ދީނީ ދަޢުވަތު ދޭ މީހާއަށް ލިބޭ ބޮޑު ދެ ނިޢުމަތެއް
-
މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރުﷲ ތަޢާލާ ކީރިތި ޤުރްއާނުގައި
ވަޙީކުރައްވާފައިވެއެވެ.يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ
وَقُولُوا قَوْلًا ...
قال شيخ الإسلام مجدد عصره ابن تيمية رحمه الله: (الناس لم يتنازعوا في أن عاقبة الظلم وخيمة، وعاقبة العدل كريمة، ولهذا يُروى: الله ينصر الدولة العادلة وان كانت كافرة، ولا ينصر الدولة الظالمة وان كانت مؤمنة) مجموع الفتاوى 28/61-62.
އެކަލޭގެފާނުގެ ޒަމާނުގެ މުޖައްދިދު، ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ (މާތްﷲ އެކަލޭގެފާނަށް ރަޙުމަތްލައްވާށި) ވިދާޅުވެފައިވެއެވެ. "އަނިޔާވެރިކަމުގެ ނިމުމަކީ ނިކަމެތިކަންކަމާމެދު އަދި ޢަދުލުވެރިކަމުގެ ފަހު ނަތީޖާ މާތްވާނެކަމާމެދު މީސްތަކުން ދެބަހެއް ނުވެއެވެ. މިސަބަބަށްޓަކައި މީހުން ތެރޭގައި ބުނެވެއެވެ. ކާފިރެއްކަމަކު މާތްﷲ ޢަދުލުވެރި ދައުލަތަށް ނަޞްރުދެއްވައެވެ. އަދި މުއުމިން ދައުލަތެއްކަމުގައިވިޔަސް އަނިޔާވެރިނަމަ، ނަޞްރު ނުދެއްވަތެވެ.)
ލިޔުއްވީ: د.طه جابر علواني
ތަރުޖަމާ: ޝިފްޒާން އަޙްމަދު
ޢަދުލުވެރިކަން ނުވަތަ ޢަދާލަތަކީ މާތްވި ޤުރުއާނު ގެނެސްދެން މަތިވެރި އިސްލާމީ މަފްހޫމުތަކުގެ ތެރެއިން މަތިވެރި މަފުހޫމެކެވެ. އިސްލާމްދީނުގެ މަތިވެރި އަގުތަކުގެ ތެރެއިން އެންމެ މަތިވެރި އަގުކުރުންކަމުގައިވަނީ ޢަދުލުވެރިކަމެވެ. އަދި ޝަރީޢަތުގެ މަޤުޞަދުތަކުގެ ތެރެއިން އެންމެ ފާޅުކަން ބޮޑު މަޤުޞަދަކީވެސް އެއީއެވެ. ޤުރުއާނުގެ އެންމެ މަތިވެރި އަސާސީ ތިން އަގުކުރުމަކީ ތައުޙީދާއި ތަޒްކިޔާ (ނަފްސުގެ ޠާހިރުކަން) އާއި ދުނިޔެ ބިނާކުރުން ކަމުގައިވަނީނަމަ، މިތިން އަގުކުރުމުން ނެގޭ ނުވަތަ އުފަންވާ އެންމެ ފާޅުކަން ބޮޑު ޝަރުޢީ މަޤުޞަދަކީ ޢަދުލުވެރިކަމެވެ. އެއްކައުވަންތަކުރާ މީހާގެ އެއްކައުވަންތަކުރުން ފުރިހަމަވާނީ ޢަދުލުވެރިކަމުގެ ޞިފަ އޭނާގެ ކިބާގައި ހުރެގެނެވެ. އަދި ނަފްސުގެ ޠަހާރަތު ޢަދުލުވެރިކަމުގެ ޞިފަނެތި ފުރިހަމަ ނުވާނެއެވެ. އަދި ޢަދުލުވެރިކަމާ ނުލައި މިބިން ތަރައްޤީކޮށް ބިނާކުރުމަކީ ނޭކަށޭނެކަމެކެވެ. މިސަބަބަށްޓަކައި އުންމަތުގެ ޢިލްމުވެރިންނާއި މުފައްކިރުން ޢަދުލުވެރިކަމަކީ ވެރިކަމުގެ އަސާސްކަމުގައި ކަނޑައެޅުއްވިއެވެ. އަދި އެންމެ މަތީ ދަރަޖައިގެ ޝަރުޢީ މަޤުޞަދެއްކަމުގައި ކަނޑައެޅުއްވިއެވެ. އެހެނީ ދަރަޖައިގެ ގޮތުން މިނިވަންކިޔަވައި އެއްވެސް މަޤުޞަދެއް ޢަދުލުވެރިކަމާ ވާދަނުކުރެއެވެ. އަދި އަޅުގަނޑުގެ ނަޒަރުގައި ޢަދުލުވެރިކަމާއި މިނިވަންކަންވަނީ ގުޅި ލާމެހިފައެވެ. އެއިން އެއްކަންތައް އަނެއްކަންތަކާ ވަކިނުކުރެވޭނެއެވެ. މިނިވަންކަމާ ނުލައި ޢަދުލުވެރިކަމެއް ޤާއިމްނުވާނެއެވެ. އަދި ޢަދުލުވެރިކަމުގެ ރައްކާތެރިކަން ނެތްނަމަ، މިނިވަންކަމަކީ ޙަޤީޤީ މިނިވަންކަމެއްކަމުގައި ނުވާނެއެވެ.
ކީރިތި ޤުރުއާންވަނީ ޢަދުލުވެރިކަމަށް ބާރު އަޅުއްވާފައެވެ. އަދި އެތައް އާޔަތެއްގައި ޢަދުލުވެރިވުމަށް އަމުރުކުރައްވާފައިވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. ﴿إِنَّ اللّهَ يَأْمُرُ بِالْعَدْلِ وَالإِحْسَانِ﴾(النحل:90) މާނައީ: ހަމަކަށަވަރުން، عدل ވެރިވުމަށާއި، إحسان ތެރިވުމަށް މާތް اللَّه އަމުރުކުރައްވަތެވެ. މިނިވަންކަން ލިބުމާއި އެމިނިވަންކަމާ މުޢާމަލާތްކުރުން ލާޒިމުވާ ބީދައިން ޢަދުލުވެރިވުން މުޢާމަލާތާއި ޖަޒާ ކަނޑައެޅުމުގައި ހަމަހަމަކުރުން ލާޒިމުކުރެއެވެ. އިޙުސާސްތަކާއި ޝުޢޫރުތަކުން އަސަރު ނުފޯރާ އިމެއްނެތް އަގުކުރުމެއްކަމުގައި ޢަދުލުވެރިކަން ކަނޑައެޅުމަށް އިސްލާމީ ޝަރީޢަތް އަމުރުކުރެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَلاَ يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَى أَلاَّ تَعْدِلُواْ اعْدِلُواْ هُوَ أَقْرَبُ لِلتَّقْوَى﴾(المائدة:8) މާނައީ: އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން عدل ވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން عدل ވެރިވާށެވެ! އެގޮތް تقوى ވެރިކަމާ ގާތްކަން ބޮޑެވެ. ސަލާމާއި ޞަލަވާތްލެއްވުނު ރަސޫލުﷲ އަކީ އެކަލޭގެފާނުގެ ހުރިހައި ޢަމަލެއްގައި މުޠުލަޤު ޢަދުލުވެރިކަން ޤާއިމުކުރެއްވައި ތަންފީޛުކުރެއްވި ބޭކަލެކެވެ. އެއީ އެކަލޭގެފާނުގެ ކިބައިން މަޝްހޫރު، ޝަޚުޞީ ޞިފަފުޅެއްކަމުގައި ހިމެނުން ލާޒިމުވާ މިންވަރަށް އެޞިފައިގައި އެކަލޭގެފާނު ހިފެހެއްޓެވިއެވެ. އަދި އެކަލޭގެފާނުގެ ޞަޙާބީން އެޞިފަ ލިބިވަޑައިގަނެގެން އެކަލޭގެފާނާ އެއްގޮތްވެވަޑައިގަތެވެ. އެކަމުގެ ސަބަބުން ޢަދުލުވެރިކަމުގެ ހުރިހާ ދާއިރާއެއްގައި އެޞިފަ ތަންފީޒުކުރެއްވުމުގައި މިސާލުތަކެއް ކަމުގައި އެބޭކަލުން ހިމެނިވަޑައިގަތެވެ. އަދި ޢަދުލުވެރިކަމުގެ ސަބަބުން މިއުންމަތަށް ހެޔޮކަމާއި މެދުމިންކަމުގެ މަތިވެރި ޞިފަ ޙައްޤުވިއެވެ. އަދި މީސްތަކުންގެ މައްޗަށް ހެކިވެރިވުމުގެ މަޤާމް ލިބުނެވެ. އެހެނީ އެބޭކަލުންގެ ކިބައިގައި ޢަދުލުވެރިކަން ފުރިހަމަވުމުގެ ސަބަބުން އެހުރިހާ ޞިފަތަކަކަށް އެކަށީގެންވާ ބޭކަލުންކަމުގައިވިއެވެ. މާނައަކީ ހެޔޮކަމާއި މެދުމިންކަމަކީ އެބޭކަލުންނަށް ލިބިވަޑައިގަތް ޞިފަފުޅުތަކެއްގެ އިތުރުން އެއީ އެބޭކަލުންގެ ލިބާހެވެ. އަދި ޢަދުލުވެރިކަމުގެ މިސާލު ޖެހުމުގައި އެބޭކަލުންގެ ނަންފުޅުތައް ބޭނުންކުރެވެން ފެށިއެވެ. ޚުލަފާއުއް ރާޝިދުންގެ ޒަމާނުގައި އެބޭކަލުންގެ ސިޔާސަތުތައް ބިނާކުރެއްވީ ޢަދުލުގެ އަސާސްގެ މަތީގައެވެ. އަދި އެބޭކަލުންގެ ޝަރުޢީ ނިޒާމް (ޖުޑީޝަރީ)ވެސް ބިނާވެގެން އައީ ޢަދުލުގެ މަތީގައެވެ. އެބޭކަލުންގެ ޢަދުލުވެރިކަމުގެ ސަބަބުން ޢަދުލުވެރިކަމަކީ ، މުޖުތަމަޢުގެ ކުރިމަގަށް އަޅާ ފިޔަވަޅުތައް ހަރުދަނާކޮށްދީ، އެމުޖުތަމަޢުގެ ކުރިއެރުމަށް އެހީތެރިވެ، އަދި އިޖުތިމާޢީ ވެށި ތާހިރުކޮށްދޭ، މުޖުތަމަޢުގެ ރޫޙު ކަމުގައިވިއެވެ. އެކުވެރިވުމާއި އެކަތިގަނޑެއްކަމުގައި ވުމަށް ބޭނުން އެންމެހައި ވަސީލަތެއް ޢަދުލުވެރިކަން ފޯރުކޮށްދިނެވެ. ހަމަޖެހުމާއި ރައްކާތެރިކަމާއި ބާރުވެރިކަމުގެ މަގުތައް ކޮށައިދިނެވެ.
މާތްﷲ އިންސާނުންގެ މުހިއްމު ޟަރޫރަތްތައް ރައްކާތެރިކޮށްދެއްވީ ޢަދުލުވެރިކަން މެދުވެރިކުރައްވައިގެނެވެ. އިންސާނީ ޟަރޫރަތްތަކުގެ އެންމެ މަތިވެރި ޟަރޫރަތްތަކަކީ ފަސް ޟަރޫރަތުގެ ގޮތުގައި މަޝްހޫރުވެފައިވާ ފަސްކަމެވެ. ފުރާނައާއި މުދަލާއި ނަފްސުގެ ކަރާމާތް ނުވަތަ އަނބުރާއި ބުއްދިއެވެ. (މުތަރުޖިމް: ބައެއް ޢިލްމުވެރިން ނަފްސުގެ ކަރާމާތުގެ ބަދަލުގައި މިފަސްކަމުގެ ތެރޭގައި ހިމަނުއްވަނީ ނަސްލެވެ.) އިންސާނުންގެ ބޭނުންތައް ނުވަތަ އެމީހުންނަށް ދަތިކަމާ ތުރާ އެކަންކަން ޙާޞިލުނުވުމުން ޖެހޭ ކަންކަން ވެސް ފަހިކޮށްދެއްވީ ޢަދުލުވެރިކަން މެދުވެރިކުރައްވައިގެނެވެ. އަދި އެމީހުންގެ ކަންކަން އިތުރަށް ފުރިހަމަކޮށްދޭ ކަންކަން ޢަދުލުވެރިކަމުގެ ސަބަބުން ރައްކާތެރިކޮށްދެއްވިއެވެ. މުސްލިމް އިންސާނާގެ ޝަޚުޞިއްޔަތުގެ ބައެއްކަމުގައި ޢަދުލުވެރިކަން ހިމެނުނެވެ. އެއީ އޭނާގެ ބުއްދީގައި އަބަދުމެ ދައުރުވާ އޭނާގެ ދިރިއުޅުމުގައި ތަންފީޒުކުރެވޭ ކަމެއްކަމުގައި ހިމެނުނެވެ. އޭނާގެ އަދަބުވެރިކަމާއި ފަންނީ ހުނަރުވެރިކަމާއި މުއައްސަސާތައް ބިނާކުރުމުގައި ޢަދުލުވެރިކަން ހިމެނިއެވެ. އަދި ޢަދުލުވެރިކަމަކީ އޭނާގެ އެންމެހައި މުޢާމަލާތްތަކަކާއި ގުޅުންތަކެއް ބައްޓަންކުރާ މިންގަނޑުކަމުގައިވެއެވެ.
