ދީނީ ދަޢުވަތު ދޭ މީހާއަށް ލިބޭ ބޮޑު ދެ ނިޢުމަތެއް
-
މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރުﷲ ތަޢާލާ ކީރިތި ޤުރްއާނުގައި
ވަޙީކުރައްވާފައިވެއެވެ.يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ
وَقُولُوا قَوْلًا ...
ޅ- ފަލްސަފާވެރިޔާ:
ދާޢީންނާއި މުޞްލިޙުންނާއި ޢާލިމުންނާއި ފަލްސަފާވެރިންގެ މެދުގައި ވަރަށް ސާފު ތަފާތުތަކެއް އެބަހުއްޓެވެ. ފަލްސަފާއަކީ ޔޫނާނީ ބަހުން އައިސްފައިވާ ކަލިމައަކުން އުފެދިފައިވާ ލަފްޒެކެވެ. އަދި އެލަފްޒުގެ މުރާދަކީ ޙިކުމަތަށް ލޯބިކުރުމެވެ. ގިނަފަހަރު ފަލްސަފާގެ ދިރާސާތައް އަމާޒުވެފައި ހުންނަނީ ސިކުޑީގެ ބޭނުންތައް ފުއްދުމަށެވެ. އެއާ ޚިލާފަށް ސައިންސާއި ޓެކްނޮލޮޖީ ގިނަފަހަރަށް އަމާޒު ހިފަނީ މީސްތަކުންގެ ތަފާތު މާއްދީ ބޭނުންތަކާއި އެދުންތައް ފުއްދުމަށެވެ. ޢިލްމުވެރިޔާ ކުރާ ދިރާސާތަކަކީ އޭގެ މައްޗަށް ފަހުން އެތައް މަސައްކަތަކާއި އުފެއްދުންތަކެއް ބިނާވެގެން އަންނަ ކަމެކެވެ. އެއާ ޚިލާފަށް ފަލްސަފާވެރިން ގިނަފަހަރަށް ދިރާސާކުރާނީ ތަޢުރީފުތަކާއި މުޞްޠަލަޙުތަކާއި އަގުކުރުންތަކާއި އަމާޒުތަކެވެ. ޢިލްމުވެރިޔާ ދިރާސާކުރާނީ ވަކިވަކި ދާއިރާތަކުން ޚާއްޞަ ވަކި މައްސަލަތަކެކެވެ. އެހެންނަމަވެސް ފަލްސަފާވެރިންގެ ދިރާސާތައް ޚާއްޞަވެފައި ހުންނާނީ ބޮޑެތި ގިނަ މައުޟޫޢުތަކެއް ޝާމިލުވާ އަސާސީ ފިކުރީ މައްސަލަތަކަށެވެ. އަދި އެއުރެން މަސައްކަތްކުރާނީ ޠަބީޢީ އަދި މާއްދީ ވުޖޫދު އެޤާނޫންތަކެއްގެ މައްޗަށް ބިނާވެފައިވާ ޤަވާޢިދުތަކާއި ޤާނޫންތައް ހޯދުމަށެވެ. އަދި އިންސާނީ މުޖުތަމަޢު ބިނާކުރުމާއި ހިންގުމާ ގުޅުންހުރި ޤާނޫންތައް ހޯދުމަށެވެ.
ލިޔުއްވީ:ޑރ.ޢަބްދުލްކަރީމް ބައްކާރު
ތަރުޖަމާ: ޝިފްޒާން އަޙްމަދު
މުފައްކިރަކު ބިނާކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކާނަމަ، އެންމެ ފުރަތަމަ މުފައްކިރަކީ ކޮބައިކަން ދެނެގަތުން ލާޒިމެވެ. އަޅުގަނޑުމެންގެ ދަޢަވީ އަދި ޢިލްމީ ޙަޔާތުގައި ބޭނުންކުރާ މިފަދަ އެތައް މުޞްޠަލަޙުތަކެއް އެބަހުއްޓެވެ. އެއީ އުފެއްދުންތެރިކަމާއި ޢިލްމާއި މަޢުރިފަތުގެ މައިދާނުގައި މަސައްކަތްކުރައްވާ ޝަޚުޞިއްޔަތުތަކަށް އަޅުގަނޑުމެން ދޭ ބައެއްނަންތަކެވެ. މިފަދަ މުޞްޠަލަޙުތަކުގެ ތެރެއިން އެންމެ މުހިއްމު ބައެއް މުޞްޠަލަޙުތަކަކީ: ޢާލިމް، މުޞްލިޙު، ދާޢީ، މުތަޚައްޞިޞް، މުޘައްޤަފު، ފައިލަސޫފު ފަދަ ލަފްޒުތަކެވެ. އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވަން ބޭނުންވަނީ މިމުޞްޠަލަޙުތަކުގެ މެދުގައި ސާފު އިންތަކެއް ކަނޑައަޅައި ވަކިކުރުމަކީ އުދަގޫކަމެއްކަމުގައެވެ. އެއީ މައިގަނޑު ދެސަބަބަކަށްޓަކައެވެ. ފުރަތަމަ ސަބަބު: ސިކުނޑިއަށް އެއްޗެއްގެ ތަފްޞީލީ ޞިފަތަކަށް ބަލައިގެން އެއްޗަކާ މުޢާމަލާތްކުރުން ފަސޭހައެއްނޫނެވެ. އެއީ ޢަދަދުތަކާއި މިންވަރަށް ބަލައިގެން މުޢާމަލާތްކުރުމާ ޚިލާފަށެވެ. ދެވަނަ ސަބަބު: އިސްވެ މިދެންނެވި ހުރިހާ ލަޤަބުތަކަކީ ޢިލްމާއި އުގެނިގަތުމުގެ މައިދާނުގައި ޙަރަކާތްތެރިވާ ޝަޚުޞިއްޔަތުތަކަކަށް ބޭނުންކުރެވޭ ނަންތަކެކެވެ. އަދި އެހުރިހާ ފަރާތްތަކަކީވެސް ޙަޟާރަތާއި އިޞްލާޙާ ގުޅުންހުރި މުޞްޠަލަޙުތަކާއި (ޓާރމްސް)، މަފްހޫމާއި ފިކުރު ބޭނުންކުރާ ބައެކެވެ. އަދި ކަންކަން ހިގަމުން އަންނަ ގޮތް ނުވަތަ ވާޤިޢަށް ކޮންމެވެސް މިންވަރަކަށް ނަޤުދުކޮށް ފާޑު ކިޔާނެއެވެ. އެހެންކަމުން ކަވި ގޮތެއްގައި މިއިން ކޮންމެ ފަރާތެއްގެ ޞިފަތައް ކަނޑައަޅައި ތަޢުރީފުތަކެއް ދިނުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި އެބާބުގެ ތެރެއަށް ފުންކޮށް ވަދެއްޖެނަމަ، އެވަދެވެނީ ހަރުކަށިކަމާއި ދަތިކަމުގެ ދޮރަކުންނެވެ. އެހެންކަމުން މިއިން ކޮންމެ މުޞްޠަލަޙަކަށްވެސް އަވަސް ގޮތަކަށް އަޅުގަނޑު ކުރުގޮތަކަށް އަލިއަޅުވައިލާނަމެވެ. އެއީ މުފައްކިރުގެ މާނަ ތަފްޞީލީ ގޮތެއްގައި ބަޔާންކުރަން ފެށުމުގެ ކުރިންނެވެ.
ހ. މުތަޚައްޞިޞް:
އެއީ ޢިލްމުގެ ދަރިވަރުންކުރެ، އެމީހެއްގެ ޢުމުރުން ދުވަސްތަކެއް ވަކި ދާއިރާއެއްގެ ދިރާސާތައް ހެދުމުގައި ހޭދަކޮށްފައިވާ މީހެކެވެ. އަ ޅުގަނޑުމެން މިއަދު ތާރީޚުގެ މުތަޚައްޞިޞެއް ނުވަތަ ކެމިސްޓްރީގެ މުތަޚައްޞިޞެއްކަމުގައި ނޫންނަމަ ކަންކަން ހިންގުމުގެ މުތަޚައްޞިޞެއްކަމުގައި ބުނަނީ މިދެންނެވި އުޞޫލުންނެވެ.
ށ. ޢާލިމް:
ޢާލިމަކީ ވަކި ޢިލްމީ ތަޚައްޞުޞެއްގައި ކުރިއަރައިގެން ގޮސް އެދާއިރާގެ އެހެން މީހުންގެ މައްޗަށް ކުރި ހޯދާ، ނުވަތަ އެދާއިރާގެ އެންމެ މޮޅެތި މީހުންގެ ތެރޭގައި ހިމެނޭ މީހާއެވެ. އަދި ވަރަށް ގިނަ ހިސާބުތަކުގައި ޢާލިމް މިލަފްޒު ބޭނުންކުރެވެނީ ޝަރުޢީ ޢިލްމުތައް އުގެނިފައިވާ ފަރާތަކަށް ނިސްބަތްކުރުމުގައެވެ. އެހެނީ މިޒަމާނުގެ ކުރިއެރުންތައް ވާޞިލުވުމުގެ ކުރިން އުންމަތުގެ މުޘައްޤިފުންގެ ބޮޑު އިންސައްތައަކީ ދީނީ ދަންނަބޭކަލުންނެވެ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެން ޢާންމު ގޮތެއްގައި ބުނެއުޅޭނި އެވެނި މީހަކީ ޝަރީޢަތުގެ ޢިލްމުވެރިއެކޭ ނުވަތަ ސައިންސްގެ ޢިލްމުވެރިއެކޭ މިފަދަ ގޮތަކަށެވެ. އެހެންކަމުން މިހާރު ޢާލިމަކީ އެމީހެއްގެ ތަޚައްޞުޞުގައި ފާހަގަކުރެވޭ މިންވަރަކަށް ކުރިއަށް ގޮސްފައިވާ މީހާއެވެ.
ނ. މުޞްލިޙު:
އަޚްލާޤީ ނުވަތަ އިޖުތިމާޢީ ނުވަތަ ސިޔާސީ އިޞްލާޙީ ފިކުރުތަކެއް އަދި ތަޞައްވުރުތަކެއްގެ ވެރި މީހެކެވެ. ގިނަފަހަރަށް އޭނާގެ ފިކުރުތަކުގައި ބަރޯސާވާނީ އޭނާގެ އުންމަތުގެ ޢަޤީދާއަށާއި ޘަޤާފަތުގެ މައްޗަށެވެ. މިދެންނެވި އުޞޫލުގެ މަތިން އަޅުގަނޑުމެންގެ އިސްލާމީ ތާރީޚުގައި އެބަޔަކަށް އަޅުގަނޑުމެން މުޞްލިޙުންގެ ލަޤަބު ދޭ ހުރިހާ ފަރާތްތަކެއް ނުކުމެގެން އައީ އިސްލާމީ ޢަޤީދާއިންނެވެ. އަދި އިސްލާމްދީނުގެ އަމިއްލަވަންތަކަމާއި އުޞޫލުތަކާއި އެދީނުގެ މަތިވެރި މަފްހޫމްތަކުންނެވެ. މުޞްލިޙަކީ ފިކުރުތަކެއްގެ ވެރި މީހެކެވެ. އެހެންނަމަވެސް ގިނަފަހަރަށް އޭނާއަކީ އެފިކުރުތައް އުފަންކުރާ ފަރާތެއް ނޫނެވެ. އަދި ވަކި ޢިލްމީ ނަޒަރިއްޔާތަކެއް އޭނާގެ ކިބައިގައި ނުހުންނާނެއެވެ. އޭނާގެ ކިބައިގައިވާ އިޞްލާޙީ ތަޞައްވަރާއިގެން އަވަސް ފިޔަވަޅުތަކެއް އަޅަމުންދާނެއެވެ. އޭނާގެ ފިކުރުތަކުގެ ޠަބީޢަތަކީ ރަނގަޅުކުރުމާއި އިތުރަށް ކުރިއެރުވުމެވެ. ބަލައި ދިރާސާކުރާ ފަލްސަފީ ގޮތްގަނޑެއް ނޫނެވެ.
ރ. ދާޢީ:
އެއީ ޢިލްމާއި ފިކުރާއި އިޞްލާޙުކުރަން އެދޭ އެދުމެއް އެމީހެއްގެ ކިބައިގައިވާ މީހެކެވެ. އޭނާގެ މަސައްކަތުގެ ބޮޑުބައަކީ މީހުންނަށް ހަނދާންކޮށްދިނުމާއި، ހެޔޮމަގަށް މީސްތަކުންނަށް މަގުދެއްކުމެވެ. އެހެންނަމަވެސް ގިނަ ޙާލަތްތަކުގައި އޭނާއަކީ ފިކުރުތަކެއް އުފަންކުރުވާ މީހެއް ނޫނެވެ. އަދި ގިނަފަހަރަށް ބޮޑެތި ޢިލްމީ ބަޙުސްތަކާއި ދިރާސާތައް ހެދުމަކީ އޭނާގެ މަސައްކަތެއް ނޫނެވެ. އެހެނީ އޭނާގެ އަހައްމިއްޔަތުކަން ހުއްޓިފައި އޮންނާނީ ޢާންމުންނަށެވެ. ޢާންމުން އެއްވެ އުޅޭ ތަންތަނަށެވެ. އަދި ކޮންމެ މުސްލިމެއްގެ ކިބައިން އެދެވިގެންވަނީ އެމީހެއްގެ ޢިލްމީ ޤާބިލުކަމާއި ޙާލަތު ތަންދިން މިންވަރަކުން ހެޔޮކަންކަމަށް ގޮވައިލާ ނުބައިކަންކަން މަނާކުރުމެވެ. އަޅުގަނޑުމެން އުފާކުރުން ޙައްޤު އެއްކަމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެމީހެއްގެ ތަޚައްޞުޞާއި ދަޢުވަތު އެއްކުރަމުންދާ މީހުން ފެންނަ ފެނުމެވެ. އެގޮތުން ދަޢުވަތުގެ މައިދާނުގައި އިންޖިނިއަރުންނާއި ޑަކުޓަރުންނާއި އެހެނިހެން އެތައް ޢިލްމެއްގެ މުތަޚައްޞިޞުން ޙަރަކާތްތެރިވެއެވެ. އަދި އެއްވެސް ތަޚައްޞުޞެއް ކިޔެވުމަކާނުލައި ދީނަށް ހުރި ޣީރަތްތެރިކަމަކާއި ލޯތްބެއްގެ ސަބަބުން މިމައިދާނުގައި އުޅޭ މީހުންވެސް ފެނެއެވެ. ރަނގަޅު މަގަށް އުންމަތަށް މަގު ދެއްކުމުގައި އެބައިމީހުން އެތައް ބުރައެއް އުފުލާ، އިސްލާމީ ދަޢުވަތުގެ ޚިދުމަތުގައި އެތައް މަސައްކަތްތަކެއް ކުރަމުންދެއެވެ.
