ޢަދާލަތު ޕާޓީއަށް

މިވަގުތު ދިވެހިރާއްޖޭގެ ސިޔާސީ މައިދާން ފުޅާވަމުން، ތަރުތީބުވަމުންދާ ގޮތަށް ބަލާއިރު ދީނީ ޢިލްމުވެރިންގެ މައްޗަށް އެކުލެވޭ ހަރުދަނާ ޕާޓީއަކަށް ބޭނުންއެބަވެއެވެ. މިހާރު ސިޔާސީ މައިދާނުގައި އެންމެ ގިނަ ދަންނަބޭކަލުން ތިއްބެވި ޕާޓީއަކީ ޢަދާލަތު ޕާޓީއެވެ. އެހެންނަމަވެސް އެޕާޓީގެ ހަރުދަނާކަމާމެދު ސުވާލު އުފެދެއެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުން ޢަދާލަތަކީ ކޮން ފެންވަރެއްގެ ޕާޓީއެއްތޯ ބަލައިލުން މުހިއްމެވެ. އެޕާޓީއަށް ސިޔާސީ ކާމިޔާބީ ލިބި، ސިޔާސީ މައިދާނުގައި ފައިތިލަ ސާބިތުކުރެވޭނެތޯ ބަލައިލަން ޖެހެއެވެ. އަދި ޢަދާލަތުގެ ސިޔާސީ މުސްތަޤުބަލު ބިނާވާނީ ކޮންކަންތައްތަކެއްގެ މައްޗަށްކަން ދެނެގަތުން މުހިއްމެވެ. މިކަމަށްޓަކައި ބަލައިލާނީ ޢަދާލަތުގެ މަޤްޞަދަށާއި މަސައްކަތަށެވެ.

ޢަދާލަތު ޕާޓީއަކީ މިއަދު ރާއްޖޭގައި ވެރިކަން ހިންގަމުންމިދާ އިއްތިޙާދުގެ ބައިވެރިއެކެވެ. ސަރުކާރުގެ ދީނީ ކަންތައްތައް ބަލަހައްޓާ ވުޒާރާއަކީ ޢަދާލަތުގެ ބޭފުޅުންގެ މިލްކެކެވެ.

ޢަދާލަތު ޕާޓީގެ މަޤުޞަދަކަށްވާނީ އިސްލާމީ ޝަރީޢަތް ޤާއިމުކުރުމެވެ. އެޝަރީޢަތުގެ ޙުކުމްތައް ތަންފީޛުވާނެ މަގުތައް ކޮށައި އަލިކޮށް ދިނުމެވެ. އެހެންނަމަވެސް ސުވާލަކީ އެކަން ކުރުމަށް ޢަދާލަތަށް ކުރެވުނީ ކޮންކަމެއްތޯއެވެ؟ ދީނީކަންކަން ބަލަހައްޓާ ވުޒާރާއެއް އުފެދިއްޖެއެވެ. އެހެންނަމަވެސް އެވުޒާރާގެ "މޭންޑޭޓު" ނުވަތަ މަސައްކަތުގެ މައިދާން ވަރަށް ހަނިއެވެ. އެހިނެހެން ވުޒާރާތަކުގެ މަސައްކަތު ތާވަލުތަކާއި މިމިނިސްޓްރީގެ މަސައްކަތު ތާވަލު އަޅައިކިޔައިލުމުން މިކަން އެގިބަޔާންވާނެއެވެ. މިވަރުގެ ހަނި ދާއިރާއަކުން ޢަދާލަތުގެ މަޤްޞަދު އެއުރެންނަށް ކާމިޔާބުކުރެވިދާނެބާވައެވެ؟

