އިސްލާމީ ޙަރަކާތް.....ދިވެހި ފަސްގަނޑުގައި!

އަޅުގަނޑުމެންގެ ޤައުމުގައި އިސްލާމީ ޙަރަކާތްތައް އިހުނަށްވުރެ ގިނަވެފައި، ތަނަވަސް ގޮތެއްގައި އިހުނަށްވުރެ ފާޅުކަން ބޮޑު ގޮތުގައި ހިގަމުން އަންނަކަމީ އުފާކުރުން ލާޒިމު ޙަޤީޤަތެކެވެ. އެހެންނަމަވެސް ޙަރަކާތުގެ ޅަކަމާއި ވިސްނުންތަކުގެ ތަޞައްރަފު ފުދުމުގައި ދަތިކަމެއް ހުރީތީ ޙަރަކާތުގައި ބައެއްކަހަލަ މައްސަލަތައް ފާހަގަވަމުން އައުދެއެވެ. އެއީ މައްސަލައެއްނޫނެވެ. މައްސަލައަކީ މިކަންކަމާމެދު ޚިޔާލު ފާޅުކޮށް މަގުދައްކައިދިނުމަށް މަސައްކަތްކުރެވޭ މިންވަރު ކުޑަވުމެވެ. 

ދިވެހި އިސްލާމީ ޙަރަކާތަކީ ސަލަފީ ޙަރަކާތެކެވެ.

ދިވެހި އިސްލާމީ ޙަރަކާތަކީ އޭގެ ޒާތުގައި އަހުލުލް ޙަދީސްގެ އަސަރު ބޮޑު ޙަރަކާތެކެވެ. ސަބަބަކީ މިޙަރަކާތުގެ މަޞްދަރުކަމުގައި ވެފައިވަނީ ސުޢޫދީ ޢަރަބިއްޔާއިން ކިޔަވާވިދާޅުވެގެން ވަޑައިގެންތިއްބެވި ޝައިޚުންނެވެ. އެހެންކަމުން އެބޭފުޅުންގެ ވިސްނުންފުޅުތައް މިއަދު މިދަނީ ޢާންމުވަމުންނެވެ. އިސްލާމީ ޙަރަކާތުގެ މުގުލަކީ އެބޭފުޅުންގެ ފިކުރުތައްކަމުގައި ވެގެން ހިގައްޖެއެވެ. އެއީ ޢަރަބި ދުނިޔޭގައި ސަލަފީ ޙަރަކާތުގެ ގޮތުގައި މަޝްހޫރު ޙަރަކާތުގެ ވިސްނުމާއި ފިކުރުތަކެވެ.

އާދޭހެވެ. ސަލަފީ ޙަރަކާތަކީވެސް އެތައް ޖަމާޢަތްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޙަރަކާތެކެވެ. އެއީ އެއްވިސްނުމެއް ނުވަތަ އެއްފިކުރެއްގެ މައްޗަށް ޖަމާވެފައިވާ ބައެއްކަމުގައި ޤަބޫލުކުރެވޭކަށްނެތެވެ. އެހެނީ ފެންނަމުންދާ ޙަޤީޤަތް ހެކިދޭތީއެވެ. ސިޔާސީ ސަލަފީންނާއި، ސިޔާސަތާއި ސަލަފިއްޔަތު ވަކިކުރައްވާ ބޭފުޅުންނާއި ޖަރަޙުކުރެއްވުމުގައި ތަޚައްޞުޞު ވެވަޑައިގަންނަވާ ސަލަފީންނަކީ މިދެންނެވި ޙަރަކާތުގެ އެކި ޖަމާޢަތްތަކެވެ.

އެހެންކަމުން ރާއްޖޭގެ އިސްލާމީ ޙަރަކާތުގެ ތެރޭގައިވެސް މިދެންނެވި ޖަމާޢަތްތައް ފެންނަމުން އެބަދެއެވެ. އަޅުގަނޑަކީ ހަމައެކަނި މިޙަރަކާތް ދުރާއި ގާތުން ތަޙުލީލުކުރާ މީހަކީމެވެ. ތަޙުލީލުކުރާ މީހެއްގެ ނަޒަރުން ދެންނެވޭނީ ސަލަފީ ޙަރަކާތުގެ އެންމެހާ ގޮފިތަކެއް ދިވެހި ރާއްޖޭގައިވެސް ހިގަމުން އަންނަކަމަށެވެ. އެގޮތުން ޢަދާލަތު ޕާޓީ ތަމްސީލުކުރަނީ ސިޔާސީ ސަލަފިއްޔަތުގެ ވިސްނުމެވެ. ޑރ.ޢާއިޟުލް ޤަރަނީއާއި ސަލްމާން ފަހުދުލް ޢައުދާއާއި ޝައިޚު ސަފަރުލް ޙަވާލީ ފަދަ ބޭފުޅުންގެ ވިސްނުމެވެ. ދެވަނަ ވިސްނުމަކީ ސަލަފީވިސްނުމާއި ސިޔާސަތާ ވަކިކޮށްގެން ނުވަތަ ސިޔާސީކަންކަމުގެ ތެރެއަށް ވަދެވަޑައިނުގެން ދަޢުވަތުގައި ޙަރަކާތްތެރިވާ ފިކުރެވެ. މިފިކުރުގެ ބޭފުޅުންގެ ގޮތުގައި ފާހަގަވަނީ ޖަމްޢިއްޔަތުއް ސަލަފުގެ ޝައިޚުންނެވެ. މިއީ ދުނިޔޭގެ ގިނަ ސަލަފުންގެ ވިސްނުމެވެ. ތިންވަނަ ޖަމާޢަތަކީ ޝައިޚު ރުބައިޢުލް މަދުޚަލީގެ ވިސްނުންފުޅަށް ތަބާވެވަޑައިގަންނަވާ ބޭފުޅުންނެވެ. ދިވެހިންގެ ތެރޭގައި މިބޭފުޅުންނަށް އެސްއެސް ނުވަތަ ސުޕަރ ސަލަފޭ ކިޔެއެވެ. އެހެންނަމަވެސް އެއީ އެބޭފުޅުން ލޯބިކުރައްވާ ނަމަކަށްނުވާތީ އެނަން ބޭނުންކުރުމަށް އަޅުގަނޑު ޢުޛުރުވެރިވަމެވެ.

