ކޮންމެ ޤައުމެއްގައިވެސް އެޤައުމެއްގެ އަގުކުރުންތަކާއި ޚާއްޞަ ޤަބޫލުކުރުންތައް އެބަހުއްޓެވެ. އަދި ޚާއްޞަކޮށް މުޢާމަލާތުގެ ކަންކަމުގައި ގެންގުޅޭ ޢުރުފީ އުޞޫލުތަކެއް އެބަހުއްޓެވެ. އެގޮތުން އަޅުގަނޑުމެން ދިވެހިންގެ މެދުގައިވެސް މިދެންނެވި ފަދަ ޢުރުފީ އުޞޫލުތަކެއް ހުންނާނެއެވެ. އަދި މުޢާމަލާތުގައި ހިފަހައްޓާ އަދަބުތަކެއްވެސް ހުންނާނެއެވެ. ސިޔާސީ އިޤުތިޞާދީ އަދި އިޖުތިމާޢީ މައިދާންތަކުގައި ހިފަހައްޓާ ހަމަތަކަކާއި އުޞޫލުތަކެކެވެ. މިއިން ކޮންމެ ކަމަކީވެސް އިސްލާމީ ފިޤުހުގެ ނަޒަރަކުން ބަލައި ދިރާސާކޮށް ޙުކުމް ނެރެންޖެހޭ ކަންކަމެވެ. އަޅުގަނޑުގެ މިމަޒުމޫނުގެ މައިގަނޑު މަޤުޞަދަކީ އެފަދައިން އެކަންކުރާނެ މިންގަނޑުތަކެއް ނެރެ ދިނުމަށް މަސައްކަތްކުރުމެވެ. ނުވަތަ އެކަމަށް މަގެއް ކޮށައިދިނުމެވެ.
ޙުކުމްތައް ބައިކުރުން އެންމެ އަސާސީ ފެށުން:
ދީނުގެ އެންމެހއި ޙުކުމްތަކަކީ އެއްދަރަޖައެއްގެ ޙުކުމްތަކެއް ނޫނެވެ. އެޙުކުމްތަކަކީ އެކި ދަރަޖައިގެ ޙުކުމްތަކެކެވެ. އެގޮތުން ސާބިތު ބަދަލުވުމުގެ ފުރުޞަތެއްނެތް ޙުކުމަތަކެއް އެބަހުއްޓެވެ. އެއީ ސާފު ޞަރީޙަ ނައްޞަކުން ނެގިފައިވާ ޤަޠުޢީ ޙުކުމްތަކެވެ. މިފަދަ ޙުކުމްތަކަށް ސަވާބިތޭ ކިޔެއެވެ. ޢަޤީދާއާއި އަޅުކަމާއި ގުޅުންހުރި ޙުކުމްތަކަކީ މިފަދަ ޤަޠުޢީ ޙުކުމްތަކެކެވެ. އަދި ސާފު ބަހުން ޙަރާމް ޙަލާލުގެ ކަންކަމުގައި ވާރިދުވެފައިވާ ނައްޞުތަކުން ނެގޭ ޙުކުމްތަކަކީ މިބާވަތުގެ ޙުކުމްތަކެކެވެ. އޭގެ މިސާލަކީ ރިބާއާއި ޒިނޭ ޙަރާމްވުމެވެ. އަދި މިފަދަ ޙުކުމްތަކުގެ ތެރޭގައި މުޢާމަލާތުގެ ޙުކުމްތައްވެސް އެބަހުއްޓެވެ. އެއީ ބައެއްކަހަލަ ތަކެތިވިއްކުން ޙަރާމްވުން ފަދަ ޙުކުމްތަކެވެ. (މިބާވަތުގެ ބައެއް ޙުކުމްތަކުގައިވެސް ޢިލްމުވެރިންގެ މެދުގައި ޚިލާފު އެބަހުއްޓެވެ.)
އިސްވެ މިދެންނެވި ޙުކުމްތަކުގެތެރެއިން ބައެއް ޙުކުމްތަކުގައި، ޢިލްމުވެރިންގެ މެދުގައި ޚިލާފުތައް ހުރީ އެއްބައި ބޭކަލުންގެ އަރިހުގައި ނައްޞު ޞައްޙަވުމާއި ނުވުމުގެ މައްޗަށެވެ. ނުވަތަ ޞައްޙަވުމާއެކު، ނައްޞުން ދެމާނައެއް ދޭހަވުމެވެ. ދެމާނައެއް ދޭހަނުވާނެ ހަމައެކަނި ގޮތަކީ ނައްޞުގެ ބޭރުފުށުގެ މާނަ ހުރިހައި ބޭފުޅުން ނެންގެވުމެވެ. އެއިރުން އޮންނާނީ ހަމައެކަނި ޡާހިރީ މަޛުހަބެވެ.
