ތަރުޖަމާކުރީ: ޝިފްޒާން އަޙްމދު
އެނަންހުރި ކުންފުނިން، އޭނާއަށް ވަޒީފާއެއް ލިބުމުން، އެޒުވާނާގެ ހިތް އުފަލުން ފޮޅިގެން ދިއައެވެ. އަދި އޭނާ އުފަލުން ފަޒާގެ ތެރޭގައި އުދުހެން ފެށިފަދައެވެ. އެފަދަ ވަޒީފާއެއް، އޭނާގެ އެކުވެރިންގެ ތެރެއިން ލިބުނީ އޭނާއަށެވެ. ހަމައެކަނި އޭނާއަށެވެ. ބަރާބަރަށް ގަނޑިޔަށް ޙާޟިރުވުމާއި ހަފުތާއިން ހަފުތާއަށްކުރާ މަސައްކަތުގެ ރިޕޯޓު ހުށަހެޅުން ލާޒިމުކުރާ އެއްބަސްވުމުގެ މުއްދަތު ފާއިތުވީއެވެ. އަދި ފަރުވާކުޑަކުރާ ވަގުތުގައި އަދަބުލިބި، ބެލެހެއްޓޭނެކަމަށް އެއްބަސްވީ ޒަމާން ފަސްދިނީއެވެ.
އެނަންހުރި ކުންފުނިން، އޭނާއަށް ވަޒީފާއެއް ލިބުމުން، އެޒުވާނާގެ ހިތް އުފަލުން ފޮޅިގެން ދިއައެވެ. އަދި އޭނާ އުފަލުން ފަޒާގެ ތެރޭގައި އުދުހެން ފެށިފަދައެވެ. އެފަދަ ވަޒީފާއެއް، އޭނާގެ އެކުވެރިންގެ ތެރެއިން ލިބުނީ އޭނާއަށެވެ. ހަމައެކަނި އޭނާއަށެވެ. ބަރާބަރަށް ގަނޑިޔަށް ޙާޟިރުވުމާއި ހަފުތާއިން ހަފުތާއަށްކުރާ މަސައްކަތުގެ ރިޕޯޓު ހުށަހެޅުން ލާޒިމުކުރާ އެއްބަސްވުމުގެ މުއްދަތު ފާއިތުވީއެވެ. އަދި ފަރުވާކުޑަކުރާ ވަގުތުގައި އަދަބުލިބި، ބެލެހެއްޓޭނެކަމަށް އެއްބަސްވީ ޒަމާން ފަސްދިނީއެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ. ޒުވާނާ އެއްދުވަހަކު އޭނާގެ މައްޗަށް ހުންނަ ވެރިޔާ ގާތަށް ހިގައްޖެއެވެ. އަދި ބުންޏެވެ. އަހުރެން މާދަމައިން ފަށައިގެން ގަނޑިތަކަށް ޙާޟިރުވުން ހުއްޓާލާނަމެވެ. އަދި ކަނޑައެޅިފައިވާ ވަގުތަށް ރިޕޯޓުތައް ހުށައެއް ނާޅާނަމެވެ. އަދި ކިއެއްހެއްޔެވެ؟ ކުޑަކޮށް ލަސްކޮށްލާނީއެވެ. އަދި އެކަމާމެދު ފިޔަވަޅެއް އެޅިޔަކަވެސް ނުދޭނަމެވެ. އަހުރެން ވަޒީފާއިން ވަކިކުރުމުގެ ޙައްޤެއްވެސް ތިބާއަކަށް ނޯންނާނެއެވެ.
