އެފާފަ

އެދެމީހުނަކީ އެއްބަޑު އެއްބަފާ ދެބެއިންނެވެ. އެދެބެއިންނަށް އިތުރު އަޚެއް ނުވަތަ އުޚުތެއް ލިބިފައެއްނުވެއެވެ. އެދެމީހުންވެސް މަސައްކަތްކުރަނީ އެދެބެއިންގެ ބައްޕައާއެކު ދަޑުގައެވެ. އެކަކީ ކައިވެނިކޮށް ދަރިން ލިބިފައިވާ މީހެކެވެ. އަނެކަކުވެސް ކައިވެނިކޮއްފިއެވެ. އެކަމަކު ދަރިއެއް މާތްﷲގެ މިންވަރުފުޅުން ލިބިފައިނެތެވެ.
އެމީހުންގެ ބައްޕަގެ ޙާލު އާދައިގެ ގޮތެކެވެ. އެހެންނަމަވެސް ދެވަނަ ދަރިފުޅު ފުރަތަމަ ދަރިފުޅަށް ބައްޕަގެ ވާރުތަ މުދަލުން ލިބޭނެ އެއްޗަކާމެދު ދަހިވެތިވާންފެށިއެވެ. އަދި ޝައިޠާނާ އޭނާއަށް ވަސްވާސް ދިނީ އޭނާގެ އަޚާ ޤަތުލުކުރުމަށެވެ. އޭނާ އެހިދު އޭނާގެ ބޭބެ މަރައިލައިފިއެވެ. އެއީ އޭނާއަކީ ބައްޕަގެ ހުރި ހަމައެކަނި ވާރުތަވެރިޔާކަމުގައި ވުމަށެވެ.
ބައްޕައަށް އޭނާގެ ދޮށީ ދަރިފުޅު ނެތުމުން ދަތިވާންފެށިއެވެ. އަދި އެދަރިފުޅާ މެދު ހަނގު ދަރިފުޅުކުރެން ސުވާލުކުރިއެވެ. އެހިދު އޭނާ ޖަވާބުގައި ބުނީ އޭނާއަށް ބޭބެއަށް ވީގޮތެއް ނޭނގޭކަމަށެވެ. އެހެންކަމުން އޭނާގޮވައިގެން ބައްޕަ ބޭބެ ހޯދުމަށް ނުކުތެވެ. އަދި އެދެމީހުންނަށް އެހީވާން ބަޔަކުވެސް ނުކުތެވެ. އެހެންނަމަވެސް އެމީހުންނަކަށް ގެއްލިގެންއުޅޭ އަޚެއް ނުފެނުނެވެ. ދުވަސްކޮޅެއް ފަހުން އޭނާގެ މަސްގަޑު ފެނުނީ މީހުން ބޭނުންނުކުރާ ވަޅެއްގެ ތެރެއިންނެވެ.
އަދި ފުލުހުން ކަންކުރި މީހަކު ހޯއްދެވުމަށް ވަރަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެހުރިހާ މަސައްކަތެއް ދިޔައީ ފެނަށެވެ.
އަދި ދަރިފުޅު ގެއްލުމުން ބައްޕަ ވަރަށް ބޮޑަށް ހިތާމަކުރެއްވިއެވެ. އަދި މަސްތަކެއް ވޭތުވުމަށްފަހު ބައްޕަ އޭނައާ ކުރިމަތިވެފައިވާ ހިތައިމައިގެ ސަބަބުން މިދުނިޔެއާ ވަކިވެއްޖެއެވެ.
ދެން އެއްކަލަ ދަރިފުޅަށް ވާރުތަ މުދާ އެކީ ލިބިއްޖެއެވެ. އަދި އޭނާގެ ބޭބެގެ ތުއްތު ކުދިންތައް އޭނާއާ އެކީ އުޅެމުން ގެންދިޔައެވެ. އަދި އޭނާ އެތައްފަހަރެއްގެ މަތިން ކާވެނި ކުރިއެވެ. އެހެންނަމަވެސް ދަރިއެއް ލިބުމުގެ ނިޢުމަތެއް ނުލިބުނެވެ. އެހެންކަމުން އޭނާގެ އަޚްގެ ކުދިންގެ މައްޗަށް ވަރަށް ބޮޑަށް ކުލުނުވެރިކަމާއި ލޯބި އުފެދި އެކުދިންނާ އަޅާލައި ލޯބިދީގެން އުޅެން ފަށައިފިއެވެ. އަދި އެކުދިންވެސް އޭނާއާ މެދު ދެކެމުންދިޔައީ ބައްޕަނެތް ދުނިޔޭގައި ބައްޕަކަމުގައެވެ.
ދުވަސްކޮޅެއްފަހުން އެއްކަލަ އަޚް ވަރަށް ބަލިވެއްޖެއެވެ. އަދި އޭނާގެ ނިމުން ކައިރިވެއްޖެކަން އޭނާއަށް ކަށަވަރުވެއްޖެއެވެ. އަދި ﷲތަޢާލާގެ އިންޞާފުވެރިކަމުގެ ކުރިމަތީ ހުންނަން ޖެހޭ ދުވަސް ގާތްވަމުން އަންނަކަން އެގި ޔަގީންވެއްޖެއެވެ. އަދި އޭނާގެ ދިރިއުޅުމަކީ ހަމައެކަނި ހިތާމައާއި ކެކުޅުން ކަމުގައިވެއްޖެއެވެ. އަދި ބިރު ހުރިހާ ދިމާލަކުން އައިސް އޭނާގެ ކުރިމަތީގައި އެތުރިއްޖެއެވެ. އަދި އޭނާ އަބަދު ކަރުނަ އަޅައި ރޯ މީހެއްކަމުގައި ވެއްޖެއެވެ. އަދި އޭނާއަށް ދުވާލު ދިގުވެ ރޭތައް ބިރުވެރި ވެއްޖެއެވެ.
