ލޯބިވާ އަޚާއެވެ. އަޅުގަނޑުގެ ޙައްޤު ކޮބައިހެއްޔެވެ؟

މިއީ އަޅުގަނޑު އެންމެ ފަހުން މިބްލޮގުގައި ހިމެނުމަށް ލިޔުނު ލިޔުން (އިސްލާމީ ޙަރަކާތް ދިވެހި ފަސްގަނޑުގައި) ދިއިސްލާމް ނަމަކަށް ކިޔުނު ސައިޓެއްގައި އަޅުގަނޑުގެ އަޚަކު (އަޙުމަދު ޝަމީން ދޮންމަނިކު) ހިމެނުމުން އެލިޔުމަށް މުޙައްމަދު ޝާފިޢު ނަމަކަށް ކިޔުނު އަޚަކު ކުރެއްވި ކޮމެންޓަކާ ވިދިގެން ދަންނަވަމެވެ.

އޭނާ އެލިޔުމާމެދު ވިދާޅުވެފަވެއެވެ.

(ވަރަށް ތާކުންތާކު ނުޖެހޭ ލިޔުމެއް. ޖަމިއްޔަތުއްސަލަފަކީ ސިޔާސަތާއި ދީނާ ވަކިކުރާ ނުވަތަ ސެކިއުލަރ ވިސްނުމުގެ ބައެއް ނޫން. މި ލިޔުމުން ފެނިގެން މިދަނީ ކުއްލިއްޔާގެ ފިކުރު. މީހުން ބައިބަޔަށް އެޅުން. އަދި މިކަމަކީ ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢާ ޤާއިމްކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން ލިޔެފައިވާ ލިޔުމެއް.)

މިލިޔުމާ ބެހޭގޮތުން ފައުޅުކުރެއްވި ޚިޔާލުގެ ސަބަބުން އަޅުގަނޑުގެ އެދުމެއްގެ މަތިން އެލިޔުން އެސައިޓުންވާނީ އުނިކުރެވިފައެވެ. އެހެންނަމަވެސް ޙަޤީޤަތުގައި މިކޮމެންޓުވެގެންދިޔައީ އަޅުގަނޑުގެ ހިތަށް ހަރާލެވުނު ވިހަ ދުންޏެއްކަމުގައެވެ. އެހެންކަމުން މިކޮމެންޓާމެދު ދެތިން ބަހެއް ބުނެލުމަށް އަޅުގަނޑު ގަސްތުކޮށްފީމެވެ.

އެބޭފުޅާގެ ވިސްނުންފުޅުގައި ލިޔުން ތާކުންތާކު ނުޖެހޭ އޮއްޓަރެއް ނެތް ލިޔުމެއްކަމުގައިވުމީ މައްސަލައެއްނޫނެވެ. އެޚިޔާލުފުޅަށް އިޙުތިރާމްކޮށް ބަލައިގަންނަމެވެ. ކޮންމެވެސްދުވަހަކުން މާތްﷲގެ މަދަދުވެރިކަމާއި ރަޙުމަތުން ތާކުންތާކުޖެހޭ ލިޔުމެއް ލިޔުމުގެ އުންމީދުގައިހުރީމެވެ.

އެއަށްފަހު އެލޮބުވެތި އަޚަށް ދަންނަވަމެވެ.

ލޮބުވެތި އަޚު، ޝާފިޢަށް ދަންނަވަމެވެ. އިސްލާމްކަމުގައި ތިބާޔަކީ އަޅުގަނޑުގެ އަޚެކެވެ. އަޅުގަނޑަކީވެސް މިދީނުގައި ތިބާގެ އަޚެއްކަމުގައިވުން އެދި ހުރީމެވެ. އަޅުގަނޑު ހިތުގެ އަޑިން ޤަބޫލުކުރާ ޢަޤީދާއަކީ އިސްލާމީ ޢަޤީދާއެވެ. އަޅުގަނޑަކީ އަހުލުއްސުންނާގެ ޢަޤީދާ ޤަބޫލުކުރާ މީހަކީމެވެ. އަދި ސަލަފީ ޢަޤީދާގެ މަތީގައި ދެމިހުރި މީހަކީމެވެ. އެހެންކަމުން އަޅުގަނޑުގެ މުޅި މުސްތަޤުބަލު ބަނަވެ، އަޅުގަނޑުގެ އަނބުރު ގެއްލިގެންދާފަދަ ގޮތަކަށް ޚިޔާލު ފައުޅުކުރެއްވި ހިނދު އަޅުގަނޑުގެ ޙައްޤު ހަނދުމަފުޅު ނެތުނީތޯއެވެ؟

