ޚިޠުބާގައި އަންހެނާއަށް ބެލުން

ޚިޠުބާގެ މާނަ:

1- ބަހުގައި ޚިޠުބާގެ މާނަ:

ޚިޠުބާގެ މާނަކަމުގައި އަލްއަޒުހަރިއްޔު ވިދާޅުވެފައިވެއެވެ. އެއީ ބަސްބުނުމެވެ. ނުވަތަ ކާވެންޏަށް އެދުމެވެ. ނުވަތަ ކާވެނިކުރަން އެދޭ އަންހެނާއަށް ކިޔާނަމެވެ. [1]

އަދި އިމާމް އިބުނު މުންޡިރު ވިދާޅުވެފައިވެއެވެ. خطبته މާނައީ: "އޭނާގެ ޚިޠުބާ" މިހެން ބުނެވިއްޖެނަމަ އޭގެ މުރާދަކީ އޭނާ ކާވެނިކުރަން ގަސްތުކުރާ އަންހެނާއެވެ. އެހެންކަމުން ބަހުގައި ޚިޠުބާ ނަމެއްގެ ގޮތުގައިވެސް ބޭނުންކުރެވޭނެއެވެ.[2]

2- ފިޤުހުގައި ޚިޠުބާގެ މާނަ:

ޚިޠުބާގެ މާނައަކީ ކަނޑައެޅިގެންވަކި އަންހެނަކާ ކާވެނިކުރުމުގެ އެދުން ފާޅުކުރުމާއި، އެކަން އަންހެނާގެ ވަލީވެރިއާއަށް ނުވަތަ އަންހެނާއަށް އެންގުމެވެ. މިކަން ޚިޠުބާއަށް އެދޭ ފިރިހެނާއަށް ސީދާކުރެވިދާނެއެވެ. ނުވަތަ އޭނާގެ އަހުލުވެރިން މެދުވެރިކޮށް ކުރެވިދާނެއެވެ. އަދި އަންހެންމީހާ ނުވަތަ އޭނާގެ ވަލީވެރިޔާ އެދެމީހުން ކާވެނިކުރުވުމަށް އެއްބަސްވެއްޖެނަމަ، އެހިސާބުން ޚިޠުބާ ފުރިހަމަވީއެވެ. ކާވެނީގެ ކުރިން ޚިޠުބާ އުވައިލުމުގެ އިޚުތިޔާރު ދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ.[3]

އެހެން ބައެއް ޢިލްމުވެރިން އެއީ ހަމައެކަނި އަންހެނާގެ ކާވެންޏަށް، މީސްތަކުންގެ މެދުގައި މަޝްހޫރުވެފައިވާ ވަސީލަތްތައް މެދުވެރިކޮށް އެދުންކަމުގައި މާނަކުރައްވައެވެ.[4] އެކަމަކު އިސްވެދިޔަ ތަޢުރީފަކީ ތަފްޞީލު ތަޢުރީފެކެވެ.

ކޮންމެއަކަސް ޚިޠުބާއަކީ ކާވެނީގެ ކުރިން ދެމީހުން ދެނެގަތުމަށް އިސްލާމްދީން އެކަށައަޅައިދިން އުޞޫލެވެ. އެއީ ކާވެނި އަދައިގެން ފިރިހެނަކު އެކަން އަންހެނެއްގެ ކުރިމަތީގައި ފާޅުކުރުމެވެ.

ޚިޠުބާ ޝަރުޢުކުރެއްވުމުގެ ޙިކުމަތް:

ޝައިޚު ސައްޔިދު ސާބިޤު ވިދާޅުވެފައިވެއެވެ. ޚިޠުބާގެ ބޭނުމަކީ ކާވެންޏަކާ ހަމައަށް ދެމަފިރިން ދާއިރު އެދެމީހުން އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިތިބުމެވެ. އަދި އެމީހުން އެކަކު އަނެކަކު ދަނެގަތުމެވެ.[5] ޑަކްޓަރ ވަހުބަތުއްޒުޙައިލީ ވިދާޅިވެފައިވެއެވެ. ކާވެނީގެ ކުރިން ދެމީހުންގެ ދެމެދުގައި ލޯތްބާއި މަވައްދަތު ބޭއްވޭނެ ކަމުގެ ޔަޤީންކަން ލިބިގަތުމެވެ. އަދި އެކަކު އަނެކަކު ދަސްކުރުމެވެ. ހިތުގައި އިޚުލާޞްތެރިކަމާއެކު ބަލައިގަނެވޭނެކަން ނުވަތަ ނޫންކަން ނިންމުމެވެ.[6] މިބަސްފުޅަށް ކީރިތި ރަސޫލުﷲ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްލައްވާށި)ގެ އަންނަނިވި ބަސްފުޅުން އިތުރަށް ބާރު ލިބެއެވެ. "انظر إليها فإنه أحرى أن يؤدم بينكم"[7] މާނައީ: (ތިބާ އެކަނބުލޭގެއަށް ބަލާށެވެ. އެގޮތް ތިޔަދެމީހުންގެ ދެމެދުގައި ގުޅުން ދެމިގެން ދިޔުމަށް ގާތްކަން ބޮޑުވެގެންވެއެވެ.)