އިސްވެދިޔަ މަޢުލޫމާތުތަކުން އަޅުގަނޑަށް ދޭހަވަނީ ބަދަލުނުވާނެކަމަށް ޢިލްމުވެރިން ވިދާޅުވާ ޙުކުމްތައްވެސް ބައިތަކަކަށް ބެހިގެންވާކަމެވެ. އެއީ އެމައްސަލަތަކުގައި ޚިޔާލުތަފާތުވުންތައް ހުރި މައްސަލަތަކާއި ޚިޔާލުތަފާތުވުންތައް ނެތް މައްސަލަތަކެވެ. ހަމައެފަދައިން ޚިޔާލުތަފާތުވުން ހުރި މައްސަލަތައް ބެހިގެންވަނީ މުޢުތަބަރު ޚިޔާލުތަފާތުވުންތަކާއި މުޢުތަބަރުކަމެއްނެތް ޚިޔާލުތަފާތުވުންތަކަށެވެ.
ޙުކުމްތަކުގެ ދެވަނަ ބާވަތުގެ ޙުކުމްތަކަކީ ޞަރީޙަ ނައްޞެއްނެތުމުން އެކަމުގެ ޙުކުމް އިސްލާމްދީނުގެ ފިޤުހީ ޤާޢިދާތަކާއި، ޞަރީޙަކަމެއްނެތް ދަލީލުތަކުން ނެރެވޭ ޙުކުމްތަކެވެ. މިފަދަ ޙުކުމްތައް ނެރުމުގައި ޢުރުފަށް ކޮންމެވެސް މިންވަރެއްގެ ބާރުވެރިކަމެއް ލިބިފައިވެއެވެ. އަދި މިޙުކުމްތަކަކީ ވާޤިޢު، ނުވަތަ ޒަމާނާއި ތަނުގެ ޙާލަތަށް ރިޢާޔަތްކޮށް ބަދަލުގެނެވިދާނެ ޙުކުމްތަކެވެ. މިފަދަ ޙުކުމްތަކުގެ ތެރޭގައި ހުންނާނީ މުޢާމަލާތުގެ ޙުކުމްތަކެވެ. އެއީ ސިޔާސީ އަދި އިޤުތިޞާދީ މުޢާމަލާތްތަކެވެ. އަދި އަދަބުތަކުގެ ތެރެއިން ޙައްދު ކަނޑައެޅިފައިނުވާ ކުށްތަކަށް އަދަބު ކަނޑައެޅުމުންފަދަ ކަންކަމެވެ. އަދި އިހުގައި ސަލާމާއި ޞަލަވާތްލެއްވުނު ކީރިތި ރަސޫލުﷲގެ ޒަމާނުގައި ހިގައިފައިނުވާ އައުކަންކަމުގެ ޙުކުމްތަކަކީވެސް މިޒާތުގެ ޙުކުމްތަކެވެ. އިސްލަމީ ޝަރީޢަތުގެ މުރޫނަތްތެރިކަން ނުވަތަ ވިލުންތެރިކަން ފެންނަނީ މިބާވަތުގެ މައްސަކަތަކާ މުޢާމަލާތްކުރުމުގެ މިންގަނޑުތައް ހުރި ގޮތުންނެވެ. މިފަދަ ޙުކުމްތަކަށް ބަދަލުވާ ޙުކުމްތައް ނުވަތަ މުތަޣައްޔިރާތޭ ފިޤުހު ޢިލްމުވެރިން ވިދާޅުވެއެވެ.
ޙުކުމްތަކާ މުޢާމަލާތްކުރާނެ ގޮތް އެނގުން:
ޙުކުމްތަކާ މުޢާމަލާތްކުރާނީ ކިހިނަކުންކަން އެނގުމަކީ ވަރަށް މުހިއްމު ބޭނުންތެރިކަމެކެވެ. ކުރިން ބަޔާންކުރި ފަދައިން ހުރިހާ ޙުކުމްތަކަކީ އެއްދަރަޖައެއްގެ ޙުކުމްތަކެއް ނޫނެވެ. އަދި ޙުކުމްތައް ނެރުމުގައި ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވުން އެބަހުއްޓެވެ. މިޚިޔާލުތަފާތުވުންތަކަށް ބަލާއިރު، އެއާމެދު މުޢާމަލާތްކުރާނެ ގޮތްތަކަށް ވިސްނާއިރު، މިޚިޔާލުތަފާތުވުންތައް މައިގަނޑު ދެބައަކަށް ބަހައިލެވިދާނެއެވެ. އެއިރުން އެކި ޒާތުގެ ޙުކުމްތަކާ މުޢާމަލާތް ކުރަންވީ ގޮތް އެނގިދާނެއެވެ.
