މިލިޔުމުގެ ފުރަތަމަ ބައިގައި އަޅުގަނޑުވާނީ ޙައްޖުވާޖިބުވުމުގައި އަންހެނާއަށް ޚާއްޞަ ޝަރުޠުތަކުގެ ތެރެއިން ފުރަތަމަ ޝަރުޠުކަމަށްވާ މަޙުރަމެއް ނުވަތަ ފިރިމީހާ އޭނާއާއެކު ޙައްޖުގެ ދަތުރަށް ނުކުތުމުގެ ޝަރުޠާމެދު ދަންނަބޭކަލުންގެ މެދުގައި ހުރި ޚިޔާލުތަފާތުވުންތައް ގެނެސްދީފައެވެ. އަދި ފުރަތަމަ ރައުޔައިގެ ދަލީލުތަކުގެތެރެއިން ޙަދީސްގެ ބަޙުސްވާނީ ފުރިހަމަކޮށްފައެވެ. ދެން އޮތީ އެބޭފުޅުންގެ ދަލީލުގެ ދެވަނަބައެވެ.
ފުރަތަމަ ދަލީލުގެ ދެވަނަބައި:
ފުރަތަމަ ދަލީލުގެ ދެވަނަ ބަޔަކީ އަންހެނާ ކުފުރުގެ ގޯތިން ގިނިކަންޏާ އިސްލާމްކަމުގެ ގޯއްޗަށް ދަތުރުކުރުން ހުއްދަވެގެންވުމުގެ މައްޗަށް ޤިޔާސްކުރައްވައި، ޙައްޖުގައި އެކަނި ޙައްޖުވުން ހުއްދަވާނެކަމަށް ދަލީލުނަންގަވާ ނެންގެވުމެވެ.
މިދަލީލަށް ރައްދު ދިނުމުގެ ގޮތުން ބުނަން އޮތީ މިއީ ރަނގަޅު ޤިޔާސެއް ނޫންކަމުގައެވެ. ސަބަބަކީ ޤިޔާސްކުރެވުނު ދެކަމުގެ ދެމެދުގައި ޙަޤީޤީ ގުޅުމެއްނެތުމެވެ. ނުވަތަ އެދެޙުކުމަކީ އޭގެ ޒާތުގައި ތަފާތު ދެސަބަބަކަށްޓަކައި އައި ދެޙުކުމެއްކަމުގައިވުމެވެ. އެހެނީ އަސީރެއްގެ ގޮތުގައި ކުފުރުގެ ގޯތީގައި ހައްޔަރުވެފައިވާ އަންހެނާ މިނިވަންވުމާއެކު، އިސްލާމްކަމުގެ ގޯއްޗަށް، އެކަނި ނުވަތަ ގިނިކަންޏާ އައުން ހުއްދަވެގެންވަނީ އޭނާއަށް ކުފުރުގެ ގޯތީގައި ދެމިހުރެއްޖެނަމަ ލިބިދާނެ ގެއްލުމަކުން މިންޖުވުމުގެ ގޮތުންނެވެ. އެގޮތުން ކުފުރުގެ ގޯތީގައި ދެމިހުރުމުން ލިބިދާނެ ގެއްލުމުގެ ބަދަލުގައި، އޭނާއަށް އިޚުތިޔާރުކުރުން ލާޒިމުވެގެންވަނީ ދަތުރުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ގެއްލުމެވެ. މިއީ އިމާމް ނަވަވީއާއި إمام إبن قدامة المقدسيމިދަލީލަށް ދެއްވި ރައްދެވެ. އަދި މިއީ ޑރ.ޢަބަދުލްކަރީމް ޒައިދާނު އިޚުތިޔާރުކުރައްވާ ރައްދުވެސްމެއެވެ.(1)