އަދި މިދެންނެވި ތިން ޖަމާޢަތުގެ އިތުރަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި އެންމެހާ ނިޒާމްތައް ކާފަރުކުރާ ވިސްނުމެއްވެސް އިސްލާމީ ޙަރަކާތުގެ ތެރެއިން ފެންނަމުން އެބަދެއެވެ. އެއީ ޑޮޓުންގެ ނަމުން މަޝްހޫރުވެފައިވާ ޖަމާޢަތެވެ. މިނަމަކީވެސް ބޭނުންކުރަން އެންމެ ރަނގަޅު ނަމެއްކަމުގައިނުވާތީ އަޅުގަނޑު އެނަން ބޭނުންނުކުރާނަމެވެ. އެހެންކަމުން ކޮންމެ ޖަމާޢަތަކާމެދު ވާހަކަދެއްކުމުގައިވެސް ތަރުތީބުން ނަންބަރެއް ބޭނުންކުރާނަމަވެ.

ފުރަތަމަ ދެޖަމާޢަތުގެ ބޭފުޅުންގެ މެދުގައި މާބޮޑެތި މައްސަލަތަކެއް ނުހުރެއެވެ. އެހެންނަމަވެސް ތިންވަނަ ޖަމާޢަތާއި ފުރަތަމަ ޖަމާޢަތާ ދެމެދުގައި ފިކުރީ ބޮޑެތި ފަރަޤުތަކެއް އެބަހުއްޓެވެ. ހަތަރުވަނަ ޖަމާޢަތަކީ އެއްވެސް ޖަމާޢަތަކާ ގުޅުން ބަދަހިކުރަން ބޭނުންވާ ބައެއްނޫނެވެ. އެމީހުންގެ ގާތުގައި ސަރުކާރާ މުޢާމަލާތްކޮށްފިނަމަ، ނުވަތަ ސަރުކާރުގެ ބަސް ޤަބޫލުކޮށްފިނަމަ، މުރުތައްދުވެއެވެ.

މައްސަލައަކީ ބައިބަވުމެވެ. ޙައްލަކީ ކޮބައިތޯއެވެ؟

ޙައްލަކީ އެއްގަލަކަށް އެރުމަށް މަސައްކަތްކުރުމެވެ. ވާހަކަދައްކައި މަޝްވަރާކުރުމެވެ. އެގޮތުން އެއްގަލަކަށް ނާދެވުނުނަމަ، އެންމެހާ ފިކުރުތައް އެއްތަންވެ ވާހަކަދައްކައި ހެދޭނެ ނިޒާމެއް އުފައްދަންވީއެވެ. އެއިރުން ސަލަފީންނަކީ އެއްބަހެއް ބުނާ ބައެއްކަމުގައިވެދާނެއެވެ. ސަލަފީންގެ ފިކުރުތަކަށް ޢާންމުންގެ ގާތުގައި ވަރަށްބޮޑު މަޤުބޫލުކަމެއް މިއަދު މިވަނީ ލިބިފައެވެ. އެހެންކަމުން އެމަޤުބޫލުކަން ދެމެހެއްޓުމަށް ޙަރަކާތުގެ އެތެރެއިން ބައިބައިވުން ފައްސައިލަން ޖެހޭނެއެވެ.

ދެން އޮތް މައްސަލައަކީ ތަޢައްޞުބުގެ މައްސަލައެވެ. ބައިބައިވުމާ ހަމައަށް ޙަރަކާތެއްގެ އެތެރެ މިދަނީ ޒާތީ ތަޢައްޞުބުގެ ސަބަބުންނެވެ. ޒާތީ ތަޢައްޞުބުކަމުގައި މިދެންނެވުނީ ތިމަން ނޫން އެހެން މީހުން މިތިބީ ޙައްޤުގެ ގޮތުގެ މަތީގައި ނޫންކަމަށް ޤަބޫލުކުރުމެވެ. ތިމާގެ ޝަޚުޞީ ވިސްނުމަށް ތަޢައްޞުބުވެ، ހުސްވުމެވެ. މިކަންތައް ބަދަލުކޮށް އެހެން މީހުންގެ ވިސްނުމާއި ފިކުރަށް އިޙުތިރާމްކުރުމުގެ ރޫޙެއް އުފެދެން އެބަޖެހެއެވެ. ތިމާގެ ރައުޔައަކީ ފަހަރުގައި ރަނގަޅު ރައުޔައަށް ނުވުން އެކަށީގެންވާކަން ޤަބޫލުކުރަން ޖެހެއެވެ.
އިމާމް ޝާފިޢީ ވިދާޅުވެފައިވެއެވެ. رأيي صواب يحتمل الخطأ و رأي غيري خطأ يحتمل الصواب
މާނައީ: ތިމަންކަލޭގެފާނުގެ ރައުޔައަކީ ކުށްގޮތަކަށްވުމުގެ އިޙުތިމާލު އޮތް ރަނގަޅު ރައުޔައެވެ. އަދި އަނެކުންގެ ރައުޔައަކީ ރަނގަޅުވުމުގެ އިޙުތިމާލުއޮތް ކުށްގޮތެވެ.