އަލްއިމާމް އަބޫޒަހްރާ ވިދާޅުވެފައިވެއެވެ. ކާވެނީގެ ކުރިން ދެމީހުންވެސް އެކަކު އަނެކަކު ޖިސްމާނީ ޞިފަތައް ކޮންމެވެސް މިންވަރަކަށް ދެނެގަތުމަކީވެސް ޚިޠުބާގެ ޙިކުމަތެކެވެ. އެއީ ކޮންމެ ފަރާތަކުންވެސް އަނެއްފަރާތުގެ ޖިސްމާނީ ޞިފަތަކާމެދުވެސް ރުހިހުރެގެން ކާވެންޏާ ހަމައަށް ދިއުމަށެވެ.[8]

އެއްވެސް ޙާލެއްގައި ޚިޠުބާއަކީ އަޖުމަބެލުން އެކުލެވިގެންވާ ކަމެއް ނޫނެވެ. އެއީ ހަމައެކަނި ދެމީހުންގެ މިޒާޖާއި އަޚުލާޤު ދަސްކުރުން އެކުލެވިގެންވާ ޝަރުޢީ އިންތަކުގެ ތެރޭގައި ކާވެނީގެ ކުރިން ފިރެހެނަކާއި އަންހެނެއްގެ ދެމެދުގައި އޮންނަ ގުޅުމެކެވެ.

ޚިޠުބައިގައި އަންހެނާއަށް ބެލުމުގެ ޙުކުމް:

ފިތުނަވެރިކަމެއް އުފެދިދާނެކަމުގެ ބިރެއްނެތަސް އޮތަސް އަޖުނަބީ އަންހެނެއް[9]ގެ ޢައުރައަށް ބާލިޣުވެފައިވާ ބުއްދި ސަލާމަތުން ހުރި ފިރިހެނަކު ބެލުން ހުއްދަވެގެންނުވެއެވެ. އެހެނީ ބެލުމަކީ ފިތުނައިގެ އަޞްލެވެ. އަދި ޝަހުވަތުގެ މަޞްދަރެވެ. މާތްﷲ ވަޙީކުރެއްވިއެވެ. @è%ur ÏM»uZÏB÷sßJù=Ïj9 z`ôÒàÒøótƒ ô`ÏB £`ÏdÌ�»|Áö/r& z`ôàxÿøts†ur £`ßgy_rã�èù Ÿ (ނޫރު-31) މާނައީ: އަދި ކަލޭގެފާނު މުއުމިނުން އަންހެނުންނަށް އެކަބަލުންގެ ބެލުންތައް ތިރިކުރުމަށާއި ފަރުޖު ރައްކާތެރިކުރުމަށް އަންގަވާށެވެ. އަދި ރަސޫލުﷲ (ސަލާމާއި ޞަލަވާތް އެކަލޭގެފާނުގެ މައްޗަށްލައްވާށި) ޙަދީސްކުރެއްވިއެވެ. النظرة سهم من سهام إبليس[10] މާނައީ: "ބެލުމަކީ އިބިލީހުގެ ދުނީގެ ތެރެއިން ދުންޏެކެވެ.

ބެލުން ބެހިގެންވާ ބައިތަކާއި އެބައިތަކުގެ ޙުކުމްތައް:

ޝަހުވަތާއެކު، އަނބިމީހާ ފިޔަވައި އެހެން އަންހެނަކަށް ބެލުން ހުއްދަވެގެންނުވެއެވެ. އެއީ ބެލުމުން އަރާމު ލިބިގަތުމުގެ ޝަހުވަތުގައި ނުވަތަ ގުޅުން ހިންގުމުގެ އެދުންވެރިކަމުގައި ބަލާބެލުމެއް ކަމުގައިވިޔަސްމެއެވެ. އެހެންކަމުން ބެލުން ޙަލާލުވެގެންވާ މީހުންނަށްވެސް ޝަހުވަތާއެކު ބެލުން ހުއްދވެގެންނުވެއެވެ. މިސާލަކަށް މަޙްރަމަކަށް ޝަހުވަތަކާއެކު ބެލުން ހުއްދަވެގެންނުވެއެވެ. އަދި ޑަކުޓަރަކު ބަލިމީހަކަށް ޝަހުވަތާއެކު ބެލުން ހުއްދަވެގެންނުވެއެވެ.

