ލަވަޔާއި މިއުޒިކުގެ ޙުކުމްތައް 1

ލަވަޔާއި މިއުޒިކުގެ މައްސަލައަކީ އުންމަތުގެ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން މައްސަލައެކެވެ. ލަވަޔާއި މިއުޒިކު ޙަރާމްކަމަށް ދެކިވަޑައިގެން އެކަމުގެ މައްޗަށް ދަލީލު ދައްކަވާ ބޭފުޅުންނާއި އިންތަކާކާއި މިންތަކެއްގެ ތެރެއިން ލަވަޔާއި މިޔުޒިކު ހުއްދަކަމަށް ދެކިވަޑައިގަންނަވާ ޢިލްމުވެރިންނާއި އެއްވެސް އިމެއްނެތި ހުއްދަކަމުގައި ބުނާ ބަޔަކު އުންމަތުގެ ތެރޭގައި އެބަ ތިއްބެވެ. މިރައުޔަތުކުގެ ދަލީލުތަކަކީ ކޮބައިތޯއެވެ؟ މިމައްސަލައަކީ ސަލަފުއް ޞާލިޙު ނުވަތަ ބާއްޖަވެރި ތިން ޤަރުނުގެ ބޭކަލުންގެ މެދުގައި އިޖުމާޢުވެވި އެއްބަސްވެވިފައިވާ މައްސަލައެއްތޯއެވެ؟ އަޅުގަނޑު މިމައްސަލައިގައި މިލިޔާ ލިޔުމަކީ ފަހަރުގައި އަޅުގަނޑުގެ ބައެއް އަޚުން އެންމެ ބޭނުންވާ ގޮތަށް ލިޔާ ލިޔުމެއް ކަމުގައި ނުވެދާނެއެވެ. އެހެންނަމަވެސް ހިތްތަކުގައި ފޮރުވިފައިވާ ކަންކަން އެންމެ ރަނގަޅަށް އެގިވޮޑިގެންވާ ފަރާތުގެ މައްޗަށް ވަކީލުކުރުމަށްފަހު ލިޔަން މިފަށާ ލިޔުމުގެ ބޭނުމަކީ ޢިލްމީ ތިލަފަތަކުން ކިރައި ދެފަރާތުގެ ދަލީލުތަކާ ޙުއްޖަތްތައް ކިޔުންތެރިންނަށް ފޯރުކޮށްދިނުމެވެ. އަދި އޭގެތެރެއިން އަޅުގަނޑު ޤަބޫލުކުރާ ގޮތް ބަޔާންކުރުމެވެ.

ލަވަޔާއި މިއުޒިކުގެ މާނަ:

އިސްލާމީ ފިޤުހުގައި ލަވަޔާއި މިއުޒިކު މުރާދުވާގޮތުގައި ވަރަށް ގިނަ މުޞަޠަލަޙުތަކެއް ބޭނުންކުރެވިފައިވާކަމީ ޔަޤީންކަމެކެވެ. އެގޮތުން "ލަޣުވު"، "ސިމާޢު" ފަދަ މުޞްޠަލަޙުތައް ފާހަގަކޮށްލެވެއެވެ. މިއުޒިކުގެ ފަންނުވެރީންގެ އަރިހުގައި ލަވައިގެ ތަޢުރީފަކީ ރާގަކަށް އިންސާނާގެ ދުލުން ކިޔާ ޅެމެކެވެ. ނުވަތަ ރާގަކަށް އޭނާ އަތުރާލާ ބަސްތަކެކެވެ.

މިއުޒިކަކީ ކޮބައިތޯއެވެ؟ މިއުޒިކަކީ އޭގެ ޒާތުގައި އަޑުތަކެކެވެ. އެހެންނަމަވެސް މިއުޒިކުގެ މާނައަކީ ވަކި ހަމަތަކަކަށް ނެރެވޭ ޢަޑުތަކެކެވެ. ނުވަތަ ވަކި ވަޒަންތަކަކަށް ހަމަކުރެވިގެން، ނެރެވޭ އަޑުތަކެކެވެ. އެހެންކަމުން މިއުޒިކު އުފެއްދުމަށް ވަކި ޒާތެއްގެ އާލަތެއް ބޭނުންކުރާކަށް ނުޖެހޭނެއެވެ. (الغناء و الموسيقى حلال أم حرام ص 8)

އެހެންކަމުން މިލިބުނި މާނައިގެ މައްޗަށް އެކި ޢިލްމުވެރިންގެ (އިހުގެ ބޭފުޅުންނާއި މިހާރުގެ ބޭފުޅުންގެ) ރައުޔަތަކާއި ދަލީލުތައް ބަޔާންކުރާނަމެވެ.

