މިޒަމާނަކީ އިންސާނީ ބުއްދިޔާއި ކުޅެލުމުގެ ޒަމާނެކެވެ. ފިކުރާއި ވިސްނުން ބަދަލުކުރުމުގެ ޒަމާނެވެ. މީސްތަކުންގެ ޢަޤީދާ އޮޅުން ބޮޅުންކޮށް ވިއްސިވިހާލިކުރުމުގެ ޒަމާނެވެ. މިފަދަ ޒަމާނެއްގައި އަޅުގަނޑުމެން މުސްލިމުންގެ ވިސްނުމާއި ކުޅެލައި، ދުނިޔޭގެ ލޯތަކުގެ ކުރިމަތީގައި އިސްލާމްދީނުގެ އަގު ވައްޓައިލުމަށް ކުރެވޭ މަސައްކަތުގައި، ހުޅަނގުން ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރަކީ އިސްލާމްދީނުގައި އަންހެނުންނަށް ލިއްބައިދީފައިވާ ޙައްޤުތަކެވެ. އަދި ލިއްބައިދީފައިނުވާކަމަށް އެއުރެން ޤަބޫލުކުރާ ޙައްޤުތަކެވެ.
އިސްލާމް ދީނުގައި އަންހެނާގެ މަޤާމަކީ ކޮބައިތޯއެވެ؟ އޭނާއަށް ޙައްޤުވެގެންވަނީ ކޮން ދަރަޖައެއްތޯއެވެ؟ އިސްލާމީ ވެއްޓެއްގައި އަންހެނާއަށް ލިބިފައިވާ އިޤުތިޞާދީ މާލީ ޙައްޤުތަކަކީ ކޮބައިތޯއެވެ؟ މިއީ ހުޅަނގުން ކުރިމަތިކުރުވާ ސުވާލުތަކެވެ.
މިސުވާލުތަކުގެ ޖަވާބު ހޯދުމަށްޓަކައި، އިސްލާމްދީން އައުމުގެ ކުރީގައި އަންހެނާގެ މަޤާމަކީ ކޮބައިތޯ ބަލައިލަންޖެހޭނެއެވެ. އެއިރުގެ އެކި ޙަޟާރަތްތަކުގައި އަންހެނާއާ މުޢާމަލާތް ކޮށްފައިވާގޮތާއި، އިޖުތިމާޢީ ގޮތުން ދީފައިވާ ޙައްޤުތަކުގެ އިމަކީ ކޮބައިތޯ ބަލައިލަން ޖެހެއެވެ. އިސްލާމް ދީން އައުމަށްފަހު އިސްލާމީ ވެށީގައި އަންހެނާގެ މަޤާމަށް އައި ބަދަލުތަކަކީ ކޮބައިކަން އެގޭނީ މިމާޒީ ދެނެގަނެގެނެވެ.
އިސްލާމް ދީން ބައިވައިލެއްވުނީ ޖާހިލު ޢަރަބީންގެ ތެރެއަށެވެ. އެއުރެންނަކީ ލިޔަންކިޔަން ނުދަންނަ ބައެކެވެ. ބަދަވީންތަކެކެވެ. އެމީހުންގެ މެދުގައި އަންހެނާއަށް ދިރިހުރުމުގެ ޙައްޤުވެސް ލިބިފައިނޯވެއެވެ. އަންހެންކުއްޖަކު ލިބުމާއެކު އެކުއްޖާ ވަޅުލާން އަވަސްވެގަންނަނީ އެކުއްޖާގެ ބައްޕައެވެ. އެކުއްޖާ ރޯރުއިމުގެ އަޑުއެހުމެއްނެތިއެވެ. އެކުއްޖާގެ މަޢުޞޫމް ހިތުގެ އުދާސްތަކަށް އިޙުތިރާމްކުރުމެއްނެތިއެވެ. އާއެކެވެ. ފަސްގަނޑުގެ އަޑިއަށް އެކުއްޖާލަނީ ރަޙުމެއް ހަމްދަރުދީއެއްނެތިއެވެ. މިހެން ކަންކަންވަމުން ދަނިކޮށް އިސްލާމްދީން އައިސް އަންހެން ކުދިން ދިރިތިއްބައި ވަޅުލުން ޙަރާމްކުރައްވައ، އެކަން ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނުއްވިއެވެ. އަދި ކީރިތި ޤުރުއާނުގައި އަންހެންކުއްޖެއް ލިބުނުކަމުގެ ޚަބަރަކީ އުފާވެރި ޚަބަރެއްކަމުގައި މާތްﷲ ޞިފަކުރައްވާފައިވެއެވެ. އާއެކެވެ. ޖާހިލިއްޔަ ޒަމާނުގެ ނުބައި އެއާދައަށް ނިމުމެއް ގެންނެވިއެވެ.