މިއަދު މުސްލިމުންނާއި އިސްލާމްދީނުގެ ގުޅުން މިވަނީ ބަލިވެފައެވެ. އަދި އެބައިމީހުންގެ ދިރިއުޅުމުގެ ޙަރަކާތްތަކުގެ މައްޗަށް ބާރު ފޯރުވައި، އެބައިމީހުންގެ މަސައްކަތްތަކުގައި މަގުދައްކަނީ އިސްލާމް ދީންކަމުގައި މިއަދު ނުވެއެވެ. އެހެންކަމުން އަގުކުރުންތައް އެބައިމީހުން ކިބައިން ނެތި ހިގައްޖެއެވެ. އަދި އެއަގުކުރުންތަކުގެ އަސަރުވަނީ ކުޑަވެފައެވެ. އަދި އެއަގުކުރުންތަކުގައި ހިފަހައްޓާ މީހުން މަދުވެއްޖެއެވެ. އެކަމުގެ ސަބަބުން އެބައިމީހުންގެ މައްޗަށް އެހެން އުންމަތްތައް ކުރި ހޯދައިފިއެވެ. އެއީ ތައުޙީދު ޤަބޫލުނުކުރާ ދައުލަތްތަކެއް ކަމުގައިވެސް ވެދާނެއެވެ. އެހެންނަމަވެސް އެމީހުންގެ ބުއްދީގެ އެހީގައި އަދި އެމީހުންކުރެ ރަނގަޅު މީހުން މެދުވެރިގެން ޢަދުލުވެރިކަމުގެ މަގު އެބައިމީހުން ހޯދިއެވެ. އަދި އެމަގުގައި އެބައިމީހުން ގަދައަށް ހިފެހެއްޓިއެވެ. ނަތީޖާއެއްގެ ގޮތުން ޢަދުލުވެރިކަން ޔަޤީންކޮށްދޭނެ ގޮތްތަކަކާއި އެޞިފަ ރައްކާތެރިކުރާނެ ހަމަތަކަކާއި އެއަށް ވާރުއަޅާނެ މަގުތަކެއް އެބައިމީހުން ހޯދިއެވެ. އެހެންކަމުން އެއުންމަތްތައް ކުރިއަރައި، އުފައުވެރިކަން ޙާޞިލުކޮށް، ހަމަޖެހުން އެއުންމަތްތަކުގެ ރައްޔިތުންނަށް ފޯރުކޮށްދިނެވެ. އަދި ކުރިއެރުމާއި މަދަނިއްޔަތު ބިނާކުރުމުގެ ކުޅަދާނަކަން އެބައިމީހުންނަށް ލިބުނެވެ. އަދި އެބައިމީހުން، އިސްލާމް ދީނަށް ނިސްބަތްވާ ދައުލަތްތަކެއްގެ މައްޗަށް ކާމިޔާބު ހޯދައިފިއެވެ. އެއީ އެދައުލަތްތަކުގައި ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނެތަތީއެވެ. އަދި އިސްލާމީ ދައުލަތްތަކުގެ އަހުލުވެރިން އެދައުލަތްތައް ދޫކޮށް ކުރިން މިދެންނެވި އުންމަތްތަކުގެ ތެރެއަށް ހިޖުރަ ކުރަން ފަށައިފޫއެވެ. އެއީ އެދައުލަތްތަކުގެ އަހުލުވެރިންގެ ޢަދުލުވެރިކަމާއި އެދައުލަތްތަކުގެ ނިޒާމްތަކުން ހިތްހަމަޖެހުން ލިބިގަންނާށެވެ. އެހެނީ މާތް އިންސާނެއްގެ ގޮތުގައި ޢަދުލުވެރިކަމާ ނުލައި ނޫޅެވޭނެއެވެ. ޢަދުލުވެރިކަން ނެތްނަމަ، އީމާންކަމާއި އިސްލާމްކަމުގެ ދިރިއުޅުމުގެ ބާރުތައް ނެތިގެން ދާ ފަދައެވެ. އަދި އަޅުގަނޑުމެންގެ އުންމަތަށް ޢަދުލުވެރިކަމާ ނުލައި، އެއުންމަތުގެ ކަރާމާތް އަބުރާ ލިބިގަތުމާއި، އެންމުތަކުގެ އެއްބައިވަންތަކަން ބިނާކުރުމާއި، ތަރައްޤީގެ އުންމަތުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެއުންމަތުގެ ގޯތިތަކުގެ ތެރޭގައި ޢަދުލުވެރިކަން އެޞިފައަށް ޙައްޤު މަތިވެރިމަޤާމަށް އަނބުރާ ނުގެނެވުނުނަމަ، މިއުންމަތަށް ލާއިޤު، އެކަށީގެންވާ މަޤާމަށް ވާޞިލެއް ނުވެވޭނެއެވެ. އެހައިރުން ޢަދުލުވެރިކަން ވާނީ ވެރިންނާއި ރައްޔިތުންގެ ކިބައިގައި ހަރުލާފައިވާ މަތިވެރި އަގުކުރުމެއް ކަމުގައެވެ. އަދި އެޞިފަ ހަރުކޮށް އެއަށް ބާރު ލިބިނެވި ހުރިހާ ގޮތެއް ރާވައި އިންތިޒާމުކުރާނެއެވެ.
ޢަދުލުވެރިކަމަކީ ވެރިކަމުގެ އަސާސެވެ. އަދި ޙަޟާރަތުގެ ބާރެވެ. އަދި ބިނާކުރުމުގެ އެހީތެރިޔާއެވެ. އަދި އިންސާނީ ކަރާމަތުގެ ބިންގަލެވެ. ހުރިހާކަމެއްވެސް މޮޅަށް ދެކެ ދެނެވޮޑިގެންވަނީ މާތްﷲއެވެ!
ޑރ. طه جابر علواني ގެ ކުރު ތަޢާރަފެއް:
އެމަނިކުފާނަކީ އަލްއަޒުހަރު ޔުނިވަރސިޓީގެ ކުއްލިއްޔަތުއް ޝަރީޢާވަލް ޤާނޫން އިން އުޞޫލުލް ފިޤުހުގެ ދާއިރާއިން ޕީއެޗްޑީ އެންމެ މަތީ ދަރަޖައިގެ ފާހަކުން ޙާޞިލުކުރައްވާފައިވާ ޢިރާޤަށް ނިސްބަތްވެވަޑައިގަންނަވާ ޢިލްމުވެރިއެކެވެ. އުފަންވެވަޑައިގަތީ ހިޖުރީ ސައްތައިން 1354ގައި ފައްލޫޖާގައެވެ. އަދި އެމަނިކުފާނަކީ މިހާރު ޤުރުޠުބާ ޔުނިވަރސިޓީގެ ރައީސެވެ. އަދި ކުރިން އިސްލާމީ ފިކުރަށް ޚާއްޞަ ބައިނަލް އަޤުވާމީ މަޢުހަދުގެ ރައީސްގެ މަޤާމްވެސް ފުރުއްވިއެވެ. ދުނިޔޭގެ އިސްލާމީ ފިޤުހު އެކަޑަމީގައިވެސް ހިމެނިވަޑައިގަންނަވައެވެ. އޭގެ އެމަނިކުފާނަކީ އިތުރުން ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ތައުސީސީ މެންބަރެއްވެސްމެއެވެ. ވަރަށް ގިނަ ޢިލްމީ ދިރާސާތަކަކާއި ފޮތްތަކެއް ލިޔުއްވާފައިވެއެވެ. ދީނުގެ ޢިލްމު އުގެނޭ ކުދިން މިފޮތްތައް ކިޔައި ފިޤުހާއި އުޞޫލާއި މަޤާޞިދުއް ޝަރީޢާ ދަސްކުރުމަކީ މުހިއްމުކަމެކެވެ. މާތްﷲ ޑރ. طه جابر علواني ރައްކާތެރިކޮށްދެއްވައި، އުންމަތުގެ ޙައްޤުގައި ޢުމުރު ދަމަހައްޓަވައި، އެމަނިކުފާނުގެ ޢިލްމުން އަޅުގަނޑުމެންނަށް ފައިދާ ލިބޭނެ ގޮތް މެދުވެރިކޮށްދެއްވާށިއެވެ! އާމީން.
ލިޔުއްވީ: العلامة الفقيه د. يوسف القرضاوي
ތަރުޖަމާ: ޝިފްޒާން އަޙްމަދު
ދީނާއި ސިޔާސަތު ވަކި ކުރުމަކީ މަގުފުރެދުމެކެވެ.
އަޅުގަނޑުމެންގެ ޝައިޚު އަލްޢައްލާމާ محمد الخضر حسين (އެކަލޭގެފާނުގެ ޒަމާނުގައި ޝައިޚުލް އަޒުހަރެވެ.) ސިޔާސަތާ ދީން ވަކިކުރުމަށް ބައެއް ލިޔުންތެރިން ގޮވާލާ ގޮވާލުން ޞިފަކުރައްވާފައިވަނީ މަގު ފުރެދުމެއްކަމުގައެވެ. މިޞިފަކުރެއްވުމަކީ ޝަރުޢީ ގޮތުން ޞައްޙަ ޞިފަކުރެއްވުމެކެވެ. އެހެނީ މިކަމަކީ އުންމަތުގެ ކަންކަމުގައި އިތުރުކުރެވިފައިވާ އައުކަމެކެވެ. ބިދުޢަކެވެ. ކޮންމެ ބިދުޢަކީ މަގުފުރެދުމެކެވެ. ކޮންމެ މަގު ފުރެދުމެއްވެސްވަނީ ނަރަކައިގައެވެ.
ނޫރުލް އިސްލާމް ނަމަކަށް ކިޔުނު މަޖައްލާގައި މިމައުޟޫގައި ދިގު މަޒުމޫނެއް ޝެއިޚު ލިޔުއްވާފައިވެއެވެ. އެއަށްފަހު ޝައިޚުގެ رسائل الإصلاح ނަމަކަށް ކިޔުނު ފޮތުގައި އެމަޒަމޫނު ހިމެނުއްވިއެވެ.
މިފުރިހަމަ ޢިލްމީ މަޒުމޫނުގައި ޝައިޚު ލިޔުއްވާފައިވާ ބައެއް ވާހަކަތައް ހިމަނައިލާނަމެވެ.
( އަޅުގަނޑުމެންނަށް އެގޭ ގޮތުގައި ދީނާއި ސިޔާސަތު ވަކިކުރުމަށް ގޮވާލާ މީހުންނަކީ ދެބާވަތެއްގެ މީހުންނެވެ.
ފުރަތަމަ ބާވަތުގެ މީހުން: މިބާވަތުގެ މީހުންނަކީ ސިޔާސަތާއި، ޤަޟާގެ ޙުކުމްތަކެއް ދީނުގައި އެކުލެވިގެންވާކަން ޤަބޫލުކުރާ ބައެކެވެ. އެހެންނަމަވެސް މިޙުކުމްތަކަކީ މަޞްލަޙަތުތައް ދެމެހެއްޓުމަށް އެންމެ އެކަށީގެންވާ ޙުކުމްތަކެއްކަމަށް އެބައިމީހުން ޤަބޫލު ނުކުރެއެވެ. އަދި އެޙުކުމްތަކުގެ ސަބަބުން ސިޔާސަތު އެންމެ ހެޔޮ މަގަށް ގެންދެވޭނެކަމާ ދެކޮޅު ހަދައެވެ. މިފަދަ މީހުން ދީނުގެ ޙުކުމްތަކަށް ފާޅުގައި ފާޑުކިޔާކަށް ޖެހިލުން ނުވެއެވެ. އަދި މުސްލިމުން މިފަދަ މީހުންނަށް މުލްޙިދުންނޭ ކިޔުމާމެދު، އެމީހުން ރުހިގެންފޫއެވެ. އެހެނީ އެބައިމީހުން ޤުރުއާނަށާއި އަދި އެޤުރުއާން އެފަރާތެއްގެ މައްޗަށް ބާވައިލެއްވުނު ފަރާތަށް އީމާން ނުވާކަމަށް އެއްބަސްވެ، އިޤުރާރުވެއެވެ.
ދެވަނަ ބާވަތުގެ މީހުން: މިބައިމީހުން ޤަބޫލުކުރާ ގޮތުގައި ސިޔާސަތާއި ޤަޟާގެ ޙުކުމްތަކެއް ދީނުގައި ހުރިކަން ޤަބޫލުކުރުމަށްފަހުގައި، އެއާ ދެކޮޅުހަދައި، އެޙުކުމްތަކަށް ފާޑު ކިޔާނަމަ، ދީނާއި ސިޔާސަތު ވަކިކުރަން އުޅޭ އުޅުން ފާޅުވާނެއެވެ. އެހެންކަމުން އެކަން ކުރަން އުޅޭ މީހާގެ ގަސްތު ފަޟީޙަތްވެ، އޭނާގެ ބޭނުންވާކަންތައް ޙާޞިލުނުކުރެވި ނާކާމިޔާބު ވެދާނެއެވެ. މިބައިމީހުން އެހެން މަގެއް ހޯދައެވެ. އެއީ އެބައިމީހުން ހީކުރާ ގޮތުން ކާމިޔާބުވުމާ މާ ގާތް ގޮތެކެވެ. އެއީ އިސްލާމް ދީނަކީ ހަމައެކަނި ތައުޙީދާއި އަޅުކަމުގެ މައްޗަށް އެކުލެވިގެންވާ ދީނެއްކަމަށް ދަޢުވާކުރުމެވެ. އަދި އެދީނުގެ އެތެރޭގައި ޤަޟާއާއި ސިޔާސަތާ ގުޅުންހުރި ޙުކުމްތަކެއް ނުހުންނާނެކަމަށް އެބައިމީހުން ބުނެއެވެ. އަދި މިކަން ސާބިތުކޮށްދިނުމަށްޓަކައި އެބައިމީހުންނަށް ކުޅަދާނަވީ ވަރަކަށް އޮޅުންތައް އެއްކުރެއެވެ. އެއީ މީސްތަކުންގެ ތެރެއިން ތަންދޮރު ނުދަންނަ މީހުންނާއި ހަމަނުޖެހޭ މީހުން ހައްލައިލުމަށެވެ.
މިއީ ދީނާއި ސިޔާސަތު ވަކިކުރުމަށް ގޮވާލާ މީހުންނަށް ހިނގަން އޮތް ދެމަގެވެ. މިދެމަގުވެސް ވެރިންނަށް މަޖުބޫރުކުރުވަނީ އިސްލާމީ އުންމަތަށް އެއުންމަތުގެ ޝަރީޢަތާ ޚިލާފަށް ޤާނޫނުތައް ހެދުމަށެވެ. އަދި އުންމަތް ހެޔޮ މަގުގައި ލެހެއްޓެވުމަށްޓަކައި، މާތްﷲ އެއުންމަތުގެ ޙައްޤުގައި ރުހިވޮޑިގެންނެވި ގޮތާ ނޫން ގޮތެއްގައި ހިފުމަށެވެ. މިދެބާމަގަކީވެސް އެދުންތަކުގެ ސިޔާސަތު ކަމުދިޔުމުންނާއި، އިސްލާމީ ޝަރީޢަތުގެ މަތިވެރި ޙުކުމްތައް ރަނގަޅަށް ބަލައި ދިރާސާ ނުކުރެވުމުން އުފަންވި ދެމަގެވެ.
އިސްލާމްދީންވަނީ ޤަޟާއާއި ވެރިކަމާ ގުޅުންހުރި ޙުކުމްތަކަކާއި އުޞޫލުތަކެއް ގެނެސްދެއްވާފައެވެ. އެއުޞޫލުތައްވަނީ ސިޔާސަތުގެ ތުންމަތީގައި ޙިކުމަތުގެ މަތިޖަހާފައެވެ. އެއަށް އިންކާރުކުރާނީ ޤުރުއާނާއި ސުންނަތް ނޭނގޭ ޚުލަފާއުއް ރާޝިދީންގެ ސިޔަރަތު ބަލައިފައިނުވާ މީހެކެވެ. އެބޭކަލުންވަނީ ކޮންމެ ޙާދިސާއެއްވެސް ޝަރީޢަތުގެ ތިލަފަތުން ކިރާލައްވައިފައެވެ. އަދި ޚިޔާލުތަފާތުވުންތަކުގައި އެބޭކަލުން ރުޖޫޢަވެވަޑައިގަންނަވަނީ ކީރިތި ޤުއާނަށާއި ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާގެ ސުންނަތަށެވެ.
އަދި ޤުރުއާނަކީ އެޤުރުއާނުގެ ދަޢުވަތަކީ މަދަނީ މުޢާމަލާތްތަކުގެ ތެރެއަށް ވަންނަ ދަޢުވަތެއްކަމާއި، އަދި ސިޔާސީ ބާރަށް މަގު ދައްކާ ދަޢުވަތެއްކަމުގެ މައްޗަށް ޤުރުއާނުން ހެކި ދެއްކެވިއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. (أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ وَمَنْ أَحْسَنُ مِنَ اللَّهِ حُكْماً لِقَوْمٍ يُوقِنُونَ) (المائدة:50) މާނައީ؛ "ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكم ހެއްޔެވެ؟ يقين ކުރާ ބަޔަކަށް اللَّه އަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟" ﷲގެ ޝަރީޢަތާ ޚިލާފު ކޮންމެ ޙުކުމަކީ ޖާހިލިއްޔަ ޙުކުމްތަކުގެ ޢާއިލާއަށް ނިސްބަތްވާނެ ޙުކުމެކެވެ. އަދި މާތްﷲގެ ވަޙީ ބަސްފުޅުގައި ޔަޤީންކުރާ ބަޔަކަށް މާތްﷲގެ ޙުކުމަށްވުރެ މޮޅި ކޮން ޙުކުމެއްތޯ ސުވާލުކުރައްވާފައިވުމުން، އަޅުތަކުންގެ ވެރި އިލާހުގެ ޙުކުމްތަކުގެ ހެޔޮކަމާމެދުގައި ޝައްކުކުރާ ބަޔަކު ބަޙުސްކޮށް ދެބަސްވެދާނެކަން ދޭހަވެއެވެ. އަދި އެޙުކުމްތަކުގެ ބަދަލުގައި ޖާހިލިއްޔަ ޒަމާނުގެ ޙުކުމްތައް ފަދަ ޙުކުމްތަކެއް ގެންނަން އުޅެދާނެއެވެ. އެއީ މޮޅު ރަނގަޅު ބައެއްކަމަށް އެބައިމީހުންނަށް ޤަބޫލުކުރެވިފައިވާ ބަޔަކާ ތަބާވުމުގެ ގޮތުންނެވެ. އެބައިމީހުންނަށް އެމޮޅުކަމަށް ފެނުނު ބައެއްގެ ރަނގަޅު ޞިފަތަކާއި ނުރަނގަޅު ޞިފަތައް ވަކިކުރާކަށް އެއުރެންނަކަށް ނޭނގެއެވެ.