ލަވަޔާއި މިއުޒިކު އެކީ ޙަރާމްކަމުގައި ދެކިވަޑައިގަންނަވާ ބޭފުޅުން:

މިއުޒިކާ ލަވަ އެއްވެއްޖެނަމަ، ލަވަ ޙަރާމްވާނެކަމުގައި ޝައިޚުލް އިސްލާމް އަލްއިމާމް އިބުނު ތައިމިޔާ ފަތުވާ ދެއްވާފައިވެއެވެ. އަދި ލަވަޔާއި މިއުޒިކު ހުއްދަކަމުގައި ދެކެވަޑައިގަންނަވާ ބޭފުޅުންގެ މައްޗަށް ވަރަށް ބޮޑަށް އިންކާރުކުރައްވައި ރައްދުދެއްވާފައިވެއެވެ.

ހަމަ އެފަދައިން އިމާމްގެ ދަރިވަރު އަލްއިމާމް އަލްމުޙައްޤިޤު އިބްނު ޤައްޔިމްވެސް މިމައްސަލާގައި މިގޮތަށް ދެކިވަޑައިގެން، ޚިލާފުވެވަޑައިގަތް ބޭފުޅުންނަށް ވަރަށް ވަރުގަދައަށް އިންކާރު ކުރައްވާފައިވެއެވެ. އަދި އެކަމަށް ޚާއްޞަ ފޮތެއްވެސް ލިޔުއްވާފައިވެއެވެ. ކިއެއްތޯއެވެ؟ ލިޔުއްވައިފައިވަނީ އެންމެ ފޮތެއްވެސް ނޫނެވެ. ފޮތްތަކެކެވެ. އެގޮތުން އިމާމްގެ إغاثة اللهفان من مصايد الشيطان އާއި حكم الإسلام فى الغناء މިދެ ފޮތަކީ ލަވަޔާއި މިޔުޒިކު ޙަރާމްކަމުގައި ދެކިވަޑައިގަންނަވާ ޢިލްމުވެރިންގެ މައި ދެ މަރުޖިޢެވެ. އަދި މިދެފޮތް ކިޔައިލުމުން އަޅުގަނޑަށް ފެނިގެންދިޔައީ މިމަބުޙަސުގައި އިމާމް އިސްކުރައްވާފައިވަނީ އިމާމްގެ މަޛުހަބު ކަމުގައިވާ ޙަންބަލީ މަޛުހަބުގެ އުޞޫލުތައްކަމެވެ. މި މަބުޙަސުގައި އެއްޗެއް ލިޔާ ކޮންމެ މީހަކުވެސް އެންމެ ކުޑަމިނުން މިދެފޮތް ކިޔައިފައި އޮތުން ވަރަށްމުހިއްމެވެ. މިދެންނެވުނީ މިއަދު އެންމެ އަޑު ހަރުކޮށް ލަވަޔާއި މިއުޒިކު ޙަރާމްކަމުގައި ވިދާޅުވާ ޢިލްމުވެރިންގެ މައިގަނޑު ދެމަރުޖަޢެވެ.

އަހުލުއްސުންނާ ވަލްޖަމާޢާގެ މައިގަނޑު ހަތަރު މަޛުހަބުގެ އިމާމުންގެ ރައުޔައަކީ ޙަރާމްވުމެވެ. އިމާމް އަބޫޙަނީފާގެ އަރިހުންނާއި ޝާފިޢީގެފާނުގެ އަރިހުންނާއި އިމާމް އަޙުމަދާއި މާލިކުގެފާނުގެ އަރިހުން އައިސްފައިވާ އެންމެ ޞައްޙަ ރިވާޔަތަކީ ލަވަޔާއި މިއުޒިކުގެ އެބޭފުޅުންގެ ނަޒަރުގައި ޙަރާމްވެގެންވުމެވެ. އަދި މިބޭފުޅުންގެ މަޛުހަބުތަކުގެ ގިނަ އިމާމުންގެ ރައުޔައަކީ ޙަރާމްވެގެންވުމެވެ. މިސަބަބަށްޓަކައި ޙަރާމްވެގެންވުމުގެ ރައުޔައަކީ ފިޤުހު ޢިލްމުވެރިންގެ ޖުމްހޫރު ބޭކަލުންނާއި ޙަދީސް ޢިލްމުވެރިންކުރެ ޖުމްހޫރު ބޭކަލުންގެ ރައުޔައެވެ.

