އިސްލާމީ ޙައްލުގެ ފުރަތަމަ ބަދަރު....މުސްލިމް ފަރުދަކު ބިނާކުރުން!

އަޅުގަނޑުމެންގެ ޤައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ޙައްލަކީ އިސްލާމް ދީންކަމުގައި އަޅުގަނޑުމެން އެންމެ ޤަބޫލުކުރަމެވެ. އަދި އަޅުގަނޑުމެން ކުރެ ގިނަ ބަޔަކު އެޙައްލު ގެނެސްދިނުމަށް އެދި ދައުލަތުގެ މަސްވޫލުވެރިން އަރިހުން އާދޭސް ދަންނަވަމުން އެބަދެއެވެ. އެޙައްލަށް ބޭނުން ޖެހިފައިވާ މިންވަރުގެ ބޮޑުކަމުން ލަނގޮޑިއަށް ކެތް ނުކުރެވިގެން ނުކުންނަ މައިންނާއި، ކެތްތެރިކަން ކޮޅުންލައިފައިވާ ބަފައިން މިއަދު މަގުތަކަށް ނުކުމެ، ގޮވަމުންދަނީ އިސްލާމީ ޝަރީޢަތް ޤާއިމުކުރުމަށެވެ.

ސުވާލަކީ އިސްލާމީ ޝަރީޢަތް ޤާއިމުކުރުމަށް އަޅުގަނޑުމެން ކުރަންވީ ކޮން ކަމެއްތޯއެވެ؟ މިތަނުގައި އަޅުގަނޑުމެން ކަމުގައި މިދެންނެވީ ދީނުގެ ޢިލްމު އުގެނޭ ދަރިވަރުންނާއި އިސްލާމީ ޙަރަކާތްތެރިންގެ ވާހަކައެވެ. އިސްލާމީ ހަރަކާތަށް ނިސްބަތްވާ އެންމެހާ ފަރުދުންގެ ވާހަކައެވެ. ވަކި ޖަމާޢަތެއް، ވިކި ވިސްނުމެއް އިސްތިސްނާކުރުމެއް ނެތިއެވެ. ޤައުމުގެ ޙާލަތު ބަދަލުކޮށް ހެޔޮމަގަށް އެޅުވުމަށް މިދަނޑިވަޅުގައި އަޅުގަނޑުމެން އެންމެންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟

އަޅުގަނޑު މިމަޒުމޫނުގައި ހުށަހަޅާނީ ދިވެހި ރާއްޖޭގެ އިސްލާމީ ޙަރަކާތްތެރިންނަށް ބޭނުންކުރެވިދާނެ އުކުޅުތަކެކެވެ. އަދި ރޭވުންތެރިކަމަކާއެކު، އިސްލާމީ ދައުލަތަކާ ހަމައަށް އައުމަށް ކުރެވިދާނެ މަސައްކަތްތަކެކެވެ. މިކަންކަމަކީ މީގެ ޒާތުގައި ދުވަސްތަކެއް ނުވަތަ މަސްތަކެއް ނުވަތަ އަހަރުތަކެއް އެކަމަކަށްޓަކައި ހޭދަކުރަންޖެހިދާނެކަންކަމެވެ. އާދޭހެވެ. ދިގު އިންތިޒާރުގެ ނިމުން ފުރިހަމަވާނެ ނޫންތޯއެވެ؟

އަޅުގަނޑުމެންގެ އަމާޒަކީ ކޮބައިބާ؟

އަޅުގަނޑުގެ ކުރިމަތީގައި އިސްލާމީ ޙަރަކާތެއްގެ އޮންނަންވާނީ މައިގަނޑު ތިން އަމާޒެކެވެ. އިސްލާމީ ޙަރަކާތްތަކުގެ ތެރެއިން ބައެއް ޙަރަކާތްތަކަކީ މީގެ ތެރެއިން ކޮންމެވެސް އެއްއަމާޒެއް ޙާޞިލުކުރުމަށް ނުވަތަ ހުރިހާ އަމާޒުތަކެއް އެކީ ޙާޞިލުކުރުމަށް މަސައްކަތްކުރާ ބައަކު ކަމުގައި ވެދާނެއެވެ. ކޮންމެއަކަސް އަޅުގަނޑު ދަންނަވަން އުޅުނު ތިން އަމާޒަކީ: މުސްލިމް ފަރުދަކު ބިނާކުރުމާއި، މުސްލިމް ޢާއިލާއެއް ބިނާކުރުމާއި، މުސްލިމު މުޖުތަމަޢެއް ނުވަތަ އިސްލާމީ ދައުލަތެއް ބިނާކުރުމެވެ.

