މާއްދާ(ޓާރމް)އާއި ހުށަހެޅުން (ރިޕްރެޒެންޓޭޝަން)ގެ ތަފާތު:
ކޮންޓުރެކްޓެއް ޢަޤްދުކުރެވުމުގެ މަރުޙަލާގެ ތެރޭގައި ކޮންޓުރެކްޓުގައި ޙިއްސާވާ ދެފަރާތުގެ މެދުގައި މުޢާމަލާތްތަކެއް ހިގާނެއެވެ. އަދި ވާހަކަތަކެއް ދެކެވޭނެއެވެ. މިއިން ވާހަކައެއް ފަހަރުގައި ކޮންޓުރެކްޓުގައި މާއްދާއެއްގެ ގޮތުގައި ނުލިޔެވި ހިގައިދާނެއެވެ. ނުވަތަ އެއްބަސްވެވޭ އެއްބަސްވުމުގެ ބައެއްކަމުގައި ސީދާ ނުހިމެނި ހިގައިދާނެއެވެ. އެފަދަ ޙާލަތެއްގައި ކޮންޓުރެކްޓުގެ މާއްދާއެއްކަމުގައި އެމާއްދާވާނެތޯ ނުވަތަ ނުވާނެތޯ އެއީސުވާލެކެވެ. މިސުވާލުގެ ޖަވާބު ހޯދުމަށްޓަކައި ކޮންޓުރެކްޓު ދެބާވަތެއްގެ ކޮންޓުރެކްޓަށް ބަހައިލަންޖެހެއެވެ. އެދެބައަކީ: ޝަފަހީ ކޮންޓުރެކްޓާއި ލިޔެވިފައިވާ ކޮންޓުރެކްޓެވެ.
އަގަބަހުންކުރެވޭ ކޮންޓްރެކްޓު:
ޙަޤީޤަތުގައި މިފަދަ ސްޓޭޓުމެންޓުތަކަކީ ޝަފަހީ ކޮންޓުރެކުޓުގެ މާއްދާގެ ތެރެއިންވާ ބައެއްތޯ ނުވަތަ ކޮންޓުރެކުޓުގެ މާއްދާއިން ބޭރުގައިވާ ރިޕްރެޒެންޓޭޝަންތަކެއްކަން ކަނޑައަޅާނީ ނިޔަތުގެ މައްޗަށެވެ. އެއްބަސްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ނިޔަތްތައް ދެނެގަނެވޭނެ ގޮތްތައް ކޯޓުތަކުން ބޭނުންކުރަމުންދެއެވެ. ނުވަތަ އެކަން ދެނެގަތުމަށް ބޭނުންކުރާނެ މިންގަޑުތަކެއްވަނީ ކޯޓުތަކުން އެކަށައަޅާފައެވެ.
ރިޕްރެޒެންޓޭޝަންއެއްކަމުގައި ނުވަތަ މާއްދާއެއްކަމުގައި އެސްޓޭޓްމެންޓުވުމުން ނުކުންނަ ތަފާތުތަކެއް އެބަހުއްޓެވެ. އެއީ އެސްޓޭޓުމެންޓަކީ މާއްދާއެއްކަމުގައި ބަލާނަމަ، އެފަދަ ޙާލަތުގައި އެސްޓޭޓުމެންޓަކާ ޚިލާފުވުމުން ކޮންޓުރެކްޓު އަމިއްލަ ޒާތުގައި ބާޠިލުވާނެއެވެ. އެހެންނަމަވެސް ރިޕްރެޒެންޓޭޝަންއެއް މިސް-ރިޕްރެޒެންޓޭޝަންއެއްކަމުގައި ވެއްޖެނަމަ، ބަދަލު ނަގައިދެވޭނީ ނުވަތަ ކޮންޓުރެކްޓާމެދު ފިޔަވަޅެއް އެޅޭނީ، އެބަދަލު ސާބިތު ކޮށްދިނުމުންނެވެ. މިސްރިޕްރެޒެންޓޭޝަން ރަނގަޅަށް ކޯޓުގައި ސާބިތު ކުރެވިގެންނެވެ.
ކޮންޓުރެކްޓު ބާޠިލުވުމާ ވިދިގެން ބަދަލު ހޯދުމަށް އެދޭ ފަރާތަށް، ކޮންޓުރެކުޓުގައި ދެފަރާތުގެ މެދުގައި އެއްބަސްވެވިފައިވާ ގޮތުގެ މަތިން، އެދޭންޖެހޭ ބަދަލެއް ކޯޓުން ނަގައި ދޭނެއެވެ. އެބަދަލުވާންވާނީ ކޮންޓުރެކުޓު ބާޠިލުވެއްޖެނަމަ، އެކަމުގެ ނަތީޖާއެއްގެ ގޮތުން ނަގައިދޭނެޖެހޭނެކަމަށް ކޮންޓުރެކްޓުގައި ދެފަރާތުން އެއްބަސްވެފައިވާ މިންވަރުގެ ބަދަލެއްކަމަށެވެ. [1]
އަޅުގަނޑުމެން މިތަނުގައި މިބުނާ މިސްރިޕްރެޒެންޓޭޝަންގެ މުރާދަކީ ނުބައިކޮށް ކަމެއް ހާމަކުރުމެވެ. މިސްރިޕްރެޒެންޓޭޝަންގެ ސަބަބުން، މިސްރިޕްރެޒެންޓޭޝަން ނެތި ޞައްޙަވާނެ ކޮންޓްރެކްޓެއް ބާޠިލް، ނުވަތަ ބާޠިލްވުން އެކަށޭނެ ކޮންޓުރެކްޓެއްކަމުގައިވެގެންދެއެވެ.[2]
އެހެންކަމުން ކޮންޓުރެކުޓުގެ ކުރިން ދެފަރާތުގެ މެދުގައި އަގަބަހުން ބަދަލުކުރެވޭ މުޢާމަލާތަކީ ކުންޓުރެކްޓުގެ މާއްދާއަކަށް ވުމަށްވުރެ ގާތްކަން ބޮޑީ ރިޕްރެޒެންޓޭޝަން އެއްކަމުގައިވުމެވެ. އެފަދައިން އެކަން އޮވެއްޖެނަމަ އެޙާލަތުގައި އެރިޕްރެޒެންޓޭޝަން، މިސްރިޕްރެޒެންޓޭޝަނެއްކަމުގައި ވެއްޖެނަމަ، ސީދާ އެކަމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ކޯޓުން ނަގައިދޭނެއެވެ. އެހެންނަމަވެސް ކޮންޓުރެކްޓު ބާޠިލުވެގެން ދާނީ އެފަދައިން އެކަންވާނެކަމަށް ކޯޓަށް ފެނިވަޑައިގެންފިނަމައެވެ.
މިމައްސަލައިގެ މިސާލު ކޭހެއް: (schawel v reade) 1913
ދަނޑުގައި މަސްކަތްކުރާނެ އަހަކަށް ބޭނުންވެގެން ދަޢުވާކުރާ ފަރާތުން، އަސްގެންގުޅޭ މީހެއްގެ އަސްކޮށްޓަށް ދިޔައެވެ. އަދި އަސްތައް ކުޑަކޮށް ބަލައި ދިރާސާކުރަން އޭނާ ފެށިއެވެ. އެހިނދު ދަޢުވާ ލިބޭފަރާތްކަމުގައިވާ އަސްތަކުގެ ވެރިފަރާތުން ބުނެފައިވަނީ: އަހުގައި އެއްވެސް މައްސަލައަށް ނޫޅޭނެ ކަމަށެވެ. އަދި އަހުގައި ކަމެއް އުޅޭނަމަ، އެކަމެއް އަންގާނެކަމަށެވެ. އެހެންކަމުން އިތުރަށް އެއަހުގެ ކަންކަން ބެލުމަށް ނޫޅެ ދަޢުވާކުރާ ފަރާތާއި ދަޢުވާ ލިބޭ ފަރާތުގެ ދެމެދުގައި، އަގާއި އަސް ފޯރުކޮށްދޭނެ މުއްދަތަކާމެދު އެއްބަސްވެވިއްޖެއެވެ. 3 ހަފްތާ ފަހުން އެއަސް ދަޢުވާކުރާ ފަރާތަށް ލިބުނެވެ. އެހެންނަމަވެސް އެއަހަކީ ދަޑުގައި މަސައްކަތްކުރެވޭ ވަރަށްވުރެ މާ ބަލި އަހެއްކަން އެގުނެވެ. މިމައްސަލާގައި އުފެދުނު ސުވާލަކީ ދަޢުވާލިބޭ ފަރާތުން މިތަނުގައި ބުނެފައިވާ ބަހަކީ ރިޕްރެޒެންޓޭޝަންއެއްތޯ ނުވަތަ މާއްދާއެއްތޯއެވެ؟ މިސުވާލުގެ ޖަވާބުގައި ކޯޓުން ނިންމާފައިވަނީ އެބުނުމަކީ ހަމައެކަނި ވޮރެންޓީއެއްކަމުގައެވެ. ކޮންޓުރެކްޓުގެ މާއްދާއެއްކަމުގައެވެ.[3]