އެހެންނަމަވެސް ހަތަރު މަޛުހަބުގެ އިމާމުންގެ ކިބައިން ތަފާތު ރައުޔަތަކެއް ވާރިދުވެފައިވާކަމީ ޢިލްމުވެރިންގެ ފޮތްތަކުން ޔަޤީންވާކަމެކެވެ. މިލިޔުމުގެ ކޮންމެވެސް ހިސާބެއްގައި އެބޭކަލުންގެ ކިބައިން ވާރިދުވެގެން އައިސްފައިވާ ރައުޔަތަކަށާއި އެރައުޔަތަކާ މެދު ޢިލްމުވެރިން ދައްކަވާފައިވާ ވާހަކަތަކަށް ތަފްޞީލީ ނަޒަރަކުން ބަލައިލުމަށް އަޅުގަނޑު ގަސްތުކުރަމެވެ.

ދެން ފަހުގެ ޢިލްމުވެރިންގެ ތެރެއިން، އަލްއިމާމުލް މުޙައްދިޘް މުޙައްމަދު ނާޞިރުއްދީނުލް އަލްބާނީ އާއި ސުޢޫދީ ޢަރަބިއްޔާގެ ޢިލްމުވެރިން (އަލްޢައްލާމާ އިބްނު ބާޒާއި، ޢައްލާމާ އަލްފަޤީހު އިބްނުޢުޘައިމީންގެ) ރައުޔައަކީ ޙަރާމްވުމެވެ. އެކަމުގައި އެބޭފުޅުންގެ ފަތުވާތަކާއި ފޮތްތައް ފެންނަން އެބަހުއްޓެވެ. މިކަމުގައި އިމާމް އިބުނު ތައިމިޔާއާއި އިމާމް އިބުނު ޤައްޔިމެކޭ އެއްފަދައިން މުޚާލިފުންގެ މައްޗަށް ގަދަވެގެންވާ ރައްދުތަކެއް ދެއްވި އެއްބޭފުޅަކީ محدث القرن އަލްއިމާމް މުޙައްމަދު ނާޞިރުއްދީނުލް އަލްބާނީއެވެ. އެކަލޭގެފާނު ލިޔުއްވި ފޮތްތަކުގެ ތެރޭގައި (تجريم الات الطرب) އާއި (أحكام الات الطرب) ފާހަގަކުރެވެއެވެ. މިދެފޮތުގައިވެސް އިމާމްވަނީ، ޙަރާމްކަމުގެ މައްޗަށްހުރި ދަލީލުތައް ބަޔާންކުރައްވައި އެދަލީލުތައް ޞައްޙަކަން ސާބިތުކޮށްދެއްވާފައެވެ.

ޙަރާމްކަމުގެ މައްޗަށް ހުރި ދަލީލުތައް:

ޙަރާމްކަމުގެ މައްޗަށް ދަލީލުދައްކަވާ ބޭފުޅުން ކީރިތި ޤުރުއާނުންނާއި ސަލާމާއި ޞަލަވާތްލެއްވުނު ކީރިތި ރަސޫލާގެ ސުންނަތުން ލަވަޔާއި މިޔުޒިކު ޙަރާމްވެގެންވާކަމުގެ މައްޗަށް ދަލީލުތައް ދައްކަވައެވެ.

ހ- ޤުރުއާނުން ދަލީލު:

1 ލުޤުމާން ސޫރަތުގެ 6ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا أُولَئِكَ لَهُمْ عَذَابٌ مُهِينٌ މާނައީ: ނުދަނެތިބެ، اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އަދި މަލާމާތުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ފައިދާއެއްނެތް ވާހަކަ ގަންނަ މީހުންވެސް، މީސްތަކުންގެ ތެރެއިން ވެއެވެ. އިހާނެތިކަންދެނިވި عذاب އެއުރެންނަށްހުށްޓެވެ.