މިފަދަ ބަސްފުޅުތައް ދުލުކޮޅުން ކިޔައިލުމަކުން ފައިދާއެއް ނުވާނެއެވެ. އެއަށް ޢަމަލުކުރުންމަތީ ދެމިހުންނަންޖެހެއެވެ. އޭގެ މާނަތައް އެގި އެއުގަންނައިދޭންޖެހެއެވެ. އޭގެ މާނައަކީ އެހެން ބޭފުޅުންގެ ރައުޔައަށް އިޙުތިރާމްކުރައްވާ ވާހަކައެވެ. މިއިޙުތިރާމުގެ ސަބަބުން ޚިޔާލުތަފާތުވުންތައް އެއްވެސް ގޮތަކުން ބައިބައިވުމަށް ބަދަލުވެގެންނުދާނެއެވެ.


މިޙަރަކާތަކީ ފިޤުހީ ޙަރަކާތެއް ނޫނެވެ. މިއީ ހިތި ޙަޤީޤަތެކެވެ.

ދިވެހި ރާއްޖޭގައި އުފަންވެގެން ހިގަމުން އަންނަ އިސްލާމީ ޙަރަކާތަކީ ފިޤުހީ ހަރަކާތެއްކަމުގައި ނުވެއެވެ. މިހެން ދެންނެވުމުން ތިޔައިގެ ތެރެއިން ބޭފުޅަކު އެކަމާ ހިތްޕުޅާ ހަމަ ނުކުރެއްވުމީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް ދުރުން ބަލައި ތަޙުލީލީ ނަޒަރަކުން ދިރާސާކުރާ މީހެއްގެ ޙައިސިއްޔަތުން ދަންނަޖެހުނު ބަހަކީ މިއީއެވެ.

ފިޤުހީ ޙަރަކާތެއްކަމުގައިނުވަނީ ކީއްވެތޯއެވެ؟ ފިޤުހުގެ މާނައަކީ ކޮބައިތޯއެވެ؟ ނުވަތަ ފިޤުހީ ޙަރަކާތެއްކަމުގައި އަޅުގަނޑު މިދަންނަވަނީ ކޮންކަހަލަ ޙަރަކާތެއްތޯއެވެ؟
ފިޤުހުގެ މާނައަކީ އިސްލާމްދީނުގެ ނައްޞުތައް މުޠާލިޢާކޮށް ދިރާސާކުރުމަށްފަހުގައި އެއިރެއްގެ ޙާލަތަށާއި ތަނުގެ ޟަރޫރަތްތަކަށް ބަލައި އެކަންކަން މިންކުރުމަށްފަހު، އެންމެ އެކަށީގެންވާ ޙުކުމެއް ނައްޞުތަކާ ޚިލާފުވުމެއްނެތި، ނެރުމެވެ. ނުވަތަ އިސްތިންބާޠުކުރުމެވެ.

ފިޤުހީ ޙަރަކާތެކޭ ބުނެވުމުން ދޭހަވަނީ އިޖުތިހާދުކުރުމުގެ ޙަރަކާތެއްގެ ގޮތުގައެވެ. އެޙަރަކާތުގެ މަޤުޞަދެއްކަމުގައިވާނީ ތަނުގެ ޙާލަތާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދަތައް ދީނުގެ ތިލަފަތުން ކިރައި ކަންކަމަށް ހުކުމްތަކެއްނެރުމެވެ. މިފަދަ ޙަރަކާތަކީ ފިޤުހުލް ވާޤިޢު ނުވަތަ ޙާލަތުގެ ފިޤުހުގެ މައްޗަށް ބަރޯސާވާ ޙަރަކާތެއްކަމުގައިވާނެއެވެ. މީހުންގެ ޙާލަތަށް ބެލުމަށްފަހު ދީނުގެ މަޞްދަރުތަކުގެ ތެރެއިން އެތަނަކަށް އެންމެ އެކަށީގެންވާ މަޞްދަރުތަކާއި، ނައްޞު ފަހުމުކުރުމުގައި ބޭނުންކުރުން އެންމެ ރަނގަޅު އާލާތްތައް ބޭނުންކޮށްގެން ޙުކުމްތައް އެކަށައަޅުއްވާނެއެވެ.

ދިވެހި އިސްލާމީ ޙަރަކާތަކީ ފިޤުހީ ޙަރަކާތެއްކަމުގައި ނުވާ ސަބަބަކީ ކޮބައިތޯއެވެ؟ އެސަބަބަކީ މިޙަރަކާތުގައި މިދެންނެވި ފިޤުހުލް ޥާޤިޢު ނުވަތަ ޙާލަތުގެ ފިޤުހަށް ސަމާލުކަން ދެވޭ މިންވަރު ކުޑަވުމުންނެވެ. އަދި ފިޤުހީ މައްސަލަތަކުގައި ފަތުވާ ދިނުމުގައި ޒަމާނާއި ތަނުގެ ޙާލަތު އެކީ އެކަހެރިކޮށްލެވޭތީއެވެ. ބައެއް މިސާލުތައް ދަންނަވައިލުމުން ފަހުމްވުން ފަސޭހަވާނެ ދެއްތޯއެވެ؟

މިޞްރުން ކިޔަވައިގެންދާ މީހަކު ދިވެހި ރާއްޖޭގައި މިޞްރުގެ މުފުތީގެ ފަތުވާ ތަންފީޒުކުރުމަށް ގަދައަޅައި އުޅޭއިރު، މިޞްރުގެ މާޙައުލާއި ދިވެހި ރާއްޖޭގެ މާޙައިލާ ނުލާހިކު ތަފާތެވެ. ދިރިއުޅެން ޖެހޭ ގޮތްވެސް ތަފާތެވެ. ކަންކަމުގައި ނުކުންނަ ނަތީޖާތައްވެސް ތަފާތެވެ.

