މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ހަނދުއެހެރީ އަރައެވެ. ބުނާކަހަލަ އެވެ.
ބައިވެރިޔާ އަންނަންދެން މަޑުކޮށްލަދޭން އެދޭށެވެ. މަޑުކޮށްލެވިދާނެ އެވެ.
އިރުކޮޅެއްތެރޭ ހަނދު އޮއްސޭނެ އެވެ.
ޔަގީންކަމެއްނެތް އިންތިޒާރެއްގައި އަހަރެން އިންދަ އެވެ.
އެ ހިނދުކޮޅު، އެ ހަމަހިމޭންކަން ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމަ އެވެ.

އިރު ފެނުން ތޮޅިފައިފި އެވެ.
ގަންދެއްވި ހެކިކުރެވުނު ވަގުތުކޮޅު މިއޮށް ދަނީ އެވެ.
އަވި ބާރުވެ، ދުވާލުގެ ހޭބޯނޭރުމުގައި ދުނިޔެ މަޝްޢޫލުވަނީ އެވެ.
އެ ހިނދުކޮޅު، އެމަންޒަރު، ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމަ އެވެ.

އަސުރުން ތިރިވިފަހުން ވާރޭވެހެން ފެށި އެވެ.
ކޮންމެ ފެންތިއްކެއް ވަކިވަކިން ސުވާލުކުރެއެވެ. އެކަނި ތިހުރީ ކީއްވެހެއްޔެވެ.
ފެންތިކިތައް އަތުގުޅާލައި އިސާހިތަކު މަގުތައްމަތީ ބިޔަ މުޒާހަރާއެއް ފަށައިފި އެވެ. "ބައިވެރިޔާ!! ބައިވެރިޔާ!!"
އެ ހިނދުކޮޅު، އެ އިހުސާސް ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމަ އެވެ.

ވިލާތައްކެހި އުޑުމަތި ސާފުވެއްޖެއެވެ. އިރުއޮއްސެނީ އެވެ.
އުޑުގެ ކޮންމެ ދިމާލަކުންވެސް އުޅެނީ ވީ އެންމެ ޗާލު އަޔެއް ދިއްލުވޭތޯ ބަލާށެވެ.
ޤުދުރަތުގެ އެކި ދިމާއަށް އަލިކޮށްގެންވެސް އެހެކިތައް މި ލޮލުގައި އަޅައިގަނޭތޯ އެވެ.
އެ ހިނދުކޮޅު، އެއަސަރު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމަ އެވެ.

އޭ ލޯބިވެރިޔާ އެވެ! ތިބާއާ އަހަރެން މުޚާޠަބު ކުރަންވީ ކޮންނަމަކުންހެއްޔެވެ؟

ކަލާ ތިއީ ތައުބާއެވެ. ހަނދުވަރުގެ ފަނޑުއަލީގައި ކަލާއެކު ވުމަށް އަހަރެން އެދެމެވެ.
ކަލާ ތިއީ ޝަރުޢެވެ. ކޮންމެދުވަހަކާ ކުރިމަތިލުމަށް ތިބާ އަހަރެންގެ ޢަމަލުތަކާ އަތު ގުޅާލުމަށް އަހަރެން އެދެމެވެ.
ކަލާ ތިއީ ޝުކުރެވެ. ރިޒްޤުގައި ހިފުމަށް ކަލާ ގެ ދެއަތުން އަހަރެއްގެ ދެއަތް އުފުލާ ދިނުމަށް އަހަރެން އެދެމެވެ.
ކަލާ ތިއީ އީމާންކަމެވެ. ދުނިޔަވީ އަލިތަކުން އާޚިރަތަށް ތިބާ މަގު އަލިކޮށް ދިނުން އަހަރެން އެދެމެވެ.

ދުނިޔެމިއީ ކުޑަ ހިނދުކޮޅެކެވެ.
އެ ހިނދުކޮޅު، މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމަ އެވެ.
--------------
(ނިމުނީ)
ފާހަގަ:

1 ޚިޔާލު!

  1. ހާދަމޮޅޭ
    March 31, 2011

    ކޮންމެއަކަސް މިލިޔުން ކިޔާލުމުން އަޙްމަދު ޝަމީނުގެ އަދަބީ ހުނަރުވެރިކަން ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. ތަރަހައިގެ ބައިވެރިންގެ މިކަހަލަ ނަލަ މަސައްކަތްތައް ދުށުމުގެ އިންތިޒާރުގައި ހުރީމެވެ. އަދި ތިޔަ ކުދިންނަށް މާތްﷲ ބަރަކާތްލައްވާށިއެވެ.

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!