މުފައްކިރަކީ......2



ޅ- ފަލްސަފާވެރިޔާ:

 ދާޢީންނާއި މުޞްލިޙުންނާއި ޢާލިމުންނާއި ފަލްސަފާވެރިންގެ މެދުގައި ވަރަށް ސާފު ތަފާތުތަކެއް އެބަހުއްޓެވެ. ފަލްސަފާއަކީ ޔޫނާނީ ބަހުން އައިސްފައިވާ ކަލިމައަކުން އުފެދިފައިވާ ލަފްޒެކެވެ. އަދި އެލަފްޒުގެ މުރާދަކީ ޙިކުމަތަށް ލޯބިކުރުމެވެ. ގިނަފަހަރު ފަލްސަފާގެ ދިރާސާތައް އަމާޒުވެފައި ހުންނަނީ ސިކުޑީގެ ބޭނުންތައް ފުއްދުމަށެވެ. އެއާ ޚިލާފަށް ސައިންސާއި ޓެކްނޮލޮޖީ ގިނަފަހަރަށް އަމާޒު ހިފަނީ މީސްތަކުންގެ ތަފާތު މާއްދީ ބޭނުންތަކާއި އެދުންތައް ފުއްދުމަށެވެ. ޢިލްމުވެރިޔާ ކުރާ ދިރާސާތަކަކީ އޭގެ މައްޗަށް ފަހުން އެތައް މަސައްކަތަކާއި އުފެއްދުންތަކެއް ބިނާވެގެން އަންނަ ކަމެކެވެ. އެއާ ޚިލާފަށް ފަލްސަފާވެރިން ގިނަފަހަރަށް ދިރާސާކުރާނީ ތަޢުރީފުތަކާއި މުޞްޠަލަޙުތަކާއި އަގުކުރުންތަކާއި އަމާޒުތަކެވެ. ޢިލްމުވެރިޔާ ދިރާސާކުރާނީ ވަކިވަކި ދާއިރާތަކުން ޚާއްޞަ ވަކި މައްސަލަތަކެކެވެ. އެހެންނަމަވެސް ފަލްސަފާވެރިންގެ ދިރާސާތައް ޚާއްޞަވެފައި ހުންނާނީ ބޮޑެތި ގިނަ މައުޟޫޢުތަކެއް ޝާމިލުވާ އަސާސީ ފިކުރީ މައްސަލަތަކަށެވެ. އަދި އެއުރެން މަސައްކަތްކުރާނީ ޠަބީޢީ އަދި މާއްދީ ވުޖޫދު އެޤާނޫންތަކެއްގެ މައްޗަށް ބިނާވެފައިވާ ޤަވާޢިދުތަކާއި ޤާނޫންތައް ހޯދުމަށެވެ. އަދި އިންސާނީ މުޖުތަމަޢު ބިނާކުރުމާއި ހިންގުމާ ގުޅުންހުރި ޤާނޫންތައް ހޯދުމަށެވެ.