އަދި ޙައްޖަކީ ލަސްކުރެވިދާނެކަމަށްތޯ ނުވަތަ އެއީ ވާޖިބުވުމާއެކު، އަދާކުރުން ލާޒިމުކަމެއްކަން ކަނޑައެޅުމުގައި ފިޤުހުވެރިންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ. އެހެންކަމުން ކޮންމެ ގޮތެއްގައިނަމަވެސް ޙައްޖުވުމަށް މަޙުރަމެއް ނުވަތަ ފިރިމީހާ ރުހިއްޖައުމަށްދާނދެން ޙައްޖު ފަސްކުރުން އަންހެނާގެ މައްޗަށް އިތުރުކަން ބޮޑުވެގެންވެއެވެ. މިއީ ޑރ.ޢަބްދުލްކަރީމް ޒައިދާންގެ ރައުޔައެވެ.(2)
އިތުބާރުކުރެވޭ އިތުރު އަންހެނަކު ހުރުމުން ޙައްޖު ވާޖިބުވާނެކަމަށް ވިދާޅުވާ ބޭފުޅުންގެ ދަލީލަކީ ކުރީގައި އިސްވެދިޔަ ޢަދިއްޔުގެފާނުގެ ޙަދީސާއި ބަޔާންކުރި ޤިޔާސްކަމުގައިވާނަމަ، އެދަލީލުތަކަށް ރައްދުދީ ނިމިއްޖެއެވެ. މީގެ އިތުރަށް ޙައްޖުގައި، މަޙުރަމަކު ނުވަތަ ފިރިމީހާ ދަތުރުގައި ބައިވެރިވުން ޝަރުޠުކުރެވިފައިވަނީ އަމާންކަން އަންހެންމީހާއަށް ލިބުމަށްޓަކައިކަމުގައިވާތީ، އެންމެ އަންހެނެއް އިތުރަށް ހުރުމުން އަމާންކަން ލިބޭނެކަމަށް ބުނަނީނަމަ، އެއީ މަޤުބޫލުވާހަކައެއްނޫނެވެ. އެހެނީ ބުއްދީގެ ހަމައިން ބަލާއިރު، އަދި ޢުރުފަށް ވިސްނާއިރު، ދެއަންހެނުންނަށް އެކަނި ދަތުރުކުރާނަމަ، ނަފްސުގެ މައްޗަށް ލިބެންޖެހޭ އަމާންކަން ލިބުމަށްވުރެ، ގާތްވެގެންވާ ގޮތަކީ އެއަމާންކަން ނުލިބުމެވެ.
ދެވަނަ ދަލީލު: މިއީވެސް ޡާހިރީ މަޛްހަބުގެ ޢިލްމުވެރިންގެ ދަލީލެކެވެ. އެބޭކަލުންގެ އަރިހުގައި އަންހެނާގެ މައްޗަށް ޙައްޖުވާޖިބުވުމަކަށް މަޙުރަމެއް ހުރުން ނުވަތަ ދަތުރުގައި ފިރިމީހާ ބައިވެރިވުން ޝަރުޠެއްކަމުގައި ނުވެއެވެ. އެބޭފުޅުންގެ ދެވަނަ ދަލީލަކީ މާތްﷲގެ އަންނަނިވި ވަޙީ ބަސްފުޅެވެ. އެކަލާނގެ ޙައްޖު ވާޖިބުވެގެންވުން ބަޔާންކުރައްވައި ވަޙީކުރައްވައެވެ. وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلا(97) އާލުޢިމްރާން. މާނައީ: މީސްތަކުންކުރެ އެކަމުގެ މައްޗަށް ކުޅަދާނަކަން ލިބިގެންވާ މީހާއަށް، މާތްﷲއަށްޓަކައި އެކަލާނގެ ގެކޮޅަށް ޙައްޖުވުން ވާޖިބުވެގެންވެއެވެ.
