މިޞްރު ފަތަޙަކުރެއްވުން


މިޞްރު ފަތަޙަކުރެއްވުން

އިސްލާމީ ފަތުޙުގެ ކުރިން މިޞްރު

މިޞްރު މުސްލިމުންގެ އަތްމައްޗަށް ފަތަޙަވުމުގެ ވާހަކައިގެ ކުރިން، އިސްލާމީ ފަތަޙައިގެ ކުރިން މިޞްރު އޮތް ޙާލަތު ދެނެގަތުމަކީ މުހިއްމު
 ކަމެއްކަމުގައި ދެކެމެވެ. އިޤުތިޞާދީ އަދި އިޖުތިމާޢީ ގޮތުން މިޞްރު ކަޑައްތުކުރަމުން ދިޔަ މަރުޙަލާތައް އެގިގަތުމަށެވެ. އަދި މުސްލިމުން ނޫން އެހެން ފާތިޙުންނާ މުސްލިމުންގެ ފަރަޤު ދެނެގަތުމަށެވެ.

 މިޞްރަށް ކުރިމަތިވި ބައެއް ޙަމަލާތައް:

قمبيز بن قورش ގެ ޙަމަލާ: 

 މިޞްރު އެބަޔެއްގެ އަނިޔާވެރިކަމަށާއި ނުބައި ހަނގުރާމައަށް ހުށަހެޅުނު ޙާލަތްތަކުގެ ތެރެއިން އެއް ޙާލަތަކީ ފާރިސްގެ ރަސްކަލެއްކަމުގައިވާ ޤަމްބީޒުގެ ޙަމަލާއަށް ހުށަހެޅުނު ފަހަރެވެ. މިޞްރު ދުށް އެންމެ އަނިޔާވެރި ހަނގުރާމަތަކުގެ ތެރޭގައި ޤަމްބީޒުގެ ހަނގުރާމަތައް ހިމެނޭނެއެވެ. ޤަމްބީޒުގެ ޙަމަލާ މިޞްރަށް ކުރިމަތިވީ މީލާދުގެ 585 އަހަރު ކުރިންނެވެ. ޤަމްބީޒު އޭނާގެ ޙަމަލާއަށް ވަރަށް ބޮޑަށް ތައްޔާރުވިއެވެ. އެގޮތުން އޫރުޝަލީމްގައި ޔަހޫދީންނަށް ފައްޅިއެއް އަޅައިދޭނެކަމަށް ވަޢުދުވެގެން ޔަހޫދީންގެ އެއްބާރުލުމާއި އެހީތެރިކަން ޤަމްބީޒު ހޯދިއެވެ. އަދި އޭނާ މިޞްރަށް ދޭ ޙަމަލައިގެ މައި މަރުކަޒަކީ ފަލަސްޠީނުކަމުގައި ކަޑައެޅިއެވެ. އެހެންކަމުން އޭނާއަށް މިޞްރު ލަޝްކަރުގައި ހިމެނުނު ޔަހޫދީންގެ އެއްބާރުލުމާއި ތާއީދު ލިބުނެވެ. އަދި ފޭނީސް ނަމަކަށް ކިޔުނު ގުރީކު ކޮމާންޑަރެއް ޤަމްބީޒުގެ ލަޝްކަރާ ގުޅުނެވެ. އޭނާއަކީ މިޞްރުގެ ލަޝްކަރުން ނުކުމެގަތް ބައިގަޑެއްގެ ލީޑަރެކެވެ. އޭނާ ޤަމްބީޒަށް މިޞްރުގެ ލަޝްކަރާ ގުޅުންހުރި މުހިއްމު މަޢުލޫމާތުތައް ފޯރުކޮށްދިނެވެ.