އަޅުގަނޑު ޔަޤީންކުރާ ގޮތުގައި މިތިންކަމަކީވެސް އޭގެ ޒާތުގައި އަޅުގަނޑުމެން އިސްލާމީ ޙަރަކާތްތެރިން ބޭނުންވާނެ ކަންތަކެވެ. އަދި ފުރަތަމަ މިދެންނެވި ދެކަންތައް ޙާޞިލުކުރެވުމަކީ ތިންވަނަ ކަންތައް ޙާޞިލުކުރުމަށް މަގެއް ކޮށުމެވެ. ކޮންމެއަކަސް މިތިން އަމާޒު ޙާޞިލުކުރުމަށް ފުރިހަމަ އިސްލާމީ ޙަރަކާތަކަށް ބޭނުންވެއެވެ. ރޭވުންތެރިކަމާއެކު، އެކި މައިދާންތަކުގައި އެކި އުސްލޫބު ބޭނުންކުރާ ޙަރަކާތަކަށް ބޭނުންވެއެވެ.

ދެން އަޅުގަނޑު ބަލައިލާނީ ވަކިވަކިން ކޮންމެ އަމާޒެއް ޙާޞިލުކުރުމަށް ކުރެވިދާނެ ކަންކަމަށެވެ. މިޚިޔާލުތަކަކީ އެކި ޤައުމުތަކުގައި ހިންގާފައިވާ އިސްލާމީ ޙަރަކާތްތައް ދިރާސާކުރުމަށްފަހު، އަޅުގަނޑަށް ފެނުނު އެންމެ ކާމިޔާބު އުސްލޫބުތަކެވެ. މިއުސްލޫބުތައް ބޭނުންކުރުމަށްޓަކައި އިސްލާމީ ޙަރަކާތްތެރިންގެ މެދުން ތަޢައްޞުބާއި ރުޅިވެރިކަމުގެ ރޫޙު އެކީ ނެތިގެން ދިއުން ލާޒިމެވެ. އިޙުތިރާމްކުރުމާއި އެކީގައި މަސައްކަތްކުރުމުގެ ރޫޙެއް ފެނުން ލާޒިމެވެ. މިޞްރުގައި 15 ޖެނުއަރީގެ އިންޤިލާބަށް ފަހު މިއަދު ފެންނަމުންދަނީ މިދަންނަވާ ފަދަ އެކުވެރިކަމެކެވެ. އެއެކުވެރިކަމުން ނަމޫނާ ލިބިގަތުން ދިވެހި އިސްލާމީ ހަރަކާތްތެރިންގެ މައްޗަށް ހުއްޓެވެ.

ފުރަތަމަ އަމާޒު: މުސްލިމް ފަރުދެއް ބިނާކުރުން

މުސްލިމް ފަރުދަކީ ކޮބައިތޯއެވެ؟ އެއީ ޞައްޙަ އިސްލާމީ ޢަޤީދާ ޤަބޫލުކުރާ، މާތްﷲ ފަރުޟުކުރެއްވި ކަންކަމަށް ރައްކާތެރިވާ، ޙަރާމްކުރެއްވި ކަންކަމާ ދުރުހެލިވުމަށް ގަދައަޅައި މަސައްކަތްކުރާ، މާތްﷲގެ ދީނަށް ޙުރުމަތްތެރިކޮށް ހިތާ ފަރުދެކެވެ. އެއީ މާތްﷲގެ ޙުކުމަށް ބޯލަނބާ އިންސާނެކެވެ. އިންސާނަކަށްވީތީ ކޮންމެ މީހަކަށްވެސް ކުށްތަކެއް ކުރެވޭނެއެވެ. އެކަމަކު މުސްލިމް ފަރުދަކީ އޭނާއަށް ކުރެވޭ ކުށްތަކުގެ ސަބަބުން މާޔޫސްނުވެ، ތައުބާގެ ދޮރުން އަވަހަށް ވަދެ ހެޔޮ ދިރިއުޅުމަށް ގަދައަޅައި އުޅޭ މީހެކެވެ. މިފަދަ ފަރުދުން ތަކެއްގެ މައްޗަށް ބިނާވާ މުޖުތަމަޢުގައި އޮންނާނީ ޞުލްޙަވެރިކަމާއި އަމާންކަން ފިޔަވައި ކޮންކަމެއްތޯއެވެ؟