ފުރަތަމަ ބަޔަކީ މުޢުތަބަރުކަމެއް ނެތް ޚިޔާލުތަފާތުވުންތަކެވެ. މިފަދަ ޚިޔާލުތަފާތުވުންތަކަކީ ޝަރުޢީ ޞައްޙަ ދަލީލެއްގެ މައްޗަށް ބިނާވެފައިނެތް ޚިޔާލުތަފާތުވުންތަކާއި، އިސްލާމްދީނުގެ އަޞުލުތަކާއިމެދު ހުރި ޚިޔާލުތަފާތުވުންތަކާއި ޒަރޫރީ މިންވަރުކަމަށްބެލެވޭ ޙުކުމްތަކުގައި ހުރި ޚިޔާލުތަފާތުވުންތަކެވެ. ޟަރޫރަތުން އެގެންހުރި ޙުކުމްތަކަކީ، މުސްލިމަކަށްވީތީ އެގުން ލާޒިމްވެގެންވާ ޙުކުމްތަކެވެ. މިސާލަކަށް މާތްﷲ ވޮޑިގެންވުމާއި ރަސޫލުބޭކަލުން ފޮނުއްވުމެވެ. އަދި ޢަޤީދާގެ އަސާސީ ކަންކަމެވެ. އަދި ހަމައެފަދައިން ފިޤުހުގެ ބައެއް އަސާސީ ޙުކުމްތަކެވެ. އިސްލާމްކަމުގެ ރުކުންތައް ފަދަ ކަންކަމެވެ. މިފަދަ ކަންކަމުގައި ޚިޔާލުތަފާތުވުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. އެހެންކަމުން އެފަދަ ޙުކުމްތަކަކީ ބަލައިގަތުން ލާޒިމް އެއާ ދެކޮޅު ހެދުމުން ދީނުގެ އިމުން ބޭރުވުމުގެ އިޙުތިމާލެއް އޮތް ޙުކުމްތަކެކެވެ. މިފަދަ ޙުކުމްތަކާ މުޢާމަލާތްކުރާނީ އީމާންވެ ޤަބޫލުކުރުމުގެ އުޞޫލުންނެވެ. އަދި މިޙުކުމްތަކުގައި ޚިޔާލުތަފާތުވުމަށް ޖާގައެއް ނެތެވެ.
ދެވަނަ ބާވަތަކީ ޝަރުޢީ ގޮތުން މުޢުތަބަރު ޚިޔާލުތަފާތުވުންތެކެވެ. މިފަދަ ޚިޔާލުތަފާތުވުންތައް ހުންނާނީ ޢާންމު ގޮތެއްގައި ކޮންކަހަލަ ޙުކުމްތަކެއްގައިތޯއެވެ؟ އަދި އެޙުކުމްތަކާމެދު ނުވަތަ އެޚިޔާލުތަފާތުވުންތަކާމެދު މުޢާމަލާތްކުރާނީ ކިހިނަކުންތޯއެވެ؟
މުޢުތަބަރު ޚިލާފުވުންތައް ހުންނާނީ ފަރުޢީ ކަންކަމުގައެވެ. މާނައަކީ ފިޤުހުގެ ޙުކުމްތަކުގެ ތެރެއިން އަޞްލީ އަސާސީ ޙުކުމެއްކަމުގައި ނުބެލެވޭ ޒާތުގެ ކަންކަމުގައެވެ. ނަމާދުގެ ހައިއާތުތައް ނުވަތަ ޙަރަކާތްތަކުގެ ބައްޓަމާމެދު، ޚިލާފުވެދާނެއެވެ. ނުވަތަ ފިޤުހުގެ މުޢާމަލާތާ ގުޅުންހުރި ކަންކަމުގެ ތެރެއިން ކަމެއްގެ ޙުކުމަކާމެދު، ނުވަތަ އެއިންކަމެއްގެ އަޞްލަކާމެދު ޚިލާފުވެދާނެއެވެ. ހަމައެފަދައިން އަލަށް ކުރިމަތިވެގެން އަންނަ ކަންކަމުގައިވެސް ޚިޔާލުތަފާތުވެދާނެއެވެ. ޙަރާމްކަމަށް ވިދާޅުވާ ބޭފުޅާ ދަލީލު ނަންގަވާ ނައްޞުން، އެހެން ބޭފުޅަކަށް ދަލީލު ލިބިވަޑައިނުގެންފާނެއެވެ. ނުވަތަ އެބޭފުޅާގެ އަރިހުގައި އެނައްޞަކީ ދަލީލުނަގަން އެންމެ އެކަށީގެންވާ ނައްޞެއްކަމުގައި ނުހިމެނިދާނެއެވެ.
އެހެންކަމުން މުޢުތަބަރު ޚިލާފުތައް މިހިރީ ޙުކުމްތަކުގެ ތެރެއިން ފަރުޢީ ޙުކުމްތަކުގައެވެ. އެފަދަ ޙުކުމްތަކާމެދު މުޢާމަލާތްކުރުމުގައި ޢާންމުންނަށް އޮތް ގޮތާއި ޢިލްމު އުނގެނޭ ދަރިވަރުންނާއި ޢިލްމުވެރިންނަށް އޮތް ގޮތް މުޅިން ތަފާތެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ކޮންމެ ބަޔަކުވެސް މިޙުކުމްތަކާމެދު މުޢާމަލާތްކުރާނީ އެބައެއްގެ ފެންވަރުންނެވެ.