އަދިވެސް މާތްﷲ ވަޙީކުރައްވާފައިވެއެވެ.(وَأَنِ احْكُمْ بَيْنَهُمْ بِمَا أَنْزَلَ اللَّهُ وَلا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْهُمْ أَنْ يَفْتِنُوكَ عَنْ بَعْضِ مَا أَنْزَلَ اللَّهُ إِلَيْكَ( (المائدة:49) މާނައީ؛ "އަދި اللَّه ބާވައިލައްވާފައިވާ حكم ން އެއުރެންގެ މެދުގައި ކަލޭގެފާނު حكم ކުރައްވާށެވެ! އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައި ނުގަންނަވާށެވެ! އަދި اللَّه، ކަލޭގެފާނަށް ބާވައިލެއްވި ބައެއް آية ން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެއުރެންނާމެދު ރައްކާތެރިވެ ވަޑައިގަންނަވާށެވެ!" މިއާޔަތުގައި މީސްތަކުންގެ މެދުގައި ޖެހޭ ކަންކަން މާތްﷲގެ ފޮތުގައިވާ ޙުކުމްތަކާ އެއްގޮތަށް ނިންމުން ފަރުޟު ކުރެއްވިއެވެ. އަދި އެބައިމީހުންގެ ހިތްތަކަށް އީމާންތެރިކަން ނުވަންނަ މީހުން އެބައިމީހުންގެ ހަވާނަފްސުގެ އެދުންތަކާ އެއްގޮތްވާ ގޮތަށް ޙުކުމްތައް އުފެއްދުމަށް ޙާކިމާ ކިބައިން އެދޭނެކަމުގެ ޚަބަރު ދެއްވިއެވެ. އަދި އެއިގެ އިތުރަށް ޝަހުވަތުގެ މަޅީގައި ޖެހިގެން މާތްﷲގެ ބައެއް ޙުކުމްތަކަށް ފުރަގަސް ދިނުމާމެދު ވެރިންނަށް މިއާޔަތުގައި އިންޒާރުކުރައްވާފައިވެއެވެ. އަދި އެފަދަ މީހުންގެ ވާހަކަތައް އަޑު އެހުމުގައި ޙާކިމާއަށް ފިތުނަވެރިކަމެއް ވާކަން ބަޔާންކުރައްވައި އިންޒާރުކުރެއްވިއެވެ. އަދި މާތްﷲގެ ޙުކުމުގެ ބަދަލުގައި އެބައިމީހުން އެދޭ ޙުކުމަކުން ޙުކުމްކުރުމުގެ ނުބައިކަމާމެދު އިންޒާރުދެއްވައެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الظَّالِمُونَ) [المائدة:45] މާނައީ: މާތްﷲ ބާވައިލެއްވި ތަކެތިން (ޙުކުމްތަކުން) ޙުކުމް ނުކުރާ މީހުން ދަންނާށެވެ. ފެހެ، އެބައިމީހުންނަކީ އަނިޔާވެރިންނެވެ. ،އަދި އެހެން އާޔަތެއްގައި ވަޙީކުރައްވާފައިވެއެވެ. (وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْفَاسِقُونَ) [المائدة:47] މާނައީ: މާތްﷲ ބާވާލެއްވި ތަކެތިން (ޙުކުމްތަކުން) ޙުކުމް ނުކުރާ މީހުން ދަންނާށެވެ. ފަހެ އެބައިމީހުންނަކީ ފާސިޤުންނެވެ. ، وفي آية ثالثة: (وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْكَافِرُونَ)(المائدة:44)މާނައީ؛ މާތްﷲ ބާވައިލެއްވި ތަކެތިން ޙުކުމް ނުކުރާ މީހުން ދަންނާށެވެ. ފަހެ، އެބައިމީހުންނަކީ ކާފަރުންނެވެ.
އަދި ކީރިތި ޤުރުއާނުގައި އަޅުކަމާއި ޢަޤީދާގެ ޙުކުމްތަކުގެ ތެރޭގައި ނުހިމެނޭ އެތައް ޙުކުމްތަކެއް ވާރިދުވެފައި އެބަހުއްޓެވެ. އެގޮތުން ވިޔަފާރިއާއި ރިބާއާއި ހެކިބަހާ ގުޅުންހުރި ޙުކުމްތަކެވެ. އަދި ކާވެންޏާއި ވަރިއާއި ލިޢާންކުރުމާއި ޡިހާރުކުރުމުގެ ޙުކުމްތަކެވެ. އަދި ޔަތީމުންނާ ގުޅުންހުރި ޙުކުމްތަކާއި ވަޞިއްޔަތާއި ތަރިކަމުދަލުގެ ޙުކުމްތަކެވެ. ޤިޞާޞްއާއި ދިޔައާއި ވައްކަންކުރާ މީހާގެ އަތް ކެނޑުމާއި ޒިނޭކުރާ މީހާއާއި ޒިނޭއާ ދުރުވެގެންތިބޭ މީހުންނަށް ޤަޛުފުކުރާ މީހާގައި ޙައްދު ޖެހުމާއި ބިމުގައި ފަސާދަކުރާ މީހުންނަށް ދޭނެ އަދަބުތައް ޤުރުއާނުން އެގެން އެބަހުއްޓެވެ.)
އަދި ޝައިޚު މިތަނުގައި ހަނގުރާމައާއި އަމާންކަމުގެ ޙާލަތާ ގުޅުންހުރި ޙުކުމްތައް ބަޔާންކުރާ އާޔަތްތައް މިތަނުގައި ގެނެސްދެއްވިއެވެ. އަދި ބައިނަލް އަޤުވާމީ ގުޅުންތައް ބަޔާންކޮށްދޭ އާޔަތްތައް ހިމެނުއްވިއެވެ.
އަދިވެސް ޝައިޚު ވިދާޅުވިއެވެ. (ޖިނާއީ ކަންކަމާއި މުޢާމަލާތުގެ ކަންކަމުގައާއި އަދިވެސް މިފަދަ އެހެނިހެން ގިނަކަންތައްތަކެއްގައި ކީރިތި ރަސޫލާގެ ސުންނަތުގައި ތަފްޞީލު ޙުކުމްތަކެއް ވާރިދުވެފައިވެއެވެ. މިކަންކަމުން އަޅުގަނޑުމެންނަށް އެގެނީ ދީނާ ސިޔާސަތު ވަކިކުރުމަށް ގޮވާލާ މީހުންނަށް ތަޞައްވަރު ކުރެވިގެން އުޅެނީ އިސްލާމް ދީން ނޫން ދީނެއްކަމެވެ.
އަދި ޝަރީޢަތުގެ މަޤުޞަދުތައް އެންމެ ރަނގަޅަށް އެގިވަޑައިގަންނަވާ ބޭފުޅުންކަމުގައިވާ، ނަބިއްޔާގެ ޞަޙާބީންގެ ސިޔަރަތުގައި ސިޔާސަތުގައި ޝައްކެއް ނެތް މިންވަރުގެ ބާރެއް ދީނަށް ލިބިފައިވާކަން ޔަޤީންކޮށްދޭ ދަލީލުތަކެއް އެބަހުއްޓެވެ. އެހެނީ އެބޭކަލުން ޚަލީފާއަކަށް ބައިޢަތު ހިއްޕެވުމުގައި މާތްﷲގެ ފޮތަށާއި ކީރިތި ރަސޫލާގެ ސުންނަތަށް ޚަލީފާ ތަބާވެވަޑައިގަތުން ޝަރުޠުކުރައްވައެވެ.
މިލިޔުމުގެ ކުރީގެ ބައިތައް:
މަޞްދަރު: އޮންއިސްލާމް
ލިޔުއްވީ: العلامة الفقيه د. يوسف القرضاوي
ތަރުޖަމާ: ޝިފްޒާން އަޙްމަދު
ސިޔާސަތުގެ ތެރެއިން ދީން ނެރެލުމުގެ މާނައަކީ، ސިޔާސަތުގެ ތެރޭގައި ހުރި ހެޔޮކަންކަމަށް ބާރު އަޅާ އެންމެހައި ޞިފަތަކާއި ނުބައިކަންކަމުން ދުރުކޮށްދޭ ޞިފަތައް ސިޔާސަތުން ބޭރުކޮށްލުމެވެ. ސިޔާސަތާ ދީން ވަކިކުރުމަކީ ތަޤުވާއާއި ކިޔަމަންކަމަށް ފޯރުކޮށްދޭ ސަބަބުތަކުން ސިޔާސަތު އެއްކިބާކުރުމާއި، ނުބައިކަންކަމާއި ފާފަތަކަށް މަގު ފަހިކޮށްދޭ ކަންކަމުގެ ތެރެއަށް ސިޔާސަތު ދޫކޮށްލުމެވެ.
ސިޔާސަތު ދީނާ ގުޅުވައިލުމުން، ރައްޔިތުންގެ ކިބައިގައިވާ އީމާންކަމުގެ ބާރު ނުވަތަ ރޫޙާނީ ބާރު މުޖުތަމަޢަށް ޚިދުމަތްކުރުމުގައި ބޭނުންކުރުމުގެ ފުރުޞަތު ލިބެއެވެ. އެއީ އެތެރޭގެ ސިޔާސަތު، ނުބައިމަގުތަކުން ދުރުކޮށް ހެޔޮމަގަށް އަޅުވައި، އިނދިކީލަވުމުގެ ބަދަލުގައި ހަމަމަގުގައި ސާބިތުކުރުވައި، ޙަރާމްކަންކަމުން މިންޖުވެފައިވާ ތާހިރުކަމަކަށް މަގުދައްކައެވެ.
އަދި ހަމައެފަދައިން، ޚާރިޖީ ސިޔާސަތުގައި އެވަޠަނުގެ ދުޝްމަނުންނާއި ވަޠަނާމެދު ނުބައި ރޭވުންތައް ރާވާ މީހުންނާ ދެކޮޅަށް، ވަޠަނުގެ ދިފާޢުގައި، އެރޫޙާނީ ބާރު ރުކުރުވާލެވޭނެއެވެ. އެއީ ދައުލަތުގެ މައްޗަށް ބަޔަކު އަތްގަދަކޮށްފިނަމަ ނުވަތަ ދައުލަތުގެ ކަރާމާތްތެރިކަން ގެއްލިއްޖެނަމަ ނުވަތަ ދައުލަތުގެ ޙައްޤުތައް ނިގުޅައިގަނެވިއްޖެނަމަ ބިން ހޯދުމަށެވެ. މިނިވަންކަން ލިބިގަތުމަށެވެ.
ދީނާއި ދައުލަތް ގުޅުވައިގެން މަސައްކަތްކުރި މުސްލިމުންގެ ރަން ޒަމާންތަކުގައި ފެނިފައިވަނީ އެބައިމީހުން ބިންތައް ފަތަޙަކުރި ތަނެވެ. ބޮޑެތި ބިޔަ ރަސްކަން އެބައިމީހުން ކުރިމަތީ އިދަޖެހުނެވެ. އަދި ޢަދުލުވެރިކަމާއި އިޙުސާންތެރިކަމުގެ ދައުލަތް އެބައިމީހުން ޤާއިމުކުރިއެވެ. އެއަށްފަހު ޤުރުއާނުގެ ހިޔަލުގައި ޢިލްމާއި އީމާންކަމުގެ ޙަޟާރަތު ފެތުރިއެވެ.
މިއަދު އަޅުގަނޑުމެން މިތިބީއެވެ. ޞިހުޔޫނީ ދައުލަތް ނުވަތަ އިސްރާއީލުން އެމީހުންގެ ދައުލަތް ޤާއިމުކުރުމުގައާއި، އެދައުލަތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ޔަހޫދީންގެ މަދަދު ހޯދުމުގައި، އެބައިމީހުންގެ ދީނުގެ ބޭނުން ހިފީ ކިހިނަކުން ހެއްޔެވެ؟ އެމީހުންގެ ޢަލްމާނީންވެސް ޤަބޫލުކުރާ ގޮތުގައި ސިޔާސީކަންކަމުގައި ދީނުގެ ބޭނުންހިފަންޖެހެއެވެ. އެކަމަކު އެމީހުން ދެކޭ ގޮތުގައި ދިރިއުޅުމުގެ ކަންކަމުގައި ދީނަކީ މަރުޖިޢެއްނޫނެވެ.
ކަނާތުފިޔައިގެ ހަރުކަށި މަސީޙީންގެ ތެރެއިން، އެމެރިކާގެ މިހާރުގެ ރައީސް ބުޝް (ދަރިފުޅު)އާއި އޭނާގެ ޖަމާޢަތުގެ މީހުން، އެބައިމީހުންގެ އަނިޔާވެރި ބިމުގައި ބޮޑާވެ ކިނބުރުވެރިވެގަތުމުގެ ސިޔާސަތުތައް ނެގެހެއްޓުމަށް ދީން ބޭނުންކުރަނީ ކޮންފަދައަކުންކަން އެބަފެނެއެވެ. އަޅުގަނޑުމެންނަށް އެންމެ ފަހުން ފެނުނީ ބުޝް އޭނާއަށް ވަޙީ ބާވާލެއްވޭކަމުގައި ދޭހަވާ ފަދަ ޢިބާރާތްތަކަކުން ވާހަކަދެއްކިތަނެވެ. އޭނާ ބުނެފައިވެއެވެ. ޢިރާޤުގައި ހަނގުރާމަކުރުމަށާއި އަފްޣާނިސްތާނުގައި ހަނގުރާމަކުރުމަށް ތިމަންނާގެ ވެރި އިލާހު އެންގެވީއެވެ. އަދިވެސް މިނޫންއެތައް ދޮގު އިލާހީ އަމުރުތަކެއް އޭނާވަނީ އިޢުލާންކޮށްފައެވެ.
ޔޫރަޕުގެ ޢަލްމާނީ ސިޔާސީ ޕާޓީތަކުންވެސް، ދީނުން ނުވަތަ ދީނަށް ނިސްބަތްވެގަނެގެން، ނުވަތަ މަސީޙިއްޔަތުގެ ނަން ބޭނުންކޮށްގެން ބާރު ލިބިގަތުމަށް މަސައްކަތްކުރާ ތަން އަޅުގަނޑުމެންނަށް ފެނިފައިވެއެވެ. އެހެންކަމުން ކުރިސްޓިއަން އެތަށް ޕާޓީތަކެއް ފެނިފައިވެއެވެ. ކުރިސްޓިއަން ޑިމޮކްރެޓިކް ނުވަތަ ކުރިސްޓިއަން ސޯޝަލިސްޓު ޕާޓީ ފަދަ ނަންނަމުގައި ޔޫރަޕުގެ އެތައް ދައުލަތެއްގައި ސިޔާސީ ޕާޓީ އުފައްދާފައިވެއެވެ. ވޯޓުލާ ފަރާތްތަކުގެ ގިނަ ވޯޓުތަކެއް މިފަދަ ޕާޓީތަކުން ކާމިޔާބުކުރެއެވެ. އަދި ބައެއްފަހަރަށް އިންތިޚާބުތަކުގައި ކާމިޔާބު ހޯދައި ވެރިކަންވެސް ކޮށްފައިވެއެވެ.