އަހަރުމެން މިޒުވާނާގެ ވާހަކަ ޚިޔާލަށް އައުމުން އޭނާއަށް މަލާމާތްކޮށް ހީހަދާނަމުއެވެ. އަދި އެއްބަޔަކު އޭނާއަކީ މޮޔަ ހަމަނުޖެހޭ މީހެއްކަމުގައި ސިފަކުރާނެއެވެ. އޭނާގެ މައްޗަށް ކަނޑައެޅިފައި ހުރި ވާޖިބުތައް އަދާކުރުމަކާ ނުލައި، ޙައްޤުތައް ހޯދަން އުޅެނީ ކޮން ހަމައަކުން ހެއްޔެވެ؟
އަހަރުމެންގެ ތެރެއިން މިއަޖައިބުކުރުވަނިވި އަމަލު ހިންގާ މީހުންގެ ޙާލަތަކީ ކޮބައިތޯއެވެ؟ އަދި އެއަށްވުރެ ނުބައިވެގެންވާ ކަމެއްކުރާ މީހުންނެވެ. އެއީ ﷲތަޢާލާގެ ޙައްޤުގައި ކުރެވޭކަމެކެވެ. ދުނިޔޭގައި އެމީހެއްގެ ވަށައިގެން މާތްﷲ ކުއުމާއި ބުއިމާއި، އަންނައުނާއި ފޭރާމާއި ދުނިޔޭގެ އަރާމު ފަދަ ނިޢުމަތްތައް ލެއްވުމުން، އެއިން ނިޢުމަތް ލިބުމަށް ފަހުގައި، އެކަލާނގެ އަމުރުކުރެއްވި އެންމެ ކުދި އާދައިގެ ކަންކަންވެސް އަދާނުކުރަނީއެވެ. އެއީ ނަމާދެވެ. އެނަމާދު އަދާކޮށްފިނަމަ، ވަގުތުގައި އަދާނުކުރެއެވެ. އެނަމާދުކުރަނީ ހާލު ފަތިހަށް ގޮވާ ބީދައިންނެވެ. އެނަމާދުގައި މަޑުމައިތިރިވެ، ބިރުވެތި ނުވެއެވެ. އަދި ކިޔާއެއްޗެއް ނުވަަކު އެގެއެވެ.
ޠަރީޤުލް އިސްލާމް ވެބްސައިޓުގައި 8800އަށް ވުރެ ގިނަ މީހުން ބައިވެރިވި، ސާވާއެއްގެ ނަތީޖާ މިލިޔުމުގައި ހިމަނައިލާނަމެވެ. އެސާވޭގައި ސައިޓުން ކުރި ސުވާލަކީ ފާއިތުވި ހަފުތާގައި ފަތިސްނަމާދުކުރީ ކިތައް ދުވަހު ތޯއެވެ؟ އަދި ނަމާދު މިސްކިތުގައި ކުރުން ޝަރުޠެއް ނުކުރަމެވެ. ނަތީޖާއަކީ ނާއުންމީދުކުރުވަނިވި ނަތީޖާއެކެވެ. ހިތާމައިގެ ކޮޅެއްނެތެވެ. 34 އިންސައްތަ މީހުންނަކީ އެއްވެސް ގޮތެއްގައި ފަތިސް ނަމާދު ނުކުރާ މީހުންނެވެ. އަދި 15 އިންސައްތަ މީހުންނަކީ މުޅި ހަފުތާގެ ތެރޭގައި އެއްފަހަރު ނުވަތަ ދެފަހަރު ނަމާދުކޮށްލި މީހުންނެވެ. އަދި 19 އިންސައްތައަކީ ހަފަހަރާއި ތިން ފަހަރާ ދެމެދުގެ ޢަދަދަކަށް ފަތިސް ނަމާދު އަދާކުޅަ މީހުންނެވެ. އަދި ބާކީވި 31 އިންސައްތަ މީހުންނަކީ ބަރާބަރަށް ފަތިސްނަމާދުކުރުމުގެ މަތީގައި ދެމިތިބޭ މީހުންނެވެ. އެހެންނަމަވެސް އޭގެ ތެރޭގައި އެއްފަހަރު ނަމާދު އަޅާފައިވާ ބަޔަކު ނިސްބަތުން މަދު ޢަދަދަކަށް ހިމެނެއެވެ. ސުބުޙާނަﷲއެވެ. މާތްﷲގެ ހުސްޠާހިރުވަންތަކަމާއެވެ! އަހަރުމެން މިވާހަކަދައްކަނީ ޢިލްމުެވރިންގެ މެދުގައި ޚިޔާލުތަފާތުވުންތައް ހުރި އިޖުތިހާދީ މައްސަލައެއްގެ ވާހަކައެއްނޫނެވެ. މިވާހަކަދައްކަނީ ލުއި ކުރުން ހުއްދަވެގެންވާ ސުންނަތް ޢަމަލކާމެދުގައެއްވެސް ނޫނެވެ. އެހެންނަމަވެސް މިވާހަކަދައްކަނީ އިސްލާމްދީނުގެ އަލިފުބާއާމެދުގައެވެ. އެދީނުގެ އެންމެ އަސާސީކަންކަމާމެދުގައެވެ. އަޅުގަނޑުމެވާ މިދައްކަނީ، ކޮންމެ ޙާލަތެއްގައި ކޮންމެ ވަގުތެއްގައިވެސް އަދާކުރުން މާތްﷲ މުސްލިމުންގެ މައްޗަށް ފަރުޟުކުރައްވާފައިވާ ނަމާދުގެ ވާހަކައެވެ.