މިއާޔަތުގައި އައިސްފައިވާ لَهْوَ الْحَدِيثِ ނުވަތަ ފައިދާއެއްނެތް ވާހަކައިގެ މާނައަކީ: ލަވަކަމުގައި ޢިލްމުވެރިން ތަފްސީރުކުރައްވާފައިވެއެވެ. އެއީ ޢަބްދުﷲ ބިން މަސްޢޫދާއި އިބްނު ޢުމަރާއި އިބްނު ޢައްބާސްގެ ތަފްސީރުކަމުގައި ރިވާވެފައިވެއވެ. މިއިސްތިދުލާލް ޙަރާމްކަމުގައި ދެކިވަޑައިގަންނަވާ ހުރިހާ ބޭފުޅުންގެ ފޮތްތަކުގައިވެސް ނަކަލުކުރައްވާފައިވެއެވެ. އެގޮތުން އިމާމް އިބްނު ޤައްޔިމާއި އިމާމް އަލްބާނީ މިމައްސަލާގައި ލިޔުއްވި ފޮތްތަކުގައިވެސް މިއިސްތިދުލާލް ނަކަލުކުރެއްވިއެވެ. މިފަދަ ތަފްސީރުތަކާ މެދުގައި އިމާމް ޙާކިމް އިމާމްގެ المستدرك ނަމަކަށް ކިޔުނު ފޮތުގައި އެއީ މުސްނަދު ދަރަޖައިގެ ޙަދީސެއްކަމުގައި ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އިމާމް އިބްނުޤައްޔިމް إغاثة اللهفان من مصايد الشيطان މިފޮތުގައި ވިދާޅުވެފައިވަނީ މިރައުޔައަކީ އެންމެ މަޤުބޫލު ރައުޔަކަމުގައި ނުވިއެއްކަމަކު (ޞަޙާބީންގެ ތަފްސީރާ މެދު ޙާކިމްގެ ރައުޔަ) އެހެންބޭކަލުންގެ ރައުޔަ ބަލައިގަތުމަށްވުރެ އެބޭކަލުންގެ ރައުޔަ ބަލައިގަތުން އައުލާވެގެންވެއެވެ.

2- ސޫރަތުލް ފުރުޤާނުގެ 72ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَالَّذِينَ لا يَشْهَدُونَ الزُّورَ وَإِذَا مَرُّوا بِاللَّغْوِ مَرُّوا كِرَامًا މާނައީ: އަދި އެއުރެންނީ ދޮގުހެކިނުދޭ މީހުންނެވެ. އަދި ބޭކާރު ބަސްތަކާއި ކަންތައް ދިމާވާހިނދު، މާތްމީހުންގެ ގޮތުގައި ފަހަނަޅައިދާ މީހުންނެވެ.

އިމާމް އިބުނު ޤައްޔިމު حكم الإسلام فى الغناء ނަމަކަށް ކިޔުނު ރިސާލާގައި ވިދާޅުވެފައިވެއެވެ. އިމާމް މުޙައްމަދު ބިން ޙަނަފިއްޔާގެ ކިބައިން ރިވާވެގެންވެއެވެ. މިތަނުގައި ޒޫރުގެ މާނައަކީ ލަވައެވެ. ހަމަ މިފަދަ މާނައެއްގައި މުޖާހިދުގެ ކިބައިން ލައިޘްގެ ރިވާޔަތެއްވެސް ވާރިދުވެފައިވެއެވެ.