މުޞްލިޙަކަށްވުރެ، އުންމަތުގެ މައްސަލަތައް ދެނެގަތުމުގައާއި ޢިލްމީ އުނދަރެހުގެ ތަނަވަސްކަމުގައާއި ޙަރަކާތުގެ ތަނަވަސްކަމުގައި، ދާޢީ ފަސްވާނެއެވެ. ހަމައެފަދައިން ޢާލިމަކަށްވުރެ، ޝަރުޢީ ޙުކުމްތަކާއި އަދަބުތައް އެގުމުގައި ދާޢީ ފަސްވާނެއެވެ. މިއީ ގިނަ މީހުންގެ ނިސްބަތުން ބުނާވާހަކައެވެ. މިއީ ޢާންމު ޝާމިލް ޙުކުމެއް ނޫނެވެ.
ބ. މުޘައްޤަފު:
އެމީހެއްގެ އަސާސީ ތަޚައްޞުޞް ފަހަނައަޅައި އައިސް އެހެން ދާއިރާތައްވެސް ދިރާސާކޮށް، އެދާއިރާތަކުގެ ފޮތްތައް ކިޔައި، އަދި އެދާއިރާތަކަށް އަސަރުކުރުވާ ޝަޚުޞިއްޔަތެވެ. އެމީހެއްގެ ވާހަކައިގައި މީސްތަކުންގެ ތެރެއިން ވަރަށް ތަނަވަސް ޖަމާޢަތަކާ މުޚާޠަބުކުރާނެއެވެ. އަދި ހަމައެފަދައިން އޭނާއަކީ ފާޑު ކިޔުމުގެ ޤާބިލުކަމާއި، އިޞްލާޙުކުރުމާއި ކަންކަން ތަރައްޤީކުރުމާ ގުޅުންހުރި ފިކުރުތަކާއި، ޓެކްނިކަލް ނުވަތް ފަންނީ މަފްހޫމްތައް އުފައްދައި ބިނާކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެކެވެ. އަދި މުސްތަޤުބަލާމެދު ތަޞައްވަރުތަކެއް ކުރެހުމުގެ ޤާބިލުކަން އޭނާގެ ކިބާގައި ހުންނާނެއެވެ.
މުޞްލިޙު އޭނާއާއި ޢާންމުނާ ދެމެދު އޮންނަ ގުޅުމުގެ ދާއިރާ ތަނަވަސްވިޔަ ނުދެއެވެ. އޭނާގެ ދުލާއި ޤަލަމަކީ އެއިން މީސްތަކުންގެ ހިތްތަކާއި ބުއްދިތަކަށް ވީޞިލުވުމަށް އޭނާ ބޭނުންކުރާނެ ފާލަމަވެ. މިލަފްޒު އަޅުގަނޑުމެންނަށް ގިނަފަހަރަށް ބޭނުންކުރެވެނީ ތަޢުލީމީ މީހުންނާއި، ނޫސް ލިޔުންތެރިންނާއި، ރޭޑިޔޯ ޓީވީ ޕްރޮގްރާމްތައް ތައްޔާރުކުރާ ފަރާތްތަކާއި، ވާހަކަ ލިޔުންތެރިންނާއި އަދަބީ ނަޤުދުކުރާ ފަރާތްތަކުގެ ތެރެއިން ޢާންމުންގެ މެދުގައި މަޤުބޫލުކަން ހޯދައިފައިވާ ޝަޚުޞިއްޔަތުތަކަށެވެ. ނުވަތަ ރައްޔިތުންގެ ޝަޚްޞިއްޔަތު ތަކަށެވެ. މިޒަމާނުގެ ގިނަ ލިޔުންތެރިން މުޘައްޤަފުގެ ތަޢުރީފު ދެއްވާފައިވާ ގޮތަށް ބަލައިލުމުން އަޅުގަނޑުމެންނަށް އެގެނީ އެބޭފުޅުންގެ އަރިހުގައި ޙަޤީޤީ މުޘައްޤަފަކީ ޙައްޤަށްޓަކައި ހިންމަތްކުރުމުގެ ދައުރެއް އަދާކުރާ މީހެކެވެ ހަމައެފަދައިން އެފަދަ މުޘައްޤަފު، މުޖުތަމަޢުގައި ކަންކަން ކުރެވޭ ރަނގަޅު ނޫން ގޮތްތަކަށް ނުވަތަ އިދާރީ ގޮތުން ހުރި ނޭދެވޭ ކަންތައްތަކަކަށް ނަޤުދުކޮށް ފާޑުކިޔާނެއެވެ. އަދި އެމީހެއްގެ ފިކުރުތަކާއި ވިސްނުންތައް މުޖުތަމަޢަށް ވާޞީލުކޮށްދިނުމަށްޓަކައި ޝަޚްޞީ ގިނަ މަޞްލަޙަތުތަކެއް ޤުރުބާންކޮށްލަން ތައްޔާރަށް ހުންނާނެއެވެ. މަޝްހޫރު މުފައްކިރު އަދި ފަލްސަފާވެރިޔާ ނޯމް ޝޮމްސްކީ މުޘައްޤަފްގެ ތަޢާރަފުގައި ވިދާޅުވެފައިވެއެވެ. (މުޘައްޤަފަކީ ބާރުގެ ކުރިމަތީގައި ޙަޤީޤަތް އުފުލާ މީހާއެވެ.)
ކޮންމެއަކަސް މުޘައްޤަފް ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ވަހުމީ މުޘައްޤަފްގެ ޝަޚްޞިއްޔަތާމެދު ވާހަކަދައްކަވާފައިވެއެވެ. އެއީ އަބަދުވެސް ބަރީއަވުމާއި އިޙުސާސްތަކުން މަޙުރޫމުވުމާއި އެހެންމީހުންގެ މަސައްކަތްތަކުން ވައްކަންކުރާ ޝަޚުޞެކެވެ. ބައެއް ލިޔުންތަކަށް ބަލައިލުމުން ބައެއް މުޘައްޤަފުން އެމީހުންގެ ގަލަމާއި ދޫ ވަކި ފަރާތެއްގެ މަޞްލަޙަތުތައް ޙިމާޔަތްކުރުމުގައި ނުވަތަ ޒާތީ މަންފާތަކެއް ހޯދައިގަތުމަށް ބޭނުންކުރާކަމުގެ ހިތްދަތިކުރުވަނިވި ޝަކުވާ ފެނެއެވެ. އަދި ޙައްޤު ބަސްބުނުމާއި ނުބައިކަންކަމާ ދެކޮޅަށް މަސައްކަތްކުރުމާއި އަނިޔާލިބިފައިވާ ފަރާތަށް އިންޞާފު ހޯދައި ދިނުމާއި، ޢާންމު މަޞްލަޙަތުތައް ޙިމާޔަތްކުރުމުގެ ވާޖިބު ހަނދާން ނައްތާލުމުގެ ޝަކުވާއެވެ.
އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އަޅުގަނޑުމެން މުޘައްޤަފުން ގޮތުގައި މިބަޔާންކުރި މީހުންނަކީ ފަލްސަފާވެރިންނާއި މުފައްކިރުންނަށްވުރެ ބޮޑަށް ކަންކަން ހިނގަމުންދާ ގޮތާ ގުޅިފައިވާ ބައެކެވެ. އަދި އެބައިމީހުންގެ ވާހަކަތައް ވަރަށް ގިނަފަހަރަށް މައިދާނުގައި ތިބި ބާރުތަކާއި ކަންކަން ނިންމުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކާ ފުށުއަރާ ގޮތްވެއެވެ. އޭގެ ސަބަބުން އެބައިމީހުންނަށް މުފައްކިރުންނާ ފަލްސަފާވެރިންނާ ކުރިމަތިނުވާ ގޮންޖެހުންތައް ކުރިމަތިވެއެވެ. އެބައިމީހުންގެ ކާއެތިކޮޅުވެސް ނުލިބިދާނެތީ ބިރުވެތިވާންޖެހިދެއެވެ. އެހެންކަމުން އަމިއްލަ އިޚުތިޔާރެއްނެތި މަޑުމަޑުން އަމާންކަން ލިއްބައިދޭނެ ޖަމާޢަތަކާ ގުޅެން ޖެހިދެއެވެ.
(ނުނިމޭ)
ނޯޓު: މިއީ ޑރ.ޢަބްދުލްކަރީމް ބައްކާރުގެ تكوين المفكر- خطوات عملية (މުފައްކިރަކު ބިނާކުރުން- ޢަމަލީ ފިޔަވަޅުތަކެއް) ނަމަކަށް ކިޔުނު ފޮތުގެ ތަރުޖަމާގެ ފެށުމެކެވެ. މިފޮތް ތަރުޖަމާކުރަން އަޅުގަނޑު ގަސްތުކުރަނީ ފޮތުގައިހުރި މައިގަނޑު މައުޟޫޢުތައް ވަކިވަކި މަޒުމޫންތަކެއްގެ ގޮތުގައެވެ. މިއީ ފުރަތަމަ މަޒުމޫނުގެ އެއްވަނަ ބައެވެ. އަޅުގަނޑުގެ އުންމީފަކީ މިފޮތް އަވަސް މުސްތަޤުބަލެއްގައި ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުންނަށް ފޯރުކޮށްދިނުމެވެ.
އަސްލު ލިޔުއްވީ: ފަޟީލަތުއްޝައިޚް މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން (ރަޙިމަހު ﷲ)
ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު
ދެވަނަ ސަބަބު: ކަމެއްގެ ޙުކުމާއި މެދު އައިސްފައިވާ ދަލީލު ލިބިވަޑައިގަތަސް ދަލީލު ގެނެސްދިން ފަރާތަށް އިތުބާރުނުކުރެވުމާއި އަދި އެ ދަލީލު އެއަށްވުރެ ވަރުގަދަ ދަލީލަކާއި ފުށުއަރާކަމުގައި ދެކެވަޑައިގަތުން:
މި ސަބަބު ގެ މިސާލަކަށް ވެސް އަހަރެމެން ގެންނާނީ ޞަޙާބީންގެ ތެރޭގައި ހިނގާފައިވާ ހާދިސާއެކެވެ. ފާޠިމާ ބިންތު ޤައިސް ރަޟިޔަ ﷲ ޢަންހާ ގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާގެ ފިރިކަލުން ތިންވަނަ ފަހަރަށް އެކަމަނާ ވަރިކުރެއްވުމުން ޢިއްދާގައި އިންނަވަނިކޮށް ފިރިކަލުން އޭނާގެ ވަކީލުގެ އަތަށް ދެއްވައިފައި އެކަމަނާގެ ނަފަގާތް (1) ފޮނުއްވެވިއެވެ. ނަމަވެސް އެކަމަނާ އެޔާއި ހިތްޕުޅާ ހަމަ ނުކުރައްވާ އަދި އެ ހިއްޕެވުމާއި ވެސް ދެކޮޅު ހެއްދެވިއެވެ. ދެން މި މައްސަލަ މާތް ނަބިއްޔާގެ އަރިއަހަށް އުފުލިއްޖެއެވެ. އެހިނދު އެކަލޭގެފާނު ބަޔާންކޮށްދެއްވީ (މިހާލަތުގައި) ފިރިމީހާގެ ފަރާތުން އެކަމަނާއަށް ނަފަގާތެއް ވެސް އަދި އިންނާނެ ތަނެއް ވެސް ދިނުން ލާޒިމުވެގެން ނުވާ ކަމުގައެވެ. (2) އެހެނީ އެކަމަނާ އިންނެވީ ތިން ފަށްވެފައެވެ. ތިންފަށްވެފައިވާ އަންހެނާގެ ޢިއްދާގެ ދުވަސްވަރުގައި އެކަމަނާ ރުޖޫޢަކުރުމުގެ ޙައްޤެއް ފިރިމީހާއަކަށް ނޯންނާނެއެވެ. ވަރިކުރެވިފައިވާ އަނބިމީހާއަށް ޢިއްދާގެ ދުވަސްވަރުގައި ނަފަގާތްދިނުން ފިރިމީހާއަށް ވާޖިބުވަނީ ރުޖޫޢަކުރެވޭ ފަދަ ވަރިއަކުން ވަރިކުރެވިފައިވާ ހާލަތުގައެވެ. މާބަނޑުވެފައިވާ ހާލަތް ފިޔަވައެވެ. އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ މި ބަސްފުޅަށްޓަކައެވެ.
{وَإِن كُنَّ أُوْلَـتِ حَمْلٍ فَأَنفِقُواْ عَلَيْهِنَّ حَتَّى يَضَعْنَ حَمْلَهُنَّ} (3)
މާނަ: އަދި (ވަރިކުރެވުނު އަނބީން) މާބަނޑުކަމުގައި ވާ ނަމަ ފަހެ އެކަނބަލުންގެ ބަނޑުގައިވާ ދަރީން ވިހައިފުމަށް ދާންދެން އެކަނބަލުންނަށް ނަފަގާތްދޭށެވެ.
އިސްވެ ބަޔާންކުރެވުނު ފާޠިމާ ބިންތު ޤައިސް ރިވާކުރެއްވި ޙަދީޘް ޢުމަރުގެފާނަށް ދެންނެވުނު ހިނދު އެކަލޭގެފާނު އެޙަދީޘް ރައްދުކުރެއްވިއެވެ. އެހާދިސާ ހިނގައި ދިޔަ ގޮތް އެކަމަނާއަށް ހަނދުމަފުޅުނެތުމުގެ އިޙްތިމާލު (4) އޮތްކަމުގައި ބައްލަވާފައެވެ. އަދި ތިންފަށްވެފައިވާ އަންހެން ކަނބަލުންނަށް ވެސް އެކަނބަލުންގެ ޢިއްދާގެ ދުވަސްވަރުގައި ވެސް ނަފަގާތްދިނުން ފިރީންގެ މައްޗަށް ލާޒިމުކަމުގައި ދެކެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވީ އެކަންތައް ހިނގައިދިޔަ ގޮތް އެކަމަނާ ރަނގަޅަށް ހަނދާންހުރި ކަމެއް ނުވަތަ ނެތްކަމެއް އަހަރެމެންނަށް ޔަޤީން ނުވާއިރު އެކަމަނާގެ ބަހަށްޓަކައި އަހަރެމެންގެ ވެރިރަސްކަލާނގެ ބަސްފުޅު ދޫކޮށްލާނީ ކިހިނަކުންހެއްޔެވެ؟ އެބަހީ އެކަމަނާގެ ބަހަށް ރިޢާޔަތްކޮށް ﷲ ތަޢާލާގެ ވަޙީބަސްފުޅު ތަފްސީރު ކުރެވެން ނެތް ވާހަކައެވެ. (5)
މާނައަކީ ޢުމަރު ރަޟިޔަ ﷲ ޢަންހު އެ ދަލީލު ރިވާވި ގޮތާ މެދު ހިތްޕުޅާ ވެނުލެއްވީއެވެ. އެކަލޭގެފާނު ފިޔަވައި އެހެން ޞަޙާބީންނަށާއި އަދި ތާބިޢީންނަށް ވެސް، ބައެއް ދަލީލުތައް ރިވާވެފައިވާ ގޮތާ ހިތްޕުޅާ ހަމަ ނުވެވުމުގެ މައްސަލަ ދިމާވި ފަދައިން އޭގެ ފަހުން އައި މީހުންނަށް ވެސް އެ މައްސަލަ ދިމާވިއެވެ. ހަމަ މިފަދައިން އަހަރެމެންގެ މިޒަމާނާ ހަމައަށް ވެސް މިކަން މިހެން ހިނގާފައިވެއެވެ. ކިއެއްހެއްޔެވެ؟ ޤިޔާމަތާ ޖެހެންދެން ވެސް މިކަން ހިނގާނީ މި އުސޫލުންނެވެ. ބައެއް ޢިލްމުވެރިން އެބޭކަލުންނަށް ސައްހަކަމުގައި ދެކެވަޑައިގެން ޙުކުމް ނަންގަވާ ޙަދީޘްފުޅުތައް އަނެއްބައި ޢިލްމުވެރިންނަން ބަލިކަށިކަމުގައި ދެކެވަޑައިގެންނެވޭތީ ދޫކޮށްލައްވާތަން ޢިލްމުވެރިންގެ ބަސްފުޅުތަކުން އަހަރެމެންނަށް ފެންނަނީ ކިހާ ވަރަކަށްހެއްޔެވެ؟ ރިވާވެގެން އައި ގޮތާއި މެދު އިތުބާރުނުކުރެއްވިގެންނެވެ.