ހަމައެފަދައިން ފިޤުހީ ޙަރަކާތެއްގެ އެއްޞިފައަކީ ބަދަލުވާނެ ކަންކަމާއި ނުވާނެ ކަންކަން، ޝަރީޢަތުގެ ޙުކުމްތަކުގެ ތެރެއިން ބަޔާންކުރެއްވުމެވެ. އަދި އަޞްލުތަކާއި ފަރުޢުތައް ވަކިކުރެއްވުމެވެ. ރާއްޖޭގެ އިސްލާމީ ޙަރަކާތުގެ ތެރޭގައި ފަރުޢުތަކާއި އަސާސްތައް ވަކިކޮށްގެން ޙުކުމްތައް ބަޔާންކުރައްވާތީ ނުފެނެއެވެ. އަދި ސާބިތު ޙުކުމްތަކާއި ބަދަލުވާނެ ޙުކުމްތަކުގެ މެދުގައި ފަރަޤުކުރެވޭތަނެއްވެސް ނުފެނެއެވެ. އަދި ނައްޞުން ނެގޭ ޙުކުމްތަކާއި ނައްޞު އެއް ދަރަޖައަކަށް އުފުލޭ ތަންވެސް އެބަފެނެއެވެ. މިއީ ހައްތާވެސް އިޞްލާޙުކުރެވެން ޖެހޭ ކަންކަމެވެ.
ޙައްލަކީ ކޮބައިތޯއެވެ؟ ޙައްލަކީ ފިޤުހުލް ޥާޤިޢު ދަސްކުރުމެވެ. ނުވަތަ އެތަޢާރަފުކުރުމެވެ. އަދި އުފެދިފައިވާ ދިވެހިރާއްޖޭގެ ފިޤުހު އެކަޑަމީއިން މިކަމުގައި މަސައްކަތްތަކެއް ކުރެވިދާނެއެވެ. ދިވެހިންގެ ޙާލަތާއި ދިވެހިންގެ ވައްޓަފާޅިތަކަށް ރިޢާޔަތްކުރެއްވުމަށްފަހު ޙުކުމްތައް ނެރުއްވުން މުހިއްމެވެ.


އެހެން ވިސްނުންތަކަށް ޖާގަ ދިނުން މުހިއްމެވެ.

މިއަދު ދިވެހި ރާއްޖެއަކީ ސަލަފީވިސުނުމަށް ވަރަށްބޮޑަށް ޖާގަ ދެވިފައިވާ ބިމެކެވެ. މިއަދު ދިވެހިންގެ މެދުގައި މަޤުބޫލުކަން ލިބިފައިވަނީވެސް އެވިސްނުމަށެވެ. އެހެންނަމަވެސް އެހެނިހެން އިސްލާމީ ފިކުރުތަކަށާއި ހަރަކާތްތަކަށް ޖާގަ ދެވެން އެބަޖެހެއެވެ. މާނައަކީ ސަލަފީ ޙަރަކާތުގެ އެތެރޭގައި އިޙުތިރާމްކުރުމާއި ރަޙުމަތުގެ އުޞޫލުތައް އޮންނަ ފަދައިން އެކަންކަން އެޙަރަކާތުން ބޭރުގައިވެސް އޮންނަންވާނެއެވެ.

ފިޤުހީ މައްސަލައެއްގައި ދަލީލެއްގެ މައްޗަށް ބިނާކޮށް ޢިލްމުވެރިންގެ މެދުގައި އޮންނަ ޚިލާފުތައް ބަލައިގަންނަން ދަސްކުރަން އެބަޖެހެއެވެ. މިސާލަކަށް ތިމާއަށް ޤަބޫލުކުރެވޭ ގޮތް ނޫން ގޮތެއް ރަނގަޅުކަމަށް ޤަބޫލުކުރައްވާ ބޭފުޅާގެ ޒާތަށް ރައްދު ދިނުމުގެ ބަދަލުގައި ޙުއްޖަތުން ޙުއްޖަތަށް ރައްދުދެއްވަން ވީއެވެ. އެބޭފުޅާގެ ޢިލްމުވެރިކަމާއި ދީންވެރިކަމާމެދު ބަދުބަސްބުނުމަކާނުލައެވެ. ތުހުމަތާއި ފުރައްސާރައިގެ ގޮވެލިތައް ގޮވުމަކާނުލައެވެ. އެއިރުން އެކަމަކީ ޢިލްމީ ނުވަތަ އެކަޑެމިކް ކަމެއްގެ ގޮތުގައި ދެމި އޮންނާނެވެ. އެކުވެރިކަމުގެ ގުޅުންތަކަށާއި ދީނުގެ ތަސާމުޙާއި ރައުފަތުގެ ގުޅުމަކަށް އުނިކަމެއް ނުފޯރާނެއެވެ.

