މިޞްރުގައި ޤާނޫން ކިޔެވުން

މިޞްރުގައި ޤާނޫން ކިޔެވުމަކީ އޭގެ ޒާތުގައި ބޭކާރުކަމެއްކަމަށް ޞިފަކޮށް ވާހަކަދައްކާ ބައެއް މީހުންނާ އަޅުގަނޑާ ބައްދަލުވެއްޖެއެވެ. އެފަދަ ބައެއް މީހުން ވަރަށް ގިނަ ޙުއްޖަތްތައް މިމައުޟޫޢުގައި ހުށަހަޅައިފައިވެއެވެ. ކޮންމެއަކަސް ޤާނޫނީ ޢިލްމަކީ ދުނިޔޭގެ ކޮންމެ ތާކުން އުގެނިގަތަސް އެޢިލްމުގެ އެންމެ އަސާސީ މަބުދައުތައް ނުވަތަ ޕްރިންސިޕަލްތައް އެކައްޗެއްގެ ގޮތުގައި ދެމިއޮންނާނެ ޢިލްމެކެވެ. އިނގެރޭސިވިލާތުގައި ކިޔެވީތީ ލިބިގަނެވޭނެ ތަފާތު ޤާނޫނީ މަބްދައުތަކެއް ނުހުންނާނެއެވެ. އެހެންނަމަވެސް އެކި ޤައުމުތަކުގެ ޤާނޫނީ ނިޒާމު ތަފާތުވާނެއެވެ. އަދި ތަންފީޒުކުރާ ޤާނޫނީ އޮނިގަނޑާއި ހަމަތައް ތަފާތުވާނެއެވެ.
ސުވާލަކީ މިޞްރުގައި ޤާނޫން ކިޔެވުމުން ލިބޭނެ ފައިދާތަކާއި ލިބޭނެ ގެއްލުންތަކަކީ ކޮބައިތޯއެވެ؟ އެކަމުގެ ސަބަބުން ދަރިވަރުގެ ވިސްނުމަށް އަންނާނީ ކޮންކަހަލަ ހެޔޮ ބަދަލުތަކެއްތޯއެވެ؟ ނުވަތަ އަންނާނެ ނޭދެވޭ ބަދަލުތަކަކީ ކޮބައިތޯއެވެ؟
އަޅުގަނޑަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީގައި ޤާނޫނު ކިޔަވަމުންދާ ކުއްޖަކީމެވެ. އެހެންކަމުން މިޞްރުގައި ޤާނޫން ކޔަވައިދޭ ނިޒާމު ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައިވުމީ އަޅުގަނޑު މިލިޔުން އެކުލަވައިލުމަށް ލިބުނު ލުއެކެވެ. ހަމައެފަދައިން ކޮންމެވެސް މިންރަވަކަށް ދިވެހި ޤާނޫނީ ނިޒާމު ދަންނަ އެނިޒާމު ހިގާ ގޮތާއި، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމް އެނގުމަކީ، އަޅުގަނޑަށް ލިބިހުރި މަޢުލޫމާތުތައް ތިޔަ ބޭފުޅުންގެ ސިކުނޑިފުޅުތަކަށް ގެނައުމަށް ލިބުނު ލުޔެއްކަމުގައި ހީކުރަމެވެ. و بالله التوفيق!
ޢަރަބި ދުނިޔޭގައި އުފެދިފައިވާ ޤާނޫނީ ނިޒާމްތަކުގެ ތެރެއިން އެންމެ މުސްކުޅި އެއްނިޒާމަކީ މިޞްރުގެ ޤާނޫނީ ނިޒާމެވެ. ކިއެއްތޯއެވެ؟ މިޞްރުގެ ޤާނޫނީ ނިޒާމަކީ ދުނިޔޭގެ ނިސްބަތުންވެސް މުސްކުޅި ޤާނޫނީ ނިޒާމެކެވެ. ފިރުޢައުނީ ވެރިކަމަކީ ޤާނޫނީ މަބުދައުތަކެއްގެ މައްޗަށް އުފެދިގެން އައިސްފައިވާ ނިޒާމެކެވެ. އެގޮތުން ވެރިކަން ހިންގުމުގައި ރަސްގެފާނު ނުވަތަ ފިރުޢައުނަށް މުޠުލަޤު ބާރުތަކެއް ލިއްބައިދީފައިވުމާއެކުވެސް މިޒަމާނުގެ ބަހުރުވައިން ދަންނަވާނަމަ، ލާމަރުކަޒީ އުޞޫލުތައް އެއިރު މިޞްރުގެ ޤަދީމީ ޙަޟާރަތުގައި ތަޖުރިބާކުރެވިފައިވެއެވެ. އަދި އެނިޒާމުގެ ދަށުން ޤާނޫން އެކުލަވައިލުމާއި ޤާނޫން މާނަކުރުމުގެ ހަމަތަކެއް އުފެދި ދެމެހެއްޓިފައިވެއެވެ. އެހެންކަމުން މިޞްރުގައި ޤާނޫންކިޔަވާކުއްޖަކަށް މިޤަދީމީ ޚަޒާނާއިން ފައިދާކުރާނެކަން ޔަޤީނެވެ.