ޙައްޖު ވާޖިބުވެފައިވަނީ މިއާޔަތުގެ ނައްޞުންނެވެ. މިއާޔަތުގައި ބަޔާންވެގެންވާ ގޮތުން ޙައްޖު ވާޖިބުވާނީ ކުޅަދާނަކަން ލިބުމުންނެވެ. އެހެންކަމުން ކުޅަދާނަކަމުގެ ޝަރުޠުފުރިހަމަވުމުން އަންހެނާގެ މައްޗަށްވެސް ޙައްޖު ވާޖިބުވާނެއެވެ. އަދި މަޙުރަމެއްނެތި ނުވަތަ ފިރިމީހާއާ ނުލައި ދަތުރުކުރުން އަންހެނާއަށް ހުއްދަވެގެންނުވާނެކަމަށް ދޭހަވާ ގޮތަށް ވާރިދުވެފައިވާ ހުރިހާ ޙަދީސްތަކަކީ ޢާންމު ޙުކުމެއް ބަޔާންކުރާ ޙަދީސްތަކެކެވެ. އެޢާންމު ޙުކުމަކީ ގިނިކަންޏާ ދަތުރުކުރުން އަންހެނާއަށް ހުއްދަވެގެންނުވުމެވެ. މިއާޔަތުގައި އައިސްފައިވަނީ އިސްތިސްނާއީ ޙުކުމެކެވެ. އެއީ ގިނިކަންޏާ ޙައްޖުވުމަށް ދަތުރުކުރުން ހުއްދަވުމުގެ ޙުކުމެވެ. މިއީ އިމާމް އިބްނު ޙަޒުމު ރަޙިމަހުﷲ އެކަލޭގެފާނުގެ ފޮތުގައި ގެންނަވާ ދަލީލެކެވެ. (3)
މިދަލީލަށް ދޭ ރައްދު:
މަޙުރަމެއްނެތި ނުވަތަ ފިރިމީހާއާ ނުލައި ޙައްޖު ނުވެވޭނެކަމަށް ހުރި ޙަދީސްތަކާ މިއާޔަތާ ދެމެދުގައި އެއްވެސް ފުށުއެރުމެއްނެތެވެ. އެހެނީ އަންހެނާގެ ނިސްބަތުގައި ކުޅަދާނަކަން ލިބުމަކީ މަޙުރަމެއް ނުވަތަ ފިރިމީހާ ހުރުމެވެ. އެހެނީ ކީރިތި ރަސޫލާ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ.) ގެ ކިބައިން އައިސްފައިވާ ޙަދީސްތަކުން ދަތުރުކުރާނެ ސަވާރީއެއް ލިބިފައިވުމުގެ އިތުރު ޙައްޖު ވާޖިބުވުމުގައި އަންހެނާގެ މައްޗަށް ދަތުރުގައި ބައިވެރިވާނެ މަޙުރަމެއް ނުވަތަ ފިރިމީހާ ހުރުން ލާޒިމުވެގެންވެއެވެ. މާތްﷲ އެބޭކަލަކަށް ރުއްސުންލެއްވި އަބޫއުމާމާގެ އަރިހުން الإمام دارقطني ރިވާކުރައްވާފައިވާ މަރުފޫޢު(4) ޙަދީސެއްގައި އައިސްފައިވެއެވެ. "لاتسافر المرأة سفر ثلاثة أيام أو تحج إلا و معها زوجها" މާނައީ: ފިރިމީހާއާ ނުލާ، އަންހެނަކު ތިންދުވަހުގެ ދަތުރެއްކޮށްގެން ނުވަތަ ޙައްޖުވެގެންނުވާނެއެވެ. މިޙަދީސުގެ ޞަރީޙަ ނައްޞުން ދޭހަވާގޮތުގައި މަޙުރަމެއްނެތި ޙައްޖުވުންވެސް އަންހެނާގެ މައްޗަށްވަނީ ނަހީވެގެނެވެ.