އިސްލާމީ އުންމަތުގެ ތެރޭގައި އުފެދުނު އެންމެ ވަރުގަދަ ދެމަދުރަސާގެ ދެމެދުގައި ހުރި ޚިޔާލުތަފާތުވުންތަކާއެކު، އެބޭފުޅުންގެ މެދުގައި އޮތް އިޙުތިރާމްކުރުމާއި ޤަދަރުކުރުމުގެ ރިވެތި އުސްލޫބުގައި ހިފަހައްޓަމާތޯއެވެ؟ އިމާމް އަބޫޙަނީފާއަކީ އަހުލުއް ރައުޔުގެ އެންމެ ވަރުގަދަ ޢިލްމުވެރިޔާކަމުގައިވާއިރު، އަހުލުލް ޙަދީސްގެ އެންމެ ވަރުގަދަ ޢިލްމުވެރިޔާ އިމާމް އަޙުމަދު، އިމާމް އަބޫޙަނީފާއަށް ބަދުބަހެއް ރައްދުކުރައްވައި އުނިކަމެއް ލިބޭ ގޮތަށް ވާހަކައެއް ދައްކަވާފައިނެތެވެ.

އިމާމް އައުޒާޢީގެ ސިޔަރު ނަމަކަށް ކިޔުނު ފޮތުގެ ތަޢުލީޤެއް އިމާމް ޝާފިޢީގެ އުންމު ނަމަކަށް ކިޔުނު ފޮތުގައި ހިމެނެއެވެ. އެބައަށް ދެއްވި ނަމަކީ ސިޔަރުލް އައުޒާޢީއެވެ. މިބައިގައި އިމާމް އަބޫޙަނީފާއަށާއި އިމާމް އަބޫޔޫސުފަށް ރައްދުދެއްވާފައިވެއެވެ. އެހެންނަމަވެސް ނުލާހިކު އިޙުތިރާމްކުރެއްވުމާއެކުގައެވެ. މިކަންކަމުން ޢިބުރަތެއް ލިބިގަނެ ޢަމަލީ މައިދާނުގައި އެޢިބުރަތް ތަންފީޛުކުރާނެ ދަނޑިވަޅު ނުޖެހެނީތޯއެވެ؟
އެހެން ފިކުރަކަށް ބޭނުންވަނީ ކީއްވެގެންތޯއެވެ؟ ސަލަފީ ފިކުރަކީ މައްސަލައެއްތޯއެވެ؟


ސަލަފީ ފިކުރަކީ މައްސަލައެއްނޫނެވެ. 

އެއީ އޭގެޒާތުގައި ވަރުގަދަ ފިކުރެކެވެ. ދުނިޔޭގައި އެންމެ އަވަހަށް ހަލުއި މިނެއްގައި ފެތުރެމުން އަންނަ އިސްލާމީ ފިކުރަކީ ސަލަފީ ފިކުރެވެ. އެހެންނަމަވެސް އިސްލާމްދީނުގެ ފުރިހަމަކަމީ އެދީން އެކި ފިކުރުތަކުން އެކުލެވިގެންވުމެވެ. އިސްލާމީ މުޖުތަމަޢުގެ މުއްސަނދިކަމަކީ އެކި ފިކުރުތަކުގެ އަހުލުވެރިންނަށް އެމުޖުތަމަޢުގައި ހަމަޖެހުމާއެކު އުޅެވޭކަމެވެ. މިތަނަވަސްކަން އޮތުމަކީ އެދެވިގެންވާ ގޮތެވެ. އެންމެ ރަނގަޅު ހެޔޮ ގޮތްވެސްމެއެވެ.

ޞަޙާބީންގެ މެދުގައިވެސް ޚިލާފުތައް ހުއްޓެވެ. އަދި ތާބިޢީންގެ މެދުގައި ހަމައެފަދައިން އެކަން ދެމި އޮތެވެ. އަދި އެކަން މިއަދާހަމައަށްވެސް ވާރުތަވެގެން އައިސްފައިވެއެވެ. މިތަރިކަ ނައްތާލުމަކީ ކުރެވޭނެކަމެއް ނޫނެވެ. އެހެންނަމަވެސް އެތަރިކަ ހެޔޮގޮތުގައި ބޭނުންހިފިދާނެއެވެ.

މީހަކު ބުނެފާނެއެވެ. ސަލަފުއްޞާލިޙުގެ ޒަމާނުގައި ޚިޔާލުތަފާތުވުންތައް ހުރީ އެއްބޭފުޅަކަށް އަނެއްބޭފުޅެއްގެ ރައުޔަތައް އެގިވަޑައިނުގަންވާތީއެވެ. އަދި އެއްބޭފޫޅެއްގެ ދަލީލުތައް ލިބިވަޑައިގެންފައިނެތުމުންނެވެ. މިބަހަށް ރައްދެއް ދޭން ބެލިއިރު ފެންނަނީ އެބޭފުޅުންގެ މެދުގައިވެސް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދުދެއްވައި ވާހަކަދައްކަވައި ހައްދަވާފައިވާތަނެވެ. ލައިޘުބިން ސަޢުދުވަނީ މިޞްރުން މަދީނާގައި ހުންނެވި އިމާމް މާލިކަށް މަދީނާގެ އަހުލުވެރިންގެ ޢަމަލުގެ ޙުއްޖިއްޔަތުކަން ބާޠިލުކަން ސާބިތުކޮށްދެއްވުމަށް ސިޓީއެއް ފޮނުއްވާފައެވެ. އިމާމް ޝާފިޢީގެ އުންމޭ ކިޔުނު ފޮތުގައި އެތައްތަނެއްގައި އިމާމް އަބޫޙަނީފާއަށާއި އިމާމް އަބޫޔޫސުފަށާއި އިމާމް އައުޒާޢީއަށް ރައްދުދެއްވާފައި އެބަހުއްޓެވެ. ހަމައެފަދައިން އިމާމް މާލިކަށްވެސް ރައްދުދެއްވާފައި އެބަހުއްޓެވެ.

