޞްގެ ކިބައިން ރިވާކުރެއްވި ރިވާޔަތެއްގައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްދުވަހެއްގައި މީސްތަކުން މަދީނާގެ ތެރޭގައި ބިރުން، ނަބިއްޔާވެސް ދޫކޮށްލުމަށްފަހު އުޅެ ގަނެފިއެވެ. ތިމަންކަލޭގެފާނަށް އެވަގުތު ފެނުނީ އަބޫޙުޒައފަތުގެފާނުގެ މައުލާ ސާލިމް އެކަލޭގެފާނުގެ ކަނޑިކޮޅު ހިއްޕަވައިގެން މިސްކިތުގައި އިށީދެވަޑައިގެން އިންނެވި މަންޒަރެވެ. އެތަން ތިމަންކަލޭގެފާނު ދެކެވަޑައިގެން ހަމައެގޮތަށް ކަންތައް ކުރައްވައިފީމުއެވެ. އެހެން ތިމަން ދެބޭކަލުން ތިއްބަވަނިކޮށް ކައުއިތުރު ރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމައަށް ފެނިވަޑައިގެންފައިވަނިކޮށް މީސްތަކުން މިސްކިތަށް ޖަމާވުމުން އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. "يا أيها الناس، ألا كان مفزعكم إلى الله ورسوله! ألا فعلتم كما فعل هذان الرجلان المؤمنان؟". މާނައީ: އޭ އެންމެހާ މީސްތަކުންނޭވެ. ތިޔަބައިމީހުންކުރެ ބިރުގެންފައި ހުންނަމީހާ މާތްﷲއާއި އެކަލާނގެ ރަސޫލާގެ ޙަޟްރަތަށް ރުޖޫޢަވީނަމަ ހައުދަހާ ހެޔޮކަން ބޮޑުވީހެވެ. މިދެމުއުމިން ފިރިހެނުން ކަންތައް ކުރގޮތަށް ތިޔަބައިމީހުން ކަންނުކުރާނަމުހެއްޔެވެ؟؟"

 ށ. އެކަލޭގެފާނުގެ އީމާންތެރިކަމަށް ކީރިތި ރަސޫލާ ހެކިވެވަޑައިގެންނެވުން:

 އަލްމުސްތަދުރަކުގައި އިމާމް ޙާކިމް ނެރުއްވާފައިވާ ޙަދީސެއްގައިވެއެވެ. އަބޫހުރައިރަތުގެފާނުވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވުނު ކީރިތި ރަސޫލާ ޙަދީސްކުރެއްވިއެވެ. "ابنا العاص مؤمنان، هشام وعمرو". މާނައަކީ: އަލްޢާޞްގެ ދެދަރިންނަކީވެސް މުއުމިނުންނެވެ. އެއީ ހިޝާމާއި ޢަމްރޫއެވެ. _ ނ. ހަނގުރާމައިގެ ކަންކަން ދެނެވަޑައިގަންނަވާ އަމީރެއް: އަލްއިޞާބާއޭ ކިޔުނު ފޮތުގައި އަލްއިމާމް އިބުނު ޙަޖަރު އައްލައިޘުގެ މަގުން ރިވާކުރައްވާފައިވެއެވެ. ޢަމްރޫބިން ޢާޞް ހިންގަވާތަން ދެކެވަޑައިގަތުމަށްފަހު ޢުމަރުގެފާނުވިދާޅުވިއެވެ. އަބޫޢަބުދުﷲއަށް އަމީރެއްގެ ގޮތުގައި މެނުވީ ހިންގެވުން އެކަށީގެންނުވެއެވެ. 

