ސިޔާސަތާއި ދީން ވަކިކުރުން (1)
ސިޔާސަތަކީ ދީނާ ވަކިކުރެވިގެންވާނެ ކަމެއްކަމުގައި ދެކި، ސިޔާސަތާ ދީން ވަކިކުރުމުގެ އޮއިވަރެއް ދިވެހި ފަސްގަނޑުގައި ހިގަމުން އަންނަކަމީ އަޅުގަނޑުމެން އެކަކަށްވެސް އޮޅިފައިނެތް ޙަޤީޤަތެކެވެ. ސިޔާސަތަކީ ކޮބައިކަން އޮޅުވައިލައި، ސިޔާސީ މީހުންގެ ޞިފަތައްވެސް މިވަނީ އޮޅުވައިލާފައެވެ. މިހުރިހާ އޮޅުވައިލުމެއްގެ ބޭނުމަކީ ކޮންމެވެސް ދުވަހަކުން، ކޮންމެވެސް ދަނޑިވަޅަކުން އިސްލާމްދީނާއި ދިވެހި ޖުމްހޫރިއްޔާގެ ސިޔާސީ މަސްރަޙާ ވަކިކުރުމެވެ. ދިވެހިންގެ ދިރިއުޅުމުގެ ހަފޮޅުން ބޭރަށް ދީން ފައްސައި ބޭރުކޮށްލުމެވެ.
މިމަސައްކަތަކީ ހަމައެކަނި ދިވެހި ފަސްގަނޑުގައި ހިގަމުން އަންނަ ކަމެއް ނޫނެވެ. ދުނިޔޭގެ އިސްލާމީ ކުދި ބޮޑު ހުރިހާ މުޖުތަމަޢުތަކެއްގައި މިމަސައްކަތް މެކުހައްޖަހައިފައިވެއެވެ. ޢަލްމާނީން ނުވަތަ ސެކިއުލަރ ވިސްނުމާއި ފިކުރު ހުރި ބަޔަކު ނުކުމެ އިސްލާމް ދީނާ ދެކޮޅަށް ނުސީދާ ގޮތުންނާއި ސީދާ ގޮތުން ޙަމަލާ ދެމުން އެބަދެއެވެ. އިސްލާމީ ޝަރީޢަތަކީ ލާއިންސާނީ ޝަރީޢަތެއްކަމެއް ބުނެ، އެޝަރީޢަތުގެ އަގުވައްޓައިލައި، އެއީ 21ވަނަ ޤަރުނުގައި ތަންފީޒުކުރަން ކަމުނުދާ މިޒަމާނުގެ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން ނެތް ޝަރީޢަތެއްކަމުގައި ދައްކައިދިނުމަށް މަސައްކަތްކުރެއެވެ.
މިތަނުގައި މިކަންކަމަށް ރައްދު ދިނުމަކީ އަޅުގަނޑުގެ މަޤުޞަދެއްނޫނެވެ. އެހެންނަމަވެސް މުހިއްމު ވާހަކައެއް ދިވެހި މުސްލިމް އަޚުންނާއި އުޚުތުންގެ ވިސްނުންފުޅަށް ގެނައުމީ އަޅުގަނޑުގެ މަޤްޞަދެވެ. ދިވެހި ޤައުމުގައި މިއަދު ފެތުރެމުންދާ އެއްވިސްނުމަކީ ދީން ދެކެލޯބިވާ މީހުން ސިޔާސަތާ ދުރަށް ޖެހެން ޖެހޭކަމުގެ ވިސްނުމެވެ. ސިޔާސީ ޙަރަކާތްތަކުގައި ދީނީ ފިކުރުމުގެ މީހުން ބައިވެރިނުވުމުގެ ވިސްނުމެވެ. ަ
ހިތާމަކުރަން ޖެހޭކަމަކީ މިވިސްނުމުގެ އަހުލުވެރިންގެ ތެރޭގައި ދީނީ ޢިލްމު އުގެނިވަޑައިގެން ތިއްބެވި ބައެއް ބޭފުޅުން ތިއްބެވިކަމެވެ. އަޅުގަނޑަށް މިދިޔަ މަހުގެ ތެރޭގައި އެއިން ބޭފުޅަކާ އިންޓަރނެޓު މެދުވެރިކޮށް ވާހަކަ ދެއްކުމުގެ ފުރުޞަތު ތަނަވަސްވިއެވެ. ނަޞީބު ކަންދިމާކުރި ގޮތުން އަޅުގަނޑަކީ ދީނީ ވިސްނުމުގައި ސިޔާސަތަށް ފާޑުކިޔާ ހިތްވާ މީހަކީމެވެ. އެކަމުގެ އާލިއްޔާތު ހަމަނުވާތީ މަޑުމަޑުން ހުންނަނީއެވެ. ކޮންމެއަކަސް މިބޭފުޅާގެ ވާހަކައިން އަޅުގަނޑަށް އެގި ބަޔާންވީ ދީނުގައި ސިޔާސަތަށް އަހަންމިއްޔަތުކަމެއް ދެވިފައިނުވާކަމަށް އެބޭފުޅާ ޤަބޫލުކުރައްވާކަމެވެ. ނުވަތަ ސިޔާސަތަށް ވަނުމީ ބޮޑު ފާފައެއްކަމެވެ.