ދެން އޮތީ މިޒަމާނުގައި މިޞްރުގައި ތަންފީޒުކުރެވެމުންދާ ޤާނޫނީ ނިޒާމެވެ. މިޞްރުގެ ޤާނޫނީ ނިޒާމަކީ ފަރަންސޭސިވިލާތުގެ ޤާނޫނީ އޮނިގަނޑާއި ޤާނޫނީ ފަލްސަފާތަކުގެ މައްޗަށް ބިނާކުރެވިފައިވާ ޤާނޫނީ ނިޒާމެކެވެ. އެހެންނަމަވެސް ދައުލަތަކީ އިސްލާމީ ދައުލަތެއްކަމުގައިވީތީ މިޞްރުގެ ޤާނޫނީ ނިޒާމުގައި އިސްލާމީ ޝަރީޢަތަށް އަހަންމިއްޔަތުކަމެއް ދީފައިވާތަން ފެނެއެވެ.
މިޞްރުގައި ޤާނޫން ކިޔަވާކުއްޖަކަށް ވަރަށް ފަސޭހައިން ފަރަންސޭސި ޤާނޫނީ ނިޒާމް ލިބިގަނެވޭނެއެވެ. އެއީ ލިޔެފައި އޮންނަ ހަރު ނުވަތަ އިނގެރޭސިން ދަންނަވާނަމަ ރިޖިޑް ކޮންސްޓިޓުއުޝަނެއްގެ މައްޗަށް ބިނާވެފައި އޮންނަ ޤާނޫނީ ނިޒާމެވެ. އެއީ އެދުސްތޫރަށް ނުވަތަ ދުސްތޫރުގެ ބަޔަކަށް ބަދަލެއްގެނައުމަށް ވަކި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ގޮތަށް ބައްޓަން ކުރެވިފައިވާ ދުސްތޫރުތަކެވެ. އަދި އެންމެހާ ޢާންމު ޤާނޫނުތައް (Public Laws) ނުވަތަ މަދަނީ ޤާނޫންތަކާއި ޖިނާއީ ޤާނޫންތައް ތަބާވުން ލާޒިމްވެގެންވާނީ އެދުސްތޫރަށެވެ. އެގޮތުން އެމެރިކާގެ ދުސްތޫރާއި ދިވެހިރާއްޖޭގެ ދުސްތޫރަކީ އެފަދަ ދުސްތޫރަކެވެ. ހަމައެފަދައިން މިޞްރުގެ ދުސްތޫރަކީވެސް އެފަދަ ދުސްތޫރެކެވެ. އެހެންކަމުން އިނގެރޭސި ވިލާތުގައި ކިޔަވާކުއްޖަކާ ޚިލާފަށް ނުވަތަ ކޮމަން ލޯގެ ނިޒާމަށް ކިޔަވާކުއްޖަކާ ޚިލާފަށް މިޞްރުގައި ކިޔަވާކުއްޖަކަށް ދިވެހި ޤާނޫނީ ނިޒާމު ފަހުމުވުން ފަސޭހަވާނެއެވެ.