އަންހެނުން ވަޅުލުމުގެ އިތުރުން އަންހެނުންނަށް ޢާއިލާތަކުގެ ތެރޭގައި ދެވިފައިވަނީ ވަރަށް ނިކަމެތި މަޤާމެކެވެ. ހަރު މުދަލެއް ފަދައިން ވާރުތަކުރެވެމުން ދިޔައެވެ. ބައްޕަގެ އަނބިން އެންމެ ދޮށީ ފިރިހެން ދަރިފުޅަށް ވާރުތަވަމުން ދިޔައީ އެކަނބަލުންގެ ރުހުމެއްނެތިއެވެ. މިހެން މިކަން ހިގަމުން ދަނިކޮށް އިސްލާމްދީން އެކަންވެސް މަނާކުރައްވައި، ޢަރަބި މުޖުތަމަޢުގައި އަންހެނާއަށް ފުރަތަމަ ފަހަރަށް އިންސާނެއްގެ މަޤާމް ހޯދައިދިނެވެ. މިއީ އިންކާރުނުކުރެވޭނެ ޙަޤީޤަތެކެވެ. އަންހެނުން ވާރުތަނުކުރުމަށް އަންގެވީ އިސްލާމް ދީނެވެ.
އަންހެނުންނަށް ޢަރަބި މުޖުތަމަޢުތަކުގައި ލާންޖެހިފައިވަނީ ނިކަމެތިކަމުގެ ފޭރާމެކެވެ. ކާވެންޏަށް ފަހުގައި އަންހެންމީހާއަކީ ފިރިމީހާގެ އަޅެކެވެ. އެހެންނަމަވެސް އިސްލާމީ ޢާއިލާ ބިނާވެގެންއައީ އެހެނެއްނޫނެވެ. އަންހެން މީހާއަކީ ދަރިން ތަރުބިއްޔަތުކުރާ މީހާއެވެ. އޭނާގެ ބެލެހެއްޓުންތެރި ބަލަދުވެރިޔަކީ ފިރިހެން މީހާއެވެ. މިބަލަދުވެރިކަމަކީ އެއްވެސް ޙާލެއްގައި އަންހެންމީހާ ނިކަމެތިކުރާ ކަމެއްނޫނެވެ. އެހެންނަމަވެސް މިބަލަދުވެރިކަމަކީ އޭނާއަށް ފުރިހަމަ ޢިނާޔަތްތެރިކަމެއް ފޯރުކޮށްދޭ ބަލަދުވެރިކަމެކެވެ. ޙިމާޔަތެއް ހޯދައިދޭ އަމާން ހިޔަލެކެވެ.
ޢަރަބީންގެ މެދުގައި އިހުއްސުރެ އޮންނަ އުޞޫލަށް ބަލާއިރު އަންހެނުންނާ ކާވެނި ކުރުމަށްފަހު އެކަނބަލުންނަށް އެކާވެނީގައި ބަސްބުނުމުގެ ޙައްޤެއް ނޯވެއެވެ. އިސްލާމް ދީނުގެ ތަނަވަސް ހިޔަލުގައި އަންހެނާއަށް ބަސްބުނުމުގެ މިނިވަންކަން ހޯދައިދިނެވެ. އަދި އަންހެނާއަށް ކާވެނީގެ މާތް ގުޅުމުގެ ތެރޭގައި ކެތްނުކުރެވޭނެނަމަ ޚުލްޢުވަރިއަކުން ވަރިވުން، ނުވަތަ ޝަރުޢީ މަޙުކަމާއެއް މެދުވެރިކޮށް ކާވެނި ފަސްޚުކުރުން ހުއްދަކުރެއްވިއެވެ. މިއީ އިސްލާމީ ޝަރީޢަތުގެ ތަނަވަސް ހިޔަލުގައި އަންހެނުންނަށް ލިބުނު މިނިވަންކަމެވެ. އަންހެނުންނަށް ފޯރުކޮށްދިން ޙައްޤުތަކެވެ.
