ދީން ދިރިއުޅުމުގެ ހަފޮޅުން ފައްސައިލުމަށް ހުޅަނގުގެ މޭސްތެރިކަމުގެ ދަށުން ހިންގޭ ޙަރަކާތުގެ މައި އެއް އަސާސަކީ، އިސްލާމީ ދައުލަތެއް ބިނާވިޔަ ނުދިނުމެވެ. އިސްލާމީ ދައުލަތެކޭ މިދެންނެވީ އިސްލާމީ ޝަރީޢަތް ޤާއިމުކުރާ ދައުލަތެކެވެ. އެދައުލަތުގެ މައި އަސާސްތައް އިސްލާމީ ޝަރީޢަތާ އެއްގޮތަށް ހިންގާ ދައުލަތެކެވެ. ސިޔާސަތުތައް ދީނުގެ ތަރަހައިގެ މަތީގައި ބިނާވަމުންދާ ދައުލަތެކެވެ.
މިދެންނެވި ބަހުގެ އެންމެ އަލިގަދަ ހެއްކަކީ މިޞްރެވެ. މިޞްރުގައި ހިގަމުން އަންނަ ވެރިކަމަކީ އެވެރިކަމުގެ އަސާސްތަކުގައި ޢަލްމާނީ ވެރިކަމެކެވެ. އެހެންނަމަވެސް މިޞްރުގެ ޤާނޫނީ ނިޒާމުގައި އިސްލާމް ދީނަށާއި މިޞްރުގެ އަޒުހަރު ޔުނިވަރސިޓީއަށް ލިބިފައިވާ ޢުރުފީ ބާރުވެރިކަމުގެ ސަބަބުން، ޤާނޫނީ އޮނިގަނޑުގެ ތެރެއިން އިސްލާމީ ޝަރީޢަތް ބޭރުކުރެވިފައިނުވަނީއެވެ. އެގޮތުން ޙައްދުތަކާއި ޤިޞާޞް ފަދަ ޙުކުމްތައް މިޞްރުގައި ތަންފީޒުވަމުންދެއެވެ. އެހެނަސް އިދާރީ ނިޒާމުގައި އިސްލާމީ އުޞޫލުތަކަށް ޖާގައެއް ލިބިފައިނެތެވެ.
މިޞްރުގެ ވާހަކައަކީ ކޮބައިތޯއެވެ؟ މިޞްރުގައި އިންޞާފުވެރި ޢަދުލުވެރި އިންތިޚާބެއް ބޭއްވުމަށް ބައިނަލްއަޤުވާމީ ދުނިޔެއިން މަސައްކަތް ނުކުރާކަމީ އެންމެނަށް ފެންނަ ޙަޤީޤަތެކެވެ. މިމަހުގެ ތެރޭގައި މިޞްރުގައި ބޭއްވުނު ބަރުލަމާނީ އިންތިޚާބު ވިލެރެސްކުރުމަށް ބޭރުގެ ފަރާތްތަކަށް ދޮރު ހުޅުވައިނުލުމުން، އެކަން އެގޮތަށް ކުރަން ޖެހުނު ސަބަބުތައް އެގޭ ކަމުގައި ބުނެ ޔޫރަޕުން ފުއްދައިލީއެވެ. އެމެރިކާއިން ނެރުނު ބަޔާނެއްވެސް ނެތެވެ.
ސަބަބަކީ ކޮބައިތޯއެވެ؟ އިންޞާފުވެރި އިންތިޚާބެއް މިޞްރުގެ ބިމުގައި ބާއްވައިފިނަމަ، ނަތީޖާ ނުކުންނާނީ ފަލަސްޠީނުގައި ނަތީޖާ ނުކުތް ގޮތަށެވެ. ފަލަސްޠީނުގައި ދެފުށްފެންނަ އިންޞާފުވެރި އިންތިޚާބެއް ބޭއްވުމުން އެއިންތިޚާބު ކާމިޔާބުކޮށްފައިވަނީ އިސްލާމީ މުޤާވަމާކަމުގައިވާ، ޙަމާސްއިންނެވެ. މިޞްރުގެ ރައްޔިތުންގެ ޙަޤީޤީ ވިންދު ގުޅިފައިވަނީ އިޚުވާނުލް މުސްލިމީންގެ ސިޔާސަތުތަކާއެވެ. އެމީހުންނަށް ވެރިކަން ލިބިއްޖެނަމަ، އިސްލާމީ ފުރިހަމަ ދައުލަތެއް މިޞްރުގައި މާތްﷲގެ ވާގިފުޅާއެކު ޤާއިމްވާނެއެވެ.