އަޅުގަނޑުގެ ލިޔުމުގެ އެއްވެސް ހިސާބެއްގައި ޖަމްޢިއްޔަތުއްސަލަފަކީ ސިޔާސަތާ ދީންވަކިކުރާ ޖަމާޢަތެއްކަމުގައި ބުނެވިފައިވާނަމަ، މަޢާފަށް އެދެމުއެވެ. އަޅުގަނޑު ދަންނަވަން އުޅުނު ޙަޤީޤީ ވާހަކައަކީ ސިޔާސަތާ ބެހިވަޑައިނުގަންނަވާ ވާހަކައެވެ. ސިޔާސަތަށް ފާޑު ނުކިޔުމެވެ. ސިޔާސީކަންކަމުގައި ޙަރަކާތްތެރިނުވުމެވެ. މިއީ އަޅުގަނޑުމެންގެ ކުރިމަތިން ފެންނަ ޙަޤީޤަތެކެވެ. ދެވަނަކަމަކީ އެބޭފުޅުން ޢަދާލަތަށް ތާއީދުކުރާވާހަކަ ލިޔުމުގައި ދަންނަވާފައިވާނެއެވެ. އަދި އެބޭފުޅުންނާ ޢަދާލަތާމެދުގައި ފަރަޤެއްނެތް ވާހަކަ ދެންނެވީމެވެ. އެވާހަކަ ވިދާޅުވީމުތޯއެވެ؟ ނުވަތަ ފެނިވަޑައިނުގަތީތޯއެވެ؟ ޢަދާލަތަށް ތާއިދުކުރުމުން ދޭހަވަނީ ސިޔާސަތާ ދީން ވަކިކުރައްވަން އެދިވަޑައިނުގަންނަވާ ކަން ނޫންބާވައެވެ؟ ޢަދާލަތާ ގުޅުން ރަނގަޅުވުމުން އެގެނީ އެއްވިސްނުމެއް ޙިއްސާކުރާކަން ނޫންތޯއެވެ؟

މިލިޔިމުން ފެންނަމުން މިދަނީ ކުއްލިއްޔާ ފިކުރުކަމުގައި ވިދާޅުވިއިރު، އެސްއެސްގެ ނަން ވަކިޖަމާޢަތަކަށް ދީ އެމީހުންގެ ފިކުރުތަކަށް ފާޑުކިޔައި ހަދަނީ ކުއްލިއްޔާއިންތޯއެވެ؟ ޙަޤީޤަތުގައިވެސް އެޖަމާޢަތްތައް އެއީ އަޅުގަނޑުމެންގެ ދިރިއުޅުމުން އަޅުގަނޑުމެންނަށް ފެންނަމުންދާ ޖަމާޢަތްތަކެވެ. އަދި އެފިކުރުތަކަކީ ހުރި ފިކުރުތަކެކެވެ. ދިވެހިރާއްޖޭގެ ސަލަފީ ޙަރަކާތުގެ ހުރިހާ ޝައިޚުން އެއްގަލަކަށް އަރައި އެއްތަނެއްގައި އެކީ މަސައްކަތްކުރާތަން ފެނޭތޯއެވެ؟ އެސްއެސް ވަކިވެގަންނަވާނެއެވެ. ނުވަތަ ކޮންމެވެސް ޝައިޚަކު ހިތްޕުޅާ ނުކުރައްވައިގެން ވަކިން ހުންނަވާފާނެއެވެ.

