ޢަދުލުވެރިކަމާއި ޢަދާލަތު


قال شيخ الإسلام مجدد عصره ابن تيمية رحمه الله: (الناس لم يتنازعوا في أن عاقبة الظلم وخيمة، وعاقبة العدل كريمة، ولهذا يُروى: الله ينصر الدولة العادلة وان كانت كافرة، ولا ينصر الدولة الظالمة وان كانت مؤمنة) مجموع الفتاوى 28/61-62.



އެކަލޭގެފާނުގެ ޒަމާނުގެ މުޖައްދިދު، ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ (މާތްﷲ އެކަލޭގެފާނަށް ރަޙުމަތްލައްވާށި) ވިދާޅުވެފައިވެއެވެ. "އަނިޔާވެރިކަމުގެ ނިމުމަކީ ނިކަމެތިކަންކަމާމެދު އަދި ޢަދުލުވެރިކަމުގެ ފަހު ނަތީޖާ މާތްވާނެކަމާމެދު މީސްތަކުން ދެބަހެއް ނުވެއެވެ. މިސަބަބަށްޓަކައި މީހުން ތެރޭގައި ބުނެވެއެވެ. ކާފިރެއްކަމަކު މާތްﷲ ޢަދުލުވެރި ދައުލަތަށް ނަޞްރުދެއްވައެވެ. އަދި މުއުމިން ދައުލަތެއްކަމުގައިވިޔަސް އަނިޔާވެރިނަމަ، ނަޞްރު ނުދެއްވަތެވެ.)

ލިޔުއްވީ: د.طه جابر علواني

ތަރުޖަމާ: ޝިފްޒާން އަޙްމަދު


ޢަދުލުވެރިކަން ނުވަތަ ޢަދާލަތަކީ މާތްވި ޤުރުއާނު ގެނެސްދެން މަތިވެރި އިސްލާމީ މަފްހޫމުތަކުގެ ތެރެއިން މަތިވެރި މަފުހޫމެކެވެ. އިސްލާމްދީނުގެ މަތިވެރި އަގުތަކުގެ ތެރެއިން އެންމެ މަތިވެރި އަގުކުރުންކަމުގައިވަނީ ޢަދުލުވެރިކަމެވެ. އަދި ޝަރީޢަތުގެ މަޤުޞަދުތަކުގެ ތެރެއިން އެންމެ ފާޅުކަން ބޮޑު މަޤުޞަދަކީވެސް އެއީއެވެ. ޤުރުއާނުގެ އެންމެ މަތިވެރި އަސާސީ ތިން އަގުކުރުމަކީ ތައުޙީދާއި ތަޒްކިޔާ (ނަފްސުގެ ޠާހިރުކަން) އާއި ދުނިޔެ ބިނާކުރުން ކަމުގައިވަނީނަމަ، މިތިން އަގުކުރުމުން ނެގޭ ނުވަތަ އުފަންވާ އެންމެ ފާޅުކަން ބޮޑު ޝަރުޢީ މަޤުޞަދަކީ ޢަދުލުވެރިކަމެވެ. އެއްކައުވަންތަކުރާ މީހާގެ އެއްކައުވަންތަކުރުން ފުރިހަމަވާނީ ޢަދުލުވެރިކަމުގެ ޞިފަ އޭނާގެ ކިބާގައި ހުރެގެނެވެ. އަދި ނަފްސުގެ ޠަހާރަތު ޢަދުލުވެރިކަމުގެ ޞިފަނެތި ފުރިހަމަ ނުވާނެއެވެ. އަދި ޢަދުލުވެރިކަމާ ނުލައި މިބިން ތަރައްޤީކޮށް ބިނާކުރުމަކީ ނޭކަށޭނެކަމެކެވެ. މިސަބަބަށްޓަކައި އުންމަތުގެ ޢިލްމުވެރިންނާއި މުފައްކިރުން ޢަދުލުވެރިކަމަކީ ވެރިކަމުގެ އަސާސްކަމުގައި ކަނޑައެޅުއްވިއެވެ. އަދި އެންމެ މަތީ ދަރަޖައިގެ ޝަރުޢީ މަޤުޞަދެއްކަމުގައި ކަނޑައެޅުއްވިއެވެ. އެހެނީ ދަރަޖައިގެ ގޮތުން މިނިވަންކިޔަވައި އެއްވެސް މަޤުޞަދެއް ޢަދުލުވެރިކަމާ ވާދަނުކުރެއެވެ. އަދި އަޅުގަނޑުގެ ނަޒަރުގައި ޢަދުލުވެރިކަމާއި މިނިވަންކަންވަނީ ގުޅި ލާމެހިފައެވެ. އެއިން އެއްކަންތައް އަނެއްކަންތަކާ ވަކިނުކުރެވޭނެއެވެ. މިނިވަންކަމާ ނުލައި ޢަދުލުވެރިކަމެއް ޤާއިމްނުވާނެއެވެ. އަދި ޢަދުލުވެރިކަމުގެ ރައްކާތެރިކަން ނެތްނަމަ، މިނިވަންކަމަކީ ޙަޤީޤީ މިނިވަންކަމެއްކަމުގައި ނުވާނެއެވެ.