3- ސޫރަތުލް އިސްރާގެ 63ވަނަ އާޔަތާއި 64ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. قَالَ اذْهَبْ فَمَنْ تَبِعَكَ مِنْهُمْ فَإِنَّ جَهَنَّمَ جَزَاؤُكُمْ جَزَاءً مَوْفُورًا (٦٣)وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُمْ بِصَوْتِكَ وَأَجْلِبْ عَلَيْهِمْ بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِي الأمْوَالِ وَالأولادِ وَعِدْهُمْ وَمَا يَعِدُهُمُ الشَّيْطَانُ إِلا غُرُورًا (٦٤)މާނައީ: އެކަލާނގެ وحى ކުރެއްވިއެވެ. ކަލޭގެ ހިނގައިދާށެވެ! ފަހެ، އެއުރެންގެ ތެރެއިން، ކަލޭގެއަށް تبع ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ފުރިހަމަވެގެންވާ ޖަޒާއެއްގެގޮތުން، ތިޔަބައިމީހުން (އެންމެން) ގެ ޖަޒާއަކީ ނަރަކައެވެ.(٦٣) އަދި އެއުރެންގެ ތެރެއިން، ކަލޭގެޔަށް ކުޅަދާނަވީ ބަޔަކު، ކަލޭގެ އަޑުން ބިރުގަންނަވައި ހެއްލުންތެރިކުރާށެވެ! އަދި ކަލޭގެ ސަވާރުންތަކާއި، ފައިމަގުގައިވާ މީހުންތައް މެދުވެރިކޮށް، އެއުރެންގެމައްޗަށް ބާރުހިންގާށެވެ! އަދި މުދާތަކާއި، ދަރިފަސްކޮޅުތަކުގައި އެއުރެން ބައިވެރިކުރާށެވެ! އަދި އެއުރެންނަށް وعد ކުރާށެވެ! ހެއްލުންތެރިކަމެއްމެނުވީ، شيطان އާ އެއުރެންނަކަށް وعد އެއް ނުކުރެތެވެ. (64)

وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُمْ بِصَوْتِكَ (ކަލޭގެޔަށް ކުޅަދާނަވީ ބަޔަކު، ކަލޭގެ އަޑުން ބިރުގަންނަވައި ހެއްލުންތެރިކުރާށެވެ!) މާނައީ: މިތަނުގައި އައިސްފައިވާ ތިބާގެ އަޑުގެ މުރާދަކީ ލަވަޔާއި ދުންމާރިޔާއި ލަހުވު ކަމުގައި މުޖާހިދުގެ ކިބައިން ތަފްސީރު އައިސްފައިވެއެވެ. އަދި ޟައްޙާކު އެއީ ދުންމާރި ނުވަތަ މިއުޒިކު އާލާތުގެ އަޑުކަމަށް ތަފްސީރު ކުރައްވާފައިވެއެވެ.

4- ޤިޞަޞު ސޫރަތުގެ 55ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَإِذَا سَمِعُوا اللَّغْوَ أَعْرَضُوا عَنْهُ وَقَالُوا لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ سَلامٌ عَلَيْكُمْ لا نَبْتَغِي الْجَاهِلِينَ (٥٥) މާނައީ: އަދި އެއުރެންނަށް ބޭކާރު ވާހަކަ އިވޭހިނދު، އެއުރެން އެއިން އެއްކިބާވެގަނެތެވެ. އަދި އެއުރެން ބުނެތެވެ. ތިމަންމެންނަށް، ތިމަންމެންގެ عمل ތަކެވެ. އަދި ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ عمل ތަކެވެ. ތިމަންމެންނާ ތިޔަބައިމީހުންނާ ވަތްކެވެ. (އެހެނީ) ތިމަންމެން جاهل ންނާއެކު އުޅުމަކަށް ނޭދެމުއެވެ.

ލަވަޔާއި މިއުޒިކު ޙަރާމްކަމުގައި ދެކިވަޑައިގަންނަވާ ޢިލްމުވެރިން މިއާޔަތުގައި އައިސްފައިވާ ލަޣުވު ނުވަތަ ބޭކާރު ވާހަކައިގެ މާނައަކީ ލަވަކަމުގައި ވިދާޅުވެއެވެ. އަދި އެހެން އެކަން ވެއްޖެނަމަ، ލަވަޔާއި މިއުޒިކާ ދުރުވުމީ ވާޖިބެއްކަމުގައިވެއެވެ.

މިދަލީލުތަކާ އެކު ހިނދުކޮޅެއް:

މިތަނުގައި އަޅުގަނޑު ބަޔާންކުރާނީ ލަވަޔާއި މިއުޒިކު އިންތަކަކާ އެކު ހުއްދަކަމުގައި ދެކެވަޑައިގަންނަވާ ޢިލްމުވެރިން މިއިސްތިދުލާލުތަކާ މެދު ދައްކަވާފައިވާ ބައެއްވާހަކަތަކާއި އެވާހަކަތަކުގެ ރައްދެވެ.