މާތްﷲ އެނަމާދު މުސްލިމުންގެ މައްޗަށް ފަރުޟުކުރެއްވުމާއެކު، އެނަމާދު ވަގުތުން ލަސްކުރާ މީހުންނާމެދު ވަޢުދުގެ ބަސްފުޅު ވަޙީކުރެއްވިއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (فويل للمصلين الذين هم عن صلاتهم ساهون ) މާނައީ: ނަމާދުކުރާ މީހުންނަށް ހަލާކު ހުއްޓެވެ. އެއީ އެބައިމީހުންގެ ނަމާދާމެދު ފަރުވާކުޑަވެގެންވާ ޙާލު ނަމާދުކުރާ މީހުންނެވެ. މިއާޔަތުގެ ތަފްސީރުގައި ދަންނަ ބޭކަލުން ވިދާޅުވާ ގޮތުގައި ނަމާދާމެދު ފަރުވާ ކުޑަވުމަކީ އެނަމާދުގެ ވަގުތުން ފަސްކުރުމެވެ. އަދި ބަހުގައި ވައިލަކީ ހަލާކެވެ. އެހެންނަމަވެސް ވައިލަކީ ނަރަކައިގެ ވާދީއަކަށް ކިޔޭ ނަމެއްވެސްމެއެވެ. ފުންވެގެންވާ ވާދީއެކެވެ. އަނދިރިކަން ގަދަވެގެންވާ ވާދީއެކެވެ. އިސްލާމީ އުންމަތް އެއުންމަތުގެ ވެރި އިލާހުގެ ފޮތް ތެދުކުރޭ ހެެއްޔެވެ؟
މިހާރަކަށް އައިސް ވަރަށްގިނަ މުސްލިމުން ފަތިސްނަމާދު އަޅައެވެ. އެބައިމީހުންގެ ބަސްފޮތްތަކުގައި އެލަފްޒުވެސް ނެތް ފަދައެވެ. އެއްބަޔަކު އެނަމާދުކުރަނީ އެނަމާދުގެ ވަގުތު ފާއިތުވާތާ ގަނޑިއިރުތަކެއް ފަހުންނެވެ. އަނެއްބަޔަކު އެނަމާދުރަނީ މެންދުރުނަމާދުގެ ކުރިން ކުޑަ ހިނދުކޮޅެއް ކުރިންނެވެ. އަނެއްބަަޔަކު އެނަމާދު ނުވެސްކުރަނީއެވެ. ﷲގެ ޙައްޤުގައި މިފަރުވާކުޑަކުރަނީ ނުވަތަ ކުރެވެނީ ކީއްވެހެއްޔެވެ؟
އަހަރުމެން އެންމެންވެސް ޤަބޫލުކުރާ ގޮތުގައި މިދުނިޔޭގައިވާ ހުރިހާ މަޚުލޫޤުންނަކަށްވުރެ މާތްﷲ އަހަރުމެން ގާތުގައި ލޮބުވެތިކަން ބޮޑުވެގެންވޭ ނޫންހެއްޔެވެ؟ އަހަރުމެން އެކަކު އަނެކަކު ދެކެ ތެދުވެރި ލޯތްބަކުން ލޯބިވެއްޖެނަމަ، އެކަކު އަނެކަކާ ބައްދަލުކުރަން ބޭނުންވެއެވެ. ކިއެއްހެއްޔެވެ؟ އެވަގުތެއް އަންނާނެ އިރަކާމެދު ވިސްނަންފަށައެވެ. ބައްދަލުވާ ވަގުތު ގާތްވާ މިންވަރަކަށް ލޮލަށް ނިދިއައުން ދަތިވެއެވެ. ލޯބިވާއާ ބައްދަލުވަންދެނެވެ. ފަތިސް ނަމާދުކުރުމުގައި ކަންނެތްވާ މީހުން ހަމަ ޙަޤީޤަތުގައިވެސް މާތްﷲއަށް ލޯބިކުރޭ ހެއްޔެވެ؟ އެކަލާނގެ މަތިވެރިކޮށް އެކަލާނގެޔާ ބައްދަލުވުމަށް އެދޭ
ހެއްޔެވެ؟
އަހަރުމެންގެ ޚިޔާލަށް ބިލިޔަނަރެއް ގެންނަމާހެއްޔެވެ؟ އޭނާގެ މުވައްޒަފަކާ ކޮންމެ ދުވަހެއްގެ ހެދުނު ގޮވާ އޭނާގެ އޮފީހުގެ ޑިރެކްޓަރު ހޭލެއްވުން ޙަވާލުކުރެެއެވެ. ފަތިހު ފަސްގަނޑި ބައިގައެވެ. މިކަމަށް ހޭދަވަނީ އެންމެ ދިހަ މިނިޓެވެ. މިކަންކުރުމުން ކޮންމެ ދުވަހަކުވެސް އޭނާއަށް އެއްހާސް ޑޮލަރު އެޑިރެކްޓަރު ފަރާތުން ލިބެއެވެ. އަދި އެޑިރެކްޓަރަށް ގޮވާ ހޭލެއްވުމުގައި އޭނަ ދެމިހުރިހާ ދުވަހަކު މިފައިސާ ލިބޭނެއެވެ. އެހެންނަމަވެސް އެންމެ ދުވަހެއްގައިވެސް މިކަމުގައި މަޤުބޫލު ޢުޛުރެއްނަތި އިހުމާލުވެއްޖެނަމަ، މިޢިނާޔަތް އެހިސާބުން އޭނާއަށް ނުލިބޭނެއެވެ.
ލޮބުވެތި މުސްލިމު އަޚާއެވެ. ލޮބުވެތި މުސްލިމް އުޚުތެވެ. ތިބާ މިމުވައްޒަފުގެ މަޤާމުގައި ހުރިނަމަ، އެޑިރެކްޓަރުގެ ގެއަށް ކޮންމެ ދުވަހަކު ހެދުނު ނުދާނަމު ހެއްޔެވެ؟
އެއްކަލަ އެއްހާސް ޑޮަލަރުގެ ބޭނުމުގައި ކޮންމެ ދުވަހަކުވެސް ޑިރެކްޓަރު ހޭލެއްވުމަށް ރައްކާތެރިނުވާނަމުހެއްޔެވެ؟
ތިބާއަށް އެންމެ ދުވަހަކު އެޑިރެކްޓަރާ ހަމައަށް ނުދެވުނަސް އެނުދެވުނު ސަބަބުތައް ސާބިތުކުރުމުގައި ހުރިހާ މަގެއްގެ ބޭނުން ނުހިފާނަމު ހެއްޔެވެ؟