ތަންފީޛީ ބާރުތަކުން ތަންފީޛުކުރާނީ ޤާނޫންތަކެވެ. ޤާނޫން ހެދުމަކީ ރައްޔިތުން މަޖިލީހުގެ ޒިންމާއެކެވެ. އެހެންކަމުން މަޖިލީހުގެ ތެރެއިން ޤާނޫނީ އޮނިގަނޑުގެ ތެރެއަށް އިސްލާމީ ޝަރީޢަތުގެ ހަމަތައް ވައްދަންޖެހެއެވެ. އެނޫން ގޮތަކުން ޝަރީޢަތް ތަންފީޛުކުރެވޭނެކަމަކަށް ނުފެނެއެވެ. އެހެންނަމަވެސް ޢަދާލަތު ޕާޓީވަނީ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ފެއިލްވެފައެވެ. ރައްޔިތުން ދީނަށް ލޯބި ނުކުރާތީތޯއެވެ؟ ނުވަތަ ދަންނަ ބޭކަލުންނަށް އިޙްތިރާމް ނުކުރާތީތޯއެވެ؟

ޙަޤީޤަތަކީ ދަންނަބޭކަލުން އެބޭކަލުންނަށް އޮތް އިން ފަހަނައަޅައި އަޚްލާޤީ ގޮތުން ދަށުދަރަޖައަކަށް ވެއްޓިވަޑައިގަތުމުން އެބޭކަލުންގެ އަގުވެއްޓުނީއެވެ. ހުތުރު ބަސްތަކުން މީހުންނާ މުޚާޠަބުކުރެއްވުމާއި އިތުރުފުޅު ހެއްދެވުން ޢާންމުކުރައްވައި ދަންނަބޭކަލުންގެ އަބުވިކަމުން އެއްކިބާވެވަޑައިގަތުމުން އެބޭކަލުންގެ އަގުވެއްޓުނީއެެވެ. އެކަމުގެ ސަބަބުން އެބޭކަލުންގެ މަޤުބޫލުކަން ނެތިގެން ދިޔައީއެވެ.

މިސަރުކާރަކީ ޢިލްމާނީ ވިސްނުމުގެ ސަރުކާރެކެވެ. އެކަމުގެ ހެކިތައް ގިނަގުނައެވެ. އިޒްރާއީލާ ގުޅުންތަކެއް ޤާއިމުކުރި ވާހަކައާ ވިދިގެން ޢަދާލަތުން ނޫސް ބަޔާނެއް ނެރުއްވިއެވެ. އެނޫސް ބަޔާން ނެރުއްވުމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ތިމަންމެން ޢަދާލަތާ އެއްބަސްވީ ދީނީ ކަންކަމުގައި ޢަދާލަތުގެ ލަފާ ހޯދުމަށެވެ. އިޒްރާއީލުގެ ކަންތަކަކީ ސިޔާސީ ކަމެކެވެ. ދީނީ ކަމެއްނޫނެވެ. މިޢިބާރާތުން ސާފުކޮށް ބަޔާންވެ އެގިގެންދަނީ ބައިނަލްއަޤްވާމީ ގުޅުންތަކަކީ ނުވަތަ العلاقة الدؤلية އަކީ އިސްލާމީ ޝަރީޢަތުގައި އޮތް ބައެއްކަމަށް އެމަނިކުފާނު ޤަބޫލުނުކުރައްވާކަމެވެ. މިކަމުން އެމަނިކުފާނުގެ ވިސްނުންފުޅު ސާފުކޮށް ފެނިވަޑައިނުގަންނަވަނީތޯއެވެ؟ އަދިވެސް ޢަދާލަތުން އެދިވަޑައިގަންނަވަނީ މިސަރުކާރުގައި ދެމިތިއްބެވުމަށެވެ. އެގޮތަށް ތިއްބަވާނަމަ އެބޭފުޅުންގެ އަގު ރައްޔިތުންގެ ކުރިމަތީގައި އިތުރަށް ވެއްޓޭނެއެވެ. ސިޔާސީ ގޮތުން ޕާޓީ ހީނަރުވާނެއެެވެ.