އިސްވެ ދިޔަ ތަނުގައި ބަޔާންކުރެވިފައިއެވަނީ ލަވަޔާއި މިޔުޒިކު އެކީ ޙަރާމްކަމުގައި ވިދާޅުވާ ބޭފުޅުން ޤުރުއާނުން ނަންގަވާ ބައެއް ދަލީލުތަކެވެ. މިތަނުގައި އަޅުގަނޑަށް ހުރިހާ ދަލީލެއް ގެނެވިފައިނުވުމީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް ޢާންމުކޮށް ޙަރާމްކަމަށް ޤުރުއާނުން ނެގޭ ހުރިހާ ދަލީލުތަކެއްވެސް ވަރަށް އެއްގޮތެވެ. އެހެނީ މިއީ ޞަރީޙަ ދަލީލުތަކެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ލަފްޒެއްގެ މާނަ ޞަޙާބީން ނުވަތަ ތާބިޢީންގެ ތެރެއިން ޢިލްމުވެރިން ތަކެއް ކުރެއްވި ގޮތެވެ. ދެން އެހެން އާޔަތްތަކެއްގައި އެލަފްޒު ވާރިދުވުމުން އެގޮތަށް އެލަފްޒު ތަފްސީރުކުރުމަށްފަހު އެއީ އައު ދަލީލެއްކަމުގައި ލިޔުއްވާފައިހުރެއެވެ. އެހެނަސް ޙަޤީޤަތުގައި އެއީ އެއްދަލީލެވެ.

މިއާޔަތްތަކުން ނެގިފައހުރި އިސްތިދުލާލަކީ ޞަރީޙަ ނޫން އިސްތިދުލާލެވެ. ނުވަތަ ލަފްޒުން ދަލީލު ސީދާމަގުން ލިބެންނެތް އިސްތިދުލާލުތަކެކެވެ. ސީދާ ގޮތުގައި އާޔަތުގެ ލަފްޒުން ޞަރީޙަ މަގުން ދަލީލު ލިބެން ނެތީތީއެވެ.

ފުރަތަމަ އާޔަތް: މިއާޔަތާ މެދުގައި މިޒަމާނުގެ އެންމެކުޅަދާނަ ފަޤީހު ޑރ. ޔޫސުފުލް ޤަރަޟާވީ އޭނަގެ فقه الغناء و الموسيقى ގައި ވިދާޅުވެފައިވެއެވެ. މިއާޔަތުގެ ހަމައެކަނި ތަފްސީރަކީ ޙަރާމްކަމުގައި އިސްތިދުލާލުކުރައްވާ ބޭފުޅުން ނަކަލުކުރައްވާ ތަފްސީރެއްނޫނެވެ. އަދި ކިއެއްތަ އެއީ ރޫމީންނާއި ފާރިސީންގެ ރަސްރަސްކަލުންގެ ވާހަކަތައްކަމުގައި ބައެއް މުފައްސިރުން (ޞަޙާބީންގެ ތެރެއިން) ތަފްސީރުކުރައްވާފައިވެއެވެ.

ދެވަނަކަމަކަށް ޞަޙާބީންގެ ތަފްސީރަކީ ސަބަބުއް ނުޒޫލުފަދަ ކަމެއްގެ މައްޗަށް އެކުލެވިގެންނުވާހާ ހިނދެއްގައި އެބޭފުޅަކަށް ޤުރުއާނު ފަހުމުވެވަޑައިގަތްގޮތެވެ. އެއްވެސް ޙާލެއްގައި މަރުފޫޢު ޙަދީސެއްގެ ދަރަޖައެއް ނުލިބޭނެއެވެ.

މިތަފްސީރު ޞައްޙަކަމުގައި އަޅުގަނޑުމެން ޤަބޫލުކޮށް، މިތަފްސީރު މަރުފޫޢު ދަރަޖައަށް އުފުލިއެއްކަމަކު، ލަވަ އޭގެ ޒާތުގައި ޙަރާމްވުމުގެ މައްޗަށް މިއާޔަތުން ދަލީލެއްނުލިބެއެވެ. އެހެނީ މިއާޔަތުގައި އައިސްފައިވާ ވަޢީދުގެ ބަސްފުޅާއި ނުރުހުންތެރި ވެވޮޑިގަތުމުގެ ބަސްފުޅު އައިސްފައިވަނީ ޞިފަތަކަކާ ގުޅިގެނެވެ. އާޔަތުގައިވަނީ މިފަދައިންނެވެ. وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا أُولَئِكَ لَهُمْ عَذَابٌ مُهِينٌ (٦) މާނައީ:

ޢަޛާބާއި ރުހިވޮޑިނުގެންނެވުން ގުޅިފައިވަނީ ﷲގެ މަގުން މީހުން ކަސިޔާރުކުރުމާއެވެ. މިކަން މިއާޔަތުން ވަރަށް ޞަރީޙަކޮށް އެބަ އެނގެއެވެ.