މިއާޔަތުން އިމާމް އިބުނު ޙަޒުމު ނަންގަވާ ދަލީލަށް އިތުރަށް ބާރު ދެއްވުމުގެ ގޮތުން، އިސްވެ ދިޔަ ލިޔުމުގައި އަޅުގަނޑު ބަޔާންކުރި އިބްނު ޢައްބާސްގެ ޙަދީސް ބޭނުންކުރައްވައެވެ. އެޙަދީސަކީ: ކީރިތި ރަސޫލާ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށި) ޙަދީސްކުރެއްވިކަމަށް އިބްނު ޢައްބާސް ރިވާކުރައްވާފައިވެއެވެ. "لا يخلون رجل بإمرأة إلا و معها ذو محرم و لا تسافر المرأة إلا و مع ذى محرم" فقام رجل فقال: إن إمرأتي خرجت حاجة و إنى اكتتبت فى غزوة كذا و كذا قال: فانطلق فحج مع إمرأتك" (5) މާނައީ: ފިރިހެނަކު އަންހެނަކާއެކު އެކަނބުލޭގެގެ މަޙަރަމެއް ނެތި އެކަހެރިނުވާހުށިކަމެވެ. އަދ އަންހެނަކު މަޙުރަމަކާނުލާ ދަތުރު ނުކުރާ ހުށިކަމެވެ. އެހިނދު މީހަކު ތެދުވި އެކަލޭގެފާނަށް ދަންނަވައިފިއެވެ. އަޅުގަނޑުގެ އަންހެނުންވަނީ، އަޅުގަނޑު އެވެނި މިވެނި ހަނގުރާމައެއްގައި ވަނިކޮށް، ޙައްޖުވުމަށް ނުކުމެއެވެ. އެހިނދު ރަސޫލާ ޙަދީސްކުރެއްވިއެވެ. ކަލޭ ނުކުންނާށެއެވެ. އަދި ކަލޭގެ އަނބިމީހާއާއެކު، ޙައްޖުވާށެވެ.
މިޙަދީސުން އިމާމް އިބުނު ޙަޒުމު ދަލީލު ނަންގަވާ ގޮތް:
ރަސޫލާ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމްހުރި) މިޙަދީސްގައި ނަހީކުރެއްވިކަންތައް ކަމުގައިވާ މަޙުރަމަކާ ނުލައި ދަތުރުކުރުމުގެ ކުށްވަނީ ހިނގާފައެވެ. އެއީ އަންހެނަކު ދަތުރަށް ފިރިމީހާއާ ނުލައި ނުކުތުމެވެ. އަދި މީހަކުވަނީ އެކަލޭގެފާނުގެ އެރިހުން އެކަމާމެދު ސުވާލުކުރައްވާފައެވެ. އެއީ ފިރިމީހާ ނުވަތަ މަޙުރަމެއް ނުލާ ހައްޖަށް ނުކުތް އަންހެނެއްގެ ވާހަކައެވެ. ރަސޫލާ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމްހުރި) އަމުރުކުރެއްވީ ފިރިމީހާ އަންހެންމީހާއާ އެކީ ޙައްޖަށް ނުކުތުމަށެވެ. އެއްވެސް ޙާލެއްގައި އަނބިމީހާ އަނބުރާ އައުމަށް ނުވަތަ ގެނައުމަކަށް އަމުރެއް ނުކުރައްވައެވެ. އަދި ޙައްޖުވުމަށް ނުކުތުމަށް ރަސޫލާ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމްހުރި) ކުރެއްވި އަމުރުފުޅުން އިމާމް އިބްނުޙަޒުމު ނަންގަވާ ޙުކުމަކީ ޙައްޖުވުމަށް އަނބިމީހާއާއެކު، ނުކުތުން ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވާކަމުގެ ޙުކުމެވެ. (6)
މިޙަދީސުން އިމާމް އިބުނު ޙަޒުމު ޙުއްޖަތް ދައްކަވާ ދެއްކެވުމަށް ރައްދުދެއްވަމުން އިމާމް ޝައުކާނީ ވިދާޅުފައިވާ ވާހަކައިގެ ޚުލާޞާއަކީ އަންނަނިވި ވާހަކަ ކޮޅެވެ. މަޙުރަމަކު ނުވަތަ ފިރިމީހާ ޙައްޖުވާން ނުކުންނަ އަންހެނާއާއެކު، ދަތުރުގައި ބައިވެރިވުމަކީ ޝަރުޠެއްކަމުގައިނުވާނަމަ، ކީރިތި ރަސޫލާ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމް ލައްވާށި) ހަނގުރާމައެއްގައި ޖިހާދުގެ މައިދާނަށް ނުކުންނަން ތައްޔާރުވަމުން ދިޔަ މީހަކު، އެތަނުން ފޮނުވާލައްވާ، އަނބިމީހާއާއެކީ ޙައްޖުވުމަށް އަމުރު ނުކުރައްވާނެއެވެ. (7)
މިރައްދަށް ރައްދުދެވިދާނެ ގޮތެއް:
ޙައްޖުވުމަށް ފިރިމީހާއަށް އަމުރުކުރެއްވި ކުރެއްވުމުން ދޭހަވަނީ އަނބިމީހާ ބޭނުންވެއްޖެ ޙާލަތެއްގައި ފަރުޟު ޙައްޖުގައި އޭނާއާއެކު، ނުކުތުމަކީ ފިރިމީހާގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަމުގައެވެ. އެއްވެސް ޙާލެއްގައި ފިރިމީހާ ނުވަތަ މަޙުރަމު ނެތުމުން ޙައްޖު ވާޖިބުނުވާނެކަމުގެ ދަލީލެއް އެއަމުރު ފުޅުން ނުލިބެއެވެ.