ދީން ސިޔާސަތާ ވަކިކުރުމަށް ނުވަތަ ސިޔާސަތުގެ ކިބައިން ދީން ދުރުކުރުމަށް މުސްލިމުންގެ ކިބައިން އެކަނި އެދެވެނީ ކީއްވެ ހެއްޔެވެ؟ އެއީ އުންމަތުގެ ބާރުގެ ސިއްރާއި ވަކިވެފައިވާ ޙާލު އަދި ފިޔަކޮށާލެވިފައިވާ ޙާލު ހަތިޔާރެއްނެތް ޙާލުގައި އާރެއް ބާރެއް ނެތް ގޮތުގައި
ބޭއްވުމަށްތޯއެވެ؟
تحقيق ما للهند من مقولة ނަމަކަށް ކިޔުނު މަޝްހޫރު ފޮތުގައި ފޮތުގެ މުއައްލިފު العلاَّمة البيروني ވިދާޅުވެފައިވެއެވެ. (إن المُلك إذا استند إلى جانب من جوانب مِلَّة (أي دين) فقد توافى فيه التوأمان، وكمل فيه الأمر باجتماع الملك والدين) މާނައީ: މިއްލަތެއްގެ ފަރާތަށް ވެރިކަމެއް ތަބާވާނަމަ ނުވަތަ ރުޖޫޢަވާނަމަ، ނިބޫ ހަމަވާނެއެވެ. އަދި އެވެރިކަމެއްގެ ކަންތައް ފުރިހަމަވާނެއެވެ. އެއީ ދީނާއި ވެރިކަމުގެ ކަންތައް އެކުމުވުމުންނެވެ.
އިބްނުޚަލްދޫނު އޭނާގެ މަޝްހޫރު މުޤައްދިމާގެ މުޖުތަމަޢުތަކުގެ ތެރެއިން ދެބާވަތުގެ މުޖުތަމަޢުގެ ފަރަޤު ބަޔާންކުރައްވާފައިވެއެވެ. އެދެބާވަތަކީ ހަމައެކަނި ދުނިޔަވީ މުޖުތަމަޢާއި ދުނިޔެއާއި ދީނުގެ ކަންކަން ޖަމާވެފައިވާ މުޖުތަމަޢެވެ. ދެވަނަ ބާވަތުގެ މުޖުތަމަޢު ފުރަތަމަ ބާވަތުގެ މުޖުތަމަޢުތަކަށްވުރެ ޠާހިރުވެފައި، ހެޔޮވެގެންވެއެވެ. އެއީ އިޖުތިމާޢީ ޙަޔާތުގައި ދީނުގެ އަސަރު ޤަބޫލުކުރާ މުޖުތަމަޢެކެވެ. އެހެނީ ދީނުގެ އަސަރަކީ ޢާއިލީ ނުވަތަ ޖިންސުގެ އަސަރަށްވުރެ މުހިއްމުކަން ކުޑަ އަސަރެއްނޫނެވެ. އެހެންކަމުން އިބްނުޚަލްދޫންގެ އަރިހުގައި ދައުލަތުގެ އެންމެ ހަރުދަނާ އުޞޫލަކީ ދައުލަތުގެ ކަންކަމުގައި ދީނުގައި ހިފަހައްޓާ ދައުލަތެވެ.
ދީނުގައި ސިޔާސަތެއް ނެތްކަމުގައި ބުނާ ބަހާމެދު ކުރެވޭ ބަޙުސް:
ދީނުގައި ސިޔާސަތު އެކުލެވިގެންނުވާ ކަމުގައި ބުނާ ބަހުގެ މުރާދަކީ ކޮބައިތޯއެވެ. އެބަހުގެ މާނައަކީ ދީން މީސްތަކުންގެ ސިޔާސީ ކަންކަމަށް އެއްވެސް ވަރަކަށް އަހަންމިއްޔަތުކަމެއް ނުދިނުމާއި، އިންސާނުންގެ ދިރިއުޅުމުގެ ކަންކަމާ ބެހުމެއްނުވުމާއި، އެމީހުންގެ ދިރިއުޅުގެ ކަންކަން ރޭވުމާއި އެއްބަޔަކު އަނެއްބަޔަކާމެދު އޮންނަ ގުޅުންތަކާ ދީނާ ގުޅުމެއް ނުވުންކަމުގައިވާނަމަ، މިއީ ކުށް ހީއެކެވެ. ހުރިހާ ދީނެއްގައިވެސް މިބައިގައި ކަންކުރާނެ ގޮތްތަކަކަށް މަގުދައްކާފައިވެއެވެ. ބައެއްދީންތަކުގައި ތަންކޮޅެއް ދިގުކޮށްހުރިއިރު، އަނެއްބައި ދީންތަކުގައި އެވާހަކަތައް ހުރީ ޚުލާޞާ ކުރު ގޮތަކަށެވެ. މިދާއިރާގައި އެންމެ ގިނަ ވާހަކަތަކެއް ހުރީ އިސްލާމް ދިނުގައެވެ. އެކަމުގެ މައްޗަށް އަލިއަޅުވައިލާ، ޤުރުއާނާއި ސުންނަތުގައި ގިނަ ޢަދަދެއްގެ ނައްޞުތަކެއް ވާރިދުވެފައިވެއެވެ.
އައްޝައިޚު ޢަލީ ޢަބުދުއްރައްޒާޤު އޭނާގެ ފޮތްކަމުގައިވާ الإسلام وأصول الحكم ގައި ދުނިޔެއަކީ މާތްﷲ ކީރިތި ޤުރުއާނުގައި އެދުނިޔޭގެ ކަންކަން ތަދުބީރުކުރާނެ ގޮތްތަކުގެ މައްޗަށް އާޔަތްތަކެއް ބާވާލައްވާ ވަރަށްވުރެ ނިކަމެތި ތަނެއް ކަމުގައި ވިދާޅުވެފައިވެއެވެ.
ކީރިތި ޤުރުއާނުގައިވާ އެންމެ ދިގު އާޔަތް ބާވައިލެއްވުނީ ދުނިޔޭގެ ކަންކަން ކުރާނެ ގޮތާމެދުގައި ކަން ޝައިޚު ހަނދުމަފުޅު ނެތިވަޑައިގަތީއެވެ. ނުވަތަ ހަނދުމަފުޅު ނައްތަވައިލެއްވީއެވެ. އެއާޔަތަކީ ބަޤަރާ ސޫރަތުގެ 282ވަނަ އާޔަތެވެ. މިއާޔަތުގައިވަނީ ދަރަނީގެ ލިޔުން ލިޔުމާއި ހެކިވުމާ ބެހޭ ވާހަކަތަކެވެ. މިއާޔަތް މަޝްހޫރުވެފައިވަނީ މުދާޔާނާގެ އާޔަތުގެ ގޮތުގައެވެ. މުދާޔަނާއަކީ ދަރަނީގެ މުޢާމަލާތެވެ. އަދި ޢިލްމުވެރިން ބައްލަވައި ތަފްސީރު ކުރައްވާފައިވާ ޙުކުމްތަކުގެ އާޔަތްތައް ސަތޭކައިން ގުނާލެވޭކަންވެސް ޝައިޚު ހަނދުމަފުޅުނެތީއެވެ.
އެކި ދީންތަކުގެ އަހުލުވެރިންވެސް ސިޔާސަތަށް މަގު ދެއްކުމުގައި ބައިވެރިވެފައިވެއެވެ. ޤައިޞަރަށް ޤައިޞަރުގެ ކަންކަން ދޫކޮށްލައި، ﷲއަށް އެކަލާނގެއަށްވާކަންކަން ދޫކޮށްލުމަށް އިންޖީލުގައިވާކަމަށް ބުނާ މަސީޙީ ފައްޅިވެސްމެއެވެ. އަދި ޤައިޞަރުގެ ސިޔާސަތަށް ނުފޯޒު ފޯރުވައި، މަގުދެއްކުމަށް އެއުރެންވަނީ މަސައްކަތްކޮށްފައެވެ. އަދި ކިއެއްހެޔެވެ؟ ޤައިޞަރު ވެރިކަމުން ބާލައިފައިވެސް އެބަހުއްޓެވެ.
ދީނާއި ސިޔާސަތު ވަކިކުރުމަކީ މަގު ފުރެދުމެކެވެ.
އަޅުގަނޑުމެންގެ ޝައިޚު އަލްޢައްލާމާ محمد الخضر حسين ސިޔާސަތާ ދީން ވަކިކުރުމަށް ބައެއް ލިޔުންތެރިން ގޮވާލާ ގޮވާލުން ޞިފަކުރައްވާފައިވަނީ މަގު ފުރެދުމެއްކަމުގައެވެ. މިޞިފަކުރެއްވުމަކީ ޝަރުޢީ ގޮތުން ޞައްޙަ ޞިފަކުރެއްވުމެކެވެ. އެހެނީ މިކަމަކީ އުންމަތުގެ ކަންކަމުގައި އިތުރުކުރެވިފައިވާ އައުކަމެކެވެ. ބިދުޢަކެވެ. ކޮންމެ ބިދުޢަކީ މަގުފުރެދުމެކެވެ. ކޮންމެ މަގު ފުރެދުމެއްވެސްވަނީ ނަރަކައިގައެވެ.
މަރުޖިޢު: އިސްލާމް އޮންލައިން
(ނުނިމޭ)
ލިޔުއްވީ:العلامة الفقيه د. يوسف القرضاوي
ތަރުޖަމާ: ޝިފްޒާން އަޙްމަދު
ޢަލްމާނީން ނުވަތަ ސެކިއުލަރ ވިސްނުމުގެ މީހުން، ދައުލަތާއި ދީނުގެ މެދުގައި އޮންނަންޖެހޭ ގުޅުމުގެ ނަޒަރިއްޔާ، ތަރުތީބުކޮށްފައިވަނީ އެންމެ އިސްކަމެއްގެ ގޮތުގައި ސިޔާސަތާއި ދީންވަކިކޮށް ދީނާއި ސިޔާސަތުވަކިކޮށްގެނެވެ. އަދި އެމީހުން އަންނަވި މަޝްހޫރު ބުނުން ފެތުރިއެވެ. ސިޔާސަތުގައި ދީނެއްނުވެއެވެ. އަދި ދީނުގައި ސިޔާސަތެއްނުވެއެވެ. މިޢިބާރަތަކީ ބަޙުސްކުރުމާއި ނަޤުދުކުރުމުގެ މަސްރަޙުގައި ސާބިތުނުވާނެ ބަހެކެވެ.
އަދިކިއެއްތޯއެވެ؟ މިބައިމީހުންގެ ތެރެއިން ބައެއް މީހުންނަކީ ދިރިއުޅުމާއި ދީންވަކިކުރުމަށް ގޮވާލާ މީހުންނެވެ. އެބައިމީހުން ދެކޭ ގޮތުގައި ފަރުދެއްގެ ފެންވަރުގައި އެމީހެއްގެ ޟަމީރުގައި މެނުވީ ދީނުގެ ދައުރެއް ނޯންނާނެއެވެ. ދީނުގެ ދާއިރާ އެއަށްވުރެ ތަނަވަސްކުރަން އެދޭނަމަ، މިސްކިތާއި ޗާޗުގެ އިން ފުދެއެވެ. މިފަދަ ސެކިއުލަރިސަމް ނުވަތަ ޢަލްމާނިއްޔަތަށް د. عبد الوهاب المسيري ދެއްވާނަމަކީ ޝާމިލު ޢަލްމާނިއްޔަތުގެ ނަމެވެ.
ސިޔާސަތުގައި ދީނެތް ނުވާނެކަމަށް ބުނެވޭ ބަހާމެދުކުރެވޭ ބަޙުސް
ސިޔާސަތުގައި ދީނެއްނެތްކަމަށް ބުނާ ބަހުގެ މުރާދަކީ ކޮބައިހެއްޔެވެ؟ އޭގެ މާނައަކީ ސިޔާސަތަށް ދީނެއް ނެތުމުން ދީނީ އަގުކުރުންތަކާއި ޤަވާޢިދުތަކަށް ތަބާވާން ނުޖެހޭނެ ވާހަކަހެއްޔެވެ؟ އަދި ސިޔާސަތަކީ ކޮންމެ ގޮތަކުން ނަމަވެސް ފައިދާ ހޯދައިގަތުން (Pragmatism) ބެލުން ހެއްޔެވެ؟ އެއީ މާއްދީ ނުވަތަ ވަޠަނީ ނުވަތަ ސިޔާސީ ނުވަތަ ކޮންމެވެސް ބާވަތެއްގެ މަންފާއެއްކަމުގައި ވަނީނަމަ ނިމުނީހެއްޔެވެ؟ އަދި އަވަސް މަޞްލަޙަތަކީ ދީނާއި އެދީނުގެ އުޞޫލުތަކުގެ މަތީގައި ވާއެއްޗެއްކަމުގައި ޤަބޫލުކުރުމެވެ. ސިޔާސަތުގެ ދުނިޔޭގައި މާތްﷲއާއި އެކަލާނގެ އަމުރުފުޅުތަކަށާއި ނަހީފުޅުތަކަށް މަޤާމެއް
ނެތްކަމަށް ޤަބޫލުކުރުން ހެއްޔެވެ؟
ޙަޤީޤަތުގައި މިބަހުގެ މުރާދަކީ މޭކިޔާ ވިލީގެ ނަޒަރިއްޔާއަށް ތަބާވުމެވެ. އެއީ ސިޔާސަތާއި އަޚުލާޤު ވަކިކުރާ ނަޒަރިއްޔާއެކެވެ. އަދި މިނަޒަރިއްޔާ ބުނެދޭ ގޮތުގައި ލަނޑުދަނޑު ރަނގަޅުނަމަ، ކޮންމެ ވަސީލަތެއް ބޭނުންކުރުންވެސް ރަނގަޅުވާނެއެވެ. އެއީ ޑިކުޓޭޓަރުންނާއި އަނިޔާވެރިވެރިން އެބައިމީހުންގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް އެނޫން ގޮތަކަށް ޞިފަކޮށްދީ އެކަންކަން ބަރީއަކުރުމަށް ބޭނުންކުރާ ނަޒަރިއްޔާއެވެ. އަދި ޚާއްޞަކޮށް އެބައިމީހުންނާ އިދިކޮޅު ފަރާތްތަކާ މެދު ހިންގާ ޖަރީމާތައް ޒީނަތްތެރިކުރަނީ މިނަޒަރިއްޔާގެ އެހީގައެވެ. ދައުލަތުގެ އަމާންކަން ދެމެހެއްޓުމުގެ ނަމުގައި ނުވަތަ ކޮންމެވެސް އެފަދަ އެހެން ބަހަނާއެއް ދެއްކުމަށްފަހު، މީހުންގެ ކޮއްތަށް ހުރަސްއަޅައި، އެކި ޒާތުގެ އަދަބުތައްދީ، މީހުންގެ ދިރިއުޅުން ދަތިކުރާކަށް އެއުރެން ޖެހިލުމެއްނުވާނެއެވެ.