މި ފޮތުގެ ކުރީގެ ބައިތައް:
އިޚްތިލާފް ވުމުގެ ސަބަބުތައް (1) ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުމުގެ ސަބަބުތަކާއި އެކަމުގައި އަހަރެމެން ދެކޭގޮތް
_______________________________________
(1) ނަފަގާތް: ލާޒިމްވެގެން ދޭންޖެހޭ ޚަރަދު، އިސްލާމީ ޝަރީޢަތުގައި އަނބި ދަރީންނަށް ޚަރަދުކުރުމަކީ ފިރިމީހާގެ މައްޗަށް ލާޒިމުކަމެކެވެ.
(2) مسلم
(3) سورة الطلاق الآية (6)
(4) އިޙްތިމާލު: ކަމެއް ވެދާނޭ ކަމުގެ ފުރުސަތު
(5) މާތްރަސްކަލާނގެ ވަޙީބަސްފުޅުގައި ވަނީ ޢިއްދާގައި އިންނަ އަންހެނާއަށް ނަފަގާތްދިނުމަށެވެ. އާޔަތުގެ ބޭރުފުށަށް ބަލާއިރު ވަކި ވައްތަރެއްގެ ވަރިއަކުން ވަރިވެފައިވާ އަންހެނެއް ކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް އެކަމަނާ އެ ރިވާކުރެއްވި ޙަދީޘަށް ރިޢާޔަތްކޮށް އެ އާޔަތް ތަފްސީރުކުރާއިރުގައި ނަފަގާތް ދޭންޖެހޭނީ ރުޖޫޢަކުރެވޭ ފަދަ ވަރިއަކުން ވަރިކުރެވިފައިވާ އަންހެނާ ޢިއްދާގައި އިންނައިރުގައި އެކަނިކަން ދޭހަވެއެވެ.
ފުރަތަމަ ބާބު: ޝަރީޢަތާއި ފިޤުހުގެ މަފްހޫމު އަދި ގުޅުންހުރި ބައެއް މައުޟޫޢުތައް
ތަޝްރީޢު އަދި ތާރީޚުގެ ތަޢާރަފު
ތާރީޚް، މިއީ ޢަރަބި ލަފްޒެކެވެ. ކަމެއް ވިވަގުތު ފާހަގަކުރުމަށް ކިޔާ ނަމެއްގެ ގޮތުގައި މި ލަފުޒު ބޭނުންކުރެވެއެވެ. ހަމަ މިފަދައިން އެކަމެއް އެވީ ވަގުތަށްވެސް މިނަން ބޭނުންކުރެވެއެވެ.
ޢަރަބި ލަފްޒު ތަޝްރީޢު (ޤާނޫނީ ދާއިރާގައި ތަޝްރީޢުގެ މާނައަކީ: ޤާނޫނު ހެދުމުގެ ބާރުގެ ފަރާތުން ޤާނޫނީއަމުރުތައް ކަނޑައަޅާ، އެއަމުރުތަކަށް އިލްޒާމީ ބާރުވެރިކަން ދިނުން) މިއީ، "ޝަރަޢަ"އިގެ މަސްދަރެވެ. ޢަރަބި ލަފްޒު ޝަރީޢާ ނެގެވިގެންވަނީ ޝަރަޢަ މި ލަފުޒުންނެވެ. ޢަރަބިބަހުގައި ލަފުޒީގޮތުން ޝަރީޢަތުގެ ދެ މާނައެއްވެއެވެ. އެއީ:
1. ތެދުމަގު: މިމާނައިގައި ކީރިތި ޤުރުއާނުގައި މި ލަފްޒު ބޭނުން ކުރައްވާފައިވެއެވެ. " ثُمَّ جَعَلْنَاكَ عَلَى شَرِيعَةٍ مِنَ الأَمْرِ فَاتَّبِعْهَا وَلا تَتَّبِعْ أَهْوَاءَ الَّذِينَ لا يَعْلَمُونَ " މާނައީ: "ދެން ތިމަންރަސްކަލާނގެ دين ގެ ކަންތަކުގައި (ފާޅުވެގެންވާ) ތެދުމަގެއްގެ މަތީގައި ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު އެޔަށް تبع ވެވަޑައިގަންނަވާށެވެ! އަދި ނުދަންނަ މީހުންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައި ނުގަންނަވާށެވެ!" (އަލްޖާޘިޔާ 45 : 18)
2. އުސްބިމެއް ފަދަތަނަކުން އޮހިގެން އަންނަ ފެން ޖަމާވާ ތަން.
ފިޤުހުވެރިންގެ އިޞްޠިލާޙުގައި ޝަރީޢަތުގެ މާނައަކީ ރަސޫލު ބޭކަލެއްގެ ދޫފުޅުމައްޗަށް ﷲތަޢާލާ އެކަލާނގެ އަޅުތަކުންނަށްޓަކައި ކަނޑައަޅުއްވާ ބާވާލައްވާ ޙުކުމްފުޅުތަކެވެ.
ޝަރީޢަތުގެ އިސްވެ ދިޔަ، ލަފްޒީ އަދި އިޞްޠިލާޙީ މާނައަށް ބަލާއިރު އިޞްޠިލާޙީ މާނައިން ލަފްޒީމާނަ ހާސިލުވެ ފާޅުވެފައިވާތަން ފެނިވަޑައިގަންނަވާނެއެވެ. އެހެނީ ޝަރީޢަތުގެ ޙުކުމްތައްވަނީ ބާވާލެއްވުމުގައި ސީދާ ކުރެއްވިގެންނެވެ. އޭގައި އެއްވެސް ކަތިކަމެއް ނެތެވެ. އޭގައި ހިފި މީހަކު ސީދާ ވާސިލްވާނީ ދެދުނިޔޭގެ ކާމިޔާބަށެވެ. އަދި ހަމަ އެހެންމެ ހަށިގަނޑުގެ އާރޯކަމާއި ދިރިހުރުމަށްޓަކައި ފެނާ ދިމާއަށް އެނބުރެން ޖެހޭޖެހުމާއި، ނަފްސުތަކުގެ ދިރުމަށްޓަކައި ސިކުނޑީގެ ކާނާއަށްޓަކައި ޝަރީޢަތުގެ ޙުކުމްތަކާ ދިމާއަށް އެނބުރެން ޖެހުމުގައި ހުރި އެއްގޮތްކަންވެސް މިތާ ފާހަގަކޮށްލަމެވެ.
ޝަރީޢަތުގެ އިޞްޠިލާޙީ މާނައަށް ނަޒަރު ހިންގަވާލައްވާއިފިނަމަ އެ ލަފްޒުގެ މާނައިގެ ތެރޭގައި ރަސޫލުބޭކަލުން އެ ޝަރީޢަތްތަކައިގެން ވަޑައިގެންނެވި އެންމެހާ ޝަރީޢަތްތަކެއްވެސް ހިމެނިގެންދާކަން ފާހަގަ ކުރެއްވޭނެއެވެ. ސަލާމްލެއްވި އިބްރާހިމްގެފާނު އެކަންކަމައިގެން ވަޑައިގެންނެވި އެންމެހާ ކަމަކަށް ކިޔޭނީ އިބްރާހިމްގެފާނުންގެ ޝަރީޢަތެވެ. ސަލާމްލެއްވި މޫސާގެފާނު އެކަންކަމައިގެން ވަޑައިގެންނެވި އެންމެހާ ކަމަކަށް ކިޔޭނީ މޫސާގެފާނުންގެ ޝަރީޢަތެވެ. ސަލާމްލެއްވި ޢީސާގެފާނު އެކަންކަމައިގެން ވަޑައިގެންނެވި އެންމެހާ ކަމަކަށް ކިޔޭނީ ޢީސާގެފާނުންގެ ޝަރީޢަތެވެ. ސަލާމާއި ޞަލަވާތްލެއްވި މުޙައްމަދުގެފާނު އެކަންކަމައިގެން ވަޑައިގެންނެވި އެންމެހާ ކަމަކަށް ކިޔޭނީ މުޙައްމަދުގެފާނުންގެ ޝަރީޢަތެވެ.
ޝަރީޢަތުގެ އިޞްޠިލާޙީ މާނައިގެތެރޭގައި ހިމެނޭ އެއް މަފްހޫމަކީ އުފައްދާ އެކަށައެޅުމެވެ. ޤަވާޢިދުތަކާއި، ނިޒާމުތަކާއި ޙުކުމްތައް އުފައްދާއި އެކަށައެޅުމޭ ބުނާމާނަ މި މަފްހޫމުގެތެރޭގައި ހިމެނެއެވެ. މިމާނައިގައި ޤުރުއާނުގައި "ޝަރަޢަ" މި ލަފްޒު ބޭނުން ކުރައްވާފައިވެއެވެ. ކީރިތި ޤުރުއާނުގައި ވެއެވެ. " شَرَعَ لَكُمْ مِنَ الدِّينِ مَا وَصَّى بِهِ نُوحًا " މާނައީ: "ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ އުފައްދަވައި ކަނޑައެޅުއްވި دين އަކީ، އެކަލާނގެ نوح ގެފާނަށް وصية ކުރެއްވި دين އެވެ." (އައްޝޫރާ 42 : 13) އަދިވެސް ވަޙީކުރައްވާފައިވެއެވެ. " أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُمْ مِنَ الدِّينِ مَا لَمْ يَأْذَنْ بِهِ اللَّهُ " މާނައީ: "ނުވަތަ اللَّه، إذن ދެއްވާފައިނުވާ دين އެއް، އެއުރެންނަށް، شرع ކޮށް ކަނޑައަޅައިދިން شريك ންތަކެއް އެއުރެންނަށް ވޭހެއްޔެވެ؟" (އައްޝޫރާ 42 : 21).
އިސްވެ މިދެންނެވި މާނައިގައި ތަޝްރީޢުގެ މުރާދެއްކަމުގައި ވާނީ ޝަރީޢަތް އުފައްދުމެވެ. އޭގެ ޙުކުމްތައް އުފައްދާ ބާޔާންކޮށްދިނުމެވެ. އެމައްޗަށް ހަމަތައް ހެދުމެވެ. މި އުފެއްދުމުގެ މާނަ ދޭހަވާން ތާރީޚުން ފެންނަން އޮތް ހަމައެކަނި ޒަމާނަކީ ކީރިތި މާތް ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމައިގެ ޙަޔާތްޕުޅެވެ. އޭރު އެކަލޭގެފާނީ އެކަލޭގެފާނުގެ ރައްބުގެ ފުށުން އަމުރުފުޅުތައް ފޯރުކޮށްދެއްވާން ހުންނެވި ފަރާތެވެ. ދެން އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށްފަހު މިދެންނެވި ދައުރު އަދާކުރުމުގައި އެކަލޭގެފާނުގެ ބަދަލެއްކަމުގައި އެހެން އެއްވެސް މީހަކަށް މިދެންނެވި ޚާއްޞިއްޔަތައިގެން އެމަޤާމަކު ނުހުއްޓޭނެއެވެ. އެހެނީ އެކަލޭގެފާނީ ރަސޫލުބޭކަލުނަންނާއި ނަބީބޭކަލުންގެ އެންމެ ފަހުބޭކަލެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. " مَا كَانَ مُحَمَّدٌ أَبَا أَحَدٍ مِنْ رِجَالِكُمْ وَلَكِنْ رَسُولَ اللَّهِ وَخَاتَمَ النَّبِيِّينَ " މާނައީ: "ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި محمد ގެފާނު ނުވެތެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) اللَّه ގެ رسول އާއެވެ. އަދި ނަބީކަން ختم ކުރެއްވި ކަލޭގެފާނުވެސްމެއެވެ." (އަލްއަޙްޒާބު 33 : 40) އެހެނީ މި އިސްލާމީ ޝަރީޢަތް ވަނީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ފުރިހަމައަށް ބާވާލައްވާ ނިމިފައެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. " الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلامَ دِينًا " މާނައީ: "މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ." (އަލްމާއިދާ 05 : 03)
އެއަށް ފަހުގައި އައި ޒަމާނުގައި ސަލާމާއި ޞަލަވާތްލެއްވި މުޙައްމަދުގެފާނުންގެ ޞަޙާބީ ބޭކަލުންނާއި އެބޭކަލުންގެ ފަހުން ތާބިޢީބޭކަލުން އެ ކުރެއްވި އިޖްތިހާދުކުރެއްވުން، އުފެއްދުމެއްގެ މާނައިގައި ތަޝްރީޢެއް ކަމުގައެއް ނުވެއެވެ. ޙަޤީޤަތުގައި އެއީ އަލަށް އުފެދި ފެންނަމުންދާ ފަރުޢީ މައްސަލަތަކުގެ މައްޗަށް ޝަރީޢަތުގެ އިޖްމާލީ ޤަވާޢިދުތައް ހިންމި ހެޔޮކޮށް ފެއްތުމުގައި ފުޅާދާއިރާއެއްގައި ކުރެއްވި މަސައްކަތްޕުޅުތަކެކެވެ. އަދި ޤިޔާސްކުރުން ނުވަތަ ސުންނަތާއި ޤުރުއާން ފަދަ ޝަރުޢީ މަސްދަރުތަކުން ޙުކުމްތައް ނެރުމެއް ކަމުގައި ނޫނީ ނުވެއެވެ.
އިސްވެ މިދިޔަ ވާހަކަތަކުގެ މައްޗަށްބިނާކޮށް ޝަރީޢަތުގެ ގެ ތަޢްރީފެއް އެކުލަވާލާނަމަ ދަންނަވަން ޖެހޭނީ އެއީ ޤުރުއާނާއި ސުންނަތް އެކުލެވޭހެން ސަލާމާއި ޞަލަވާތްލެއްވި މުޙައްމަދުގެފާގެ ދޫފުޅުމަތިން އެންމެންގެ މައްޗަށް ﷲތަޢާލާ ކަނޑައެޅުއްވި އެންމެހާ ޙުކުމްތަކެވެ.