މުސްލިމް ފަރުދަކު ބިނާކުރުމަށްޓަކައި މިސްކިތްތަކުގައި ޢިލްމުވެރިން ދެއްވާ ދަރުސްތައް ވަރަށް މުހިއްމެވެ. ދީން ދެކެ ލޯބިވާ ދީނުގެ މަތީގައި ދެމި ތިބެން ބޭނުންވާ ޒުވާނުންނަށާއި ހަރު މީހުންނަށް މިދަރުސްތައް އެހީތެރިވާނެއެވެ. އެހެންނަމަވެސް ސުވާލަކީ މިސްކިތްތަކަށް ނާރާ، ޝައިޚުންގެ ދަރުސްތައް އަޑު އިވޭ ފަށަށް ނުގޮސް ކަނޑުގައި އޮޔާދާ ކަނދުތަކެއް ފަދައިން ދިރިއުޅޭ، އަމާޒެއް ނެތް ޒުވާނާ، މުސްލިމް ހަރުދަނާ ފަރުދަކަށް ހަނދާނީ ކިހިނަކުންތޯއެވެ؟

މިހިސާބުން މިފެށެނީ ޢާންމު އިސްލާމީ ޙަރަކާތްތެރިންގެ ވާޖިބެވެ. ޒިންމާއެވެ. އެއީ އެފަދަ ޒުވާނުންނާ ހަމައަށް ދީނުގެ ރިސާލަތު ފޯރުކޮށްދިނުމެވެ. މި"މެސެޖް" އެފަދަ ޒުވާނާގެ ކަންފަތާ ހަމައަށް ވާޞިލުކޮށްދިނުމެވެ. މިކަންކުރުމަށްޓަކައި ރޭވުންތެރިކަން އިސްކުރުމަކީ މުހިއްމުކަމެކެވެ. ދީނުގެ ތެރެއަށް ވައްދަން ބޭނުންވާ ޒުވާނާގެ ޙާލަތު އެގުން މުހިންމެވެ. އަދި އެފަދަ ޒުވާނަކާ މުޚާޠަބުކުރުމުގައި އެންމެ މުހިންމީ ކޮން ކަމެއްކަން ކަނޑައެޅުންވެސް މުހިއްމެވެ. މިހުރިހާ ކަމެއް ކަނޑައެޅުމަށްފަހު ފިޔަވަހި ތަކަކަށް ބަހާލައިގެން އިޞްލާޙުގެ މަގަށް އެޒުވާނާ ގެނައުމަށް މަސައްކަތްކުރާނީއެވެ. މާތްﷲ އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެއެވެ.