 މި ހަނގުރާމައިގެ ކުރީ ކޮޅުގައި މިޞްރުގެ ފިރުޢައުނު "އަމާޒީސް" ނިޔައުވެ، އޭނާގެ ޒުވާން ދަރިފުޅު، އަބުސަމާތީކު ތިނެއް މިޞްރުގެ ތަޚުތުގައި ވެޑުވުނެވެ. ކޮންމެއަކަސް ޣައްޒާ ހުރަސްކޮށް މިޞްރުގެ ތެރެއަށް ވަދެ ޤަމްބީޒު އެންމެ ފުރަތަމަ ޙަމަލާ ދިނީ "އަލްފަރުމާ" އޭ ކިޔުނު ރަށަށެވެ. އެއަށް ފަހު ޢައިނުއް ޝަމްސަށެވެ. ދެން މަންފޭ ކިޔުނު ކިއްލާއަށެވެ. މިހުރިހާ ތަނެއްގައި އަބުސަމާތީކު ބަލިކުރުމަށްފަހު ޤަމްބީޒު މިޞްރުގެ މައްޗަށް ވެރިވެގަތެވެ. ޤަމްބީޒަކީ ވަރަށް ނާތަހުޒީބު ވެރިއެކެވެ. މިޞްރު މީހުން ދުވަހަކުވެސް ނިކަމެތި ނުވާ މިންވަރަކަށް އޭނާ އެމީހުން ނިކަމެތިކޮށްލިއެވެ. އެގޮތުން މިޞްރުގެ ފިރުޢައުނު އަބުސަމާތީކާއި އޭނާގެ ވާގިވެރިންގެ އަނބިންނާއި އަންހެން ދަރިން ނެރެ، އެކަނބަލުންގެ އަޢުރަ ނިވާނުވާ މިންވަރުގެ ހެދުންތައްލައްވާ އެކަނބަލުން ލައްވާ އޭނާގެ ލަޝްކަރީންނަށް ޚިދުމަތްކުރުވިއެވެ. މިމަންޒަރު ފެންނަ ފަށުގައި އަބުސަމާތީކު ބެހެއްޓިއެވެ. އަދި އޭނާގެ ދެލޮލުން ކަރުނަ ހިލުމާއެކު، އޭނާ މަރާލުމަށް އަމުރުކުރިއެވެ. ޤަމްބީޒު މަރުވީ މީލާދުގެ 522 އަހަރު ކުރިންނެވެ. އަދި މީލާދުގެ 341 އަހަރުކުރިން އަނެއްކާވެސް އައު ޙަމަލާއެއް ފާރިސީން މިޞްރަށް ފޮނުވިއެވެ. މިފަހަރުވެސް އެބައިމީހުންނަށް މިޞްރުގެ މައްޗަށް ވެރިވެވުނެވެ.
 އެވެރިކަން އިސްކަންދަރުލް އަކުބަރުގެ ޙަމަލާއާ ހަމައަށް ދެމިގެންދިއައެވެ. އެއީ ޖުމްލަ 9 އަހަރުދުވަހެވެ.

 އިސްކަންދަރުލް އަކުބަރުގެ ޙަމަލާ:

 އިސްކަންދަރުލް އަކުބަރު ގުރީސްއިން ނުކުމެވަޑައިގެން އިރުމައްޗަށް ދަތުރުކުރައްވާ ދަރުދަނީލުގެ އައްސޭރިއަށް ފައިބާވަޑައިގެން އެތަނުގައި، މަރުމަރާ ކަނޑަށް ނިމޭ ކޯރެއްކަމުގައިވާ ޖަރާނީޤު ކޯރުގެ އައްސޭރީގައި ފާރިސްގެ ލަޝްކަރުތަކާ ހަނގުރާމަކުރައްވައި ބަލިކުރެއްވިއެވެ. އެއީ މީލާދުގެ 334 އަހަރު ކުރިންނެވެ. އަދި އީސޯންގެ މައިދާނުގައި ފާރިސީން ނުހަނު ނިކަމެތި ގޮތެއްގައި ބަލިކުރެއްވިއެވެ. އަދި އެމީހުންގެ ރަސްގެފާނު ދާރާ 3 ފިއްލަވައިގެން ބާބިލަށް ވަޑައިގަތެވެ. ކޮންމެއަކަސް ޝާމުގެ މަގުން ވަޑައިގެން މިޞްރަށް 40000 މީހުންގެ މައްޗަށް އެކުލެވޭ ލަޝްކަރަކާއިގެން އަރާވަޑައިގަތެވެ. ފުރަތަމަ މަންފަށެވެ. އެއަށްފަހު ޤަމްބީޒު އެރި މަގުންނެވެ. އަދި އިސްކަންދަރު ރަސްގެފާނަށް ފަހުގައި ޢަމްރޫބިން ޢާޞް ލަޝްކަރާއިގެން އަރައިވަޑައިގަތީވެސް ހަމަ މިމަގުންނެވެ.