ކީރިތި ޤުރުއާންވަނީ ޢަދުލުވެރިކަމަށް ބާރު އަޅުއްވާފައެވެ. އަދި އެތައް އާޔަތެއްގައި ޢަދުލުވެރިވުމަށް އަމުރުކުރައްވާފައިވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. ﴿إِنَّ اللّهَ يَأْمُرُ بِالْعَدْلِ وَالإِحْسَانِ﴾(النحل:90) މާނައީ: ހަމަކަށަވަރުން، عدل ވެރިވުމަށާއި، إحسان ތެރިވުމަށް މާތް اللَّه އަމުރުކުރައްވަތެވެ. މިނިވަންކަން ލިބުމާއި އެމިނިވަންކަމާ މުޢާމަލާތްކުރުން ލާޒިމުވާ ބީދައިން ޢަދުލުވެރިވުން މުޢާމަލާތާއި ޖަޒާ ކަނޑައެޅުމުގައި ހަމަހަމަކުރުން ލާޒިމުކުރެއެވެ. އިޙުސާސްތަކާއި ޝުޢޫރުތަކުން އަސަރު ނުފޯރާ އިމެއްނެތް އަގުކުރުމެއްކަމުގައި ޢަދުލުވެރިކަން ކަނޑައެޅުމަށް އިސްލާމީ ޝަރީޢަތް އަމުރުކުރެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَلاَ يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَى أَلاَّ تَعْدِلُواْ اعْدِلُواْ هُوَ أَقْرَبُ لِلتَّقْوَى﴾(المائدة:8) މާނައީ: އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން عدل ވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން عدل ވެރިވާށެވެ! އެގޮތް تقوى ވެރިކަމާ ގާތްކަން ބޮޑެވެ. ސަލާމާއި ޞަލަވާތްލެއްވުނު ރަސޫލުﷲ އަކީ އެކަލޭގެފާނުގެ ހުރިހައި ޢަމަލެއްގައި މުޠުލަޤު ޢަދުލުވެރިކަން ޤާއިމުކުރެއްވައި ތަންފީޛުކުރެއްވި ބޭކަލެކެވެ. އެއީ އެކަލޭގެފާނުގެ ކިބައިން މަޝްހޫރު، ޝަޚުޞީ ޞިފަފުޅެއްކަމުގައި ހިމެނުން ލާޒިމުވާ މިންވަރަށް އެޞިފައިގައި އެކަލޭގެފާނު ހިފެހެއްޓެވިއެވެ. އަދި އެކަލޭގެފާނުގެ ޞަޙާބީން އެޞިފަ ލިބިވަޑައިގަނެގެން އެކަލޭގެފާނާ އެއްގޮތްވެވަޑައިގަތެވެ. އެކަމުގެ ސަބަބުން ޢަދުލުވެރިކަމުގެ ހުރިހާ ދާއިރާއެއްގައި އެޞިފަ ތަންފީޒުކުރެއްވުމުގައި މިސާލުތަކެއް ކަމުގައި އެބޭކަލުން ހިމެނިވަޑައިގަތެވެ. އަދި ޢަދުލުވެރިކަމުގެ ސަބަބުން މިއުންމަތަށް ހެޔޮކަމާއި މެދުމިންކަމުގެ މަތިވެރި ޞިފަ ޙައްޤުވިއެވެ. އަދި މީސްތަކުންގެ މައްޗަށް ހެކިވެރިވުމުގެ މަޤާމް ލިބުނެވެ. އެހެނީ އެބޭކަލުންގެ ކިބައިގައި ޢަދުލުވެރިކަން ފުރިހަމަވުމުގެ ސަބަބުން އެހުރިހާ ޞިފަތަކަކަށް އެކަށީގެންވާ ބޭކަލުންކަމުގައިވިއެވެ. މާނައަކީ ހެޔޮކަމާއި މެދުމިންކަމަކީ އެބޭކަލުންނަށް ލިބިވަޑައިގަތް ޞިފަފުޅުތަކެއްގެ އިތުރުން އެއީ އެބޭކަލުންގެ ލިބާހެވެ. އަދި ޢަދުލުވެރިކަމުގެ މިސާލު ޖެހުމުގައި އެބޭކަލުންގެ ނަންފުޅުތައް ބޭނުންކުރެވެން ފެށިއެވެ. ޚުލަފާއުއް ރާޝިދުންގެ ޒަމާނުގައި އެބޭކަލުންގެ ސިޔާސަތުތައް ބިނާކުރެއްވީ ޢަދުލުގެ އަސާސްގެ މަތީގައެވެ. އަދި އެބޭކަލުންގެ ޝަރުޢީ ނިޒާމް (ޖުޑީޝަރީ)ވެސް ބިނާވެގެން އައީ ޢަދުލުގެ މަތީގައެވެ. އެބޭކަލުންގެ ޢަދުލުވެރިކަމުގެ ސަބަބުން ޢަދުލުވެރިކަމަކީ ، މުޖުތަމަޢުގެ ކުރިމަގަށް އަޅާ ފިޔަވަޅުތައް ހަރުދަނާކޮށްދީ، އެމުޖުތަމަޢުގެ ކުރިއެރުމަށް އެހީތެރިވެ، އަދި އިޖުތިމާޢީ ވެށި ތާހިރުކޮށްދޭ، މުޖުތަމަޢުގެ ރޫޙު ކަމުގައިވިއެވެ. އެކުވެރިވުމާއި އެކަތިގަނޑެއްކަމުގައި ވުމަށް ބޭނުން އެންމެހައި ވަސީލަތެއް ޢަދުލުވެރިކަން ފޯރުކޮށްދިނެވެ. ހަމަޖެހުމާއި ރައްކާތެރިކަމާއި ބާރުވެރިކަމުގެ މަގުތައް ކޮށައިދިނެވެ.

