ފިޤުހުގެ ތާރީޚު (2) ފުރަތަމަ ބާބު: ޝަރީޢަތާއި ފިޤުހުގެ މަފްހޫމު އަދި ގުޅުންހުރި ބައެއް މައުޟޫޢުތައް

ފުރަތަމަ ބާބު: ޝަރީޢަތާއި ފިޤުހުގެ މަފްހޫމު އަދި ގުޅުންހުރި ބައެއް މައުޟޫޢުތައް



ތަޝްރީޢު އަދި ތާރީޚުގެ ތަޢާރަފު

ތާރީޚް، މިއީ ޢަރަބި ލަފްޒެކެވެ. ކަމެއް ވިވަގުތު ފާހަގަކުރުމަށް ކިޔާ ނަމެއްގެ ގޮތުގައި މި ލަފުޒު ބޭނުންކުރެވެއެވެ. ހަމަ މިފަދައިން އެކަމެއް އެވީ ވަގުތަށްވެސް މިނަން ބޭނުންކުރެވެއެވެ.

ޢަރަބި ލަފްޒު ތަޝްރީޢު (ޤާނޫނީ ދާއިރާގައި ތަޝްރީޢުގެ މާނައަކީ: ޤާނޫނު ހެދުމުގެ ބާރުގެ ފަރާތުން ޤާނޫނީއަމުރުތައް ކަނޑައަޅާ، އެއަމުރުތަކަށް އިލްޒާމީ ބާރުވެރިކަން ދިނުން) މިއީ، "ޝަރަޢަ"އިގެ މަސްދަރެވެ. ޢަރަބި ލަފްޒު ޝަރީޢާ ނެގެވިގެންވަނީ ޝަރަޢަ މި ލަފުޒުންނެވެ. ޢަރަބިބަހުގައި ލަފުޒީގޮތުން ޝަރީޢަތުގެ ދެ މާނައެއްވެއެވެ. އެއީ:

1. ތެދުމަގު: މިމާނައިގައި ކީރިތި ޤުރުއާނުގައި މި ލަފްޒު ބޭނުން ކުރައްވާފައިވެއެވެ. " ثُمَّ جَعَلْنَاكَ عَلَى شَرِيعَةٍ مِنَ الأَمْرِ فَاتَّبِعْهَا وَلا تَتَّبِعْ أَهْوَاءَ الَّذِينَ لا يَعْلَمُونَ " މާނައީ: "ދެން ތިމަންރަސްކަލާނގެ دين ގެ ކަންތަކުގައި (ފާޅުވެގެންވާ) ތެދުމަގެއްގެ މަތީގައި ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު އެޔަށް تبع ވެވަޑައިގަންނަވާށެވެ! އަދި ނުދަންނަ މީހުންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައި ނުގަންނަވާށެވެ!" (އަލްޖާޘިޔާ 45 : 18)
2. އުސްބިމެއް ފަދަތަނަކުން އޮހިގެން އަންނަ ފެން ޖަމާވާ ތަން.

ފިޤުހުވެރިންގެ އިޞްޠިލާޙުގައި ޝަރީޢަތުގެ މާނައަކީ ރަސޫލު ބޭކަލެއްގެ ދޫފުޅުމައްޗަށް ﷲތަޢާލާ އެކަލާނގެ އަޅުތަކުންނަށްޓަކައި ކަނޑައަޅުއްވާ ބާވާލައްވާ ޙުކުމްފުޅުތަކެވެ.

