މޮޔަފެނުގެ ކޯރު

ތަރުޖަމާ: އިބްރާހީމް ޢަބްދުﷲ

ބުއްދި ސަހަރުގެ މައި ފެންކޯރުގައި މޮޔަވައިރަސް އަށަގަތެވެ. ނަތީޖާއަކަށްވީ އެކޯރުން ފެންބޯ ހަމަ ކޮންމެ މީހަކުވެސް މޮޔަވުމެވެ. އެކޯރުން ފެންބޮއިގެން މޮޔަވާ އެންމެންވެސް ވާހަކަ ދައްކައި ހަދަނީ ހޭޖެހޭމީހުންގެ ބަހުރުވަޔާއި ތަފާތު ބަހުރުވަޔަކުންނެވެ. ކިޔާނުކިޔާ އެއްޗެއްގެ ލަފްޒީ މާނަތަކެއް ދޭހަވިއަސް ދައްކަނީ އެއްވެސް އޮޓަރެއް ނެތްވާހަކަތަކެވެ. ވާނީވެސް އެހެންތާއެވެ. މޮޔަވަނީއެވެ. މިބަލި ދުވަހެއް ދުވަހަކަށް ބޮޑުވެ ރޯގާއެއްގެ ސިފަޖެހި މުޅި ސަހަރުގައި ވަރަށް ބާރަށް ފެތުރެމުން ދާންފަށައިފިއެވެ.

މޮޔަބައްޔަށް ފަރުވާކުރުމަށް އެސަހަރުގެ ރަސްގެފާނު ވަރަށް ގިނަގުނަ ފިކުރު ކުރެއްވިއެވެ. ނަމަވެސް ބަލިފެތުރުކަމަށް ހުއްޓުމެއް މަޑުޖެހުމެއްނެތި ކުރިއަށް ދިޔައެވެ. ކޮންމެދުވަހެއްގެވެސް އިރުއެރުމުން ޚަބަރުބައްލަވާއިރު ކުރިން މޮޔަނުވާ އެތައްބަޔަކު ތިބެނީ މޮޔަވެފައެވެ. އެއްދުވަހަކު ޚަބަރުދަބަރު ބެއްލެވިއިރު ކަމަކުދާކަށް ނެތެވެ. ރަނިކަމަނާވެސް އިންނެވީ މޮޔަވެފައެވެ. އެކަމަނާގެ ކަމަކީވެސް މޮޔައިންގެ މައިދާންތަކުގައި ބައިވެރިވެ ރަސްގެފާނާއި އަޢުވާނުންގެ މޮޔަވާހަކަ ދެއްކުމެވެ. ރަސްގެފާނާއި ސަހަރުގެ ކަމުވޮށިވެގެންވާ މީހުންނަކީ ނުވިސްނޭ މޮޔައިންކަމަށް އެމައިދާންތަކުގައި ވާހަކަދެކެވެއެވެ. އެކަމާ ވަރަށް ހިތާމަފުޅުކުރައްވާ، އެހާމެ ކޯފާވެ ވަޒީރަށް ވިދާޅުވިއެވެ. " ރަނިކަމަނާ މޮޔަފެންބޯ ހިސާބަށް ދިޔައިރު އެކަމަނާގެ ފާރަވެރިން ކޮބާހެއްޔެވެ؟ "ޖަވާބުގައި ވަޒީރު ވިދަޅުވީ އެކަމަނާ އެކޯރުގެ ފެން ހިއްޕެވުމުގެ ކުރިން ފާރަވެރިން އެފެން ބުއީ ކަމުގައެވެ. ފާރަވެރިން މޮޔަވެފައި ތިބުމުން އެކަމަނާއަށް އެކަން ކުރައްވަން ހުރަސްއެޅުމުގެ ބަދަލުގައި އެމީހުންވެސް އެކަމަށް ހިއްވަރުދެއްވީކަމަށް ބެލެވެއެވެ. ލަސްނުކޮށް ޑަކްޓަރ ގެނައުމަށް ރަސްގެފާނުގެ އަމުރުފުޅު ކުރެއްވިއެވެ.