ކުއްލިއަކަށް ޝަހުވަތަކާނުލައި ބަލާބެލުން ހުއްދަވެގެންވެއެވެ. އެހެންކަމުން ފުރަތަމަ ނަޡަރު ހުއްދަވެގެންވެއެވެ.

ޝަހުވަތަކާ ނުލައި ގަސްތުގައި ޝަހުވާ އުފައްދާފާނެ ތަނަކަށް ބޭނުންޖެހުމުން ބެލުން ހުއްދަވެގެންވެއެވެ. އެއީ ޚިޠުބާގައި ޖެހިފައިވާ ފިރިހެނާ ޚިޠުބާގައި ޖެހިފައިވާ އަންހެނާއަށް ބަލާ ބީދައިންނެވެ. އެކަމަކު ފިތުނަވެރިކަމެއް އުފެދުމާމެދު ބިރެއް އޮތްނަމަ ބޭނުމެއްނެތި ބެލުން ހުއްދަވެގެންނުވެއެވެ.[11]

އިމާމް އިބްނު ތައިމިޔާ ދެކެވަޑައިގަންނަވާ ގޮތުގައި އަންހެނާއަށް ޚިޠުބާގައި ބެލުމަކީ މުސްތަޙައްބު ކަމެކެވެ.[12]ހަމައެފަދައިން ގިނަ ޢިލްމުވެރިންގެ އަރިހުގައި ޚިޠުބާގައި ބެލުމަކީ މުސްތަޙައްބުކަމެއްކަމުގައި ޞަންޢާނީ ވިދާޅުވެފައިވެއެވެ.[13] ޙަންބަލީ މަޛުހަބުގެ ގިނަ ޢިލްމުވެރިންގެ އަރިހުގައި އަންހެނާއަށް ބެލުމަކީ ހަމައެކަނި ހުއްދަ ދަރަޖައިގެ ކަމެކެވެ. އިންޞާފުގައި ވިދާޅުވެފައިވެއެވެ. ޚިޠުބާގައި އަންހެނާ ދެކެން ބޭނުންވާ މީހާއަށް އެކަން ހުއްދަވެގެންވެއެވެ. އެއީ މުޣީރަތުގެފާނުގެ ޙަދީސުގައި ބެލުމަށް އަމުރު ވާރިދުވެފައިވަނީ އިންޒާރުގެ ފަހަތުންނެވެ.[14]

ޤާޟީ ޢައްޔާޟްވަނީ ޚިޠުބައިގައި އަންހެނާއަށް ބެލުމަކީ މަކުރޫހަ ކަމެއްކަމުގައި ވިދާޅުވެފައެވެ. އެކަމަކު މިރައުޔައަކީ ޖުމްހޫރު ޢިލްމުވެރިން ޤަބޫލުކުރައްވާ ރައުޔައެއް ނޫނެވެ. އަދި ޙަދީސްތަކުން ދަލީލު ލިބޭ ގޮތުގައި މިރައުޔައަކީ ޞައްޙަ ރައުޔައެއްނޫނެވެ. އަދި އިމާމް ޝައުކާނީ މިރައުޔަ ޞިފަކުރައްވަނީ ވަރަށް ޣަރީބު ރައުޔައެއްގެ ގޮތުގައެވެ.[15]

ޝާފިޢީ މަޛުހަބުގައި މިމައްސަލައިގައި ދެރައުޔައެއް ވާރިދުވެފައިވެއެވެ. ފުރަތަމަ ރައުޔައަކީ ބެލުން ހުއްދަވެގެންވުމެވެ. މުބާޙުކަމެއްކަމުގައިވުމެވެ. އަދި މުސްތަޙައްބު ކަމެއްކަމުގައިވުމެވެ. އިމާމް ނަވަވީ ތަރުޖީޙުކުރައްވަނީ ދެވަނަ ރައުޔައެވެ. އެއީ މިކަމުގައި ވާރިދުވެފައިވާ ޙަދީސްތަކުގެ ގިނަކަމަށްޓަކައެވެ.[16] އިމާމް ނަވަވީ ވިދާޅުވި ފަދައިން މިމަސައްލައިގައި އެންމެ ޞައްޙަ ރައުޔައަކީ ޖުމްހޫރު ޢިލްމުވެރިންގެ ރައުޔައެވެ.