 ޢިލްމުވެރިޔާ އޭނާގެ ދިރާސާ ތަކުގައި ފުރިހަމަވެފައިވާ މަފްހޫމްތަކާއި ފިކުރުތަކުގެ ބޭނުން ހިފައެވެ. އެހެންނަމަވެސް ފަލްސަފާވެރިންނަކީ ފިކުރުތަކާއި މަފްހޫމްތައް (concepts) ބިނާކޮށް އެއަށް ބަދަލުގެނެސް ކުރިއަރުވައި ފާޑުކިޔައި ހަދާބައެކެވެ. ޢިލްމުވެރިޔާ އޭނާގެ މަސައްކަތުގައި ނުވަތަ ތަޖުރިބާތަކުގައި ކުރިމަތިވާ އާމައްސަލަތަކަށް މަޢުރިފީ cybernetic)) ޙައްލު ހޯދައި އެމައްސަލަތައް ދެނެގަތުމަށް މަސައްކަތްކުރެއެވެ. އެހެންނަމަވެސް ފަލްސަފާވެރިޔާ، އޭނާ ކުރިމަތިކުރުވާ ބޮޑެތި ސުވާލުތަކުގެ އެހީގައި، ސަމާލުކަން ދެނީ އިތުރު މައްސަލަތައް ހޯދައި ޢާންމު ދިރިއުޅުމުގައި ހުރި އިތުރު ފުށުއެރުންތައް ފާޅުކުރުމަށެވެ. - އިސްލާމީ އުންމަތުގެ ތާރީޚުގެ ވަރަށް ކުރީ ކޮޅުގައި މުސްލިމުން ފަލްސަފާއާއި ފަލްސަފާވެރިންނާ ދުރުހެލިވާން ފެށިއެވެ. ސަބަބަކަށްވީ އިސްލާމީ އުންމަތުގައި އުފެދުނު ބައެއް ފަލްސަފާވެރިންގެ ރައުޔަތައް ޝަރުޢީ ނައްޞުތަކާ ޚިލާފުވުމެވެ. އަދި އެމީހުންގެ ވަރަށް ގިނަ ރައުޔަތަކަކީ އިސްލާމީ އުންމަތުގެ ފިޤުހުވެރިންނާއި ޢަޤީދާގެ ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ ހިފެހެއްޓުންތަކާއި ޤަވާޢިދުތަކާއި ހަމަތަކުން ނެއްޓި ބޭރުވެފައިވާ ރައުޔަތަކެއްކަމުގައިވުމެވެ. އެހެންކަމުން މިހާރުވެސް ވަރަށް ގިނަ މީހުން ފަލްސަފާވެރިންނާއި ފަލްސަފާއާމެދު ދެކެނީ ޝައްކާއި ރުޅިވެރިކަމުގެ ނަޒަރަކުންނެވެ. އެއީ އިސްލާމްދީނުގައި ދިރުމާއި ދިރިތިބީންނާމެދު ދެކޭ ގޮތްތަކާ ޚިލާފު ފިކުރުތަކެއް ފެތުރުމުގެ ބިރަށްޓަކައެވެ.

 އަޅުގަނޑު މިތަނުގައި އުގަންނައިދިނުމާއި ޢިލްމާއި އިރުޝާދާއި މަފްހޫމުތައް ބިނާކުރުމުގައި ހިއްސާވާމީހުންނާމެދު ލިޔުނު ވާހަކަތަކަކީ އަޅުގަނޑުގެ އަމިއްލަ އިޖުތިހާދެވެ. އެވާހަކަތަކާމެދުގައި ވަރަށް ގިނަ މީހުން އަޅުގަނޑާ ޚިޔާލުތަފާތުވެދާނެއެވެ. އަދި ވަރަށް ގިނަ ބަޔަކާ ޚިޔާލު އެއްގޮތްވެސް ވެދާނެއެވެ. މިފަދަ މައްސަލަތަކުގައި ކަނޑައެޅިގެން ވަކިގޮތެއް ބަޔާންކުރުމަކީ އެއްވެސް މީހަކަށް ކުރެވޭވަރު ކަމެއްނޫނެވެ. އިސްވެދިޔަ ހުރިހާ ތަޢުރީފުތަކަށް އަޅުގަނޑުމެން އެއްބަސްވީކަމުގައިވީނަމަވެސް ނުހަނު ބޮޑު ދަތި މައްސަލައެއް އަޅުގަނޑުމެން ކުރިމަތީގައި އޮންނާނެއެވެ. އެއީ ޢިލްމުވެރިންގެ މުޞްޠުލަޙުގައި އިންވަކިކުރުން ނުވަތަ އިންކަނޑައެޅުމެވެ. މާނައަކީ މިދެންނެވި ލަޤަބުގެ ތެރެއިން ލަޤަބެއް ޙައްޤުވަނީ ކާކަށްކަން އަދި ނުވަނީ ކާކަށްކަން ކަނޑައެޅުމުގެ މައްސަލައެވެ. މިމައްސަލައަކީ ޙައްލެއް އޮތް މައްސަލައެއްކަމުގައި ނުފެނެއެވެ. މިދެންނެވި ލަޤަބުތައް މީހުންނަށް ދޭ ފަރާތްތަކުގެ މެދުގައި ވަރަށް ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ހުންނާތީއެވެ. އަދި އެމީހުން މިންކުރާ މިންގަނޑުތަކާއި ކަންކަމާމެދު ވިސްނާ ގޮތްތައްވެސް ތަފާތުވުމުންނެވެ. މިދެންނެވި ތަފާތުގެ ސަބަބުން މީހަކަށް އިސްވެދެންނެވުނު ލަޤަބުގެ ތެރެއިން ލަޤަބެއް އެއްބަޔަކު ދޭއިރުގައި، އަނެއްބަޔަކު އެލަޤަބު އެފަރާތަށް ޙައްޤުނޫންކަމުގައި ބުނެ އެކަން ކުށްވެރިކުރެއެވެ.