އެންމެ މަތިވެރި މިސާލު ލިބިވޮޑިގެންވަނީ މާތްﷲއަށެވެ. ލޮބުވެތި އަޚާއެވެ. ލޮބުވެތި އުޚުތެވެ. ތިބާއަށް ރިޒުޤުދެއްވައި، އެންމެހައި ނިޢުމަތްތައް ދެއްވީ މާތްﷲއެވެ. އެކަލާނގެ ނިޢުމަތްތައް ކޮންމެ ދުވަހަކު މިލިޔަނުން މިލިޔަނުން ގުނާލެވޭނެއެވެ. އެކަމަކު އެކަލާނގެއަށް ތެދުވެރިވުމާއި އަޅުކަން ކުރުމުގައި ފަރުވާކުޑަކުރަނީ ކީއްވެ ހެއްޔެވެ؟
އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (وإن تعدوا نعمة الله لا تحصوها) މާނައީ؛ އެކަލާނގެ ނިޢުމަތްތައް ގުނައި ޢަދަދުކުރަން ތިޔަބައިމީހުން އުޅުނަސް އެނިޢުމަތްތައް ގުނާ ޢަދަދު ނުކުރެވޭނެއެވެ. އެފަދަ ދީލަތިވަންތަ ރަޙީމްވަންތަ އިލާހަކަށްޓަކައި ތިބާ ކޮންމެ ދުވަހެއްގެ ފަތިހު ހޭލައި، އެކަލާނގެއަށްޓަކައި 10ވަރަކަށް މިނިޓު ހުސްކޮށްދިނުން ޙައްޤުވެގެންނުވޭ ހެއްޔެވެ؟ އެކަލާނގެ މަތިވެރި ނިޢުމަތްތަކަށާއި އެކަލާނގެ ރަޙުމަތަށް ޝުކުރުވެރިވުމުގެ 10ވަރަކަށް މިނިޓެވެ.
ފަތިސް ނަމާދާމެދު ފަރުވާކުޑަކުރުމުގެ ޙުކުމް:
މާތްﷲ ވަޙީކުރައްވާފައިވެއެވެ. (إن الصلاة كانت على المؤمنين كتابا موقوتا) މާނައީ؛ ހަމަކަށަވަރުން ނަމާދުވަނީ މުއުމިނުން މައްޗަށް ވަގުތު ކަނޑައެޅިގެންވާ ފަރުޟެއްކަމުގައެވެ.
ހަމަކަށަވަރުން އިސްލާމްދީނަކީ ދިރިއުޅުމުގެ ޝާމިލް މަންހަޖެކެވެ. އެއީ އަޅާއާއި އޭނާގެ ވެރި އިލާހާމެދުގައިވާ އެއްބަސްވުމެކެވެ. ﷲގެ ޙަޟްރަތުގައި އަޅާ އޭނާގެ ވާޖިބުތައް އަދާކުރުންމަތީ ދެމިހުރެއެވެ. އެވާޖިބާތުތަކުގެ ބަދަލުގައި ޙައްޤުތަކަކާއި، ނިޢުމަތްތަކެއް މާތްﷲ އެއަޅާއަށް ދެއްވައެވެ. އެއިޤުރާރަށްފަހުގައި ހިތުހުރި ގޮތަކަށް އަޅާ ކަންކުރުމަކީ ބުއްދީގެ ތިލަފަތުން ކިރައިލިޔަސް ޤަބޫލުކުރެވޭނެ ކަމެއްނޫނެވެ. ބޭނުންކަމެއް ކޮށްފައި، ބޭނުންނުވާ ކަންކަން ދޫކޮށްލުމަކީ މަންޠިޤީ (ލޮޖިކަލް) ކަމެއްނޫނެވެ.