ޢާންމުން މުޢާމަލާތްކުރާނެ ގޮތަކީ ކޮބައިތޯއެވެ؟ ޢާންމުންނަކީ އެމީހުންގެ ކިބައިގައި ޝަރުޢުގެ ޢިލްމުގެ ތެރެއިން އިޚުތިލާފީ މައްސަލައެއްގައި ދިރާސާކޮށް ކަންކަން ބަލާ ހޯދާނެ، ޤާބިލުކަން ނެތް މީހުންނެވެ. މާނައަކީ ފިޤުހީ މައްސަލައެއް ދިރާސާކުރުމުގެ ކުޅަދާނަކަން ނެތް މީހުންނެވެ. މިސާލަކަށް ޢަރަބި ބަސް ނޭނގޭ މީހުންނާއި، ޢަރަބި ބަސް އެނގޭ މީހުންގެ ތެރެއިން އުޞޫލުލް ފިޤުހާއި އުޞޫލުލް ޙަދީސްގެ އެންމެ އާދައިގެ އަސާސީ މިންވަރު ނޭނގޭ މީހުންނެވެ. މިސާލަކަށް ދެ ޙަދީސެއް، ބޭރުފުށުން ފުށު އަރާނަމަ، ތަރުޖީޙުކުރަން ނުވަތަ ޖަމްޢުކުރުން ފަދަ ފަންނީ މަސައްކަތްތައް ކުރާ ގޮތް ނޭނގޭނަމަ، އެފަދަ ކަމެއްގެ ސަބަބުން އުފެދޭ ޚިޔާލުތަފާތުވުމެއް ދިރާސާކުރާނީ ކިހިނަކުންތޯއެވެ؟ އެހެންކަމުން މިފަދަ މީހުން މިދެންނެވި ބާވަތުގެ މުޢުތަބަރު ޚިލާފުތަކުގައި ކަންކުރާނީ ކިހިނަކުން ހެއްޔެވެ؟
އިސްލާމީ ފިޤުހުގެ ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ އެފަދަ މީހާގެ މައްޗަށް އޮތީ ތަޤުލީދުކުރުން ކަމުގައެވެ. މާނައަކީ ކޮންމެވެސް ޢިލްމުވެރިއެއްގެ ރައުޔައަށް ތަބާވާންވީއެވެ. އެބޭފުޅެއްގެ ދަލީލުތައް އެގުމަކާނުލައެވެ. މިގޮތް ހުއްދަވާނީ ހަމައެކަނި އިސްވެ މިދެންނެވި ފަދަ ޢާންމުންނަށެވެ. އެއާއެކުވެސް އެމީހުންގެ މައްޗަށް އޮތީ ދީނުގެ ޢިލްމު އުނގެނިގަތުމެވެ. އެއުނގެނި ގަތުމުގެ ތެރެއިން ޢާންމީންގެ ލިސްޓުން ނުކުމެވިއްޖެނަމަ، ދެން މި ރުޚުޞަތެއް އޭނާއަކަށް ނޯންނާނެއެވެ.
ޢާންމު މީހާއަށް މިރުޚުޞާ ލިބެނީ ޙަދީސްގެ ތެރެއިން ޞައްޙަ ނުވަތަ ޞައްޙަނޫން ޙަދީސްވަކިކުރުން ފަދަ ފަންނީ ކަމެއް އޭނާއަށް ނުކުރެވޭނެތީއެވެ. ޙަދީސެއްގެ ޞައްޙަކަމާމެދު، ދެޢިލްމުވެރިއަކު ޚިލާފުވެއްޖެނަމަ، ކަންކުރާނެ ގޮތެއް އޭނާއަށް ނޭނގޭނެތީއެވެ.
ތަޤުލީދުކުރުމާ ދެކޮޅު ހައްދަވާ ޢިލްމުވެރިންގެ ތެރެއިން އިމާމް އިބްނުޤައްޔިމު ވިދާޅުވެފައިވަނީ ޢާންމު މީހާއަށް އޮންނާނީ ތަޤުލީދުކުރުމުގެ ބަދަލުގައި ތަބާވުމެވެ. މާނައަކީ ދަލީލަކީ ކޮބައިކަން އެނގިގެން ތަބާވުމެވެ. ދަލީލު އެނގުމެއްނެތި ތަޤުލީދުކުރުމެއްނޫނެވެ. މިއީ އަޅުގަނޑުވެސް ޤަބޫލުކުރާ ރައުޔައެވެ. ތަބާވާންޖެހީ މާތްﷲއާ ރަސޫލާއަށެވެ. އެހެންކަމުން އެދެފަރާތުގެ ބަސް އޮތްކަން ޔަޤީންވެގެންމެނުވީ ޢިލްމުވެރިއަކަށް ތަބާވުން ހުއްދަނުވާނެކަމުގެ
މިވާހަކަތަކުގެ ޚުލާޞާއަކީ ޢާންމު މީހާއަށް އިތުބާރުކުރެވޭ ޢިލްމުވެރިއެއްގެ ރައުޔައަށް ދަލީލު ދެނެގަތުމަށްފަހު ތަބާވުމަކީ އޭނާގެ މައްޗަށް އޮތް ގޮތެވެ. ނުވަތަ ޖުމްހޫރުންގެ ރައުޔައާ އެއްގޮތަށް ދަލީލަށް ބެލުމެއްނެތި ތަބާވާވުމަކީވެސް ޢިލްމުވެރިންގެ ރައުޔަކަށް ކުރާ ޢަމަލެކެވެ.