އަންހެނާ ދެނެގަތުމަށް އޮތް މަގުތައް:

ދެމަގަކުން އަންހެންމީހާގެ ޖިސްމާނީގޮތުން ދެނެގަތުން ހުއްދަވެގެންވެއެވެ. އެއީ:-

ފުރަތަމަ ގޮތް:އަންހެނަކު ފޮނުވައިގެން އޭނާގެ ޖިސްމާނީ ފުދުންތެރިކަން ދަސްކުރުމެވެ. ދެވަނަ ގޮތް: ސީދާ ޚިޠުބާ އެދޭ ފިރިހެން މީހާ އަންހެނާއަށް ސީދާ ބެލުމެވެ.[17]

މިކަމުގައި ވާރިދުވެފައިހުރި ބައެއްޙަދީސްތައް:

ޖާބިރުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމްލައްވާށި)ޙަދީސްކުރެއްވިއެވެ. "إذا خطب أحدكم المرأة فإن استطاع أن ينظر منها إلى ما يدعوه إلى نكاحها فليفعل"[18] رواه أحمد و أبوا دود މާނައީ: "ތިޔަބައިމީހުންކުރެ އެކަކު އަންހެނަކާ ޚިޠުބާގައި ޖެހޭނަމަ، އެކަނބުލޭގެކިބައިން ކާވެންޏަށް ބާރުއަޅާނެކަމެއް ފެންނަންދެން ކުޅަދާނަވެގެންވާނަމަ، އެކަންކުރާ ހުށިކަމެވެ." މިޙަދީސަކީ ޙަސަން ދަރަޖައިގެ ޙަދީސެއްކަމުގައި އިމާމް އަލްބާނީ ވިދާޅުވެފައިވެއެވެ.[19]

އަދިވެސް ޖާބިރުގެފާނުވިދާޅުވިކަމަށްވެއެވެ. ތިމަންކަލޭގެފާނު ބަނީ ސަލަމާގެ އަންހެނަކާ ކާވެނިކުރުމަށް އެދިވަޑައިގަތް ހިނދު ސިއްރިއްޔާތުގައި އެކަނބުލޭގެއަށް ބެލީމެވެ. އެއީ އެކަނބުލޭގެއަށް ތިމަންކަލޭގެފާނު ލަންބުވައިލަވަނިވި ކަންކަން ފެންނަންދެނެވެ. رواه أبوداود

އަދިވެސް އެކަލޭގެފާނު ޙަދީސްކުރެއްވިކަމަށް އަބޫޙުމައިދު ނުވަތަ އަބޫޙުމައިދާ ވިދާޅުވިއެވެ. ރަސޫލުﷲ ( އެކަލޭގެފާނަށް ސަލާމާއި ޞަލަވާތްލެއްވަވާށި) ޙަދިސްކުރެއްވިއެވެ. "إذا خطب أحدكم امرأة فلا جناح عليه أن ينظر منها إذا كان إنما ينظر إليها لخطبة و إن كانت لا تعلم" رواه أحمد

މުޣީރަތު ބިން ޝަޢުބާ ވިދާޅުވިއެވެ. އަހަރުން އަންހެނަކާ ޚިޠުބައިގައި ޖެހުނީމެވެ. ނަބިއްޔާ (އެކަލޭގެފާނަށް ޞަލަވާތާއި ސަލާމް ލައްވާށި) ޙަދީސްކުރެއްވިއެވެ. "انظر إليها فإنه أحرى أن يؤدم بينكما" رواه الخمسة (أحمد و أصحاب السنن) މާނައީ: އޭނާއަށް ބަލާށެވެ. އަދި ހަމަކަށަވަރުން އެގޮތް ތިޔަދެމީހުންގެ ދެމެދުގައި ގުޅުން ދެމިގެން ދިއުމަށް ގާތްކަން ބޮޑުވެގެންވެއެވެ.

އަދިވެސް އެކަލޭގެފާނު ޙަދީސްކުރެއްވިކަމަށް ރިވާވެގެންވެއެވެ.

އަދިވެސް ރަސޫލާ (ﷲގެ ޞަލަވާތާއި ސަލާމްހުރި) އަންހެނަކާ ކާވެނިކުރި މީހަކަށް ޙަދީސްކުރެއްވިއެވެ. "ތިބާއޭނާއަށް ބެލީމުހެއްޔެވެ؟" އޭނާ ބުންޏެވެ. "ނޫނެކެވެ." އެކަލޭގެފާނު ދެން ޙަދީސްކުރެއްވިއެވެ. "إذهب فانظر إليها" رواه المسلم މާނައީ: ތިބާ އެކަނބުލޭގެ ގާތަށް ގޮސް އޭނާއަށް ބަލާށެވެ.