މިތަނުގައި އިސްވެދިޔަ ޕެރެގްރާފުގައި އަޅުގަނޑު ހިމަނައިލި ވާހަކަތަކަށް މިސާލެއް ހިމަނައިލާނަމެވެ. ރާބުއިމާއި ފާޙިޝް ޢަމަލުތަކުގެ ތެރެއަށް ވަދެފައިވާ ޒުވާނެކެވެ. ނަމާދެއް ނުކުރެއެވެ. ރަމަޟާން މަހުގެ ދުވާލު ކައި ބޮއެ ހަދައެވެ. މީނާގެ ކުރިމައްޗަށް އަޅުގަނޑު ހުއްޓި އިސްލާމްދީނުގެ އަސާސްތައް ދޫކޮށް ފަރުޢުތަކުގައި ކޮލު ދަތުން ހިފުމުން އޭނާ ދީން ދެކެ ލޯބިވާނެތޯއެވެ؟ އެހެންކަމުން އޭނާއާ މުޚާޠަބުކުރުމުގައި މުހިއްމު ދެކަމެއް ކަނޑައެޅުން މުހިއްމެވެ. ފުރަތަމަ އަދި އެންމެ މުހިއްމުކަމަކީ ނަމާދެވެ. އެޒުވާނާ ގޮވައިގެން ނަމާދަށް ދާންވީއެވެ. އަދި ނަމާދަށް ދަމުން ރާގެ ނުބައި ވާހަކަ ދައްކާނީއެވެ. އަދި ތައުބާގެ ދޮރު ހުޅުވިފައިވާ ކަމާއި އިޞްލާޙުވުމަށް މަގު އެބައޮތްކަން ބުނެދޭނީއެވެ. މިއާއެކު، ރަނގަޅު ރަޙުމަތްތެރިންތަކެއް އޭނާއަށް ހޯދައިދޭނީއެވެ. އޭނާ ކުރާ ހިތްވާ، ދީނުގައި ޙަރާންކަމެއްކަމުގައި ނުހިމެނޭ ކަންތައްތައް އެކީގައި ކުރާ ޒުވާނުން ތަކެކެވެ. އެކީގައި ކޮފީއަށް ގޮސް، ފޮޓުބޯޅަ ކުޅެން ގޮސް އުޅޭނެ ރަނގަޅު ބައެކެވެ. ދީނަށް އުޅެމުން ޢާންމު ގޮތެއްގެ މަތީގައި ދިރުއުޅޭނެ ގޮތް ދައްކާނީއެވެ.

އެހައިރުން އޭނާއަށް ޝައިޚުންގެ ދަރުސްތައް އަޑި އިވޭނެއެވެ. އަދި ކިއެއްހެއްޔެވެ؟ އަޑު އެހުމުގެ ޝައުޤުގައި އޭނާ ދާނެއެވެ. އެކުވެރިން ރަނގަޅުވުމަކީ ހެޔޮމަގަށް އައުމަށް ލިބޭ ބާރެކެވެ. އެންމެ ފުރަތަމަ ޢިލްމުވެރިއެއްގެ ސީޑީއެއް ގެނެސް ދިނަސް އެއިން އެޒުވާނާއަށް ފައިދާއެއް ނުކުރާނެއެވެ. އެސީޑީ އަޑު އެހުމުގެ ޝައުޤެއް އޭނާގެ ހިތުގައި ނޯންނާނެއެވެ. އަދި އަޑު އެހުމަށްފަހު ހިނދުކޮޅަކަށް އިޞްލާޙުގެ މަގު އިޚުތިޔާރު ކުރިޔަސް އެމަގުގައި ސާބިތުވުމަށް އެހީތެރިވެދޭނެ ބަޔަކު ނެތްނަމަ، އަނބުރައި އިބިލީހުގެ ދަންތުރައިގައި ޖެހުމަކީ ނުހަނު ފަސޭހަކަމެކެވެ.

ތަޤުވާވެރިކަމާއި ހެޔޮކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ އިސްލާމީ އުޞޫލުތަކުގެ ތެރެއިން އުޞޫލެކެވެ. އެހެންކަމުން އިސްލާމީ ދަޢުވަތު ފެތުރުމުގައި މިއަޞްލުގެ މައްޗަށް ކަންކަން ރޭވުމަކީ ކުރެވިދާނެ މުހިއްމު ކަމެކެވެ. ދީނުގެ ޢިލްމު އުގެނެމުންދާ ނުވަތަ އުގެނިފައިހުރި ޒުވާނަކު އިސްވެ ހުރެގެން ގުރޫޕްތަކެއް އުފެއްދިދާނެއެވެ. ކޮންމެ ގުރޫޕެއްގެ މީހުންވެސް އެކީގައި، ހަފުތާގެ ކޮންމެވެސް ރެއެއްގައި ދަމުއަޅުކަން ކުރެވިދާނެއެވެ. ހަފްތާއެއްގައި ނުވަތަ މަހެއްގައި ޤުރުއާނުން މިންވަރެއް ކިޔެވުމަށާއި، ހިތުދަސްކުރުމަށާއި، މާނަ ބަލައި އެއާޔަތްތަކާމެދު ވިސްނުމަށް ކަނޑައެޅިދާނެއެވެ. ސުންނަތް ރޯދަ ހިފާ، އެކީގައި ރޯދަ ވީއްލުން ފަދަ ކަންކަން ރޭވިދާނެއެވެ. މިއީ ރޫޙާނީ ތަރުބިއްޔަތަށް މުހިއްމު މަންހަޖެއް ކަމުގައި އަޅުގަނޑަށް ފެނެއެވެ.