އެބޭފުޅުން އެދެއްވި ރައްދުތަކާއި އަޅުގަނޑުމެންގެ ރައްދު ދިނުމުގައި ހުރި ފަރަޤަކީ ރައްދު ދޭ ވައްޓަފާޅީގެ ފަރަޤެވެ. އަޅުގަނޑުމެންނަށް އަނެކާގެ ރައުޔައަށް އިޙުތިރާމް ކުރުމާއެކު ރައްދުދޭކަށްނޭނގެއެވެ. މިއީ ބާޠިލް ރައުޔައެއްކަމުގައި ނުބުނެ މިއަށްވުރެ ރަނގަޅީ މިގޮތްކަމުގައި ބުނަން ދަސްވެފައިނެތީއެވެ.


ބޭރުފުށަށް ދީންވެރިކަން ހުއްޓުވުން!

އަޅުގަނޑުވެސް ޤަބޫލުކުރާ ގޮތުގައި ބޭރުފުށުންވެސް ދީންދެކެ ލޯބިވާކަން އެގެން ޖެހޭނެއެވެ. އެކަމަކު ބޭރުފުށައް ބެލުމަށްފަހު މީހުންނާ މެދު ގޮތް ކަނޑައެޅުމަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތެއް ނޫނެވެ. އެހެނީ ބޭރުފުށުން ވަކި ގޮތަކަށް ހުރުމަކީ ދީނުގެ އެންމެ އަސާސީ ރުކުނެއްނޫނެވެ.

ކީރިތި ރަސޫލާގެ އަރިހަށް އައި އަޢުރާބީއަކު ސުވަރުގެ ދިއުމަށް ކުރަންވީ ކޮންކަމެއްތޯ ސުވާލު ދެންނެވުމުން ޝަހާދަތް ކިޔައި އީމާންވުމަށްފަހުގައި ނަމާދުކުރުމާއި ރޯދަހިފުމާއި ޒަކާތް ދިނުމާއި ކުޅަދާނަކަން ލިބުމުން ޙައްޖުވުމަށް އިރުޝާދުދެއްވުމުން އެއިންކަމެއްގެ މައްޗަށް އިތުރުވެސް ނުކުރާނެ ކަމަށާއި މަދުވެސް ނުކުރާނެކަމަށް އޭނާ ދެންނެވިއެވެ. އޭނާއަށް ސުވަރުގޭގެ ބަޝާރަތު މާތް ރަސޫލާ ދެއްވިއެވެ. އެހެންކަމުން މިދެންނެވި ކަންކަންކުރާ ކޮންމެ މީހަކީވެސް މުސްލިމެކެވެ.

އެމީހަކު ރަސޫލާއަށް ލޯބިކުރުމާއި މާތްﷲއަށް ލޯބިކުރުމަކީ އެމީހެއްގެ ހިތާ ގުޅިފައިވާކަމެކެވެ. އެމީހަކަށް އަޅުގަނޑަށް ޙަދީސެއް ދޭހަވި ގޮތަށް ދޭހަނުވުމުން ނުވަތަ އެމީހަކަށް އަޅުގަނޑަށް ނެރުވުނު ޙުކުމް ޙަދީސަކުން ނުނެރެވުނީތީ އޭނާ މާތްﷲ ދެކެ ލޯބިނުވާކަމަށް ނިންމަން އަޅުގަނޑުމިއީ ކާކުތޯއެވެ؟ ނުވަތަ އޭނާގެ ކޮންމެވެސް ޙާލަތެއް މެދުވެރިވެގެން އަޅުގަނޑު ހުރި ގޮތް ނޫން ގޮތަކަށް ހުރީތީ އޭނާއަކީ ސުންނަތަށް ލޯބިނުކުރާ ނުވަތަ އެއަށް ނަފްރަތުކުރާ މީހެއްކަމުގައި ނިންމަން އަޅުގަނޑަކީ ކާކުތޯއެވެ؟ މިއީ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސާ ކުރަން ރަނގަޅު ސުވާލުތަކެކެވެ.
ބޭރުފުށަށް ބެލުމުގެ ކަންތައް ދޫކޮށް ދީންވެރިވުމުގެ ފުރިހަމަ މާނަ ދެނެގަންނަން އެބަޖެހެއެވެ. ޖިބުރީލުގެފާނު ރަސޫލާގެ އަރިހުން އިޙުސާންކަމާމެދު ސުވާލު ދެންނެވި ހިނދު ޙަދީސްކުރެއްވިއެވެ.
أن تعبد الله كأنك تراه فإن لم تكن تراه فإنه يراك
މާނައީ: މާތްﷲ އަށް ތިބާއަށް ފެންނަ ފަދައިން އެކަލާނގެ އަށް އަޅުކަންކުރުމެވެ. ތިބާއަށް އެކަލާނގެ ނުފެނުނަސް އެކަލާނގެ ތިބާއަށް ބައްލަވާވޮޑިގެންވެއެވެ.
އާއެކެވެ. ދީންވެރިވުމަކީ އެއީއެވެ. ދެއްކުންތެރިކަމާއި ބޮޑާކަމުން އެއްކިބާވެގެންވާ ގޮތުގައި މާތްﷲއަށް ޚާލިޞްކޮށް ޚުޝޫޢަތާއެކު އަޅުވެތިވުމެވެ. ބޭރުފުށުގެ ޞިފަތަކުގެ މައްޗަށް ދީން ހުއްޓުވުމުން ދެއްކުން ތެރިކަން ހިތަށް ވަދެއެވެ. އަދި އަޅުކަމުގައި ބޮޑާވެވެއެވެ. 