ޢުމަރުގެފާނު ޢަލީގެފާނުގެ ދަރިކަނބަލުން އުންމު ކުލްޘޫމުގެ ޚިޠުބާއަށް އެދިވަޑައިގަތެވެ. ޢަލީގެފާނު އެކަމަނާގެ ޅަކަމުގެ ވާހަކަ ވިދާޅުވެދެއްވިއެވެ. އެހިނދު ޢަލީގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު އެކަމަނާ ކަލޭގެފާނު އަރިހަށް ފޮނުވާނަމެވެ. ކަލޭގެފާނު ރުއްސަވައިފިނަމަ، އެއީ ކަލޭގެފާނުގެ އަނބިކަނބަލެކެވެ. އަދި ޢަލީގެފާނު އެކަމަނާ ފޮނުއްވިއެވެ. އެހިނދު ޢުމަރުގެފާނު އެމަނާގެ ކުޑަކަޅުވާ ކަޝްފުކުރެއްވިއެވެ. އެހިނދު އެކަމަނާ ވިދާޅުވިއެވެ. لولا أنك أمير المؤمنين لصككت عينيك މާނައީ: ކަލޭގެފާނަކީ އަމީރުލް މުއުމިނީން ކަމުގައި ވެވަޑައިނުގަންނަވާނަމަ، އަޅުގަނޑު ކަލޭގެފާނުގެ ދެލޯ އުފުރައިގަތީމުހެވެ.

އަންހެނާގެ ހަށިގަޑުން ބެލޭނެ މިންވަރު:

މިކަމުގައި ޢިލްމުވެރިންގެ މެދުގައި ވަރަށްބޮޑު ޚިލާފެއް އެބައޮތެވެ. އެހެންކަމުން އެޚިލާފުތައް ބަޔާންކުރާނަމެވެ.

ޙަންބަލީ މަޛުހަބު: ޙަންބަލީ މަޛުހަބުގެ ޢިލްމުވެރިންގެ މެދުގައި މިމައްސަލާގައި ޚިލާފުތަކެއް އެބަހުއްޓެވެ. ފުރަތަމަ ރައުޔަ:ބެލުން ހުއްދަވެގެންވަނީ ހަމައެކަނި މޫނަށެވެ. މިއީ އިމާމް އަޙްމަދުގެ އަރިހުން ޞަރީޙަމަގުން ވާރިދުވެފައިވާ ރައުޔައެކެވެ. އަދި ޙަންބަލީ މަޛުހަބުގެ ބައެއްޢިލްމުވެރިންގެ އަރިހުގައި އެންމެ ޞައްޙަވެގެންވާ ރައުޔައަކީ މިއީއެވެ.

ދެވަނަ ރައުޔަ: ޢާންމުކޮށް ފާޅުވާ ތަންތަނަށް ބެލުން ހުއްދަވެގެންވެއެވެ. އެގޮތުން ކަނދުރައާއި ބޮލުގެ އިސްތަށިގަނޑާއި ދެއަތާއި ފައިތިލައަށް ބެލުން ހުއްދަވެގެންވެއެވެ. ނުވަތަ ވުޟޫގެ ގުނަވަންތަކަށް ބެލުން ހުއްދަވެގެންވެއެވެ. މިއީ ޙަންބަލީ މަޛުހަބުގެ އެންމެ މަޝްހޫރު ރައުޔައެވެ.[20]

ޝާފިޢީ މަޛުހަބު: ޝާފިޢީ މަޛުހަބުގެ ޢިލްމުވެރިންގެ ފުރަތަމަ ރައުޔައަކީ އަންހެނާއަށް ބެލުން ހުއްދަވެގެންވަނީ ހަމައެކަނި ޢައުރަކަމުގައި ނުހިމެނޭ ތަންތަނަށެވެ. އެއީ މޫނާއި ދެއަތްތިލައެވެ. އެއީ އެކނަބުލޭގެ ހުއްދައާއެކު ނުވަތަ ހުއްދަނެތިވެސްމެއެވެ.[21] އެހެންނަމަވެސް ޝާފިޢީ މަޛުހަބުގެ ބައެއް ޢިލްމުވެރިންކުރެން ރިވާވެގެންނެވެއެވެ. ޚިޠުބާގައި އަންހެނާއަށް ފިރިހެނަކު ފިރިހެނަކަށް ބަލާބީދައިން ބެލިދާނެއެވެ. މިރައުޔައަކީ ޝާފިޢީ މަޛުހަބުގެ މުޢުތަބަރު ދަންނަބޭކަލުން ޤަބޫލުކުރައްވާ ރައުޔައެއްނޫންކަމުގައި އަލްއިމާމް ނަވަވީ ވިދާޅުވެފައިވެއެވެ.[22]