އިސްލާމީ ޝަރީޢަތުގެ އަލީގައި ބަލާނަމަ، މިމައްސަލާގައި ދަޢުވާކުރި ފަރާތުން ބުނެފައިވާ ބަސް ބެލެވޭނީ، ވިއްކުމާއި ގަތުމުގެ ޢަޤްދެއްގެ މާއްދާއެއްކަމުގައެވެ. އެހެންކަމުން އެމާއްދާއާ ޚިލާފުވުމުން އެޢަޤްދު ބާޠިލުވާނެއެވެ. އަދި އެފަދަ ޙާލަތުގައި ބަދަލުވެސް ދޭން ޖެހޭނެއެވެ. އެހެނީ އެބަހަކީ މުޅި ޢަޤުދު ބިނާކުރެވިފައިވާ އަޞްލެވެ. އެއީ އަހުގެ ފެންވަރާމެދު ގަންނަފަރާތް ހިތްހަމަ ޖެހުނު ސަބަބެވެ.[4]
މިކަމާ ގުޅުންހުރި އިތުރު ކޭހެއް: (Hopkins v Tanqueray)1854
މިކޭހުގައި ދަޢުވާކުރާ ފަރާތުން ދަޢުވާ ލިބޭ ފަރާތުގެ އަސްގަނެފައިވަނީ ނީލަމެއްގައެވެ. އަސްވިކުނުތާ އެއްދުވަސްފަހުން ދަޢުވާކުރާ ފަރާތުން އަހުގެ ފައި ބަލަމުންގެންދަނިކޮށް ދަޢުވާ ލިބޭފަރާތަށް ފެނިގެން ބުންޏެވެ. "ތިއަހުގެ ފައި ބަލާނެކަމެއްނެތެވެ. އަހަރެން ޔަޤީންކަންދޭ ގޮތުގައި ތިއަހުގެ ފައިގައި އެއްވެސް މައްސަލައެއް ނޫޅޭނެއެވެ." މިމައްސަލާގައި ކޯޓުން ޙުކުމްކޮށްފައިވަނީ މިބަހަކީ ވޮރެންޓީއެއްނޫންކަމުގައެވެ. އެއީ ހަމައެކަނި ރިޕްރެޒެންޓޭޝަނެއްކަމުގައެވެ. މިދެކޭހުގެ ފަރަޤަކީ ނުވަތަ ތަފާތަކީ ކޮބައިތޯއެވެ؟
ފުރަތަމަ ކޭސްކަމުގައިވާ (schawel v reade) 1913ގައި ދަޢުވާ ލިބޭ ފަރާތުން ބުނެފައިވާ ބަސް ބުނެފައިވަނީ އެއްބަސްވުން ޢަޤްދުކުރެވުނު ދުވަހުއެވެ. އެހެންނަމަވެސް ދެވަނަ ކޭހުގައި ދަޢުވާ ލިބޭފާރާތުން ބުނެފައިވާ ބަހެއް ބުނެފައިވަނީ އެއްބަސްވުން އެކުލަވައިލެވުނުތާ ދުވަހެއްފަހުންނެވެ. އެހެންކަމުން ސްޓޭޓްމެންޓެއް މާއްދާއެއްކަމުގައިވާނީ އެސްޓޭޓްމެންޓު، ބުނާ ވަގުތަށްވެސް ބަލައިގެންނެވެ. އެގޮތުން ސްޓޭޓްމެންޓު ބުނެފައިވަނީ ޢަޤްދުގެކުރިން ކަމުގައިވާނަމަ، އެއީ ގިނަ ޙާލަތްތަކުގައި މާއްދާއެކެވެ. އެހެންނޫންނަމަ ގިނަ ފަހަރުގައި އެފަދަ ސްޓޭޓްމެންޓުތައް ބެލެވޭނީ ހަމައެކަނި ރިޕްރެޒެންޓޭޝަންކަމުގައެވެ.
މިދެކޭސް ރަނގަޅަށް ދިރާސާކުރުމުން އަޅުގަނޑުމެންނަށް އެގިގެންދަނީ ކޮންޓުރެކްޓެއްގެ މާއްދާއެއްގެ ގޮތުގައި ނުވަތަ އެކޮންޓުރެކްޓާ ގުޅުންހުރި ރިޕްރެޒެންޓޭޝަނެއްކަމުގައި ނިންމާނީ ކޭސްގެ ބާވަތަށް ބަލާފައިކަމެވެ. އެހެންކަމުން ބައެއްކޭސްތަކުގައި އެފަދަ ސްޓޭޓްމެންޓު މާއްދާއެއްކަމުގައި ބެލިދާނެއެވެ. އެހެންނަމަވެސް އަނެއްބައި ކޭސްތަކުގައި ނުބެލެވޭނެއެވެ. ބެލެވޭނެ ޙާލަތްތަކާއި ނުބެލެވޭނެ ޙާލަތްތައް ކަނޑައަޅާނެ މިންގަނޑު ބަޔާންކުރެވިއްޖެކަމަށް ދެކެމެވެ.
މިދެންނެވުނު ކޭސްތަކުގައި ކޮންޓުރެކްޓަކީ ލިޔެވިފައިވާ ކޮންޓްރެކްޓެއްނޫނެވެ. ލިޔެވިފައިވާ ކޮންޓުރެކްޓުތަކުގައި ޢަމަލުކުރާނީ ތަފާތު އުޞޫލަކަށެވެ.