ތިމާނޫނީ ރަނގަޅަށް ކަމެއްކުރާ މީހަކު ނެތްކަމަށް ހީވެއެވެ. މިހުރިހާ ކަމަކުން ސަލާމަތްވުމަށްޓަކައި ދީނަކީ ހަމައެކަނި ބޭރުފުށުގެ ކަންކަން ނޫންކަން ޔަޤީންކުރަންޖެހެއެވެ. މިއީ މުހިއްމުކަމެކެވެ.
ނިންމުން

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ، ދިވެހި ރާއްޖޭގެ އިސްލާމީ ހަރަކާތް ވަރުގަދަކުރައްވައި އެޙަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑަށް ދެއްވައި، އެޙަރަކާތުގައި ހުރިނަމަ ހުރި އުނިކަމެއް އިޞްލާޙުކުރުމުގެ ޤާބިލްކަން ދިވެހި އަޚުންނާއި އުޚުތުންނަށް ދެއްވުމެވެ. އާމީން!





(ނިމުނީ)

ފާހަގަ: ,

8 ޚިޔާލު!

  1. ވަރަށް މުހިންމު މައުޟޫޢަކަށް ލިޔުއްވާފައިވާ ވަރަށް ރަނގަޅު ލިޔުމެކެވެ.އެކަމަކު މަޢުޟޫޢުގެ ތެރޭގައި އައިސްފައިވާ ބޭރުފުށަށް ދީންވެރިކަން ހުއްޓުވުން!މިބަޔަށް އިތުރުކޮއްލަންޖެހޭ ބައެއްނުކުތާތައް ހުރިކަން ފާހަގަ ކޮއްލެވެއެވެ. ޝަހާދަތް ކިޔައި އީމާންވުމަށްފަހުގައި ނަމާދުކުރުމާއި ރޯދަހިފުމާއި ޒަކާތް ދިނުމާއި ކުޅަދާނަކަން ލިބުމުން ޙައްޖުވުމަށް އިރުޝާދުދެއްވި ކަމަށް އޮތް ބައިގައި ހައްތާވެސް އެހުރީ އެތެރެފުށުގެ ނިޔަތާއި އިޚުލާޞް ތެރިކަމާއި ނުލައި ފުރިހަމަ ނުވާނޭ ކަންކަމެވެ. އެކަމަކު ރޯދަ ފިޔަވައި ބޭރުފުށުން އެކަން ނުފެނި ކުރެވޭނޭ އެއްވެެސް ކަމެއް އެތަނުގައި ނެތެވެ. އެހެންވީމާ އިސްލާމް ކަމަކީ ހަމައެކަނި އެތެރެފުށަށް ވަންހަނާ ވެގެންވާ އެއްޗެއްގެ ގޮތުގައި ބުންވޭކަށްވެސް ނުއޮންނާނެއެވެ. ޝިފްޒާން މިލިޔުމުގައި ވިދާޅުވަން އުޅުއްވަނީ އެހެންކަމަށް ކަމަކަށް އަޅުގަނޑަށް ހިއެއްނުވެއެވެ. އެކަމަކު މިގޮތަށް އޮތުމުން ލިޔުން ވިދާޅުވާބޭފުޅުންނަށް އެފަދަ އޮޅުމެއް އަރާފާނެ ކަމަށް ފެންނާތީ އާއި އެބައި ވެސް ހިމަނާލެވިއްޖެ ނަމަ އިތުރަށް ލިޔުުން ފުރިހަމަ ވާނެ ކަމަށް ފެންނާތީ ދަންނަވާލީމެވެ.ޙަޤީޤަތުގައި އެތެރެފުށުގައި އީމާންތެރިކަން ވައރުގަދަވާ މިންވަރަކުން ބޭރުފުށަށް އެކަން ފާޅު ނުވެއެއް ނުދާނެއެވެ. އެހެން ނަމަވެސް މައްސަލައަކީ ބޭރުފުށަށް ދީންވެރިކަން ފާޅުކުރާއިރު އެތެރޭގައި އެބައި ނެތުމެވެ. ޝިފްޒާން ވިދާޅުވެފައި އޮތީ އެހެންކަމަށް ފެނެއެވެ.އެކަމަކު އަދި އިތުރަށް ފުރިހަމަކޮއްލެއްވުން ރަނގަޅެވެ

  2. Khiyaalu hushahelhuhvi faraathuge khiyaalu haasfashun balaigannameve. Thihai rangalhu khiyaaleh faulhu kurehveethee varah bodah shukuruverivameve. Adhi thividhaalhuvi visnun kithanmehaaves rangalheves.
    Shukuriyyaa!

  3. abu abdullah
    December 28, 2010

    ދެވަނަ ވިސްނުމަކީ ސަލަފީވިސްނުމާއި ސިޔާސަތާ ވަކިކޮށްގެން ނުވަތަ ސިޔާސީކަންކަމުގެ ތެރެއަށް ވަދެވަޑައިނުގެން ދަޢުވަތުގައި ޙަރަކާތްތެރިވާ ފިކުރެވެ. މިފިކުރުގެ ބޭފުޅުންގެ ގޮތުގައި ފާހަގަވަނީ ޖަމްޢިއްޔަތުއް ސަލަފުގެ ޝައިޚުންނެވެ.

    is salaf secular? wow great. rubail madhkhalee eh noon, rabeeu madhkhaleee, ikhthilaafaa beheygothun vaahaka dhekkeynee ilmuverinnah not people like u, u have opened another door of fitna, pls fear allah, mi blog ge liyun thakuga varah bodethi massala thah eba huri, mee shaheem ge fikuru thi fathuran masakkaiy kuraneee, aharemen vee thunbulhi baalai omaaan koh kukulhu biheh hen thibey meehunnah ves hama dheenee meehun kamuga balantha, eyeee tha sunnathakeee?