މާތްﷲ އިންސާނުންގެ މުހިއްމު ޟަރޫރަތްތައް ރައްކާތެރިކޮށްދެއްވީ ޢަދުލުވެރިކަން މެދުވެރިކުރައްވައިގެނެވެ. އިންސާނީ ޟަރޫރަތްތަކުގެ އެންމެ މަތިވެރި ޟަރޫރަތްތަކަކީ ފަސް ޟަރޫރަތުގެ ގޮތުގައި މަޝްހޫރުވެފައިވާ ފަސްކަމެވެ. ފުރާނައާއި މުދަލާއި ނަފްސުގެ ކަރާމާތް ނުވަތަ އަނބުރާއި ބުއްދިއެވެ. (މުތަރުޖިމް: ބައެއް ޢިލްމުވެރިން ނަފްސުގެ ކަރާމާތުގެ ބަދަލުގައި މިފަސްކަމުގެ ތެރޭގައި ހިމަނުއްވަނީ ނަސްލެވެ.) އިންސާނުންގެ ބޭނުންތައް ނުވަތަ އެމީހުންނަށް ދަތިކަމާ ތުރާ އެކަންކަން ޙާޞިލުނުވުމުން ޖެހޭ ކަންކަން ވެސް ފަހިކޮށްދެއްވީ ޢަދުލުވެރިކަން މެދުވެރިކުރައްވައިގެނެވެ. އަދި އެމީހުންގެ ކަންކަން އިތުރަށް ފުރިހަމަކޮށްދޭ ކަންކަން ޢަދުލުވެރިކަމުގެ ސަބަބުން ރައްކާތެރިކޮށްދެއްވިއެވެ. މުސްލިމް އިންސާނާގެ ޝަޚުޞިއްޔަތުގެ ބައެއްކަމުގައި ޢަދުލުވެރިކަން ހިމެނުނެވެ. އެއީ އޭނާގެ ބުއްދީގައި އަބަދުމެ ދައުރުވާ އޭނާގެ ދިރިއުޅުމުގައި ތަންފީޒުކުރެވޭ ކަމެއްކަމުގައި ހިމެނުނެވެ. އޭނާގެ އަދަބުވެރިކަމާއި ފަންނީ ހުނަރުވެރިކަމާއި މުއައްސަސާތައް ބިނާކުރުމުގައި ޢަދުލުވެރިކަން ހިމެނިއެވެ. އަދި ޢަދުލުވެރިކަމަކީ އޭނާގެ އެންމެހައި މުޢާމަލާތްތަކަކާއި ގުޅުންތަކެއް ބައްޓަންކުރާ މިންގަނޑުކަމުގައިވެއެވެ.