ލިޔެވިފައިވާ ކޮންޓުރެކްޓު:
ކޮންޓުރެކްޓުގައި ހިއްސާވާ ފަރާތްތަކުން ލިޔުމެއްގެ ޞިފައިގައި ކޮންޓުރެކްޓު އެކުލަވައިލާ މުޅި ކޮންޓުރެކްޓަކީ އެލިޔުމުގައި ހިމެނޭ މާއްދާކަމުގައި ނިންމުމުން ކޯޓުން ޢަމަލުކުރަންޖެހޭ ޙާލަތުވަރަށް ތަފާތެވެ. އެހެނީ ކޮންޓުރެކްޓުގެ އުޞޫލުތަކުގެ ތެރެއިން އުޞޫލެއްކަމުގައި "ޕެރޯލް އެވިޑެންސް ރޫލު"[5]ގެ ސަބަބުން ޝަފަހީ ކޮންޓުރެކްޓެއްގެ ކުރިން ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވުނު ވާހަކަތަކުގެތެރެއިން ކޮންޓުރެކްޓުގެ މާއްދާއެއްކަމުގައި ހިމެނިދާނެފަދަ ބަހެއް، އެކޮންޓުރެކްޓު ލިޔެވުމުން އެފަދައިން ނުވާނެއެވެ.[6]
ކޮންޓުރެކްޓެއް ލިޔެވިފައި އޮންނަ ޙާލަތުގައި އެފަދަ ކޮންޓުރެކްޓެއްގެ ފާޅުކޮށް ހުންނަ މާއްދާތައް ދެނެގަތުމުގައި ދަތިތަކެއް ނުހުންނާނެއެވެ. އެހެންނަމަވެސް އެފަދަ ޓާރމްތައް މާނަކުރުމުގައި ދަތިތަކެއް ހުރެދާނެއެވެ. މިއީ ޕެރޮލް އެވިޑެންސް ރޫލުގެ ނަތީޖާއެވެ. ޕެރޮލް އެވިޑެންސް ރޫލްގެ ބޭނުމަކީ ކޮންޓުރެކްޓަށް ދޭހަވާ މާއްދާއެއް އިތުރިވިޔަ ނުދިނުމެއްނޫނެވެ. ނުވަތަ ރިޕްރެޒެންޓޭޝަނެއް އިތުރުވާނެ ގޮތް ބަންދުކުރުމެއްވެސްނޫނެވެ.
އެއްބައި ލިޔެވިފައި، އަނެއްބައި ނުލިޔެވޭ ކޮންޓުރެކްޓު:
ކޮންޓުރެކްޓެއްގެ އެއްބައި ޝަފަހީކޮށް އޮވެފައި އަނެއްބައި ލިޔެވިފައި އޮތްކަން ސާބިތުވެއްޖެނަމަ، އެފަދަ ކޮންޓުރެކްޓަކާ މުޢާމަލާތުކުރުމުގައި ޕެރޮލް އެވިޑެންސް ރޫލުގެ ހަމަތަކެއް ނުހިގާނެއެވެ. އެފަދަ ކޮންޓުރެކްޓެއްގެ ތެރެއަށް ކޮންޓުރެކްޓުގެ ލިޔުމުން ބޭރުން،(extrinsic) މާއްދާއެއް ގެނައުމަކީ ކުރެވިދާނެކަމެކެވެ. އެފަދައިން އެކަންކުރުމުގެ ބޭނުމަކީ އެކޮންޓުރެކްޓަކީ ފުރިހަމައަށް ލިޔެވިފައިވާ ކޮންޓްރެކްޓެއްކަން ނުވަތަ އެކޮންޓްރެކްޓަކީ އެއްބައި ލިޔުމުން ލިޔެވިފައިވާ ކޮންޓްރެކްޓެއްކަން ދެނެގަތުމެވެ. މިހެން މިކަން އޮތުމުން އެގެނީ ކޮންޓުރެކްޓުގައި ނުހިމެނޭ އެކަމަކު ކޮންޓުރެކްޓުގެ މާއްދާއެއްކަމުގައި ބެލެވޭނެ ޝަފަހީ މާއްދާއެއް އެބައޮތްކަން ސާބިތުކުރެވިއްޖެނަމަ އެފަދަ ޙާލަތުގައި ކޮންޓުރެކްޓަކީ އެއްބައި ލިޔެވިފައިވާ ކޮންޓުރެކްޓެއްކަމުގައި ނިންމޭނެއެވެ. އަދި އެކޮންޓުރެކްޓާ މެދު މުޢާމަލާތްކުރުމުގައި "ރޫލް އޮފް ޕެރޮލް އެވިޑެންސް" ނުހިގާނެއެވެ.[7]
ދޭހަވާ މާއްދާ (އިމްޕްލައިޑް ޓަރމް):