އަދިވެސް އިމާމް ޙާކިމް އެކަލޭގެފާނުގެ މުސްތަދުރަކުގައި ރިވާކުރައްވާފައިވެއެވެ. އަބޫބަކުރުގެފާނާއި ޢުމަރުގެފާނު ހިމެނިވަޑައިގަންނަވާ ލަޝްކަރެއްގެ މައްޗަށް ޢަމްރޫބިން ޢާޞް އަމީރެއްކަމުގައި ލެއްވުމަށްފަހުގައި ކީރިތި ރަސޫލާ އެކަލޭގެފާނު ذات السلاسل ގެ ޣަޒުވާއަށް ފޮނުއްވިއެވެ. ކޮންމެއަކަސް ލަޝްކަރު ހަނގުރާމައިގެ މައިދާނަށް ވާޞިލުވުމާއެކު ޢަމުރޫ ލަޝްކަރަށް ކުރެއްވި އަމުރަކީ އަލިފާނެއް ރޯނުކުރުމަށް ކުރެއްވި އަމުރެވެ. މިކަމާގުޅިގެން ޢުމަރުގެފާނު ނުހަނު ކޯފާ އިސްކުރައްވާ ޢަމުރޫގެފާނާމެދު އަތްއިސްކުރައްވަންވެސް ގަސްތުކުރައްވައިފިއެވެ. އެހިނދު އަބޫބަކުރުގެފާނު ޢުމަރުގެފާނަށް ވިދާޅުވީ، ތިމަންބޭކަލުންގެ މައްޗަށް ޢަމުރޫގެފާނު އަމީރެއްކަމުގައި ރަސޫލުﷲ ކަނޑައެޅުއްވީ ޢަމުރޫގެފާނަށް ހަނގުރާމައިގެ ކަންކަން ބޮޑަށް އެގިވަޑައިގަންނަވާނެތީވެއެވެ.

 ޙާކިމް ނެރުއްވާފައިވާ އެހެން ޙަދީސެއްގައި އެކަލޭގެފާނު އަމިއްލަފުޅަށް ވިދާޅުވެފައިވެއެވެ. "ތިމަންކަލޭގަފާނާއި ޚާލިދުބިންވަލީދު އިސްލާމްވެވަޑައިގަތުމަށްފަހު ތިމަން ދެބޭކަލުންގެ ބަދަލުގައި އެހެންބޭކަލަކު ރަސޫލާ ހަނގުރާމައިގައި އަމީރެއްގެ ގޮތުގައި ބޭނުންކުރައްވާފައިނުވެއެވެ.

ފަރުމާއިން ބާބޮލިޔޫންގެ ކިއްލާއަށް

 ޚަލީފާ އަމީރުލް މުއުމިނީން ޢުމަރުބިން ޚައްޠާބާއި ޢަސްކަރީ މަޖުލިސް މިޞްރު ފަތަޙަކުރުމާއި އެކަމުގެ ރޭވުންތަކަށް އެއްބަސްވެލެއްވުމާއެކީގައި 4 ހާސް މީހުންނަށްވުރެ މަދު ޢަދަދެއްގެ މައްޗަށް އެކުލެވޭ ލަޝްކަރެއްގެ ކޮމާންޑަރެއްގެ ގޮތުގައި ޝާމުން ޢަމުރޫބިން ޢާޞް މިޞްރަށް މިސްރާބު ޖެއްސެވިއެވެ. ޤައިސާރިޔާއޭ ކިޔުނު ރަށުން އެކަލޭގެފާނުގެ ލަޝްކަރާއިގެން ނުކުމެވަޑައިގެން، ދަތުރުކުރައްވަމުން ވަޑައިގެން الحلال އޭ ކިޔުނު ފަރުބަދަ ހުރަސްކުރެއްވިއެވެ. އެއީ ޢަރީޝްއޭ ކިޔުނު ރަށަށް ވަޑައިގެންނެވުމުގެ ކުރިންނެވެ. ލަޚުމާއި ރާޝިދާގެ ބައެއް ޤަބީލާތައް އެސަރަޙައްދުގައި އޭރު ތިއްބެވެ. އެމީހުންވެސް ލަޝްކަރާ ގުޅުމާއެކު، ލަޝްކަރުގެ ޢަދަދު 4 ހާހަށް އެރިއެވެ. އެ 4 ހާސް ލަޝްކަރީންނާއިގެން އެކަލޭގެފާނު މިޞްރަށް ވަޑައިގެންނެވިއެވެ. އެލަޝްކަރުގައި ގިނައީ އަސްވާރުންނެވެ.