މިއަދު މުސްލިމުންނާއި އިސްލާމްދީނުގެ ގުޅުން މިވަނީ ބަލިވެފައެވެ. އަދި އެބައިމީހުންގެ ދިރިއުޅުމުގެ ޙަރަކާތްތަކުގެ މައްޗަށް ބާރު ފޯރުވައި، އެބައިމީހުންގެ މަސައްކަތްތަކުގައި މަގުދައްކަނީ އިސްލާމް ދީންކަމުގައި މިއަދު ނުވެއެވެ. އެހެންކަމުން އަގުކުރުންތައް އެބައިމީހުން ކިބައިން ނެތި ހިގައްޖެއެވެ. އަދި އެއަގުކުރުންތަކުގެ އަސަރުވަނީ ކުޑަވެފައެވެ. އަދި އެއަގުކުރުންތަކުގައި ހިފަހައްޓާ މީހުން މަދުވެއްޖެއެވެ. އެކަމުގެ ސަބަބުން އެބައިމީހުންގެ މައްޗަށް އެހެން އުންމަތްތައް ކުރި ހޯދައިފިއެވެ. އެއީ ތައުޙީދު ޤަބޫލުނުކުރާ ދައުލަތްތަކެއް ކަމުގައިވެސް ވެދާނެއެވެ. އެހެންނަމަވެސް އެމީހުންގެ ބުއްދީގެ އެހީގައި އަދި އެމީހުންކުރެ ރަނގަޅު މީހުން މެދުވެރިގެން ޢަދުލުވެރިކަމުގެ މަގު އެބައިމީހުން ހޯދިއެވެ. އަދި އެމަގުގައި އެބައިމީހުން ގަދައަށް ހިފެހެއްޓިއެވެ. ނަތީޖާއެއްގެ ގޮތުން ޢަދުލުވެރިކަން ޔަޤީންކޮށްދޭނެ ގޮތްތަކަކާއި އެޞިފަ ރައްކާތެރިކުރާނެ ހަމަތަކަކާއި އެއަށް ވާރުއަޅާނެ މަގުތަކެއް އެބައިމީހުން ހޯދިއެވެ. އެހެންކަމުން އެއުންމަތްތައް ކުރިއަރައި، އުފައުވެރިކަން ޙާޞިލުކޮށް، ހަމަޖެހުން އެއުންމަތްތަކުގެ ރައްޔިތުންނަށް ފޯރުކޮށްދިނެވެ. އަދި ކުރިއެރުމާއި މަދަނިއްޔަތު ބިނާކުރުމުގެ ކުޅަދާނަކަން އެބައިމީހުންނަށް ލިބުނެވެ. އަދި އެބައިމީހުން، އިސްލާމް ދީނަށް ނިސްބަތްވާ ދައުލަތްތަކެއްގެ މައްޗަށް ކާމިޔާބު ހޯދައިފިއެވެ. އެއީ އެދައުލަތްތަކުގައި ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނެތަތީއެވެ. އަދި އިސްލާމީ ދައުލަތްތަކުގެ އަހުލުވެރިން އެދައުލަތްތައް ދޫކޮށް ކުރިން މިދެންނެވި އުންމަތްތަކުގެ ތެރެއަށް ހިޖުރަ ކުރަން ފަށައިފޫއެވެ. އެއީ އެދައުލަތްތަކުގެ އަހުލުވެރިންގެ ޢަދުލުވެރިކަމާއި އެދައުލަތްތަކުގެ ނިޒާމްތަކުން ހިތްހަމަޖެހުން ލިބިގަންނާށެވެ. އެހެނީ މާތް އިންސާނެއްގެ ގޮތުގައި ޢަދުލުވެރިކަމާ ނުލައި ނޫޅެވޭނެއެވެ. ޢަދުލުވެރިކަން ނެތްނަމަ، އީމާންކަމާއި އިސްލާމްކަމުގެ ދިރިއުޅުމުގެ ބާރުތައް ނެތިގެން ދާ ފަދައެވެ. އަދި އަޅުގަނޑުމެންގެ އުންމަތަށް ޢަދުލުވެރިކަމާ ނުލައި، އެއުންމަތުގެ ކަރާމާތް އަބުރާ ލިބިގަތުމާއި، އެންމުތަކުގެ އެއްބައިވަންތަކަން ބިނާކުރުމާއި، ތަރައްޤީގެ އުންމަތުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެއުންމަތުގެ ގޯތިތަކުގެ ތެރޭގައި ޢަދުލުވެރިކަން އެޞިފައަށް ޙައްޤު މަތިވެރިމަޤާމަށް އަނބުރާ ނުގެނެވުނުނަމަ، މިއުންމަތަށް ލާއިޤު، އެކަށީގެންވާ މަޤާމަށް ވާޞިލެއް ނުވެވޭނެއެވެ. އެހައިރުން ޢަދުލުވެރިކަން ވާނީ ވެރިންނާއި ރައްޔިތުންގެ ކިބައިގައި ހަރުލާފައިވާ މަތިވެރި އަގުކުރުމެއް ކަމުގައެވެ. އަދި އެޞިފަ ހަރުކޮށް އެއަށް ބާރު ލިބިނެވި ހުރިހާ ގޮތެއް ރާވައި އިންތިޒާމުކުރާނެއެވެ.