އިންސާނިއްޔަތު އެސިޔާސަތަކަށް ބޭނުންވެގެންވާ ސިޔާސަތަކީ މިއީހެއްޔެވެ؟ ނުވަތަ އިންސާނިއްޔަތު ރަނގަޅުކުރާނެ ސިޔާސަތަކީ މިއީތޯއެވެ؟
އިންސާނުންގެ ކަންކަން އިޞްލާޙުގެ މަގަށް އެޅުވޭނީ ދީނީ އަގުކުރުންތަކާއި އަޚުލާޤީ ޤަވާޢިދުތައް އިމުން ނުކުންނަ ސިޔާސަތަކަށެވެ. ހެވާއި ނުބައިގެ މިންގަނޑުގައި ހިފަހައްޓާ ސިޔާސަތަކަށެވެ. އަދި ޙައްޤާއި ބާޠިލުގެ ތިލަފަތް ޤަބޫލުކުރާ ސިޔާސަތަކަށެވެ.
ސިޔާސަތު ދީނާ ގުޅުމުގެ މާނައަކީ ބެލެހެއްޓުންތެރިކަމުގައި ޢަދުލުވެރިވުމާއި މުއްސަނދިކަން ބެހުމުގައި ހަމަހަމަވުމާއި އަނިޔާވެރިޔާގެ މައްޗަށް އަނިޔާ ލިބޭ ފަރާތަށް ނަޞްރުވެރިވުމާއި، ހަމަހަމަ ފުރުޞަތުތަކެއް މީސްތަކުންނަށް ލިއްބައިދިނުމާއި، ޔަތީމުންނާއި ފަޤީރުންނާއި، މަގުގެއްލިފައިވާ މީހުންނާއި، މުޖުތަމަޢުގައި ނިކަމެތިވެގެންވާ ގިންތިތަކަށް ބަލައި އޯގާވެރިވުމެވެ. އަދި ޢާންމު ގޮތެއްގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ނެގެހެއްޓުމެވެ.
ބައެއްމީހުން ޤަބޫލުކުރާ ފަދައިން ސިޔާސަތުގެ ތެރެއަށް ދީން ވަނުމަކީ ސިޔާސަތަށް ނުވަތަ ދީނަށް ހުރި ގެއްލުމެއް ނޫނެވެ.
އެހެނީ ޙައްޤު ދީން ސިޔާސަތުގެ ތެރެއަށްވަންނާނީ މަގުދައްކާ ފަރާތެއްގެ ގޮތުގައެވެ. ޙައްޤު ގޮތް ބަޔާންކުރާ، މަގުފުރެދުމާއި ނުބައިކަންކަމުން ނެރެދޭ ވާގިވެރިއެއްގެ ގޮތުގައެވެ. އެދީން އަނިޔާއަކަށް ނުރުހޭނެއެވެ. މަކަރާއި ޚިޔާނަތާ އެއްބަހެއް ނުވާނެއެވެ. އަދި އިނދިކީލަވާ ހިނދު ހަނު ނުހުންނާނެއެވެ. އަދި ބަލިކަށި މީހުންގެ މައްޗަށް ބާރުހުރި މީހުން ވެރިވުމަކާ އެއްބަހެއް ނުވާނެއެވެ. އަދި އަދި ބޮޑެތި ވަގުންނަށް ކަމޭހިތުމާއެކު، ކުދި ވަގުންނަށް އަދަބު ދިނުމުގެ އުޞޫލަކާވެސް އެއްބަހެއް ނުވާނެއެވެ.
ސިޔާސަތުގެ ތެރެއަށް ދީންވަދެއްޖެނަމަ، އިންސާނާގެ ނިސްބަތުގައި، އަދި މުޖުތަމަޢުގެ ނިސްބަތުގައި، މަތިވެރި ލަނޑުދަނޑިތަކެއް ހޯދައިދެއެވެ. ﷲއެއްކައުވަންތަކުރުމާއި، ނަފްސު ޠާހިރުކުރުމާއި ރޫޙާނިއްޔަތު މަތިވެރިކުރުމާއި އަޚުލާޤު ހެޔޮމަގަށް އެޅުވުމެވެ. އަދި މާތްﷲ އިންސާނާ އުފެއްދެވި މަޤުޞަދުތައް ޙާޞިލުކުރަން މަސައްކަތްކުރާނެއެވެ. ﷲއަށް އަޅުކަންކުރުމާއި ބިން އާރާސްތުކުރުމާއި މާތްﷲގެ ޚަލީފާއެއްގެ ވަޒީފާ އަދާކުރުމުގެ އިތުރަށް ޢާއިލީ ގުޅުންތައް ހަރުދަނާކޮށް، އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދީ، އުންމަތުގެ އެއްބައިވަންތަކަން ރައްކާތެރިކޮށް، ދައުލަތުގެ ޢަދުލުވެރިކަން ޤާއިމުކޮށް އިންސާނީ މުޖުތަމަޢުގެ އެކުވެރިކަން އުފައްދާނެއެވެ.
މަތިވެރި ލަނޑުދަނޑިތަކަކަށް މަގުދެއްކުމާއެކު، އެލަނޑުދަނޑިތައް ޙާޞިލުކުރާނެ މަތިވެރި މަންހަޖެއްވެސް ދީނުގެ ސަބަބުން އެގިގެންދާނެއެވެ. އަދި އެމަންހަޖަކީ ދިރިއުޅުމުގެ މައިދާނުގައި ތަންފީޛުކުރެވޭ މަންހަޖެއްކަމުގައިވާނެއެވެ. ހަމައެކަނި ޖަހައިލެވޭ މިސާލުތަކެއް ނުވަތަ ސިކުނޑީގައި ހުރި ފިކުރުތަކެއް ކަމުގައި އެކަންކަން ނުވާނެއެވެ.
އަދި ހަމައެފަދައިން ދީނުގެ ސަބަބުން ސިޔާސަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް، ހެޔޮކަންކަމަށް ނަޞްރު ދިނުމުގެ ޤާބިލުކަމާއި، ބޭނުންޖެހިފައިވާ މީހާއަށް އެހީތެރިވުމުގެ ކުޅަދާނަކަމާއި، އަދި ނިކަމެތި މީހާއަށް ވާގިވެރިވެ، އަނިޔާވެރިޔާގެ އަތުގައި ހިފަހައްޓެމުގެ ކެރިފޯރުންތެރިކަން ލިއްބައިދެއެވެ. އަދި އަނިޔާވެރިވާ މީހާ އޭނާގެ އަނިޔާވެރިކަން ދޫކުރަންދެން އޭނާގެ ކުރިމަތީ ހުރުމުގެ ޤާބިލުކަން ހޯދައިދެއެވެ. ޞައްޙަ ޙަދީސްގައި ކީރިތި ރަސޫލުﷲ(އެކަލޭގެފާނަށް ޞަލަވާތާއި ސަލާމްލައްވާށިއެވެ.)ގެ ކިބައިން ރިވާވެގެންވާ ފަދައިންނެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. "انصر أخاك ظالما أو مظلوما". قالوا: يارسول الله، ننصره مظلوما، فكيف ننصره ظالما؟ قال: "تمنعه من الظلم، فذلك نصر له" (1) މާނައީ: ތިބާގެ އަޚާއަށް އަނިޔާވެރިއެއްކަމުގައި އޭނާވާ ޙާލަތުގައި ނުވަތަ އަނިޔާ ލިބޭ މީހެއްކަމުގައި އޭނާވާ ޙާލަތުގައިވެސް ވާގިވެރިވެ، ނަޞްރުދޭށެވެ. އެހިނދު އެކަލޭގެފާނުގެ ޞަޙާބީން ދެންނެވޫއެވެ. އަނިޔާލިބޭ މީހާއަށް ނަޞްރުވެރިވާނެ ގޮތް އަޅުގަނޑުމެން ދަންނަމުއެވެ. އެކަމަކު އަނިޔާވެރިވާ މީހައަށް ނަޞްރުވެރިވާނީ ކިހިނަކުންތޯއެވެ؟ އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. އޭނާ އަނިޔާވެރިވުން މަނާކުރާނީއެވެ. އެއީ އޭނާއަށް ލިބޭ ނަޞްރެކެވެ.
އަދި ހަމައެފަދައިން ދީނުގެ ސަބަބުން ސިޔާސީ މީހުންނަށް، ކުށްފާފައިގެ ސަބަބުން މަލާމާތް ރައްދުކުރާ ނަފްސު ނުވަތަ، ދިރުން ހުރި ޟަމީރު ލިބެއެވެ. އޭގެ ސަބަބުން މުދަލުގެ ތެރެއިން ޙަރާމްއެއްޗެހި ކެއުމާ ދުރުވެއެވެ. ޙަރާމްވެގެންވާ ކަންކަން ޙަލާލުކުރުމާ ދުރުވެއެވެ. ޢާންމު މުދާ ބާޠިލުގޮތުގައި ކެއުމާމެދު، ބިރުހީވެއެވެ. ހަނދިޔާގެ ނަމުގައި ނުވަތަ ފީއެއްގެ ނަމުގައި ރިޝްވަތު ނެގުމާމެދު، ބިރުގަނެއެވެ. އަދި އެއީ (ދީނަކީ) ވެރިކަން ކުރާ ފަރާތުން ޢާންމުންގެ ކިބައިން ނަޞޭޙަތަށާއި ހަމަމަގަށް އެޅުވުމަށް އެދެން ޖެހޭ ސަބަބެވެ. "ތިމަންކަލޭގެފާނަށް ކުށެއް ކުރެއްވުނުނަމަ، ހަމަމަގަށް އަޅުވާށެވެ.) (2) އަދި (ތިޔަބައިމީހުންކުރެ، ތިމަންކަލޭގެފާނުގެ ކިބައިން އިނދިކީލަވުމެއް ފެނިއްޖެ މީހާ، އެކަން ހަމަ މަގަށް އަޅުވާހުށިކަމެވެ.) (3)
އަދި ޢާންމުންނަށް ޙައްޤު ބަސްބުނުމުގެ ޤާބިލުކަން ދީނުގެ ސަބަބުން ލިބެއެވެ. އަދި ވެރިންނަށް ނަޞީޙަތްތެރިވުމާއި، އެމީހުންގެ ކަންކަން ބެލެހެއްޓުމާއި، މަގުން ކަސިޔާރުވާނަމަ، ހަމަމަގަށް އެޅުވުމުގެ ކުޅަދާނަކަން ޢާންމުނަށް ދީން ފޯރުކޮށްދެއެވެ. އަދި މީހަކު ކޮށްފާނެ މަލާމާތަކަށް ފުރައްސާރައަކަށް އެކަމުގައި ނުބަލައެވެ. ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތްތަކުގައި ބަޔާންކުރައްވާފައިވާ ވަޢީދުގެ ތެރެއަށް ނުވަނުމަށެވެ. واتّقُوا فتْنةً لا تُصيبَنَّ الذينَ ظَلمُوا منْكُم خاصَّة واعْلمُوا أنَّ اللهَ شَديدُ العقاب އަންފާލު 25 މާނައީ: ތިޔަބައިމީހުންގެ ތެރެއިން އަނިޔާވެރިވީމީހުންނަށް ޚާއްޞަކޮށް ނާންނާނެ، ޢަޛާބަކަށް ބިރުވެތިވާށެވެ. އަދި ﷲއަކީ ޢިޤާބު ގަދަފަދަވެގެންވާ އިލާހުކަން ދަންނާށެވެ. އަދި ރަސޫލުﷲ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ.)ގެ އަންނަނިވި ޙަދީސްބަސްފުޅުގެ ތެރޭގައި ނުހިމެނުމަށެވެ. "إذا رأيت أمتي تهاب أن تقول للظالم: يا ظالم، فقد تُوُدِّعَ منهم" (4) މާނައީ: ތިބާއަށް ތިމަންކަލޭގެފާނުގެ އުންމަތް، އަނިޔާވެރިޔާއަށް އޭ އަނިޔާވެރިޔާއޭ ބުނަން ނުކުޅެދިގެންވާ ޙާލުގައި ފެނިއްޖެނަމަ، އެމީހުންގެ ކިބައިން ހުރިހާ ހެޔޮކަމެއް އުފުލިއްޖެއެވެ. މާނައަކީ އަނިޔާވެރިންނާ ދެކޮޅު ހެދުމުގެ ޤާބިލުކަމެއް ނެތުމުން އެބައިމީހުން ކިބައިގައި ހެޔޮކަމެއް ނުވާނެއެވެ. އަދި އެބައިމީހުން ދުނިޔޭގައި ތިބުމެކޭ ނެތުމެކޭ އެއްހަމަވެއެވެ.
ސިޔާސީ ޝަޚުޞިއްޔަތެއް ދީނުގައި ހިފަހައްޓައިފިނަމަ، އޭނާ އެހިފަހައްޓާނީ އިތުބާރުހުރި ބައިވެރިއެއްގައެވެ. ނުވަތަ ބާރުހުރި އަސައެއްގައެވެ. އަޚުލާޤީ ބަލިމަޑުކަމުން ދީން އޭނާ ރައްކާތެރިކޮށްދެއެވެ. ނިފާޤުކަމުގެ ކުނިބުނިން ހިމާޔަތްކޮށްދެއެވެ. އޭނާ ބަހެއް ބުނަނީމަ، ދޮގެއް ނަހަނދާނެއެވެ. އަދި ވަޢުދެއްވެއްޖެނަމަ، އެވަޢުދަކާ ޚިލާފުނުވާނެއެވެ. އަދި އަމާނާތެއް ހަވާލުކުރެވިއްޖެނަމަ، ޚިޔާނާތްތެރިނުވާނެއެވެ. އަދި ޢަހުދުކަށަވަރެއް ހިފައިފިނަމަ، ޣަދަރުވެރިނުވާނެއެވެ. އަދި މީހަކާ ދެބަސްވިޔަސް ހަނޑިހުތުރު ބަހުރުވަ ބޭނުންނުކުރާނެއެވެ. އޭނާގެ އުޅުމާއި ސުލޫކު ހުންނާނީ މަކާރިމުލް އަޚުލާޤާއި މަތިވެރި މިސާލުދެއްކުމުގެ އިމުގައި ހިފެހެއްޓިފައެވެ.
ކާފަރުންނާއެކު، ކީރިތި ރަސޫލުﷲ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމްހުރި) އެއްބަސްވުމެއް ވެވަޑައިގެންފައިވަނިކޮށް އެމީހުންނާ ދެކޮޅަށް އެހީތެރިކަމާއި މަދަދު ލިބިވަޑައިގަތުމުން އެމަދަދު ރައްދުކުރެއްވި އިރު އެދެއްކެވި މިސާލު ފަދައިންނެވެ. އެކަލެގެފާނު ޙަދީސްކުރެއްވިއެވެ. "نفي لهم ونستعين الله عليهم"4 މާނައީ:އެބައިމީހުންނަށްޓަކައި ނަފީކުޅައީއެވެ. އަދި އަހަރެމެން ވާއްގަށް މަދަދަށް އެދެނނީ މާތްﷲގެ ޙަޟްރަތުންނެވެ. އަދި ހަނގުރާމައެއްގައި އަންހެނަކު މެރުމާމެދު އިންކާރުކުރައްވައި ޙަދީސްކުރެއްވިއެވެ. : "ما كانت هذه لتقاتل"5 މާނައީ: މިކަނބުލޭގެ މެރުމެއް ތިޔަބައިމީހުންނަކަށް ނުވެއެވެ. އަދި އަންހެނުންނާއި ކުޑަކުދިން ޤަތުލުކުރުން ނަހީކުރެއްވިއެވެ.
މަކަރު ހެދުމާއި އޮޅުވާލުމާއި ނިފާޤުކަމަށް ސިޔާސަތޭ ކިޔާނަމަ، އެއީ އަހަރުމެން ޤަބޫލުކުރާނެ މުޞްޠަލަޙެއް (ޓަރމެއް) ނޫނެވެ. އެއީ ނުބައި ފާޖިރުންގެ ސިޔާސަތެވެ. ހެޔޮކަމުގެ އެންމެހާ އަހުލުވެރިންގެ މައްޗަށް ވާޖިބުވެގެންވަނީ އެފަދަ ސިޔާސަތާ ދުރުހެލިވެ، އެފަދަ ސިޔާސަތު މުޖުތަމަޢިން ބޭރުކުރުމެވެ.