އެކަލޭގެފާނުގެ ލަޝްކަރާއިގެން ޢަރީޝްއަށް ދަތުރުކުރައްވަނިކޮށް ޢީދުއްނަޙުރު (10 ޛިލްޙިއްޖާ 19ހ) އައެވެ. البلاذري މިވާހަކަ ޛިކުރުކުރައްވާފައިވެއެވެ. އެކަލޭގެފާނުގެ އަޞްޙާބުންގެ ނަންމަތީގައި ކަބަޝްއެއް އެދުވަހު ޤުރުބާންކުރެއްވިއެވެ. އެދުވަހަކީ މީލާދީ ސަނަތުން 29 ނޮވެމްބަރު 640މ އެވެ. 

 މިދުވަސްތަކުގައި ހިގައިދިޔަ ކުޑަ ޙާދިސާއަކަށް ބަލައިލުމުން ޢަމުރޫބިން ޢާޞްގެ ނަފްސާނިއްޔަތު ވަރަށް ރަނގަޅަށް ދަނެގަނެވިދާނެއެވެ. އެކަލޭގެފާނުގެ ލަޝްކަރުގައި ހިމެނުނު މީހަކު އެކަލޭގެފާނުގެ އަރިހަށް އައިސް ޖަމަލު ގެއްލިއްޖެ ވާހަކަ ދެންނެވިއެވެ. އެހިނދު އެކަލޭގެފާނު އޭނާއަށް އެންގެވީ އޭނާގެ އެކުވެރިންގެ ސަވާރީގައި އޭނާގެ ސާމާނު އުފުލުމަށެވެ. އެއީ އެންމެ އަވަހަށް ދެވޭ ރަށަކަށް ފޯރަން ދެނެވެ. ޢަރީޝަށް ވާޞިލުވެވުމުން އެއްކަލަ މީހާ އަލުން އެކަލޭގެފާނުގެ އަރިހަށް އައިސްފިއެވެ. އެހިނދު އެކަލޭގެފާނު އޭނާއަށް 2 ޖަމަލު ދެއްވުމަށް އަމުރު ކުރެއްވިއެވެ. އަދި ވަރަށް ޙިކުމަތްތެރި ބަސްފުޅެއް ވިދާޅުވިއެވެ. އެބަސްފުޅަކީ: : "لن تزالوا بخير ما رحمتكم أئمتكم، فإذا لم يرحموكم هلكتم وهلكوا"! މާނައަކީ: "ތިޔަބައިމީހުންގެ ވެރިން ތިޔަބައިމީހުންނަށް ރަޙުމުކުރާހާ ދުވަހަކު ތިޔަބައިމީހުން ވާނީ ހެޔޮ ޙާލުގައެވެ. އެބައިމީހުން ތިޔަބައިމީހުންނަށް ރަޙުމުނުކުރަން ފަށައިފިނަ ދަންނާށެވެ. ތިޔަބައިމީހުންވެސް އަދި އެއުރެން ޔަޢުނީ ވެރިންވެސް ހަލާކުވެދާނެއެވެ." 