ދޭހެވާ މާއްދާ (އިމްޕްލައިޑް ޓަރމްސް)އަކީ ކޮންޓުރެކުޓުގައި ބަޔާންކުރެވިފައި ނުވަތަ ލިޔެވިފައިނުވާ، މާއްދާއެކެވެ. އެފަދަ މާއްދާއެއް ކޮންޓުރެކްޓުގެ ތެރެއަށް އަންނަ ސަބަބުތަކުގެ ތެރޭގައި އެެއްބަސްވާ ދެފަރާތުގެ ޢަމަލުތަކާއި ދައުލަތުން އެކަށައަޅައި ތަންފީޛުކުރާ ޤާނޫންތައް ހިމެނެއެވެ. [8] މިފަދަ މާއްދާއެއް ކޮންޓުރެކްޓުގައި ހިމެނިގެން ދިއުން ބިނާވެފައި އޮންނަނީ އެއްބަސްވުމުގައި ހިއްސާވާ ދެފަރާތުގެ ނިޔަތުގެ މައްޗަށެވެ. ނުވަތަ ބޭނުންވާ ގޮތުގެ މައްޗަށެވެ. މިނިޔަތް ދެނެގަނެވެނީ ކޮންޓުރެކްޓުގައި ބަޔާންކޮށްފައިވާ ބަސްތަކުގެ މައްޗަށް ބިނާކޮށެވެ. ނުވަތަ ކޮންޓުރެކްޓުގެ ބާވަތުގެ މައްޗަށް ބިނާކޮށެވެ. ހަމައެފަދައިން ކޮންޓުރެކްޓުގައި ހިއްސާވާ ދެފަރާތް ވަންނަމުންދާ ޤާނޫނީ ގުޅުމުގެ މައްޗަށް ބަލައި މާއްދާއެއް އިތުރުކުރެވިދާނެއެވެ. އެހެންނަމަވެސް އެފަދައިން މާއްދާ އިތުރުކުރުމަކީ ޤާޟީގެ ޒިންމާއެއްނުވަތަ ބާރެއްވެސް ނޫނެވެ.[9]
ލޯޑު ވްރައިޓު (Lord Wright) ދޭހަވާ މާއްދާ ދެބާވަތެއްގެ މާއްދާއަކަށް ބައްސަވައިފައިވެއެވެ. އަދި އެދެބާވަތުގެ ތަފާތުތައް ބަޔާންކުރައްވާފައިވެއެވެ. އެދެބާވަތަކީ: 1- ޤާނޫނުގެ ސަބަބުން ކޮންޓުރެކްޓުގެ ތެރެއަށް ވަންނަ އިމްޕްލައިޑް ޓަރމްސްއާއި އެއްބަސްވުމުގައި ބައިވެރިވާ ދެފަރާތުގެ ނިޔަތުގެ ސަބަބުން ކޮންޓުރެކްޓުގެ ތެރެއަށް ވަންނަ މާއްދާއެވެ.
އެހެންނަމަވެސް ޙަޤީޤަތަށް ބަލާއިރު ޤާނޫނުގެ ސަބަބުން ކޮންޓުރެކްޓުގެ ތެރެއަށް ވަންނަ މާއްދާތައް ކޮންޓުރެކްޓުން އުނިކުރުމުގެ މިނިވަންކަމާއި ބާރު ކޮންޓުރެކުޓުގައި ބައިވެރިވާ ދެހިއްސާދާރުންނަށް ފުރިހަމަ ގޮތުގައި ލިބިފައިވެއެވެ. އެހެންނަމަވެސް މިއެއްބަސްވުމުގައި ހިއްސާވާ ދެފަރާތުގެ ބަސް ޤާނޫނުގެ ވެރިކަން (Rule of law) ގެ މައްޗަށް ބާރުގަދަވެއެވެ. އަދި އެންމެ ފުރަތަމަ ޤާނޫނުގެ ދައުރެއް ފެށިގެން ނުވަތަ ފެންމަތިވެ ތިލަވެގެން އަންނަނީ، ކޮންޓުރެކްޓުގެ ބައިވެރިން އުފައްދާ ޤާނޫނީ ގުޅުމު(Legal relationship) ގެ ބާވަތުންނެވެ. މިސާލަކަށް ދަންނަވާނަމަ ވިއްކާމީހަކާ ގަންނަ މީހެއްގެ ގުޅުން ނުވަތަ، ކުއްޔަށްދޭމީހާއާއި ކުއްޔަށް ހިފާމީހާގެ ގުޅުންފަދަ ގުޅުންތަކެވެ. މިއިން ކޮންމެ ގުޅުމަކާ ވިދިގެން އެގުޅުމުގެ އިންތަކާއި މިންތަކާއި ތަރަހަ އެކަށައަޅާނެ ޤާނޫނުތަކެއް އެބަހުރެއެވެ. އެފަދަ ޤާނޫނުގެ ސަބަބުން ދޭހަވާ މާއްދާތަކަކަށް ޤާނޫނުގެ ތެރެއަށް ވަނުމުގެ ފުރުޞަތު ލިބެއެވެ.
ޕްރޮފެސަރ ގްލެންވައިލް ވިލިއަމްސް (Glanvile Williams) ވިދާޅުވާގޮތުގައި ދޭހަވާ މާއްދާ މައިގަޑު ގޮތެއްގައި ބެހިވެގެންވަނީ ތިންބަޔަކަށެވެ. އެތިންބަޔަކީ:
1- ޢަޤްދު އެކަށިއެޅި ވަގުތު ހިއްސާދާރުންގެ ޚިޔާލުގައި ހިމެނި، އެއްބަސްވެވި، އެހެންނަމަވެސް ޢަޤްދުގައި ބަޔާންކޮށްފައިނުވާ މާއްދާއެކެވެ.