1 رواه البخاري في المظالم (2444) عن أنس، وأحمد في المسند (11994).
2 އަބޫބަކުރުގެފާނު ޚިލާފަތާ ޙަވާލުވެވަޑައިގެންދެއްވި ޚުޠުބާގެ ތެރެއިން ބައެއް.
3 ޢުމަރުގެފާނުގެ ބަސްފުޅެއް.
4 رواه أحمد في المسند (6786) عن عبد الله بن عمرو
5 رواه مسلم في الجهاد والسير (1787) عن حذيفة بن اليمان
ނޯޓު: މިލިޔުމަކީ އޮންއިސްލާމް ސައިޓުން ނަގައިފައިވާ ލިޔުމެކެވެ. މިފާލަމަށް ފިއްތަވައިލެއްވުމުން ލިޔުމުގެ އަޞްލު ފެނިވަޑައިގަންނަވާނެއެވެ.
(ނުނިމޭ)
ތަރައްޤީ ޙާޞިލްކުރެވޭނީ ހަމަޖެހޭ ދިރިއުޅުމެއްގެ ތެރެއިންނެވެ. އެހެނީ އަމަން އަމާންކަމަކީ ތަރައްޤީގެ އެންމެ މުހިއްމު ސިއްރެވެ. އެހެންކަމުން ކޮންމެ މުޖުތަމަޢެއްގައިވެސް އެމުޖުތަމަޢުގެ މަޞްލަޙަތުތައް ޙިމާޔަތްކޮށް، ޞުލްޙަމަސަލަސްކަން ޤާއިމުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެކަމެކެވެ. އިސްލާމީ ނިޒާމަކީ މިދެންނެވި ކަންކަން ޙާޞިލްކުރުމުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ނިޒާމެކެވެ.
އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތައް:
ކޮންމެ ޤާނޫނެއްވެސް، ހަމައެއްވެސް އެކަށައެޅެނީ ކަންތައްތަކެއް ޙާޞިލްކުރުމަށެވެ. އެގޮތުން އިސްލާމީ ޝަރީޢަތް ބައިވައިލެއްވުނީވެސް މަޤުޞަދުތަކެއް ޙާޞިލްކުރުމަށެވެ. އިސްލާމީ ޝަރީޢަތުގެ މަޤުޞަދަކީ މައިގަޑު ފަސް ކަމެއް ޙިމާޔަތްކުރުމެވެ. އެފަސްކަންތައް ޙިމާޔަތް ކުރެވުމުގެ ނަތީޖާއަކީ މުޖުތަމަޢުގައި އަމަން އަމާންކަން ޤާއިމްކުރެވިގެންދިއުމެވެ. ޞުލްޙަ މަސަލަސްކަމުގެ އޮށް އިންދިގެން ދިއުމެވެ. އެފަސް ކަމަކީ އިންސާނާގެ ބުއްދިއާއި ފުރާނައާއި އޭނާގެ މުދަލާއި ޢިތްޒަތުއްނަފްސު އަދި އޭނާގެ ނަސަބު ޙިމާޔަތްކުރުމެވެ. ދެން އުފެދޭ ސުވާލަކީ މިފަސް ކަންތައް ޙިމާޔަތްކުރުމުން މުޖުތަމަޢުގައި ހަމަޖެހުން ޤާއިމްވެގެންދަނީ ކިހިނަކުންހެއްޔެވެ؟ އަދި އެލިބޭ ހަމަޖެހުމުގެ ސަބަބުން ޤައުމަށް ލިބޭ ދިރުމަކީ ފަހެ ކޮބައިތޯއެވެ؟
ބުއްދި ޙިމާޔަތްކުރުން:
އިންސާނާ މާތް ޚަލްޤެއްކަމުގައި ލެއްވެވުނީ ބުއްދީގެ ސަބަބުންނެވެ. އަދި އެބުއްދި ނެތިއްޖެ ނަމަ އެއިންސާނާ އެހިނިހެން ޙައިވާނުންނެކޭ އެއްހަމައަކަށްވެއްޓިގެންދެއެވެ. އެކަން ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތުން އެގެއެވެ. وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِنَ الْجِنِّ وَالْإِنْسِ لَهُمْ قُلُوبٌ لَا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَا يُبْصِرُونَ بِهَا وَلَهُمْ آَذَانٌ لَا يَسْمَعُونَ بِهَا أُولَئِكَ كَالْأَنْعَامِ بَلْ هُمْ أَضَلُّ أُولَئِكَ هُمُ الْغَافِلُونَ (179) އަޢުރާފް މާނައީ: "އަދި ތިމަންރަސްކަލާނގެ ނަރަކައަށް ޖިންނީންނާއި އިންސީންކުރެ ގިނަބައަކު ލެއްވީމުއެވެ. އެބައިމީހުންނަށް ނުވިސްނާ ހިތްތަކަކާއި ނުފެންނަ ލޯތަކަކާއި އަޑުނާހާ ކަންފަތްތަކެއް ލިބިގެންވެއެވެ. އެބައިމީހުންވަނީ ގެރިބަކަރިތަކެއް ފަދައިންނެވެ. އަދިކިއެއްހެއްޔެވެ؟ އެބައިމީހުން ޙައިވާނުންނަށްވުރެވެސްނުބައެވެ." މިކަންމިގޮތަށް އޮތީތީ ބުއްދި ޙިމާޔަތްކުރެއްވުމަށް އިސްލާމްދީނުގައި ޝަރުޢީ ޙުކުމްތަކެއް ކަޑައެޅުއްވިއެވެ. އެގޮތުން ބުއްދި ފިލުވާލާ ކޮންމެ އެއްޗަކީ ޙަރާމް އެއްޗެއްކަމުގައި ކީރިތި ނަބިއްޔާ ބަޔާންކުރެއްވިއެވެ. އެކަން އަންނަނިވި ޙަދީޘުން އެގޭނެއެވެ. "كل مسكر خمرٌ وكل مسكر حرامٌ " 1923 الترمذىމާނައީ: "ކޮންމެ މަސްތުވާއެއްޗަކީ ރާއެކެވެ. އަދި ކޮންމެ ރާއަކީ ޙަރާމްއެއްޗެކެވެ." صحيح البخاري އެކަލޭގެފާނު ޙަދީޘެއްގެ މާނައިގައިވެއެވެ. "ކޮންމެ މަސްތުކުރުވާ އެއްޗަކީ ރާއެކެވެ. އަދި ކޮންމެ ރާއަކީ ޙަރާމްއެއްޗެކެވެ." އަދި ހަމައެކަނި ރާފަދަ ތަކެތި ބޭނުންކުރުން ޙަރާމްކުރެއްވީކީ ނޫނެވެ. އަދި އެކަމަށް ޢުޤޫބާތް ކަޑައެޅުއްވިއެވެ. عن أنس عن النبي صلى الله عليه وسلم "أنه أتي برجل قد شرب الخمر فضربه بجريدتين نحو الأربعين". 1472 البخاري މާނައީ: "އަނަސްގެފާނު ނަބިއްޔާގެ ކިބައިން ރިވާކުރެއްވިއެވެ. ރާބޯމީހަކު ގެނެވެމުން އެމީހާގައި ޗާބޫކުން ސާޅީހެއްހާ އެތިފަހަރު ޖެއްސެވިއެވެ. ކޮންމެއަކަސް މިދެންނެވުނު ޙުކުމް ޤާއިމްކުރެވުމުން ބުއްދި ރައްކާތެރިކުރެވި، މުޖުތަމަޢުގައި ހަމަނުޖެހުން ނުހިގާނެގޮތަށް ޢަމަލުކުރެވިގެންދާނެއެވެ. މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގެ ހަމަޖެހުން އެންމެ ބޮޑަށް ގެއްލިގެންދަނީ މަސްތުވާތަކެތި ޢާންމުވެގެނެވެ. އެކަމުގެ ސަބަބުން ރުޅިވެރިކަމާއި ނަފްރަތު މިވަނީ އަޅުގަނޑުމެންގެ ތެރޭގައި ޢާންމުވެފައެވެ. މާރާމާރީ މިވަނީ ކުޑަކަމެއްކަމުގައިވެފައެވެ. އެހެން އެކަންވާނެކަން މާތްﷲ ކީރިތިޤުރުއާނުގައި އަންގަވައި ވަޙީކުރައްވައިފައިވެއެވެ. إِنَّمَا يُرِيدُ الشَّيْطَانُ أَنْ يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَنْ ذِكْرِ اللَّهِ وَعَنِ الصَّلَاةِ فَهَلْ أَنْتُمْ مُنْتَهُونَ (91) އަލްމާއިދާ މާނައީ: ހަމަކަށަވަރުން ޝައިޠާނާ ބޭނުންވަނީ ތިޔަބައިމީހުންގެ މެދުގައި ރުޅިވެރިކަމާއި ޢަދާވާތްތެރިކަން ރާއާއި ޖުވާގެސަބަބުން އުފައްދައި ﷲގެ ޛިކުރާއި ދުރުކޮށް ނަމާދާއި ދުރުކުރުމަށެވެ. ތިޔަބައިމީހުން ތިޔަކަމުން ދުރުހެލިވާކަށްނުވޭހެއްޔެވެ؟
ފުރާނަ ޙިމާޔަތްކުރުން:
ބުއްދީގެ ނިޢުމަތްފިޔަވައި އިންސާނާއަށް ލިބިފައިވާ އެންމެ އަގުބޮޑު ނިޢުމަތަކީ ފުރާނައިގެ ނިޢުމަތެވެ. މިސަބަބަށްޓަކައި ދިރިހުރުމުގެ ޙައްޤު އިންސާނާއަށް މާތްﷲ ދަރުމަކުރެއްވިއެވެ. އަދި އެއާއެކު އޭނާގެ ހަށިގަނޑުވެސް ޙިމާޔަތްކުރެއްވިއެވެ. އަދި ޙައްޤަކާ ނުލައި ޙުރުމަތްތެރިވެގެންވާ ނަފްސެއްމެރުމަކީ ވަރަށް ނުބައިކަންބޮޑު ކަމެއްކަމުގައި ކަޑައެޅުއްވިއެވެ. އެކަމުގެ ނުބައިކަން ހުރިމިންވަރު ބަޔާންކުރައްވައި މާތްﷲ ވަޙީކުރެއްވިއެވެ. مِنْ أَجْلِ ذَلِكَ كَتَبْنَا عَلَى بَنِي إِسْرَائِيلَ أَنَّهُ مَنْ قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا (32) މާނައީ: "އެކަމުގެ ސަބަބުން ތިމަންﷲ ބަނީއިސްރާއީލްގެ މީހުންގެ މައްޗަށް ލިޔުއްވީމެވެ. ނަފްސަކާނުލައި ނަފްސެއްމެރި މީހާ ނުވަތަ ފަސާދަކުރި މީހާ އެންމެހާ މީސްތަކުންމެރިފަދައެވެ." މިއާޔަތުގައި އެކަކުމެރުމަކީ ބިމުގައިވާ އެންމެހާ މީސްތަކުން މެރުންފެދުން ކަމެއްކަމުގައި ބަޔާންކުރެއްވި ސަބަބަކީ އެކަމުގެ ސަބަބުން ތަޅާފޮޅުން ގިނަވެ މުޖުތަމަޢު ފަސާދަވާތީއެވެ. އަދި މީހުން މެރުން ޙަރާމްކުރެއްވުމާއެކު، އެކަމުގެ ޢުޤޫބާތް ޝަރުޢުކުރެއްވިއެވެ. އާދޭހެވެ. ޤިޞާޞެވެ. އިސްލާމީ ޝަރީޢަތުގައި ޤިޞާޞް ޝަރުޢުކުރެވިފައިވަނީ ހަމައެކަނި މަރުގެ މައްސަލަތަކަކުނޫނެވެ. އެހެންނަމަވެސް އެއަށްވުރެ ފުޅާދާއިރާއެއްގައި އެކަންވަނީ ޝަރުޢުކުރެވިފައެވެ. އެކަމަށް ދަލީލެއްކަމުގައި ޢިލްމުވެރިން ގެންނަވަނީ އަންނަނިވި އާޔަތެވެ. وَكَتَبْنَا عَلَيْهِمْ فِيهَا أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالْأَنْفَ بِالْأَنْفِ وَالْأُذُنَ بِالْأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُوحَ قِصَاصٌ (45) މާއިދާ މާނައީ: "ތިމަންރަސްކަލާނގެ އެބައިމީހުންގެ މައްޗަށް ތައުރާތުގައި ލިޔުއްވީމެވެ. ފުރާނައަކުން ފުރާނައެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަށް ނޭފަތެކެވެ. ކަންފަތަށް ކަންފަތެކެވެ. ދަތަށްދަތެކެވެ. ހާނީއްކަތަކަކީ ޤިޞާޞްހުރިކަމެކެވެ." މިއާޔަތުގައި މިވާ ޙުކުމަކީ ޔަހޫދީންގެ މައްޗަށް ކަޑައެޅުނު ޙުކުމެކެވެ. އެހެންނަމަވެސް ޢިލްމުވެރިން މިއާޔަތުގައިވާ ޙުކުމް މުސްލިމުންގެ މައްޗަށް ހިންގަންޖެހޭނެކަމަށްވިދާޅުވެއެވެ. އެހެނީ ފިޤުހުގެ ޤާއިދާ ބުނާގޮތުން ކުރީގެ އުންމަތުގެ މައްޗަށް ހިގި ޙުކުމަކީ ނަސްޚުނުވާހާ ހިދަކު މުސްލިމުންގެ މައްޗަށް ހިގާނެ ޙުކުމެކެވެ. އެހެންކަމުން ޖިސްމާނީގޮތުން ލިބޭ އަނިޔާގެ ބަދަލުގައި ޝަރުޢީ އިމުގެ ތެރެއިން އެވަރުގެ އަނިޔާއެއް، އަނިޔާކުރި މީހާއަށް ދިނުމަކީ އިސްލާމްދީނުގެ ޙުކުމެވެ. އެޙުކުމް ހިންގައި ތަންފީޛުކުރުމުން ޢަދުލުވެރިކަމާއި އިންސާފު ޤާއިމްވެގެންދާނެއެވެ.