ދެން އޮތީ ކޮމަންލޯ ނުވަތަ ޢުރުފީ ޤާނޫނީ ނިޒާމުގެ ވާހަކައެވެ. މިފަދަ ޤާނޫނީ ނިޒާމުވެސް މިޞްރުން ކިޔަވާކުއްޖެއްގެ ވިސްނުމާ ދުރުނުވާނެއެވެ. އެއީ މިޞްރުގެ ޤާނޫނީ ފޮތްތަކުގައި އިނގެރޭސިވިލާތުގެ ޤާނޫނީ ނިޒާމަށް ރިފަރކޮށްފައި ހުންނާތީއެވެ. އިނގެރޭސީންގެ ޤާނޫންތަކަށް ރިފަރކުރުމުގެ އިތުރަށް، މިޞުރުގައި ޤާނޫން ކިޔަވައިދިނުމުގައި މިޞްރުގެ ޤާނޫންތައް ފިޔަވައި އެންމެ މަތީ މަރުޖިޢެއްކަމުގައި ބަލަނީ ލުބުނާނުގެ ޤާނޫނީ ނިޒާމެވެ. ލުބުނާނުގެ ދުސްތޫރަކީ ވިލުންތެރި ދުސްތޫރެކެވެ. އިނގެރޭސި ބަހުން ދަންނަވަނީނަމަ، (Flexible constitution) އެކެވެ. އެއީ އިނގެރޭސި ވިލާތުގައިވެސް އޮންނަ ޤާނޫނީ ނިޒާމެވެ. އެފަދަ ޤާނޫނީ ނިޒާމުގެ މައިގަނޑު މަޞްދަރަކީ ޢުރުފެވެ. ނުވަތަ (Custom) އެވެ.
އެހެން ޤައުމުތަކުގައި ޤާނޫން ކިޔަވާކުއްޖަކާ ޚިލާފަށް މިޞްރުގައި ޤާނޫނު ކިޔަވާކުއްޖަކަށް ލިބޭނެ އިތުރު ފުރިހަމަކަމަކީ އިސްލާމީ ޝަރީޢަތުގެ ތެރެއިން ފިޤުހުގެ ބައިތައް ފުރިހަމައަށް އެނގުމެވެ. މިޞްރުގެ އަލްއަޒުހަރުގައި ޤާނޫނުގެ ކޯސް މިނެމެނީ ފަސް އަހަރުންނެވެ. އެފަސް އަހަރުގެ ތެރޭގައި ފިޤުހުގެ ހުރިހާ ބާބެއް ތިން ގޮތަކަށް ކިޔަވާނެއެވެ. އެއީ ފިޤުހުގެ ޒަމާނީ މައްސަލަތަކާއި ފިޤުހުލް މުޤާރަން (ނުވަތަ މަޛުހަބުތަކުގެ މެދުގައި ފިޤުހާއި) ފިޤުހުލް މަޛުހަބީއެވެ. ފިޤުހުލް މަޛުހަބީގައި ތުރާޘްގެ ފިޤުހާއި މައުޟޫޢީ ފިޤުހު ކިޔަވާނެއެވެ. އަދި ފިޤުހުގެ ތެރޭގައި ނުހިމެނޭ ވަކި މާއްދާއެއްގެ ގޮތުގައި ފަރާއިޟް ނުވަތަ މީރާޘް ތަފްޞީލުކޮށް ކިޔަވާނެއެވެ. މީގެ ތެރެއިން ޒަމާނީ ފިޤުހީ މައްސަލަތަކުގައި ޤާނޫނާއި ޝަރީޢަތުގެ މެދުގައި މުޤާރަންކޮށް މާނައަކީ އަޅާކިޔާ ނިޒާމަށް ޒަމާނީ ފިޤުހީ މައްސަލަތައް ދިރާސާކޮށް ކިޔަވަން ޖެހެއެވެ. އެގޮތުން މުޢާމަލާތާއި ޖިނާޔާތު ވަރަށް ތަފްޞިލުކޮށް މިޞްރުގައި ޤާނޫން ކިޔަވާ ކުދިން ކިޔަވާނެއެވެ.
އަދި ވަރަށް ތަފްޞީލުކޮށް އުޞޫލުލް ފިޤުހި ކިޔަވާނެއެވެ. އެގޮތުން އުޞޫލުގެ ތުރާޘީ ފޮތަކާއި މިޒަމާނުގެ ފޮތަކާއި ދެފޮތުން އުޞޫލުލް ފިޤުހު ކިޔަވަންޖެހޭނެއެވެ. އެމާއްދާތައް ކިޔަވައިދެއްވާނީ މިޞްރުގެ އަޒުހަރުގެ އުޞޫލީންނެވެ. ނުވަތަ އުޞޫލުލް ފިޤުހުގެ މަރުޖިޢުންކަމުގައި ބެލެވޭ ބޭފުޅުންނެވެ.