ތަޝްރީޢީ ތާރީޚުގެ ޢިލްމުން ޤަޞްދުކުރެވޭ މާނަ
ތަޝްރީޢީ ތާރީޚުގެ ޢިލްމުގައި ޢިލްމުވެރިން އެބޭފުޅުންގެ ދިރާސާތަކުގައި ހަމައެކަނި ސަލާމާއި ޞަލަވާތްލެއްވި މުޙައްމަދުގެފާނުގެ ޙަޔާތްޕުޅުގައި ތަޝްރީޢީ ޙާލަތު އޮތްގޮތުގެ މައްޗަށް އެދިރާސާތައް ކުރުކުރެއްވީއެއް ނޫނެވެ. އަދިކިއެއްތޯއެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ފަހުން އިސްލާމީ ތަޝްރީޢު އެކިޒަމާންތަކުގައި ދެކެފައިވާ އެކިމަރުޙަލާތަކާއި މެދުކެނޑުމެއްނެތި އައިސްފައިވާ އެކިއެކި ކުރިއެރުންތަކާއި އަޅުގަނޑުމެންގެ މިއަދާ ހަމައަށް އެ ދިރާސާތައް ފުޅާކުރައްވާފައިވެއެވެ. ފިޤުހުވެރިންނާ މުޖްތަހިދު ޢިލްމުވެރިންނާ އެބޭބޭފުޅުންނާ އެބޭބޭފުޅުންގެ މަސައްކަތަޕުޅުތަކުގެ އަސަރުތައް ކޮންމެ ޒަމާނެއްގައި ހުރި މިންވަރެއްގެ މައްޗަށްވެސް އިސްވެދެންވި ދިރާސާތައް ވަނީ ތަނަވަސް ކުރައްވާފައެވެ. މިކަމުގެ ސަބަބުން އިސްލާމީ ތަޝްރީޢީ ތާރީޚުއޭ ބުނުމުން އޭގެ މާނަ ވަރަށް ތަނަވަސް ކުރަންޖެހެއެވެ.
އިސްލާމީ ތަޝްރީޢީ ތާރީޚުގެ ޢިލްމުން ޤަޞްދުކުރެވޭ މާނައަކީ، އެއީ، ސަލާމާއި ޞަލަވާތްލެއްވި މުޙައްމަދުގެފާނުގެ ޙަޔާތްޕުޅުގަޔާއި އޭގެފަހުން އައި ޒަމާންޒަމާނުގައި އިސްލާމީ ފިޤުހު އޮތްގޮތާއި، ތަޝްރީޢީ މަސްދަރުތައް ކަނޑައެޅުނު އަދި އެ މަސްދަރުތަކުގެ ޙުކުމްތައް ކަނޑައެޅުނު ޒަމާންތަކާއި ނަސްޚުވަމާއި ތަޚްޞީޞްވުމާއި ކަފިކަފިވެގެން ދިއުމުގެތެރެއިން އެކިއެކި ބަދަލުތައް އެ މަސްދަރުތަކަށް އައިސްފައިވާ ޒަމާންތަކަށް ބަލައިގެން އިސްލާމީ ތަޝްރީޢީ މަރުޙަލާތައް ވަކިކުރުމުގެ ޢިލްމެވެ. އަދި މި މަރުޙަލާތަކުގައި އުޅުއްވާފައިވާ ފިޤުހުވެރި ޢިލްމުވެރިންގެ ޙާލަތާއި ފިޤުހުގެ ދާއިރާގެ ތެރެއަށް ފިޤުހުވެރިންގެ އިޖްތިހާދުގެ ތެރެއިން އިތުރުވެގެންދާ ބައިތަކާއި އެބޭފުޅުންގެ ޢިލްމީ މަސްކަތްޕުޅުތަކާއި އަސަރުތަކާއި، ޙުކުމް ނެރުއްވުމުގައި އެބޭބޭފުޅުން ގެންގުޅުއްވާ މަންހަޖްތަކާއި ހަމަނަހަމަ ދިރާސާކުރުންވެސް އެއީ މި ޢިލްމުގެ ބައެކެވެ.
މި ތަނަވަސް މާނައިގައި އިސްލާމީ ތަޝްރީޢީ ތާރީޚުގެ މާނައާއި އިސްލާމީ ފިޤުހުގެ ތާރީޚުގެ މާނަ އެކައްޗެއްކަމުގައި ވެއެވެ.
އިސްލާމީ ޝަރީޢަތުގެ ދާއިރާ
އިސްލާމީ ޝަރީޢަތުގެ އިސްވެދިޔަ އިޞްޠިލާޙީ މާނައިގެ ތެރޭގައި އަޅުތަކުންގެ މައްޗަށް ﷲތަޢާލާ ކަނޑައެޅުއްވި ހުރިހާ ވައްތަރެއްގެ ޙުކުމްތަކެއް ހިމެނިގެންދެއެވެ. އެއީ:
1. ޢަޤީދާގެ ޙުކުމްތައް:
މިއީ އިސްލާމީ ޢަޤީދާއާއި އެއާ ގުޅިފައިހުރި ހުރިހާ ކަމެކެވެ. އެއީ ﷲތަޢާލާ އެއްކައުވަންތަ ކުރުމާއި، އެންމެހާ ރަސޫލުބޭކަލުންނާއި ނަބީބޭކަލުން އެއައިގެން ވަޑައިގެންނެވި ޚަބަރުތަކާއި، މަލާއިކަތްބޭކަލުންނާއި، ޖިންނީންނާއި، ޤިޔާމަތާއި، އަލުން ދިރުއްވެވުމާއި، ޖަޒާދެއްވުމާއި، ސުވަރުގެއާއި، ނަރަކައެވެ. މި މައުޟޫޢުގެ ދިރާސާތައް ވަނީ ޢިލްމުލް ކަލާމް އަދި ތައުޙީދު ފޮތްފޮތުގައެވެ.
2. ވިޖްދާނީ ޙުކުމްތައް:
މިއީ ނަފްސީ އަގުތަކާއި އެތެރޭގެ އަޚްލާޤާ ގުޅުން ހުރި ހުރިހާ ކަމެކެވެ. ޒުހުދުވެރިކަން، ވަރަޢްވެރިކަން، ކެތްތެރިކަން، ޙިލްމުވެރިކަން، ޢިއްފަތްތެރިކަން، ދީލަތިކަން، އަދި މިނޫންވެސް އެންމެހާ އަޚްލާޤީ ސިފަތަކެވެ. މި މައުޟޫޢުގެ ދިރާސާތައް ވަނީ ޢިލްމުލް އަޚްލާޤް އަދި ތަޞައްވުފު ފޮތްފޮތުގައެވެ.
3. ޢަމަލީ ޙުކުމްތައް:
މިއީ އަޅުންގެ ޢަމަލުތަކާ ގުޅިފައިވާ ކަންކަމެވެ. ނަމާދު، ރޯދަ އަދި ޒަކާތް ކައިވެނި ފަދަ އަޅުކަންތައް ގެނެސްގަތުމާއި ވިޔަފާރި، ކުލި، ފަދަ މުޢަމަލާތައް ހިންގުމާއި، ރިބާކެއުން، ރާބުއިން، ވައްކަންކުރުން ފަދަ ކަންކަމުން ދުރުވެގަތުން ފަދަ އަޅާގެ ޢަމަލާއި ގުޅިފައިވާ އެންމެހާ ކަންކަމެވެ. ދީނީ ގޮތުންނާއި ދުނިޔަވީ ގޮތުން މުހިންމު ޝަރީޢަތުގެ މި ބައި ގެ ދިރާސާތައް ވަނީ ފިޤުހު ފޮތްފޮތުގައެވެ. ހަޤީޤަތުގައި އިސްލާމީ ޝަރީޢަތުގައި ޙަޤީޤީ ތަޝްރީޢީ ކުލަވަރެއް ޖައްސުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ މިބައެވެ.
(ނުނިިމޭ)
މި ފޮތުގެ ކުރީގެ ބައިތައް:
އަސްލު ލިޔުއްވީ: ފަޟީލަތުއްޝައިޚް މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން (ރަޙިމަހު ﷲ)
ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު
بِسْمِ اللَّهِ الرَّحْمَـنِ الرَّحِيمِ
ޙަމްދުހުރީ ﷲ އަށެވެ. އަޅަމެން ޙަމްދުކުރަނީ އެކަލާނގެއަށެވެ. އަދި ވާތްގަށް އެދި ފުއްސެވުމަށް ދަންނަވަނީ، އަދިތައުބާވެ ރުޖޫޢަވަނީ ވެސް އެކަލާނގެ ޙަޟްރަތަށެވެ.
އަޅަމެންގެ ނަފުސުތަކާއި ޢަމަލުތަކުގެ ނުބައިކަމުން ގަދަކީރިތި ވަންތަ ﷲ ތަޢާލާ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ. ތެދުމަގު އިޚްތިޔާރުކުރުމުގެ ސަބަބުން އެކަލާނގެ މަގުދައްކަވައިފި އަޅަކު ވާވެއްދޭނޭ ފަރާތެއް ނުވެއެވެ. އަދި ކާފަރުކަން އިޚްތިޔާރުކޮށްގަތުމުގެ ސަބަބުން އެކަލާނގެ މަގުފުރައްދަވައިފި އަޅަކަށް ތެދުމަގުދެއްކޭނޭ ފަރާތެއް ނުވެއެވެ.
ބައިވެރިޔަކު ނުވާ އެއްކައުވަންތަ މާތް ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދުގެފާނީ އެކަލާނގެ އަޅާކަމަށާއި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އާލު އަޞްޙާބުންނާއި ތާބިޢީންނަށް ޞަލަވާތް ލެއްވުމަށް ދުޢާކުރަމެވެ. اللهم صلّ على محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين وسلِّم تسليما كثيرا.
އޭ އީމާންވީ މީހުންނޭވެ! ތިޔަބައިމީހުން ބިރުވެތިވުން ހައްޤުވެގެންވާ ގޮތުގައި މާތް ﷲ އަށް ބިރުވެތިވާށެވެ! އަދި މަރުވެއްޖައުމަށް ދާންދެން މުސްލިމުންގެ ގޮތުގައި ދެމިތިބޭށެވެ!
އޭ އީމާންވީ މީހުންނޭވެ! ތިޔަބައިމީހުން ބިރުވެތިވުން ހައްޤުވެގެންވާ ގޮތުގައި މާތް ﷲ އަށް ބިރުވެތިވާށެވެ! އަދި ތިޔަބައިމީހުން ސީދާ ބަހުން ބަސްބުނާށެވެ! އޭރުން އެކަލާނގެ ތިޔަބައިމީހުންގެ ޢަމަލުތައް އިސްލާޙުކޮށްދެއްވާނެއެވެ. ފާފަތައް ފުއްސަވައިދެއްވާނެއެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވެއްޖެ މީހާ ބޮޑުވެގެންވާ ކާމިޔާބަކުން ކާމިޔާބު ހޯދައިފިކަން ކަށަވަރެވެ.
ފަހަރެއްގައި މި މައުޟޫޢާއި މެދު ވަރަށް ގިނަ މީހުންގެ ހިތުގައި ސުވާލު އުފެދުން އެކަށީގެންވެއެވެ. އަދި މިއަށް ވުރެ މުހިންމު މައުޟޫތައް ހުއްޓާ މި މައުޟޫ އިޚްތިޔާރުކުރި ސަބަބާއި މެދު ބައެއް މީހުން ސުވާލުކުރުމަކީ ވެސް ދުރުކަމެއް ނޫނެވެ. ނަމަވެސް ޙަޤީޤަތުގައި މިއީ ވަކީން ޚާއްސަކޮށް މިޒަމާނުގައި ވަރަށް ގިނަ މީހުންގެ ފިކުރުތައް ހުއްޓިފައިވާ ދިމާއެކެވެ. ހަމައެކަނި ޢާއްމުންނެއް ނޫނެވެ. ދީން ކިޔަވަމުންދާ ބައެއް ދަރިވަރުންވެސް މެއެވެ. ސަބަބަކީ މަޢުލޫމާތު ފެތުރުމުގެ ތަފާތު ވަސީލަތްތަކުގެ ޒަރީޢާއިން ދީނީ ޙުކުމްތައް ފުޅާ ދާއިރާއެއްގައި ފެތުރެމުންދާ ދިއުމެވެ. އަދި އެކެއްގެ ބުނުމާއި އަނެކާގެ ބުނުމާއި ދެމެދުގައި ބައެއް ފަހަރަށް ތަފާތުވާ ތަފާތުވުމަކީ އޮޅުންބޮޅުންތަކަށް މަގުފަހިވާ ސަބަބެއްކަމުގައި ވެފައިވުމެވެ. ވަކީން ޚާއްސަކޮށް ފިޤުހީ ޚިލާފުވުންތަކުގެ ސަބަބުތަކާއި ގޮތްތައް ނޭނގޭ ޢާންމުން ގެ ތެރޭގައެވެ. މި ސަބަބަށްޓަކައި އަހަރެންގެ ނަޒަރުގައި މުސްލިމުން ކުރެއެތައް ބައެއްގެ ޚިޔާލު ހުއްޓިފައިވާ މި މައުޟޫއަށް އިންސާފުކޮށްލުމީ ވަރަށް މުހިންމު ކަމެކެވެ.
ﷲ ތަބާރަކަ ވަތާޢާލާ މި އުންމަތަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރޭގައި ހިމެނޭ އެއް ނިޢުމަތަކީ މި ދީނުގެ އަސްލުތަކާއި މަޞްދަރުތަކާމެދު މުސްލިމުންގެ މެދުގައި އެއްވެސް ޚިލާފެއް ޚިޔާލު ތަފާތުވުމެއް ނެތް ކަމެވެ. އަސްލުގައި ޚިލާފުތައް ހުރީ މުސްލިމުންގެ ޙަޤީޤީ އެއްބައިވަންތަކަމަށް ބުރުލެއް ނާރާނެ ފަދަ ކަންކަމުގައެވެ. އެއީ ހަމަ ކޮންމެހެން އެކަން ވާންޖެހޭނޭ ގޮތްވެސް މެއެވެ.