މިހައިހަމައަށް މިދެއްކުނު ހުރިހާ ވާހަކަތައްވެސް ނިސްބަތްވަނީ ފިރިހެނުންނަށް ކަމުގައި ހީވުމަކީ ކުށް ހީއެކެވެ. މިދެންނެވި އުޞޫލުތަކަށް ތަބާވެގެން އަންހެން ކުދިންގެ މެދުގައިވެސް ދީނީ ދަޢުވަތު ކުރިއަށް ގެންދެވިދާނެއެވެ. އެއްވެ، އެކީގައި ނަމާދުކޮށް، ޤުރުއާން ކިޔަވައި ހެދުމަށް ޖަމާޢަތްތަކެއް ހެދިދާނެއެވެ. މިއީ ޒުވާން ކުދިންގެ ވަގުތުތައް ހެޔޮ ގޮތުގައި ބޭނުންކުރުމަށާއި ނަފްސު ހެޔޮ ކަންކަމުގެ މައްޗަށް ހޭނުމަށް ކުރެވިދާނެ މުހިއްމު ކަމެކެވެ.

ރިސާލަތުގެ އުޞޫލުތައް

މިފަދަ ދަޢަވީ މަސައްކަތަކީ އަސާސްތަކެއްގެ މައްޗަށް ބިނާވެފައި ހުރުން ލާޒިމު މަސައްކަތެކެވެ. އެގޮތުން އިސްލާމީ ފަރުދަކު ބިނާކުރުމަށް މިކުރާ މަސައްކަތުގައިވެސް އަސާސްތަކަކަށް ތަބާވުން ލާޒިމެވެ. އެގޮތުން އަޅުގަނޑު މިތަނުގައި 3 އަސާސެއް ފާހަގަ ކުރާނަމެވެ.

ހ. ކީރިތި ޤުރުއާނުގެ ހިޔަލުގައި

ޤުރުއާނުގެ ހިޔަލުގައި މެނުވީ މުސްލިމަކު ބިނާ ނުވާނެއެވެ. އެހެންކަމުން މުސްލިމަކު ބިނާކުރުމަށް އޭނާގެ ވިސްނުންތައް ބިނާކުރުމަށް ޤުރުއާނާއި ސުންނަތް ބޭނުންވެއެވެ. އެހެންކަމުން ޤުރުއާން ކިޔަވަން ދަސްކޮށްގެން ތިމާ ހުރުމަކީ މުހިއްމުކަމެކެވެ.

އެއަށްފަހު ތިމާ އިޞްލާޙުކުރަން ބޭނުންވާ މީހާ ޤުރުއާނާ ގާތްކުރާށެވެ. އެކަންކުރުމުގައި އަވަސްވެ ނުގަންނާށެވެ. އެއްވެސް ގޮތަކަށް ކީރިތި ޤުރުއާން ކިޔަވަން ނޭނގޭ މީހަކަށް، އެންމެ ފުރަތަމަ ކުދި ކުދި ސޫރަތްތައް ކިޔަވަން ދަސްކޮށްދޭށެވެ. އަދި އެއާޔަތްތަކުގެ މާނަތައް ކިޔައިދޭށެވެ. މިއީ ހިތުގައި އީމާންތެރިކަން އިތުރުކުރުމަށްޓަކައެވެ.

ކޮންމެ މީހެއްގެވެސް ފެންވަރު ދެނެގަތުމަށްފަހުގައި އެމީހަކާ އެންމެ އެކަށީގެންވާ ގޮތަށް ޤުރުއާން ދަސްކޮށްދޭށެވެ. އަދި ޤުރުއާނުގެ މާތްކަމާއި، އެފޮތުގެ މޮޅުކަން ސައިންސާއި އެހެނިހެންވެސް ޢިލްމީ ހެކި ތަކުގެ އަލީގައި ބުނެދޭށެވެ. އެއީ ހިތުގައި ޤުރުއާނާމެދު އޮންނަ ޔަޤީންކަން އިތުރުކުރުމަށެވެ.