 އިސްކަންދަރު ރަސްގެފާނު އިސްކަންދަރިއްޔާ މެޑިޓޭރިއަން ކަޑުގެ އައްސޭރީގައި ބިނާކުރެއްވިއެވެ. އަދި އެއަށްފަހު މަންފަށް އަބުރާ
ވަޑައިގެން އެރަށުގައި މަޑުކުރެއްވުމަށްފަހު މީލާދުގެ 331 އަހަރުކުރިން މިޞްރުން ނުކުމެވަޑައިގަތެވެ. އެއީ ފުތޫޙާތު ކުރިއަށް ގެންދެވުމަށެވެ. ނަމަވެސް މީލާދުގެ 332 އަހަރު ކުރިން މެލޭރިޔާ ބަލީގެ ސަބަބުން އެރަސްގެފާނު ދުނިޔެ ދޫކުރެއްވިއެވެ.

 ގުރީކު މީހުންގެ ވެރިކަމަށް ފަހު ދެން މިޞްރުގެ މައްޗަށް ވެރިވީ ރޯމަނުންނެވެ. އެއީ މީލާދުގެ 31 އަހަރުކުރިން އޮގަސްޓަސް ރަސްގެފާނުގެ އަތްޕުޅުމަތީގައި އެންޓޯނިއޯސް ބަލިވި ހިސާބުންނެވެ. ގާތްގަޑަކަށް ހަތް ޤަރުނު ދުވަސް ރޯމަނުން މިޞްރުގެ މައްޗަށް ވެރިކަން ކުރިއެވެ.

 އިޤުތިޞާދީ ޙާލަތު: 

ރޯމަނުންގެ ވެރިކަމުގައި މިޞްރަކީ އެމީހުން ކިރު ފެލަން ގެންގުޅޭ ބަކަރިއެކެވެ. މިޞްރުގެ ރައްޔިތުންނަކީ އެމީހުންނަށް ބޮޑެތި ޓެކުސްތަކެއް ދައްކަން ޖެހިފައިވާ ބައެކެވެ. އަދި މިޞްރުގައި ދިރިއުޅެމުން ދިޔަ ޔަހޫދީންނާއި ގުރީކުންނަށް މިޞްރުގެ ރައްޔިތުންނަށް ލިއްބައި ނުދޭ އިމްތިޔާޒުތަކެއް ރޯމަނުން ފޯރުކޮށްދިނެވެ. އަދި މިޞްރު މީހުންނަށް ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުން މަނާކުރިއެވެ. އަދި އެފަދަ ކަމެއްކޮށްފި މީހާގެ އަދަބަކީ މަރު ކަމުގައި ކަޑައެޅިއެވެ. އަދި ރޯމަނުން މިޞްރު އިޤުތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ސުންނާފަތިކޮށް ހަލާކުކުރިއެވެ.

 ޔަހޫދީ މުއައްރިޚު ފިލޯން ލިޔެފައިވެއެވެ. " ޓެކުސް ނެގުމާ ޙަވާލުވެގެންތިބޭ އަނިޔާވެރިން، ޓެކުސް ދެއްކުމަށް ނުކުޅެދުންތެރިވާ މީހާގެ މަރުވެފައިވާ ހަށިގަނޑު އޭނާގެ އަހުލުވެރިންނާ ޙަވާލުކުރުމާ ދެކޮޅުހަދައެވެ. އަދި އެފައިސާ އަނބުރާ ދައްކަންދެން އޭނާގެ ހަށިގަނޑު އެމީހުން ހިފަހައްޓައެވެ. އެހެންކަމުން ލާރި ނުދެއްކުނު މައްޔިތާގެ ޢާއިލާއިން އޭނާގެ ހަށިގަނޑު ރައްކާކުރުމަށްޓަކައި އެފައިސާ އަދާކުރަން ޖެހެއެވެ. އަދި ފައިސާ ދިނުމަށް ނުކުޅެދުންތެރިވެގެން ފިލާ މީހާގެ މުޅި ޢާއިލާ، އޭނާގެ އަނބިންނާއި ދަރިން ހިމެނޭ ގޮތުގައި ޖަލުތަކަށް ގެންގޮސް، ޒާތް ޒާތުގެ އަދަބުތައް ދެއެވެ. އެއީ އެމީހާ ފެންނަންދެނެވެ.