އޭނާ ކައިރިއަށް ޢާއިލާ މީހުންނާއި ބޭބެގެ ދަރިންތައް އައިސް ބުންޏެވެ. ތިބާރޮނީ ކީއްވެހެއްޔެވެ؟؟ މަރުގެ ވޭނަކީ ކުޑަ ވޭނެކެވެ. އެހާމެ އަވަހަށް ނިމިދާ ވޭނެކެވެ. ބިރު ނުގަންނާށެވެ. ހިތްވަރު އެލުވާނުލާށެވެ. ތިބާގެ ޢަމަލުތަކަކީ ޞާލިޙް ހެޔޮ ޢަމަލުތަކެވެ. ތިބާ ނަމާދުކޮށް ރޯދަ ހިފައި ޞަދަޤާތްކޮށް ޙައްޖުވެ އުޅުނީމުއެވެ. މިހިރީ ހައްތަހާވެސް ހެޔޮ ރަނގަޅު ޢަމަލުތައް ނޫންހެއްޔެވެ؟؟
އޭނާ ރޮއިގަންފައި ބުންޏެވެ." ކަލޭމެނަށް އެގެނީ ތިޔަކަންތައްތަކެވެ. ތިމަންނަ ވަރަށް ބޮޑު ނުބައި ފާފައެއް ސިއްރު ކުރިން. އެފާފަ ﷲ ނޫން ފަރާތަކަށް އެގިފައެއްނުވާނެ. މިސަބަބަށްޓަކައި ﷲއާ ބައްދަލުކުރުމަށް އަހަރެން ބިބިރުވެތިވަން. އަދި އެއީ އަހަރެންގެ ރުއިމާއި ނިކަމެތިވެގަތުމުގެ އަޞްލުސަބަބު. ތިޔަބައިމީހުންކައިރީ މިއަދު އެފާފައިގެ ވާހަކަ ބުނާނަން. ﷲ އަހަންނަށް ޢަފޫކުރައްވައި ތިޔަބައި މީހުން މަޢާފު ކުރޭތޯ؟
ދެން އެމީހުން ބުނެފިއެވެ. އެފާފައަކީ ކޮން ފާފައެއް ހެއްޔެވެ؟
އެހިދު އޭނާ ބުންޏެވެ. އަހަރެންގެ ބޭބެ މެރީ އަހަރެން.
މިހެން ބުނުމުން އެންމެން ހަމަހިމޭންވިއެވެ. ލިބުނު ސިހުމެއްގެ ބޮޑު ކަމުންނެވެ. އެވަގުތު އެއްމެން އެއް އަޑަކުން އެހިއެވެ. ތިބާގެ އަޚާގެ ޤތިލަކީ ހަމަ ތިބާހެއްޔެވެ؟
އޭނާ ޖަވާބުގައި ބުންޏެވެ. އާއެކެވެ. ބައްޕަގެ ކިބައިން ބޭބެއަށް ލިބިދާނެ މުދަލެއްގެ ދަހިވެތިކަމުގައި ބޭބެ މަރައިލީ އަހަންނެވެ. އެހެންނަމަވެސް އޭގެ ފަހުން އަހަންނަށް އުފާވެރިކަމެއް އަދި ހަމަޖެހުމެއް ނުލިބެއެވެ. އަދި އަހަންނަށް ބޭބެގެ ޞިފަ ކޮންމެ ވަގުތަކުވެސް ފެނެއެވެ. އަހަރެންގެ މުދާ ބޭބެގެ ދަރިންނަށް ދީފީމެވެ. އަދި ކަލޭމެން އެދޭގޮތަކަށް އަހަންނާމެދު ކަންތައް ކުރާށެވެ. އަދި އުންމީދުކުރަނީ މަޢާފުކުރާނެކަމަށެވެ. އަދި އެދެނީ މާތްﷲގެ ހެޔޮ ރަޙްމަތްފުޅު ލިބި ދިންނެވުމަށެވެ.
އެހިދު އެމީހުން އޭނާ އޭނާގެ ޙާލުގެ މައްޗަށް ދޫކޮއްލީއެވެ. އަދި އޭނާވެސް އެގޮތުގެ މަތީގައި އޮވެ ހިތާމައާއި ބިރުވެރިކަމުގެ ދުނިޔެއަކަށް ވަދެ ނިމިއްޖެއެވެ. އަދި އެފަދަ ނިކަމެތި ޙާލުގައި ވޭނާއި ކެކުޅުމާއި ހިތާމައިގައި މަހެއް ހޭދަކުރުމަށްފަހު މިދުނިޔެއާއި ވަކިވެއްޖެއެވެ.
ނޯޓް: މިލިޔުމަކީ الأنباء އޭކިޔުނު މަޖައްލާގެ 698ވަނަޢަދަދުން ނަގާފައިވާ ލިޔުމެއްގެ ދިވެހިތަރުޖަމާއެވެ.
ލިޔުނީ: ޝިފްޒާން އަޙްމަދު (ޒާން)




ފާހަގަ:

0 ޚިޔާލު!

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!