ﷲ ތަޢާލާ ކީރިތި ރަސޫލާ ފޮނުއްވީ ހިދާޔަތާއި ޙައްޤު ދީނާއިގެން ކަމީ މާތް ﷲ ގެ ފޮތާއި އެކަލާނގެ ރަސޫލު ޞައްލަ ﷲ ޢަލައިހިވަސައްލަމްގެ ސުންނަތުގެ އަލީގައި އެންމެހާ މުސްލިމުން ޔަޤީންކުރާކަމެކެވެ. މިފަދައިން ޤަބޫލުކުރުމުން އެ އިޤުރާރުވެވެނީ އިތުރު ބަޔާނަކަށް ބޭނުންނުވާނޭހާ ސާފުކޮށް އެކަލޭގެފާނު މި ދީން ބަޔާންކޮށްދެއްވާފައިވާކަމެވެ. އެހެނީ ހިދާޔަތު، އައުމުން ފުރެދުންތައް ފިލައިދެއެވެ. އަދި ޙައްޤު ދީން އައުމުން ހުރިހާ ބާޠިލު ދީންތަކެއް ފިލައިދެއެވެ. އެކަލޭގެފާނު ފޮނުއްވުނީ ހިދާޔަތާއި ހައްޤު ދީނާއިގެންނެވެ.
ކީރިތި ރަސޫލު ޞައްލަ ﷲ ޢަލައިހިވަސައްލަމްގެ ޒަމާނުގައި މީސްތަކުން ކަމަކާއި މެދު ޚިލާފެއް އުފެދިއްޖެ ނަމަ، ޙުކުމްކުރުމަށްޓަކައި ކީރިތި މާތް ނަބިއްޔާގެ އަރިހަށް ދިއުމުން އެކަލޭގެފާނު އެކަމުގެ ޙުކުމް އިއްވަވައެވެ. އެމީހުންގެ މެދުގައި ޚިލާފު އުފެދުނީ ކީރިތި ޤުރުއާނުން އާޔަތަކާއި މެދުގައި ނަމަވިޔަސް ނުވަތަ ޙުކުމް ބާވާނުލައްވާ އޮތް މައްސަލައަކާއި މެދުގައި ކަމަށް ވިޔަސްވެހެވެ. އެހެން ނަމަ އެހިނދުން ﷲ ތަޢާލާ އެކަންކަމުގެ ޙުކުމްތައް ބާވާލައްވައެވެ. އެހެންވެގެން ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި [އެމީހުން ކަލޭގެފާނާއި އެވެނި ކަމަކާއި މެދު ސުވާލުކުރެއޭ] މިފަދައިން އައިސްފައިވެއެވެ. ދެން ﷲ ތަޢާލާ އެ ސުވާލުތަކުގެ ފުރިހަމަ ޖަވާބު ކީރިތި މާތް ނަބިއްޔާއަށް އަންގަވާ، އެ ޙުކުމްތައް މީސްތަކުންނަށް ބަޔާންކުރެއްވުމަށް އަމުރުކުރައްވައެވެ. މީގެ މިސާލަކީ ސޫރަތުލްމާއިދާގެ ހަތަރުވަނަ އާޔަތާއި ސޫރަތުލްބަޤަރާގެ ސަތޭކައައްޑިހަ ނުވައެއް، އަދި ދުއިސައްތަ ސަތާރަ އަދި ދުއިސައްތަ ނަވާރަ ވަނަ އާޔަތާއި ސޫރަތުލްއަންފާލްގެ އެއްވަނަ އާޔަތާއި މިނޫންވެސް މި ފަދަ އާޔަތްތަކެވެ.
ނަމަވެސް ރަސޫލު ޞައްލަ ﷲ ޢަލައިހިވަސައްލަމް ސުވަރުގެވަޑައިގަތުމަށްފަހު އެ ދޮރު މުސްލިމުންނަށް ބަންދުވެގެން ދިއުމާއި އެކު ބައެއް މައްސަލަތަކުގައި މުސްލިމުންގެ މެދުގައި ޚިލާފުތައް އުފެދިފައިވެއެވެ. އެހެނަސް އެއީ ޝަރީޢަތުގެ އަސްލުތަކާއި ތަރަހަތައް މުގުރިގެންދާ ފަދަ ކަންކަމުގައެއް ނޫނެވެ. މި ލިޔުމުގައި އަހަރެން ބަލާނީ އެކަމަށް ދިމާވި ބައެއް ސަބަބުތައް ނަމަވެސް ބަޔާންކޮށްލެވޭތޯއެވެ.
އެއްވެސް ޝައްކެތް ނެތި އަހަރެމެން އެންމެން ވެސް ޤަބޫލުކުރާ ގޮތުގައި އެބޭފުޅެއްގެ ޢިލްމާއި އަމާނާތްތެރިކަމާއި ދީންވެރިކަމާ މެދު އިތުބާރުލިބިފައިވާ އެއްވެސް ޢިލްމުވެރިއަކު ކީރިތި ޤުރްއާނާއި ސުންނަތުން ފުރިހަމައަށް ސާފުވާން އޮތް ކަމަކާއި ޤަސްދުގައި ޚިލާފުވެވަޑައެއް ނުގަންނަވާނެއެވެ. އެހެނީ ޢިލްމުވެރިކަމާއި ދީންވެރިކަމުން ސިފަލިބިއްޖެ މީހެއްގެ ޢަމަލުތަކުގެ ހުންގާނަކީ ޙައްޤެވެ. އެމީހެއްގެ ޢަމަލުތަކުގެ ހުންގާނުކަމުގައި ޙައްޤު ގޮތް ހަދައިފި މީހަކަށް މާތް ﷲ ޙައްޤު ގޮތް ތަނަވަސްކޮށްދެއްވާނެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. {وَلَقَدْ يَسَّرْنَا الْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ } (1)
މާނަ: އަދި ހަމަކަށަވަރުން ހަނދާންކުރުމަށްޓަކައި(ޤުރުއާން ދަސްކޮށް އާޔަތްތަކާއި މެދު ފިކުރު ހިންގުމަށްޓަކައި) ތިމަންރަސްކަލާނގެ ޤުރުއާން ފަސޭހަކޮށްދެއްވީމެވެ. ފަހެ ހަނދާންކުރާނޭ (އެ ޤުރުއާނުގެ އާޔަތްތައް ކިޔަވާ ފިކުރުކޮށް މަންފާ ލިބިގަންނާނޭ) މީހަކު އެބަހުރިހެއްޔެވެ؟
އެބަހީ: ޤުރުއާން ދަސްކޮށް އާޔަތްކާއި މެދު ފިކުރު ހިންގާ މަންފާ ލިބިގަންނަ މީހަކަށް އެ ޤުރުއާން ތިމަންރަސްކަލާނގެ ފަސޭހަކޮށްދެއްވީމެވެ.
އެހެން އާޔަތެއްގައިވެއެވެ. {فَأَمَّا مَنْ أَعْطَى وَاتَّقَى * وَصَدَّقَ بِالْحُسْنَى * فَسَنُيَسِّرُهُ لِلْيُسْرَى } (2)
މާނަ: އަދި ތަޤްވާވެރިވެ އެމީހެއްގެ މުދަލުން ޒަކާތްދީ އަދި އެކަމުގެ ހެޔޮ ޖަޒާ މާތް ﷲ ދެއްވާނެކަން ޔަޤީންކޮށްފި މީހާއަށް ހެޔޮ ކަމުގެ މަގުތައް ތިމަންރަސްކަލާނގެ ތަނަވަސްކޮށްދެއްވާހުށީމެވެ.
ނަމަވެސް ހަމަ މިފަދަ ޢިލްމުވެރިންގެ ކިބައިން ވެސް ﷲ ތަޢާލާގެ ޙުކުމްފުޅުތައް ބަޔާންކުރެއްވުމަގައި ކުށްކުރެވުމަކީ އެކަށީގެންވާ ކަމަކެވެ. ﷲ އިންސާނާ ސިފަކުރައްވާ ވަޙީކުރައްވާފައިވެއެވެ. {وَخُلِقَ الإِنسَـنُ ضَعِيفاً } (3)
މާނަ: އަދި އިންސާނާ ހެއްދެވިގެންވަނީ ބަލިކަށި އެއްޗެއްގެ ގޮތުގައެވެ.
ވުމާއެކު އިންސާނާއަކީ ޢިލްމާއި އެނގުމުގައި، އަދި އޭގެ ވަށާޖެހުމާއި ޝާމިލުކަމުގައި ބަލިކަށި އެއްޗެކެވެ. އެހެންވީމާ ބައެއް ކަންކަމުގައި ކޮންމެ އިންސާނެއްގެ ކިބައިންވެސް ކުށްކުރެވުމަކީ އެކަން ނުވެ ނުދާނޭ ގޮތެވެ.
ޙުކުމްތައް ބަޔާންކުރެއްވުމުގައި ޢިލްމުގެ އަހުލުވެރިން، އެއްބޭފުޅަކު އަނެއް ބޭފުޅަކާއި ޚިލާފުވެލެއްވުމުގެ ސަބަބުތައް ގިނަކަމުގައި، އައްސޭރިއެއް ނެތްކަނޑެއް ފަދައެވެ. ނަމަވެސް އަހަރެން ބަލާނީ އެ ބޮޑު މައުޟޫ މައިގަނޑު ހަތް ސަބަބެއްގެ މައްޗަށް ތިލަކޮށްލެވޭތޯއެވެ.
ފުރަތަމަ ސަބަބު: ކަމެއްގެ ޙުކުމާއި މެދުގައި އައިސްފައިވާ ދަލީލު ލިބިވަޑައި ނުގަތުން.
މި ސަބަބަކީ ޞަޙާބީންގެ ފަހުން އައި މީހުންނަށް އެކަނި ޚާއްސަވީ ސަބަބެއް ނޫނެވެ. އެއާޚިލާފަށް މިއީ ޞަޙާބީން ގެ ފަހުގެ ޖީލުތަކެކޭ އެއްފަދައިން ޞަޙާބީން ވެސް އޭގައި ޝާމިލުވާ ސަބެބެކެވެ.
މިސާލު އެކެއް:
ޞަޙީޙުލްބުޚާރީގައްޔާއި އަދި އެނޫންވެސް ހަދީޘް ފޮތްފޮތުގައި ރިވާވެގެންވެއެވެ. އަމީރުލްމުއުމިނީން ޢުމަރުބުނުލްޚައްޠާބު ރަޟިޔަ ﷲ ޢަންހު ޝާމުކަރައަށް ދަތުރުފުޅެއް ކުރެއްވިއެވެ. މި ދަތުރުފުޅުގެ މަގުމަތީގައި ޠާޢޫނުގެ ވަބާ ޝާމްކަރައިގައި ފެތުރިގެން އުޅޭ ޚަބަރު އެކަލޭގެފާނަށް އެރުވުނެވެ. އެހިނދު އެކަލޭގެފާނު ގާފިލާ މަޑުޖައްސަވާލެއްވުމަށްފަހު ޞަޙާބީންނާއި މަޝްވަރާކުރެއްވިއެވެ. އެބޭކަލުން އެކަމާއި މެދު ދެ ވިސްނުންފުޅެއްގެ މައްޗަށް ޚިޔާލު ތަފާތުވިއެވެ. މި މަޝްވަރާގެ ތެރޭގައި އެބޭކަލުން ތިއްބަވަނިކޮށް ޢަބްދުއްރަޙްމާން ބިން ޢައުފު އެކަލޭގެފާނުގެ އަމިއްލަ ބޭނުންފުޅެއްގައި ގާފިލާއާ ތަންކޮޅެއް ދުރުގައި އުޅުއްވުމަށްފަހު އެތަނަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަކަމާއި މެދު ތިމަން ކަލޭގެފާނަށް އެނގޭ އެއްޗެއް އެބަ އޮތެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރައްވާ އަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ. ޠާޢޫނުގެ ވަބާ ރަށެއްގައި ފެތުރިފައިވާ ޚަބަރު ތިޔަބައިމީހުން އަހައިފި ނަމައީ އެރަށަކަށް ތިޔަބައިމީހުން ނާރާށެވެ. އަދި ތިޔަބައިމީހުން ތިބި ތަނެއްގައި އެވަބާ ފެތުރުނު ނަމައީ އެޔަށް ފިލުމަށްޓަކައި ތިޔަބައިމީހުން އެރަށަކުން ނުފައިބާށެވެ. (4)
ވިސްނާށެވެ. މުހާޖިރީންނާއި އަންޞާރުންގެ ތެރެއިން ބޮޑެތި ބޮޑެތި ޞާޙާބީންނަށް މި ޙަދީޘްގެ ޚަބަރު ޢަބްދުއްރަޙްމާން ބިން ޢައުފް ރަޟިޔަ ﷲ ޢަންހު ދެއްވުމުގެކުރީގައި އެވަނީ ވަންހަނާވެގެންނެވެ.
މިސާލު ދޭއް:
ސޫރަތުއްޠަލާޤް ގެ ހަތަރު ވަނަ އާޔަތުގައި މާބަނޑު އަންހެނާގެ ޢިއްދާއަކީ ބަނޑުގައިވާ ދަރިފުޅު ވިހެއުން ކަމުގައި އަންގަވާފައިވެއެވެ. އަދި ސޫރަތުލްބަޤަރާގެ ދުއިސައްތަ ތިރީސް ހަތަރު ވަނަ އާޔަތުގައި ފިރިމަރުވެފައިވާ އަންހެނާގެ ޢިއްދާއަކީ ހަތަރު މަހާއި ދިހަ ދުވަސް ކަމުގައި އަންގަވާފައިވެއެވެ.
މި ދެ އާޔަތުގެ ދޭހައިގައި ޢަލީ ރަޟިޔަ ﷲ ޢަންހު އާއި ޢަބްދު ﷲ ބިން ޢައްބާސް ރަޟިޔަ ﷲ ޢަންހުމާ އާ މި ދެ ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ފިރި މަރުވެފައިވާ މާބަނޑު އަންހެނާގެ ޢިއްދާއަކީ ދެ ޢިއްދައިގެ ތެރެއިން އެމީހެއް ނިސްބަތުގައި ދިގު ޢިއްދާއެކެވެ. މާނައަކީ ހަތަރު މަހާއި ދިހަ ދުވަސް ހަމަވާއިރު ބަނޑުގައިވާ ދަރިފުޅު ނުވިހާ ކަމުގައި ވަނީ ނަމަ ވިހަންދެން ޢިއްދާގައި އިންނަންޖެހޭނެއެވެ. އަދި މާބަނޑުގައި އޮތް ދަރި ވިހޭއިރު ޢިއްދާގައި އިންނަތާ ހަތަރު މަހާއި ދިހަ ދުވަސް ނުވާ ނަމަ އަދި ދަރިފުޅު ވިހޭ ކަމުގައި ވިޔަސް ހަތަރު މަހާއި ދިހަ ދުވަސް ހަމަވަންދެން ޢިއްދާގައި އިންނަން ޖެހޭނެއެވެ.