 މީލާދުގެ 30 އަހަރުކުރިން ކިލިޔަޕޮޓުރާ އަމިއްލައަށް ދަންޖެހި މަރުވި ދުވަހުން ފެށިގެން ގޮސް ޢަމްރޫބިން ޢާޞްގެ ޤިޔާދަތުގައި މިޞްރު މީލާދީ ސަނަތުން 640-642 ވަނަ އަހަރުގައި ފަތަޙަވެއްޖައުމަށް ދާންދެން މިޞްރުގެ އިޤުތިޞާދީ ޙާލަތު އޮތީ މިހެންނެވެ.

 ދީނީ ޙާލަތު 

މަސީޙިއްޔަތު އެދީނުގެ ޅަފަތުގައި މިޞްރުގައި މަޑުމަޑުން ފެތުރެން ފަށައިފިއެވެ. އެއީ މީލާދީ ސަނަތުން ދެވަނަ ޤަރުނުން ފަށައިގެނެވެ. މީސްތަކުން އެދީނުން ރޫޙާނީ ކޮއްތެއް ލިބިގަތެވެ. އަދި ރޯމަނުންގެ އަނިޔާވެރިކަމާއި ޖައްބާރުކަމުގެ ކުރިމަތީގައި ތެދުވެ ތިބުމަށް ބާރެއްކަމުގައި މިޞްރުމީހުންނަށް މަސީޙިއްޔަތު ފެނުނެވެ.

 ކޮންމެއަކަސް ރޯމަނުންނަށް މަސީޙީ ދީނާ ކުރިމަތިލާން މަޖުބޫރުކުރުވީ މިޞްރުގެ މުހިއްމުކަން ދައުލަތުގައި އިތުރުވުމުންނެވެ. އަދި އެދީނަކީ ރޯމަން ދައުލަތުގެ ރަސްމީ ދީނާ ޚިލާފު ދީނެއްކަމުގައި ހިމެނުމަކީވެސް އެދީނާ ދެކޮޅަށް އަނިޔާވެރިކަމާއި ފިއްތުންތައް ބޭނުންކުރަން ރޯމަނުން ނިންމުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. އެހެންކަމުން މިޞްރުގެ މައްޗަށް ވެރިކަން އެއިރު ކުރަމުން އައި ރޯމަން ކޯމަންޑަރުންނަށް މަޖުބޫރުވަމުން ދިޔައީ ދުވަހަކަށްވުރެ ދުވަހެއް އަނިޔާވެރިކަން އިސްކުރުމަށެވެ. އެގޮތުން އެންމެ ބޮޑު އަނިޔާވެރިކަމެއް މިޞްރުގެ މަސީޙީންނަށް ކުރިމަތިވެގެން އައީ މީލާދީ ސަނަތުން 2 ވަނަ ޤަރުނުގައެވެ. ކަޑައެޅިގެން ދަންނަވަނީނަމަ، އެ ޤަރުނުގެ މެދުތެރޭގައެވެ. އެއީ ޑޭކިޔޯސް މުޅި ރޯމަން ދައުލަތުގައި މަސީޙިއްޔަތު އެއީ މަނާ ދީނެއްކަމުގައި ކަޑައަޅައި އެދީނަށް އުޅޭކަމަށް ތުހުމަތުކުރެވޭ މީހުން މަރަން ފެށި ހިސާބެވެ. އެހައިރުން ފެށިގެން މިޞްރު މީހުން މައިގަނޑު ގޮތެއްގައި ދެބަޔަކަށް ބެހިގެން ދިޔައެވެ. މިއަނިޔާވެރިކަމާއި ދަތިކުރުންތައް ތަޙައްމަލުކުރާ މަސީޙިއްޔަތުގެ މަތީގައި ސާބިތުވެ ތިބެން ނިންމި ބަޔަކާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ހަތިޔާރު ބަހައްޓާ ވަޡަނިއްޔަތު ފާޅުކުރި ބައެކެވެ.

