ބައެއްގެ ވާހަކަ

 -ނަބީލް-


"އެމީހުން އެންމެން ވަނީ ވަރަށް ބޮޑު ކަމެއްގެ މައްޗަށް އިއްތިފާޤުވެފައެވެ. އެއީ ދުވަހަކު ވެސް އެއްބަޔަކު އަނެއް ބަޔަކަށް އިއްތިފާޤު ނުވުމުގެ މައްޗަށެވެ."1
އެމީހުންގެ ބަހަކީ އަބަދުވެސް އެއް ބަހެކެވެ.
އެއީ ދުވަހަކު ވެސް ކަމަކާއި އެއްބަސް ނުވުމަށް ބުނެވޭ ބަހެވެ.


އެމީހުން އެއްބައިވަންތައެވެ. އެންމެން އެއްބައި ނުވުމުގައެވެ. އެކުވެރިއެވެ. އެކަކު އަނެކަކަށް ދެކޮޅުވެރިވުމުގައެވެ. އެހެނަސް ވަރަށް ރަހުމަތްތެރިއެވެ. ސައިބުއިމާ ސުއްޓާ ބުއިމުގައެވެ.
އެމީހުންގެ ކިބައަކުން އެއްވެސް ތަފާތެއް ނުފެނުނެވެ. އެންމެން އެއްގޮތެވެ. ހަމަ އެކައްޗެކެވެ.


އެމީހުންވަނީ އެކަކު އަނެކަކަށް ބައިޢަތު ހިފާފައެވެ. ދުވަހަކުވެސް އެންމެން އެއްވެ އެކެއްގެ މައްޗަށް ބައިޢަތު ނުހިފުމަށެވެ.
އެމީހުންގެ ޚަލީފާއަކީ ޚިލާފުވުމެވެ. އަމީރަކީ ގަމާރުކަމެވެ. ރައީސަކީ އަސީރުވުމެވެ.


އެމީހުން އެންމެންނަކީ ވެސް ޖެހިލުން ކުޑަ ބައެކެވެ. ބިރުކުޑަ ބައެކެވެ. ކެރޭ ބައެކެވެ. އެމީހުންގެ ރައްޔިތުންގެ ކުރިމަތީގައެވެ.
އެމީހުންނަކީ އޯގާތެރިބައެކެވެ. ޢަދުއްވުންގެ ޅަ ދަރީންނަށްޓަކައެވެ. ރަޙުމުހުރި ބައެކެވެ. ދުޝްމަނުންގެ އަނބީންނަށްޓަކައެވެ. މަދަދުވެރިވާ ބައެކެވެ. އަނިޔާވެރިންގެ ކުރިއެރުމަށްޓަކައެވެ.


އެމީހުންނަކީ ދުރުވިސްނޭ ބައެކެވެ. ވެރިކަން ޙިމާޔަތްކުރާނޭ ގޮތާއި މެދުގައެވެ.
ސަމާލުވެ ލޯހުޅުވައިން ތިބޭ ބައެކެވެ. ގޮޑިތަކާއި މެދުގައެވެ.
އަމާނާތްތެރި ބައެކެވެ. ޚިޔާނާތްތެރިވުމުގައެވެ. ތެދުވެރިބައެކެވެ. ދޮގުހެދުމުގައެވެ.


އެމީހުންނަކީ މިނިވަނުންނެވެ. ދީނުގެ އެންމެހާ ހައްޔަރަކުންނެވެ. ދީނާއި ދުނިޔޭގެ ހަމަތަކާއި އުސޫލުތަކުންނެވެ.
 (ނިމުނީ)

__________________________
(1) މިއީ ޢަރަބި ވެރިން ސިފަކުރުމަށް ޖެހެވޭ މިސާލު ބަހެކެވެ.


ފާހަގަ: ,

3 ޚިޔާލު!

  1. haadha furihama liyumekey .. maashaa allaah ... nooruh salaam ge dhoo faeyha kuravvai , hie alhi kuravvai , khiyaalu thanavas kuravvaashi .. aameen ..

  2. ވަރަށް ފުރިހަމަ ކިޔާލާހިތުން ކިޔާލެވުނު ލިޔުމެއް..

  3. noorey gadha..saabahey nooorubey..thy kickeh..mamee vs kickeh..kicku kicku

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!