ނަމަވެސް ކީރިތި ރަސޫލު ޞައްލަ ﷲ ޢަލައިހިވަސައްލަމްގެ ސުންނަތުގައި މި ދެ ޙުކުމް އެއްފަހަރާ ދިމާވާ ހާލަތުގައި (މާބަނޑުވެފައިވާ އަންހެނެއްގެ ފިރި މަރުވާ ހާލަތުގައި) ކަން ކުރަންވާ ގޮތް ސާބިތުވެގެންވެއެވެ. ސަބީޢަތުލްއަސްލަމިއްޔާ ރަޟިޔަ ﷲ ޢަންހާ ގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާގެ ފިރިކަލުން އަވަހާރަވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދަރިފުޅު ވިހައިފިއެވެ. އެފަހުގައި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް އެކަމަނާއަށް ކައިވެނިކުރުމުގެ އިޒުނަފުޅު ދެއްވިއެވެ. (5) މި ޙަދީޘުން އެނގޭ ގޮތުގައި ފިރިމަރުވެފައިވާ އަންހެނާގެ ޢިއްދާ ކަމުގައި އަލްބަޤަރާ ސޫރަތުގެ ދުއިސައްތަ ތިރީސް ހަތަރުވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ ހަތަރުމަހާއި ދިހަ ދުވަހުގެ ޢިއްދާއަކީ ފިރިމަރުވިއިރު ރަޙިމު ހުސްކޮށް ހުރި އަންހެނާއަށް ޚާއްސަ ޢިއްދާއެކެވެ. އަދި ހުރިހާ ހާލަތެއްގައިވެސް މާބަނޑު އަންހެނާގެ ޢިއްދާއަކީ ވިހެއުމެވެ. އެއްވެސް ޝައްކެތް ނެތް ގޮތުގައި އޭގެ ދެކަލުންނަށް މި ޙަދީޘް ލިބިވަޑައިގެންފައި ނުވަނީއެވެ. އެހެންނޫންނަމަ އެ ދެއާޔަތް މާނަކުރެއްވުމުގައި މި ޙަދީޘަށް ރިޢާޔަތްކުރައްވާނެ ކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ.
(ނުނިމޭ)
__________________________________________
(1) سورة القمر الآية (17)
(2) سورة الليل الآية (5-7)
(3) سورة النساء الآية (28)
(4) البخاري ومسلم
(5) البخاري ومسلم
މިއީ " تاريخ التشريع الإسلامي : أدوار تطوره. مصادره. مذاهبه الفقهية " މިނަމުގައި ޖާމިޢަތުލް އަޒްހަރުގެ ފިޤުހުލްމުޤާރަނާ އުސްތާޒެއްކަމުގައިވާ ޑރ. ރަޝާދް ޙަސަން ޚަލީލް ލިޔުއްވާފައިވާ ފޮތުގެ ތަރުޖަމާއެކެވެ. މި ފޮތް ކިޔުންތެރިންނަށް މި ހުށަހަޅާލަނީ ފިޤުހީ ތާރީޚުގެ ދާއިރާގައި ދިވެހިބަހުން ލިޔެވިފައިހުރި ފޮތްތަށް މަދުކަމަށް ފެންނާތީއެވެ. އަދި ޝަރީޢަތުގެ ދާއިރާއިން ކިޔަވާ ދިވެހި ދަރިވަރުންނަށްވެސް ދެވޭ ހަދިޔާއެއްގެ ގޮތުންނެވެ.
ފިޤުހުގެ ތާރީޚު
ފެށުން
ދުނިޔެ ދުށް އެއްވެސް އިންސާނީ މުޖްތަމަޢުއެއް ތަޝްރީޢީ ހަމަތަކަކާއެކުމެނުވީ އުފެދިފައެއް ނުވެއެވެ. އެހެނީ އިންސާނީ ޙަޔާތް ދެމިއޮތުމަށްޓަކައި ހަމަތަކަށް އެއިންސާނާ ވަނީ ކިތައްމެހާ ބޮޑަކަށްވެސް ބޭނުން ޖެހިފައެވެ. އިންސާނީ ދިރިއުޅުމުގެ ހުރިހާ ދިމަދިމާއެއްމެ އަދި އިންސާނީ އެންމެހާ ގުޅުންތަކާ ކުރިއެރުމެއްމެ ބިނާކުރެވިގެން ދަނީ މިދެންނެވި ތަރަހައިގެ މަތީގައެވެ. ކަންމިހެން އޮތުމުން އެބައިމީހުންނަށް ޙުކުމުކުރާނެ ޤާނޫނެއް ނުވަތަ އެބައިމީހުންގެ ކަންކަން އިންތިޒާމުކުރާނެ ތަޝްރީޢެއްނެތި ދޫކޮށްލެވިއްޖެ އެއްވެސް ހިނދެއްގައި އެއިންސާނުންގެ މެދުގައި އަނިޔާގެ ސައިލުތަށް ދެމިގެންދެއެވެ. ލޯބިވެތިކަމާއި އަޚުވަންތަކަން ކެނޑިގެންދެއެވެ. ނަތީޖާއަކަށް ވެގެންދަނީ އިންސާނީ ޙަޔާތާއި އޭގެ ކުރިއެރުން، މެދުކެނޑުމެއް ނެތް އަރާރުމާއި ދެބަސްވުމާއި ނިމުމެއްނެތް ހަނގުރާމަތަކެއްގެ ފިތުނަވެރި ކަމުގެތެރެއަށް ޣަރަޤުވެގެން ދިއުމެވެ.
އިސްވެ މިދެންނެވި ޙަޤީޤަތްތަކަށްޓަކައި، އިންސާނީ ތާރީޚުގެ ފަތްފުއްތަކަށް ނަޒަރު ހިންގަވައިފިނަމަ ފެނިވަޑައިގަންނަވާނީ ތަފާތު ޙަޟާރަތްތަކާއި ޤައުމުތަކުން އެތަކެއް ތަޝްރީޢީ ހަމަތަކެއް ގެންގުޅެފައިވާތަނެވެ. މީގެތެރޭގައި ޒަމާންވުމުގެ ސަބަބުން އުވިގޮސް ނެތިފައިވާ ތަޝްރީޢީ ހަމަތަކާއި ލިޔެވި ރައްކާކުރެވި މަޝަހޫރުވެފައިވާ ތަޝްރީޢީ ހަމަތަކާއި އަދި ﷲގެ ޙަޟްރަތުން ވަޙީގެ ގޮތުގައި އައިސްފައިވާ ސަމާވީ ތަޝްރީއީ ހަމަތަކާއި އިންސާނުން އެބައިމީހުންގެ ވިސްނުމަށް ފެންނަ މޮޅު ބުއްދީގެ މައްޗަށް އެކަށައަޅާފައިވާ ވަޟަޢީ ތަޝްރީޢީ ހަމަތައްވެސް ހިމެނެއެވެ.
އިންސާނާގެ މަސްލަހަތުތަކަށް ޝާމިލްގޮތެއްގައި ވާސިލުވުމުގައި، ވަޟަޢީ ތަޝްރީޢީ ހަމަތައް ނުކުޅުދިފައިވާކަން ފާޅުވަމުން ދާ ޙަޤީޤަތްތަކުން ދަނީ ކިތަންމެ ރަނގަޅަކަށްވެސް ތަޖުރިބާކުރެވި ސާބިތުވަމުންނެވެ. އެހެނީ އެއީ އިންސާނުންގެ އުފެއްދުމެކެވެ. އެބައިމީހުންގެ ކުޅެދުންތެރިކަންވަނީ މިންވަރުކުރެވި އިންކަނޑައެޅެވިގެންނެވެ. ދެނެގަތުމުގެ ބާރުވަނީ ވަކިހިސާބެއްގައި ހިފެހެއްޓިފައެވެ. އަދިހަމަ އެހެންމެ އާދަކާދައާއި ޒަމާނާއި ތަނުގެސަބަބުން އެބައިމީހުންގެ ނިންމުންތަކަށް ހުންނަނަނީ އަސަރުކޮށްކޮށް ބަދަލުއައިސްއައިހެވެ.
ކަންމިހެން އޮތަތީވެ އެންމެ އަދުލުވެރި އެންމެ ޙިކުމަތްވަންތަ އިލާހުގެ މިންވަރުފުޅުގައިވަނީ އިންސާނީ ޖަމާޢަތްތަކަށް އެއިންސާނުންގެ އެއިރެއްގެ ދިރިއުޅުމާ އުޅުމާ ގުޅުމުގެ ކުރިއެރުންތަކާ ގުޅޭގޮތުން އެއިންސާނުންގެ ގާތަށް ރަސޫލުބޭކަލަކު ފޮނުއްވާ ބާއްވާލެއްވޭ ވަޙީއެއްގެ ޒަރީއާއިން އެމީހުންގެ ހާލަތާ އެމީހުންގެ އެއިރެއްގެ ދޭހަކުރުމުގެ ޤާބިލްކަމާ ގުޅޭގޮތަކުން އެމީހުންގެ ކަންކަން އިންތިޒާމުކުރައްވާ، އެބަމީހުންގެ މައްޗަށް ނިޢުމަތުގެ ވާރޭވެއްސެވުމަށެވެ. ކަންމިހެން އޮތުމުން އެއްޒަމާނެއްގެ ނުވަތަ އެއްޤައުމެއްގެ ބައެއްގެ މައްޗަށް ބާވާލެއްވުނު ވަޙީގެ އަމުރުފުޅުތައް އަނެއްޒަމާނެއް ނުވަތަ ޤައުމެއްގެ ބައެއްގެ މައްޗަށް އެކަށޭނަ އެއްޗެއްކަމުގައި ނުވެދާނެއެވެ. ﷲ ތަޢަލާގެ ވަޙީބަސްފުޅުގައި ވާ ފަދައިންނެވެ. "لِكُلٍّ جَعَلْنَا مِنْكُمْ شِرْعَةً وَمِنْهَاجًا" މާނައީ: "ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށްމެ، شريعة އަކާއި، ފާޅުވެގެންވާ މަގެއް، ތިމަންރަސްކަލާނގެ ލެއްވީމެވެ." (އަލްމާއިދާ: 48)
ﷲގެ ޢިލްމުފުޅުގައި ކަނޑައެޅިގެންވާ ވަގުތު އައިސްޖެހުމާއެކު އަދި އިންސާނިއްޔަތުގެ ކުރިއެރުމުގެ ކަނޑައެޅިގެންވާ ހަމަޔަށް ފޯރުމާއެކު، މި ބިންމަތީގައި ހިނގައިބިނގައިވެ އުޅޭ އެންމެހާ މިސްތަކުންނަށް ހިދާޔަތް ދެއްކެވުމަށްޓަކައި އަދި ސަމާވީ ތަޝްރީޢަތްތަކުގެ އެންމެ ފަހުގެ، އަބަދީ، ދާއިމީ ތަޝްރީޢުކަމުގައި ވުމަށްޓަކައި އިސްލާމީ ޝަރީޢަތުގެ އިރު، ފެނުން ތޮޅިލިއެވެ. މިހިނދުން ފެށިގެން މާތްކަން ލިބިގެންވާ ތެދު މަގެއްގައި ޙަޔާތެއްވޭތުކުރުމުގެ މިސްރާބުގައި އަމާންކަމާއެކު އިންސާނިއްޔަތު ހަލުވި ފިޔަވަޅުތަކެއް އަޅަންފެށިއެވެ. ވަކިޒަމާނަކަށް ނުވަތަ ވަކިތަނަކަށް އޭގެ ހިދާޔަތު ހުއްޓިފައިނެތް، ތަފްސީލީ ނިޒާމް ތަކާއެކު ޢަދުލުވެރި ޙުކުމްތަކުގެ ތަނަވަސްކަމާއެކުގައެވެ.
އެހެނީ، މި އިސްލާމީ ޝަރީޢަތް މުޚާޠަބު ކުރަނީ މުޅި އިންސާނިއްޔަތާއިއެވެ. ވާހަކަދައްކާ ބަހާއި ހަމުގެ ކުލައާއި ދިރިއުޅޭ ޤައުމާއި ނަސްލާއި ޖިންސުގެ ތަފާތުތައް އެތަފާތުކަންމަތީ ހުރުމާއެކުވެސްމެއެވެ. އެހެނީ ﷲ ތަޢާލާ ވަނީ މި ތަޝްރީޢުގެ މަސްދަރުތަކަކީ ޢާންމު އަދި ޝާމިލް އެއްޗެއްކަމުގައި ލައްވަވާފައެވެ. ދިރިދިރި އޮންނަ ވިލުންތެރިކަން ލިބިފައިވާ އެއްޗެއްކަމުގައި ލައްވަވާފައެވެ. އަދި އަލަށް އުފެދިގެން އަންނަ ހާދިސާތަކާ މުނާސަބު ވެގެންދާނެ ޙުކުމްތަކަކުން އެކަންކަން ޝަރީޢަތުގެ ބިނާގެ ތެރެއަށް ލުމުގެ ޤާބިލްކަން އިޖްތިހާދީ ޢިލްމުވެރިންނަށް މަގުފަހިވެގެންދާ، ތަޝްރީޢީ ފަންނީ ވަސީލަތްތަކާއި ޢާންމު ޤާޢިދާތަކަކުން އެމުނި އެކުލެވިގެންވާ ތަޝްރީޢެއްކަމުގައި ލައްވަވާފައެވެ. ކަންމިހެން އޮތުމުން އިސްލާމީ ޝަރީޢަތް އޭގެޒާތުގައިވެގެންދަނީ އަލަށް އުފެދިގެން އަންނަ ހާދިސާތަކާ މުނާސަބު ޙުކުމްތައް އެކަށައެޅުމުގެ ޤާބިލްކަން ލިބިފައިވާ އެއްޗެއްކަމުގައެވެ. އަދި މި ސިފަ ހިމެނިފައިވަނީ އިސްލާމީ އުސޫލީ ސިފައެއްކަމުގައެވެ.
އިސްލާމީ ތަޝްރީޢީ ހަމަތައް މިދެންނެވި މަގުން ފުރިހަމަ ވެފައިވާ ކަމަށްޓަކައި މި ޝަރީޢަތުގެ ތެރެއިން ޢިލްމު ހާސިލުކުރުމަށް މަސައްކަތް ކުރާ ދަރިވަރުންގެ މައްޗަށް އޮތީ މި ޢިމްލު ފެށުމުގައި ކަންހުރިގޮތްތައް ހޯދާ ބެލުމެވެ. އަދި އެތަޝްރީޢު އެދައުރު ތަކެއްގެ ތެރެއިން ލާފައި އައިސްފައިވާ ދައުރުތައް ދެނެގަތުމެވެ. އެ މަސްދަރުތަކާއި އެ އަސާސްތަކެއްގެ މަތީގައި އެ ތަޝްރީޢު ނެގެހެއްޓިފައިވާ މަސްދަރުތަކާއި އަސާސްތައް ދެނެގަތުމެވެ. އަދި މި ތަޝްރީޢު އެމައްޗަށް އެކުލެވިގެންވާ އިޖްތިހާދީ މަޒުހަބުތައް ދެނެގަތުމެވެ.
މިދެންނެވި ކަންކަން ހާސިލުވުމަކީ ދަރިވަރުންގެ ކުރިމަތީ ފަސޭހަ ކަމަކަށް ހެދުމަށްޓަކައި އަޅުގަނޑު މި ދިރާސާ ގެނެސްދެމެވެ. މި ކަންކަން ތަފްސީލީ ގޮތެއްގައި ހުށަޅާލަދިނުމަށްޓަކައި މި ދިރާސާ ބަހާލާފައިވާނީ ތިރީގައި މިވާ ގޮތަށެވެ.