ދެން އޮތީ ދީނުގެ ޢިލްމު އުނގެނޭ ދަރިވަރުންގެ ވާހަކައެވެ. އެމީހުންގެ މައްޗަށްވަނީ ކުޅަދާނަވީ މިންވަރަކުން ދިރާސާކުރުމެވެ. ހުރިހާ ފަރާތެއްގެ ޙުއްޖަތްތައް ދިރާސާކޮށް އެންމެ ޙުއްޖަތުގެ ގޮތުން ވަރުގަދަ ރައުޔައަށް ތަބާވާންވީއެވެ. އަދި އެގޮތް ފައުޅުވެސް ކުރަންވީއެވެ. އެހެންނަމަވެސް އަނެއް ރައުޔަ ނުވަތަ ބަލިކަށި ރައުޔަކަމަށް އޭނާއަށް ފެންނަ ރައުޔައަށާއި، އެރައުޔަ ނިސްބަތްވާ ފަރާތަށް އިޙުތިރާމްކުރުން ލާޒިމުވާނެއެވެ. އަދި އެރައުޔަކީ އިސްލާމްދީނުގެ އިމުންބޭރު ރައުޔައެއްކަމުގައި ހިތުލައިގެންނުވާނެއެވެ.
ޢިލްމުވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނަށް އޮތީ އިޖުތިހާދުކުރެއްވުމެވެ. މާނައަކީ އެފަދަ މައްސަލަތަކުގައި އެންމެ ރަނގަޅު ނުވަތަ ރާޖިޙު ރައުޔަ ބަޔާންކުރައްވަންވީއެވެ. އަދި އެރައުޔައިގެ ޞައްޙަކަމުގެ މައްޗަށް ހުރި ދަލީލުތައްވެސް ނެރެ، ދައްކަވަންވީއެވެ. އަދި އެހެން ޢިލްމުވެރިންގެ ރައުޔަތަކަށް ރައްދުވެސް ދެއްވަންވީއެވެ. އެއީ ޙުއްޖަތުން ކުރާ ކަމެކެވެ. ޒާތީވުމެއްނެތިއެވެ.
މިހުރިހާ ވާހަކައެއް މިދެއްކީ ކީއްކުރަންތޯއެވެ؟
މިހުރިހާ ވާހަކައެއް ދެއްކުމުގެ މައިގަނޑު މަޤުޞަދަކީ އިސްލާމީ ޝަރީޢަތުގައި އައިސްފައިހުރި ޙުކުމްތަކާ މުޢާމަލާތްކުރާނެ ގޮތް ބުނެދިނުމާއެކު، ރާއްޖޭގެ މާޙައުލަށް ނަޒަރުތައް ގެނައުމެވެ. ޙުކުމްތަކާ މުޢާމަލާތްކުރާނެ ގޮތް އެގުމަށްފަހު ދެން އޮތީ އިޖުތިހާދުގެ ދާއިރާ ތަނަވަސްކުރުމެވެ.
ރާއްޖޭގައިވެސް މިޚިޔާލުތަފާތުވުންތައް އެބަހުއްޓެވެ. އެކަމަކު މައްސަލައަކީ ފަރުޢީ ކަންކަމާއި އުޞޫލީ ކަންކަން އެއްހަމައެއްގައި ގުނޭކަމެވެ. އަދި މުޢުތަބަރު ޚިލާފުތަކާ މުޢާމަލާތްކުރުމުގައި އިޙުތިރާމާއި ޤަދަރުކުރުމުގެ އުޞޫލު އިސްނުކުރެވޭކަމެވެ. މިމަޒުމޫނުގެ މިހިސާބަށް އަޅުގަނޑުގެ ލަނޑުދަނޑިއަކީ މިކަންކަން އިޞްލާޙުކުރުމެވެ. މާނައަކީ ފަރުޢުތައް އަޞްލާއި ފަރަޤުކުރެވި، ނައްޞު (ޤުރުއާނާއި، ޙަދީސް)އާއި ފަތުވާއާއި، ފިޤުހު މިއީ ދޭއްޗެއްކަން ޔަޤީންކޮށްދިނުމެވެ.