ޝަރީޢަތުގެ އިސްވެ ދިޔަ، ލަފްޒީ އަދި އިޞްޠިލާޙީ މާނައަށް ބަލާއިރު އިޞްޠިލާޙީ މާނައިން ލަފްޒީމާނަ ހާސިލުވެ ފާޅުވެފައިވާތަން ފެނިވަޑައިގަންނަވާނެއެވެ. އެހެނީ ޝަރީޢަތުގެ ޙުކުމްތައްވަނީ ބާވާލެއްވުމުގައި ސީދާ ކުރެއްވިގެންނެވެ. އޭގައި އެއްވެސް ކަތިކަމެއް ނެތެވެ. އޭގައި ހިފި މީހަކު ސީދާ ވާސިލްވާނީ ދެދުނިޔޭގެ ކާމިޔާބަށެވެ. އަދި ހަމަ އެހެންމެ ހަށިގަނޑުގެ އާރޯކަމާއި ދިރިހުރުމަށްޓަކައި ފެނާ ދިމާއަށް އެނބުރެން ޖެހޭޖެހުމާއި، ނަފްސުތަކުގެ ދިރުމަށްޓަކައި ސިކުނޑީގެ ކާނާއަށްޓަކައި ޝަރީޢަތުގެ ޙުކުމްތަކާ ދިމާއަށް އެނބުރެން ޖެހުމުގައި ހުރި އެއްގޮތްކަންވެސް މިތާ ފާހަގަކޮށްލަމެވެ.

ޝަރީޢަތުގެ އިޞްޠިލާޙީ މާނައަށް ނަޒަރު ހިންގަވާލައްވާއިފިނަމަ އެ ލަފްޒުގެ މާނައިގެ ތެރޭގައި ރަސޫލުބޭކަލުން އެ ޝަރީޢަތްތަކައިގެން ވަޑައިގެންނެވި އެންމެހާ ޝަރީޢަތްތަކެއްވެސް ހިމެނިގެންދާކަން ފާހަގަ ކުރެއްވޭނެއެވެ. ސަލާމްލެއްވި އިބްރާހިމްގެފާނު އެކަންކަމައިގެން ވަޑައިގެންނެވި އެންމެހާ ކަމަކަށް ކިޔޭނީ އިބްރާހިމްގެފާނުންގެ ޝަރީޢަތެވެ. ސަލާމްލެއްވި މޫސާގެފާނު އެކަންކަމައިގެން ވަޑައިގެންނެވި އެންމެހާ ކަމަކަށް ކިޔޭނީ މޫސާގެފާނުންގެ ޝަރީޢަތެވެ. ސަލާމްލެއްވި ޢީސާގެފާނު އެކަންކަމައިގެން ވަޑައިގެންނެވި އެންމެހާ ކަމަކަށް ކިޔޭނީ ޢީސާގެފާނުންގެ ޝަރީޢަތެވެ. ސަލާމާއި ޞަލަވާތްލެއްވި މުޙައްމަދުގެފާނު އެކަންކަމައިގެން ވަޑައިގެންނެވި އެންމެހާ ކަމަކަށް ކިޔޭނީ މުޙައްމަދުގެފާނުންގެ ޝަރީޢަތެވެ.

ޝަރީޢަތުގެ އިޞްޠިލާޙީ މާނައިގެތެރޭގައި ހިމެނޭ އެއް މަފްހޫމަކީ އުފައްދާ އެކަށައެޅުމެވެ. ޤަވާޢިދުތަކާއި، ނިޒާމުތަކާއި ޙުކުމްތައް އުފައްދާއި އެކަށައެޅުމޭ ބުނާމާނަ މި މަފްހޫމުގެތެރޭގައި ހިމެނެއެވެ. މިމާނައިގައި ޤުރުއާނުގައި "ޝަރަޢަ" މި ލަފްޒު ބޭނުން ކުރައްވާފައިވެއެވެ. ކީރިތި ޤުރުއާނުގައި ވެއެވެ. " شَرَعَ لَكُمْ مِنَ الدِّينِ مَا وَصَّى بِهِ نُوحًا " މާނައީ: "ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ އުފައްދަވައި ކަނޑައެޅުއްވި دين އަކީ، އެކަލާނގެ نوح ގެފާނަށް وصية ކުރެއްވި دين އެވެ." (އައްޝޫރާ 42 : 13) އަދިވެސް ވަޙީކުރައްވާފައިވެއެވެ. " أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُمْ مِنَ الدِّينِ مَا لَمْ يَأْذَنْ بِهِ اللَّهُ " މާނައީ: "ނުވަތަ اللَّه، إذن ދެއްވާފައިނުވާ دين އެއް، އެއުރެންނަށް، شرع ކޮށް ކަނޑައަޅައިދިން شريك ންތަކެއް އެއުރެންނަށް ވޭހެއްޔެވެ؟" (އައްޝޫރާ 42 : 21).