ފަރުމާ ފަތަޙަކުރެއްވުން: ޢަމްރޫބިން ޢާޞްގެ ލަޝްކަރު މިޞްރާ ދިމާލަށް ދަތުރުކުރާކަން އެގުމުން މަޤޫޤިސް ރަސްގެފާނު ލަޝްކަރެއް ތައްޔާރުކޮށް ޢަމުރޫބިން ޢާޞްގެ ލަޝްކަރާ ކުރިމަތިލުމަށް ފޮނުއްވިއެވެ. އެ ލަޝްކަރާ އިސްލާމީ ލަޝްކަރާ ބައްދަލުވީ ފަރުމާއޭ ކިއުނު ރަށުގެ ބޭރުންނެވެ. މިއީ އިސްލާމީ ލަޝްކަރާއި މިޞްރުގެ ލަޝްކަރާ ދޭތެރޭ ހިނގައި ދިޔަ ފުރަތަމަ ކުރިމަތިލުމެވެ. _ ފަރުމާއަކީ ފިރުޢައުނުންގެ ޒަމާނުގައި އިރުމަތީ މިޞްރުގެ އެންމެ މުހިއްމު ކިއްލާއެވެ. އެހެނީ އެރަށަކީ މިޞްރަށް ޙަމަލާދޭ މީހުން އެންމެ ގިނައިން ބޭނުންކުރާ މަގުގައި ސީދާ އޮންނަ ރަށެކެވެ. މިރަށަށް ފިރުޢައުނީ ޒަމާނުގައި ކިޔާނަމަކީ ބަރުއާމޫންއެވެ. އެނަމުގެ މާނައަކީ އާމޫން އިލާހުގެ ގެއެވެ. ނުވަތަ ގޯއްޗެވެ. ޤިބުޠީ ބަހުން މި ރަށަށް ކިޔަނީ ބަރުމާއެވެ. މިލަފުޒު ޢަރަބިވެގެން އައި އައުމުގައި އެރަށަށް ކިއުނީ ފަރުމާއެވެ. މިރަށްވަނީ ހަލާކުވެ ވީރާނާވެފައެވެ. މިރަށުގެ ވީރާނާވެފައި އާސާރުތައް މިހާރުވެސް ފެންނަން އެބަހުއްޓެވެ. އެތަނަށް ކިޔަނީ ތައްލު ފަރުމާއެވެ. 

 ބަޓުލަރ ނަމަކަށް ކިޔުނު މުއައްރިޚުގެ އަންދާޒާކުރުންތައް ބުނާގޮތުން ފަރުމާ ފަތަޙަކުރެވިފައިވަނީ ހިޖުރީ ސައްތައިން 640ވަނަ އަހަރުގެ ޖެނުއަރީ މަހުގެ މެދު ތެރޭގައެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި އެހަނގުރާމައިގައި މުސްލިމުން ބަލިވެގެންދިޔައީ މަޤޫޤީސް ސައިރޫސްގެ ޚިޔާނާތުގެ ސަބަބުންނެވެ. އެއީ ސައިރޫސް ޢަރީޝްއާއި ފަރުމާގެ މެދުގައި ތިބި މަދު މުސްލިމުން ނުވަތަ ފަރުމާގެ ކިއްލާގެ ބޭރުގައި ތިބި މުސްލިމުން ސުންނާފަތިކޮށް ހަލާކުކޮށްލުމަށް 10ހާސް މީހުންގެ މައްޗަށް އެކުލެވޭ ލަޝްކަރެއް ނުފޮނުވީމައެވެ. އަދި ބަޓްލާ ތުހުމަތުކުރާ ގޮތުން މިހާ ހިސާބުން ފެށިގެން މަޤޫޤީސް ސައިރޫސް އޭނާގެ ދައުލަތް ކަމުގައި ރޯމަން ދައުލަތަށް ޚިޔާނާތްތެރިވެ، އެދައުލަތުގެ ޢަދުއްވުން ކަމުގައިވާ މުސްލިމް ޢަރަބިންނާ ގުޅި ރޯމަން ދައުލަތާ ދެކޮޅަށް އެހީތެރިވާން ފެށިއެވެ. _ ކޮންމެއަކަސް މިރައުޔައަކީ އިސްލާމީ ޢަރަބި އެއްވެސް ތާރީޚީ ލިޔެކިޔުމަކުން ފެންނަން ނެތް ރައުޔައެކެވެ. މިރައުޔައަކީ މުސްލިމުން ބުރަ މަސައްކަތުން ފަރުމާގެ މައްޗަށް ވެރިނުވާކަމަށް ބުނެ އެނަޞްރާއި ކާމިޔާބީ މައިގަނޑު އެންމެ ސަބަބަކާ ގުޅުވުމެވެ. އެއީ މަޤޫޤީސް ސައިރޫސްގެ ޚިޔާނަތެވެ. މިރައުޔައިގެ ބޭނުމަކީ މަހެއް ނުވަތަ 2 މަހެއްހާ ދުވަސްވަންދެން މުސްލިމުން ކުޅަ ބުރަ މަސައްކަތުން މި ނަޞްރު ޙައްޤުވީ ޙައްޤުވުން އޮޅުވާލުމެވެ. 