ޚިލާފުތައް ހުރި މައްސަލައެއްގައި ވަކި ޤައުމެއްގެ ޢިލްމުވެރިއެއްގެ، ނުވަތަ ވަކި ބޭފުޅެއްގެ ބަހަކީ ފަހު ބަހެއްނޫނެވެ. ފަހު ބަސް ހޯދުމަށްޓަކައި ޖެހޭނީ މަސައްކަތްކުރާށެވެ. ހުރިހާ ފަރާތެއްގެ ޙުއްޖަތްތައް ދިރާސާކުރާށެވެ. އެހެންކަމުން ރާއްޖޭގެ ޢިލްމުވެރިން ކުރައްވަންވީ ކަމަކީ އިޙުތިރާމުގެ އުޞޫލު ދަސްކޮށްދެއްވަންވީއެވެ. މާނައަކީ ކޮންމެ ޢިލްމުވެރިއެއްގެ ބަސްވެސް އިޙުތިރާމާއެކު، ބަލައިގަތުމަށްފަހު، ރައްދުދެއްވާނެ ރައުޔައަކަށް ރައްދުދެއްވައި، ތަރުޖީޙުކުރައްވާނެ ރައުޔައެއް ތަރުޖީޙުކުރައްވަންވީއެވެ.
ދެވަނަ ކަމަކަށް އައުކަންކަން އިސްލާމް ދީނުގެ ތިލަފަތުގައި ކިރައި މިންކުރާނީއެވެ. މިކަންކުރުމަށް އަނެއްކާވެސް މުހިއްމު މަރުޙަލާތަކެއް ކަނޑައްތުކުރަން ޖެހެއެވެ. އެގޮތުން ކޮންމެ ކަމަކަށް ޙުކުމެއް ނެރުމުގެ ކުރިން އެކަމެއް ރަނގަޅަށް ދެނެގަނެ، އެކަމެއް ހިނގާ ގޮތް އެގިގެން އެކަމަކަށް ޙުކުމެއް ނެރުން ހުއްޓެވެ. މިސާލަކަށް ދަންނަވަނީނަމަ، އިންޓަރނެޓު މެދުވެރިކޮށް ކުރާ ވިޔަފާރި ފަދަ ކަންކަމުގައި އެކަންކަން ހިނގާ ގޮތް އެގުމަށްފަހު، ހުއްދަކުރާނެ އިންތަކެއް ނުވަތަ ޝަރުޠުތަކެއް ކަނޑައެޅިދާނެއެވެ.
އެކަމެއްގެ އަޞްލާމެދު ނުވަތަ ޙުކުމާމެދު، ދުނިޔޭގެ ބޮޑެތި ޢިލްމުވެރިން ވާހަކަ ދައްކަވައި އެކަމެއް ހުއްދަވާނެ ޝަރުޠުތައް ކަނޑައަޅުއްވާފައިވާ ކަމެއްނަމަ، އެ ޝަރުޠުތަކުގެ އަލީގައި އެކަމަކަށް ޙުކުމެއް ނެރޭނީއެވެ. މިސާލަކަށް ދަންނަވަނީނަމަ، ޓެކުސް ނެގުމާ ގުޅުންހުރި ޤާނޫނެއް އިހެއް ދުވަހު ރައްޔިތުން މަޖިލީހުން ފާސްކުރައްވައިފިއެވެ. އިސްލާމް ދީނުގެ މިންގަނޑުތަކުން މިފަދަ ޤާނޫންތަކަށް ނަޤުދުކޮށް ފާޑިކިޔައި ހެދިދާނެއެވެ. އެގޮތުން ޢިލްމުވެރިން "އަޙުކާމުއް ޟަރާއިބު" ނުވަތަ ޓެކުސްއާ ގުޅުންހުރި ޙުކުމްތަކާއި ޝަރުޠުތައް އެހެރީ ފޮތްތަކުގައި ބަޔާންކޮށްދެއްވާފައެވެ. ދެން އެޝަރުޠުތައް މިޤާނޫނުގައި ހަމަވަނީ ކޮން މިންވަރަކަށްތޯ ބަލައި މަދުވާކަންކަން ފާހަގަކޮށް، އިޞްލާޙުކުރަން ޖެހޭކަންކަން ބުނެދިނުން ނޫންކަމެއް ދިވެހި ޢިލްމުވެރިޔާއަކަށް ނެތެވެ.
މިކަމުގައިވެސް ދެ ޢިލްމުވެރިއަކަށް ދެ ގޮތަކަށް ޙުކުމް ނެރުއްވިދާނެއެވެ. ދެގޮތަކަށް ދެކެވަޑައިގެންފާނެއެވެ. އެއީ އެދެބޭފުޅުން ޤަބޫލުކުރައްވާ އުޞޫލުތައް ތަފާތުވުމުގެ ސަބަބުންނެވެ. އެޙާލަތުގައި އެދެބޭފުޅުންގެ މަރުޖިޢުތައް ނުވަތަ ރިފެރެންސްތައް ތަފާތުވެދާނެއެވެ. އެހެންކަމުން މިޙާލަތުގައިވެސް ޚިޔާލުތަފާތުވި ސަބަބު ހަނދާނުގައި ބަހައްޓައިގެން އެކަކު އަނެކަކަށް ރިވެތި ގޮތުގައި ރައްދު ދެއްވަންވީއެވެ.
