އިޚްތިލާފްވުމުގެ ސަބަބުތައް (2) ދެވަނަ ސަބަބު

އަސްލު ލިޔުއްވީ: ފަޟީލަތުއްޝައިޚް މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން (ރަޙިމަހު ﷲ)
ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު
ދެވަނަ ސަބަބު: ކަމެއްގެ ޙުކުމާއި މެދު އައިސްފައިވާ ދަލީލު ލިބިވަޑައިގަތަސް ދަލީލު ގެނެސްދިން ފަރާތަށް އިތުބާރުނުކުރެވުމާއި އަދި އެ ދަލީލު އެއަށްވުރެ ވަރުގަދަ ދަލީލަކާއި ފުށުއަރާކަމުގައި ދެކެވަޑައިގަތުން:

މި ސަބަބު ގެ މިސާލަކަށް ވެސް އަހަރެމެން ގެންނާނީ ޞަޙާބީންގެ ތެރޭގައި ހިނގާފައިވާ ހާދިސާއެކެވެ. ފާޠިމާ ބިންތު ޤައިސް ރަޟިޔަ ﷲ ޢަންހާ ގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާގެ ފިރިކަލުން ތިންވަނަ ފަހަރަށް އެކަމަނާ ވަރިކުރެއްވުމުން ޢިއްދާގައި އިންނަވަނިކޮށް ފިރިކަލުން އޭނާގެ ވަކީލުގެ އަތަށް ދެއްވައިފައި އެކަމަނާގެ ނަފަގާތް (1) ފޮނުއްވެވިއެވެ. ނަމަވެސް އެކަމަނާ އެޔާއި ހިތްޕުޅާ ހަމަ ނުކުރައްވާ އަދި އެ ހިއްޕެވުމާއި ވެސް ދެކޮޅު ހެއްދެވިއެވެ. ދެން މި މައްސަލަ މާތް ނަބިއްޔާގެ އަރިއަހަށް އުފުލިއްޖެއެވެ. އެހިނދު އެކަލޭގެފާނު ބަޔާންކޮށްދެއްވީ (މިހާލަތުގައި) ފިރިމީހާގެ ފަރާތުން އެކަމަނާއަށް ނަފަގާތެއް ވެސް އަދި އިންނާނެ ތަނެއް ވެސް ދިނުން ލާޒިމުވެގެން ނުވާ ކަމުގައެވެ. (2) އެހެނީ އެކަމަނާ އިންނެވީ ތިން ފަށްވެފައެވެ. ތިންފަށްވެފައިވާ އަންހެނާގެ ޢިއްދާގެ ދުވަސްވަރުގައި އެކަމަނާ ރުޖޫޢަކުރުމުގެ ޙައްޤެއް ފިރިމީހާއަކަށް ނޯންނާނެއެވެ. ވަރިކުރެވިފައިވާ އަނބިމީހާއަށް ޢިއްދާގެ ދުވަސްވަރުގައި ނަފަގާތްދިނުން ފިރިމީހާއަށް ވާޖިބުވަނީ ރުޖޫޢަކުރެވޭ ފަދަ ވަރިއަކުން ވަރިކުރެވިފައިވާ ހާލަތުގައެވެ. މާބަނޑުވެފައިވާ ހާލަތް ފިޔަވައެވެ. އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ މި ބަސްފުޅަށްޓަކައެވެ. 
{وَإِن كُنَّ أُوْلَـتِ حَمْلٍ فَأَنفِقُواْ عَلَيْهِنَّ حَتَّى يَضَعْنَ حَمْلَهُنَّ} (3)

މާނަ: އަދި (ވަރިކުރެވުނު އަނބީން) މާބަނޑުކަމުގައި ވާ ނަމަ ފަހެ އެކަނބަލުންގެ ބަނޑުގައިވާ ދަރީން ވިހައިފުމަށް ދާންދެން އެކަނބަލުންނަށް ނަފަގާތްދޭށެވެ.
އިސްވެ ބަޔާންކުރެވުނު ފާޠިމާ ބިންތު ޤައިސް ރިވާކުރެއްވި ޙަދީޘް ޢުމަރުގެފާނަށް ދެންނެވުނު ހިނދު އެކަލޭގެފާނު އެޙަދީޘް ރައްދުކުރެއްވިއެވެ. އެހާދިސާ ހިނގައި ދިޔަ ގޮތް އެކަމަނާއަށް ހަނދުމަފުޅުނެތުމުގެ އިޙްތިމާލު (4) އޮތްކަމުގައި ބައްލަވާފައެވެ. އަދި ތިންފަށްވެފައިވާ އަންހެން ކަނބަލުންނަށް ވެސް އެކަނބަލުންގެ ޢިއްދާގެ ދުވަސްވަރުގައި ވެސް ނަފަގާތްދިނުން ފިރީންގެ މައްޗަށް ލާޒިމުކަމުގައި ދެކެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވީ އެކަންތައް ހިނގައިދިޔަ ގޮތް އެކަމަނާ ރަނގަޅަށް ހަނދާންހުރި ކަމެއް ނުވަތަ ނެތްކަމެއް އަހަރެމެންނަށް ޔަޤީން ނުވާއިރު އެކަމަނާގެ ބަހަށްޓަކައި އަހަރެމެންގެ ވެރިރަސްކަލާނގެ ބަސްފުޅު ދޫކޮށްލާނީ ކިހިނަކުންހެއްޔެވެ؟ އެބަހީ އެކަމަނާގެ ބަހަށް ރިޢާޔަތްކޮށް ﷲ ތަޢާލާގެ ވަޙީބަސްފުޅު ތަފްސީރު ކުރެވެން ނެތް ވާހަކައެވެ. (5)