 ކ- މުފައްކިރު:

 އެންމެހާ މީސްތަކުން ވިސްނައި ފިކުރުކޮށް އުޅެއެވެ. އެހެންނަމަވެސް ހަމައެކަނި، އެމީހެއްގެ ދުވަހުގެ ދިރިއުޅުމުގައި އަދި މަސައްކަތަކުގައި މެދުވެރިވާ މައްސަލަތައް ޙައްލުކުރުމާމެދު ވިސްނާ މީހާއާއި، މީސްތަކުންގެ ތެރެއިން، މާޒީ ދިރާސާކޮށް އެމާޒީއިން ފައިދާ ލިބިގަންނާނެ އަސާސްތަކެއް ދެނެގަތުމަށާއި، އަދި މިހާރު ހިނގާ ކަންކަން ފަހުމުކުރެވޭނެ ޤަވާޢިދުތައް ދެނެގަނެ، ހިނގަހިގާ ހުންނަ ކަންކަމަށް އަސަރުކުރުވާ ބާރުތަކުގެ މެދުގައި އޮންނަ ގުޅުންތައް ދެނެގަތުމަށް ވިސްނާ މީހުންގެ މެދުގައި ނުހަނު ބޮޑު ތަފާތެއް އެބަހުއްޓެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުން މުފައްކިރުގެ ޙަޤީޤީ މަޤާމަކީ މުޘައްޤަފުގެ މަޤާމަށްވުރެ މަތި، އެކަމަކު ފަލްސަފާވެރިޔާގެ މަޤާމަށްވުރެ ދަށް މަޤާމެކެވެ. މިގިންތިކުރުމުގެ އަސާސަކީ ތޫނުފިލިކަމެއް ނޫނެވެ. އަދި މީސްތަކުންނަށް ފޯރުކޮށްދޭ ނަފާ ނުވަތަ މުޖުތަމަޢުގައި ލިބިފައިވާ އަހަންމިއްޔަތެއްވެސް ނުމެނޫންމެއެވެ. އެހެނީ މިފަދަ ގިންތިކުރުންތަކުގައި މިދެންނެވި ކަންކަން މިންގަނޑެއްގެ ގޮތުގައި ނުވަތަ އަސާސެއްކަމުގައި ނުފުދެއެވެ.