މިއަދު އަޅުގަނޑުމެން ޤައުމުގެ ވެރިކަމުގެ ނިޒާމުގައިވެސް ފާޑުކިޔަން ޖެހޭ ކަންކަން ހުރެދާނެއެވެ. އެކަންކަމަށްވެސް އިސްލާމީ ނަޒަރަކުން ފާޑުކިޔެން އެބަޖެހެއެވެ. އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއް މިއަދު މިވަނީ އުފަން ކުރެވިފައެވެ. އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކާއި އެދީނުގެ ފިޤުހީ ޤަވާޢިދުތަކުގެ މައްޗަށް ބަލައިގެން މިނިޒާމް ދިރާސާކުރެވިފައިވަނީ ކޮންމިންވަރަކަށްތޯއެވެ؟ ނުވަތަ މަދަނަ ދިރާސާކޮށް އިސްލާމީ އިންޝުއަރޭންސްގެ މިންގަނޑަށް ނުފެތޭނަމަ، އެމިންގަނޑަށް ފެއްތުމަށް މިހާތަނަށް ކުރެވިފައިވަނީ ކޮންކަމެއްތޯއެވެ؟
އެހެންކަމުން މިއަދު އަޅުގަނޑު މިދެންނެވި އެކުވެރިކަމާއި އިޙުތިރާމްކުރުމުގެ މާޙައުލުގެ ތެރެއިން ދިވެހިންގެ ކުރިމަތީގައި އެތުރިފައިހުރި ގިނަގުނަ މައްސަލަތަކަށް ޙުކުމްތަކެއް ނެރެން އެބަޖެހެއެވެ. އެއީ ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢަތް ވެށި ބިނާކުރުމަށެވެ. އެންމެ ފުރިހަމަ ގޮތުގައި އިޖުތިމާޢީ ރައްކާތެރިކަން ލިއްބައިދެނީ މިޝަރީޢަތްކަން އެގޭނީ މިޝަރީޢަތުގެ ނައްޞުތަކުގެ އަލީގައި އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއް އުފެދިގެނެވެ. ސިޔާސީ ގޮތުން ދިވެހި ޤައުމުގައި އިސްލާމީ ޝަރީޢަތް ތަންފީޒުވާނީ ސިޔާސީ ނިޒާމު އިސްލާމީ ތިލަފަތަކުން ކިރައިލެވިގެނެވެ. ދިވެހި ރާއްޖޭގެ ހެނދޭ ޤާނޫންތައް އިސްލާމީ ޝަރީޢަތާ އެއްގޮތްވާން ޖެހޭނެކަމަށް ޤާނޫން އަސާސީގައި ބުނެފައިވާއިރު، އެކަން ކުރެވޭނީ ދީނީ ޢިލްމުވެރިން ޤާނޫންތައް ދިރާސާކުރައްވައި އެޔަށް ނަޤުދުކުރައްވައިގެނެވެ. އެހެންކަމުން މިކަން ކުރައްވާނެ ބޭފުޅުންތަކެއް ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ ތެރެއިން ފެންނާނީ ކޮންދުވަހުކުހެއްޔެވެ؟ ދިވެހި އިސްލާމީ ޙަރަކާތް ފިޤުހީ ޙަރަކާތެއްކަމުގައިވާނީ ކޮން އިރަކުންހެއްޔެވެ؟
އޭހައްދަވާ ބޮޑުކުރައްވާ ގެންގުޅުއްވާ ކަށަކުޅަދުންވަންތަ މާތްﷲއެވެ. އަޅަމެންގެ ލޮބުވެތި ފަސްގަނޑުގައި އިބަރަސްކަލާނގެ ޝަރީޢަތް ފުރިހަމަ ގޮތުގައި ތަންފީޒުކުރެވޭނެ މަގުތަށް އަޅަމެނަށް ތަނަވަސްކޮށްދެއްވާށިއެވެ.
މިލިޔުމުގެ މަޞްދަރުތައް:
أدب الإختلاف فى الإسلام ލިޔުއްވީ: ޑރ.ޠާހާ ޖާބިރު علوني
إصلاح الفكر الإسلامي ލިޔުއްވީ: ޑރ. ޠާހާ ޖާބިރު علواني
الوجيز فى أصول الفقه ލިޔުއްވީ: ޑރ. ވަހުބަތުއް ޒުޙައިލީ
دستور الوحدة الثقافية بين المسلمين ލިޔުއްވީ: ޝައިޚު މުޙައްމަދު އަލްޣަޒާލީ (މިފޮތަކީ މުޅި ލިޔުމުގެ ފިކުރާގެ މަޞްދަރެވެ.)