ޙަނަފީ މަޛުހަބު: ޙަނަފީ މަޛުހަބުގައިވެސް ބެލުން ހުއްދަވެގެންވަނީ ހަމައެކަނި އަންހެނާގެ ޢައުރަކަމުގައި ނުހިމެނޭ ހިސާބަށެވެ. އެއީ މޫނާއި ދެއަތްތިލައެވެ. އެހެންތަންތަނަށް ބެލުން ޙަރާމްވެގެންވެއެވެ.[23]

މާލިކީ މަޛުހަބު: މާލިކީ މަޛުހަބުގެ ޢިލްމުވެރިންވެސް ދެކެވަޑައިގަންނަވާ ގޮތުގައި އަންހެނުންގެ ޢައުރަ ފިޔަވައި އެހެން ތަނަކަށް ބެލުމަކީ ހުއްދަވެގެންވާކަމެއްނޫނެވެ.

ޡާހިރީ މަޛުހަބުގެ ޢިލްމުވެރިން: ޡާހިރީ މަޛުހަބުގެ ޢިލްމުވެރިންގެ ތެރެއިން ދާވޫދުއްޡާހިރީއާއި އިމާމް އިބްނުޙަޒުމު ވިދާޅުވެފައިވެއެވެ. ބެލުން ހުއްދަވެގެންވަނީ އަންހެނާގެ މުޅި ހަށިގަނޑަށް ވަކި ގުނަވަނެއް އިސްތިސްނާކުރުމެއް ނެތް ގޮތެއްގައެވެ.[24]

އަލްއިމާމް އައުޒާޢީ ވިދާޅުވެފައިވެއެވެ. އަންހެނާގެ ހަށިގަނޑުގައި ހުންނަ މަސްޖަހާފައިވާ ގުނަވަންތައް ނުވަތަ ރީތިކަން ފާޅުކުރުވާ ގުނަވަންތަކަށް ބެލުން ހުއްދަވެގެންވެއެވެ.[25]

ރާޖިޙު ރައުޔަ:

ޡާހިރީ މަޛުހަބުގެ ރައުޔައިގެ ދަލީލަކީ فانظر إليها މިބަސްފުޅު ޢާންމުކޮށް އައިސްފައި އޮތުމެވެ. މިބަސްފުޅުގެ މާނައަކީ:- ކަލޭ އޭނާއަށް ބަލާށެވެ. މިބަސްފުޅުގައި އެއްވެސް މިންވަރެއްގެ ޤައިދެއް ނެތް ކަމުން އަންހެނާގެ މުޅި ހަށިގަނޑު ބެލުމަށް ހުއްދަ ލިބޭނެކަމަށް އެބޭކަލުން ދެކެވަޑައިގަންނަވައެވެ.

ފިރިހެނުން އަންހެނުންނަށް ބެލުމުގެ ޙުކުމުގެ އަޞްލަށް ރުޖޫޢަވާއިރު، އެއީ ޙާއްޖަތެއް ނެތްނަމަ ހުއްދަކަމެއްނޫނެވެ. އެހެނީ މުއުމިނުންނަށް އަމުރުވެވިގެންވަނީ ބެލުންތައް ތިރިކުރުމަށެވެ. އަންހެނުންނަށް ނުބެލުމަށެވެ. ޚިޠުބާގައި ބެލުމަށް ދެވޭ ހުއްދައަކީ އެކަމުގައި އެކުލެވިގެންވާ ޙާއްޖަތަކަށްޓަކައި ދެވޭ ހުއްދައެކެވެ. ފިޤުހީ ޤާޢިދާގައި ބަޔާންވެގެންވެއެވެ. الضرورات تقدر بمقدارها. މާނައީ: ޟަރޫރާތްތައް މިންކުރެވޭނީ އެޟަރޫރަތުގެ މިންތަކުންނެވެ. މިޤާޢިދާއަށް ބަލާއިރު ޚިޠުބާގެ ބޭނުމަކީ އަންހެނާގެ ޒީނަތްތެރިކަން ހުރި މިންވަރާއި ޖިސްމާނީ ގޮތުން ފިރިހެން މީހާ ހިތްހަމަ ޖެހޭތޯ ބެލުމެވެ. އެހެންކަމުން މިކަމުގައި މުޅި ހަށިގަނޑު ބެލުމަށް ބޭނުންވާނެ ކަމަކަށް ނުފެނެއެވެ. އެހެންކަމުން މިރައުޔައަކީ ބަލައިގަނެވޭނެ ރައުޔައެއް ނޫނެވެ.