އަޅުގަނޑާ ތިބާގެ މެދުގައި ފިކުރީ ފަރަޤުތަކެއް އެބަހުއްޓެވެ. އެކަން ތިޔަ ކޮމެންޓުންވެސް ފެނިއްޖެއެވެ. އެހެންނަމަވެސް ސުވާލަކީ އަޅުގަނޑު ދެންނެވި ތުހުމަތާއި އާޑަފުރައްސާރައިން މިންޖުވެވަޑައިގެން، އަޅުގަނޑަށް އިޙުތިރާމްކުރުމާއެކު، އެކަޑަމިކު ގޮތެއްގައި ޚިޔާލުފުޅު ފާޅުނުކުރެއްވިކަމީ ހިތާމަހުރި ކަމެއްކަމުގައެވެ. އަޅުގަނޑުވެސް މިދެނީ ރައްދެކެވެ. އެކަމަކު މިރައްދުގައި ތިބާއާމެދު ތުހުމަތެއްކޮށް ފުރައްސާރައެއްކޮށް ތިބާގެ ނިޔަތް ނުޙައްޤުން ބާޠިލުކުރާކަށް ނެތީމެވެ. ތިބާގެ ނިޔަތް މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲއެވެ.

އަޅުގަނޑުގެ ވިސްނުމާއި ފިކުރަކީ މެދުމިން އުޞޫލުތަކަށް ތަބާވުމުގެ ވިސްނުމެވެ. އިސްލާމީ ޝަރީޢަތުގެ އެންމެހާ ޒާވިޔާތަކަކުން ދީނުގެ ޙުކުމްތަކަށް ބަލައި، އިސްލާމީ ޝަރީޢަތް ޤާއިމުކުރުމަށް، އެކި މިންވަރަށް ބަހައިލައިގެން މަސައްކަތްކުރުމުގެ ފިކުރެވެ. މިސަބަބަށްޓަކައި އަޅުގަނޑުގެ ސިޔާސީ ވިސްނުމުގައި އަޅުގަނޑަކީ ޢަދާލަތު ޕާޓީއަށް ތާއީދުކުރާ މީހަކީމެވެ. އަދި އަޅުގަނޑުގެ މަސައްކަތަކީ އަޅުގަނޑު ޤަބޫލުކުރާ ދީނީ ރައުޔައަށް ތަޢާއްޞުބުވުމެއްނެތި، އެރައުޔަ ފެތުރުމަށް މަސައްކަތްކުރުމެވެ. އެހެންކަމުން އަޅުގަނޑުގެ ޒާތާއި އަޅުގަނޑުގެ ނިޔަތާ ބެހުމަކާނުލައި، ކިޔޭ ކޮންމެ ފާޑުކިޔުމަކީ ބަލައިގަންނާނެ މަރުޙަބާކިޔާނެ ފާޑުކިޔުމެކެވެ. ތިބާގެ ފާޑުކިޔުމުގައި އަޅުގަނޑުގެ ޒާތަށް އުނިކަންދީފީމުއެވެ. އެއީ އަޅުގަނޑު ކިޔެވިތަނުގެ ފިކުރޭ ވިދާޅުވެ ކުރެއްވި ކޮމެންޓުންނެވެ. އަޅުގަނޑުގެ މުދައްރިސަކީ ފޮތްތަކެވެ. އަޅުގަނޑު އަމިއްލަ ވިސްނުމެއްމެނުވީ އެލިޔުމުގައި ނެތެވެ. އެހެންކަމުން ކުއްލިއްޔާއަށް ޙަމަލާދެއްވުމީ ގޯސް ގޮތެކެވެ. ކުއްލިއްޔާގެ ފިކުރެއްކަމުގައި ވިދާޅުވުމުން ކަމާނުބެހޭ ބަޔަކަށް ޙަމަލާދެއްވުނީ ނޫންތޯއެވެ؟