 ލަޝްކަރުގެ ކަނާތުފަޅީގެ ކޮމާންޑަރަކަށް ހުންނެވީ عبد الله بن سعد بن أبي سرح އެވެ. ކޮންމެއަކަސް ޝާމުކަރަ ރޯމަނުންނަށް ގެއްލުމާއެކު މުސްލިމުން މިޞްރު ފަތަޙަކުރުމަށް މަސައްކަތްކުރާނެކަން އެބައިމީހުންނަށް ޔަޢުނީ ރޯމަނުންނަށް ކަށަވަރުވާނެއެވެ. އެހެންކަމުން އެމީހުންވެސް ތިބީމިކަމަށް ތައްޔާރުވެގެންނެވެ. 11 ފެބުރުއަރީ 641މ/ 25 ޞަފަރު 20ހ ގައި އެންމެ ފުރަތަމަ މުސްލިމު ލަޝްކަރު ފަރުމާ ޙިޞާރުކޮށް ފަރުމާއާ ހަނގުރާމަފެށިއެވެ. ފަރުމާގައި ބައިޒަންޓޭނިއަނުންގެ ވަރުގަދަ ކޯއްޓޭއެއް ހުއްޓެވެ. އެކޯއްޓޭގެ އަހުލުވެރިން ނިކަން ވަރުގަދައަށް އިސްލާމީ ލަޝްކަރާ ކުރިމަތިލައި ހަނގުރާމަކުރިއެވެ. ޢަބުދުﷲ ބިން ސަޢުދު އެކޯއްޓޭ ފަތަޙަކުރެއްވިއެވެ. އަދި ފަރުމާގައި ހުރި ބަޒަންޓޭނިއަނުންގެ ވަރުގަދަ ކިއްލާއެއް ޙިޞާރުކުރައްވައި އެތަން ޢަމުރޫބިން ޢާޞް ހިއްޕެވިއެވެ. 

ޢައިނުއްޝަމްސުގެ ހަނގުރާމަ: އިސްލާމީ ފަތުޙުގެ ވާހަކަ ރިވާކުރި މުސްލިމް ރާވީން ޒިކުރު ނުކުރާ މުހިއްމު ވާހަކައެއް ޙަނާ އައްނަޤުޔޫސީ ރިވާކޮށްފައިވެއެވެ. އެއީ ޢައިނުއްޝަމްސުގެ ހަނގުރާމައެވެ. މިހަނގުރާމަ ހިނގާފައިވަނީ ޖުމާދުލްއޫލާ 20ހ/ އޭޕްރީލް 641މ ގައެވެ. _ ޓެނައިނިޔާސް (އުންމުދަނީން)އޭ ކިޔުނު ރަށުގެ ބޭރަށް މުސްލިމުންނަށް ވާޞިލުވެވިއްޖެއެވެ. އެހިނދު އިސްލާމީ ލަޝްކަރު ކޯރުގެ އައްސޭރިއަށް ފައިބާފޫއެވެ. އަދި ޢަމުރޫބިން ޢާޞް ޢުމަރުގެފާނުގެ ކިބައިން މަދަދަކަށް އެދިވަޑައިގަތުމުން ޢުމަރުގެފާނު އެކަލޭގެފާނަށް އެހީތެރިކަމެއްގެ ގޮތުގައި އިތުރު 4ހާސް މީހުންގެ މައްޗަށް އެކުލެވޭ ލަޝްކަރެއް ފޮނުއްވިއެވެ. _ ޢަމުރޫބިން ޢާޞް އަލަށް ލަޝްކަރާ ގުޅުނު މީހުންނާ އެކީ ލަޝްކަރު 3 ބަޔަކަށް ބައްސަވާލެއްވިއެވެ. އަދި ލަޝްކަރުގެ އެއްބައި ޓެނައިނިޔާސް ގާތުގައި ޤާއިމުކުރެއްވުމަށްފަހު އަނެއްލަޝްކަރު ބާބަލިޔޫންގެ އުތުރަށްވާގޮތަށް ބޭއްވިއެވެ. އަދި އެހެން ލަޝްކަރެއް ޢައިނުއްޝަމްސޭ ކިއުނު ރަށުގެ ކައިރީގައި ޤާއިމުކުރެއްވިއެވެ.