ށ. ތަސާމުޙުގެ އުޞޫލުގެ މަތީގައ:

ތަސާމުޙޭ މިދެންނެވީ މަޢާފުކުރުމާއި ހިތް ހެޔޮ ކުރުމުގެ އުޞޫލެވެ. މަޑިމައިތިރިކަމާއި ލުއިކޮށް ދަޢުވަތު ދިނުމެވެ. ދީނުގެ ތަކުލީފުތަކަކީ މުޞީބަތެއްކަމުގައި ހީވާނެ ގޮތަށް ވާހަކަ ނުދައްކާށެވެ. މިހާ ހިސާބުންވެސް މިސާލެއް ހިމަނައިލާނަމެވެ. މިއީ ވަރަށް ކުރު މިސާލެކެވެ.

އަލަށް އިސްލާމްވި ޒުވާނަކު ޝައިޚެއް ގާތަށް ގޮސް ދީނަށް އުޅުމަށް ކުރަންޖެހޭނެ ކަންކަމާމެދު، ސުވާލުކުރުމުން ޝައިޚު ވިދާޅުވިއެވެ. " ދުވާލަކު 5 ނަމާދު ކުރަން ޖެހޭނެއެވފަތިހު ތެދުވެގެން ނަމާދަށް ދާންޖެހޭނެއެވެ. ފަތިސް ނަމާދަށް ކަލޭ ކުރިން ނުދަމެއްނު؟ އެއީ ވަރަށް އުދަގޫ ކަމެއް އެކަމަކު ލާޒިމުކަމެއް. ދެން މެންދުރު ޖެހޭނެ ހަތަރު ރަކުޢަތް ހަވީރުވެސް ހަތަރު ރަކުޢަތް ރޭގަނޑު އިރު އޮއްސޭ އިރު، ތިން ރަކުޢަތް ކުރަންޖެހޭނެ، އަދި ރޭވީމަ ޢިޝާކުރަން ޖެހޭނެ"

ހަމަ އެހެން ޝައިޚެއް ކުރެން މިސުވާލު ކުރުމުން ދިން ޖަވާބު ބައްލަވާށެވެ. ތަފާތު އެގިވަޑައިގަންނަވާނެއެވެ. "މާ ބޮޑު ކަމެއް ކުރާކަށް ނުޖެހޭނެ، ފަތިހު ތެދުވެލައިގެން އައިސް ފަތިސް ނަމާދުކޮށްލާނީ، ގާތް ގަނޑަކަށް 15 މިނުޓުވެސް ނުވާނެ، ދެން ތިހެން ބުރަކޮށް މަސައްކަތުގައި އުޅެފައި، މެންދުރު ގަނޑީ ކުޑަ ރެސްޓެއް ނަގާލާނީ، އަނެއްކާވެސް މާތްﷲއަށްޓަކައި 10 ވަރަކަށް މިނިޓު ނަމާދަށް ދޭނީ، އެއަށްފަހު ހަވީރު އަތަށް އަޅާލީމަ، ޢަޞުރުގަނޑީގައިވެސް ނަމާދުކުރަންޖެހޭނެ. ދެން މަޣުރަބު ގަނޑި އަންނާނެ އިރުއޮއްސުނީމަ، އެހައިރުން ދެން މަސައްކަތް ނިމި ގެއަށް ވެސް ދެވޭނެ ދެން ނަމާދުކޮށްލައިގެން، ޤުރުއާން ކިޔަވައިލައިފަ، ދެން ޢިޝާއަށް ގޮވީމަ ޢިޝާކޮށްލަންވީ. އެހާ ބޮޑު ކަމެއްނޫން ،ކޮންމެ ނަމާދަކަށްވެސް ދޭންޖެހޭނީ 10 ވަރަކަށް މިނިޓު."