" އަދި މިކަމަކީ ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢާ ޤާއިމްކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން ލިޔެފައިވާ ލިޔުމެއް" މިތުހުމަތަކީ އަޅުގަނޑުގެ މެއިން ދިލަނަގުވާލި ތުހުމަތެވެ. ޢިއްޒަތްތެރި އަޚު ޝާފިޢެވެ. މިބަސްކޮޅުން ދޭހަވާ މާނަ އެގިވަޑައިގަންނަވާނަމަ، މިފަދަ ބަހެއް ވިދާޅުވާނެކަމަށް އަޅުގަނޑެއް ޤަބޫލެއްނުކުރަމެވެ. މިބަހުގެ މާނައަކީ އިސްލާމީ ޝަރީޢަތް ޤާއިމުކުރުމާ ދެކޮޅު ހަނދައި އެކަން ހުއްޓުވުމަށް އަޅުގަނޑު ގަސްތުކޮށް އެނިޔަތުގައި މިލިޔުން ލިޔުނުވާހަކައެވެ. މާތްﷲ އެކަލާނގެ ބިމުގައި ތަންފީޛުކުރުމަށް ބާވައިލެއްވި ޝަރީޢަތް ތަންފީޛުވިޔަ ނުދިނުމަށް މަސައްކަތްކުރާނީ މުރުތައްދުވެފައިހުރި ކާފަރެއްނޫންތޯއެވެ؟ އަޅުގަނޑު މާތްﷲ ގަންދީ ބުނަމެވެ. މުޅި އެލިޔުމުގެ ބޭނުމަކީ އިސްލާމް ދީނަށްޓަކައި ޙަރަކާތްތެރިވާ، ތިޔަ ވިދާޅުވި އިސްލާމީ ޝަރީޢަތް ޤާއިމުކުރުމަށް މަސައްކަތްކުރާ މީހުންގެ ބަސް އެއްގޮތް ކުރުމަށް ބާރު އެޅުމެވެ. ޚިޔާލުތަފާތުވުމާއެކު ކުރިއަށް ދާންވީ މަގު ދެއްކުމެވެ.

ތިބާގެ އިސްވެ ދިޔަ ލަފްޒުން ދޭހަވަނީ އަޅުގަނޑު ކާފަރުވެފައިވާކަމެވެ. އަދި އަޅުގަނޑު ހިތުން ތިޔަ ކޮމެންޓުގެ ސަބަބުން އެގޮތަށް ޚިޔާލުކުރައްވާ ބޭފުޅުންތަކެއް އުފެދުމަކީވެސް އެކަށީގެންވާކަމެކެވެ. އަޅުގަނޑަކީ ދީން އުގެނެމުން އަންނަ މީހަކަށްވީތީ، ކޮންމެވެސް ދުވަހަކުން އިސްލާމް ދީނުގެ ވާހަކަތައް ދެއްކުމީ އަޅުގަނޑުގެ އުންމީދެކެވެ. އެކަމަކު އަޅުގަނޑު ތިބޭފުޅާ ޤަބޫލުކުރައްވާ ގޮތް ޤަބޫލުނުކުރީތީ އަޅުގަނޑާމެދު ތިފަދަ ހަރުކަށި ބަސްތަކެއް ވިދާޅުވުމުން އަޅުގަނޑުގެ ކުރިމަގަށް ކުރާނެ އަސަރު ވިސްނަވައިލެއްވީމުތޯއެވެ؟ އަދި އަޅުގަނޑުގެ ހިތުގެ ނިޔަތް އެގިވަޑައިގަތް ގޮތެއް ވިދާޅުވެދެއްވަފާނުތޯއެވެ؟ އަޅުގަނޑަކީ މާތްﷲގެ ޝަރީޢަތުގެ ދުޝްމިނެއްކަމުގައި ތި ޞިފަކުރެއްވީ އެކަން އަޅުގަނޑުގެ ލިޔުމުގެ ކޮން ހިސާބަކުން ފެނިގެންތޯއެވެ؟ ލޯބިވާ އަޚާއެވެ. އަޅުގަނޑުގެ ޙައްޤެއް ހަމަނެތީތޯއެވެ؟