ލަވަޔާއި މިޔުޒިކު ހުއްދަކަމުގައި ދެކެވަޑައިގަތް އެންމެ ވަރުގަދަ އެއްބޭފުޅަކީ އަލްއިމާމް އިބްނުޙަޒުމުއް ޡާހިރީއެވެ. އެކަލޭގެފާނުގެ المحلى ގައި މިއާޔަތާ މެދުގައި ވިދާޅުވެފައިވަނީ މިއާޔަތުގައި އެވާ ޞިފަތަކުގެ ވެރިޔަކީ ޚިލާފެއްނެތި ކާފަރެކެވެ. އެހެނި މާތްﷲގެ މަގުން މީހުން ދުރުކުރުމަށް މަސައްކަތްކޮށް، ﷲގެ މަގަކީ، ފުރައްސާރަކުރަން އޮތްކަމެއްކަމުގައި ހަދައިފި މީހަކު މުސްލިމެއްކަމުގައިވާނީ ކިހިނަކުންތޯއެވެ؟

އަދިވެސް އިމާމް އިބުނު ޙަޒުމު ވިދާޅުވެފައިވެއެވެ. މުޞްހަފެއް ގަނެ، އެމުޞްހަފު މާތްﷲގެ މަގުން މީހުން ކަސިޔާރުކުރުމަށް ބޭނުންކުރިޔަސް އެއީވެސް ފާފައެކެވެ. މިއާޔަތުގައި އައިސްފައިވާ ރުހިވޮޑިނުގެންނެވުމަކީ ހަމައެކަނި ލަވަ ނަފްސަށް އަރާމު ލިބިގަތުމަށް އަޑުއަހާ މީހުންނާ މެދު އައިސްފައިވާ ބަސްފުޅެއް ނޫނެވެ.

މިބަސްތަކާމެދު އަޅުގަނޑުގެ ރައުޔަ:

އަޅުގަނޑަކީ ޑރ.ޔޫސުފުލް ޤަރަޟާވީ ދެކެ ނިހާޔަތަށް ލޯބިވާ މީހަކީމެވެ. އެހެންނަމަވެސް އެލޯބީގެ ސަބަބުން އެމަނިކުފާނަށް ހުރިހާ ކަމެއްގައި ތަޤުލީދުކުރުމަކީ އަޅުގަނޑު ޤަބޫލުކުރާކަމެއްވެސް ނޫނެވެ. މިއާޔަތުގައި ލޮބުވެތި އިމާމް ޤަރަޟާވީގެ ބަސްފުޅުތަކާ މެދު ދަންނަވަމެވެ.

އުޞޫލުލް ފިޤުހުގެ ޢިލްމުވެރިންގެ މެދުގައި، ޞަޙާބިއްޔަ ބޭކަލެއްގެ ބަސްފުޅުން ޙުއްޖިއްޔަތު ލިބޭ މިންވަރާމެދު ޚިލާފުވެވަޑަގަތުމެއް، އެބަފެނެއެވެ. އެޚިލާފުވެވަޑައިގަތުމުން ދޭހަވާ ގޮތުގައި ބައެއް ޢިލްމުވެރިން އެބޭފުޅުންގެ ތަފްސީރުތައް މަރުފޫޢު ޙަދީސްގެ ދަރަޖައަށް އުފުއްލަވައެވެ. އެއީ އިމާމް ޙާކިމްފަދަ ބޭފުޅުންނެވެ. އެހެންނަމަވެސް ގިނަ ބޭފުޅުންގެ ރައުޔައަކީ ޑރ.ޤަރަޟާވީގެ ރައުޔައެވެ. އަމުދުން ޞަޙާބީންގެ މެދުގައިވެސް ޚިލާފުތަކެއް ހުރިނަމައެވެ. މިއާޔަތުގެ ތަފްސީރުގައި ޞަޙާބީންގެ ކިބައިން ދެރައުޔައެއް ވާރިދުވެފައިވާތީ ފެނެއެވެ. އެހެންކަމުން އުޞޫލުލް ފިޤުހުގެ ހަމައިން ބަލާނަމަ، ޑރ.ޤަރަޟާވީގެ ރައުޔަ ރަނގަޅެވެ.