ދުވަސްކޮޅެއްފަހުން، ވަރަށް މޮޅިވެރި ރާގަކަށް ވަޒީރު ވިދާޅުވީ، ޑަކްޓަރވެސް ހަމަ އެފެން ބޮއިގެން މޮޔަވެފައިވާ ކަމުގައެވެ. މިވަނީ ކޮންކަމެއްކަމާއި މެދު ރަސްގެފާނު ވަރަށް ފުންކޮށް ވިސްނަވަންޖެހިއްޖެއެވެ. އަދި މި ސަހަރުގައި މޮޔަނުވެ މިހާރު ތިބީ ކޮންބައެއްތޯ ރަސްގެފާނު ވަޒީރުކުރެން ސުވާލުކުރެއްވިއެވެ. ޖަވާބުގައި ވަޒީރު ދެންނެވީ މިހާރުދެން މޮޔަބަލިނުޖެހި ތިބީ ރަސްގެފާނާއި ވަޒީރު އެކަނިކަމުގައެވެ.

އަހަރެންނަށް ރަސްކަންކުރަން ޖެހިފައި މިއޮތީ ހުސް މޮޔައިންތަކެއްގެ މައްޗަށް ހެއްޔެވެ؟ ރަސްގެފާނަށް ބުނެވުނެވެ. ވަޒީރު: މާފުކުރައްވާށެވެ.! މޮޔަބަލިޖެހިފައިވާ މީހުން ޤަބޫލުކުރާގޮތުގައި އަޅުގަނޑުމެން ދެމީހުންނަކީ މިހާރު މިސަހަރުގައި މޮޔަވެފައިވާ ދެމީހުންނެވެ. ހޭޖެހޭ، ބުއްދިވެރިންނަކީ އެމީހުންނެވެ.

ރަސްގެފާނު: ތިޔަދައްކަނީ ކޮންޒާތެއްގެ ވާހަކައެއް ހެއްޔެވެ؟ މޮޔަކޯރުން ފެންބުއީ އެމީހުން ނޫންހެއްޔެވެ؟ އެކަމުގެ ސަބަބުން މޮޔަބަލި ޖެހުނީ އެފެން ބުއީ މީހުނަށް ނޫންހެއްޔެވެ؟

ވަޒީރު: އެމީހުން ކިޔާ އެއްޗެއް ދަންނަވަންތޯއެވެ؟ އެމީހުން ދެކޭގޮތުގައި އެމީހުން އެކޯރުން ފެންބުއީ މޮޔަކަމުން ސަލާމަތް ވުމަށެވެ. އަޅުގަނޑާއި މަނިކުފާނު އެފެންނުބޮއި މިތިބީ އަޅުގަނޑުމެންގެ މޮޔަކަމުންނެވެ. އެހެންކަމުން މިހާރު މޮޔައިންގެ ގޮތުގައި ތިބީ އަޅުގަނޑުމެނެވެ. އެމީހުންނަކީ މިހާރު ހަމަ އެކަނި އަޣުލަބިއްޔަތެއް ނޫނެވެ. މުޅި ސަހަރުގެ ރައްޔިތުންނެވެ. އަޅުގަނޑުމެނަކީ ސަހަރާއެއްގެ ތެރޭގައިވާ ދެފުށް ވެއްޔަށްވުރެވެސް ނިކަމެތި ބައެކެވެ. ޙައްޤާއި ބާޠިލު ކަނޑައަޅަނީ އެމީހުންނެވެ. ޢަދުލު އިންސާފާއި ރީއްޗާއި ހުތުރު ކަނޑައަޅަނީ އެމީހުންނެވެ. މޮޔައިންނާއި ބުއްދިވެރިންގެ މެދުގައިވާ ފަރަގުގެ މިންގަނޑުތައްވެސް ކަނޑައަޅަނީ އެމީހުންނެވެ.

އެވަގުތު ރަސްގެފާނު ފުން ނޭވާއެއްލުމަށްފަހު ވިދާޅުވިއެވެ. "މޮޔަފެން ކޯރުން އަހަރެންނަށް ފެންތައްޓެއް ގެނެސްދޭށެވެ"! މޮޔައިންގެ ދުނިޔޭގައި ބުއްދިވެރިއެއްގެ ގޮތުގައި ހުރުމަކީ މޮޔަކަމެކެވެ."