 އެހެންކަމުން މިގިންތިކުރުމުގައި އަސާސެއްކަމުގައި ބަލާނީ މިދެންނެވި ފަރާތްތަކުގެ މެދުގައި، ފިކުރުތައް ކަފިކުރުމާއި ތަރުތީބުކުރުމާއި ވާޤިޢާގެން އުފުލެވޭ މިންވަރަށެވެ. މިދެންނެވުނު މިންގަނޑުން ބަލާއިރު ފައިލަސޫފަކީ މުފައްކިރަށްވުރެ ބޮޑަށް ފިކުރުތައް ކަފިކޮށް މަފުހޫމްތައް އުފައްދައި ބިނާކޮށް ފިކުރީ ބޮޑެތި މައްސަލަތައް ދިރާސާކުރާ ފަރާތެކެވެ. މިދެންނެވި ކަންކަމުގައި މުފައްކިރުގެ މަސައްކަތްތައް މުޘައްޤަފުގެ މަސައްކަތްތަކަށް ވުރެ ގިނަވާނެއެވެ. މިސަބަބަށްޓަކައި ކޮންމެ ފަލްސަފާވެރިޔަކީ މުފައްކިރެއްކަމުގައި ބުނެވިދާނެއެވެ. އެހެންނަމަވެސް ކޮންމެ މުފައްކިރަކީ ފަލްސަފާވެރިއެއްކަމުގައި ނުދެންނެވޭނެއެވެ. އަދި ކޮންމް މުފައްކިރަކީ މުޘައްޤަފެއްކަމުގައި ބުނެވިދާނެއެވެ. އަދި ކޮންމެ މުޘައްޤަފަކީ މުފައްކިރެއްކަމުގައި ނުދެންނެވޭނެއެވެ. ހަމައެއާއެކު އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ މިދެންނެވި ފަރާތްތަކުގެ މެދުގައި އިންފާރެއް ބިނާކުރުމަކީ އެހާ ފަސޭހަކަމެއްނޫނެވެ. އެހެންކަމުން އެއްބަޔަކު އަނެއްބައެއްގެ ތަޚައްޞުޞުގެ އިމުގެ ތެރެއަށް ވަނުމަކީ ހިނގަހިނގައި ހުންނަކަމެކެވެ.

 މުފައްކިރެއްގެ މަސައްކަތް ކުރިއަށްދަނީ މަފްހޫމްތައް ބިނާކުރުމާއި، ރައުޔަތައް ސާފުކޮށްދިނުމާއި، ޢިބްރައްތައް ދެނެގަތުމާއި، ޤާނޫންތައް ކަޝްފުކުރުމާއި، ވާޤީޢު އިޞްލާޙުކުރުމާއި، މީސްތަކުންނަށް ކުރިމަތިވެފައިވާ ކާރިސާތައް ދެނެގަތުމުގައެވެ. އަދި އޭނާ އަބަދުވެސް މަސައްކަތްކުރާނީ އޭނާގެ ފިކުރުތަކާއި ވިސްނުންތަކުގެ ނަތީޖާއާ ވާޤީޢު (ވަކި ޒަމާނެއްގައި ނުވަތަ ތަނެއްގައި ކަމެއް އޮންނަ ގޮތް)ގެ މެދުގައި އޮންނަ ގުޅުމަކީ ޖަދަލިއްޔަ ގުޅުމެއްކަމުގައި ހެދުމަށެވެ. ޖަދަލިއްޔަ ގުޅުމެއްކަމުގައި މިދަންނަވާ ބަހުގެ މުރާދަކީ އޭނާގެ ފިކުރު ހިންގަނީ މިހާރު ކުރިމަތިވެފައި ހުންނަ މައްސަލަތައް ދެނެގަނެ، އެމައްސަލަތަކަށް ނަޤުދުކޮށް، އެމައްސަލަތަކަށް އެކަށީގެންވާ ޙައްލުތަކެއް ހޯދޭނެ މަގަކުންނެވެ. ވާޤިޢު ދެނެގަތުމުގައި އަދި އެވާޤިޢުގެ މައްޗަށް އޭނާ ދިރާސާކުރާ ކުރުމުން ލިބިގަނެވޭ ނަތީޖާގެ މައްޗަށް ބިނާކޮށް ޙުކުމްކުރުމުގައި، ވާޤިޢާމެދު އޭނާ ދެކޭ ގޮތަށް ބަދަލުގެނެއެވެ. މިސަބަބަށްޓަކައި މުފައްކިރަކީ އަބަދުވެސް ވިސްނާ ފިކުރުކުރުމުގެ ރަނގަޅު މަންހަޖުގައި ހިފެހެއްޓޭތޯ ބަލާމީހެކެވެ. އެކަމުގައި އޭނާއާ ފަލްސަފާވެރިންނާ އެއްފަދައެވެ. އަދި ހަމަފައެފަދައިން ޔަޤީން ނަތީޖާއަކަށް ވަރަށް ގިނަ ކަންކަމުގައި ވާޞިލްނުވެވޭ ކަމުގެ އިޙުސާސް އޭނާގެ ކިބައިގައި އަބަދުވެސްވެއެވެ. މިއިޙުސާސްގެ ސަބަބުން ބޮޑާކަމާއި ކިބުރުވެރިކަމާ އޭނާ ދުރުވެއެވެ. އަދި ދިރާސާކުރުމާއި ވިސްނުމާއި އުގެނުމުގައި ދެމިހުރުމަށް ބާރުއަޅައެވެ.