އިޤުތިޞާދީ މިނިވަންކަމުގެ ވާހަކަ ދައްކާނަމަ، ދުނިޔޭގެ އެއްވެސް ނިޒާމެއްގައި އަންހެނާއަށް ލިއްބައިދީފައިނުވާ މިންވަރަށް އިސްލާމްދީނުގައި އަންހެނާއަށް އެޙައްޤުތައް ފޯރުކޮށްދިނެވެ. އެގޮތުން އިސްލާމީ ޝަރީޢަތުގައި އަންހެނާ ބޭނުންވެއްޖެ ހިދެއްގައި، އިސްލާމީ އިމުގެ ތެރޭގައި، މަސައްކަތްކޮށް މުދާ ހޯދުން ހުއްދަކުރެއްވިއެވެ. އަދި އެއާއެކު، އޭނާއަކީ އެހެން މީހެއްގެ މައްޗަށް ނުވަތަ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށްވެސް ޚަރަދުކުރަން ނުޖެހޭ މީހެއްކަމުގައި ލެއްވިއެވެ. ދަރިއެއްގެ ގޮތުގައި ހުންނައިރު ބައްޕަގެ މައްޗަށް އޭނާއަށް ޚަރަދުކުރުން ލާޒިމުކުރެއްވިއެވެ. އަދި އެއަށް ފަހު ބޮޑު ބޭބެއިންނާއި އެއްބަނޑު އެއްބަފާ ފިރިހެނުންނާއި ކާވެންޏަށްފަހު ފިރިމީހާގެ މައްޗްށް އެކަން ލާޒިމުކުރެއްވިއެވެ. ކުރުކޮށް ދަންނަވަނީނަމަ، އޭނާއަށް މާލީ މިނިވަންކަން އޭގެ އިމެއްނެތް ގޮތުގައި ހޯދައިދެއްވިއެވެ.
ހުޅަނގުގެ އަހުލުވެރިންގެ މެދުގައި އިސްލާމީ އަންހެނާގެ ތަޞައްވަރުވަނީ ކިލަނބުވެފައެވެ. ހުޅަނގުގެ މީޑިޔާއިން ދައްކައިދޭ އިސްލަމީ އަންހެނާއަކީ ނިކަމެތިވެފައިވާ އަންހެނެކެވެ. އޭނާގެ ޙައްޤުތަކުން މަޙުރޫމުވެފައިވާ އަންހެނެކެވެ. އެކަމުގައި އެމީހުން އަމާޒުފަތްގަނޑަކަށް ހަދަނީ ބުރުގާއެވެ. ނުވަތަ ޙިޖާބެވެ. ނޫނީ މޫނު ބުރުގާއެވެ.
ސުވާލަކީ މޫނުބުރުގާއަކީ އަންހެނާ ނިކަމެތި ކުރުވާ ހެދުމެއްތޯއެވެ؟ ނޫނީ އަންހެނާގެ އުފާތަކަށް ހުރަސް އަޅާ ހެދުމެއްބާވައެވެ؟ އިހަށް މިސުވާލުތައް އެއްފަރާތް ކޮށްލަމާތޯއެވެ؟ އެއަށްފަހު މޫނު ބުރުގާ އަޅައިގެން ހުންނަ މުސްލިމް އަންހެނަކާމެދު ވިސްނައިލަމާތޯއެވެ؟ އޭނާ ބޭނުންވަނީ އޭނާ ލޯބިވާ ފިރިމީހާ ފިޔަވައި އެހެން މީހުންގެ ލޯތަކަށް މުޅި ހަށިގަނޑު ފޮރުވާށެވެ. އޭނާގެ ރީތިކަމާއި ޒީނަތްތެރިކަން ހަމައެކަނި އޭނާގެ ހަންހާރަވެތި ފިރިމީހާއަށް ޚާލިޞްކުރާށެވެ. މިގޮތަށް ވިސްނައިފިނަމަ، މޫނު ބުރުގާއަކީ ވަރަށް ޢިޝްޤީކަމެއްކަމުގައި ޞިފަވާނެއެވެ. މުސްލިމު އަންހެނުންގެތެރެއިން ބުރުގާ ނުވަތަ މޫނު ބުރުގާ އަޅާ އަންހެނުން އެހުދުން އަޅަނީ އެކަނބަލުންގެ ވެރިރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންތެރިވުމަށެވެ. އެއާއެކު، އެކަނބަލުންގެ ވަނާތަކާއި ޖިސްމާނީ ފަރިކަން އެކަނބަލުންގެ ފިރިންނަށް ޚާލިޞްކުރުމަށެވެ. މިކަމުގައި އެކަނބަލުންގެ ޙައްޤުތަކަށް އުނިކަމެއް އެބަލިބޭތޯއެވެ؟
އަންހެނުންނަކީ އިސްލާމް ދީނުގައި ގޭގައި ތިބެން ޖެހޭ ބައެއްކަމަށް ކަނޑައަޅައިފައިވާތީ، އެއީ އަންހެނުންގެ އިޖުތިމާޢީ، ޙައްޤުތަކަށް ހުރަސްއެޅުންކަމަށް އިނގެރޭސި މުސްތަޝްރިޤެއްކަމުގައި ކާލް ޑިއެޓު ބުނެފައިވެއެވެ. އެއީ ތެދުވާހަކައެއް ބާވައެވެ؟ އިސްލާމީ ފިޤުހުގައި އަންހެނާއަށް ޙާޖަތެއްނެތި ގެއިން ނުކުތުން ހުއްދަކުރައްވާފައިނުވުމަކީ އެކަނބަލުން ނިކަމެތި ކުރުންތޯއެވެ؟ ނުވަތަ އެކަނބަލުންގެ މިނިވަންކަން ހިފެހެއްޓުންތޯއެވެ؟ ނޫނެކެވެ. އެއީ އެކަނބަލުންނަށް، ރައްބާނިއްޔަ ވަޒީފާއެއް ޙަވާލުކުރެއްވުމެވެ. އެކަނބަލުންނަށް އިސްލާމީ ޢިލްމުވެރިން ދެއްވާ ލަޤަބަކީ "ޞާނިޢާތުލް އުމަމް"ގެ ލަޤަބެވެ. މާނައަކީ އުންމަތްތައް އުފައްދާ ކަނބަލުންނެވެ. އެކަނބަލުން އުންމަތްތައް ބިނާކޮށް އާރާސްތުކުރަނީ އެކަނބަލުންގެ ގޭތެރޭގައެވެ. ހެޔޮލަފާ ޖީލުތަކެއް އުފައްދައިދީގެންނެވެ. އެކަނބަލުންގެ ކިބައިން އުންމަތަށް ހެޔޮ ވަންހައެއް އިތުރުކޮށްދީގެނެވެ. އެހެންކަމުން އެކަނބަލުން ގޭގައި ތިބުމަކީ އެކަނބަލުންނަށް ދެވޭ ޝަރަފެކެވެ. ޢިއްޒަތެކެވެ.
އިސްލާމީ އަންހެނެއްގެ މިސާލަކީ ފިނިފެންމަލެއްގެ މިސާލެވެ. އެމަލުގެ ވަށައިގެން ހުރި ކަށިތަކާއި ފަތްތައް އެމަލަށް ޢިނާޔަތްތެރިވެ، ޙިމާޔަތްދެއެވެ. އެމަލުގެ އަގު ބޮޑުވާނެއެވެ. އެމަލުން ދުވާނީ މީރުވަހެވެ. އެއީ އަގެއްހުރި މަލެކެވެ. އެމާ ލިބޭނީވެސް އުދަގުލުންނެވެ. އެމާ ލިބޭނީ ޙަޤީޤީ ބާއްޖަވެރިންނަށެވެ.
އާއެކެވެ.
ނީލަމެއްގައި އޮންނަ ފިނިފެންމަލުގެ ޢިއްޒަތަކީ ކޮބާ
ހީލަމުން އެންމެން ބަލާ އަޖުމައިގެ ޙުރުމަތަކީ ކޮބާ
ފީނަމުން ނެގުމުން އެއަގުނާރާނެ ރަންމުތަކީ ކޮބާ
ދީނުގައި ލޮބުވެތިވި އުޚުތާ މީގެ ޢިބުރަތަކީ ކޮބާ
0 ޚިޔާލު!