 ޓެނައިނިޔާސްގައި އޮތް އިސްލާމީ ލަޝްކަރު ބަލިކޮށް ފައްސާލުމުގެ ނިޔަތުގައި ބާބޮލިޔޫން އިން ބައިޒަންޓޭނިއަން ލަޝްކަރެއް ނުކުމެގެން އައި ޓެނައނިޔާސްގެ ގާތަށް އާދެވުނު އިރު އެމީހުންނަށް ފެނުނީ ވަރަށް ކުޑަކުޑަ ލަޝްކަރެކެވެ. ދެން އިސްލާމީ 3 ލަޝްކަރު އެއްފަހަރާ ތިން ފަރާތުން ޙަމަލަދީ ބައިޒަންޓޭނިއަނުން ބަލިކޮށް ޓެނައިނިޔާސް މުސްލިމުންގެ އަތްދަށަށް ގެނައެވެ. 

 ބާބަލިޔޫންގެ ޙިޞާރު:

 ދެން އިސްލާމީ ލަޝްކަރު ކުރިމަތިލީ ބާބަލިޔޫން ހިފުމަށެވެ. ޢަމުރޫބިން ޢާޞް ލަޝްކަރާއިގެން ބާބުލިޔޫންއަށް ވަޑައިގެންނެވި އިރު އެރަށުގެ ވަށައިގެން ޚަންދަޤު ކޮނެ އެޚަންދަޤުގައި ދޮރުތައް ހަދައި ދަގަނޑުޖަހައި އެތެރެއަށް މީހުންނާއި އަސްތަކެއް ވަންނަން ދަތިވާނެހެން ހަދާފައެވެ. 

 ކޮންމެއަކަސް މި ތަނުގައި އެތައް ދުވަހެއްވަންދެން ވަރަށް ގަދަޔަށް ޢަމުރޫބިންޢާޞް ހަނގުރާމަކުރެއްވިއެވެ. ކޮންމެއަކަސް ބައިޒަންޓީނިއަނުންގެ ޢަދަދު ގިނަކަމުގެ ސަބަބުން އަނެއްކާވެސް ޢަމްރޫއަށް މަޖުބޫރުވެވަޑައިގަތީ އަލުން ޢުމަރުގެފާނުގެ ކިބައިން މަދަދަށް އެދިވަޑައިގަތުމަށެވެ. މިފަހަރުވެސް ޢުމަރުގެފާނު ފޮނުއްވީ 4 ހާސް މީހުންގެ ލަޝްކަރެކެވެ. ކޮންމެ ހާހެއްގެ މައްޗަށް އެކަނި އެއްހާސް މީހުންނާ ކުރިމަތިލެއްވެވަރުގެ ބޭކަލަކު ފޮނުވިއެވެ. އެބޭކަލުންނަކީ الزبير بن العوام، والمقداد بن عمرو، وعبادة بن الصامت މި ތިންބޭކަލުންނެވެ. ހަތަރުވަނަމ ބޭކަލަކާ މެދު މުއައްރިޚުންގެ ޚިޔާލު ތަފާތެވެ. مَسْلَمَةُ بنُ مُخَلَّد، خارِجَة بن حُذَافة العدويّ، عُمَير بن وهب الجمحيّ އެބޭކަލަކީ މި ތިން ބޭކަލުންކުރެ އެއްބޭކަލެއްކަމަށް ގިނަ މުއައްރިޚުން ވިދާޅުވެއެވެ. _ އިސްކަންދަރިއްޔާ ފަތަޙަކުރެއްވުން: ހިޖުރީ ސަނަތުން 20 ވަނަ އަހަރުގެ ޛިލްޙިއްޖާ މަހުގެ 29ވަނަ ދުވަހު ބާބަލިޔޫން މުސްލިމުންގެ އަތްދަށަށް އައިސް ފަތަޙަވިއެވެ. އެދުވަހަކީ މީލާދީ ސަނަތުން 7 ޑިސެމްބަރ 641 އެކެކެވެ.