 މިދެންނެވި ޙާލަތަކީ މުފައްކިރުންނާއި ޢާލިމުންގެ މެދުގައި އޮންނަ ނުހަނު ބޮޑު ފަރަޤެކެވެ. ވަރަށް ގިނަ މައްސަލަތަކުގައި ކުރެވޭ ދިރާސާތަކުން ޢާލިމަށް ވަރަށް ގިނަ ފަހަރު ޔަޤީން ނަތީޖާތަކެއް ލިބެއެވެ. އެހެނީ އޭނާ ބަޙުސްކުރަނީ ވަކި ތަޚައްޞުޞެއްގައި ކަނޑައެޅިފައިހުރި ވަކި މައްސަލަތަކެކެވެ. އަދި އެކަންކަމުގައި "ފަހު ބަސް" އެއީ އޭނާގެ އަމާޒެވެ. އެއާ ޚިލާފަށް މުފައްކިރު ބަޙުސްކުރަނީ ބޮޑެތި ބިޔަ މައްސަލަތައް ކަމުގައިވާތީ އަދި ޙަޤީޤަތްތައް ކަޝްފުކުރުމަށް އޭނާ މަސައްކަތްކުރާރުމާއި ނަޤުދުކުރުން ތަނަވަސްކުރުމުގެ ސަބަބުން އޭނާއަށް ޔަޤީން ޙައްލުތަކަކަށް ވާޞިލްވެވުން ދުރެވެ. މިސަބަބަށްޓަކައި ކަނޑައެޅިގެން ހިފަހައްޓާނެ ވަކި ގޮތެއް ހޯދައި އެގޮތުގައި ކުރިއަށް ދިއުމަށް ވިސްނާ މީހުނަށް މުފައްކިރުންގެ ލިޔުންތަކަކީ އަދި ވާހަކަތަކަކީ ގަޔާވާ އެއްޗެއްކަމުގައި ނުވެއެވެ. މިލިޔުމުގައި އަޅުގަނޑުގެ މަޤްޞަދަކީ އެއްވެސް ބައެއްގެ އަގު ކުޑަކުރުމެއްނޫނެވެ. ދިރިއުޅުމާއި ދިރިތިބީން އިޞްލާޙުކުރުމުގައި އެއްވެސް ފަރާތެއްގެ ދައުރުގެ އަގުވައްޓައިލުމެއްވެސްނޫނެވެ. އެހެންނަމަވެސް އަޅުގަނޑުގެ އަމާޒަކަށްވީ އިސްވެ ބަޔާންކުރެވުނު ކޮންމެ ގިންތިއެއްގެ ޙަޤީޤަތާއި ޠަބީޢަތު ބަޔާންކުރުމެވެ. އެންމެ ފަހު ވަގުތުގައި، އިންސާނާގެ މަތިވެރިކަން ރުޖޫޢަވަނީ އޭނާގެ އަމިއްލަ ޒާތުގެ ހެޔޮލަފާ މިންވަރަކާއި އޭނާގެ އުންމަތަށް ކުރިއެރުމާއި ތަރައްޤީ ހޯދުމުގައި ހިއްސާވެވޭ މިންވަރެއްގެ މައްޗަށެވެ.

 ނިމުނީ

މި ލިޔުމާ ގުޅޭ:

ފާހަގަ: , , ,

1 ޚިޔާލު!

  1. huttanula feshithi v ufa koffin. v muhinmu maulooeh mi miharah.

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!