ފުރަތަމަ ބައި: ޝަރީޢަތާއި ފިޤުހުގެ މަފްހޫމު އަދި ގުޅުންހުރި ބައެއް މައުޟޫޢުތައް
ދެވަނަ ބައި: އިސްލާމީ ޝަރީޢަތުގެ ތަޝްރީޢީ ދައުރުތައް
ތިންވަނަ ބައި: އިސްލާމީ ފިޤުހުގެ މަސްދަރުތައް
ހަތަރުވަނަ ބައި: ފިޤުހީ މަޒުހަބުތައް
މި ފޮތުގެ ފެށުން ނިންމާލުމުގެ ގޮތުން އަޅުގަނޑު ﷲތަޢާލާގެ ޙަޟްރަތުން މި އެދެނީ މި ޢަމަލު ޤަބޫލުކޮށްދެއްވުމެވެ. އަދި އަޅުގަނޑަށާއި އެންމެހާ މުސްލިމުންނަށް މިއިން ނަފާ މިންވަރު ކޮށްދެއްވުމެވެ. މީގައި ކުށެއްވާނަމަ މާފުކޮށްދެއްވާ މަޣްފިރަތު ދެއްވުމެވެ. އާމީން ! "رَبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ " މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! ހަމައެކަނި، އިބަރަސްކަލާނގެއަށް އަޅަމެން وكيل ކޮށްފީމުއެވެ. އަދި ހަމައެކަނި، އިބަރަސްކަލާނގެ حضرة އަށް އަޅަމެން رجوع ވެ توبة ވެއްޖައީމުއެވެ. އަދި އެނބުރި ދިޔުންވަނީ، އިބަރަސްކަލާނގެ حضرة އަށެވެ." (އަލްމުމްތަޙިނާ: 06)
-ޑރ. ރަޝާދް ޙަސަން ޚަލީލް-
އަސްލުލިޔުއްވީ: ޑރ. ޔޫސުފް އަލްޤަރަޟާވީ
ތަރުޖަމާ: އަޙުމަދު ޝަމީނު ދޮންމަނިކު
އެދީނަކީ އެކަލާނގެ އަޅުތަކުންނަށް މާތް ﷲ ބާވާލެއްވެވި ރަޙުމަތެކެވެ. މިއީ އެންމެ ކުރުގޮތަކަށް އިސްލާމްދީން ސިފަކުރެވޭނެ ޢިބާރާތެވެ.
މިއީ އެސިފަޔަކުން މާތް ﷲ ކީރިތި ޤުރުއާނުގައި އެދީން ސިފަކުރައްވާފައިވާ ސިފައެވެ. "އަދި عالم ތަކަށް رحمة އެއްކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ."[1] އަދި މިއީ ޚުދު ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެދީން ސިފަކުރައްވާ ސިފައެވެ. "ހަމަކަށަވަރުން ތިމަން ކަލޭގެފާނީ (މީސްތަކުންގެ މައްޗަށް) ހަދިޔާކުރެއްވުނު ރަޙުމަތެކެވެ."
[2]
ޝަރީޢަތުގެ އެންމެހާ ޙުކުމްތަކަކުން މި ރަޙުމަތުގެ އަލިކަން ބަބުޅަމުންދާތަން ފެނިވަޑައިގަންނަވާނެއެވެ. ޢައްލާމާ އިބްނު ޤައްޔިމް (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ. މުޅި މި ދީނަކީ ރަޙުމަތެވެ. މުޅި މިދީނަކީ ޙިކުމަތެވެ. އަދި އެއްވެސް ޙުކުމެއް ޙިކުމަތްތެރިކަމުން ދުރުވެ މާނައެއް އެކުނުލެވޭނަމަ، ނުވަތަ ޙުކުމެއް ލުއިފަސޭހަކަމުން ފޭވެ ހަރުކަށިކަމަށް ލެނބިފައިވާތަން ފެނިއްޖެނަމަ ދަންނާށެވެ. މި ޝަރީޢަތަކާ އެޔާ އެއްވެސް ގުޅުމެއްނެތެވެ. އަދި ކިއެއްތޯއެވެ. އެފަދަ ކަމެއް މީހަކު މި ދީނާ ގުޅުވާނީ އުނި ދޭހަކުރުމެއްގެ ތެރެއިންނެވެ.
މި ރަޙުމަތުގެ އަސަރު އެންމެ ރީއްޗަށް ފާޅުވާންހުރީ ޝަރީޢަތާ އޭގެ ޙުކުމްތައް އެ އަސާސެއްގެ މައްޗަށް ނެގެހެއްޓިފައިވާ މީސްތަކުންނަށް ފަހިކޮށް ފަސޭހަކޮށް ލުއިކޮށްދިނުމުގެ އަސާސްގައެވެ. ކީރިތި ޤުރުއާނާ މޫރިތި ސުންނަތް ކިޔަވާ ދިރާސުކުރުމުން މިކަން ފުރިހަމަޔަށް ސާފުވެ ހާމަވާނެއެވެ. އެހެނީ އެކަލާނގެ އަޅުތަކުންނަށް ނޫފުލޭވަރު ބުރައެއް އުފުލާކަށް އެކަލާނގެ އިރާދަ ނުކުރައްވައެވެ. އަދި ދަތި އުނދަގޫ ކަމެއްވެސް އެކަލާނގެ މިންވަރު ނުކުރައްވައެެވެ.
ޠަހާރަތުގެ އާޔަތުގެ ފަހުކޮޅުން ކިޔަވާ ވިދަޅުވާށެވެ. "ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް اللَّه އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިޔަބައިމީހުން طاهر ކުރެއްވުމަށާއި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ نعمة ފުރިހަމަ ކުރެއްވުމަށެވެ. (އެއީ) ތިޔަބައިމީހުން شكر ކުޅައުމަށްޓަކައެވެ."[3]
ރޯދައިގެ އާޔަތަށް ނަޒަރު ހިންގަވާށެވެ. "اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. "[4]
ކައިވެނި ހުއްދަނުވާ ފަރާތްތައް ގެންނެވުމަށްފަހު އެއާ ވިއްދައިގެން އަންގަވާފައި ވެއެވެ. "اللَّه އިރާދަކުރައްވަނީ، ތިޔަބައިމީހުންނަށް ލުއިކޮށް ދެއްވުމަށެވެ. އަދި، އިންސާނާ ހައްދަވާފައިވަނީ، (އެދުންތަކުގެ ކުރިމަތީގައި) ނިކަމެތިވެގެންވާ މީހެއް ކަމުގައެވެ."[5]
މިފަދައިން ސޫރަތުލް ޙައްޖުގެ ފަހަތު އާޔަތްތަކަށް ބައްލަވާށެވެ. އީމާންވީ މީސްތަކުންނަށް، ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުމާ ހެޔޮކަންކަން ކުރުމަށް އެންގެވުމަށް ފަހު އެ އަންގަވަނީއެވެ. "އަދި اللَّه ގެ މަގުގައި جهاد ކުރުން حق ވެގެންވާ ގޮތުގައި ތިޔަބައިމީހުން جهاد ކުރާށެވެ! (أمّة ތަކުގެތެރެއިން) އެކަލާނގެ ތިޔަބައިމީހުން خيار ކުރެއްވިއެވެ. އަދި دين ގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ."[6]
އިސްލާމީ ޝަރީޢަތުގައި މިވާ ލުއިފަސޭހަކަމުގެ ރީތި ސިފަ މި ފަދައިން ސާފުކޮށް ފެންނަން އޮތުމާއެކުވެސް ބައެއް މުސްލިމުންނަށް ޙައްޤުގެ މަންޒިލަށް ވާސިލުވުމުގެ މަޤްޞަދުގައިނަމަވެސް ހަރުކަށިކަމާ ދަތި އުނދަގުލުގެ ސަވާރީއަށް ސަވާރުވެވޭތަން ފެނެއެވެ. ބައެއްފަހަރު މިދީން ފަހުމުކޮށް ދޭހަކުރާކުރުމުގައެވެ. ނުވަތަ ދީނަށް އުޅެ އެއަށް ޢަމަލުކުރާ ކުރުމުގައެވެ. ނުވަތަ އެދީނަށް ދަޢުވަތުދީ ގޮވާލާ ގޮވާލުމުގައެވެ. މިހެން މިކަން ވަނީ، އިސްލާމީ ޝަރީޢަތުގައި މިވާ ލުއިފަސޭހަކަމާ އަނެކާގެ ޝަޚްސީ އަދި އެހެނިހެންވެސް އުނިކަން ތަހައްމަލް ކުރުމުގެ ރީތި ތަސާމުހުގެ ހަމަ، ހަމަ ނޭގުމުންކަމުގައިވެސް ވެދާނެއެވެ. ނުވަތަ ހަނދާންނެތުމުން ކަމުގައިވެސް ވެދާނެއެވެ. ނުވަތަ ގަސްދުގައި ހަނދާންނެތިކޮށްލައިގެން ކަމުގައިވެސް ވެދާނެއެވެ.
ރަސޫލާ އަމުރު ކުރެއްވީ ލުއިފަސޭހަ ކުރުމަށެވެ. ދަތިކުރުމަކަށް ނޫނެވެ.
މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ދެ ޞަޙާބީންކަމުގައިވާ މުޢާޛް ބުން ޖަބަލާއި އަބޫ މޫސަލް އަޝްޢަރީ ޔަމަނަށް ފޮނުއްވިއެވެ. ފޮނުއްވީ އިސްލާމީ ދަޢުވަތު ފޯރުކޮށް އެދީން އުންގަންނައިދިނުމުގެ މަސްއޫލިއްޔަތައިގެންނެވެ. އަދި އެދެބޭކަލުންނަށް ވަރަށް އަގުހުރި ވަޞިއްޔަތެއް ކުރެއްވިއެވެ. މި ވަސިއްޔަތް ހިމެނިގެންދަނީ ޖަވާމިޢުލް ކަލިމްގެ ތެރެއިންނެވެ. އެއީ މަދު ލަފްޒު ކޮޅަކުން ގިނަގުނަ މާނަތައް ދޭހަވާ ހަދީސްބަސްފުޅެވެ. އެއީ އޭގެ ދެކަލުންނަށް ޙަދީޘްކުރެއްވި ޙަދީޘްގައި ވާ މިބަސްފުޅެވެ. "ތިޔައިގެ ދެބޭކަލުން މީސްތަކުންނަށް ލުއިފަސޭހަ ކުރައްވާށެވެ. އަދި ދަތިނުކުރައްވާށެވެ. އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ. އަދި ބިރުނުގަންނަވާށެވެ. އަދި އެކައްޗެއްކަމުގައި ވަޑައިގަންނަވާށެވެ. ދެބަސްނުވާށެވެ."[7]
އަދި މުޅިއުއްމަތަށް ވަޞިއްޔަތް ކުރައްވާ ހަދީސްކުރެއްވިއެވެ. "ތިޔަބައިމީހުން މީސްތަކުންނަށް ލުއި ކުރާށެވެ. ބުރަ ނުކުރާށެވެ. އަދި އުފާވެރިކަމުގެ ޚަބަރު ދޭށެވެ. އަދި ބިރު ނުގަންނަވާށެވެ."[8]
އަމުރުކުރެވިފައިވާ ލުއިފަސޭހަކުރުމުގެ މާނަ:
ޢަރަބި ލަފްޒު التيسير ނުވަތަ ލުއިފަސޭހަކުރުން ނެގިފައިމިވަނީ يسر الأمر ނުވަތަ ކަން ކުރަން ފަސޭހަ ވުމުންނެވެ. މިމާނައިގައި ކަން ކުރާނެ ގޮތް ފަހިވެ ކަންކުރާނެ މަގު ތަނަވަސްވުން ހިމެނެއެވެ.
އެހެންކަމުން ލުއިފަސޭހަކުރުމޭ ބުނެވޭ ބަހުގެ މާނައެއް ކަމުގައިވާނީ : ތަނަވަސް ވިސްނުމާއި ސަމާޙަތްތެރިކަމާއި ފަހިކޮށްދިނުމުގެ މަންހަޖުގައި ހިފުމެވެ.
އަދި ދަތި އުނދަގޫ ކުރުން ކަމުގައި ބުނެވޭ ބަހުގެ މާނައަކީ : އަޅުތަކުންނަށް ނޫފުލޭވަރު ބުރަ އުފުލަން ޖެހޭ ފަދަ ހަނި ވިސްނުމާއި ދަތިކުރުމުގެ މަންހަޖުގައި ހިފުމެވެ.
ހަމަކަށަވަރުންވެސް ﷲ ތަޢާލާ އިންސާނާ އުފައްދަވައިފައި ވަނީ ލުއިކަމާ ތަނަވަސްކަމަށް ލޯބިކުރާ، ދަތިކަމާ އުނދަގުލަށް ނުރުހުންތެރިވާ ސާފު އިންސާނީ ފިތުރަތުގެ މަތީގައެވެ. އެކަލާނގެ ވަނީ އިންސާނާގެ ވަށައިގެން ލުއިކަމާއި ލުއި ފަސޭހަކަން މިންވަރުކުރައްވާފައެވެ. އެކަލާނގެ ކަނޑައާޅުއްވާފައިވާ އަޒަލީ ޤަޟާޤަދަރުގައެވެ. އަދި ހަމައެހެންމެ އެކަލާނގެ ބާވާލެއްވި ޝަރުޢުގައިވެސްމެއެވެ. އެކަލާނގެ ވަނީ ކޮންމެ ދަތި ކަމަކާއެކު ލުއިފަސޭހަކަން ލައްވަވާފައެވެ. އެއީ ކޮންމެ ބުރައެއްގެ ފަހަތުގައި ލުއިކަމެއް ލެއްވި ފަދައިންނެވެ. އެއީ އެކަލާނގެ ދަރުމަވަންތަކަމާއި އަޅުތަކުންނަށް އޯގާވެވޮޑިގަތުމުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ.
އިލާހީ ޤަޟާޤަދަރުގައި އުލިފަސޭހަކަން
އަލްއިންޝިރާޙް ސޫރަތުގައި ވަޙީކުރައްވާފައިވެއެވެ. "ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ."[9] މި ގޮތުން މި މާނަ ގަދަކުރައްވާ ތަކުރާރުކުރައްވާފައި އެވަނީ ދަތި ކަމުގެ މައްޗަށް ލުއިކަން އިސްވެގަންނާނެ ކަމުގެ އުފާވެރިކަމުގެ ޚަބަރު އެންގެވުމަށްޓަކައެވެ.