އިސްލާމް ދީނުގެ ތަނަވަސް ހިޔަލުގައި ސިޔާތަށް ލިބިދީފައިވާ ރީތި ކުލަތައް އަޅުގަނޑުމެންގެ ދިވެހި ސިޔާސީ މަޞްރަޙުން ފެނުމަކީ އަޅުގަނޑުގެ އެދުމެވެ. އެކަމަކު މިކަން މިގޮތަށް ފުރިހަމަވާނީ ދީނީ ޢިލްމުވެރިން ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވެވަޑައިގަންނަވައިގެނެވެ. އިޚުވާނުލް މުސްލިމީންގެ ފިކުރާއި ވިސްނުމަށް ބަލާއިރު އެބައިމީހުންގެ ވިސްނުމަކީ އެއީއެވެ. ދިވެހި ފަސްގަނޑުގައި ޢަދާލަތު ޕާޓީއިން ކުރައްވަނީ އެމަސައްކަތެވެ. އަޅުގަނޑު ހިތުން މިމަސައްކަތުގައި ދީންދެކެ ލޯބިވެވަޑައިގަންނަވާ އެންމެ ބޭފުޅުން ބައިވެރިވެވަޑައިގެންދެއްވަން ވީއެވެ. އިސްލާމީ ސިޔާސީ ނިޒާމެއް ދިވެހި ފަސްގަނޑުގައ ޤާއިމްކުރުމަށްޓަކައެވެ.
އިސްވެ އަޅުގަނޑު މިދެންނެވި ޒާތުގެ ބޭފުޅުން ވަރަށް ގިނައިން އިޚުވާނުގެ މަންހަޖަށާއި އުޞޫލުތަކަށް ފާޑު ވިދާޅުވާނެއެވެ. އެފަދަ ބޭފުޅުންގެ ވިސްނުންފުޅުގައި އިޚުވާނީ ޙަރަކާތަކީ އިސްލާމީ ޙަރަކާތްތަކުގެތެރެއިން ދީނާ އެންމެ ދުރު ޙަރަކާތެވެ. އެހެނަސް ޙަޤީޤަތުގައި މިޙަރަކާތަކީ އިސްލާމީ އުންމަތުގެ ހަށިގަނޑުގައި ހިގަމުން އަންނަ ބާރުހުރި ނުފޫޒުގަދަ ޙަރަކާތެވެ. އެންމެ މެންބަރުން ގިނަ އެއް ޙަރަކާތްމެއެވެ. އަދި އިސްލާމީ ޚިލާފަތަކަށް މަގުކޮށަމުންދާ ޙަރަކާތެއްވެސްމެއެވެ. އެހެންކަމުން އެއީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމަށްޓަކައި މުހިއްމު ޙަރަކާތެކެވެ.
ދިވެހި ފަސްގަނޑުގައި މިބޭފުޅުންގެ ބައެއް ދަރުސްތަކުގައި ޢަދާލަތު ޕާޓީއަށް ހޫނުގަދަ ބަހުގެ ޙަމަލާތަކެއް ރައްދުކުރަމުންދެއެވެ. އެއްވެސް ބޭފުޅަކަށް އޮޅިވަޑައިގެންފައި ނުވާނެ ފަދައިން މިއަދާހަމައަށް އިޞްލާޙީ ޙަރަކާތުގެ ތެރެއިން އިސްލާމްދީނުގެ އަޑުކެޑިޔަނުދީ ހިފަހައްޓަނީ ޢަދާލަތު ޕާޓީންނެވެ. ކޮންމެ މައްސަލައެއްގައި ދީނުގެ ރައުޔަ ބަޔާންކުރުމުގެ ޤާބިލްކަމާއި ކުޅަދާނަކަން ލިބިފައިވާ ހަމައެކަނި ސިޔާސީ ޕާޓީއަކީއެއީއެވެ. އެހެންކަމުން އެޕާޓީއާ ދެކޮޅަށް ޒާތްޒާތުގެ ވާހަކަ ދެއްކެވުމީ ނުސީދާގޮތުން އިސްލާމީ ޝަޚުޞަށް ދެވޭ ޙަމަލާއެކެވެ. އެހެންކަމުން މިކަމާ ސަމާލުވެވަޑައިގެން ތިއްބެވުން ނުހަނު ރަނގަޅެވެ.
(ނުނިމޭ)
November 10, 2010
good one bro ..
November 11, 2010
varah rangalhu khiyaaleh ekamu dhivehinge therey thi khiyaalu ge adu varah madu.. allahumma baarik fee aumaalik.. ameen