މިރައްދުގެ ރައްދު:
މަޙުރަމު ނުވަތަ ފިރިމީހާ ޙައްޖަށް ނުކުންނަ އަންހެނާއާއެކު، ހުރުމަކީ ފަރުޟެއްކަމުގައިނުވާނަމަ، ޖިހާދުގެ މައިދާން ދޫކޮށް އަންހެން މީހާއާއެކު، ޙައްޖުވުމަށް ކީރިތި ރަސޫލާ ( އެކަލޭގެފާނުގެ މައްޗަށް ސަލާމާއި ޞަލަވާތް ލައްވާށި) އަމުރުނުކުރައްވާނެއެވެ. އެހެންކަމުން އެއަމުރުފުޅުގެ ފިޤުހީ ދޭހައަކީ އަންހެނާއަށް ޙައްޖުގެ ދަތުރަށް ފިރިމީހާއާ ނުލައި ނުކުތުން ހުއްދަވެގެންނުވުމެވެ. އަދި އަންހެނާ ފަރުޟު ޙައްޖަކަށް ނުކުންނަނީނަމަ، އޭނާއާއެކު، ނުކުތުން ފިރިމީހާއަށް ކުޅަދާނަވެގެންވާނަމަ، އޭނާގެ މައްޗަށް ލާޒިމުވުމެވެ.
ނޯޓު: މިހައި ހިސާބުން އިމާމް އިބުނުޙަޒުމު (އެކަލޭގެފާނަށް މާތްﷲ ރަޙުމަތްލައްވާށި)ގެ ރައުޔައާއި އެރައުޔައިގެ ދަލީލުތައް ދިރާސާކޮށް ބަޙުސްކޮށް ނިމުނީއެވެ. ދެން އޮތީ ޙަންބަލީ މަޛުހަބާއި ޙަނަފީ މަޛުހަބުގެ ރައުޔައެވެ. މާތްﷲ އިރާދަކުރެއްވިއްޔާ އަވަސް މުސްތަޤުބަލެއްގައި އެރައުޔަތަކާއި އެރައުޔަތަކުގެ ދަލީލާއި އެދަލީލުގެ ބަޙުސް ތިޔަ
ބޭފުޅުންނަށް ހުށަހަޅައިދޭނަމެވެ.) و بالله التوفيق و هو المستعان
______________________________
(1) المغنى ج3 ص332- المجموع ج7 ص66- المفصل فى أحكام المرأة و البيت ج2 ص169
(2) المفصل فى أحكام المرأة و البيت ج2 ص169
(3) المحلى لإبن حزم ج7 ص 57
(4) މަރުފޫޢު ޙާދީސްގެ މުރާދަކީ ޞަޙާބީއެއްގެ ކިބައިން ކީރިތި ރަސޫލާއަށް ސީދާ ނިސްބަތްކުރެވޭ ޙަދީސެވެ.
(5) حديث متفق عليه (މުއްތަފަޤު ޢަލައިހި ޙަދީސަކީ އިމާމް ބުޚާރީއާއި އިމާމް މުސްލިމް ރިވާކުރެއްވި ޙަދީސްތަކެވެ.)
(6) المحلى ج7 ص 60-62
(7)نيل الأوطار ج4 ص 291
0 ޚިޔާލު!