އާއެކެވެ. މިސިޔާސަތުގެ ދަށުން ދިވެހި ރައްޔިތުންގެ ލޯތްބާއި ތާއީދު ޢަދާލަތު ޕާޓީއަށް ލިބުމަށް ހުޅަނގުން ނޭދޭނެއެވެ. އެހެނަސް ދިވެހިންގެ ދީނީ ޖޯޝުގެ ސަބަބުން ޢަދާލަތުގެ ވިސްނުމަށް ދީލާލުމީ އެކަށީގެންވާކަމެއްކަން އެއުރެން ދަނެއެވެ. އެހެންކަމުން ޢަދާލަތުގެ ނުފޫޒު ނައްތާލުމަށް ފިޔަވަޅު އަޅާނީ ކޮންގޮތަކުންކަމެއް އަޅުގަނޑުމެންނަކަށް ނޭނގެއެވެ.
ރައްޔިތުން މަޖިލީހުގައި އެންމެ ފަހުން ނެގުނު ވަޒީރުންނާ ގުޅުން ހުރި ވޯޓުގައި ޑރ.ޢަބުދުލް މަޖީދު ޢަބްދުލްބާރީއަށް ލިބިވަޑައިގަތް ކާމިޔާބީއަކީ ޢަދާލަތުގެ ބާރުވެރިކަން ރަމްޒުކޮށްދޭކަމެކެވެ. އެހެނަސް އެބާރުވެރިކަން ޢަދާލަތަށް ބޭނުންކުރެވެން އަންނަނީ އިންތިޚާބުތަކުގައި ނަތީޖާތަކެއް ނެރެވިގެނެވެ. ޢަލްމާނީ ވިސްނުމުގެ މީހުންގެ އަމާޒަކަށްވާނީ އެނަތީޖާ ނެރިޔަނުދިނުމެވެ.
އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރާވައިގެން، ޙަރަކާތްތެރި ގޮތެއްގައި އިސްލާމީ ސިޔާސީ ހަރަކާތަށް ކާމިޔާބުވާނެ ގޮތެއްގެ މަތީން، އިންތިޚާބަށް ނުކުމެވަޑައިގަތުމަށް އަޅުގަނޑު ޢަދާލަތުގެ އެންމެހާ މަސްއޫލުވެރިންނަށް ނަޞޭޙަތްތެރިވަމެވެ. އެއީ ސިޔާސީ މަސްރަހުގައި ޢަދާލަތަށް ބާރުވެރިކަމެއް ލިބުމަށެވެ. މުސްތަޤިއްލު ޕާޓީއެއްކަން ސާބިތުކޮށްދިނުމަށެވެ.
ވިސްނަވަންވީ ޢަދާލަތަށް އިންތިޚާބު ކާމިޔާވުވިޔަ ނުދިނުމަށް ހުޅަނގުން ކެޑިނޭޅި މަސައްކަތްކުރާނެކަމެވެ. އެކަންކަމުގެ ކުރިމަތީގައި އެކި ފިޤުހީ ވިސްނުމުގެ މުސްލިމުންނަށް އެތަނެއްގެ ވަށައިގެން ޖަމާވެވޭނެ، ދީނުގެ އިމުގެ ތެރޭގައި ހުރި އެކި ފިކުރުތަކަށް ޖާގަ ދޭ، އެފިކުރުތަކަށް ޖަމާވެވޭ ބަދަރެއްކަމުގައި ޢަދާލަތުވާން އެބަޖެހެއެވެ.
މިސިލްސިލާގެ އަންނަ މަޒުމޫނުގައި ބަލައިލާނީ މިމައުޟޫޢަށެވެ. އިސްލާމްދީނުގައި ޚިޔާލު ފައުޅުކުރުމާއި ވިސްނުމުގެ މިނިވަންކަން ލިއްބައިދީފައިވާވުމުގެ މައްޗަށެވެ. އަދި އެޙައްޤުތައް ލިއްބައިދީފައިވާ އިމުގެ ތެރޭގައި ބޭނުންކުރާނަމަ، އެކަމާމެދު ޖަދަލުކޮށް، އިންކާރުކޮށް ހެނދުމުން ނުކުމެދާނެ ނަތީޖާތަކާ މެދުގައެވެ.
(ނުނިމޭ)
December 02, 2010
"އެކަންކަމުގެ ކުރިމަތީގައި އެކި ފިޤުހީ ވިސްނުމުގެ މުސްލިމުންނަށް އެތަނެއްގެ ވަށައިގެން ޖަމާވެވޭނެ، ދީނުގެ އިމުގެ ތެރޭގައި ހުރި އެކި ފިކުރުތަކަށް ޖާގަ ދޭ، އެފިކުރުތަކަށް ޖަމާވެވޭ ބަދަރެއްކަމުގައި ޢަދާލަތުވާން އެބަޖެހެއެވެ. "
މާޝާﷲ.. ލަފްޒީގޮތުންވެސް މާނަވީ ގޮތުންވެސް މަރެއްކަހަލަ ޖުމްލައެއް..
ޒަމާނަށް ލޯހުޅުވައިގެން ހުރެ ލިޔެވެމުން އަންނަ ލިޔުމެއްކަން ފާހަގަ ކުރެވޭ..
އޝ