2- ޢަޤްދު އެކަށިއެޅި ވަގުތުގައި އެމާއްދާ ހިއްސާދާރުންގެ ވިސްނުމުގައި ނެތް އެހެންނަމަވެސް ސުވާލުކޮށްފިނަމަ އެގޮތަށް ދެފަރާތުންވެސް އެއްބަސްވާނެ މާއްދާތަކެވެ.
3- މިފަދަ މާއްދާއަކީ ދެފަރާތުގެ ޚިޔާލުގައި ޢަޤްދު އެކަށައެޅި ވަގުތު ނެތް، އަދި ފަހުން އެމާއްދާ ނެތުމުން ކުރިމަތިވާ ދަތިކަން އެގޭނަމަ، ހިމަނާނެ މާއްދާތަކެވެ.މިހުރިހާ ބާވަތެއްގެ މާއްދާތަކެއް ކޮންޓުރެކްޓުގައި ހިމަނާނީ ކޯޓުން އެގޮތަށް އެކަންކުރަން ފެނިއްޖެނަމަ، އެފަދަ ޙާލަތުގައި ކޯޓުންނެވެ.[10]
ކުރުކޮށް މިދެންނެވުނީ ދޭހަވާ މާއްދާއަކީ ކޮބައިކަމެވެ. އަދި ބައެއް ޤާނޫނީ މާހިރުންގެ ގާތުގައި މިފަދަ މާއްދާތައް ބެހިގެންވާ ބައިތަކެވެ.
ކޮންޓުރެކްޓުގައި ދޭހަވާ މާއްދާ އިތުރުކުރެވޭ ގޮތްތައް:
ތިންގޮތަކަށް ކޮންޓުރެކުޓުގައި ދޭހަވާ މާއްދާ އިތުރުކުރެވެއެވެ.
* ޢާދަ ނުވަތަ ވިޔަފާރީގެ ބޭނުންތަކަށްޓަކައި ނުވަތަ ވިޔަފާރީގެ ޢާންމު އުޞޫލެއްގެ ސަބަބުންނެވެ.
* ކޯޓުން ނިންމައި އިމްޕްލައިޑް ޓަރމެއްގެ ގޮތުގައި ހަމަޖައްސާ މާއްދާއެވެ. އެއީ ކޮންޓުރެކްޓުގައި ހިއްސާވާ ދެފަރާތުގެ ނިޔަތުގެ މައްޗަށް ބިނާކޮށް، ކަނޑައެޅިފައިވާ ވަކިކޮންޓްރެކްޓެއްގެ ތެރެއަށް ކޯޓުން އިމްޕްލައިޑު ޓަރމެއްގެ ގޮތުގައި ވާއްދާ މާއްދާއެވެ.
* ސްޓެޗޫޓް (ޕާލިމަންޓުގެ ނިންމުން ނުވަތަ ޤާނޫން[11]) މިފަދައިން ކޮންޓުރެކްޓެއްގެ ތެރެއަށް މާއްދާއެއް އިތުރުކުރުމުގައި ކޮންޓުރެކްޓުގެ ހިއްސާދާރުންގެ ރުހުމާއި ނުރުހުމުގެ ވާހަކައެއް ނޯވެއެވެ.
1-ޢުރުފުގެ ސބަަބުން ނުވަތަ ވިޔަފާރީގެ އުޞޫލެއްގެ ސަބަބުން ކޮންޓްރެކްޓަށް އިތުރުކުރެވޭ ދޭހަވާ މާއްދާ:
ކޮންޓްރެކްޓުގައި ހިމެނޭ ސާފު މާއްދާ (އެކްސްޕްރެސްޑް ޓަރމް)އަކާ ޚިލާފުނުވާނަމަ، ކޮންޓުރެކްޓުގެ ތެރެއަށް ޤާއިމްވެފައިވާ ޢުރުފެއްގެ ސަބަބުން ނުވަތަ ވިޔަފާރީގެ މުޢާމަލާތުގެ ހަމައަށް ބަލައިގެން ދޭހަވާ މާއްދާއެއް އިތުރުކުރެވިދާނެއެވެ. ޢުރުފެއްގެ ސަބަބުން ކޮންޓުރެކްޓެއްގައި މާއްދާއެއް ހިމެނުމަށްޓަކައި އެޢުރުފަކީ ޤައުމުގައި މަޝްހޫރު އެންމެންނަށް ރަނގަޅަށް އެގި ބަޔާންވެފައިވާ ޢުރުފެއްކަމުގައި ހިމެނެން ޖެހޭނެއެވެ.