އިސްވެ މިދެންނެވި މާނައިގައި ތަޝްރީޢުގެ މުރާދެއްކަމުގައި ވާނީ ޝަރީޢަތް އުފައްދުމެވެ. އޭގެ ޙުކުމްތައް އުފައްދާ ބާޔާންކޮށްދިނުމެވެ. އެމައްޗަށް ހަމަތައް ހެދުމެވެ. މި އުފެއްދުމުގެ މާނަ ދޭހަވާން ތާރީޚުން ފެންނަން އޮތް ހަމައެކަނި ޒަމާނަކީ ކީރިތި މާތް ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމައިގެ ޙަޔާތްޕުޅެވެ. އޭރު އެކަލޭގެފާނީ އެކަލޭގެފާނުގެ ރައްބުގެ ފުށުން އަމުރުފުޅުތައް ފޯރުކޮށްދެއްވާން ހުންނެވި ފަރާތެވެ. ދެން އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށްފަހު މިދެންނެވި ދައުރު އަދާކުރުމުގައި އެކަލޭގެފާނުގެ ބަދަލެއްކަމުގައި އެހެން އެއްވެސް މީހަކަށް މިދެންނެވި ޚާއްޞިއްޔަތައިގެން އެމަޤާމަކު ނުހުއްޓޭނެއެވެ. އެހެނީ އެކަލޭގެފާނީ ރަސޫލުބޭކަލުނަންނާއި ނަބީބޭކަލުންގެ އެންމެ ފަހުބޭކަލެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. " مَا كَانَ مُحَمَّدٌ أَبَا أَحَدٍ مِنْ رِجَالِكُمْ وَلَكِنْ رَسُولَ اللَّهِ وَخَاتَمَ النَّبِيِّينَ " މާނައީ: "ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި محمد ގެފާނު ނުވެތެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) اللَّه ގެ رسول އާއެވެ. އަދި ނަބީކަން ختم ކުރެއްވި ކަލޭގެފާނުވެސްމެއެވެ." (އަލްއަޙްޒާބު 33 : 40) އެހެނީ މި އިސްލާމީ ޝަރީޢަތް ވަނީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ފުރިހަމައަށް ބާވާލައްވާ ނިމިފައެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. " الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلامَ دِينًا " މާނައީ: "މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ." (އަލްމާއިދާ 05 : 03)

އެއަށް ފަހުގައި އައި ޒަމާނުގައި ސަލާމާއި ޞަލަވާތްލެއްވި މުޙައްމަދުގެފާނުންގެ ޞަޙާބީ ބޭކަލުންނާއި އެބޭކަލުންގެ ފަހުން ތާބިޢީބޭކަލުން އެ ކުރެއްވި އިޖްތިހާދުކުރެއްވުން، އުފެއްދުމެއްގެ މާނައިގައި ތަޝްރީޢެއް ކަމުގައެއް ނުވެއެވެ. ޙަޤީޤަތުގައި އެއީ އަލަށް އުފެދި ފެންނަމުންދާ ފަރުޢީ މައްސަލަތަކުގެ މައްޗަށް ޝަރީޢަތުގެ އިޖްމާލީ ޤަވާޢިދުތައް ހިންމި ހެޔޮކޮށް ފެއްތުމުގައި ފުޅާދާއިރާއެއްގައި ކުރެއްވި މަސައްކަތްޕުޅުތަކެކެވެ. އަދި ޤިޔާސްކުރުން ނުވަތަ ސުންނަތާއި ޤުރުއާން ފަދަ ޝަރުޢީ މަސްދަރުތަކުން ޙުކުމްތައް ނެރުމެއް ކަމުގައި ނޫނީ ނުވެއެވެ.

އިސްވެ މިދިޔަ ވާހަކަތަކުގެ މައްޗަށްބިނާކޮށް ޝަރީޢަތުގެ ގެ ތަޢްރީފެއް އެކުލަވާލާނަމަ ދަންނަވަން ޖެހޭނީ އެއީ ޤުރުއާނާއި ސުންނަތް އެކުލެވޭހެން ސަލާމާއި ޞަލަވާތްލެއްވި މުޙައްމަދުގެފާގެ ދޫފުޅުމަތިން އެންމެންގެ މައްޗަށް ﷲތަޢާލާ ކަނޑައެޅުއްވި އެންމެހާ ޙުކުމްތަކެވެ.