ދެން ޢަމުރޫބިން ޢާޞް ލަޝްކަރައިގެން ދަތުރުކުރެއްވީ އިސްކަންދަރިއްޔާއަށެވެ. އިސްކަންދަރިއްޔާއަކީ އެއިރު މިޞްރުގެ ވެރިކަން ކުރާ ރަށެވެ. ރިވާޔަތްތައް ބުނާ ގޮތުން ޢަމުރޫބިން ޢާޞް އިސްކަންދަރިއްޔާ ޙިޞާރަކުރައްވައިގެން 3 މަސް ހޭދަކުރެއްވިއެވެ. މާނައަކީ ބާބޮލިޔޫން ފަތަޙަކުރެއްވުމަށްފަހު 6 މަސްދުވަހުގެ ދަތުރަކަށްފަހު އިސްކަންދަރިއްޔާއަށް ވަޑައިގެން އެރަށް 3 މަސްދުވަސްދެން ޙިޞާރުކުރެއްވިއެވެ. މުސްލިމުންނަށް އިސްކަންދަރިއްޔާއަށް ވާޞިލުވެވުނީ ހިޖުރީ ސަނަތުން 21ވަނަ އަހަރުގެ ޖުމާދުލްއާޚިރާގެ 19ވަނަ ދުވަހުއެވެ. އެއީ މީލާދީ ގޮތުން 23 މޭ 642ކެވެ. އިސްކަންދަރިއްޔާ މުސްލިމުންނަށް ފަތަޙަ ކުރެވުނީ ހިޖުރީ ސަނަތުން 21ވަނަ އަހަރުގެ ރަމަޟާން މަހުގައެވެ. އެއީ މީލާދީ ސަނަތުން 19 އޮގަސްޓު 642ކެވެ.

 ނޯޓު: މިލިޔުމަކީ މިޞްރު ފަތަޙަކުރެއްވުމުގެ ޙާދިސާއާ ގުޅޭ ގޮތުން ފަޟީލަތުއްޝައިޚު ރާޣިބުއް ސިރުޖާނީ ލިޔުއްވާފައިވާ ލިޔުންތަކެއްގެ ޚުލާޞާ ތަރުޖަމާއެކެވެ. ލިޔުން ކުރުކުރުމުގެ ގަސްތުގައި ވަރަށް ގިނަ ތަފްޞީލުތައް ދޫކޮށްލެވިފައިވާނެއެވެ. އެހެންނަމަވެސް އުންމީދަކީ، އިސްލާމީ ތާރީޚާ ގުޅުންހުރި ދިވެހި ބަހުން ލިޔެވިފައިވާ ލިޔުންތަކެއް ހޯއްދަވާ ފަރާތްތަކަށް މިލިޔުމުން ނަފާކުރުމެވެ. 

ފާހަގަ: ,

0 ޚިޔާލު!

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!