 ޑެކުލަޑިޔާނޯސްގެ މީލާދީ ސަނަތުން 284ގައި ފެށި 305ގައި ނިމުނު ވެރިކަމުގައި އަނިޔާވެރިކަމާއި ފިއްތުންތައް އޭގެ އެންމެ މަތީ ފެންވަރަށް އެރިއެވެ. އެއީ މަސީޙީން އޭނާގެ އަމުރުތަކަށް ކިޔަމަންތެރިވެ އޭނާގެ ކަލާނގެ ތަކަށް ޤުރުބާން ހުށަހެޅުމަށް ދެކޮޅުހެދުމަށް ފަހުގައެވެ. އެއަށް ފަހު ދައުލަތުގައި ހިމެނޭ އެހެން މީހުންނަށް މިސާލަކަށް ވުމަށްޓަކައި އޭނާ މަސީޙީންނާ މެދުގައި ނުބައިވެގެން ޖަރީމާތައް ހިންގިއެވެ. އެއަނިޔާވެރިކަމުގެ ސަބަބުން އޭނާގެ ވެރިކަމުގެ ދުވަސްވަރަށް މަސީޙީން ޝަހީދުންގެ ޒަމާނުގެ ނަން ދިނެވެ. މިޞްރުގެ އަޤުބާޠުންގެ ތެރެއިން އެތައްހާސް ބަޔަކު މިދުވަސްވަރު އަނިޔާވެރިގޮތުގައި ޤަތުލުކޮށްލެވިފައިވެއެވެ. މިހާރުވެސް މިޞްރުގެ ޤިބުޠީ ކަނީސާއިން އެކަނީސާގެ ޤިބުޠީ އަހަރު ޖެހުން ނުވަތަ ކަލަންޑަރު ފަށަނީ މީލާދީ ސަނަތުން 284ވަނަ އަހަރުންނެވެ. އެއަހަރަކީ ޑެކުލަޑިޔާނޯސްގެ ވެރިކަން ފެށުނު އަހަރެވެ.

 އަލްމަޤުރީޒީ ވިދާޅުވާގޮތުގައި މި ޑެކުލަޑިޔާނޯސްއަކީ ވެރިކަމުގެ ޢާއިލާއަށް ނިސްބަތްނުވާ މީހެކެވެ. އެހެންކަމުން ވެރިކަން ލިބުމާއެކު ޖައްބާރުވެގަނެ އަނިޔާވެރިކަން އިސްކުރިއެވެ. ކިސްރާގެ ރަށްތަކާއި ބާބިލް އޭނާގެ ވެރިކަމުގެ ރަށްތަކުގެ ތެރޭގައި ހިމެނިގެންދިޔައެވެ. އަދި އޭނާގެ ވެރިކަމުގެ ތަޚުތު އަންޠާކިޔާގައި ބެހެއްޓިއެވެ. އޭނާއަކީ މިޞްރުގެ މައްޗަށް ވެރިކަންކުރި ރޯމަން ރަސްކަލުންގެ ތެރެއިން ބުދަށް އަޅުކަން ކުރި އެންމެ ފަހު ރަސްގެފާނެވެ. ކޮންމެއަކަސް އޭގެ އަހަރުތަކެއްފަހުން އިރުމަތީގެ ރޯމަން އެމަޕަޔަރގެ ވެރިރަށަކީ ބައިޒަންޠާކަމުގައި އެމްޕަރާ ކޮންސްޓެންޓައިން ކަޑައެޅުއްވިއެވެ. އަދި މީލާދީ ސަނަތުން 324ވަނަ އަހަރު އޭނާ ކުރިސްޓިއަން ދީން އިޚުތިޔާރުކުރެއްވިކަން އިޢުލާންކުރެއްވިއެވެ. އެޗްއެޑުރެސް ބެލް ބުނެފައިވެއެވެ. " އެމްޕަރާ މަސީޙީދީން އިޚުތިޔާރު ކުރުމަކީ ހުރިހާ ގޮތަކުން ރަނގަޅު ކަމެއްކަމުގައި ބެލޭކަށް ނެތެވެ. އެހެނީ އެޒަމާނުގައި އިންތިހާޒީން އެންމެ ބޮޑަށް ބޭނުންކުރާ ހަތިޔާރަކީ އައު ދީނަށް ވަނުންކަމުގައިވެގެން ދިޔައެވެ." އެހެންނަމަވެސް މަސީޙީންނަށް ކުރިމަތިވަމުން އައި އަނިޔާވެރިކަން ނިމުމަކަށް އައުމާ ގުޅިގެން 330މ އަހަރު އައި އިރު މިޞްރަކީ ފުރިހަމަ މާނައިގައި މަސީޙީ ދައުލަތެއްކަމުގައިވިއެވެ.