މިއީ ޚިޔާލީ ދެޖަވާބެވެ. އެހެންނަމަވެސް މިފަދަ ބައެއް ކަންކަން ޙަޤީޤަތަށްވެސް ހިގައިފައިވެއެވެ. އެކަންކަމުގެ ވާހަކަ މިތަނުގައި ލިޔުމުގެ ބޭނުމެއް ނެތެވެ. މުސްތަޤުބަލުގައި މީހަކަށް ދަޢުވަތު ދެނީނަމަ، މިފަދަ ކަންކަމާމެދު ސަމާލުވުން މުހިއްމެވެ.

ނ. ރަނގަޅު އެކުވެރިންގެ އެހީތެރިކަން.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން ފަރުވާ ލިބިގެން މުޖުތަމަޢަށް އައުމަށްފަހު ރަނގަޅު ހެޔޮ މަގުގައި ސާބިތު ނުވެވެނީ، އެކަމުގައި ވާގިވެރިވާނެ އެކުވެރިން ނެތުމުންނެވެ. މިއީ މިޒަމާނުގެ ދިރާސާތަކުން އެގޭ ކަމެކެވެ. އެފަދައިން ދީނުގެ ނައްޞުތަކުންވެސް މިކަމުގެ މައްޗަށް އިޝާރާތްތަކެއް ލިބިފައިވެއެވެ. އިންސާނާވާނީ އޭނާގެ އެކުވެރިޔާގެ ދީނުގެ މަތީގައެވެ. ނުވަތަ އުޅުމުގެ މަތީގައެވެ. ކަނބުރުގެއަށް ވަންނަނީނަމަ، އަޅި ބުރާނެއެވެ.

އެހެންކަމުން ދީނުގެ ތެރެއަށް މީހަކު ގެނައުމަށްޓަކައި ނުބައި މީހާއާ އެކުވެރިވާން ލާޒިމިވާ ޙާލަތެއް އަތުވެދާނެއެވެ. އެއީ ތިމާގެ ޢަޤީދާއާއި އީމާންތެރިކަމަށް އިތުބާރުކުރެވޭ މިންވަރަށް އެކަންކަން ތަރައްޤީވެއްޖެނަމައެވެ. މިހައިރުން ނުބައި ކަމެއް ކުރާ އެކުވެރިއަކު، ގާތް މީހަކަށް ހަނދާ ތިމާގެ ރަނގަޅު އެކުވެރިންނަށް ތަޢާރަފުކޮށްދެވިދާނެއެވެ. ދެން އެކީގައި ހެޔޮކަންކަމުގައި ޝާމިލުވެ އުޅުމަށް މަސައްކަތްކުރެވިދާނެއެވެ. ފަތިހު ފަތިސްނަމާދަށް ވަކި މިސްކިތަކަށް އެންމެން ޖަމާވެ، ނަމާދުކުރުމަށްފަހު އެކީ ސައިބޯން ދިއުން ފަދަ ކަމެއް ރޭވިދާނެއެވެ. ދުވަސްތަކާއެކު، އެކަން ޢާދައަކަށްވެދާނެއެވެ. އަދި ނަމާދަށް ހޭލުމާއި ނަމާދަށް ދިއުމަކީ އެއާދައިގެ ބައަކަށްވެދާނެއެވެ.

މިމަޒުމޫނުގައި އަޅުގަނޑު މިހުށަހަޅައިލި ކަންކަމަކީ ދިވެހި އިސްލާމީ ޙަރަކާތަށާއި ދިވެހި ވަޠަނަށް އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ލޯބީގެ ސަބަބުން ހުށަހެޅި ކަންތައްތަކެކެވެ. މިލިޔުމުގައި ގޯސް ކަމެއް ނުވަތަ އުނިކަމެއްވާނަމަ، މާތްﷲގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދި ދަންނަވަމެވެ. އަދި މިމަޒުމޫނުގައި ހެޔޮ ރަނގަޅު ފައިދާހުރި ވާހަކަތަކެއް ލިޔެވުނުނަމަ، މާތްﷲއަކީ އިޙުސާންތެރިންގެ ޢަމަލުތަކަށް ހެޔޮ ޖަޒާދެއްވާ އިލާހެވެ.



ފާހަގަ: , ,

0 ޚިޔާލު!

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!