މުދާ ޙިމާޔަތްކުރުން:
މުދަލަކީ މާތްﷲ އިންސާނާއަށް ދެއްވާފައިވާ ވަރަށް އަގުހުރި ނިޢުމަތެކެވެ. އަދި އެނިޢުމަތަކީ ކޮންމެ އިންސާނަކުވެސް އެނިޢުމަތުގެ މައްޗަށް ރައްކާތެރިވާ ނިޢުމަތެކެވެ. އެހެނީ ފައިސާއާއި މުދަލަކީ ދުނިޔޭގެ އަރާމާއި ފޮނިކަމުގެ ތެރެއިން ހިމެނޭކަމެކެވެ. އެކަން އަންނަނިވި ޤުރުއާނުގެ އާޔަތުން ދޭހަވެއެވެ. الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا (46)ކަހުފު މާނައީ:"މުދަލާއި ދަރިންނަކީ ދުނިޔޭގެ ޒީނަތްތެރިކަމުގެ ތެރެއިންވާ އެއްޗެއްސެވެ." އެކަމުގައި އެކުލެވިގެންވާ ނުބައިކަން އަންނަނިވި ޙަދީޘުންވެސް އެގެއެވެ. عن أبي هريرة:أن رسول الله صلى الله عليه وسلم قال: (لا يزني الزاني حين يزني وهو مؤمن، ولا يشرب الخمر حين يشرب وهو مؤمن، ولا يسرق حين يسرق وهو مؤمن، ولا ينتهب نهبة، يرفع الناس إليه فيها أبصارهم، وهو مؤمن). 6390 البخاري މާނައަކީ: އަބީހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. ޞަލަވާތާއި ސަލާމްލެއްވުނު ރަސޫލާ ޙަދީޘްކުރެއްވިއެވެ. "ޒިނޭކުރާ މީހާ ޒިނޭކުރާ ހިދު މުއުމިނެއްކަމުގައި ނުވެއެވެ. އަދި ރާބޯމީހާ މުއުމިނެއްކަމުގައި ވެހުރެ ރާއެއްނުބޯނެއެވެ. އަދި ވައްކަންކުރާ މީހާވެސް މުއުމިނެއްކަމުގައިވެހުރެ ވައްކަމެއްނުކުރާނެއެވެ. އަދި މީހުންގެ ބެލުންތައް ހުއްޓޭގޮތަށް ލޫޓުވާހިދު އެކަންކުރާމީހާ މުއުމިނެއްކަމު ނުވެއެވެ."މިޙަދީޘުގެ ފަހުބައިގައި ބަޔާންކުރައްވައިފައިވަނީ މުދާ ފޭރިގަނެ، އެމުދަލަށް އަރައިގަތުމަކީ އީމާންކަން ނަފީކުރާކަމެއްކަމުގައި ޞިފަކުރައްވައިފައިވެއެވެ. ހިޖުރައިން 10ވަނަ އަހަރު ޚުޠުބަތުލް ވަދާޢުގައި މާތް ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. أيها الناس إن دماءكم وأعراضكم حرام عليكم إلى أن تلقوا ربكم كحرمة يومكم هذا في شهركم هذا في بلدكم هذا! މާނައީ:" އޭއެންމެހާ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެޔާއި (ފުރާނަ) ޢިއްޒަތުއްނަފްސާއި ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ އާއި ބައްދަލުވެއްޖައުމަށްދާންދެން ވަނި ތިޔަބައިމީހުންގެ މިދުވަސް (ޢަރަފާތުދުވަސް) އަދި ތިޔަބައިމީހުންގެ މިމަސް (ޙައްޖުމަސް) އަދި މިރަށް (މައްކާ) ޙުރުމަތްތެރެވިގެންވީ ފަދައިން ޙުރުމަތްތެރިކުރެވިގެނެވެ." އަދިވެސް މުދާ ޙަލާލުވާނެގޮތް ބަޔާންކުރައްވަމުން ހަމަ މިޚުޠުބާގައި ޙަދީޘްކުރެއްވިއެވެ. ولا يحل لامرئ مال لأخيه إلا عن طيب نفس منه މާނައީ: އެއްވެސް މީހަކަށް އޭނާގެ އަޚާގެ މުދާ އެއަޚާގެ ރުހުމާއި ނުލާ ޙަލާލެއްނުވާނެއެވެ. އަދި މުދަލަށް އަރައިގަތުމަކީ ހަމައެކަނި ފާފައެއްކަން އަންގަވާފައި ނިންމާލެއްވީކީ ނޫނެވެ. އެހެންނަމަވެސް އެފާފަކުރާ ބައަކަށް އެކަށީގެންވާ ޢުޤޫބާތް ދުނިޔެމަތީގައި ލިބޭނެގޮތްވެސް އެކަށައެޅުއްވިއެވެ. އެއީ ވައްކަމުގެ ޙައްދެވެ. އަދި މަގުފޭރޭ މީހުންގެ މައްޗަށް ހިންގާ ޝަރުޢީ ޙުކުމެވެ.
ޢިއްޒަތުއްނަފްސު (އަބުރު) ޙިމާޔަތްކުރުން:
ކޮންމެ މީހަކުވެސް އެންމެ ރައްކާތެރިވާން ބޭނުންވާނީ އޭނާގެ ނަފްސުގެ ޢިއްޒަތާއި ފަޚުރުގެ މައްޗަށެވެ. އެހެންކަމުން އެމުހިންމު ޣަރީޒާ ރައްކާތެރިކުރުމަށް އިސްލާމްދީންވަނީ ވަރަށް ބޮޑަށް އިސްކަންދީފައެވެ. އެކަން ޚުޠުބަތުލްވަދާޢުގެ "ެ. أيها الناس إن دماءكم وأعراضكم حرام عليكم" މާނައީ: ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ލެޔާއި ޢިއްޒަތުއްނަފްސު ޙަރާމްވެގެންވެއެވެ. މިބަސްފުޅުން ނިކަން ރަނގަޅަށް ދޭހަވެއެވެ. އަދި ޢިއްޒަތުއް ނަފްސު ޙިމާޔަތްކުރެއްވުމަށްޓަކައި ޤަޛްފުގެ ޙައްދު ޝަރުޢުކުރެއްވިއެވެ. އަދި ޤަޛްފަކީ ބޮޑު ވެގެންވާ ފާފައެއްކަމުގައި ބަޔާންކުރެއްވިއެވެ. އެކަން ޔަޤީންކޮށްދެއްވައި ﷲ ވަޙީކުރެއްވިއެވެ. ( إِنَّ الَّذِينَ يَرْمُونَ الْمُحْصَنَاتِ الْغَافِلاتِ الْمُؤْمِنَاتِ لُعِنُوا فِي الدُّنْيَا وَ الآخِرَةِ وَ لَهُمْ عَذَابٌ عَظِيمٌ ) މާނައީ: "ހަމަކަށަވަރުން ކުށުން ބަރީއަވެގެންވާ ޣާފިލް މުއުމިން އަންހެނުންނަށް ޤަޛުފުކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ލައުނަތް ލެއްވިއްޖެއެވެ. އަދި އެބައިމީހުންނަށް ވަރުގަދަވެގެންވާ ޢަޛާބުހުއްޓެވެ."މިއާޔަތުން ޤަޛްފުކުރުމުގެ ނުބައިކަން އެބައެގެއެވެ.
އަދި ހަމައެފަދައިން އައިބު ހާމަކުޅައުމާއި ޣީބަބުނުމަކީ ނުބައިކަން ބޮޑުވެގެންވާ ކަންތައްތަކެއްކަމުގައި ލެއްވިއެވެ. އައިބު ހާމަކުރުމުގެ ނުބައިކަން އަންނަނިވި ޙަދީޘުން އެގޭނެއެވެ. ثوبان رضَي الله عنه عن النبي صلى الله عليه وسلم، قال: "لا تؤذوا عباد الله ولا تعيروهم، ولا تطلبوا عوراتهم، فإنه من طلب عورة أخيه المسلم، طلب الله عورته، حتى يفضحه في بيته" روى الإمام أحمد في مسنده މާނައަކީ: މާތްﷲ ރުއްސުންލެއްވި ޘައުބާނުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ. " ﷲގެ އަޅުންނަށް ގޯނާކޮށް އެބައިމީހުންގެ ޢައިބުނުކިޔާށެވެ. އަދި އެބައިމީހުން ފޮރުވައިފައިވާ ކަންތައްތައް ނުހޯދާށެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ މުސްލިމް އަޚާގެ ޢައުރަހޯދަން އުޅެފި މީހާގެ ޢައުރަ ﷲ ފާޅުކުރައްވާނެއެވެ. އޭނާގެ އަމިއްލަގޭގައި އޭނާ ފަޟީޙަތްވެއްޖައުމަށް ދާންދެނެވެ." އަދި ހަމައެފަދައިން މުސްލިމާގެ ޢިއްޒަތުއް ނަފްސަށް އަރައިގަތުމަކީ ކިހާވަރެއްގެ ކަމެއްކަން މާތް ރަސޫލާގެ މިބަސްފުޅުން ދޭހަވެއެވެ. ( إِنَّ مِنْ أَرْبَى الرِّبَا الاسْتِطَالَةَ فِي عِرْضِ الْمُسْلِمِ بِغَيْرِ حَقٍّ ) އަބޫދާވޫދު މާނައީ: ރިބާގެ ތެރެއިން އެންމެ ބޮޑު ރިބާއަކީ ޙައްޤަކާނުލާ މުސްލިމާގެ ޢިއްޒަތުއްނަފްސަށް އަރައިގަތުމެވެ. މިދެންނެވި ޝަރުޢީ ޙުކުމްތައް ތަންފީޛްކުރެވޭ ތަނެއްގައި ހަމަނުޖެހުމަށް ފުރުޞަތެއްނޯންނާނެވެ.
ނަސަބު ޙިމާޔަތްކުރުން:
އިންސާނީ ނަސްލު ތަންޒީމީގޮތެއްގައި ދެމެހެއްޓުމަށް ނަސަބު ރައްކާތެރިކުރެވެންއެބަޖެހެއެވެ. އެކަން ޙާޞިލްކޮށްދެއްވުމަށްޓަކައި ޒިނޭ ޙަރާމްކުރައްވައި ކައިވެނި ހުއްދަކަމެއްކަމުގައި އިސްލާމީ ނިޒާމުގައި ކަޑައެޅިގެންދިއެވެ. އަދި ޒިނޭއަކީ ދީނުގައި ނުބައި ފާޙިޝް ޢަމަލެއްގެ ގޮތުގައި ލެއްވިއެވެ. އެކަން އަންނަނިވި އާޔަތުން އެގެއެވެ. وَلَا تَقْرَبُوا الزِّنَا إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا (32)އިސްރާ މާނައީ:"ޒިނޭއާއި ގާތްނުވާށެވެ. ހަމަކަށަވަރުން އެކަމަކީ ފާޙިޝްވެގެންވާ ކަމެކެވެ. އަދި އެގޮތް މަގެއްގެގޮތުގައި ނުބައިކަންބޮޑުވެގެންވެއެވެ." މިއާޔަތަށް ވިސްނުމުން އެކަމުގެ ނުބައިކަން އެގެއެވެ. މިއާޔަތުގައި އޮތީ ޒިނޭއާ ގާތްނުވުމުގެ އަމުރެވެ. އެނުބައި ޢަމަލަށް ހުށަހެޅިނުގަތުމުގެ އަމުރެވެ. ހަމައެފަދައިން ކައިވެންޏަކީ ނަބީބޭކަލުންގެ ސުންނަތުގެ ތެރެއިންވާ ކަމެއްކަމުގައި މާތްﷲގެ ރަސޫލާވަނީ ބަޔާންކުރައްވާފައެވެ. އަދި އެކަމުގެ މައްޗަށް ކެރިކުޅަދާނަވެގެންވާ މީހާއަށް ކައިވެނިކުރުމަށް އެންގެވިއެވެ. قال النبي صلى الله عليه وسلم "يا معشر الشباب من استطاع منكم الباءة فليتزوج، ومن لم يستطع فعليه بالصوم فإنه له وجاء" 4779 البخاري މާނައަކީ: "ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. އޭޒުވާނުންނޭވެ! ތިޔަބައި މީހުންކުރެ ކައިވެނީގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ މައްޗަށް ކެރިކުޅަދާނަވެގެންވާ މީހާ ކައިވެނި ކުރާހުށިކަމެވެ. އަދި ކެރިކުޅަދާނަވެގެންނުވާމީހާގެ މައްޗަށްވަނީ ރޯދަ ހިފުމެވެ. ރޯދައަކީ އޭނައަށްވާ އަށްޑަނައެކެވެ." ޒިނޭގެ ސަބަބުން ތަރުބިއްޔަތު ކުރުމުގެ މަސްއޫލިއްޔަތުތައް އުފުލާނެ ޤާނޫނީ ބައްޕައަކު ނެތް ކުދިންތަކެއް އުފަންވެގެންދެއެވެ. އެހެންނަމަވެސް ކައިވެނީގެ ސަބަބުން ކޮންމެ ކުއްޖަކީވެސް އެކުއްޖަކަށް ހޭދަކުރާނެ ޝަރުޢީ ބައްޕައެއ ްލިބިފައިވާ ކުއްޖެއްކަމުގައި ވެގެންދާނެއެވެ. އެއިރުން މުޖުތަމަޢުގެ ތެރޭގައި ތަރުބިއްޔަތު ނުލިބި، ރަނގަޅުނޫން މަގުތަކުން ދިއުމުގެ ފުރުޞަތު އޮތް ކުދިންގެ ޢަދުދު މަދުވެގެންދާނެއެވެ.
ނިންމުން:
އިސްލާމީ ނިޒާމުގައި ބުއްދިއާއި ނަފްސާއި އަބުރާއި މުދާ އަދި ނަސަބު ޙިމާޔަތްކުރެވިފައިވާ މިންވަރު އެގިއްޖެއެވެ. އަދި އެކަމުގެ ސަބަބުން މުޖުތަމަޢަށް ލިބެނީ ހަމަޖެހުންކަންވެސް އެގިއްޖެއެވެ. އެފަދަ ހަމަޖެހޭ މުޖުތަމަޢެއްވާނީ ތަރައްޤީގެ މަގުގައި ހަލުވި ދުވެއްޔެއްގައި ތަރައްޤީ ޙާޞިލްކުރާ މުޖުތަމަޢުތަކަކަށެވެ. އެހެންކަމުން އިސްލާމީ ޝަރީޢަތުގައި މިވަނީ ހަމަޖެހުމެވެ. އެހަމަޖެހުމުގެ ނަތީޖާއަކީ ޤައުމީ އިޖްތިމާޢި ދިރުމެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު އެންމެ ހަރު އަޑުން ދެކެވެމުންދާ ވާހަކައަކީ އިންސާނީ ޙައްޤުތަކުގެ ވާހަކައެވެ. ނަސްލީ އިމްތިޔާޒާއި ދީނީ ދެކެޅޮވެރިކަމުގެ އަނދިރިކަމުން ފަރުދީ ޝަޚުޞީ މިނިވަންކަމާއި ހަމަހަމަކަމުގެ ތެރެއަށް އިންސާނީ މުޖުތަމަޢު މި21ވަނަ ސައްތައިގައި ގެންދިއުމުގެ ވާހަކައެވެ. އިންސާނުންނަށާއި މުޖުތަމަޢުތަކަށް ޒާތީ މިނިވަންކަން ކަށަވަރުކޮށްދިނުމުގެ ވާހަކައެވެ. މިވާހަކަތަކުގެތެރެއިން އުފަންވެގެން އައި އަނެއްވާހަކައަކީ އިސްލާމް ދީނާއި އިންސާނީ ޙައްޤުތަކުގެ މަފްހޫމާ ތަޢާރުޟުވާ ވާހަކައެވެ. ފުށުއަރާ ވާހަކައެވެ.
ސުވާލަކީ މިޒަމާނުގެ އިންސާނީ ޙައްޤުތަކުގެ މަފްހޫމާއި އިސްލާމްދީނާ ހުރީ ކޮން ގުޅުމެއްތޯއެވެ؟ އިސްލާމް ދީނަކީ އަނިޔާވެރި، އިންސާނުންގެ ފަރުދީ ޙައްޤުތައް ނިގުޅައިގަންނަ ދީނެއްތޯއެވެ؟ ނުވަތަ އެދީނުގައި އިންސާނީ ޙައްޤުތަކަށް އެއްވެސްކަހަލަ އަހަންމިއްޔަތުކަމެއް ދީފައިނުވަނީތޯއެވެ؟ މިސުވާލުތަކުގެ ޖަވާބު ހޯދުމަށްޓަކައި އެދީނުގެ ޝަރުޢީ ޙުކުމްތައް ދިރާސާކުރުމަކީ ކުރުން ލާޒިމުކަމެކެވެ. އަދި އެދީނުގެ މާޒީ ދެނެގަތުމަކީ މުހިއްމުކަމެއްމެއެވެ.