 މިޞްރު ފަތަޙަކުރެއްވުމުގެ ބައެއް ސަބަބުތައް 

މިޞްރު ފަތަޙަކުރުމަކީ ކުއްލިއަކަށް އެއްވެސް ރޭވުންތެރިކަމެއް ނެތި ހިގައި ދިޔަ ކަމެއްނޫނެވެ. މިޞްރުގެ ފަތަޙައަކީ އެކަމަށް މެދުވެރިވާން ޖެހޭ ސަބަބުތައް މެދުވެރިވެގެން ހިގައިދިޔަ ކަމެކެވެ. އަދި ހަމައެފަދައިން ކުރިއްސުރެ ރާވައި ދިރާސާތަކެއް ކުރެވިގެން ހިނގައިދިޔަކަމެކެވެ. މިގޮތައް މިކަން ހިނގުމުގައި ދީނީ އަދި ޢަސްކަރީ ސަބަބުތަކެއް މެދުވެރިވެފައި އެބަހުއްޓެވެ.

 ދީނީ ސަބަބު:

 ދީނީ ސަބަބުގެ ގޮތުގައި ފާހަގަކުރެވެނީ އިސްލާމީ އުންމަތުގެ ބޮލުގައި އެޅިފައިވާ ދަޢުވަތުގެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރުމެވެ. އަދި އުންމަތުގެ ކޮނޑުގައި އެޅިފައިވާ ބޮޑު ޒިންމާ ކަމުގައިވާ އިންސާނިއްޔަތު މަޚުލޫޤުންގެ އަޅުވެތިކަމުން ޚާލިޤުވަންތަ އިލާހުގެ އަޅުވެތިކަމަށް ނެރެ ޙަޤީޤީ މިނިވަންކަން ހޯދައިދިނުމުގެ ޒިންމާ އަދާކުރުމެވެ. މުސްލިމުންވަނީ މިޞްރުގެ ފަތަޙައިގެ މާކުރިން ސަލާމާއި ޞަލަވާތްލެއްވުނު ކައުއިތުރު ރަސޫލާގެ ޒަމާނުގައި މިޞްރަށް އިސްލާމީ ރިސާލަތު އިއްވާފައެވެ. އެއީ ކައުއިތުރު އެކަލޭގެފާނު އެއިރު މިޞްރުގެ މައްޗަށް ވެރިކަންކުރަމުން ދިޔަ މުޤައުޤިސް ރަސްގެފާނަށް ފޮނުއްވި ސިޓީފުޅުންނެވެ. އެފަހަރު މާތް ރަސޫލާގެ ފަތްކޮޅާއިގެން މިޞްރަށް ވަޑައިގެންނެވި ޙާޠިބު ބިން އަބީބަލްތަޢާ އަބޫބަކުރުގެފާނުގެ ޒަމާނުގައިވެސް އެފަދަ ފަތްކޮޅަކާއިގެން މިޞްރަށް ވަޑައިގަތެވެ. كعب بن عدي بن حنظلة التنوخي ނަމަކަށް ކިޔުނު ބޭކަލަކު ޢުމަރުގެފާނުގެ ޢަހުދުގައި އެކަލޭގެފާނުވެސް މިޞްރަށް ދަޢުވަތާއިގެން ފޮނުއްވިއެވެ. މި ތިންފަހަރުވެސް މަޤޫޤިސް ރަސްގެފާނުގެ ޖަވާބަކަށް ވެފައިވަނީ ހެޔޮ ރަނގަޅު ރައްދެކެވެ.

 ބައިޒެންޓޭނިއަން އެމްޕަޔަރ ނުވަތަ ރަސްކަމުގެ ބައެއްގެ ގޮތުގައި މިޞްރު އޮތް އޮތުމެއް ނިމުމެއް ގެންނަން އިސްލާމީ ޚިލާފަތުގެވެރިންނަށް މަޖުބޫރުވެވަޑައިގަންނެވިއެވެ. އެއީ ބައިޒެންޓޭނިއަނުން މިޞްރު މީހުންނާ އިސްލާމްދީނާ ދެމެދަށް ހުރަސްއަޅަމުން ދާތީއެވެ.