މިސާލު ކޭސް: (Hutton v Warren) 1836
މިކޭހުގައި ކޯޓުން ބިމުގެ ވެރިމީހާގެ މައްޗަށް އެފަދަ ހުރިހާ ކޮންޓުރެކްޓުތަކުގެ ތެރެއަށް ޢުރުފުގެ މައްޗަށް ބިނާކޮށް އިތުރުކުރާ މާއްދާއެއްގެ ގޮތުގައި ބިމުގެ ވެރިފަރާތުން އެލަވަންސެއް ދޭން އަންގާ މާއްދާއެއް އިތުރުކުރިއެވެ. އިތުރުނުކުރާ ޙާލަތަކީ ހަމައެކަނި ކޮންޓުރެކްޓުގެ ހިއްސާދާރުން އިތުރުކުރުމާ ދެކޮޅު ހަދާ ޙާލަތެވެ.[12]
2- ކޯޓުން ކޮންޓްރެކްޓުގެ ތެރެއަށް އިތުރުކުރާ މާއްދާ:
ކޯޓުން ދޭހަވާ މާއްދާ ކޮންޓްރެކްޓުގެ ތެރެއަށް މައިގަނޑު ދެސަބަބެއް މެދުވެރިވެގެން އިތުރުކުރެއެވެ. އެދެސަބަބަކީ ޤާނޫނީ ގޮތުން އިރުކުރަން ޖެހޭ ޖެހުމާއި، ކޮންޓުރެކްޓު އިތުރަށް ފުރިހަމަކުރުމަށްޓަކައި ފެކްޓުގެ މައްޗަށް ބިނާކޮށް ކޯޓުން އިތުރުކުރަން ނިންމާ ނިންމުމެވެ.
ޤާނޫނުގެ ސަބަބުން އިތުރުކުރަންޖެހޭ ޖެހުން:
ކޮންޓްރެކްޓުގައި ހިއްސާވާ ދެފަރާތުންކުރެ ފަރާތެއްގެ ނިޔަތުގެ މައްޗަށް ބެލުމެއްނެތް ގޮތެއްގައި އިތުރުކުރެވޭ ދޭހަވާ މާއްދާއަކީ ޤާނޫނުގެ ސަބަބުން އިތުރުވާ މާއްދާއެކެވެ. ޢާންމު ގޮތެއްގައި އެފަދަ މާއްދާތަކަކީ ކޮންޓުރެކްޓުގެ ހިއްސާދާރުންކުރެ ކޮންމެވެސް އެއްފަރާތެއްގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމްކުރާ ކަމެއް ބަޔާންކުރާ މާއްދާތަކެކެވެ. މިފަދަ ބައެއް އިލްތިޒާމްތަކަކީ ކޯޓުން ކޮންޓްރެކްޓުގެ ތެރެއަށް އިތުރުކުރާ މާއްދާތަކެކެވެ. އެފަދަ މާއްދާތައް އިތުރުކުރެވެންވާނީ މަޤްބޫލު ސަބަބެއް މެދުވެރިވެގެންނެވެ.
ޤާނޫނީ ބައެއް މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި މަޤްބޫލު ސަބަބެއް (Reasonable) އޮވެއްޖެނަމަ، އެފަދަ ޙާލަތުގައި ކޮންޓުރެކްޓުގެ ތެރެއަށް ދޭހަވާ މާއްދާއެއް އިތުރުކުރުމުގެ އިޚުތިޔާރު ކޯޓަށް ލިބިފައިވެއެވެ. މިފަދައިން ލޯޑް ޑެނިން ފަދަ ބައެއް ބޭފުޅުން ވިދާޅުވިނަމަވެސް ޤާނޫނީ ޢިލްމުވެރިންކުރެ ވަރަށް ގިނަފަރާތްތަކުން ދެކެވަޑައިގަންނަވާ ގޮތުގައި ކޮންޓްރެކްޓެއްގެ ތެރެއަށް ކޯޓުން މާއްދާއެއް އިތުރުކުރަންވާނީ އެމާއްދާއެއް އިތުރުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމުގައިވާނަމެވެ.[13]
މިސާލު ކޭސް: (Liverpool City Council v Irwin)1977
ކުއްޔަށް ތަންތަން ހިފާ ފަރާތްތަކަށް ކުއްޔަށް ޓަވަރެއްގައި ހުރި ފްލެޓްތަކެއް ސިޓީ ކައުންސިލްއިން ފޯރުކޮށްދެއެވެ. މިޓަވަރުގެ ލިފްޓުތަކާއި ކުނިނައްތާ ނިޒާމުތައް ހުރީ ހަލާކުވެފައެވެ. ކުއްޔަށް ދިނުމުގެ އެގްރިމެންޓުގައި ކުއްޔަށް ތަންތަން ހިފާ ފަރާތްތަކުގެ މައްޗަށް ބައެއްކަންކަން ލާޒިމުކޮށްފައި އެބަހުއްޓެވެ. އަދި ކައުންސިލްއިން އެޓަވަރ ނުބެލެހެއްޓޭތީ، ކުއްޔަށް ހިފި ފަރާތްތަކުން އިޙްތިޖާޖު ކުރުމުގެ ގޮތުން ކުލި ފަސްކުރިއެވެ. އަދި ކައުންސިންގެ ފަރާތުން އެމީހުންނަށް ލިބެން ޖެހޭ އެއްޗެއް ހޯދުމަށް ކޯޓަށް ހުށަހެޅިއެވެ. އެހިސާބުން ކުއްޔަށް ހިފި ފަރާތްތަކުން ހުށަހެޅީ ކޮންޓްރެކްޓުގައި ހިމެނޭ ދޭހަވާ އިލްތިޒާމްއަކާ ކުއްޔަށް ދިންފަރާތުން ޚިލާފުވެފައިވާކަމަށެވެ. އެއީ އެބްލޮކް ނުވަތަ ޓަވަރ ރަނގަޅަށް ބެލެހެއްޓުމުގެ ޒިންމާއެވެ.