އިސްލާމްދީން އިންސާނީ ޙައްޤުތައް މާނަކޮށްފައިވާ ގޮތް ދެނެގަތުމުގެ ކުރިން، މިޒަމާނުގެ އިންސާނީ ޙައްޤުތަކުގެ ތާރީޚަށް ބަލައިލުމީ ނެތްކަމެއްނޫނެވެ. އަލްއަޒުހަރު ޔުނިވަރސިޓީގެ ޢިލްމުވެރިއެއްކަމުގައިވާ ޑރ.މުޙައްމަދު ޢައްމާރާ، އޭނާ ލިޔުއްވި ފޮތެއްކަމުގައިވާ الإسلام و حقوق الإنسان ضرورات لا حقوق މިފޮތުގައި ވަރަށް ތަފްޞީލުކޮށް މިޒަމާނުގެ އިންސާނީ ޙައްޤުތަކުގެ މާޒީއަށް އަލިއަޅުވައިލެއްވިއެވެ. އެގޮތުން މިޒަމާނުގެ އިންސާނީ ޙައްޤުތަކުގެ ފަލްސަފާ ބިނާވެފައިވާ ތަރަހައަކީ ފަރަންސޭސި ވިލާތުގައި 1789ގައި ފެށިގެން އައި އިންޤިލާބުގެ ތެރެއިން އުފަންވި ތަރަހައެކެވެ. ދީނުގެ ނަމުގައި ކުރަމުން އައިވެރިކަމެއްގެ އަނިޔާވެރިކަން ޙައްދު ފަހަނައަޅައި ދިޔުމުން އެކަމާ ދެކޮޅަށް ނުކުމެ، ރައްޔިތުން ގެނައި އިންޤިލާބެކެވެ. މިއިންޤިލާބުގެ ތެރެއިން އުފަންވި އަނެއް ފިކުރަކީ ދީނާއި ދައުލަތް، ދީނާއި ދިރިއުޅުން ވަކިކުރުމުގެ ފިކުރެވެ. ފައްޅިތަކުގެ އިމުން ބޭރުގައި ދީނަށް މަޤާމެއް ނެތްކަމުގެ ފިކުރެވެ. ކޮންމެއަކަސް ހުޅަނގުން ޤަބޫލުކުރި އިންސާނީ ޙައްޤުތަކަކީ، ދީނާއި ދިރިއުޅުން ވަކިކުރުމުގެ ފިކުރާއި ގުޅި ލާމެހިފައިވާ ފިކުރާއެކެވެ. އެގޮތުން އެއްޖިންސުން ކާވެނިކުރުން ފަދަ ނުބައިކަންބޮޑުވެގެންވާކަންކަން ހުއްދަވާނެ ގޮތަށް އެބައިމީހުން ބަލައިގަތް އިންސާނީ ޙައްޤުތަކުގެ ނިޒާމް ފަރުމާވެގެންދިޔައެވެ. ކޮންމެއަކަސް މިނިޒާމާއި އިސްލާމްދީނުގެ އިމުގެ ތެރޭގައި އިންސާނުންނަށް ލިބުނު ޙައްޤުތަކުގެ ނިޒާމް ތަފާތެވެ. އުޑާއި ބިމާދެމެދުގައި ހުރި ތަފާތު މިދެނިޒާމުގައިވެސް އެބަހުއްޓެވެ.
އިސްލާމްދީނުގައި އިންސާނީ ޙައްޤުތަކަކީ އިލާހީ ރަޙުމަތުން ލިބުނު ތަނަވަސް ހިޔަލެކެވެ. އެއީ އިންތައް ކަނޑައެޅިފައިވާ، ޙައްޤުތަކާއި ވާޖިބުތައް ބަޔާންކުރާ ފުރިހަމަ ނިޒާމެއްގެ ދަށުން ލިބުނު ޙައްޤުތަކެކެވެ. އިސްލާމީ ޝަރީޢަތުގައި އިންސާނީ ޙައްޤުތަކަށް ދީފައިވާ ޤަދަރާއި ޢިއްޒަތް އެންމެ ރަނގަޅަށް ދެނެގަނެވޭނީ އެޝަރީޢަތުގެ މަޤުޞަދުތަކަށް ބަލައިލުމުންނެވެ. އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތައް ކަމުގައި ދީނީ ޢިލްމުވެރިން ކަޑައަޅުއްވާފައިވާ މަޤުޞަދުތަކަކީ: ދީނާއި ބުއްދިއާއި ފުރާނައާއި މުދަލާއި ޢިއްޒަތުއްނަފްސާއި ނަސްލު ޙިމާޔަތްކުރުމެވެ. ސުވާލަކީ މިހަކަންތައް ޙިމާޔަތްކުރެވުމުން އެޙިމާޔަތް ކުރެވެނީ ކޮންކަމެއްތޯއެވެ؟ އިންސާނީ ޙައްޤުތައް ނޫންބާވައެވެ؟ ފަރުދީ ޝަޚްޞީ މިނިވަންކަން ނޫންބާވައެވެ؟
އިސްލާމްދީނުގައި އިންސާނީ ޙައްޤުތައް މާނަކޮށްފައިވަނީ އިމެއްނެތް ގޮތެއްގައެއްނޫނެވެ. އިންތަކެއް ކަނޑައަޅައި، ގިރާ ނުކުރެވޭނެ ހުރަސްތަކެއް އިސްލާމްދީން ދެއްކިއެވެ. އެއިންތަކުގެ ތެރޭގައި ކޮންމެ ފަރުދަކަށްވެސް އެފަރުދަކަށް ލިބިފައިވާ މިނިވަންކަން ތަންފީޒުކުރުމާއި، ޙައްޤުތަކުގެ ބޭނުން ހިފުމުގެ ފުރިހަމަ މިނިވަންކަން އިސްލާމްދީން ހޯދައިދިނެވެ. މިދެންނެވި އިންތަކަކީ ކޮބައިތޯއެވެ؟ ފުރަތަމަ އިންފާރަކީ އިންސާނާ ހައްދަވައި އެއިންސާނާ ބަލަހައްޓަވާ މާތްﷲގެ ޙައްޤުތަކުގެ ފެށުމެވެ. އެކަލާނގެ ޙައްޤުތަކުގެ ތެރެއިން ޙައްޤަކަށް އަރައިގަތުމުގެ މިނިވަންކަމެއް އިންސާނާއަކަށް ނޯންނާނެއެވެ. އެހެންކަމުން އެކަލާނގެ ނަހީކުރެއްވިކަންކަމަށް އަރައިގަތުމަކީ އިންސާނަކަށް ލިބިގެންވާނެ ޙައްޤެއްނޫނެވެ. އެހެންކަމުން މިއިންފާރު ހުރަސްކުރުމަކީ އެއްވެސް އިންސާނަކާ ލާއިޤުކަމެއްނޫނެވެ. ދެން އިސްލާމްދީނުގައި އިންސާނީ ޙައްޤުތަކުގެ އިންވަކިކުރާ އަނެއް ފުޅަފަކީ، އެހެނިހެން އިންސާނުންގެ ޙައްޤުތައް ފެށޭ ހިސާބެވެ. ތިބާ ފަދަ އަނެއް އިންސާނާގެ ޙައްޤުތަކުގެ އިން ހުރަސްކޮށް އޭނާގެ ޙައްޤުތަކަށް އަރައިގަތުމަކީ ތިބާގެ ޙައްޤުތަކުން ބޭރުވުން ނޫންބާވައެވެ؟ އެއީ އިންސާނީ ޙައްޤުތަކުގެ ހުރިހާ ފަލްސަފާއެއްވެސް ޤަބޫލުކުރާ ޙައްޤުތަކުގެ އިމުން ބޭރުވުން ނޫންތޯއެވެ؟ ތިންވަނައަށް އިސްލާމް ދީން އިންސާނީ ޙައްޤުތައް އިންކުރާ ހަމައަކީ ޖަމާޢީ ޙައްޤުތަކުގެ އިން ފެށޭ ހިސާބެވެ. ތިބާގެ ފަރުދީ ޝަޚުޞީ ޙައްޤުތަކުގެ ނަމުގައި މުޅި މުޖުތަމަޢުގެ ޙައްޤުތަކަށް އަރައިގަތުމަކީ އިންޞާފެއްތޯއެވެ؟ ނުވަތަ އެއީ ބުއްދީގެ ތިލަފަތަކުން ކިރައިފިނަމަ ބުރަދަނެއް ހުރިކަމެއްކަމުގައި ވާނެތޯއެވެ؟
އިސްވެ ދެންނެވުނު ވާހަކަތަކުން އެގުނު ގޮތުގައި އިސްލާމް ދީނުގައި އިންސާނީ ޙައްޤުތައް މާނަކުރަނީ މާތްﷲގެ އެންގެވުންތަކުގެ އިމުގެ ތެރޭގައި، ކޮނެމް އިންސާނަކަށްމެ، ލިބިފައިވާ ފަރުދީ އަދި ޖަމާޢީ ޙައްޤުތަކުގެ ގޮތުގައެވެ. މިމާނައަކީ އިންސާނީ ޙަޔާތުގެ ކާމިޔާބީއަށް މަގު ފަހިކޮށްދޭ މާނައެކެވެ.
މާޓިން ލޫތަރ ކިންގު ފަދަ ބޭފުޅުންގެ ތަޤުރީރުތަކުގައި ކަޅު މީހުންނާއި ދޮންމީހުންގެ މެދުގައި އޮތް ފަރަޤު ނައްތައިލާން ގޮވައިލައްވަން ޖެހިވަޑައިގަތީ މިޒަމާނުގެ އިންސާނީ ޙައްޤުތަކުގެ ނަމޫނާ ކަމުގައި ދަޢުވާކުރާ އެމިރިކާނުންގެ މެދުގައި އެތަފާތުކުރުންތައް ހުރިމިންވަރުގެ ބޮޑުކަމުންނެވެ. އެބޭފުޅުންނަށް އެޙައްޤުތައް ލިބިވަޑައިގަތީ ލޭއޮހުރުވުމާއި ޤުރުބާނީއަކަށް ފަހުގައެވެ. އެހެންނަމަވެސް އިސްލާމް ދީނަކީ މީގެ އެތައް ސައްތައެއް ކުރިން، ފުރިހަމަ ހަމަހަމަކަމެއް ގެނެސްދިން ދީނެވެ. ޝައިޚު މުޙައްމަދުލް ޣަޒާލީ ރަޙިމަހުﷲ އޭނާގެ ފޮތެއްކަމުގައިވާ حقوق الإنسان بين تعاليم الإسلام و إعلان الأمم المتحدة އޭ ކިޔުނު ފޮތުގައި ލިޔުއްވާފައިވަނީ ވަރަށްވެސް ބޮޑު ތެދުވާހަކައެކެވެ. ކަޅު މީހުންނާއި ދޮން މީހުންގެ ދެމެދުގައި ނަސްލީ އިމްތިޔާޒުތައް ނައްތައިލުމަށް މިއަދުވެސް އެމެރިކާއިން މަސައްކަތްކުރާއިރު، މީގެ 14 ސަތޭކަ އަހަރުކުރިން ނަސްލީ އިމްތިޔާޒުތައް، އިސްލާމްދީންވަނީ ފޮހެލައިފައެވެ. ރޫމީންނާއި ފާރިސީންނާއި ޢަރަބީންނާއި ޙަބަޝީން ކީރިތި ރަސޫލުﷲ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ބިނާކުރެއްވި މިޖުތަމަޢުގައި ދިރިއުޅެފައިވަނީ އެކުވެރިކަމާއެކުގައެވެ. ފުރިހަމަ މިނިވަންކަމާއި ޝަޚުޞީ ޒާތީ މިނިވަންކަން އިޙުސާސްކުރާ ޙާލުގައެވެ. އާދޭހެވެ. އިންސާނީ މުޖުތަމަޢެއްގައި މިޒާތުގެ މިނިވަންކަމެއް، ހުރިހާ ނަސްލަކުން ތަޖުރިބާކުރީ އިސްލާމީ މުޖުތަމަޢުގައެވެ.
އިސްލާމީ މުޖުތަމަޢުގައި ޣައިރު މުސްލިމުންނަށްވެސް މިނިވަންކަން ފޯރުކޮށްދީފައިވެއެވެ. އަދި އެމީހުންނަށްވެސް ރައްކާތެރިކަން ލިއްބައިދިނެވެ. އެގޮތުން ޒިންމީންނާއި މުޢާހިދުންނާއި މުސްތައުމިނުންނަށް އިސްލާމީ ފިޤުހުގައި ކަނޑައެޅިފައިވާ ވަރަށް ގިނަ ޙައްޤުތަކެއް އެބަވެއެވެ. އަދި އެމީހުންނަށް އިސްލާމީ މުޖުތަމަޢެއްގައި ލިބެން ޖެހޭނެކަމަށް އިސްލާމްދީން ބަޔާންކުރާ އިންސާނީ ޙައްޤުތައް ދީނީ ޢިލްމުވެރިން ވަރަށް ތަފްޞީލުކޮށް ބަޔާންކުރައްވާފައިވެއެވެ. އެގޮތުން އިމާމް އިބްނު ޤައްޔިމު އަޙުކާމް އަހުލުއް ޒިންމާގެ ނަމުގައި ލިޔުއްވާފައިވާ ފޮތުގައި ވަރަށް ތަފްޞީލުކޮށް އެމީހުންގެ ޙައްޤުތަކާއި ވާޖިބުތައް ބަޔާންކުރައްވާފައިވެއެވެ.
ޖެނީވާ ކޮންވެންޝަންގައި ހަނގުރާމައިގެ ތެރޭގައި ތަންފީޒުކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިންސާނީ ޙައްޤުތަކަށްވުރެ މާތަނަވަސް ގޮތެއްގައި އިސްލާމް ދީންވަނީ ހަނގުރާމައިގެ ތެރޭގައިވެސް އިންސާނީ ޙައްޤުތައް ފޯރުކޮށްދެއްވާފައެވެ. ހަނގުރާމައާ ނުބެހޭ މީހުންމެރުމާއި، އަންހެނުންނާއި ކުޑަކުދީންނާއި ޢުމުރުން ދުވަސްވީ މީހުންނާއި ފައްޅިތަކުގައި އަޅުކަންކުރަންތިބޭ އަޅުވެރިންނާއި ގަސްގަހާއިގެއްސަށް ގޯނާކުރުން އިސްލާމްދީން ނަހީކުރެއްވިއެވެ. އަދި އަސީރުންނާ މެދުގައި ކަންކުރަންވީ ގޮތްތައްވެސް ބަޔާންކުރިއެވެ.
މިހާ ތަފްޞީލުކޮށް އިސްލާމްދީނުގައި އިންސާނީ ޙައްޤުތައް އިންސާނުނަށް ފޯރުކޮށްދީފައިވާއިރުވެސް، މިމައުޟޫޢުގައި ކުރިމަތިކުރެވޭ ސުވާލުތައް އެބަހުއްޓެވެ. އެހެނަސް އިސްލާމް ދީނަށް ނަފްރަތުކުރާ ބަޔަކު އަދިވެސް އިސްލާމް ދީނުގައި އިންސާނީ ޙައްޤުތައް ފޯރުކޮށްދީފައިވާ މިންވަރާ މެދު ސުވާލުކުރުމީ އެކަށީގެންވާކަމެކެވެ. އެފަދަ މީހުންގެ ސުވާލުތަކަށް ޙިކުމަތްތެރިކަމާއެކު ޖަވާބުދިނުން މުހިއްމެވެ.
ނޯޓު: މިއީ އަޅުގަނޑު މަދުރަސީ ދައރުރުގައި ލިޔެފައި ހުރި ބައެއް ލިޔުންތަކުގެ ތެރެއިން ފެނުނު ލިޔުމެކެވެ. އެހެންކަމުން ތިޔަ ބޭފުޅުންނާ މިލިޔުން ހިއްސާކޮށްލީއެވެ.