މުސްލިމުން މިޞްރު ފަތަޙަކުރަން ގަސްތުކުރިއިރު އިހުގެ ނަބީބޭކަލުންގެ ވާހަކަތައް ޤުރުއާނުގައި ބަޔާންވެފައިހުރި އެތައްތަނެއްގައި މިޞްރުގެ ވާހަކަތައްވެސް ބަޔާންވެފައި އެބަހުއްޓެވެ. އަދި އެފަދައިން މިޞްރު ފަތަޙަވާނެކަމާއި މިޞްރުގެ ޢަސްކަރީންގެ ހެޔޮކަމުގެ ވާހަކައިން ނަބިއްޔާ އެކަލޭގެފާނުގެ ޞަޙާބީންނަށް ހެޔޮ ޚަބަރު ދެއްވާފައިވެއެވެ. އަދި ހަމައެފަދައިން އެބިމުގެ އަހުލުވެރިންނާ މެދު ހެޔޮކޮށް ކަންތައް ކުރުމަށް މާތް ނަބިއްޔާ ވަނީ އެކަލޭގެފާނުގެ ޞަޙާބީންނަށް ވަރަށް ބޮޑަށް އިރުޝާދު ދެއްވާފައެވެ.

 ޢަސްކަރީ ސަބަބު:

 ޢަސްކަރީ އަދި ރޭވުންތެރިކަމުގެ ނަޒަރަކުން ބަލާއިރު މިޞްރުގެ ފަތަޙަ ނުހަނު ޠަބީޢީ ލާޒިމް ވަގުތެއްގައި ލާޒިމް ފަތަޙައެކެވެ. އެހެނީ މިޞްރަކީ ފަލަސްޠީނުގެ ބިމުގެ ދެކުނުން އޮންނަ އެންމެ ގާތް އަވައްޓެރިއާއެވެ. އަދި ހަމައެފަދައިން ފަލަސްޠީނަށް ނިސްބަތްވާ ދެކުނުގެ އެތަށް ރަށެއް މުސްލިމުން ފަތަޙަކުރުމަށްފަހު އަލުން އެރަށްތަކުގެ މައްޗަށް ބައިޒަންޓޭނިއަނުން ވަނީ ވެރިވެގެންފައެވެ. އެހެންކަމުން ފަލަސްޠީނުގެ ދެކުނުގައި އަތްގަދަކުރަމުން އަންނަ ބައިޒަންޓޭނިއަނުން ބޮޑު ބައްޔަކުން ބަލިކުރުމަކީ އެވަގުތު އިސްލާމީ ލަޝްކަރުގެ މައްޗަށް ލާޒިމުވެފައިވާ ކަމެކެވެ. އެއީ އެބަމީހުންގެ ބާރު ދެކުނުން ފުހެލުމަށެވެ.

 އަދި އެހެން ނަޒަރަކުން ބަލާއިރު ބައިތުލް މަޤުދިސްގެ ކޮމާންޑަރަކަށްހުރި އަރުޠަބޯން ވަނީ ރޭވުންތެރިކަމާއެކީ މިޞްރަށް ބަދަލުވެފައެވެ. އެއީ މިޞްރު އޭނާގެ މައި މަރުކަޒެއްގެ ގޮތުގައި ބޭނުންކޮށްގެން މުޤާވަމާ ނުވަތަ އިދިކޮޅު ޙަރަކާތް ކުރިއަށް ގެންދިއުމަށެވެ. ދެވަނަ ފަހަރަށް މުސްލިމުން ޝާމްކަރައިން ފައްސާލުމަށްޓަކައެވެ. އެހެންކަމުން މިބައިގަނޑު އަތުލައިގަނެ އެބައިމީހުންގެ ނުރައްކާތެރިކަން އުންމަތަށް ޖެހުމުގެ ކުރިން އެމީހުން ކިބައިން އުންމަތް ސަލާމަތްކުރުން އެއިރުވަނީ ލާޒިމުވެފައެވެ. އަދި ހަމައެފަދައިން މިޞްރުގައި ހުރި ކަނޑު އުޅަދުފަހަރުގެ މައްޗަށް ވެރިވެވުމަކީ ޝާމުކަރައިގެ ރަށްތަކުގެ ތެރެއިން އުތުރުގައި ހުރި މެޑިޓެރޭނިއަން ކަނޑުގެ އައްސޭރީގެ ރަށްތަކުގެ މައްޗަށް ވެރިވުމަށް ލިބޭ ފަސޭހައެއްކަމުގައިވާނެއެވެ. އެރަށްތަކުގެ މީހުންނަކީ އިސްލާމީ ފަތުޙަށް ފަހުގައިވެސް ޝާމުކަރާގައި މުސްލިމުންނާ ދެކޮޅަށް ނުހަނު ބޮޑަށް ހަނގުރާމަކުރަމުން އައި ބައެކެވެ. މިޞްރު ފަތަޙަކުރުމަކީ ޝާމްކަރައިގެ ފަތަޙަ ފުރިހަމަކުރުމަށްޓަކައި ކޮންމެހެންވެސް ރޭވުންތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅެކެވެ. އެހެނީ މަޣުރިބުގެ ރަށްތަކާއި ޝާމާއި މިޞްރުގެ މައްޗަށް އެއިރު ވެރިކަން ކުރަމުންއައީ ބައިޒަންޓޭނިއަން އެމްޕަރާއިންނެވެ. އެހެންކަމުން ބައިޒަންޓޭނިއަނުންގެ ނުފޫޒު މިސަރަޙައްދުގައި ކުޑަކުރުމަކީ އިސްލާމީ ފަތަޙަ ކާމިޔާބުކުރުމަށް އެޅުން އެންމެ ލާޒިމު ފިޔަވަޅެވެ. އަދި އިސްލާމީ ޚިލާފަތުގެ ގޯއްޗަށް ބައިޒަންޓޭނިއަނުންނަށް ޙަމަލާއެއް ދެވެން އޮތް ހަމައެކަނި މަގަކީ މިޞްރުގެ މަގެވެ. އެއީ ބަޙުރުލް އަޙުމަރު ހުރަސްކޮށް ޝިބުހު ޖަޒީރަލް ޢަރަބިއްޔާއަށް ޙަމަލާއެއް ދީގެންނެވެ. އެހެންކަމުން ޙިޖާޒުކަރަ ޙިމާޔަތްކުރުމަށްޓަކައި މިޞްރު ފަތަޙަކުރުން ލާޒިމުވެއެވެ.