މާތްﷲ ވަޙީކުރައްވައެވެ. (يا أيها الذين آمنوا ادخلوا في السلم كافة) މާނައީ؛ އޭއީމާންވެއްޖެ މީސްތަކުންނޭވެ. ސިލްމު ނުވަތަ ސަލާމަތްކަމުގެ ތެރެއަށް އެކީ އެކައްޗަކަށް ވަންނާށެވެ. މިއާޔަތުގެ ތަފްސީރުގައި މުފައްސިރުން ވިދާޅުވެއެވެ. ސިލްމަށް އެކީވަނުމުގެ މުރާދަކީ އިސްލާމްދީނަށް އެދީނުގެ އެންމެހާ ޙުކުމްތަކަކާއި ތަޝްރީޢުތައް ޤަބޫލުކުރާ ޙާލު ވަނުމެވެ. އަދި ޔަހޫދީން އެބައިމީހުންގެ މައްޗަށް ބާވައިލެއްވުނު ފޮތްތަކުގެ ތެރެއިން ހިތުހުރި އެއްޗެއް ޤަބޫލުކޮށް، އެބައިމީހުން ހިތްނޭދޭ އެއްޗެހި ދޫކޮށްލުމުން މާތްﷲ ކޯފާގެ ބަސް އެބައިމީހުނާމެދު ވަޙީކުރެއްވިއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (أفتؤمنون ببعض الكتاب وتكفرون ببعض ) މާނައީ؛ ތިޔަބައިމީހުން ފޮތުގެ އެއްބަޔަށް އީމާންވެފައި، އަނެއްބަޔަށް ކާފަރުވަނީ ހެއްޔެވެ؟
ފަތިސް ނަމާދާމެދު އިހުމާލުވެ، ފަރުވާކުޑަކުރާ މީހާއަކީ މުނާފިޤުކަން އެގި ބަޔާންވެގެންވާ މުނާފިޤެއްކަމުގައި ކީރިތި ރަސޫލުﷲ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ!) ބަޔާންކުރައްވާފައިވެއެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. "ليس صلاة أثقل على المنافقين من الفجر والعشاء ولو يعلمون ما فيهما (يعني من ثواب) لأتوهما ولو حبوا (أي زحفا على الأقدام" މާނައީ: ފަތިސްނަމާދާއި ޢިޝާނަމާދަށްވުރެ މުނާފިޤުންގެ މައްޗަށް ބުރަވެގެންވާ ނަމާދެއް ނުވެއެވެ. އެނަމާދުގައިވާ ދަރުމަ އެބައިމީހުންނަށް އެގޭނަމަ، ހަތަރެސްފައިގައިވެސް ނުވަތަ ބަޑުދަމަމުންވެސް އައީހެވެ. (ރިވާކުރެއްވީ އިމާމް ބުޚާރީ)
ފަރުޟު ނަމާދުތައް ދޫކޮށްލާ މީހުންގެ ކިބައިން މާތްﷲ އެކަލާނގެ ޒާތުފުޅު ބަރީއަކުރައްވަތެވެ. ނަބިއްޔާ (އެކަލާގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ!) ޙަދީސްކުރައްވާފައިވެއެވެ. "لا تترك الصلاة متعمدا، فإنه من ترك الصلاة متعمدا فقد برئت منه ذمة الله ورسوله" މާނައީ: ނަމާދު ގަސްތުގައި ނާޅާށެވެ. އަދި ހަމަކަށަވަރުން ނަމާދު ގަސްތުގައި އަޅާފި މީހާ ދަންނާށެވެ. އެމީހެއްގެ ކިބައިން ﷲއާއި އެކަލާނގެ ރަސޫލާގެ ޒިންމަތްވަނީ ބަރީއަވެގެންނެވެ. ނުވަތަ ކެނޑިގެންނެވެ. (ރިވާކުރެއްވީ އިމާމް އަޙްމަދު)
ތިބާ އެންމެ ލޯބިވާ މީހާ ތިބާއާ ގުޅުން ކަނޑާލަން އެދެމުހެއްޔެވެ؟ ނުވަތަ ރުހެމުހެއްޔެވެ؟
ނުރުހޭނެމަ، މާތްﷲ ތިބާގެ ކިބައިން ބަރީއަވެވޮޑިގެންނަވާތޯ ނަމާދު އަޅަނީ ކިހިނަކުން ހެއްޔެވެ؟
މިލިޔުމަށްފަހު ޙައްލަކީ ކޮބައިތޯއެވެ؟
ފަތިސްނަމާދުގެ ވަގުތަށް މީހާ ހޭލައްވާނެ ކޮންމެވެސް ގޮތެއް އަހަރުމެންކުރެ ކޮންމެ މީހަކުވެސް ހޯދަންޖެހެއެވެ.