އެހެންނަމަވެސް ފަހަތުން އަންނަން ހުރި އާޔަތްތަކުގެ ތަފްސީރުތަކާ މިއާޔަތުގެ ތަފްސީރު ޖަމާވުމުން އިސްތިދުލާލުކުރުމުގައި އިތުރު ބާރެއް މިއާޔަތަށް ލިބޭނެއެވެ.

ދެން އޮތީ މިއާޔަތުން ލަވަ އޭގެ ޒާތުގައި ޙަރާމްކަމަށް ދަލީލު ލިބުމާއި ނުލިބުމުގެ މައްސަލައެވެ. މިކަމުގައި މޮރިޓީނިޔާގެ ޒުވާން ޢިލްމުވެރިޔާ ޢައްލާމާ މުޙައްމަދުލް ޙަސަނު ވަލަދުއްދަދޫ ވިދާޅުވެފައިވަނީ ވަރަށް ރަނގަޅުވާހަކައެވެ. އެއީ އިބްނު މަސްޢޫދުގެ ކިބައިން ރިވާވެގެންވާ ބަސްފުޅެއްގައި ލަވަ ނިފާޤުކަން ހިތުގައި އުފައްދާކަމަށް ވިދާޅުވެފައިވެއެވެ. އެފަދަ ހަރު ބަސްފުޅެއް އަމިއްލަ ހަވާ ނަފްސަށް ވިދާޅުވުމީ، ނުވަތަ އަމިއްލަ ފަހުމުގެ މައްޗަށް ވިދާޅުވުމީ އެކަށޭނެކަމެއްނޫނެވެ. އެއީ ސަލާމާއި ޞަލަވާތްލެއްވުނު ރަސޫލާގެ އަރިހުން ލިބިވަޑައިގެންފައިވާ ޢިލްމެއްގެ މައްޗަށް ވިދާޅުވި ބަސްފުޅެކެވެ. އެހެންކަމަށްވާނަމަ، ލަވަޔާއި މިއުޒިކު ޙަރާމްވުމަށް މިދެދަލީލު ގުޅުމުން މިއާޔަތުން އިސްތިދުލާލު ނެގިދާނެއެވެ. އެއީ ލަވަޔާއި މިއުޒިކުގެ ވަޒީފާއަކީ އޭގެ ޒާތުގައި މާތްﷲގެ މަގުން މީހާ ކަސިޔާރުކުރުވުމެވެ. ނުވަތަ މީހާގެ ހިތުގައި ނިފާޤުގެ އޮށް އިންދުމެވެ.

(ނޯޓު: މައުޟޫގެ ޚުޠޫރަތްތެރިކަމުގެ ސަބަބުން ޚުލާޞާ ގޮތެއްގައި މިމައުޟޫޢު ހުށަހެޅުމަށް އަޅުގަނޑުގެ ގަލަން ނުކުޅެދުންތެރިވީއެވެ. އެހެންކަމުން ދެން މިމައުޟޫޢަށް ލިޔާ ލިޔުމެއްގައި ޙަރާމްކަމުގެ މައްޗަށް ހުރި އިތުރު އާޔަތްތަކާމެދު ވާހަކަ ދެއްކުމަށްފަހު ޙަރާމްކަމުގެ މައްޗަށް ސުންނަތުން ލިބޭ ދަލީލުތަކަށް ތަފްޞީލީ ގޮތެއްގައި ބަލައިލާނަމެވެ.) ނުނިމޭ!


ފާހަގަ: ,

1 ޚިޔާލު!

  1. Yusuf Al-Qaradawi emme kulhadhaana vaa iru Sheikh Ibn Al-Uthaymeen, Sheikh Bin Baz, Sheikh Abdulmuhsin Al-Abbaad, Sheikh Saalih Al-Fawzaan, Sheikh Al-Albani fadha bodethi ilmuveringe bas thah koba hehyeve.

    يهديكم الله

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!