މާނައަކީ ޢުމަރު ރަޟިޔަ ﷲ ޢަންހު އެ ދަލީލު ރިވާވި ގޮތާ މެދު ހިތްޕުޅާ ވެނުލެއްވީއެވެ. އެކަލޭގެފާނު ފިޔަވައި އެހެން ޞަޙާބީންނަށާއި އަދި ތާބިޢީންނަށް ވެސް، ބައެއް ދަލީލުތައް ރިވާވެފައިވާ ގޮތާ ހިތްޕުޅާ ހަމަ ނުވެވުމުގެ މައްސަލަ ދިމާވި ފަދައިން އޭގެ ފަހުން އައި މީހުންނަށް ވެސް އެ މައްސަލަ ދިމާވިއެވެ. ހަމަ މިފަދައިން އަހަރެމެންގެ މިޒަމާނާ ހަމައަށް ވެސް މިކަން މިހެން ހިނގާފައިވެއެވެ. ކިއެއްހެއްޔެވެ؟ ޤިޔާމަތާ ޖެހެންދެން ވެސް މިކަން ހިނގާނީ މި އުސޫލުންނެވެ. ބައެއް ޢިލްމުވެރިން އެބޭކަލުންނަށް ސައްހަކަމުގައި ދެކެވަޑައިގެން ޙުކުމް ނަންގަވާ ޙަދީޘްފުޅުތައް އަނެއްބައި ޢިލްމުވެރިންނަން ބަލިކަށިކަމުގައި ދެކެވަޑައިގެންނެވޭތީ ދޫކޮށްލައްވާތަން ޢިލްމުވެރިންގެ ބަސްފުޅުތަކުން އަހަރެމެންނަށް ފެންނަނީ ކިހާ ވަރަކަށްހެއްޔެވެ؟ ރިވާވެގެން އައި ގޮތާއި މެދު އިތުބާރުނުކުރެއްވިގެންނެވެ.
_______________________________________

(1) ނަފަގާތް: ލާޒިމްވެގެން ދޭންޖެހޭ ޚަރަދު، އިސްލާމީ ޝަރީޢަތުގައި އަނބި ދަރީންނަށް ޚަރަދުކުރުމަކީ ފިރިމީހާގެ މައްޗަށް ލާޒިމުކަމެކެވެ.
(2) مسلم
(3) سورة الطلاق الآية (6)
(4) އިޙްތިމާލު: ކަމެއް ވެދާނޭ ކަމުގެ ފުރުސަތު
(5) މާތްރަސްކަލާނގެ ވަޙީބަސްފުޅުގައި ވަނީ ޢިއްދާގައި އިންނަ އަންހެނާއަށް ނަފަގާތްދިނުމަށެވެ. އާޔަތުގެ ބޭރުފުށަށް ބަލާއިރު ވަކި ވައްތަރެއްގެ ވަރިއަކުން ވަރިވެފައިވާ އަންހެނެއް ކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް އެކަމަނާ އެ ރިވާކުރެއްވި ޙަދީޘަށް ރިޢާޔަތްކޮށް އެ އާޔަތް ތަފްސީރުކުރާއިރުގައި ނަފަގާތް ދޭންޖެހޭނީ ރުޖޫޢަކުރެވޭ ފަދަ ވަރިއަކުން ވަރިކުރެވިފައިވާ އަންހެނާ ޢިއްދާގައި އިންނައިރުގައި އެކަނިކަން ދޭހަވެއެވެ.
ފާހަގަ: , , ,

1 ޚިޔާލު!

  1. ގަދަ ކަލޭ އިނގޭ ނޫރޭ. މިލިޔުން ވަރަށް އޮބި. ނޫރޭ ކިކުކިކު.

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!