އަޅުގަނޑުގެ ދުޢާއަކީ ތިބާއަށާއި އަޅުގަނޑަށް މާތްﷲ ރަޙުމަތްލެއްވުމެވެ. އަޅުގަނޑުމެން ދެމީހުންގެ މަސައްކަތުގައިމެ، ބަރަކާތްލައްވައި އެކަލާނގެ ދީނަށް ނަޞްރުދިނުމުގައި އަޅަމެން ދެމީހުނާއި އަޅަމެން ނޫން އިޚުލާޞްތެރީންގެ ހިތްތައް ސާބިތުކުރެއްވުމެވެ. ތިބާއަށް މާތްﷲ ބަރަކާތްލައްވާށިއެވެ. ޝުކުރިއްޔާ!
ފާހަގަ: ,

5 ޚިޔާލު!

  1. ސުވާލަކީ ދެން ތިޔަ ބުނަ ލިޔުން ދިއިސްލާމުން ނަގަން ބުނީ ކީއްވެތޯ؟ އަޅުގަނޑުދެކޭގޮތުގައި ތިޔަ ދީފައިވާ ކޮމެންޓަކީ ވަރަށް ޒިންމާދާރުކަން ނެތް ކޮމެންޓެއް. ދެން އެހެންވީއިރު ތިޔަ ލިޔުން ނަގަން ޝިފްޒާން ބުނި ބުނުމަކީ އެލިޔުމުގައި މައްސަލަހުރިކަން ޝިފްޒާންވެސް ޤަބޫލުކުރާ ކަމުގެ ހެއްކެން.

  2. އަޅުގަނޑުގެ މުދައްރިސަކީ ފޮތްތަކެވެ.

    قال الشافعي رضي الله عنه: منْ تفقّهَ مَن بطون الكتب ضيّعَ الأحكام. وكان بعضهم يقول:مِنْ أعظم البليّة تشيّخ الصحيفة ، أي الذين تعلّموا بلا معلّم

  3. Shifxan Ahmed
    December 28, 2010

    Zinmaadhaarukameh nei coment thakuge shikaara akah alhuganduge liyuntherikan hadhan alhugadu beynun nuvee eve. Dhevana kamakah alhugandu gaboolukuraa gothugai bayaku rulhi anna gothakah kameh dhemehettumakee alhugadu gaboolu kuraakameh nun.
    Thinvana kamakah dhannavan othee baeh faharu buni eythi bayakah fahum nuvumun amihla ah kathilevun ei rangalhu gotheh nuneve.
    ali ain eve: Fotheh nethi hama ekani muallimeh ge eheega kiyeveynetho eve? Hama efadhain hamaekani fothakun ilmu nulibeyne eve. Alhugadah heevanee Azhar ga alhugadah ugannaidheneeves ilmuverin heneve.

  4. aharen comment kuree ingey, mohamedshafiu ge namuga, kon shafiu eh kamah mi varah thi bavaneee? hehe, u have been fooled dho, hehe majalah kolli kameh, i know u shifaz, yeye you have been studying here with me in the Kulliyyah dho hehe

  5. Abdhullahi Inax hashim al-azhari
    December 30, 2010

    Munavvaru namugai coment kurevvi beyfulhaa ah dhannavan. Miliyun liyuhvee SHIFAZ eh nun, ebeyfulhaage nanfulhakee SHIFXAN. Alhugadakee SHIFXAN aa eku kudairuhsure kulliyyaga kiyavamun ai meeheh. Thibeyfulhaa ah alhugadu miee kaakukan egivadaigannavaathoeve? Alhugaduge hadhaanakah thiyabeyfulhaage nameh nai. Kiyavaa vidhaalhuvi ahareh vidhaalhuviyya hadhaanah aun ekasheegenvey!

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!