January 18, 2011
ޝިފްޒާން ތިކުރައްވާ މަސައްކަތުގައި ބަރަކާތް ލައްވާށި!. މިލިޔުމުގެ ސަބަބުން ކުރިން ލޯ ހުޅުވިފައިނުވާ ނުކުތާތަކަށް ލޯ ހުޅުވިއްޖެއެވެ. ދިވެއްސެއްގެ ހައިސިއްޔަތުން އަދި މުސްލިމެއްގެ ހައިސިއްޔަތުން ޤައުމާއި ދީނަށް ޚިދުމަތްތަކެއް ކުރެވިދަނެ ދޮރުތަކެއް މިލިޔުމުގައި ދައްކުވައިދީފައިވާތީ ވަރަށް އުފާވެއްޖެއެވެ. ދެން އޮތީ ލިޔުމުން ފާހަގަކުރެވުނު ނުކުތާކަތެކެވެ. ފުރަތަމަ ސުރުހީއެވެ. "ދިވެހިންގެ ފިޤުހު" މިގޮތަށް އޮތީމަ ޢާއްމުބަހުރުވައިންނަމަ އެއްވެސް މައްސަލައެއް ނެތި ހިނގައިދާނެއެވެ. އެހެން ނަމަވެސް ޢިލްމީ އިޞްޠިލާޙުތައް ގެނެވޭގޮތަށް ބަލާއިރު މިހެން އޮތުމުން ހީވަނީ ދިވެހިންނާއި ބެހޭ މަޢުލޫމާތު ތަކެއްގެ ވާހަކަ ގެންނަވަން އުޅުއްވަނީ ހެނެވެ. މިސާލަކަށް "ފިޤުހުއްޒަކާ" "ފިޤުހުލްޖިހާދު" ފިޤުހުލް ޣިނާ" މިއެވެ. ދެން އޮތީ " ޟަރޫރަތުން އެގެންހުރި ޙުކުމްތައް" މިހެން ބުނުމުން " މާ ޢުލިމަ މިނައްދީނި ބިއްޟަރޫރާ" މިޤާޢިދާ ނޭނގޭ މީހަކަށް މީގައި މިބުނާ އެއްޗެއް ދޭހަވާން އުނދަގޫވެދާނެއެވެ. އެޤާޢިދާގެ ތަރުޖަމާ "ދީނީގޮތުން އެނގުން ކޮންމެހެން ލާޒިމު" ނުވަތަ މިފަދަ މާނައެއް ދޭހަވާ އެހެންވެސް ގޮތަކަށް ތަރުޖަމާކުރެއްވުން ކިހިނެއްވާނެތޯއެވެ؟ ކޮންމެހެން އެނގެން ޖެހޭ ޙުކުމްތަކެއްގެ ވާހަކަ ދައްކާއިރު އެކަމަށް ބޭނުންކުރާ ޤާއިދާވެސް ވާންޖެހޭނީ އިތުރު ޢިލްމުވެރިކަމެއް ނެތަސް އެނގޭނެފަދަ ޤާއިދާއަކަށް ކަމުގައި ދެކޭތީ އެވާހަކަ ދަންވާލާީއެވެ.=ފަތުއަޑުކިޔާފައި ރަތަހައަށް ސަޕޯޓުކުރާ މީހާ=
January 20, 2011
Matheegaivaa coment liyuhvi akhah dhannavameve.
Thibaage thifadha binaakuruvanivi khiyaaluthakah beynunjehifaivaa meehekkamuga alhgaduvameve.
Thibaa alhugadaa medhu faalhukurevvi heyo shu'ooruthakahtakaa shukuru dhannavameve. Thibaage thiya khiyaalufulhun bodethi faidhaa thakeh libijje eve. Ithuru liyumeh liyumuga thiya nukuthaathakah samaalu vaanameve.
January 20, 2011
maasha ALLAH, dheeny ilmu ungeney dhivehi zuvaanunge medhugai mifadha reethi sifathah ashaganna kamee vvvv ufaaverikameh... "ANEKA"ge bas heyohithun balaigathumuge qaabilukan nethumaky dhivehi islaamy harakaaathugawi emme fennamundha emme hithaamaveri manzaru.... bro SHIFZAN ah barakai lavvaashi.
January 23, 2011
ދިވެހި ބަހުގެ ގަވާއިދާއި ޚިލާފަށް ސުކުން ކުރުމާއި ޢިބާރާތް ކުރުންފަދަ ކަންކަން ލިޔުމުގައި ފެންނަން އެބަހުރި. މިފަދަ އަގުހުރި ރަނގަޅު ލިޔުންތައް ލިޔާއިރު ބަހުގެ ގަވާއިދުތަކަށް ވެސް ސަމާލުކަން ދީގެން ލިޔުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ދެކެން. އެކަން އިސްލާހު ކުރުމަށް ބާރުއެޅުމުގެ ގޮތުން ދަންނަވާލީ. ކުރިމަގުގައި ލިޔުންތައް ކިޔުންތެރިންނާއި ހަމައަށް ގެނައުމުގެ ކުރިން ވީހާވެސް ބޮޑަކަށް އިސްލާހު ކުރާނެ ކަމަށް އުއްމީދު ކުރަން. ޝުކުރިއްޔާ. ވަރަށް ފުރިހަމަ މަޢުލޫމާތު ހުށައަޅައިދީފައިވާ ލިޔުމެއް.