އަހަރެމެންގެ ދިރިއުޅުމުގައި ނަމާދަށް އޭގެ ޙައްޤު މަޤާމް ދޭންޖެހެއެވެ. އަހަރުމެންގެ އެންމެހާ މަސައްކަތެއްގެ އޭގެ މައްޗަށް ހުއްޓެންޖެހެއެވެ. މިގޮތުގެ އިދިކޮޅަށް ކަން ވިޔަދީގެންނުވާނެއެވެ.
އަވަހަށް ނިދައި ފަތިހު ތެދުވެ، ނަމާދުކުރުމަށްފަހު މަސައްކަތާކުރިމަތިލުމަށް ތައްޔާރުވުމެވެ. މާތްﷲ މީސްތަކުންގެ ރިޒުޤު ބައްސަވަނީ ފަތިސްގަނޑިއަށް ފަހުގައެވެ.
ފަތިސްގަނޑީގައި ނަމާދަށް ތެދުވުމަށް އެހީތެރިވެދޭ އެކުވެރިން ޚިޔާރުކުރަން ޖެހެއެވެ. އަދި އެހެން ވަގުތުތަކުގައިވެސް އެކަމަށް ވަޞިއްޔަތްކުރާނެ އެކުވެރިންތަކެކެވެ.
އަދި ނިދުމުގެ ކުރީގެ ޒިކުރުތަކާއި ދުޢާތައް ކިޔުމުގެ މައްޗަށް ރައްކާތެރިވުމާއި، ނަމާދު ކުރުމުގެ މައްޗަށް މަދަދުވެރިވެވޮޑިގެންނެވުން އެދި މާތްﷲގެ ޙަޟްރަތުގައި ދެންނެވުމެވެ.
ނަމާދު ފާއިތުވާ ހިނދު އެކަމާމެދު ހިތާމަކޮށް، ފަރުވާކުޑަކުރެވުނުކަން ހިތްމައްޗަށް ގެނެސްގަނެ، ކުރެވުނު ފާފަ ތަކުރާރު ނުކުރުމަށް ﷲ ޙަޟްރަތުގައި ވަޢުދުވުމެވެ.
ތިޔަބޭކަލުންނާއި އަޅުގަނޑު މާތްﷲ ދެކެ ލޯބިވާ އަޅުންގެ ތެރެއިން ލައްވައި، ތެދުވެރިކަމާއި އިޚުލާޞްތެރިކަން އަޅަމެންގެ ބަސްތަކުގަޔާއި ޢަމަލުތަކުގައި ދެއްވާނދޭވެ!
މިލިޔުމަށް ދަރުމަދެއްވުންވަނީ މާތްﷲއަށެވެ. ލިޔުމުގައި ކުށެއްވަނީނަމަ، އެއީ އަޅުގަނޑުގެ ކިބައިން ނުވަތަ ޝައިޠާނާގެ ކިބައިންނެވެ.
ނޯޓު: މިލިޔުމަކީ ޠަރީޤުލް އިސްލާމް ސައިޓުން ނަގައިފައިވާ ލިޔުމެކެވެ. އެސައިޓުގައިވެސް މިލިޔުން ލިޔުއްވި ފަރާތެއްގެ ނަމެއް ބަޔާންކުރެވިފައިނުވެއެވެ. ޞުރުޚީއަށް ބަދަލެއް ގެނެސްފައިވަނީ ލިޔުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ގޮތުންނެވެ. އަޞްލު ލިޔުމުގައިވާ ޞުރުޚީގެ ދިވެހި ތަރުޖަމާއަކީ "ފަތިސް ނަމާދު ތިބާ މާތްﷲއަށްކުރާ ލޯބި މިންކުރާނެ މިންގަނޑު" މިހެންނެވެ.
މަޞްދަރު: ޠަރީޤުލް އިސްލާމް
0 ޚިޔާލު!