ޢަދާލަތަކީ ފެށުނީއްސުރެ ރައީސް މައުމޫނަށް ބަސްބުނެ، އެމަނިކުފާނުގެ ދީނީ ސިޔާސަތު ކުށްވެރިކުރި ޕާޓީއެެކެވެ. އެކަމަކު ސުވަލަކީ މިއަދު ކުރިއަށްވުރެ ރަނގަޅުތޯއެވެ؟ އިސްލާމީ ޢަރަބި ތަޢުލީމުގެ މުންނާރުކަމުގައިވާ މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ މިއަދުވަނީ އިދަޖައްސާލެވިފައެވެ. ލާދީނީ ފިކުރުތަކުގެ ވެރިމީހުން ތޮށަލިގަނޑު ފަޅާލާފައި ނުކުމެއްޖެއެވެ. މިނިވަންނޫހުގެ ނިވަލުގައި ތިބެ، ދީނާދެކޮޅަށް މަސައްކަތްކުރަމުންދަނީ ހަލުއި ދުވެލީގައެވެ. މިނިވަންކަމުގެ ނަމުގައި އަޚުލާޤީ ސުލޫކީ އަގުކުރުންތައް ފުޑުފުޑުކުރުމުގެ މަސައްކަތްތައް ތިލަވެ، ފެންމަތިވެއްޖެއެވެ. ޒަމާނީ ޑިމޮކްރަސީގެ ތެރެއިން ދީންތަކުގެ މިނިވަންކަން ގެނެސްދިނުމަށް ގޮވާލަން ފެއްޓިއްޖެއެވެ. މިއަދު ޢަދާލަތުގެ އަޑު ކޮބައިތޯއެވެ؟ މައުމޫނުގެ ވެރިކަމުގައި ދެއިރު ބޭސްކުޅައެއްކާ އުޞޫލުން ބާއްވަމުން ގެންދިޔަ ދަރުސްތައް ކޮބާތޯއެވެ؟ އެހެންކަމުން މިފަދަ ދުވަސްވަރެއްގައި މިފައްތަރުގައި ޢަދާލަތު ހަނު އޮންނަނީނަމަ އެޕާޓީގެ މަޤުބޫލުކަން އިހުނަށްވުރެ ދަށްވާނެއެވެ. އަޑު އުފުލަން އެބަޖެހެއެވެ. އެހެންނޫންނަމަ ޢަދާލަތަކީ ގޮޑިކޮއްކޮ ޕާޓީއެއްކަމުގައި ބެލެވިދާނެއެވެ.

ޢަދާލަތު ޕާޓީގެ އެތެރެ ހަރުދަނާކުރުންވެސް ވަރަށް މުހިންމެވެ. ދީނީ ޢިލްމުވެރިންގެ އިތުރުން ޤާނޫނީ މީހުންނާއި ސިޔާސީ މުފައްކިރުން ޕާޓީ ތެރެއިން ނުކުތުން މުހިންމެވެ. ޢަދާލަތަކީ ހަމައެކަނި ސަރުކާރުގެ އެތެރޭގައި ނުވަތަ ބޭރުގައި އެބުރޭ ބައިގަނޑަކަށްވުމުގެ ބަދަލުގައި މިޕާޓީއަކީ ހަރުދަނާ ސިޔާސީ ޕާޓީއެއްކަމުގައި ހަނދަންއެބަޖެހެއެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ސިޔާސީ މައިދާނުން ބޭރުވިޔަ ނުދިނުމައްޓަކައެވެ. ސިޔާސީ މައިދާނުން ދީން ބޭރުކޮއްލެވޭ ދުވަހު ގާދޫކޮލުން ރާއްޖޭގެ އިމުން ބޭރަށް ދީން ދާނެކަމީ ޝައްކެއް ވަހުމެއް ނެތް ޙަޤީޤަތެކެވެ.

ފާހަގަ:

1 ޚިޔާލު!

  1. މިލިއުން ވަރަށް ކަމުދޭ.. ތަންކޮޅެއް ދިގުކޮށްލާ ތަފްސީލުކޮށްލިނަމަ އަދި ބޮޑަށް ސަޅިވީސް.. ބިނާކުރަނިވި އިތުރު ލިޔުންތަކެއްގެ އިންތިޒާރުގައި...
    -އަލިފުޝީނު

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!