އެކަލާނގެ ވަޙީ ކުރެއްވިއެވެ. "ދަތިކަމަކަށްފަހު، ފަސޭހަކަމެއް، اللَّه ލައްވާހުށްޓެވެ."[10]
ތަޤުވާވެރިކަމުގެ ފޮނި މޭވާއެއްކަމުގައިވެސް އެކަލާނގެ ލުއިފަސޭހަކަން ލައްވަވާފައިވެއެވެ. " އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ."[11]
މާތް ﷲ އެބޭކަލަކަށް ބަސްވަޙީކުރެއްވި ކަލީމުﷲ މޫސާ ޢަލައިހިއްސަލާމް ދުޢާކުރެއްވީ މި ކަމަށްއެދިވަޑައިގެންނެވެ. "އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސްކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ކަންތައް މިއަޅާއަށް ފަސޭހަކޮށްދެއްވާނދޭވެ!"[12]
ﷲ ތަޢާލާ ޤުރުއާނުގައި ޤިޔާމަތްދުވަސް ސިފަކުރައްވާފައިވަނީ ކުފުރާ މަގުފުރެދުމާ ފަސާދައިގެ އަހުލުވެރިންނަށް ދަތި އުނދަަގޫ ދުވަހެއްގެ ގޮތުގައެވެ. "އެދުވަހު حقيقى ވެރިކަންވަނީ، رحمن ވަންތަ ރަސްކަލާނގެއަށެވެ. އަދި كافر ންގެ މައްޗަށް ދަތިކަން ބޮޑު ދުވަހެއްކަމުގައި އެދުވަސްވެއެވެ."[13]
އަދިވެސް ވަޙީކުރެއްވިއެވެ. "ފަހެ، ތާޅަފިލި ފުމެލައްވާ ހިނދެވެ. ފަހެ، އެދުވަސް އެއީ އުނދަގޫވެގެންވާ ދުވަހެކެވެ. كافر ންގެ މައްޗަށް ފަސޭހަކަމެއް ނުވާ ދުވަހެކެވެ."[14]
ކަން މިހެން އޮތުމުގެ ސަބަބުން އިންސާނާ ފިޠުރީ ގޮތުން ދުނިޔެއާއި އާޚިރަތުގައިވެސް ލުއިކަމާއި ފަސޭހަކަމަށް ލޯބިކުރެއެވެ.
އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކުގައި އުލިފަސޭހަކަން.
އިސްލާމީ ޝަރީޢަތުގައި ޙުކުމްތައް ވެސް ވަނީ ލުއިފަސޭހަކަމުގެ ތަރަހައިގެ މަތީގައެވެ. ދަތިކަމާ އުނދަގޫކަމުގެ ކަތި ގާފޮޅެއްގެ މަތީގައެއްނޫނެވެ. ރޯދައިގެ ޙުކުމް ގެންނަވާފައި ވާ މި އާޔަތަށް ނަޒަރު ހިންގަވާށެވެ. " اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. " [15]
އަދިހަމައެހެންމެ ޠަހާރަތުގެ ޙުކުމް ބަޔާންކުރެއްވި އާޔަތުގައި، ދަތިކަމެއް ނުލެއްވުމުގެ މާނައިގައި އެއިޝާރާތް ކުރައްވަނީ އިސްލާމީ ލުއިފަސޭހަކަމުގެ އަސާސަށެވެ. "ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް اللَّه އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިޔަބައިމީހުން طاهر ކުރެއްވުމަށާއި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ نعمة ފުރިހަމަ ކުރެއްވުމަށެވެ. (އެއީ) ތިޔަބައިމީހުން شكر ކުޅައުމަށްޓަކައެވެ." [16]
ކައިވެނީގެ ޙުކުމްތަކެއްގެ ތަފްސީލް ގެންނެވުމަށްފަހު އެއާ ވިއްދައިގެން އަންގަވާފައި ވެއެވެ. " اللَّه އިރާދަކުރައްވަނީ، ތިޔަބައިމީހުންނަށް ލުއިކޮށް ދެއްވުމަށެވެ. އަދި، އިންސާނާ ހައްދަވާފައިވަނީ، (އެދުންތަކުގެ ކުރިމަތީގައި) ނިކަމެތިވެގެންވާ މީހެއް ކަމުގައެވެ."[17] އަދިވެސް ވަޙީ ކުރެއްވިއެވެ. "މިހާރު، اللَّه ތިޔަބައިމީހުންގެ ކިބައިން ލުއިކުރައްވައިފިއެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި ބަލިކަށިކަމެއްވާކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ."[18]
ޝަރުޢީ ޙުކުމްތަކަށް ނަޒަރު ހިންގަވާއިރު ޢަފޫ ކުރެއްވުމުގެ މާނައިގައިވެސް ލުއިފަސޭހަކަމުގެ މަފްހޫމް ގެނެވިފައިވާތަން ފެނިލައްވާނެއެވެ. "ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް خيانة ތެރިވަމުން ދިޔަކަން، اللَّه، ދެނެވޮޑިގެންވެއެވެ. ދެންފަހެ، ތިޔަބައިމީހުންގެ މައްޗަށް توبة ލައްވައި، ތިޔަބައިމީހުންގެ ކިބައިން عفو ކުރައްވައިފިއެވެ."[19]
ހަދީސްބަސްފުޅުގައި އިސްފައިވެއެވެ. "ހަމަކަށަވަރުން ﷲތަޢާލާ ތިމަންކަލޭގެފާނުގެ އުންމަތުގެ މީސްތަކުން ކުރަން ހިތުލާ ނުބައިކަންކަން އެކަމެއް ނުކޮށް ނުވަތަ އެބަހެއް ނުބުނެ ދޫކޮށްލައިފިނަމަ، އެހިތުުލި ހިތުލުން ޢަފޫކުރައްވަތެވެ."[20]
އަދި ހަމަ މި ލުއިފަސޭހަކަމުގެ މާނައިގައި، ބުރަތައް އުފުލި، ކުރީގެ ޝަރުޢުތަކުގެ ސަބަބުން ބަނދެވިފައިވާ ބައެއް ބަނދެވުންތަކުން މޮހެވިގެން ދާދިއުންވެސް ގެންނަވާފައި ވެއެވެ. "އެކަލޭގެފާނު، އެއުރެންނަށް ހެޔޮކަންތަކަށް އަމުރުކުރައްވަތެވެ. އަދި ނުބައިކަންތައް އެއުރެންނަށް ނަހީކުރައްވަތެވެ. އަދި ރަނގަޅު ތަކެތި އެއުރެންނަށް حلال ކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް حرام ކުރައްވަތެވެ. އަދި އެއުރެންގެ މައްޗަށްހުރި ބުރަތަކާއި، އެއުރެންގައި އެޅިފައިވާ ކަސްތޮޅުތައް ނެތިކުރައްވައި، ލުއިކުރައްވަތެވެ."[21]
ދެން ނިކަން އަލްބަޤަރާ ސޫރަތުގެ އެންމެ ފަހު އާޔަތްތަކުގައި މިވާ ރީތި މާތް މަތިވެރި ދުޢާއަށް ނަޒަރު ހިންގަވާ ބައްލަވާށެވެ. "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ!"[22]
ޞައްޙަ ހަދީސްގައި ވަނީ، މި ދުޢާ ވަނީ ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށް އިޖާބަ ކޮށްދެއްވިކަމުގައެވެ.
މިމާނައިގައި އަންނަނިވި ހަދީސްވެއެވެ. "މީސްތަކުން ނަށް އޮޅުމަކުން ނޭންގި ކުރެވޭ ކުށާއިި، ހަނދާންނެތިގެން ކުރެވޭ ކަންތައްތަކާއި، މަޖްބޫރުން ބިރުދައްކައިގެން އެމީހުންލައްވާ ކުރުވޭ ކަންކަމުގެ ފާފަ ހަމަކަށަވަރުން ﷲ ތަޢާލާ ވަނީ ތިމަންކަލޭގެފާނުގެ އުންމަތުގެ ކިބައިން ޢަފޫކުރައްވައި އުފުއްލަވާފައެވެ."[23]
މުއުމިނުން ބުނި ކަމުގައި އެކަލާނގެ ވަޙީ ކުރެއްވިއެވެ. "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، قصد އެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް عقوبات ނުދެއްވާނދޭވެ!"[24] އަދިވެސް ވަޙީކުރެއްވިއެވެ. "އަދި ތިޔަބައިމީހުންނަށް ނޭނގިގެން (ކުށުން) ކުރެވުނު ކަމެއްގެ ފާފައެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، ފާފަވެރިކަން އޮންނާނީ ތިޔަބައިމީހުންގެ ހިތްތައް قصد ކުޅަ ކަމަކާ މެދުގައެވެ."[25] އަންނަނިވި އާޔަތުގައި އެވަނީ މަޖްބޫރީ ހާލަތު، ޙުކުމުން އިސްތިސްނާ ކުރެވިފައެވެ. "إيمان ކަމަށް، އެމީހާގެ ހިތްހަމަޖެހިގެންވާ حال، مجبور ވެގެންވާ މީހާ މެނުވީ، إيمان ވުމަށްފަހު، اللَّه އަށް كافر ވެއްޖެމީހާ، އަދި އެހެނެއްކަމަކު (އެބަހީ: مجبور ވެގެންވިޔަސް) كافر ކަމަށް ހިތްތަނަވަސް ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް اللَّه ގެ حضرة ން ކޯފާލެއްވުންހުށްޓެވެ."[26]
ލުއިފަސޭހަ ކަމުގެ މާނައިގައި ސަމާޙަތްތެރިކަން ނުވަތަ މާފުވެރިކަން ވެސް ގެނެވިފައި ވެއެވެ. ނަބަވީ ހަދީސް ބަސްފުޅުގައި މިވާފަދައިންނެވެ. ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރެއްވިއެވެ. "ތިމަންކަލޭގެފާނު ފޮނުއްވުނީ ސީދާވެގެންވާ މާފުވެރިކަމުގެ ދީނައިގެންނެވެ."[27] އެކަލޭގެފާނާ ސުވާލު ދެންނެވުނެވެ. "ދީންތަކުގެ ތެރެއިން މާތް ﷲ އެންމެ ލޯބިވެވޮޑިގަންނަވަނީ ކޮން ދީނަކަށް ތޯއެވެ؟ އިތުރު އެކަލޭގެ ފާނު ވިދަޅުވިއެވެ. ސީދާވެގެންވާ މާފުވެރިކަމުގެ ދީނަށެވެ."[28]
ހަމަ މިމާނައިގައި ރުޚްޞާ ވެސް ގެނެވިފައިވެއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރެއްވިއެވެ. "ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ، އެކަލާނގެ އަޅުތަކުން ޢަޒީމާ (އާންމު ލާހަތުގައި ވާޖިބުތައް އޭގެ އަސާސީ ފުރިހަމަ ގޮތުގައި) ގެނެސްގަތުމަށް ލޯބިވެވޮޑިގެންވާފަދައިން، އެކަލާނގެ ރުޚްޞާ (އިސްތިސްނާ ހާލަތްތަކުގައި ލުއިކުރައްވާފައިވާ ލުއިކަން) އެލުއިކަންމަތީ ލިބިގަތުމަށްވެސް އެކަލާނގެ ލޯބިވެވޮޑިގަންނަވައެވެ."[29]
އަދިވެސް ހަދީސްކުރެއްވިއެވެ."ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ، އެކަލާނގެ އަޅުތަކުން ފާފަތަށް ގެނެސްގަތުމަށް ނުރުއްސަވާ ފަދައިން، ރުޚްޞަތުގެ ލުއިފަސޭހަކަން ލިބިގަތުމަށް އެކަލާނގެ ލޯބިވެވޮޑިގެންވެސް ވެއެވެ."[30]
އިސްވެ ތަފްސީލުކުރެވުނު ނުކުތާތަކުން ހާމަވަނީ، ލުއިފަސޭހަކަމާ އޭގެ މާނަޔަކީ ދީނުގެ ފުށުން ގެނެސްގަތުން އެދެވިގެންވާ އަދި އެކަމަށް ބާރުއެޅި ހިތްވަރު ދެއްވިގެންވާ ރީތި އިސްލާމީ އަސާސެއްކަމެވެ. އަދި ކިއެއްތޯއެވެ. މިމާނައިގައި އައިސްފައިވާ އެންމެހާ ލަފްޒެއްގެވެސް މަފްހޫމަކީ ލުއި ކޮށް ފަސޭހަކުރުންމެއެވެ. ދަތި އުނދަގޫ ކަމާ އުންމަތް ނުކުޅައްދާފަނިވި އެންމެހާ ކަމެއް އެމީހުންގެ ކިބައިން އުފުއްލެވުމެވެ. އަދި ކިއެއްތޯއެވެ. މިއީ ރަސޫލު ﷲ ގެފާނުގެ އަރިހުން ސީދާގޮތުގައި އަމުރުފުޅު އައިސްފައިވާ ކަމެކެވެ.
(ނުނިމޭ)
ނޯޓް: މި ސިލްސިލާގައި މިގެނެސްދެނީ "الصحوة الإسلامية من المراهقة إلى الرشد" މި ފޮތުގެ ފަސްވަނަ ބާބެވެ.
އަދި މިލިޔުން ކޮށާމެށުމުގެ ކަވި މަސައްކަތް ކޮށްދެއްވާ އެޑިޓުކޮށްދެއްވި އަލްއަޚް ނޫރުއްސަލާމް އަބޫބަކުރަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަމެވެ.
[1] سورة الأنبياء 107
[2] رواه الحاكم و صححه 1/91 والدارمي 392 وابن أبي شيبة 7/441 عن أبي هريرة.
[3] سورة المائدة 006
[4] سورة البقرة 185
[5] سورة النساء 28
[6] سورة الحج 78
[7] رواه البخاري 3038، ومسلم 1733 عن أبي موسى.
[8] رواه الشيخان عن أنس, كما في اللؤلؤ والمرجان1131.
[9] سورة الإنشراح 5،6
[10] سورة الطلاق 7
[11] سورة الطلاق 4
[12] سورة طه 25،26
[13] سورة الفرقان 26
[14] سورة المدثر 8-10
[15] سورة البقرة 185
[16] سورة المائدة 006
[17] سورة النساء 28
[18] سورة الأنفال 66
[19] سورة البقرة 187
[20] متفق عليه عن أبي هريرة
[21] سورة الأعراف 157
[22] سورة البقرة 286
[23] رواه ابن ماجه 2045, والحاكم و صححه على شرط الشيخين 2/216 وابن حبان 7219, عن ابن عباس
[24] سورة البقرة 286
[25] سورة الأحزاب5
[26] سورة النحل 106
[27] رواه أحمد 6/168 عن عائشة
[28] رواه أحمد 1/390, و البخاري في الأدب المفرد 290, و الطبراني في الكبير 11/181, عن ابن عباس
[29] رواه ابن حبان عن ابن عباس 354 وصححه محققه, و البزار و الطبراني و قال الهيثمي 3/162: رجالهما ثقات : و حسنه المنذري في الترغيب و الترهيب, انظر كتابنا المنتقي: الحديث رقم 554
[30] رواه أحمد عن ابن عمر, و صححه الشيخ شاكر 5866و 5873 و البراز و الطبراني, قال الهيثمي 3/62: رواه أحمد و رجاله رجال الصحيح, و البراز و الطبراني في الأوسط, و إسناده حسن, و ابن حبان في صحيحه