މިޚާއްޞަ އެއްބަސްވުމުގެ ތެރެއަށް ދޭހަވާ މާއްދާއެއް އިތުރުކުރުމަށް ކޯޓުން ދެކޮޅު ހެދިއެވެ. އެހެންނަމަވެސް މިޒާތުގެ ހުރިހާ އެއްބަސްވުންތަކެއްގެ ތެރެއަށް ކޯޓުން، ކުއްޔަށް ހިފި ފަރާތްތަކުން ބޭނުންކުރާ ސިޑި ބަރިއާއި ކުނި ނައްތާ ނިޒާމްތަކާއި ފްލެޓްތައް ބެލެހެއްޓުމަކީ ކުއްޔަށް ދޭ ފަރާތުން ކުރަންޖެހޭ ކަމެކެވެ.
ފެކްޓުގެ ސަބަބުން އިތުރުކުރަންޖެހޭ ޖެހުން:
ކޮންޓްރެކްޓުގެ ހިއްސާދާރުންގެ ޙާލަތުގެ މައްޗަށް ބިނާކޮށް އެފަރާތްތަކުގެ ނިޔަތަށް ބެލުމާއެކު، ކޮންޓްރެކްޓުގެ ތެރެއަށް ދޭހަވާ މާއްދާ އިތުރުކުރުމަކީ ފެކްޓުގެ ސަބަބުން އިތުރުކުރާ އިތުރުކުރުމެވެ. ޤާނޫނީ މާހިރުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މަޤުބޫލު ސަބަބެއް އޮވެއްޖެނަމަ މިގޮތަށް މާއްދާ އިތުރުކުރެވިދާނެއެވެ.
އެހެންނަމަވެސް މިހާރު ގިނަފަހަރަށް ކޯޓުތަކުން ނިންމާ އުޞޫލަކީ ކޮންމެހެން އިތުރުކުރަން ނުޖެހޭނަމަ، އެފަދައިން މާއްދާއެއް އިތުރުނުކުރުމެވެ.
މިސާލު ކޭސް: (Equitable Life Assurance Society b Hymen) 2002
ފެކްޓުތަކުގެ މައްޗަށް ބެލުމަށްފަހު ކޯޓުން ސޮސައިޓީގެ ޑިރެކްޓަރަށް ފައިނަލް ބޯނަސްއެއް ދިނުން މަނާކުރުމަށް ކޯޓުން ނިންމިއެވެ. އެއީ ޕާޓީގެ މަޤުބޫލު އުންމީދުތަކުގެ މެދުގައި ހަމަނުޖެހުމެއް ހިގާނެ ގޮތެއްނުވާނެ ގޮތް ހެދުމަށެވެ. މިފަދަ މާއްދާއެއް އިތުރުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.
[1] Text book on contract law/203
[2] Internet-linked dictionary of law.
[3] Case book on contract law
[4] فقه الإسلام و أدلته 4|
[5] ޕެރޯލް އެވިޑެންސް ރޫލް ބަޔާންކުރާ ގޮތުގައި ލިޔެވިފައިވާ ކޮންޓުރެކްޓެއްކަމުގައި ކޮންޓުރެކްޓުވާނަމަ، އެލިޔުމަކީ ފުރިހަމަ މުޅިކޮންޓުރެކްޓެވެ. އަދި އެކޮންޓުރެކްޓަށް އިތުރު މާއްދާއެއް ޚާއްޞަކޮށް ޝަފަހީ ބަހެއް މާއްދާއެއްގެ ގޮތުގައި އިތުރުނުކުރެވޭނެއެވެ.
[6] Law of contract (J.C.Smith) 124
[7] Text book on contract law /208
[8] Collins internet-linked dictionary of law
[9] Case book on contract law
[10] Case book on contract law
[11] Dictionary of Law (LB Curzon) 363
[12] Text book on Contract Law (poole) 224
[13] The Law of Contract (J.C.Smith) 129
August 11, 2012
It's genuinely very difficult in this full of activity life to listen news on Television, so I just use web for that purpose, and get the most recent news.
Feel free to visit my site ; my article network review