ތަޝްރީޢީ ތާރީޚުގެ ޢިލްމުން ޤަޞްދުކުރެވޭ މާނަ

ތަޝްރީޢީ ތާރީޚުގެ ޢިލްމުގައި ޢިލްމުވެރިން އެބޭފުޅުންގެ ދިރާސާތަކުގައި ހަމައެކަނި ސަލާމާއި ޞަލަވާތްލެއްވި މުޙައްމަދުގެފާނުގެ ޙަޔާތްޕުޅުގައި ތަޝްރީޢީ ޙާލަތު އޮތްގޮތުގެ މައްޗަށް އެދިރާސާތައް ކުރުކުރެއްވީއެއް ނޫނެވެ. އަދިކިއެއްތޯއެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ފަހުން އިސްލާމީ ތަޝްރީޢު އެކިޒަމާންތަކުގައި ދެކެފައިވާ އެކިމަރުޙަލާތަކާއި މެދުކެނޑުމެއްނެތި އައިސްފައިވާ އެކިއެކި ކުރިއެރުންތަކާއި އަޅުގަނޑުމެންގެ މިއަދާ ހަމައަށް އެ ދިރާސާތައް ފުޅާކުރައްވާފައިވެއެވެ. ފިޤުހުވެރިންނާ މުޖްތަހިދު ޢިލްމުވެރިންނާ އެބޭބޭފުޅުންނާ އެބޭބޭފުޅުންގެ މަސައްކަތަޕުޅުތަކުގެ އަސަރުތައް ކޮންމެ ޒަމާނެއްގައި ހުރި މިންވަރެއްގެ މައްޗަށްވެސް އިސްވެދެންވި ދިރާސާތައް ވަނީ ތަނަވަސް ކުރައްވާފައެވެ. މިކަމުގެ ސަބަބުން އިސްލާމީ ތަޝްރީޢީ ތާރީޚުއޭ ބުނުމުން އޭގެ މާނަ ވަރަށް ތަނަވަސް ކުރަންޖެހެއެވެ.

އިސްލާމީ ތަޝްރީޢީ ތާރީޚުގެ ޢިލްމުން ޤަޞްދުކުރެވޭ މާނައަކީ، އެއީ، ސަލާމާއި ޞަލަވާތްލެއްވި މުޙައްމަދުގެފާނުގެ ޙަޔާތްޕުޅުގަޔާއި އޭގެފަހުން އައި ޒަމާންޒަމާނުގައި އިސްލާމީ ފިޤުހު އޮތްގޮތާއި، ތަޝްރީޢީ މަސްދަރުތައް ކަނޑައެޅުނު އަދި އެ މަސްދަރުތަކުގެ ޙުކުމްތައް ކަނޑައެޅުނު ޒަމާންތަކާއި ނަސްޚުވަމާއި ތަޚްޞީޞްވުމާއި ކަފިކަފިވެގެން ދިއުމުގެތެރެއިން އެކިއެކި ބަދަލުތައް އެ މަސްދަރުތަކަށް އައިސްފައިވާ ޒަމާންތަކަށް ބަލައިގެން އިސްލާމީ ތަޝްރީޢީ މަރުޙަލާތައް ވަކިކުރުމުގެ ޢިލްމެވެ. އަދި މި މަރުޙަލާތަކުގައި އުޅުއްވާފައިވާ ފިޤުހުވެރި ޢިލްމުވެރިންގެ ޙާލަތާއި ފިޤުހުގެ ދާއިރާގެ ތެރެއަށް ފިޤުހުވެރިންގެ އިޖްތިހާދުގެ ތެރެއިން އިތުރުވެގެންދާ ބައިތަކާއި އެބޭފުޅުންގެ ޢިލްމީ މަސްކަތްޕުޅުތަކާއި އަސަރުތަކާއި، ޙުކުމް ނެރުއްވުމުގައި އެބޭބޭފުޅުން ގެންގުޅުއްވާ މަންހަޖްތަކާއި ހަމަނަހަމަ ދިރާސާކުރުންވެސް އެއީ މި ޢިލްމުގެ ބައެކެވެ.