ޑަކްޓަރ ވަހުބަތުއް ޒުޙައްލީ ދެކެވަޑައިގަންނަވާ ގޮތުގައި ޚިޠުބާގައި އަންހެނާއަށް ބެލުމުގައި އެންމެ ޞައްޙަކަން ބޮޑު ރައުޔައަކީ ޙަންބަލީ މަޛުހަބުގެ ދެވަނަ ރައުޔައެވެ. އެއީ ޢާންމުކޮށް އަންހެނާގެ ކިބައިން ފާޅުވާ ގުނަވަންތަކަށް ބެލުން ހުއްދަވުމުގެ ރައުޔައެވެ. އެހެނީ އެގުނަވަންތައް ބެލުމަކީ ޙާއްޖަތު ނުވަތަ ބޭނުން ފުއްދުމަށް ބޭނުންތެރި ގޮތެކެވެ. އަދި އިސްވެދިޔަ ޙަދީސްތަކުގައި އިމެއް ކަނޑައެޅިފައިނެތި ޢާންމުކޮށް އައިސްފައިވާތީއެވެ. އަދި ޢުމަރުގެފާނުގެ ޢަމަލުފުޅުންވެސް މިރައުޔައަށް ބާރުލިބޭކަމުގައި ޑަކްޓަރ ވަހުބަތުއް ޒުޙައިލީ ދެކެލައްވަތެވެ.[26]

ޝައިޚު ސައްޔިދު ސާބިޤު ރަނގަޅު ރައުޔައެއްކަމަށް ދެކެވަޑައިގަންނަވަނީ އަންހެނާގެ ރީތިކަން ދެނެގަތުމަށް ކޮންމެހެން މުހިއްމު މިންވަރު ބެލުން ހުއްދަވުމެވެ. އޭނާގެ ދަލީލަކީ ޢުމަރުގެފާނުގެ ޢަމަލުފުޅާއި ކީރިތި ރަސޫލުﷲ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމްހުރި)ގެ ޙަދީސްތަކުގައި އަމުރު ޢާންމުކޮށް އައިސްފައިވުމެވެ. އެހެންކަމުން އެގެނީ ބޭނުންވާ މިންވަރު ބެލިދާނެކަމެވެ. އަދި ޢުމަރުގެފާނުގެ ޢަމަލުފުޅާއި ޖާބިރުގެފާނުގެ ޢަމަލުފުޅު[27]ންވެސް މިކަން މިހެން ކުރެވޭނެކަމަށް ދަލީލު ލިބެއެވެ.[28]

މަރުޖިޢުތައް:

1- فقه السنة ލިޔުއްވީ: އައްޝައިޚު ސައްޔިދު ސާބިޤު ޗާޕްކުރީ: ދާރުލް ފަތުޙު (1998) ފުރަތަމަ ޗާޕް

2- سبل السلام فى شرح بلوغ المرام ލިޔުއްވީ: محمد بن إسماعيل الصنعاني ޗާޕުކުރީ: ދާރުލްކިތާބިލް ޢަރަބީ (1999) ތޭރަވަނަ ޗާޕް

3- موسوعة ابن تيمية ލިޔުއްވީ: ޑަކްޓަރ މުޙައްމަދު قلعة جى ޗާޕްކުރީ: ދާރުއްނަފާއިސް (1998) ފުރަތަމަ ޗާޕް

4- الأحوال الشخصية ލިޔުއްވީ: އިމާމް މުޙައްމަދު އަބޫޒުހުރާ ޗާޕްކުރީ: ދާރުލްފިކުރިލް ޢަރަބީ (1957) ތިންވަނަ ޗާޕް

5- الموسوعة الفقهية އެކުލަވައިލެއްވީ: وزارة الأوقاف و الشئون الإسلامية ޗާޕްކުރީ: ޠަބުޢަތު ޛާތު ސަލާސިލް (1990) ދެވަނަ ޗާޕް

6- الفقه الإسلامي و أدلته ލިޔުއްވީ: الدكتور وهبة الزحيلي ޗާޕްކުރީ: ދާރުލް ފިކުރި (1989) ތިންވަނަ ޗާޕް

7- روضة الطالبين ލިޔުއްވީ: އިމާމް ނަވަވީ ޗާޕްކުރީ: ދާރުލް ފިކުރު (1995) ފުރަތަމަ ޗާޕް