 އަދި ހަމައެފަދައިން މިޞްރު ފަތަޙަކުރުން ލާޒިމުވާ ސަބަބުތެރެއިން އަނެއް ސަބަބަކީ ބައިޒަންޓޭނިއަނުން ޝާމުކަރަ އެބައިމީހުންގެ ބާރުގެ ދަށަށް ގެނައުމަށް މަސައްކަތްކުރުމެވެ. ކޮންމެއަކަސް އެބައިމީހުން ޝާމުގައި އޮތް މުސްލިމުންގެ ލަޝްކަރުތަކަށް ޝާމުގެ ދެކުނުންނާއި އުތުރުން ޙަމަލާ ދެމުންދިޔައެވެ. އެހެންކަމުން މުސްލިމުން ތިބީ އާސިޔައް ޞުޣުރާގައި ތިބި ބައިޒެންޓޭނިއަނުންގެ ލަޝްކަރުތަކާ މިޞްރުގައި ޤާއިމުވެ އޮތް ލަޝްކަރުތަކާ ދެމެދުގައި ފިތިފައިކަމަށް މުސްލިމުންނަށް އިޙުސާސުކުރެވުނެވެ. މިދެންނެވި ދެމަރުކަޒުކަމުގައިވާ އާސިޔައް ޞުޣުރާއާއި މިޞްރުގެ ޢަސްކަރީ ތަފާތު ނުހަނު ބޮޑެވެ. މިޞްރު ފަތަޙަކުރުމަކީ އެހާ އުދަގޫ ދަތިކަމެއްނޫނެވެ. އެހެނީ މިޞްރުގައި ޢަސްކަރީ ކިއްލާތަކާއި ބޮޑެތި ފޯޓުރެސްތައް ވަރަށް މަދެވެ. ހަމައެފަދައިން މިޞްރުގެ ލަޝްކަރުގެ ޢަދަދުވެސް އެހާ ބޮޑެއްނޫނެވެ. އެހެންކަމުން ބައިޒަންޓޭނިއަނުންނަށް ރޭވުންތެރިކަމުގެ ގޮތުން ބޮޑު ގެއްލުމެއްދެވި އިސްލާމީ ޚިލާފަތުގެ ކިއްލާއަށް ރައްކައުތެރިކަމުގެ ޔަޤީންކަމެއް މިޞްރު ފަތަޙަކުރުމުން ލިބިގެން އަންނާނެއެވެ.
(ނުނިމޭ)
ފާހަގަ:

1 ޚިޔާލު!

  1. varah shauguveri avas muhdhathehgai continue kurun edhen

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!