މި ތަނަވަސް މާނައިގައި އިސްލާމީ ތަޝްރީޢީ ތާރީޚުގެ މާނައާއި އިސްލާމީ ފިޤުހުގެ ތާރީޚުގެ މާނަ އެކައްޗެއްކަމުގައި ވެއެވެ.


އިސްލާމީ ޝަރީޢަތުގެ ދާއިރާ

އިސްލާމީ ޝަރީޢަތުގެ އިސްވެދިޔަ އިޞްޠިލާޙީ މާނައިގެ ތެރޭގައި އަޅުތަކުންގެ މައްޗަށް ﷲތަޢާލާ ކަނޑައެޅުއްވި ހުރިހާ ވައްތަރެއްގެ ޙުކުމްތަކެއް ހިމެނިގެންދެއެވެ. އެއީ:

1. ޢަޤީދާގެ ޙުކުމްތައް:
މިއީ އިސްލާމީ ޢަޤީދާއާއި އެއާ ގުޅިފައިހުރި ހުރިހާ ކަމެކެވެ. އެއީ ﷲތަޢާލާ އެއްކައުވަންތަ ކުރުމާއި، އެންމެހާ ރަސޫލުބޭކަލުންނާއި ނަބީބޭކަލުން އެއައިގެން ވަޑައިގެންނެވި ޚަބަރުތަކާއި، މަލާއިކަތްބޭކަލުންނާއި، ޖިންނީންނާއި، ޤިޔާމަތާއި، އަލުން ދިރުއްވެވުމާއި، ޖަޒާދެއްވުމާއި، ސުވަރުގެއާއި، ނަރަކައެވެ. މި މައުޟޫޢުގެ ދިރާސާތައް ވަނީ ޢިލްމުލް ކަލާމް އަދި ތައުޙީދު ފޮތްފޮތުގައެވެ.

2. ވިޖްދާނީ ޙުކުމްތައް:
މިއީ ނަފްސީ އަގުތަކާއި އެތެރޭގެ އަޚްލާޤާ ގުޅުން ހުރި ހުރިހާ ކަމެކެވެ. ޒުހުދުވެރިކަން، ވަރަޢްވެރިކަން، ކެތްތެރިކަން، ޙިލްމުވެރިކަން، ޢިއްފަތްތެރިކަން، ދީލަތިކަން، އަދި މިނޫންވެސް އެންމެހާ އަޚްލާޤީ ސިފަތަކެވެ. މި މައުޟޫޢުގެ ދިރާސާތައް ވަނީ ޢިލްމުލް އަޚްލާޤް އަދި ތަޞައްވުފު ފޮތްފޮތުގައެވެ.

3. ޢަމަލީ ޙުކުމްތައް:
މިއީ އަޅުންގެ ޢަމަލުތަކާ ގުޅިފައިވާ ކަންކަމެވެ. ނަމާދު، ރޯދަ އަދި ޒަކާތް ކައިވެނި ފަދަ އަޅުކަންތައް ގެނެސްގަތުމާއި ވިޔަފާރި، ކުލި، ފަދަ މުޢަމަލާތައް ހިންގުމާއި، ރިބާކެއުން، ރާބުއިން، ވައްކަންކުރުން ފަދަ ކަންކަމުން ދުރުވެގަތުން ފަދަ އަޅާގެ ޢަމަލާއި ގުޅިފައިވާ އެންމެހާ ކަންކަމެވެ. ދީނީ ގޮތުންނާއި ދުނިޔަވީ ގޮތުން މުހިންމު ޝަރީޢަތުގެ މި ބައި ގެ ދިރާސާތައް ވަނީ ފިޤުހު ފޮތްފޮތުގައެވެ. ހަޤީޤަތުގައި އިސްލާމީ ޝަރީޢަތުގައި ޙަޤީޤީ ތަޝްރީޢީ ކުލަވަރެއް ޖައްސުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ މިބައެވެ.

 (ނުނިިމޭ)
މި ފޮތުގެ ކުރީގެ ބައިތައް: 


ފާހަގަ: , ,

0 ޚިޔާލު!

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!