ޢަދުލުވެރިކަމަކީ ވެރިކަމުގެ އަސާސެވެ. އަދި ޙަޟާރަތުގެ ބާރެވެ. އަދި ބިނާކުރުމުގެ އެހީތެރިޔާއެވެ. އަދި އިންސާނީ ކަރާމަތުގެ ބިންގަލެވެ. ހުރިހާކަމެއްވެސް މޮޅަށް ދެކެ ދެނެވޮޑިގެންވަނީ މާތްﷲއެވެ!


ޑރ. طه جابر علواني ގެ ކުރު ތަޢާރަފެއް:

އެމަނިކުފާނަކީ އަލްއަޒުހަރު ޔުނިވަރސިޓީގެ ކުއްލިއްޔަތުއް ޝަރީޢާވަލް ޤާނޫން އިން އުޞޫލުލް ފިޤުހުގެ ދާއިރާއިން ޕީއެޗްޑީ އެންމެ މަތީ ދަރަޖައިގެ ފާހަކުން ޙާޞިލުކުރައްވާފައިވާ ޢިރާޤަށް ނިސްބަތްވެވަޑައިގަންނަވާ ޢިލްމުވެރިއެކެވެ. އުފަންވެވަޑައިގަތީ ހިޖުރީ ސައްތައިން 1354ގައި ފައްލޫޖާގައެވެ. އަދި އެމަނިކުފާނަކީ މިހާރު ޤުރުޠުބާ ޔުނިވަރސިޓީގެ ރައީސެވެ. އަދި ކުރިން އިސްލާމީ ފިކުރަށް ޚާއްޞަ ބައިނަލް އަޤުވާމީ މަޢުހަދުގެ ރައީސްގެ މަޤާމްވެސް ފުރުއްވިއެވެ. ދުނިޔޭގެ އިސްލާމީ ފިޤުހު އެކަޑަމީގައިވެސް ހިމެނިވަޑައިގަންނަވައެވެ. އޭގެ އެމަނިކުފާނަކީ އިތުރުން ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ތައުސީސީ މެންބަރެއްވެސްމެއެވެ. ވަރަށް ގިނަ ޢިލްމީ ދިރާސާތަކަކާއި ފޮތްތަކެއް ލިޔުއްވާފައިވެއެވެ. ދީނުގެ ޢިލްމު އުގެނޭ ކުދިން މިފޮތްތައް ކިޔައި ފިޤުހާއި އުޞޫލާއި މަޤާޞިދުއް ޝަރީޢާ ދަސްކުރުމަކީ މުހިއްމުކަމެކެވެ. މާތްﷲ ޑރ. طه جابر علواني ރައްކާތެރިކޮށްދެއްވައި، އުންމަތުގެ ޙައްޤުގައި ޢުމުރު ދަމަހައްޓަވައި، އެމަނިކުފާނުގެ ޢިލްމުން އަޅުގަނޑުމެންނަށް ފައިދާ ލިބޭނެ ގޮތް މެދުވެރިކޮށްދެއްވާށިއެވެ! އާމީން.

މަޞްދަރު: ޑަރ .طه جابر علوانيގެ ރަސްމީ ސައިޓު 
ފާހަގަ: , ,

1 ޚިޔާލު!

  1. ފަސް ޟަރޫރަތުން ދީން ނުލިޔެވިވަނީ އޮޅުމަކުން ދެއްތޯ

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!