8- كتاب المجموع شرح المهذب ލިޔުއްވީ: އިމާމްނަވަވީ ޗާޕްކުރީ: ދާރު އިޙްޔާއިއް ތުރާޘިލް ޢަރަބީ (1995) ފުރަތަމަ ޗާޕް

9- الإنصاف ލިޔުއްވީ: ޢަލާއުއްދީން އަބުލްޙަސަން ޢަލީ ބިން ސުލައިމާން އަލްމަރުދާވީ ޗާޕްކުރީ: ދާރު އިޙްޔާއިއް ތުރާޘިލް ޢަރަބީ (1998) ފުރަތަމަ ޗާޕް

10- مجموع الفتاوى لإبن تيمية މުއައްލިފު: ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ، ޗާޕްކުރީ: ދާރުލްވަފާއި (2001) ދެވަނަ ޗާޕް

11- نيل الأوطار ލިޔުއްވީ: އަލްއިމާމް ޝައުކާނީ ޗާޕްކުރީ: ދާރުލް ކުތުބުލް ޢިލްމިއްޔާ (1995) ފުރަތަމަ ޗާޕް

[1] تهذيب اللغة 7|112

[2] لسان العرب 4|134

[3] فقه الإسلام وأدلته 7|10

[4] فقه السنة 2|299 (مع تعليق الشيخ الألباني)

[5] المرجع السابق2|300

[6] فقه الإسلام و أدلته 7|10

[7] رواه الترمذي و النسائي

[8] الأحوال الشخصية للإمام أبوزهرة ص 26

[9] އަޖުނަބީ އަންހެނެކޭ ބުނުމުން އޭގެ މުރާދަކީ މަޙުރަމެއްކަމުގައި ނުހިމެނޭ ކޮންމެ އަންހެނެކެވެ. ކާވެނީގެ ކުރިން އަނބިމީހާވެސް ހިމެނޭނީ މިބައިގައެވެ. ކާވެނީގެ ފަހުގައި އޭނާއަކީ އަޖުނަބީ އަންހެނެއްނޫނެވެ. އެކަމަކު ވަރިކުރުމަށްފަހު އަނެއްކާވެސް އޭނާ ބެލެވޭނީ އަޖުނަބީ އަންހެނެއްކަމުގައެވެ.

[10] فقه الإسلام و أدلته 7|18

[11] موسوعة ابن تيمية 2|1258

[12] مجموع الفتاوى 21|251

[13] سبل السلام 3|242

[14] الإنصاف 8|19

[15] نيل الأوطار 6|118

[16] روضة الطالبين 6|16

[17] فقه الإسلام و أدلته 7|22

[18] سبل السلام 3|240 ޞަންޢާނީ ވިދާޅުވެފައިވެއެވެ. "މިޙަދީސުގެ ސަނަދުގައި ހިމެނެނީ ހުސް ޘިޤާތުއެވެ."

[19] أرواء الغليل 6|200

[20] الإنصاف 8|15

[21] كتاب المجموع 17|213

[22] روضة الطالبين 6|15 މިރައުޔަ ބަޔާންކުރެވިފައިވާ ފޮތަކީ شرح مختصر الجويني އެވެ. ފިރިހެނަކު ފިރިހެނަކަށް ބެލުމުގައި ޙަރާމްވެގެންވާ މިންވަރަކީ ފިރިހެނާގެ ޢައުރަކަމުގައި ހިމެނޭ ހިސާބަށް ބެލުން ހުއްދަވެގެންނުވުމެވެ. އެހިސާބަކީ ފޫޅާއި ކަކުލާއި ދޭތެރޭގައި ހިމެނޭ މިންވަރެވެ.

[23] أحوال الشخصية للإمام أبوزهرة ص27 ޙަނަފީ މަޛުހަބުގައި އަންހެނާގެ ފައިތިލަ ޢައުރަކަމުގައި ނުހިމެނޭކަމަށް ބުނާ ރައުޔައެއް ވާރިދުވެފައިވެއެވެ.

[24] فقففقه الإسلام و أدلته 7|18

[25] الموسوعة الفقهية 19|200

[26] فقه الإسلام و أدلته 7|23

[27] އަބޫދާވޫދު ރިވާކުރެއްވި ޖާބިރުގެފާނުގެ ޢަމަލުފުޅެވެ. އެއީ އެކަލޭގެފާނު ބަނީސުލައިމާގެ އަންހެނަކާ ކާވެނިކުރެއްވުން އަދައިގެން އެކަނބުލޭގެއަށް ބެއްލެވި ވާހަކައެވެ.

[28] فقه السنة2|347
ފާހަގަ: ,

0 ޚިޔާލު!

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!