ދޮގެއްތަ؟



މިތާ ދުނިޔޭގެ އަސްލު އުސޫލު އޭގެ މަޤާމުގައި ދަންނަން
 ހިތާވާ ގޮތްތަކަށް ބުއްދިން ބަލައިގެންނޭ ވަނީ ހުންނަން

އެދޭހާ ކޮންމެ އެއްޗެއް ނުލިބެޔޭ ނުލިބޭނެޔޭ މިތަނުން
ލިބޭ އެއްޗެއް ބަދަލްނުވެ، ޢުމުރު ދުވަހަށް ނުހުރެެޔޭ ފެންނަން

ހިތަށް އެރިހާ ގޮތަށް އެތަކެއް ބިނާތައް އުސްމިނަށް ނެގިޔަސް
ހިތަށް، މުޅި ހަށިގަނޑަށް ދަތި ގޮޅިއެކޭ ލިބެނީ ފަހުން އޮންނަން

ކިތަންމެ ތިމާގެ ހައިބަތު ބޮޑުވެފައި ހިތް މޮޅުވެފައި ހުއްޓަސް
އެތައް ގިނަ ދޮރުތަކެއް ނެތް، ބޮޑުވެފައި ގޮސް އެތެރެއަށް ވަންނަން

ކަފުންވީމާ ރަހެއް، ވެރިއެއް ފަގީރެއް ތާޖިރެއް ނަމަވެސް
ފަހުން ނުލިބޭނެ އިތުރަށް ފުރުސަތެއް މިތަނަށް އަލުން އަންނަން

އަޅުން ބުއްދީގެވެރި ދަންވަރު ވަގުތު ވަދެގެން ބަގީޗާއަށް
މަލުން ވަސް މީރު، ހޯދާ އަބަދުވެސް އަބަދަށް އެކީ ބިންނަން





ފާހަގަ:

0 ޚިޔާލު!

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!