ދެން އޮތް ސުވާލަކީ ޤާނޫނީ ނިޒާމް ކިޔެވުމުގައި މިޞްރުން ކިޔަވާ ކުއްޖަކަށް ލިބިދާނެ ނިކަމެތިކަމަކީ ކޮބައިތޯއެވެ؟ މިހާރު ދިވެހި ރާއްޖޭގެ ޤާނޫނީ ނިޒާމު ބައްޓަން ކުރުމަށް ބަޔަކު މަސައްކަތްކުރާ ގޮތަށް ބަލާއިރު މިޞްރުން ކިޔަވަ ކުއްޖަކަށް ލިބިދާނެ ނިކަމެތިކަމަކީ އިނގެރޭސި ނޭނގުމެވެ. އެހެންނަމަވެސް ކުޑަކުޑަ ހިންމަތެއްކޮށްލަނިކޮށް އެމައްސަލަ ޙައްލުވެދާނެއެވެ. މިޞްރުގައި އިނގެރޭސި ބަސް އުނގެނުމަކީ އުދަގޫ ދަތިކަމެއްނޫނެވެ.
ދެން އޮތީ މިޞްރުގައި ބައިނަލް އަޤުވާމީ ޤާނޫނީ ނިޒާމުތައް ކިޔަވައިދޭ ގޮތެވެ. އެފަދަ މާއްދާތަކުގައި އެންމެ އިސް މަރުޖިޢަކީ ބައިނަލްއަޤުވާމީ މުޢާހަދާތަކެވެ. އެހެނިހެންވެސް ޢިލްމީ މުއައްސަސާތަކަކެކޭ އެއްފަދައިން ބައިނަލް އަޤްވާމީ ޤާނޫންތައް މަރުޖިޢަށް އަންނަ ބަދަލާ ވިދިގެން މިޞްރުގައިވެސް ބަދަލުވެއެވެ.
ދިވެހިރާއްޖެއަށް ކޮމަންލޯ ނުވަތަ ޓޯރޓުލޯގެ ނިޒާމު ތަޢާރަފުކުރުމަށް ބަޔަކު ކެނޑި ނޭޅި މަސައްކަތްކުރަމުން އެބަދެއެވެ. އެކަމަކީ ބޭނުމެއް އޮވެގެން ކުރެވޭ މަސައްކަތަކެވެ. ދައުލަތާއި ދީން ވަކިކުރުމުގެ މަސައްކަތެވެ. މިޞްރުން ޤާނޫން ކިޔަވައިގެންދާ އިސްލާމް ދީންދެކެ ލޯބިވާ ޝަޚުޞިއްޔަތަކުވާނީ އެކަމުގެ ކުރިމަތީގައި ހުންނާނެ ހަރުދަނާ ހުރަހެއްކަމުގައެވެ. އެއީ ޤާނޫނާއި ދީން އެނގި އެދެކަމުގެ މެދުގައި ގުޅުން އުފެއްދުމީ އޭނާއަށް ކުރެވޭނެކަމަކަށް ވާތީއެވެ.
މިޞްރުގައި ޤާނޫނީ ޢިލްމު އުގެނެމުންދާ ކުދިންނަށް އަޅުގަނޑު ގޮވައިލަނީ ޤާނޫނީ ޢިލްމު އުނގެނުނަސް އިސްލާމް ދީނަށް ނަޞްރުދިނުމަކީ ފުރަތަމަ ލަނޑުދނޑިކަމުގައި ހެދުމަށެވެ. އަދި އިސްލާމީ ޝަރީޢަތް މާތްﷲގެ ބިންމަތީގައި ތަންފީޒުކުރުމަށް މިކުރެވޭ ދަތުރުގެ ބައިވެރިންގެ ގޮތުގައި އެކަމަށް އެހީތެރިވެދިނުމަށެވެ!

ފާހަގަ: ,

0 ޚިޔާލު!

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!