މޮޔަކޯރުގެ ފެނުގެ ވާހަކަ ނިމުނީއެވެ. އެހެންނަމަވެސް އެހެންވާހަކައެއް އެބައޮތެވެ. ތިބާ ތިޔައީ ރަސްގެފާނުނަމަ ކަންތައްކުރާނީ ކިހިނަކުން ހެއްޔެވެ؟

" ތިބާ ހިތުގެ އަޑިން ޤަބޫލުކުރާ ގޮތަކީ އެހެން އެންމެން ޤަބޫލުކުރާގޮތާ ތަފާތު ގޮތަކަށް ވާ ވަގުތު......
ތިބާގެ އުންމީދުތަކާއި ހުވަފެންތަކަކީ އެހެންމީހުންގެ ހަމަބިމަށްވުރެ އުހުގައިވާ އެއްޗަކަށް ވާވަގުތު.............
ފަހެ ތިބާ އެހެންމީހުނަށް އަމާންދޭނީހެއްޔެވެ؟.......... އެހެން މީހުންގެ ހަމަބިމަށް ތިބާވެސް ތިރިވާނީހެއްޔެވެ؟............ ތިބާވެސް ރަސްގެފާނު ބެއްލެވި ފެންތަށި ބޯނީހެއްޔެވެ؟ ފަހަރެއްގައި މީހުން ބުނެފާނެއެވެ." އެވެނިމީހަކާއި، މިވެނިބަޔަކާއި އެހުރިހާ އެންމެން އެކައްޗެއް ކިޔައި އެއްގޮތަކަށް އުޅޭއިރު އެ އެންމެންގެ ގޮތް ގޯސްވެފައި، ތިބާގެ ގޮތް ރަނގަޅުވެދާނެހެއްޔެވެ؟ " މިފަދައިން ބުނާމީހާ އެ ހުށަހަޅަނީ ރަސްގެފާނު ބެއްލެވި ފެންތަށިން ތިބާވެސް ބޯން ނޫންބާއެވެ؟

ޙައްޤުފާޅުވާން ވަގުތު ނަގާފާނެކަން ދަންނާށެވެ! އަދި ޙައްޤު ވަނީ ކިތަންމެއާދައިގެ މީހަކު ބުނާ ބަހުގައި ކަމުގައިވެސް ވެދާނެއެވެ. މިބިމަކީ ވަށް އެއްޗެއްކަމުގައި ގެލީލިއޯ ބުނުމުން އެކަން އެޒަމާނުގެ އެންމެން ދޮގުކުރިއެވެ. އެކަމުގެ ސަބަބުން އޭނާ ޖަލަށްލައި މަރާލެވުނެވެ. އޭގެ 350 އަހަރުފަހުން މިކަމަކީ މުޅިދުނިޔެ ޤަބޫލުކުރާކަމަކަށް ވިއެވެ.

ކަމެއްގެ ޙަޤީޤަތް ތިބާއަށް އެނގި، އެކަމާއިމެދު ތިބާ ހިތުގެ އަޑިން އީމާންވާގޮތް އެއީ މުހިންމު އެއްޗެއްކަން ހަނދާންކުރާށެވެ. އެހެން އެއްވެސް މީހެއްގެ ފިއްތުންތަކަކާއި ނުލައެވެ. ތިބާގެ ނަފްސަށް ތިބާގެ އިތުބާރު އޮތްނަމަ، އެހެންމީހުން ދެކޭގޮތާއި އެމީހުންގެ ޙާލަތާއި ސަބަބު ތިބާއަށް ވިސްނޭނަމަ، އަމާންދިނުމުގެ ބޭނުމެއް ވޭބާއެވެ؟

ސުވާލަކީ: " ތިބާއަށް އެއްކަލަ ފެންތަށި ބޯންޖެހިއްޖެނަމަ.......
މީސްތަކުންނަށް ތަބާވުމުގެ ގޮތުން އެތަށިން ބޯނީހެއްޔެވެ؟ ނުވަތަ ތިބާ އެކަނިވިއަސް ބުއްދިވެރިކަންމަތީ ހޭޖެހޭމީހެއްގެ ގޮތުގައި ސާބިތުވެ ހުންނާނީހެއްޔެވެ؟
ފާހަގަ: , ,

1 ޚިޔާލު!

  1. ޢަބްދު ﷲ މޫސާ
    April 30, 2011

    އަސްއަސްތާ ހުސްވެ ދިޔަޔަސް ނަސްލު ހައްގުގެ ބައިވެރީން
    ގަސްދުގައި ހުރެ ރަސްގެ ބުއިތަށި އިން ނުބޯށެ މަގޭ ދަރީން

    އާދެ އިހުގެ ޅެންވެރިޔާ ކިޔާފައިވާ ދިގު ގަސީދާއަކުން ނެގޭ މި ބައިތު ހިތަށް ގެނުވި މި ލިޔުމުން ހިތަށް އަސަރުކުރާ ހާލު މިތާގައި ކޮމެންޓުކޮށްލީމެވެ.

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!