    adhi bunan ikhthilaafee komme massala eh ga thimaa beynun rauyeh nunegeyne ingey, adhives ithurah kiyavaaa eyrun ingeyneee vaanuvaa, adhi thibaaa ah alif baa rangalhah neygi ulhenikoh thi vanee ikhthilaaf ge door in, thee bodethi rabbaaniyya ilmuverinves emme biruvethivaa mauloo vaahaka dhakkan,

    mifadha liyunthah nuliyumah vasiyyaiy kuran

  4. Shifxan Ahmed
    December 28, 2010

    Abo Abdhullahi ge coment balaigannameve. Ehennamaves dhannavanthoeve? Alhugandakee Shaheem ge visnumuge meehehkamah sifa nukuravvaasheve. Alhugandakee maay Allah baavailehvi islam dheenuge matheegai dhemi hureveytho balaa meeheh. Faharugai thibaa gaboolukuraa kameh alhugandu gaboolu nukohfaane.
    Alhugandu dhennevee ikhuthilaafuthah huri vaahaka. E ikhuthilaafuthakuge thereah vadhegen ulhuhvanee thibeyfulhun. Dhen ilmuge alifaa neygey kamah vidhaalhuvaairu, mivaahaka thakakee usoolul fighge foithakun nagaafai huri vaahakathakeh. Lobuvethi akhaaeve. Alhugadu mikiyanee ikhthilaafugai ves ihuthiraam ge usool iskuraashey.
    Dhen thubulhi nei meehakuves islam dheenah lobi kohfaane dhehtho? Eynaves islam dheenah nasruves dheefaane? Ash'ary eh kamuga ve hure salaahuhdheenul ayyubee ves islam dheenah nasru dhin nun thoeve? Thihaa avahah meehun jaahilu thiyakuravvanee keevvegenthoeve? Ihuthiraamaa eku reethigothuga rahdhu nudhehvenee keevvetho eve?

  5. kaleymen misrun ashari aqeedha kiyavaigen gos raajje halaakukureee, maumoonaa maumoonuge auvaanun ilmu verin jalallaa islamic shaira veyya modelaa islamee thauleemu halaakukoh, dhivehi zuvaanun atheistunnah hadhaa dheenakee lui faseyha medhuminey aadhamuge faaney falholey kiyaigen mulhi dhivehi raajje sunnaafathi kuree misrun thi kiyavaigen thiya thunbulhi kehi group dho eyee emmen dhanna kameh

  6. Comentgai misrun kiyavadhenee Ash'aree ageedhaa kamah bunaairu, hageegathakee misruga hurihaa visnumeh kiyavadhey kan. Salafge ageedhaa tharujeehuves kurahvanee.
    Thubulhi beylumakee hama meehaku dheenun beyruve muruthahdhuvaa varu kamakee tho? Asha'areennakee ahuluh sunnaage baeh kamuga nuviyas ei muslimun nun kamah evves ilmuveriaku vidhaalhuveybaa? Bidhua verinves himenenee muslimunge thereyga nunbaa?
    Imam navaveemennah uzuru libifai mihaaruge ash'ary akah uzuru nulibeynee dho? Maumoon akaa mikamakaa keehtha? Maumoon ge verikan vattaalan ulhunu meehunge thereyga misrun kiyevi meehunves himeney.
    Kaleymenge thi zaaathee kanthahgandu huttaalaafa meehunnah ihuthiraam kuran dhaskuraanee kon iraku? Meehakah faafaeh nuny kusheh kurevey irah thiya heevanee eynaves kailafaane hen. Kaleymenge kibaigaa dheenuge rivethi akhulaaguge kanfulhehves netheynu? Mithaa mi liyumuga shifxan bunefa othee ekaku anekakah ihuthiraam kuraashey evaru kamleymenah neygunu dho? Eyna amillayah ahuluhsunnaa ge thereah bayaku nuves vahdhaa nuves nerey. Kaley menge kamakee meehun muruthahdhukoh kaafarukoh meehunge aburunegun. Khuthubathu hajjathil vadhaau kiyaalaifa eyga ehuri kankamah amalukohba.
    And to shifxan, Keep up the good work!

  7. މިލިޔުން ލިޔުނު ފަރާތުން ދީނީ ފިކުރު ވަކި ކޮޅަކަށް ގޮސް ހުސްވެފައިވާކަން ފާހަގަކުރެވޭ.ޝިފްޒާން އަށް ރާއްޖޭގައި ހެދިފައި ހުރި ދީނީ ޖަމްޢިއްޔާ ތަކުގެ މަޢުލޫމާތާ އެޖަމާއަތްތަކުން ކުރާ ހަރަކާތް ތައް ބަލާފަ މިފަދަ ލިޔުން ލިޔުމަށް ގޮވާލަން - އެނގިވަޑައިނުގަންނަވަނީތޯ ރާްއްޖޭގައި "އިސްލާމިކް ފައުންޑޭޝަން އޮފް ދަމޯލްޑިވްސް" ކިޔާ ދީނީ ޖަމްޢިއްޔާއެއް އޮންނަކަން.އެނގިވަޑައި ނުގަންނަވާނަމަ ތިޔަ ހުންނެވީ ވަކި ދީނީ ޖަމްޢިއްޔާއެއް ގެ ކުރިއެރުމަށް ވިސްނަވާ ވަކި ވިސްނުމެއްގައި

  8. Anonymous
    June 11, 2011

    shifzan ge liyun varah kamudhey, plus varah ilmee. ekamu thankolheh hulaasaa koh genainama rangalhu.

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!